ހޮޓެލްގެ ސިއްރު 2
އިވީ އަށް އިޙްސާސް ވީ މި މެނޭޖަރު ކޮންމެސް ކަމެއް ސިއްރު ކުރާހެނެވެ. އިވީ ކުރާ ކުދި ސުވާލުތަކަށް ދެނީ ދުރު ދުރު ޖަވާބުތަކެކެވެ. އެކަމާ އިވީ އެހައި ބޮޑަކަށް އަޅައެއް ނުލައެވެ.”ކިތައް ދުވަހުގެ މުއްދަތަކަށް މި ހޮޓެލްގަ މަޑުކުރަނީ؟” މެނޭޖަރު ސުވާލުކުރިއެވެ.”2 ހަފްތާގެ މުއްދަތަށް… ދެން ނެގީ 4 ބަންކް ބެޑް ލާފަ ހުރި ރޫމްއެއް” ލައިރާ ޖަވާބު ދިނެވެ. މެނޭޖަރު އާދަމް އާރާއަށް ގޮވާލުމަށްފަހު ލައިރާމެންނަށް ކޮޓަރި ދެއްކުމަށް އެދުނެވެ . އާރާ އެމީހުން ގޮވައިގެން ހިނގައިގަތެވެ.
ހޮޓެލް ގެ ހޯލަކީ ބޮޑުކޮށް ހުންނަ ހަނި ހޯލެއް ކަމުން މުޅި ތަނަށް ވަނީ އަނދިރިކަން ވިރިފައެވެ. ސީލިންގުގައި ހަރުކުރެވިފައިވާ ގިނަ ބޮކިތައް ދިއްލިފައި ނިއްވެއެވެ. އަނެއްބައި ބޮކިތައް އެއްގޮތަކަށް ވެސް ނުދިއްލެއެވެ. މިކަހަލަ ހޯލެއް ފެނިފައި ކޮންމެ ކުޑަ ކުއްޖަކުވެސް ބިރުގަންނާނެކަން ޔަގީނެވެ. ހަމަ ގައިމު ވެސް ލައިރާ، މަރީ، ރައިޝާ، ލައިމް އަދި އިވީ ގެ ހިތަށް ބިރުގެ އަސަރު ކުޑަކޮށް ނަމަވެސް ކޮށްފިއެވެ. އެކަމަކު އާރާއަށް ބިރުގެ އެންމެ ކަންފުޅެއްވެސް އޮތްހެނެއް ހީއެއް ނުވެއެވެ. އާރާ އައިސް ހުއްޓުނީ ހޯލުގެ އެންމެ ބިއްދޮށުގައި ހުރި ކޮޓަރިއަށެވެ. އާރާ ތަޅުދަނޑި ނަގާ ދޮރު ހުޅުވާލައިފިއެވެ.ކޮޓަރީގެ ދޮރަކީ ހަލާކުވެފައިވާ ދޮރަކަށް ވާތީ ކުރަކި އަޑުތަކެއް ގޮވަމުން ދިޔައެވެ. *ޓިއް *ޓިއް *ޓިއް *ޓީއްއްއް. ދޮރު ހުޅުވާލުމަށް ފަހު އާރާ،ކޮޓަރީގެ ތަޅުދަނޑި ލައިރާ އަތަށް ދީފައި ހިނގައިގަތެވެ. 5 އެކުވެރިން ވެސް ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރޭގައި ވަރަށް ބޮޑު 2 ކުޑަދޮރެއް ވެސް ހުއްޓެވެ. ރައިޝާ އާއި ލައިމް ކުޑަދޮރުން ބޭރު ބަލައިލިއެވެ. ފެންނަން ހުރީ ބޮޑު ވިނަގަސް ގިނަ، ހުސްކޮށް ހުރި ބިމެކެވެ.
