“އެނގޭތަ ދިޔާން ލިން ކައިރި ބުނި ކަމަށްވަނީ މިއަދު އޭނަ ބަލައި މިކޮޅަށް އަންނާނަމޭ.. އަހަރެން އަސްލު ހިތްހަމަ ޖައްސައިލައިގެން ހުރީ ދިޔާން ލިން އަށް ސަޕްރައިޒެއް ދޭންވެގެން ފޯނު ނިއްވާލައިގެން އުޅެނީކަމަށް ހީކޮށް.. އެކަމަކު މިހާރު ރޭގަނޑުވެގެން މިދިޔައީނު.. ކޮމްޕެނީގެ ފަރާތުން އެބުނީ ޗުއްޓީގަ ހުރިވާހަކަ… އޭގެ މާނަކައަކީ ދިޔާން އަށް ކަމެއްވެސް ނުވެ އޭ އެންނު.. އަނެއްކާ.. ދިޔާން.. އަހަރެމެންނަށް އޮޅުވާލަ ފާނެހެން ހީވޭތަ..؟ ލިން  ދެކެ ލޯބިވާކަމަށް ދެއްކި ވާހަކަ ތަކަކީ ދޮގަކަށް ވެދާނެތަ..؟” މާޔާގެ މޫނު ބަނަވެގެން ދިޔައެވެ. މާލެ ތެރޭގެ ޤަދަރުވެރި މުއްސަނދިންނަކީ ނިކަމެތި އަންހެންކުދިން ހައްލައިލަން ކުޅަދާނަބައެކޭ ބުނާތީ އޭނާ އަބަދުވެސް އަޑު އަހަމެވެ. އެހެނަސް ދިޔާންގެ ފަރާތުން ފެނުނު ހަރުދަނާ ސިފަތަކާއެކު ދިޔާން އަކީ އެފަދަ މީަހަކަށް ނުވާނެކަމުގައި މާޔާއަށް ޤަބޫލުކުރެވި އެކުވެރިޔާގެ ދިރިއުޅުމަށް ވަންނަން މަގު ކޮށައިދެވުނީއެވެ.

އަހަރެން އެންމެ ހާސްވަނީ ލިލިއަން ކައިރި ބުނާނީ ކީކޭ ކަމެއް ނޭނގޭތީ..” ސަދޫފް ފުންނޭވާއެއް ދޫކޮށްލަމުން ހާމަކުރިއެވެ.

” އަހަރެން ލިން އާ ވާހަކަ ދައްކާނަން.. މާދަމާ ވާގޮތެއް ބަލާފަ ދެން އިތުރު ކަމެއް ކުރާނީ..” މާޔާއަށް ފެންނަ ގޮތް ހާމަކުރިއެވެ. އަލުން ހުރިހާ ކަމެއް އަނބުރާ ރަނގަޅުވާނެކަމަށް މާޔާ އަދިވެސް އުންމީދުކުރަން ބޭނުންވިއެވެ.

****************

ނިދަން އަރާއޮތް ލިލިއަން ދެލޯވަނީ ސީލިންގަށް އަމާޒުވެފައެވެ. ހަރަކާތެއް ކޮށްނުލާ އެހެން އޮތް އިރު ނޭވާލާހެން ވެސް ހީނުވެއެވެ. 

“ލިން..” މާޔާ ލިލިއަންގެ އަތުގައި ހިފާލުމާއެކު ލިލިއަން އެސްފިޔަތައް ތަޅުވާލިއެވެ.

