” މީހުންގެ ފިރިން ފަހަތުން ދުވާ ތިކަހަލަ އަންހެނުންގެ މައުލޫމާތު އެފިރިންގެ އަނބިންނަށް ނޭންގިއެއް ނުދާނެއެއްނު..”

އެނުދަންނަ އަންހެން ކުއްޖާގެ ފަރާތުން އިވުނީ ދުވަހުވެސް މީހެއްގެ ފަރާތުން އަޑުއަހަން ބޭނުންނުވާ ކަހަލަ އެއްޗެކެވެ. އަދި އެއީ ހަގީގަތެއްވެސް ނޫނެވެ.

 

” ތި އާދެވުނީ ނުބައި ޙަޔާއެއް ކައިރިއަށް.. އަހަންނަކީ ދުވަހަކުވެސް މީހެއްގެ ފިރިއެއް ފަހަތުން އުޅުނު މީހެއްނޫން..” ޙަޔާ ޔަގީންކަމާއިއެކު ބުނެލިއެވެ. މީހެއްގެ ފިރިއެއް ކީއްކުރަން ހެއްޔެވެ. އޭނާއަކީ އަކްމަލް ނޫން ފިރިހެނަކާއި ރައްޓެހިވެސްވި މީހެއްނޫނެވެ. އަކްމަލްއަކީ އޭނާގެ ފުރަތަަމަ ލޯތްބެވެ. އަދި އުއްމީދުކޮއްގެން އެހުންނަނީ އޭނާގެ ފަހު ލޯބިކަމުގައިވެސްވުމެވެ. ” އަހަންނަށް މި ހޯދުނީ ހަމަ ރަގަނޅު މީހެއް. މާލްއާއި އަހަންނާއި ދޭތެރަށް ވަދެގެން އުޅެނީ ތިނޫން މީހެއްނޫން..” ތަނާލްގެ އަޑުގައިވީ ހިތާމަ ޙަޔާއަށް ފާހަގަ ކުރެވުނެއް ކަމަކު ޙަޔާ ކުޑަކޮއް ހިތްހަމަ ނުޖެހުނެވެ. އޭނާގެ ގެޔަށް އައިސް އޭނާގެ ބޮލުގައި އެފަދަ ބޮޑު އިލްޒާމެއް އަޅުވަން އެއީ ކާކުހެއްޔެވެ.

” ފުރަތަމަ އަހަރެން ތި މާލްއެއް ދަނެގެނެއްނު އޭނަ ފަހަތުން އުޅެވޭނީވެސް.. އައިމް ސޮރީ ދެޓް ޔުއާރ ހަޒްބެންޑް ޗީތެޑް އޮން ޔޫ.. ބަޓް ތިގޮތަށް ރަގަނޅަށް ތަނެއް ދޮރެއް ނުބަލާ އައިސް މީހުންގެ ބޮލުގާ ތިވަރުގެ ބޮޑު އިލްޒާމް އަޅުވާކަށް ނުވާނެއެއްނު.. އަހަންނަކީ އެއްވެސް އިރެއްގައި އެހާ ޗީޕްކޮއް އުޅުނު މީހެއްނޫން.. އައި ހޭވް އަ ބޯއިފުރެންޑް.. އަހަރުމެން މިއުޅެނީ މިއަންނަ ހަފްތާގައި މެރީކުރަން.. އެހާ ލޯބިވާ މީހަކު ހުއްޓައި އަހަރެން ކީއްކުރަން ތަނާލްގެ ފިރިމީހާއާއި ހެދި އުޅެންވީ.. އަކޫ ނޫން މީހަކު އަހަރެން ހަޔާތަށް އަދި ނުވެސް ގެންނަން.. ކުރިޔަށް އޮތްތާގައިވެސް ނުގެންނާނަން.. އަހަރެން މީ އަކޫއަށް ވަފާތެރި ޖީއެފްްއެއް.. ” ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން ޙަޔާ ވާހަކަަ ދެއްކިއެވެ. އޭރު ކުރިމަތީ ހުރި ތަނާލްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. ޙަޔާގެ ހިތުގައި އެނުދަންނަ އަންހެން ކުއްޖާއާއި މެދު ހަމްދަރުދީ އުފެދެމުން ދިޔައެވެ. ތަނާލްގެ ހިތުގައި ޖެހިފައިވާވަރު އޭނާއަށް ވިސްނާލެވުނެވެ. ލޯބިވާ މީހަކު އެގޮތަށް ބޭވަފާތެރިވުމުން ކޮންމެ މީހަކުވެސް ދެރަވާނެއެވެ.

