އިރުކޮޅަކު ދިޔާން އާ ވާހަކަ ދައްކަން އޮތުމަށްފަހު ލިލިއަން ދެން ނިދަން އުޅެނީކަމުގައި ހާމަކުރިއެވެ. އެފަދަ ދަން ގަޑިއެއްގައި ގުޅުމުންވެސް ދިޔާން އެއްވެސް ޝަކުވާއެއް ނުކުރެއެވެ.  އަވަހަށް ފޯނު ބާއްވާކަށްވެސް މަސައްކަތެއް ނުކުރެއެވެ. އެފަދަ ފުރިހަމަ މީހެއް ލިލިއަން ފަދަ މީހަކަށް ހައްޤުބާއޭ ވެސް ބައެއް ފަހަރަށް ލިލިއަންގެ ހިތަށް އަރަމުން ދިޔައެވެ.  

ޖެހިގެން އައި ދުވަސް ލިލިއަން ކަޑައްތު ކުރީ އާދައިގެ ގޮތަކަށެވެ. ދިޔާން މަސައްކަތުގައި ވަރަށް ބުރަ ދުވަހެއް ކަމުން ވާހަކަ ދައްކާ ކަށް މާގިނަ ވަޤުތެއް ނުލިބެއެވެ. އެހެނަސް ކިތަންމެ ބުރައިގާ އުޅުންނަމަވެސް ދިޔާން އާދައިގެ މަތިން ލިލިއަންގެ ހާލު އޮޅުން ފިލުވާ ހުރީ ކައިގެންތޯ ޔަޤީން ކުރިއެވެ.

*******************

 ލިލިއަން އަށް ނިދިފައި ހޭލެވުނީ ރޭގަނޑު ދިހައެއް ޖެހި ފަހުންނެވެ. ފޯނު ނަގާ ބަލައިލި އިރު ދިޔާންގެ މެސެޖެއް ލިބިފައި އިނެވެ. ރޭގަނޑު އެގާރަ ޖަހާކަށް ހާއިރު ގުޅާނަން ކަމަށް ބުނެފައި މެސެޖުގައި ވިއެވެ. ދިޔާން ގުޅަންދެން ވަޤުތު ދުއްވާލުމުގެ ބޭނުމުގައި އިނގިރޭސި ފިލްމެއް ބެލުމުގައި ލިލިއަން ވަޤުތު ހޭދަކުރަމުން ދިޔައެވެ.

ގަޑިން އެގާރަ ޖެހުމާއެކު ލިލިއަން އަނެއްކާވެސް ފޯނު ނަގާ ބަލައިލިއެވެ. ދިޔާން ގުޅާނެ ވަޤުތަކަށް ކެތްތެރިކަމާއެކު ލިލިއަން އިންތިޒާރު ކުރަމުން ދިޔައެވެ. ދިޔާން އާ ވާހަކަ ދައްކާލެވޭ ވަޤުތަކީ މުޅި ދުވަހުގައި އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވަޤުތެވެ. ބައިގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ދިޔާން ނުއެއް ގުޅިއެވެ. މަސައްކަތުގައި މާ ބުރަކޮށް އުޅުމުން ދިޔާން އަށް ނިދުނީކަމަށް ވެދާނެ ކަމަށް ލިލިއަން އަށް ހީވިއެވެ. އެހެނަސް މީގެ ކުރިން އެކަހަލަ ކަމެއް ވެފައި ނެތުމުން ލިލިއަން ގަސްތު ކުރީ ދިޔާން އަށް ގުޅާލުމަށެވެ.

ފޯނަށް ގުޅާލުމާއެކު ފޯނު ނިވިފައި އޮތްކަމަށް ބުނުމުން ލިލިއަންގެ ނިތްކުރިއަށް ރޫތައް ޖަމާވިއެވެ. އުޅެން ޖެހުނު ބުރަކަމުން ދިޔާން ފޯނު ޗާޖުކުރަންވެސް ހަނދާން ނެތުނީބާވައެވެ؟ ދެތިން ފަހަރަކު ގުޅަން މަސައްކަތް ކުރުމަށްފަހު ކާމިޔާބުވާގޮތް ނުވުމުން ލިލިއަން ފުންނޭވާއެއް ދޫކޮށްލަމުން ހަތިޔާރު ބެހެއްޓިއެވެ. މާދަމާ ދިޔާން ގުޅާނެ ކަމުގައި ޔަޤީން ކުރަމުން ބޭކާރު ޚިޔާލުތަކުން ސިކުނޑި ދުރައްލާން ލިލިއަން މަސައްކަތް ކުރިއެވެ.