” އަހަންނަށް އެނގޭ މިހުރިހާކަމަކާމެދު ވިސްނޭނެކަން.. އެކަމަކު ލިން އާއެކު އަބަދުވެސް އަހަރެން ހުންނާނަންކަން ހަނދާން ނައްތާނުލައްޗޭ.. ހުރިހާ ތަކުލީފުތަކެއް އަމިއްލަ ކޮނޑަށް ލައިގެން އުޅޭކަށް ލިން އަކަށް ނުޖެހޭނެ.. އަހަރެންނާއި ސަދޫފް އަބަދުވެސް ލިން އަށް އެހީވާނަން.. އިރާދަ ކުރެއްވިއްޔާ އަދި ލިންގެ ހަޔާތަށް އުޖާލާކަން އަންނާނެ..” މާޔާ ލިލިއަންގެ އަތްތިލައިގާ ހިފާލަމުން ވާހަކަ ދެއްކިއެވެ. ލިލިއަން އާ މެދު ވިސްނޭވަރުން އޭނާއަށް ނިދުން ވެފައިވަނީ އުނދަގޫ ކަމަކަށެވެ. ކޮމްޕެނީގެ ފަރާތުން ދިޔާން އާ ވާހަކަ ދެއްކޭ ގޮތެއް ނުވިކަމަށް މާޔާ ހާމަކުރިފަހުން ލިލިއަންގެ ދެލޮލާއި މޫނުގައިވީ ހުސްކަން އޭނާގެ ހިތަށް ނުތަނަވަސްކަން ވައްދަމުން ދިޔައެވެ. 

” ތެންކިޔު..” ލިލިއަން ގަދަކަމުން ހިނިތުންވެވޭތޯ މަސައްކަތް ކުރިއެވެ. އޭނާއާމެދު މާޔާއާއި ސަދޫފް ވިސްނާވަރު ނޭނގެނީއެއް ނޫނެވެ. އެހެނަސް ކިތަންމެ އާދައިގެ ގޮތަކަށް އުޅުން ބަހައްޓަން ބޭނުންވީނަަމަވެސް އޭނާގެ ސިކުނޑި ފުރެމުން އައި ވަހުތާނުތަކުން މިންޖެއް ނުވެވުނެވެ.

މާޔާ ލިިލިއަން އަށް ހިނިތުންވުމެއް ރައްދުކުރަމުން ރޭގަނޑުގެ ސަލާމް ކުރުމަށްފަހު އޭނާގެ އެނދުގައި ނިދަން އޮށޯވެލިއެވެ. ލިލިއަން ވެސް އެނބުރި އެނދުގައި އޮށޯންނަމުން ދެލޯ މަރާލީ ނިދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތިއެވެ.

************

ދިޔާންގެ ޚަބަރެއްނުވެ ހަފްތާއެއް ވޭތުވެއްޖެއެވެ. ލިލިއަންގެ މޫނުގައިވާ ދިރުން ދުވަހަކަށްފަހު ދުވަހެއް ދިޔައީ ފަނޑުވަމުންނެވެ. މާޔާއާއި ސަދޫފް ދިޔާންގެ ޚަބަރެއްވޭތޯ މަސައްކަތް ކުރަމުން ދިޔަނަމަވެސް ކާމިޔާބުގެ އައްސޭރިއަކަށް ވާސިލެއް ނުވެވުނެވެ. ފަހުންވެސް ސަދޫފް ކޮމްޕެނީއާ ގުޅައިގެން ދިޔާން އާ ބައްދަލު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ދިޔާނަށް ގުޅޭނެ ފޯނު ނަންބަރެއް ދިނުމަށް އެދުމުން އެކަމުންވެސް ކޮމްޕެނީގެ ފަރާތުން އުޒުރުވެރިވިއެވެ.  އިތުރު ގޮތެއް ނެތުމުން ދިޔާން އަށް ފޯރުކޮށްދިނުމަށް އެދި ސަދޫފް މެސެޖެއްވެސް ދިނެވެ. ނަމަވެސް އޭގެ ފަހުންވެސް ދިޔާންގެ ޚަބަރެއް ނުވިއެވެ. 

ހިތުގެ ކަނަކުން އޭނާގެ މަތިން ދިޔާން ހަނދާން ނައްތާލީ ކަމުގައި ލިލިއަން ޔަޤީންކުރިއެވެ. ދިޔާން އޭނާއަށް އެހެން ހަދަންޖެހުނީ ކީއްވެތޯ އެތައް ފަހަރަކު ހިތާއި ސުވާލު ކުރެވުނެވެ. ދިޔާން ދެއްކި އޮމާން ވާހަކަތަކުގައި ފޮރުވިފައިވަނީ ވިހަ ހަންޖަރުތަކެއްކަން ލިލިއަން ނުވިސްނުނީ ކީއްވެހެއްޔެވެ؟  ފުރަތަމަ ފެނިލުމާއެކު ދިޔާން އޭނާއަށް އަޅާނުލާ އަމިއްލަ ހާލަށް ދޫކޮށްލިނަމައެވެ. އޭރުން މިހާރު އެހިތަށް ލިބެމުންދާ ވޭނުގެ މިންވަރާ ގާތަށްވެސް އެހިތަށް އަސަރު ނުކުރީހެވެ. އެންމެ ކުޑަ މިނުން ގުޅާފައި އޭނާގެ ކައިރީ ރީއްޗަށް އެކުގައި އުޅެން ބޭނުން ނުވާ ވާހަކަ ބުނި ނަމައެެއް ނޫންހެއްޔެވެ؟  ކުއްލިއަކަށް އެއައި ބަދަލު އޭނާ ބަރުދާސްތު ކުރާނީ ކިހިނެއްހެޔެވެ؟ 