 

” ހޭއި އާރ ޔޫ އޯކޭ.. ކެން އައި ހެލްޕް ޔޫ ވިތް އެނީތިން..” ތަނާލްގެ ބުރަކަށީގައި ފިރުމާލަމުން ޙަޔާ ބުނެލިއެވެ. ” ޙަޔާ ނޫން މީހަކަށް އަހަންނަށް ހެލްޕެއް ނުވެސް ވެވޭނެ.. ހެޔޮނުވާނެ ތިކައިވެނި ނުކުރޭ.. އަހަންނާއި އަކްމަލްއާއި ދުރުނުކުރޭ..” ތަނާލްގެ ދުލުން ނުކުތް ނަމުން ޙަޔާއަށް ހީވީ އޭނާގެ ހިތަށް މީހަކު ތޫނު އެއްޗެއް ހަރާލިހެންނެވެ. އިސާހިތަކު އެދެލޯ ކަރުނުން ފޯވީ ހިތަށް އެރި އެއްޗަކުންނެވެ. ” އަކްމަލް.. ތަނާލް ފިރިޔަކީ އަކްމަލް އޭ ތަ ތިބުނަނީ..” ތަނާލް ނޫނެކޭ ބުނޭ ތޯ ހިތާއި ހިތުން ދުއާ ކޮއްލަމުން ޙަޔާ ސުވާލުކޮއްލިއެވެ. ނަމަވެސް ޖަވާބު އައީ ޙަޔާ ބޭނުންވި ގޮަތަކަށް ނޫނެވެ. ” ނުވާނެ ތިހެންނެއް.. ތިދައްކަނީ ކޮންމެވެސް އެހެން އަކްމަލްއެއްގެ ވާހަކަ.. އަހަރެންގެ އަކޫ އަހަންނަށް އެހެނެއް ނަހަދާނެ.. ތަނާލްއަށް ތިއުޅެނީ ވަރަށް ބޮޑަށް އޮޅިގެން.. އަހަރެންގެ އަކޫގެ ވާހަކައެއް ނޫން ދޯ ތިދައްކަނީ.. މީ އަނެއްކާ ޕުރޭންކެއްތަ.. އަކޫ ބުނެގެން ދޯ ތިއައީ.. އަކޫ ވަރަށް ސަމާސާ ކުރާނެ.. ބަޓް އިޓްސް ނޮޓް ފަނީ.. މީ މީހުން ސާމާސާއަކަށް ދައްކާ ކަހަލަ ވާހަކައެއް ނޫނެއްނު.. ” ދެލޮލުން އައި ކަރުނަތަށް ފުހެލަމުން ޙަޔާ ކޮޓަރި ތެރޭ ދޮކޮޅަށް ހިނގަން ފެށިއެވެ. އޭނާގެ ސިކުނޑީގައި އެބުރެމުން ދިޔައީ ތަނާލް އެބުނި ވާހަކައެވެ. ނަމަވެސް ޙަޔާ އެވާހަކަ ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.

 