އެނދުގައި އޮށޯވެ ލިލިއަން ދިޔާންއާއި އޭނާއާ ދެމެދު ކުރެވިފައިވާ މެސެޖުތައް ހުޅުވާލިއެވެ. އެންމެ ފަހުން ދިޔާން ކޮށްފައިވާ މެސެޖު ލިލިއަން އަަނެއްކާވެސް ކިޔާލިއެވެ.

” މިރޭ އެގާރަ ޖަހާކަން ހާއިރު ގުޅާނަން އިނގޭ.. ކައިގެން ހުންނާތި.. ލަވް ޔޫ..” މެސެޖު ކިޔާލަމުން ފޯނުގެ ސްކްރީނުގައި ލިލިއަން އިނގިލިތައް ޖައްސާލިއެވެ.

” އައި ލަވް ޔޫ މޯ..” ލިލިއަން އަށް ވައި އަޑުން ބުނެވުނެވެ. ފޯނު ބާއްވަމުން ބާލީސް ތެރޭގައި ލިލިއަން މޫނު ފޮރުވާލިއެވެ. ނިދަން ލޯ މަރާލި ނަމަވެސް ދިގު ރޭގަނޑަކަށް އެރޭ ވެގެން ދާނެކަން ލިލިއަން އަށް ޔަޤީންވިއެވެ.

ޖެހިގެން އައި ދުވަހު ލިލިއަން އަށް ހޭލެވުނީ އެހެން ދުވަސްތަކަށްވުރެ ލަސްވެފައި ހުއްޓައެވެ. ރޭގަނޑު ނިދުނުލެއް ލަސްވުމުންކަން ލިލިއަން އަށް އެނގުނެވެ. ފުރަތަމަވެސް ތެދުވި ގޮތަށް ފޯނު ނަގާ ބަލައިލެވުނީ ދިޔާންގެ ފަރާތުން މެސެޖެއް ނަމަވެސް ލިބިފައި އިންތޯއެވެ. އެހެނަސް ހުސް ސްކްރީނު ފެނުމާއެކު ލިލިއަން މާޔޫސްވިއެވެ. މަސައްކަތު ދުވަހެއްކަމުން މިހާއިރުވާއިރު ދިޔާން ނުހޭލާ ނުހުންނާނެކަން ލިލިއަން އަށް ޔަޤީންވެއެވެ. ކިތަންމެ ބިޒީ ދުވަހެއް ވިޔަސް ހެނދުނު ހޭލައިގެން ދިޔާން މެސެޖެއް ނަމަވެސް ކުރާނެއެވެ. ކުއްލިއަކަށް މިއައި ބަދަލުގެ ފަހަތުގައިވީ ސަބަބު ދެނެގަންނަން ލިލިއަންގެ ސިކުނޑި މަސައްކަތް ކުރަމުން ދިޔައެވެ. ތަފާތު ޚިޔާލުތައް ސިކުނޑިއަށް ވެރިވަމުން ދިޔައިރު އެއިން އެއްވެސް ޚިޔާލަކީ ރަނގަޅު ޚިޔާލެއް ނޫނެވެ. އަނެއްކާ ދިޔާން އަށް ކަމެއްވީބާއޭ ވެސް ލިލއަން ހިތަށް އަރަން ފެށިއެވެ. އެޚިޔާލާއެކު ލިލިއަން ފޯނު ނަގާ އަނެއްކާވެސް ދިޔާންގެ ނަންބަރަށް ގުޅާލިއެވެ. އެހެނަސް ލިބުނީ އެއްޖަވާބެކެވެ. ފޯނުވަނީ ނިއްވާލެވިފައިކަމެވެ. ކޮންމެވެސް ކަމެއް ތަފާތުވެއްޖެކަން ލިލިއަން އަށް ޔަޤީންވިއެވެ. ދިޔާން އަކީ މިހާ ގިނައިރުވަންދެން ފޯނު ނިއްވާލައިގެން އުޅޭނެ މީހެއް ނޫނެވެ. ޚިޔާލުތަކަށް ގެނބިފައި އިން ލިލިއަން އަށް ހޭވެރިކަންވީ މާޔާ ގޮވާލުމުންނެވެ. ސައިބޯން އައުމަށް މާޔާ ދޮރުން ބޯދިއްކޮށްލަމުން ގޮވާލިއެވެ.