ކޮޓަރި ފެނުމުން މަރީ ސަމާސާކުރަން ފެށިއެވެ.”ހީވަނީ ހޮރޯ ފިލްމެއް ކުޅެން ތައްޔާރުކޮށްފަ ހުރި ތަނެއް ހެން…”.”އާނ.. މީ މަރީ ފިލްމް ކުޅެން ތައްޔާރު ކުރި ތަނެއް.. ހިނގާ އެކްޓް ކުރަން ފަށަމާ؟ ރޯލް، ކެމެރާ، އެކްޝަން”ރައިޝާ ސަމާސާ ރާގަކަށް ބުނެލިއެވެ. އެހެން ބުނުމުން މަރީ ބިރުވެރި ފިލުމެއްގެ މެއިން ރޯލް އެކްޓެއް ކުރަން ފަށައިފިއެވެ.”ހަމަ ނޭނގޭ އެކްޓް ކުރާކަށް… ނޭނގޭ ހަމަ…. ބިރުވެރި ވައްތަރެއް ވެސް ނުޖަހާ… ހެހެ” ލައިރާ ސަކަރާތް ޖަހަމުން ބުނެލިއެވެ. އިވީ އާއި އެކުގައި ލައިރާ އަދި ލައިމް ހިނިފަޅައިގެން ދިޔައެވެ.”ދެން އެހެންވިއްޔާ ލައީ ދައްކަ ދޭންވީނު އެކްޓް ކުރަން ޖެހޭ ގޮތް..”މަރީ ރުޅިއަންނަ ކަމަކަށް ހަދައިގެން ބުނެލިއެވެ. “ހޫމްމް އޯކޭ.. ތިހާ ވަރަށް ރޮންޏާ އެކްޓް ކުރާ ގޮތް ދައްކަދީފާނަމޭ…” ލައިރާ ހެމުން ދިޔައެވެ. ލައިމް އާއި އިވީ 3 މީހުންގެ ސަކަރާތް ބަލަމުން ހޭން ހުއްޓެވެ.
ސަމާސާކުރުމުގެ ސަކަރާތް ގިނަކަމުން ވަގުތު ހިނގައި ދިޔަ ގޮތެއް ވެސް 5 އެކުވެރިންނަކަށް ނޭނގުނެވެ. 23:00 ޖަހާ ބޮޑު ވެއްޖެއެވެ. އިވީ ގަޑި ބަލައިލާފައި ބުނެލިއެވެ.”އޭތް.. ވަރަށް ލަސްވެއްޖެ… ބަލާ ގަޑިން ވީވަރު، 23:45 އެ ވީ .. ހިނގާ ނިދަން ރެޑީވާން…” އެންމެން ވެސް ސަމާސާ ކުރުން ހުއްޓާލާފައި ނިދަން ތައްޔާރުވިއެވެ. އިވީ އާއި ލައިމް ނެގީ 2 ބަންކް ބެޑްގެ މަތީ ބައެވެ. މަރީ އާއި ރައިޝާ ނެގީ ތިރީ ބައި އެއްކޮށެވެ. ލައިރާ އެކަނި ނެގީ ދެން އޮތް ތިރީ ބައެވެ.”އަހަރެން އަންނާނަން ފާހަނައަށް ގޮއްސަ” މިހެން ބުނެ ލައިރާ ދިޔައެވެ. ލައިރާމެން އުޅޭ ކޮޓަރި އަކީ ހަމައެކަނި ހުރި އެންމެ ބޮޑު ކޮޓަރިއަށް ވުމުން ފާހަނާ ހުންނަނީ ކޮޓަރި ތެރޭގައެވެ. ލައިމް،ރައިޝާ އަދި އިވީ މަރީއާ ދިމާއަށް ވަރަށް ނުބައި ނަޒަރަކުން ބަލައިލާފާ ހީލިއެވެ. މަރީ ފިޔަވައި ދެން ތިބި މީހުން ނިދާކަމަށް ހެދިއެވެ. ލައިރާ ފާހަނާ ތެރޭގައި ގިނައިރު ވުމުން މަރީ،ލައިރާ ކޮބައިތޯ ބަލައިލަން ދިޔައެވެ.