” އައި ވިޝް މީ ދޮގެއް ނަމައޭ.. މާލް އަހަންނަށް ޗީޓް ނުކުރާ ނަމައޭ.. އަހަންނަކަށް ނޭންގެ ޙަޔާއަށް މާލް މެރިޑްކަން ނޭންގޭ ކަަމެއް.. އަހަރެން ހީޔެއް ނުކުރަން އަހަންނަށް އޮޅުވާލި ގޮތަށް ޙަޔާއަށްވެސް އޮޅުވާލަނީ ކަމަކަށް.. ގަބޫލު ނުކުރެވެންޏާ އަހަރެން ފޮޓޯވެސް ދައްކަފާނަން..” ތަނާލް އޭނާގެ ފޯނުން އެދެމީހުން ކައިވެނީގެ ފޮޓޯތަކުގެ އިތުރުން އެކި ދުވަސް ދުވަހު ނަގާފަ ހުރި ސެލްފީތައްވެސް ދައްކާލިއެވެ. ” އަދި އެއް ވާހަކަ.. އަހަރުމެންގެ ދެއަހަރުގެ ދަރިޔަކުވެސް އެބަހުރި..” ޙަޔާގެ ދެފައިން ވާގި ދާހެން ހީވުމުން ހުރި ތަނަށް ޙަޔާ އިށީންދެލިއެވެ. އަނގަމަތީ އަތް އެޅީ އޭނާގެ ރުއިމުގެ އަޑު އިއްވަން ބޭނުންނުވާތީއެވެ. ” އަހަރުމެން ދަރިޔަކު ނެތް ނަމަ އަހަރެން އަކްމަލް ދޫކޮއްލައިފައި ދިޔައިމުސް.. އެކަމަކު އެދަރިފުޅުގެ ހައްގުގަވެސް އަހަރެން އަކްމަލްއާއި އެކު އުޅެން ބޭނުން.. ހެޔޮނުވާނެ.. އަހަރެން ޙަޔާގެ ދެފައިގައި ހިފައި އާދޭސް ކުރަން އަހަރެންގެ ދަރިފުޅާއި އޭނާގެ ބައްޕަ ދުރުނުކުރޭ.. އަހަރެން ކިހިނެއް އެކުޑަކުޑަ ދަރިފުޅަށް އަކްމަލް އަހަރުމެން ދެމައިންނާއި މިހާރު މާ ދުރުވާ ސަބަބު ބުނެދޭނީ.. ” ޙަޔާ ގާތުގައި އިށީންދެ އޭނާގެ ދެފައިގައި ހިފައިގެން ތަނާލް އަދޭސް ކުރަމުން ދިޔައެވެ.

 

” މިކައިވެނި އަހަރެން ނުކުރާނަން.. ތަނާލް ކަންބޮޑުނުވޭ.. ކޭން އައި ހޭވް ދެޓް ޕިކްސް ޕުލީޒް.. އެންޑް ކޭން އައި ސީ ހިމް ފޯ ވަން ލާސްޓް ޓައިމް..” ތަނާލް އާއެކޭ ބުނުމައްފަހު އޭނާގެ ފޯނުން ބައެއް ޕޮޓޯތަށް ޙަޔާއަށް ވައިބާރކޮއްލިއެވެ.

 

ޙަޔާއަށް ކެތްކުރެވުނީ ތަނާލް ކޮޓަރިން ނިކުމެގެން ދަންދެންނެވެ. ކޮޓަރީގެ ދޮރު ލައްޕައި ތަޅުލުމާއި އެއްކޮށް ބާރު ބާރަށް ގިސްލެވެން ފެށިއެވެ. އިރުއިރުކޮޅަށް ކީއްވެހޭ ކިޔައި ހަޅޭލަވައި ގެނެވެއެވެ. ސިޓިންރޫމް ސޯފާގައި ޓީވީ ބަލަން އިން ހަނީފާއާއި ހިސާބަށް އެއަޑު ފޯރާކަށް ގިނައިރަށް ނުވިއެވެ. އަތުގައި އޮތް ރިމޯޓު ސޯފާމައްޗަށް އެއްލައިލައިފައި ޙަޔާގެ ކޮޓަރިއާއި ދިމާއަށް ދުއްވައިގަތެވެ.

 

“ޙަޔާ ދަރިފުޅާ ކިހިނެއްވީ.. މި ދޮރު ހުޅުވާބަލަ..” ޙަޔާގެ ކޮޓަރީގައި ހުރީ ތަޅުލައިފައިކަމުން ހަނީފާ ދޮރުގައި ތަޅަމުން ޙަޔާއާށް ގޮވަންފެށިއެވެ. ހަނީފާގެ އެތަށް އާދޭހަކާއި އެކުވެސް ޙަޔާ ދޮރެއް ނުހުޅުވިއެވެ. ޙަޔާއަށް ކަމެއްވެއްޖެކަން ޔަގީންވާތީ މީހާ ހާސްވެ ކަންބޮޑުވިއެވެ. އޮފީހުގައި ހުރި ވަހީދުއަށް އެހަބަރު ދީ ގެޔަށް އައުމައް އެންގިއެވެ.