“ސޮރީ ސައި ހަދަން އެހީވާން ނުދެވުނީމަ.. މާޔާ ގޮވާލިނަމަ.. މިހޭލެވުނީ އަދި..” ލިލިއަން ހަމަޖެހެން މަސައްކަތް ކުރަމުން މާޔާއާ ދިމާ ބަލައިލިއެވެ. ގިނަ ދުވަސްދުވަހު ފަތިހާ ހޭލައިގެން މާޔާއާއެކު ބަދިގެ ތެރޭގައި ލިލިއަންވެސް ހަރަކާތްތެރިވެއެވެ. އެކަމަށް މާޔާ ކިތަންމެ އިންކާރު ކުރިނަމަވެސް މެއެވެ.

” ކޮންމެ ދުވަހަކު އޯކޭވާނެއޭ ހެލްޕް ވާން ނަޔަކަސް.. އެހެންނޫނަސް ލިން ނުލާހިކު ލޯބިކޮށް އޮތީ ނިދާފަ..އެހެންވެ ނުގޮވީ…އާދޭ އިނގޭ ތައްޔާރުވެގެން.. އަހަރެން މީނީ ލިން އައީމަ ސައިބޯން..” މާޔާ ދޮރުލައްޕާލުމުގެ ކުރިން ބުނެލިއެވެ. ލިލިއަން ބޯ ޖަހާލުމާއެކު މާޔާ ދޮރުލައްޕާލިއެވެ. މާޔާ ދިޔުމުން އަނެއްކާވެސް ލިލިއަން އަށް ބަލައިލެވުނީ އޭނާގެ ފޯނަށެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން ސިކުނޑީގައިވާ ހުރިހާ ޚިޔާލެއް ބޭރުކޮށްލަން ލިލިއަން މަސައްކަތް ކުރިއެވެ. އޭނާއަށް މިހުރިހާ ކަމަކާމެދު މި ވިސްނެނީ މާ ބޮޑުކޮށް ކަމުގައި ހިތުގެ ކަނަކުން ބުނެލިއެވެ. ފަހަރުގައި ދިޔާންގެ ފޯނަށް މައްސަލައެއް ޖެހުނީކަމަށް ވެދާނެކަމުގައި ލިލިއަން ނިންމަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. މާޔާ އިންތިޒާރުގައި ނުބައިންދަންވެގެން ލިލިއަން އަވަހަށް ފާޚާނާއާ ދިމާއަށް މިސްރާބުޖެހިއެވެ.

އެހެންދުވަސްތަކޭވެސް އެއްފަދައިން ފެށި ދުވަސް ލިލިއަން އަށް އެހެން ދުވަސްތައް ފަދައިން ހޭދަކުރުމަށް ނުކުޅެދުނެވެ. ދޭތެރެ ދޭތެެެެރެއިން ޚިޔާލަކަށް ގެއްލި ނެގިމަޑުވެފައި އިނދެވެން ފެށުނެވެ. ލިލިއަން އަށް މިއައި ބަދަލު މާޔާއަށް ފާހަގަނުވެ ނުދިޔައެވެ.

ލިން ކިހިނެއްވެފަ މިއަދު ތިއިންނަނީ..؟ އަހަންނަށް އެނގޭ ކޮންމެވެސް ކަމެއް ވެގެން ނޫނީ ތިހެން ނީންނާނެކަން..” ހައިފާގެ މަރަށްފަހު ލިލިއަންގެ އުޅުމަަށް އައިސްފައިވާ ބަދަލުތައް މާޔާއަށް އެނގެއެވެ. އެހެނަސް މިއަދު ލިލިއަން ފެންނަނީ އެއަށްވުރެވެސް ތަފާތު ކޮންނެވެ.