ކުއްލިއަކަށް މަރީގެ ކުރިމައްޗަށް ހުދުކުލައިގެ ބޮޑު ފޮތިގަނޑެއް އޮޅައިގެން ހުރި މީހެއް ވެއްޓިގަތެވެ. މަރީ ސިއްސައިގެން ދިޔަ ވަގުތު އެ މީހާގެ މޫނު ފެނިފައި ބިރުން ހަޅޭއްލަވައިގަތެވެ. ރައިޝާއާއި އިވީ އަދި ލައިމް ޕަކަ ޕަކަ ލާފައި ހޭންފެށިއެވެ. އެވަގުތު އެ ހުދު ފޮތިގަނޑު އޮޅައިގެން ހުރި މީހަކީ ލައިރާކަން އެނގިއްޖެއެވެ. އޭނަ ވެސް މަރީއާ ދިމާއަށް ބަލަން އިނދެފައި ހޭންފަށައިފިއެވެ.”މިހާރު އެނގިއްޖެތަ އެކްޓް ކުރަން ޖެހޭ ގޮތް؟ މަށަށް ހީވަނީ މިހާރު ދެއްކިއްޖެހެން… ދޯ ރައީ، އީވްސް،ލައީމް؟” ލައިރާ އަދިވެސް ހެމުން ދިޔައެވެ.”އާނ.. ރަނގަޅަށް ވެސް އެނގިފަ ހުންނާނީ މިހާރު.. ދޯ މަރީ؟”ލައިމް ވެސް ހެމުން ހެމުން ބުނެލިއެވެ. ” އަހަރެންގެ މޭގަނޑު އަތަށް ވެސް ނިކުމެއްޖެއޭ! ތި ހަތަރު މީހުން ރޭވި ކަމެއް ދޯ މީ… އާނ މިހާރު މާ ރަނގަޅަށްވެސް އެނގިއްޖެ!”މަރީ ދެ ލޯ ބޮޑުކޮށްލާފައި ލައިރާމެނާ
ދިމާއަށް ތުން ދަމާލައިފައި ބުނެލިއެވެ.”އާނ.. އަހަރުމެން ހަތަރު މީހުން ރާވައިގެން ކުރި ކަމެއް މިއީ..”ލައިރާ ޖަވާބު ދިނެވެ.”ދެން މީ ކޮން ގަޑިއެއްތަ އެކްޓް ކުރަން؟ ދެން ނުހަދާތި މަށަށް މިހެން އިނގޭ؟ އަސްލުކޮށް ވެސް ބިރުގަނެއްޖޭ…”މަރީ އިތުރަށް ސުވާލު ކުރިއެވެ. ” މީއޭ އަސްލު ރަނގަޅު ގަޑިޔަކީ… އޯކޭ އެކްޓްކޮށް ނިމުނީ ހިނގާ ދެން ނިދަން އޮށިންނަން..” ލައިރާ މޫނުގައި ހުރި މޭކަޕްތައް ފުހެލަމުން ބުންޏެވެ. އެންމެ ފަހުން އެންމެން ނިދަން އޮށޯވެއްޖެއެވެ.