 

” ކިހިނެއް ވެގެން މިއުޅެނީ..” 15 ވަރަކަށް މިނެޓްތެރޭ ވަހީދު ގެޔަށް އައި ގޮތަށް ހަނީފާއާއި ސުވާލުކުރިއެވެ. ” ނޭންގެ ހަމަ އެއްގޮތަކައްވެސް.. ޙަޔާ ހޯދަން އަންހެން ކުއްޖަކު އައި.. އެކުއްޖާ ދިޔަ ފަހުން ޙަޔާ ކޮޓަރީގައި ބަންދުވެ ހަމަ ރޮނީ.. ވަހީދު އަހަރެން ހިތްބިރުގަނޭ އެބަ.. އަހަރެންގެ ދަރިފުޅަށް ވަރަށް ބޮޑު ކަމެއް ވެއްޖެހެން ހީވަނީ.. މިހާރު އެއްވެސް އަޑެއްވެސް ނީވޭ.. ” ހަނީފާގެ ކަންބޮޑުވެފައި ވާހަކަ ދެއްކިއެވެ.

 

” ހަނީފާ ހާސްނުވޭ.. މިކޮޓަރީ ތަޅުދަނޑިއެއް ވާނެ އަހަރުމެން ކޮޓަރީގައި، އަހަރެން އެބަ އަންނަން ހޯދައިލައިގެން..”

 

ވަހީދު ދޮރުހުޅުވާލިއިރު ޙަޔާ އިނީ އޭނާގެ އެނދު ކައިރީ މުށިގަނޑުމަތީ އިށީންދެލައިގެންނެވެ. މީހާ ފުން ހިޔާލަކަށް ގެއްލިފައި ހުރި އިރު އެމޫނުމަތިވަނީ މުޅިން މިލާފައެވެ. ހަނީފާއާއި އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޙަޔާގެ ދެފަރާތުގައި އިށީންދެލިއެވެ. ޙަޔާއަށް އެތަނުގައި އޭނާގެ މައިންބަފައިން ތިބިކަން އެނގުނީވެސް ހަނީފާ ޙަޔާގެ ގައިގައި ބައްދާލުމުންނެވެ. އަނެއްކާވެސް ގިސްލާ ރޯންފެށުނީ އެހިތަށް ލިބެމުންދާ ވޭން އެމީހުންނަށް ކިޔާދޭނެ ގޮތެއް ނޭންގިގެންނެވެ. ވަހީދު ޙަޔާގެ ބޮލުގައި ފިރުމަމުން ވީގޮތެއް ބުނާށޭ ކިޔަމުން ދިޔައިރު ހަނީފާ ބުނީ ޙަޔާ ބޭނުން އިރަކުން ކިޔާދޭންވީ ކަމުގައެވެ.

 

” މަންމާ އަކޫ..އަކޫ..” ހަނީފާއާއި ދުރުވެލަމުން ޙަޔާ އަކްމަލް އޭނާއާއި ދޭތެރޭ ކަންތައްކުރި ރަހުމްކުޑަ ގޮތުގެ ވާހަކަ ކިޔާދޭން އުޅުނެވެ. ނަމަވެސް އެއީ ފަސޭހަކަމަކަށް ނުވާތީ އޭނާއަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ. ” އަކްމަލްއަށް ކަމެއްވީ ތަ ދަރިފުޅާ..” ވަހީދުގެ އެސުވާލަށް ޙަޔާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ އަނބުރައިލިއެވެ. ޙަޔާ މުށިގަނޑު މަތީގައި އޮތް އޭނާގެ ފޯނުނަގައި ތަނާލްގެ ކޮންވަޒޭޝަން ހުޅުވައިފައި ވަހީދު އަތަށް ފޯނުދިނެވެ. އަދި ކައިރީގައި އިން ހަނީފާގެ މޭތެރޭގައި ބޮނޑިވިގަތެވެ.