” މާ ބޮޑު ކަމެއް ނުވޭ..” މާޔާއަށް ކަމެއް ފާހަކަ ކުރެވުނުކަން އެނގުމުން ލިލިއަން ހާސްވިއެވެ. އޭނާ މަސައްކަތްކުރީ އާދައިގެ ގޮތަކަށް ޢަމަލުތައް ބެހެއްޓުމަށެވެ.

” މާ ބޮޑު ކަމެއް ނުވެޔޭގެ މާނައަކީ ކޮންމެވެސް ކަމެއް ވެއްޖެޔޭ.. ބުނެބަލަ އަހަރެން ކައިރީ..” މާޔާ އާދޭސް ކުރަން ފެށުމުން ލިލިއަން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މާޔާ ކިޔަންފަށައިފިނަމަ ކުރު ނުކުރާނެކަން އޭނާއަށް އެނގެއެވެ.

” މީ… ދި..ޔާން..” ލިލިއަން އަޅަ އަޅައިގަންނަމުން ވާހަކަ ދެއްކިއެވެ.

” އޯ.. ދިޔާން ކިހިނެއްވީ.. ތިދެމީހުން ޒުވާބެއް ހިންގާލީތަ.. އެކަމަކު.. ދިޔާން ހިޔެއްނުވޭ ޒުވާބު ކުފާ ޓައިޕްގެ މީހެއް ހެނެއް..” މާޔާ އަމިއްލައަށް ކަންވީގޮތް ދެނެގަންނަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

” ނު..ނޫން.. ޒުވާބެއް ނުކުރަމޭ.. މިއަދު.. ދިޔާންގެ އެއްވެސް ޚަބަރެއް ނުވޭ.. ރޭގަވެސް.ގުޅީމަ ބުނަނީ ފޯނު ނިއްވާލާފަޔޭ.. ނުވަތަ ގުޅޭ ސަރަޙައްދުން ބޭރުގައޭ…” ލިލިއަން އޭނާގެ ނިތަށް ވެރިވި ރޫތަކާއެކު ބުނެލިއެވެ. 

” އޯވް.. އެހެންވެތަ ތީނީ އެހާ ޑައުން ވެފަ.. މައި ބެސްޓީ އިޒް މޭޑްލީ އިން ލާވް..” ފަހު އަކުރުތަކަށް ދަމާލަމުން ފިލްމީ ގޮތަކަށް މާޔާ ބުނެލިއެވެ. މާޔާގެ ހަރަކާތްތަކާއެކު ލިލިއަން އަށް ވިސްނާލެވުނެވެ. މާޔާފަދައިން އޭނާއަށްވެސް އެހާ އާދައިގެ ގޮތަށް ކަންކަމާމެދު ވިސްނުން ބެހެއްޓޭނެ ނަމައެވެ.

” ދެން އެހާ ނުވިސްނަބަލަ އެކަމާ.. އަހަންނަށް ޔަޤީން ދިޔާން މިއަދު މާ ބިޒީވީކަން.. ނޭނގެ އެންނު އެސޮރު ފޯނު ހަލާކު ކޮށްލީ ނޫންކަމެއްވެސް..  ޔަޤީނޭ ތެޅެމުން ފޮޅެމުން އަދި ގުޅާނެ ލިން އަށް ސޮރީއޭ ކިޔާފަ.. މިއުޅޭ ފިރިހެނުން ގޮވައިގެން އުޅުމެކޭ ކިރުތުނބުން ނުވީއްލޭ ކުޑަކުދިން ގޮވައިގެން އުޅުމެކޭ އެއްފަދަ ވާނެ..” މާޔާގެ މޫނަށް ޖެއްސި ވައްތަރުތަކާއެކު ލިލިއަން އަށް ނުހީއެއް ނީނދެވުނެވެ.