ދިޔާން އާ މެދު ލިލިއަންގެ ހިތުގައި އުފެދިގައިވާ އެތައް ހާސް ޝަކުވާތަކާއެކުވެސް އެހިތުގައި ދިޔާން އަށް ޓަކައި އޮތް ލޯބި ފަނޑުވެގެން ނުދެއެވެ.  ލޯތްބަކީ އެފަދަ ވަރުގަދަ އިޙްސާސެއްކަން ލިލިއަން އަށް އެނގުންވުމުން ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. 

ޚިޔާލުތަކަށް ގެއްލިފައި އެކަނިމައި އެކަނި ގޭގެ ބޭރުޖޯލީގައި އިން ލިލިއަން އަށް ސިހުން ލިބުނީ ހަދީޖާގެ އަޑު އިވުމުންނެވެ.

” އޭރުވެސް އަހަންނަށް އެނގޭ މިކަހަލަ ކަމެއްކަން ވާނީ… އޭނައަށް ބަލާލާފަވެސް އިނގޭ ނުލާހިކު ޤަދަރުވެރި، މުއްސަނދި އާއިލާއަަކުން އައިސް ހުރި ކުއްޖެއްކަން.. ލިލިއަން މެން ކަހަކަ ކުއްޖަކާ ވައިވެސް ނޭޅޭނެ އެންނު.. އޭނަ އަށްވެސް ކިހާ ބޮޑު ލަދެއް.. އެންމެންގެ ކުރިމަތީގަ އޭނާގެ ޤަދަރު ވެއްޓޭނީ.. އެހެން ރާއްޖެތެރެއަށް ދެތިން ދުވަހަށް އައިސްލާ މެހެމާނުންނަށް ހެއްލުނީމަ ވާނީ ތިކަހަލަ ގޮތެއް.. ހައިފާއަށްވީ ވަރެންނު ތިވީ.. ރާއްޖޭން ބޭރުން މިރަށަށް އެންމެ ހަފްތާއަކަށް އައި ޒުވާނަކާ ހިތާވެގެން މޮޔަވީ.. ދިޔަގޮތަށް ޚަބަރެއްނުވެ.. ދުވަސް ކޮޅަކުން އެނގުނީ އޭނަގެ ދަރިއަކަށް ބަލިވެ އިންކަން.. ކަލޭ ބައްޕަ ކަހަލަ މީހަކާ ކަލެއަށްވެސް ތިޖެހުނީ.. މަންމަހެން ރަށްމެދަށް ނުވިހައިފިއްޔާ ވެދާނެ.. އޭރުން އަހަރެމެންނަށްވެސް ހުރި ކިހާ ބޮޑު ލަދެއް..” ހަދީޖާ އަނގަވަރުނުކޮށް ދުފަމުން ވާހަކަދެއްކިިއިރު އަޑުގައިވަނީ ރުންކުރު ކަމެވެ. އެވާހަކަތައް އަޑުއަހަން ހުރި ލިލިއަންގެ އިޙްސާސްތަކަށް އެއްވެސް ވަރަކަށް ވިސްނާލުމެއްނެތިއެވެ. އޭނާއަށް މިވަޤުތު ލިލިއަން ވެފައިވަނީ ބޮލުގެ ރިހުމަކަށެވެ. ދިޔާންގެ ޚަބަރެއް ނުވުމުން ލިލިއަން އަށް ހަދަންވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. އެއްމަސްވުމަށްފަހު ލިލިއަން އެގޭގައި ބަހައްޓާކަށް އޭނާ ބޭނުމެއްނޫނެވެ. ދިޔާން ކުލި ދެއްކީވެސް އެންމެ ދެ ހަފްތާ އަށެވެ. މިހާރު ދެހަފްތާ ފަހަނަ އަޅާ ގޮއްސިއެވެ. 