 

” މާތްކަލާކޯ އެއީ ކޮން ކަހަލަ ނުބައި ފިރިހެނެއް.. މީހެއްގެ ފިރިއަކައްވެ ހުރެ ދަރިފުޅަށް އެކަން ސިއްރުކޮއްގެން އުޅުނީ.. ނަސީބެއްނު ކައިވެނީގެ ކުރިން އޭނާގެ ހަގީގަތް ދަރިފުޅަށް އެނގުނުކަން..” ފޯނުގައި ހުރި ފޮޓޯތައް ބެލުމައްފަހު ވަހީދު ބުނެލިއެވެ. ހަނީފާ ހުރީ ގަބޫލުނުކުރެވިފައި ކަމުން އޭނާވެސް އެފޮޓޯތަށް ބަލައިލިއެވެ.

 

” މީގެ މާނައަކީ އަކްމަލް ދަރިފުޅަށް ބޭވަފަތެރިވީއޭ.. އަދި އޮޅުވާލުމެއްގެ ތެރޭ ބަހައްޓައި ދަރިފުޅާ އިންނަން ވެގެންތަ އުޅުނީ.. މަންމައަކަށް ނޭންގެ ބުނާނެ އެއްޗެއްވެސް.. އަކަމަކު ބުނެއެއްނު ހުރިހާ ކަމެއްވެސް ވާނީ ރަގަނޅަށޭ.. ދަރިފުޅަށް އެލޯބި ނުލިބުނީ ދަރިފުޅުގެ ނަސީބުގަ އެހެން މީހަކު ލިޔެވިފައިވާތީ ކަން ޔަގީން.. ހިތްވަރުކުރޭ.. ދަރިފުޅަށް އަކްމަލްއަށް ވުރެ އެތަށް ހާސްބައި ރަގަނޅު ބައިވެރިއަކު ލިބޭނެ.. މީ ހިތާމަކުރަންވީ ވަގުތެއްވެސް ނޫން.. އެކަހަލަ ބޭވަފާތެރިއެއްގެ ހަގީގަތް އެނގުނީތީ އުފާކުރޭ.. ” ހަނީފާ ޙަޔާއަށް ހިތްވަރުދޭން މަސައްކަތް ކުރި ނަމަވެސް އޭނާގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ.

 

” މަންމާ.. ބައްޕާ.. އަޅުގަނޑު ކުޑަ ވަގުތުކޮޅަކު އެކަނި ހުރެލަން ބޭނުން ޕުލީޒް.. އައި ވިލް ބީ ފައިން.. މަންމަމެން ކަންބޮޑުނުވޭ..” ގިނައިރު ރުއިމުގެ ސަބަބުން އެއަޑުވަނީ ކުރެހިފައެވެ. ހަނީފާ ވަހީދުއަށް ބަލާލުމުން ލޮލުގެ އިޝާރާތުން ވަހީދު ބޭރަށް ދާން ބުނެލިއެވެ. ކައިރީގައި ހުރި ޙަޔާގެ ނިތުގައި ދެމަފިރިން ބޮސްދިނުމައްފަހު އެތަނުން ނިކުމެގެން ދިޔައެވެ.

 

 