މާޔާ އޭނާގެ ވާހަކަތަކުން ލިލިއަން ހިތްހަމަޖައްސައިދިނުމުގައި ކާމިޔާބު ހޯދިއެވެ. ދިޔާން ފަހުން ގުޅާނެ ކަމުގައި ޔަޤީން ކުރަމުން ލިލިއަންވެސް ޚިޔާލުތަކާ ދުރުވާން މަސައްކަތް ކުރިއެވެ.

ލިލިއަން ކުރި އުންމީދުތައް ދުވަހުގެ އިރާއެކު އޮއްސިގެން ދިޔައެވެ. ކޮންމެވެސް ކަމެއް ނުވާނަމަ މުޅި ދުވަސް އެއްކޮށް ދިޔާންގެ ޚަބަރެއް ނުވެ ނުދާނެކަން ލިލިއަން އަށް ޔަޤީންވެއެވެ.

” އަހަރެންވެސް އިއްޔެ ނޫން އަނެއް ދުވަހު އެންމެ ފަހުން ދިޔާން އާ ވާހަކަ ދެއްކީ.. އޭރުވެސް އެއްވެސް ތަފާތު ކަމެއް ފާހަގަ އެއް ނުވެ… ސަދޫފް އާއި މާޔާ ތިބީ ލިލިއަން އާއެކު މާޔާގެ ގޭ ޖޯލިފަތީގައެވެ. އެންމެންވެސް ދިޔާން އަށް ވީ ގޮތަކާމެދު ވަނީ ކަންބޮޑުވެފައެވެ. މާޔާއަށްވެސް އިތުރަށް ކަމުގައި ރަނގަޅަށް ވިސްނަން އުނދަގޫވިއެވެ.

” އަޅެ އަހަރެން އެ ކޮމްޕެނީއަށް ގުޅަންތަ…؟ ފަހަރެއްގަ އެކޮޅުން ދިޔާން އާ ވާހަކަ ދެއްކޭގޮތް ހަދައިދީފާނެ އެންނު..” ސަދޫފް ކުއްލިއަކަށް ވެރިވި ޚިޔާލު ފާޅު ކުރިއެވެ. މާޔާއަށް ބަލާލެވުނީ ލިލިއަން ގެ މޫނަށެވެ. އޭރުވެސް ލިލިއަން އިސްޖަހައިގެން އިން އިރު ޚިޔާލަކަށް ގެއްލިފައިވާ ފަދައެވެ. އެކުވެރިޔާގެ ހާލު ފެނުމުން ލިލިއަން ސަދޫފަށް ބަލާލަމުން އަވަސް އަވަހަށް ބޯ ޖަހާލިއެވެ.  

ސަދޫފް ޖޯލިން ތެދުވެ ދުރަށް ޖެހިލަމުން ކޭ އެން ޑަބްލިޔު ކޮމްޕެނީގެ ނަންބަރަށް ގުޅާލިއެވެ. އިރުކޮޅަކު ރިންގުވުމަށްފަހު އެކޮޅުން ފޯނު ނެގިއެވެ.

” ވަައަލައިކުމުއް ސަލާމް.. ކޮމްޕެނީގެ ވައިސް ޕްރެޒިޑެންޓާ ވާހަކަ ދައްކައިލެވޭނެތޯ..؟ ” އެކޮޅުން ފޯނު ނެގުމާއެކު ސަދޫފް އެދުނެވެ.

“މިވަޤުތު މިސްޓަރ ޑަބްލިޔު ހުންނެވީ ޗުއްޓީގައި….އެއްވެސް މެސެޖެއް އޮތްނަމަ އަޅުގަނޑު  އެ މެސެޖެއް ފޯރުކޮއްލަ ދޭނަން” އެކޮޅުން ފޯނު ނެގި ކުއްޖާ އަދަބުވެރިކަމާއެކު ބުނެލިއެވެ.

ކޮމްޕެނީގެ ފަރާތުން ލިބުނު ޖަވާބާއެކު ސަދޫފް މާޔޫސް ވާގޮތްވިއެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަ ތަކަކީ މެދުވެރިއެއްގެ ޒަރިއްޔާއިން ދައްކަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ.  އެންމެ ރަނގަޅު ކަމަށް ބުނަމުން ސަދޫފް ފޯނު ބޭއްވިއެވެ.