ދިޔާން އޭނާއަށް މަކަރުހެދުމަށްފަހު ލިލިއަންގެ ޒިންމާ އޭނާގެ ބޮލަށް ޖަހާފައި ފިލީކަމުގައި ހަދީޖާ އަށް ނިންމުނެވެ. އެޔާއެކު ހިތާއި ހިތުން ދިޔާން އާއި ދިމާއަށް ކުނޑި ކިޔަން ފެށުނެވެ. މާޔާ ކިތަންމެ ނުރުހުންވިޔަސް ދެން ގިނަ ދުވަހަކު ލިލިއަން އެގޭގައި ބަހައްޓައިގެން އޭނާއަކަށް ކެތެއް ނުވާނެއެވެ.

ހަދީޖާގެ ވިހަގަދަ ބަސްތަކަށް ރައްދެއް ދިނުމެއްނެތި ޖޯލިފަތިން ތެދުވެގެން އައިސް ލިލިއަން ގޭތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރު ޖެހުމާއެކު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ.

” އަހަރެން މަންމަމެން ބަލަޔާއެކު މާލެ ދާން މިއުޅެނީ.. ގޮސް ދިޔާންގެ ޚަބަރެއް ލިބޭތޯ އަހަރެން މަސައްކަތް ކުރާނަން..” ސަދޫފް މާޔާ އާ ފޯނުން ވާހަކަ ދައްކަމުން ހާމަކުރިއެވެ. ލިލިއަންގެ މިލާމޯޅިވެފައިވާ މޫނު ފެންނަ ކޮންމެ ފަހަރަކު ސަދޫފްވެސް ނުހަނު ދެރަވެއެވެ. އޭނާ ދިޔާން އާ ކުރިމަތިކުރަން ބޭނުންވާ އެތައް ސުވާލެއް އެބަހުއްޓެވެ. މާލެ ގޮސް ދިޔާން އާ ބައްދަލުކުރުމަށް ސަދޫފް އަޒުމު ކަނޑައެޅީ އެހެންވިއެވެ. އަދިވެސް ދިޔާން ލިލިއަން އަށް އޮޅުވާލާ ކެހި ދީފާނެކަމަށް ސަދޫފް އަށް ޤަބޫލު ކުރަން އުނދަގޫވަނީއެވެ. އޭނާއަށް ދިޔާން އާއެކު ހޭދަ ކުރި ހުރިހާ ވަޤުތަކުންވެސް ފެނުނި ދިޔާންގެ ހަރުދަނާކަމާއި ކަންކަމަށް ބަހައްޓާ ފަރުވާތެރިކަމެވެ. އެފަދަ މީހަކު ލިލިއަން އަށް ދަޅަތަކެއް ދެއްކުމަށްފަހު ފިނޑިއެއް ފަދައިން ފިލައިގެން އުޅެފާނެކަމަށް ސަދޫފްގެ ސިކުނޑި އެއްބަހެއް ނުވެއެވެ.

***********

ދުވަސްތަކަކަށްފަހު ލިލިއަން އެކަނިމައި އެކަނި ގެއިން ބޭރަށް ނިކުތެވެ. މަންމަގެ މަރަށްފަހު ލިލިއަން ބޭރަށް ނިކުންނަނީ ހާލަކުން ފަހަރަކުއެވެ. އެވެސް މާޔާ އާދޭސް ކޮށްގެންނެވެ. ވަޒީފާއިންވެސް ޗުއްޓީ ނަގާފައިވާއިރު ކޮލެޖު ބަންދު ދުވަސްކޮޅެއް ކަމުން ލިލިއަން އަށް ބޭރަށް ނިކުންނަން ޖެހޭ މާގިނަ ކަމެއް ނެތެވެ. އެހެނަސް އަބަދު ގޭގައި ނޯވެވޭނެކަން ލިލިއަން އަށް ވިސްނެއެވެ. ހުރިހާ ކަމެއް ކުރިޔާ އެއްގޮތް ނުވިޔަސް އަމިއްލައަށް އެކަނި އުޅެން އޭނާއަށް ވަނީ ދަސްކުރަން ޖެހިފައެވެ. މުޅި އުމުރު މާޔާމެންގޭގެ ހިޔާވަހި ކަމުގެ ދަށުގައި ނުހުރެވޭނެކަން ލިލިއަން ދަނެއެވެ. އެގޮތް އޭނާ ބޭނުންވެސް ނުވަނީއެވެ. ހަދީޖާއްތަ ދުވަހަކުވެސް އޭނާ ބަލައި ނުގަންނާނެކަން ލިލިއަން އަށް ޔަޤީންވެއެވެ. އިތުރު ތުރާތަކެއް އެ އާއިލާއަށް ދޭކަށް އޭނާ ބޭނުމެންނޫނެވެ. އެމީހުންގެ ހިޔާވަހިކަމުގައި ކައިބޮއެގެން ފުދޭވަރަކަށް ދުވަހު އޭނާއަށް އުޅެވިއްޖެއެވެ.