” ވަހީދު.. ކީއްވެތަ އަހަރުމެންގެ ޙަޔާއަށް މިހެން މިވީ.. އެދަރިފުޅު ހަމަ އެހާ ބަދުނަސީބުތަ.. އަހަރެން ދުވަހަކުވެސް ނުދެކެން ޙަޔާ މިހާ ވަރަށް ރޮއި ހިތާމަ ކުރިތަނެއް.. އަހަރެންގެ ދަރިފުޅު އެހުރީ މުޅިން މާޔޫސްވެ ހިތް ކުދިކުދިވެފައި.. އެދަރިފުޅު ކުރިމަތީ ކިތައްމެ ހަމަ ޖެހިގެން ވާހަކަ ދެއްކިޔަސް އަހަރެންނައްވެސް ކެތްވަނީއެއްނޫން.. އަހަރެން ހިތަށްވެސް ނުގެނެވޭ މިވަގުތު އެހިތަށް އަރަމުން ދާނެ ހިޔާލުތަކެއް.. އެހިތަށް ތަދުވާނެވަރު.. ކީއްވެތަ އަކްމަލް އަހަރެންގެ ދަރިފުޅަށް އެފަދަ ބޮޑު މަކަރެއް އެހެދީ.. އަހަރެންގެ ޙަޔާއަކީ މީހަކު އެގޮތަށް ހިތު ހުރިހާ ގޮތަކަށް ކަންތައް ކޮއްގެން ވަން ކުއްޖެއްނޫނެއްނު.. ދުވަހަކު މީހަކަށް ގެއްލުމެއް ދޭން ހިޔާލަށްވެސް ނުގެންނާނެ.. ހިތަށްއަރާ އެއަންހެން ކުއްޖާ ކީކޭ ކިޔާފަބާއޭ އެދިޔައީ.. އެއީ އަހަރެންގެ ދަރިފުޅު ގަސްދުގަ ކުރި ކަމެއް ނޫނެއްނު.. ނޭންގި ހުރެ އަހަރެންގެ އެމައުސޫމް ދަރިފުޅުގެ ބޮލުގައި މިއެޅުވުނީ ކޮންކަހަލަ ހަޑި އިލްޒާމެއްތަ.. ” ހަނީފާ ވާހަކަ ދެއްކިއިރު އޭނާއަށް ހުރީ ރަގަނޅަށްވެސް ރޮވިފައެވެ. ޙަޔާއަކީ އެދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޑޮކްޓަރުން ހަނީފާއަށް ދަރިއެއް ނުލިބޭނެ ކަމަށް ބުނެފައި އޮތްވައި ޙަޔާ ލިބުނީ ކައިވެންޏަށް 15 އަހަރުވެފައި ވަނިކޮށެވެ.އޭގެ ފަހުންވެސް ހަނީފާ ބަލިވެ އިންނަ ގޮތް ނުވުމުން އެދަމަފިރިން ޙަޔާ ބަލައި ބޮޑުކުރީ ވަރަށް ލޯބިންނެވެ. އެއްވެސް ވަރަކަށް ދަރިފުޅު ދެރަވާ ފަދަ ކަމެއް ނުކުރެއެވެ. އެކަމަކުން ޙަޔާއަށް ގެއްލުންވާނެ ކަމެއް މެނުވީ އެދަރިފުޅުގެ އެއްވެސް ބޭނުމަކަށް ނޫނެކޭ ނުބުނެއެވެ. ވީވަރަކުން ޙަޔާގެ ހުރިހާ ބޭނުންތަކެއް ފުއްދައިދެއެވެ. ދެމަފިރިންގެ ތަރުބިއްޔަތުން ޙަޔާވީ އެމީހުން ބޭނުންވާ ފަދަ ހެޔޮލަފާ ކިޔަމަންތެތި ދަރިއަކަށަވެ.

 

ހަނީފާގެ ވާހަކައަށް ރައްދު ދިނުމުގެ ބަދަލު ވަހީދު ހުރީ އެހެން ކަމަކާއި މެދު ވިސްނާށެވެ. ކައިވެނި ނުކުރާ ވާހަކަ މީހުން ގާތު ބުނާނެ ގޮތަކާއި މެދުއެވެ. މިކައިވެނި ނުވުމުން މީހުން ކިޔާނެ އެއްޗިއްސާއި މެދުއެވެ. މިހާރުވެސް އޭނާއާއި އެއްފުރާގެ ރަށު މީހުން ހުންނަނީ ޙަޔާއާއި ޖައްސާލައިފައެވެ. ޙަޔާގެ އުނި ކަންތައް ހޯދަން އުޅެއެވެ. ޙަޔާގެ ފަރާތުން ކުށެށް ފެނޭތޯވެސް ހުންނަނީ ބަލަ ބަލާކަން ޔަގީނެވެ.ވީއިރު ޙަޔާގެ ކައިވެނި ކުރެވެން ނެތް ވާހަކަ ބުނެފިނަމަ އެމީހުން ވަހީދުގެ ބޮލަށް ނުކުޅަދާނަކުރާނެއެވެ.