އެންމެނަށް ނުވެސް ނިދެންދެން އެހެން އަޑެއް އިވެން ފަށައިފިއެވެ. އެންމެން ވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލިއެވެ.”މިފަހަރު މިއީ އަހަރުމެނެއް ނޫން.”ލައިރާ ބުނެލިއެވެ. އަޑު އިވެނީ ކުޑަދޮރުން ބޭރުން ކަމަށް ވާތީ، ބޭރު ބަލައިލަން 5 މީހުން ހިނގައިގަތެވެ. ދެން ފެންނަނީ ވަރަށް އެހެން ކަހަލަ ގަބޫލުކުރަން ދަތި މަންޒަރެކެވެ. މީހަކު އުނދޯއްޔަކަށް އަރައިގެން ހެއްލާ ފަދައިން އަމިއްލައަށް އުނދޯލި ހެއްލެއެވެ.”އެ އުނދޯލީގަ މީހެއް ނެތް، ހާދަ ބާރަކަށް އެ ހެއްލެނީ؟ ވަރަށް ވައި ގަދަ ތަ؟” އިވީ ސުވާލު ކުރިއެވެ. “މިރޭ އެއްގޮތަކަށް ވެސް ވައެއް ނުޖެހޭ… މީހަކު އުނދޯލީގަ އެބަ އިންތަ؟ ކާކު ތަ މިފަދަ ގަޑިއަކު އުނދޯލި ހެއްލާނީ؟” ލައިރާއަށް ވެސް ސުވާލު އުފެދުނެވެ. “މަޑުކޮށްބަލަ… ކުރިންނެއް ނެތޭ މިތާގަ އުނދޯޔެއް… ދޯ ރައީ.. އަހަރުމެން ދެ މީހުން އެންމެ ފުރަތަމަ ކޮޓަރިއަށް ވަދެ ކުޑަދޮރުން ބޭރު ބަލާލީރު…” ލައިމް ބުނެލިއެވެ.”އާނ” ރައިޝާ ވެސް ހަނދާން އާކޮއްލުމުން ބުނެލިއެވެ. މި މަންޒަރަށް ގެއްލިފައި ވަނިކޮށް ބަން ކިޔާފައި ވަރަށް ބާރު އަޑެއް އިވިގެން ދިޔައެވެ.
*ބަންންން *ބަންންން *ބަންންން މި އަޑު އިވެމުން ދަނީ ތިން ފަހަރުން ފަހަރަށެވެ. އަޑު ކައިރިވާ ވަރަކަށް ދަނީ އިތުރަށް ގަދަވަމުންނެވެ. މިހެން ގޮސް ކޮޓަރީގެ ދޮރާ ހަމައަށް އަޑު އައިސް، މީހަކު ގޮށްމުށިން ތަޅައި ފަދައިން ދޮރުގައި ޖަހައިގަތެވެ. ކޮޓަރީގެ ދޮރު ހީވަނީ ދެންމެ ދެންމެ ފުނޑުފުނޑު ވެގެން ހިނގައިދާނެހެނެވެ.”އަވަސްކޮށްބަލަ.. ނިކަން މި ދޮރު މަށަށް ހުޅުވަ ދީބަލަ… އަވަސް އަވަސް…” ވަރަށް ބަރު އަޑަކުން މީހަކު ހަޅޭއްލަވައިގަތެވެ. ލައިރާމެންނަށް އަތް ފައި ގުޑުވައިނުލައި ހިމޭނުން ހުރެވުނެވެ. ބިރުގަނެފައި ހުރި ވަރުން ދޮރު ހުޅުވާނީތޯ ނޫނީ ނުހުޅުވާނީތޯ ޖެހިލުންވެފައެވެ. ނަމަވެސް ލައިރާ ކުރިއަށް ކޮށްޕާލައިފައި ދޮރު ހުޅުވާލަން ލައިމް ބުނެލިއެވެ.”އަދި އަހަރެން ދޮ.. ދޮ.. ދޮރު ހުޅުވަންވީ؟”.އާއެކޭ ބުނުމުގެ ގޮތުން ދެން ތިބި މީހުން ބޯ ޖަހައިލިއެވެ. ޖެހިލުންވެ ހުރެ،ލައިރާ މަޑުމަޑުން ދޮރުގެ ތަޅުގައި ހިފައި އަތްގަނޑު އަނބުރައިލިއެވެ…
3 ވަނަ ބަޔަށް އިންތިޒާރު ކޮށްލާ އެވާ…☺️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


* 3 ވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ
Wow amazing Mi part Vvvvvvvv reethi