އެފަދަ ޚިޔާލުތަކެއްގައި ހުރެގެން ލިލިއަން މަގުގެ އެއްފަރާތަކުން ހިނގަމުންދިޔައެވެ. ބޮޑުމަގުން ހިނގާފައި އައިސް އެންމެ ކައިރިން ޖެހުނު ގޯޅިއަށް ލަނބާލުމާއެކު އޭނާ ދިރިއުޅެ ބޮޑުވި ގެ ހާމައަށް ފެނިގެން ދިޔައެވެ. އެތަކެއް ދުވަހެއް ފަހުން ގޭގެ ކުރިމައްޗަށް އާދެވުމާއެކު ލިލިއަންގެ މޭގައި ވަޅުލެވިފައިވާ އިޙްސާސްތައް ފުންވާން ފެށިއެވެ. ގޭ ކައިރީ އޭނާ ނުހަނު ފަރުވާތެރިކަމާއެކު ބަލައިގެން އިނދައިގެން ގެންގުޅުނު ލިލީމާ ގަސްތައްވަނީ މިލާ މޯޅިވެފައެވެ. 

ގަސްތަކަށް ބަލަންހުރި ލިލިއަންގެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވިއެވެ. އެގަސްތަކުން އޭނާގެ އެތެރެ ހަށީގެ ހާލު ދައްކުވައިދެމުންދާހެން އޭނާއަށް ސިފަވިއެވެ. މިލާމޯޅިވެފައިވާ ގަސްތަކުގެ ކުރިމަތިން ގޮސް ލިލިއަން ގޭގެތެރެއަށް ފިޔަވަޅު އަޅާލިއެވެ. އެއާއެކު އެހަތަރު ފާރު ތެރޭގައި އޭނާ ހޭދަކުރި ދުވަސްތައް ލޯ ކުރިމަތީ ސިފަވާން ފެށިއެވެ. އެއް އިރަކު އެ ހިޔާވަހި ކަމަކީ އެތަނަކުން ނިކުމެގެން ދުވެފިލަން ލިލިއަން ބޭނުންވި ގޯއްޗެވެ. އެހެނަސް ހިތުގެ ކަނަކުން އުޅެބޮޑުވި ގެ ދެކެ ލޯބިނުވާކަަމަކަށް ނުނިންމޭނެއެވެ.

ލަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ލިލިއަން އަށް ހުއްޓެވުނީ ބަދިގޭގެ ކުރިމަތީގައެވެ. އަދިވެސް އޭނާއަށް ބަދިގޭގެ މުށިތައް މަތީގައި ލޭކޯރެއް ދެމިފައިވާހެން ސިފަވާ ފަދައެވެ. ފުންވަމުންދިޔަ ނޭވާތަކާއެކު ލިލިއަން އަވަސް އަވަހަށް ބަދިގެއިން ނިކުމެ ފާރުގައި ލެނގިލަމުން ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ދެލޯމަރާލަމުން އިރުކޮޅަކު ލިލިއަން ހަރަކާތެއް ކޮށްނުލާ ހުއްޓެވެ. ހިތުގެ ހިނގުން ހަމަޖެހުމާއެކު ލިލިއަން އަނެއްކާވެސް ކުރިއަަށް މިސްރާބުޖެހިއެވެ. އޭނާގެ މަންމަގެ ކޮޓަރި ދޮރާއި ހިސާބުން އަނެއްކާވެސް ލިލިއަން އަށް ހުއްޓެވުނެވެ. ދެފިކުރެއްގައިވާ ފަދަައިން އިރުކޮޅަކު ވިސްނަން ލިލިއަން އަށް ހުރެވުނެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ލިލިއަން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.

ހައިފާގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން ލިލިއަން އެތެރެއަށް ވަނެވެ. އެކޮޓަރީގައި އޭނާގެ މަންމަގެ ވަސް ހަރުލާފައިވާފަދައެވެ. ކޮޓަރީގެ ވަށައިގެން ލިލިއަން ނަޒަރު ހިންގަމުން ދިޔައީ އެއްގޭތެރޭގައި އުޅުނަސް އޭނާގެ މަންމަގެ ކޮޓަރިއަށް ނުވަންނަތާ ނުހަނު ގިނަ ދުވަސް ވެފައި ވުމުންނެވެ. ދެމެދުގައިވާ ގުޅުމުގެ ހީނަރުކަން ހަމައެކަނި އެކަމުންވެސް ދޭހަވާވަރުވެއެވެ.

ލިލިއަން އެނދުގެ ފައިލާ ކޮޅާ ދިމާ ފާރުގައި ލައްކޮށްފައިހުރި އަލަމާރިއަށް ނަޒަރެއް ދިނެވެ. މަޑު މަޑުން އަލަމާރި ހުޅުވާލިއެވެ. ކޮނޑުގައި އަޅުވާފައިވާ ހައިފާގެ ހެދުންތައް ލިލިއަން އަށް ފެނުނެވެ. މަންމަގެ ހެދުންތަކުގައި އިނގިލިކުރިތައް ޖައްސާލުމާއެކުވެސް އެ މަންމަގެ ހަނދާންތައް އޭނާގެ ވަށައިގެން ދަޢުރުވާން ފެށިކަހަލައެވެ. ހަނދާނަކީ ހާދަ ފާޑެއްގެ އެއްޗެކޭ ލިލިއަންގެ ހިތަށް އެރިއެވެ. އެއާއި ދުރަށް ކިތަންމެ ބާރަށް ދުވިޔަސް ފެންނަ އެއްޗަކުން ނުވަތަ ދުވާވަހަކުންވެސް އެ ހަނދާންތައް ސިކުނޑީގައި ކުލަވެގެން ދެއެވެ. 

ހެދުންތައް ފިޔަވާ އިތުރު އެއްޗެއް އެތާނގައި ނެތުމުން ލިލިއަން ދެން ބަލައިލީ އަލަމާރީގެ ތިރީ ދެވަތްގަނޑަށެވެ. ފުރަތަމަ ވަތްގަނޑުގައި ލިލިއަންގެ ސަމާލުކަން ހުއްޓޭވަރުގެ އެއްޗެއް ނެތެވެ. ދެވަނަ ވަތްގަނޑު ހުޅުވާލަން ހިފާލި އިރު އެވަތްގަނޑު ހުރީ ތަޅުލާފައެވެ. އެތަން ތަޅުލާފައި ހުރުމުގެ ފަހަތުގައި ސަބަބެއް އޮންނާނެކަމުގައި ލިލިއަންގެ ހިތް ބުނެލިއެވެ. އޭނާގެ މަންމަ ތަޅުދަނޑިތައް ބަހައްޓާނީ ކޮންތާކުބާއޭ ލިލިއަންގެ ހިތަށް އެރިއެވެ. ހައިފާގެ ދަބަސްތަކާއި އަލަމާރީގެ އެހެން ބައިތައް ބަލާ ފާސްކުރި އިރުވެސް އެއްވެސް ތަޅުދަނޑިއެއް ނުފެނުނެވެ.  ލިލިއަން މާޔޫސްކަމާއެކު އެނދުގައި އިށީނެވެ. އެވަޤުތު ކުއްލިއަކަށް ކަމެއް ހަނދާންވި މީހެއް ފަދައިން ލިލިއަން އެނދުގެ ތިރީގައި ކުޑަކަކޫ ޖަހާލަމުން ތިރީ ފިލާގަނޑަށް ދަމާލިއެވެ. އެއާއެކު ފިލާގަނޑު އެއްފަރާތަކަށް ކެހިގެން ދިޔައެވެ. އެއީ އެ އެނދާއި ގުޅިފައިވާ ވަތްގަނޑެކެވެ. އޭގެ ތެރޭގައި ހުރި އެއްޗެހި ލިލިއަން ބަލަން ފެށިއެވެ.  