 

އެއް ހަފްތާ ފަސް

 

ހަމަޖެހިފައިވާ ތާރީހަށް ޙަޔާގެ ކައިވެނި ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވުމަށް ވަހީދުއާއި ހަނީފާ އަވަދިނެތި އުޅުނެވެ. އެއީ ވަހީދު ބޭނުންވި ގޮތެވެ. ޙަޔާވެސް އެކަމާއި ދެކޮޅު ނަހަދާތީ ހަނީފާވެސް އެއްބަސްވީއެވެ. ދަރިފުޅުގެ މުސްތަގްބަލަށް ވިސްނާފައެވެ. އެއީ ޙަޔާއަށް އެންމެ ރަގަނޅު ގޮތް ކަމުގައި ފެންނާތީއެވެ.

 

ކައިވެނިކުރާ ވަގުތު ކުޑަތަންވަނީއެވެ. ހަނީފާ އެތައް ފަހަރަކު އައިސް ބުނުމުން އެނދުގައި އޮށޯވެލައިގެން ފިކުރެއްގައި އޮތް ޙަޔާ ތެދުވެ ފެންވަރަންވަނެވެ. ކައިވެނީގެ ދުވަހަކީ އަންހެން ކުއްޖެއްގެ ޙަޔާތަށް އަންނަ އެންމެ ހާއްސަ ދުވަސްތަކުގައި ހިމެނޭ ދުވެހެކެވެ. އެދުވަހަށް އެތައް އުއްމީދެއް ޙަޔާވެސް ކުރިއެވެ. ނަމަވެސް މިއަދު ހާލަތު މިވަނީ ބަދަލުވެފައެވެ. މިކައިވެނިން އޭނާއަށް ލިބޭނޭ އެއްވެސް އުފަލެއް ނެތްކަން އެނގިހުރެވެސް ކައިވެނި ކުރަން އެއުޅެނީ ދިރިއުޅުމާއި ދޭތެރޭ މާ ފޮނި އުއްމީދެއް މިހާރު ނެތީމައެވެ. ޙަޔާގެ ހުރިހާ އުފަލެއް ހުރިހާ އުއްމީދެއް މިއަދުވަނީ ގެއްލިފައެވެ. ފާގަތި ޒަވާޖީ ހަޔާތަކަށް ކުރި އުއްމީދުގެ ހުޅު ނިވި މުޅި ހަޔާތް ބަނަކޮއްލީ ކެހިވެރި ލޯތްބަކުންނެވެ.

 

” ޙަޔާ ދަރިފުޅު ތައްޔާރުތަ..” ލޯގަނޑު ކުރިމަތީ ހުއްޓުންއަރައިފައި އިން ޙަޔާގެ ކޮނޑުގައި އަތް ބާއްވާލަމުން ހަނީފާ ސުވާލުކޮއްލިއެވެ. އޭރު ޙަޔާ ހުރީ އޭނާގެ ކައިވެނީގެ ހެދުމުގައި އެވެ. ހުދުކުލައިގެ އެހެދުން ވަނީ އެސްތަކުން ޖަރީކޮއްފައެވެ. ކޮނޑައްވުރެ މައްޗަށް ކޮށާލައިފައިވާ އިސްތަށިގަނޑު އޮމާންކޮށް ފުނާއަޅައިފައިވާއިރު ބޯމަތިން ފެށިގެން ތިރިއަށް ވާގޮތަށް ބޮޑު މާޖެހި ލޭސްފޮތިގަނޑެއް އޮތެވެ. ލުއި މޭކަޕެއްކޮއްފައިވާއިރު ރިހީގެ އެތައް ގަހަނާއެއް އަޅައިފައި ހުއްޓެވެ.