 ފޯނަށް ބަލަހައްޓައިގެން ހުރި ސަދޫފް ވަނީ ފުން ވިސްނުމެއްގައެވެ. ކުއްލިއަކަށް ދިޔާން ޗުއްޓީއެއް  ނެގި ސަބަބާ މެދު ސަދޫފަށް ވިސްނާލެވުނެވެ. ކުއްލިއަކަށް ކަންކަން ބަދަލުވެގެން ދިޔަ ސަބަބެއް ސަދޫފް އަކަށް ނުވިސްނުނެވެ. ފޯނު ނިއްވާލައިގެން އުޅުމާއި ކުއްލިއަކަށް ޗުއްޓީނެގުމާއެކު ދިޔާންގެ މަޤްސަދަކީ ކޮބައިކަމެއް ދެނެގަންނަން ސަދޫފް އަށް އުނދަގޫވިއެވެ.

ޚިޔާލުތަކަށް ގެއްލިފައި ހުރި ސަދޫފް އަށް ހޭވެރިކަންވީ މާޔާ އޭނާގެ ކައިރީ ހުއްޓި އަތުގައި ހިފާލުމުންނެވެ.

” ކީކޭ އެކޮޅުން ބުނީ..؟” މާޔާ އުންމީދާއެކު ސުވާލު ކޮއްލިއެވެ.

” ދިޔާން ޗުއްޓީގައި ހުރިކަމަށް ބުނީ.. އަހަންނަކަށް އަދިވެސް ނުވިސްނޭ.. ދިޔާން އަށް ވެގެން އެއުޅޭ ގޮތެއް..” ސަދޫފަަށް ކޮންމެވެސް ވަރަކަށް ދިޔާން ދެކެ  ހިތްހަމަނުޖެހެވޭ ގޮތްވިއެވެ.

” އެނގޭތަ ދިޔާން ލިން ކައިރި ބުނި ކަމަށްވަނީ މިއަދު އޭނަ ބަލައި މިކޮޅަށް އަންނާނަމޭ.. އަހަރެން އަސްލު ހިތްހަމަ ޖައްސައިލައިގެން ހުރީ ދިޔާން ލިން އަށް ސަޕްރައިޒެއް ދޭންވެގެން ފޯނު ނިއްވާލައިގެން އުޅެނީކަމަށް ހީކޮށް.. އެކަމަކު މިހާރު ރޭގަނޑުވެގެން މިދިޔައީނު.. ކޮމްޕެނީގެ ފަރާތުން އެބުނީ ޗުއްޓީގަ ހުރިވާހަކަ… އޭގެ މާނަކައަކީ ދިޔާން އަށް ކަމެއްވެސް ނުވެ އޭ އެންނު.. އަނެއްކާ.. ދިޔާން.. އަހަރެމެންނަށް އޮޅުވާލަ ފާނެހެން ހީވޭތަ..؟ ލިން  ދެކެ ލޯބިވާކަމަށް ދެއްކި ވާހަކަ ތަކަކީ ދޮގަކަށް ވެދާނެތަ..؟” މާޔާގެ މޫނު ބަނަވެގެން ދިޔައެވެ. މާލެ ތެރޭގެ ޤަދަރުވެރި މުއްސަނދިންނަކީ ނިކަމެތި އަންހެންކުދިން ހައްލައިލަން ކުޅަދާނަބައެކޭ ބުނާތީ އޭނާ އަބަދުވެސް އަޑު އަހަމެވެ. އެހެނަސް ދިޔާންގެ ފަރާތުން ފެނުނު ހަރުދަނާ ސިފަތަކާއެކު ދިޔާން އަކީ އެފަދަ މީަހަކަށް ނުވާނެކަމުގައި މާޔާއަށް ޤަބޫލުކުރެވި އެކުވެރިޔާގެ ދިރިއުޅުމަށް ވަންނަން މަގު ކޮށައިދެވުނީއެވެ.

-ނުނިމޭ-

44

2 Comments

  1. mishka

    November 2, 2021 at 1:11 pm

    Varah reethi ماشاءالله

    • Wonder

      November 2, 2021 at 2:39 pm

      Thank u so much mishka. V ufaavejje vaahaka kamudhiyaeema ☺️❤️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!