ދަޅުދަނޑިފައްޗެއް އަތުގައި ޖެހުމުން ލިލިއަން އެހިފައިގެން ތެދުވެ ވަތްގަނޑު ހުޅުވޭތޯ މަސައްކަތް ކުރިއެވެ. ލިލިއަން އަށް ކާމިޔާބުވާގޮތްވީ ތިންވަނައަށް ނެގި ތަޅުދަނޑިންނެވެ. އަވަސްވެފައިވާ ހިތަކާއެކު ވަތްގަނޑު ހުޅުވާލަމުން ބަލައިލިއެވެ. ފައްސަތޭކައިގެ ނޫޓުން އޮތް ރުފިޔާ ބޮނޑި ފެނުމުން ލިލިއަން މާޔޫސްވިއެވެ. އިތުރު އެއްޗެއް ނެތުމާއެކު ކަރުއެލުވާލަމުން ލިލިއަން އަނބުރާ ވަތްގަނޑު ތަޅުލުމަށްފަހު ތަޅުދަނޑިފަތި ގެނެސް އެނދުގެ ވަތްގަނޑަށް ލިއެވެ. އެވަޤުތު ވަތްގަނޑުގައި އޮތް ގަނޑުކޮޅެއް ލިލިއަން ލޮލުގައި އަޅައިގަތެވެ. ޝައުޤުވެރިކަމާއެކު ނުފުށުން އޮތް ގަނޑު ނަގަމުން ލިލިއަން ބަލައިލިއެވެ.

އެ ގަނޑުކޮޅުގައިވާ ތަސްވީރު ފެނުމުން ލިލިއަން ހުއްޓުން އަރާގޮތްވިއެވެ. ފިރިހެންވަތަ ހިނިތުންވުމަކާއެކު ފެންނަން ހުރި ޒުވާނާގެ ފަހަތުން ފެންނަމުން ދިޔަ އިމާރާތްތަކުން އެއީ ރާއްޖޭގެ މަންޒަރެއް ނޫންކަން ޔަޤީނެވެ. ހަމުގެ ކުލަ އަލިވެފައި އެ ޒުވާނާއަށް ލިބިފައިވަނީ ލިލިއަން އަށް ލިބިފައިވާފަދަ އަޅިފެހި ކުލައިގެ ކަޅީގެ ދެލޮލެވެ. އެއާއެކު ހިތަށްވެރިވި ޚިޔާލުން ލިލިއަން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އެ ފޮޓޯއިން ފެންނަ ޒުވާނާއާ އޭނާއާ އޮތް ގުޅުން އަންދާޒާ ކޮށްލެވުނެވެ. 

އަވަސްވެފައިވާ ހިތަކާއެކު ލިލިއަން އިތުރަށް އެވަތްގަނޑު ހާވަން ފެށިއެވެ. އެއާއެކު އެ ވައްގަނޑުގައި ރޫޖެހި ކުލަ ވެެއްޓިފައި އޮތް ސިޓީ އުރައެއް ލިލިއަންގެ ލޮލުގައި އަޅައިގަތެވެ. 

ލިލިއަން ސިޓީ އުރަ ނަގަމުން އުރައިގެ ދެފަރާތް ބަލައިލިއެވެ. އެއްވެސް އެއްޗެއް ލިޔެފައިނުވާ އެއުރަ ހުޅުވާލަމުން އެތެރޭގައި އޮތް ގަނޑު ނަގާ ނިއުޅުވާލިއެވެ. އިނގިރޭސިން ލިޔެފައިވާ އެލިޔުމަކީ އޭނާގެ މަންމަގެ ލިޔުންކަން ލިލިއަން އަށް ޔަޤީންވިއެވެ. ތެޅެމުންދިޔަ ހިތާއެކު ލިލިއަން އޭގައި ލިޔެފައިވާ އެއްޗެއް ކިޔަން ފެށިއެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!