 

” ޙަޔާ.. ދަރިފުޅުގެ ހިތް މިކައިވެނި ކުރަން ނޭދޭނަމަ މަންމަ މިވަގުތުވެސް ގޮސް މިކައިވެނި ހުއްޓުވަފާނަން.. ދަރިފުޅު ނުގަބޫލުކަމެއް ބައްޕަވެސް ދަރިފުޅު ލައްވާ ގަދަކަމަކުން ނުކުރުވާނެ.. ދަރިފުޅަށް ޔަގީންތަ މީ ދަރިފުޅު ބޭނުންވާ ގޮތްކަން.. މި ކައިވެނިން ދަރިފުޅަށް އުފަލެއް ލިބޭނެހެން ހީވޭތަ..” ޖެހި ބުދެއްހެން އެއްވެސް ހަރަކާތެއްނެތި ހުރި ޙަޔާ ގައިގައި ބައްދާލައިގެން ހުރެ ޙަނީފާ އަނެއްކާވެސް ދަރިފުޅުގެ ސިކުނޑީގައިވާ އެއްޗެއް އޮޅުންފިލުވަން މަސައްކަތް ކުރަމުން ދިޔައެވެ. ” މީ އަޅުގަނޑު ބޭނުންވާ ގޮތް..” ހަނީފާއާއި ދުރުވެލަމުން ޙަޔާ ބުނެލިއެވެ. ” ހިނގާ ދާން މިހާރު ބައްޕަމެން އަޅުގަނޑުގެ އިންތިޒާރުގައި ތިބޭނެ.. ” ހިތް ގިސްލައި ރޮމުން ދިޔަ ނަމަވެސް ޙަޔާ ހިނިތުންވާން މަސައްކަތް ކުރަމުން ދިޔައެވެ.

 

ކައިވެނި ކުރަން ހަމަޖެހިފައިވާ ރެސްޓޯރެންޓްގެ ޓެރަހަށް ޙަޔާ ދިޔައިރު ކައިވެންޏަށް މެހެމާނުން އައިސް ތިއްބެވެ. މުޅިންވެސް ވަހީދުއާއި ހަނީފާގެ ތިމާގެ މީހުންނާއި ގާތް އެކުވެރިންނެވެ. ހަނީފާގެ އަތުގައި ހިފައިގެން ގޮސް ޙަޔާ އޭނާއަށް ހާއްސަކުރެވިފައިވާ ތަނުގައި އިށީނެވެ. ޙަޔާ އައުމުން ގާޒީ ކައިވެނި ކޮއްދެން ފެށިއެވެ.

 

” އަނބި ގަބޫލުކޮއްފިން..” ދިވާންގެ އެބަސްތަކުން ޙަޔާ ހިފަހައްޓައިގެން ހުރި ކަރުނަތައް އޮހިގެންދިޔައެވެ. އެތަނުގައި ތިބި މެހެމާނުން ހީކުރީ އެއީ ޙަޔާ އުފަލުންކަމަށެވެ. ލޯމަރާލައިގެން އިން ޙަޔާ ނިންމައިގެން ހުރީ އެއީ އަކްމަލްއާއި ހެދި އޭނާ ރޯނެ އެންމެ ފަހު ފަހަރު ކަމުގައިއެވެ. ދެން މާޒީގެ ވޭނުގައި ހިތާމަކޮށް ރޭދުވާ ބޭކާރު ކުރެވޭކަށް ނެތެވެ. މިހާރު އެއީ މީހެއްގެ އަންބެކެވެ. އެމަގާމުގައި ހުރެ އެހެން ފިރިހެނަކާއި މެދު ހިޔާލުކުރުންވެސް ވާނީ ގޯހަކަށެވެ. އިރާދަކުރެއްވިއްޔާ އޭނާ ވާނީ ހެޔޮލަފާ ވަފާތެރި އަންބަކަށެވެ. ދިވާން ދެކެ ލޯބި ނުވިޔަސް މުޅި އުމުރު ދިވާންއާއި އެކީ އުޅެން ޙަޔާ ބޭނުންވެއެވެ. އޭނާގެ ފުރަތަމަ ކައިވެންޏަކީ ފަހު ކައިވެނި ކަމުގައި އަބަދުވެސް ވާން އެދޭތީއެވެ.

 

 

18

1 Comment

  1. mishka

    October 13, 2021 at 7:22 pm

    Varah reethi 💖💖💖

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!