ފަހަރަކު މީހެއް ނައިޝާ ކައިރިއަށް އިންޓަވިއު ކުރަން އައެެވެ.ގިނަ އަދަދެއްގެ މުވައްޒަފުން ފިހާރައަށް ބޭނުންވާތީ އިންޓަވިއުކުރުމަށް ފުދޭވަރަކަށް ވަގުތު ހޭދަވިއެވެ.އެކި އުމުރުފުރައިގެ ފިރިހެން އަންހެން ދެ ޖިންސުގެ މީހުންގެ އިންޓަވިއު ނެގެމުންދިޔައެވެ. ވިހި މީހުންގެ އިންޓަވިއު ނެގުމަށްފަހު، މިއަދަށް އިންޓަވިއުކުރުން ނައިޝާމެން ނިންމާލިއެވެ.

***********

ފާއިޒްގެ އެދުމުގެ މަތިން މެންދުރުކެއުމަށް ރެސްޓޯރެންޓަކަށް މިއަދުވެސް ނައިޝާ ދިޔައެވެ.ގޮނޑީގައި އިށީނދެލުމަށްފަހު ކާތަކެއްޗަށް ފާއިޒާ ނައިޝާ އޯޑަރުދިނެވެ.ކާއެއްޗެއްސަށް އޯޑަރުދީ ނިމުމުން ނައިޝާ މުޅި ތަނަށް ވަށައިގެން ނަޒަރު ހިންގާލިއެވެ.އޭރު އެތާ ތިބި އެންމެންގެ ނަޒަރު ހުއްޓިފައިވަނީ ނައިޝާއަށެވެ.ރެސްޓޯރެންޓަށް ޚިދުމަތް ހޯދަން އައިސް ތިބި މީހުންނާއި ޚިދުމަތްކޮށްދޭ މީހުންނަށް ދަންދެނެވެ. ދުރުގައި ހުރި މޭޒެއްގައި ތިބި ދެމީހުންނަށް ނައިޝާ ބަލައިލި ވަގުތު އެމީހުން އޭނާއަށް ހިނިތުންވުމެއް ހަދިޔާ ކުރިއެވެ.މީހުންތައް އެވަރަށް ބަލާތީ ނައިޝާއަށް ކާންވެސް އުދަނގޫވިއެވެ.އެހެންކަމުން އަވަސްއަވަސް ކޮށްލައިގެން ނައިޝާ އެތަނުން ނިކުތެވެ.

**********

ޖެހިގެން އައި ދުވަހު އިންޓަވިއު ނުކުރާ ބާކީ ތިބި މީހުންގެ އިންޓަވިއު ނައިޝާ ކުރިއެވެ.ހަވަނަ މީހާގެ އިންޓަވިއު ނިންމާލުމަށްފަހު، ހަތްވަނަ މީހާއާއި ޖެހުނެވެ.”ވަދެ ގޮނޑީގަ އިށީނދެލާ” މީހަކު ދޮރުން ވަތް އަޑު އިވުމުން ކޮމްޕިއުޓަރާ ކުޅެމުންދިޔަ ނައިޝާ، ކޮމްޕިއުޓަރުގެ ސްކްރީނަށް ބަލަން އިނދެ ބުނެލިއެވެ. ” ކޮން ނަމެއް ކިޔަނީ؟” އިސް އުފުލާ ލުމަށްފަހު އިންޓަވިއުއަށް އައިސް ހުރި މީހާއަށް ނައިޝާ ބުނެލިއެވެ.އޭނާ ފެނުމާއެކު ނައިޝާ ސިހިގެން ދިޔައެވެ. “އަޅުގަނޑަށް ކިޔަނީ އައިޝަތު ސަނާ” ނައިޝާގެ ކުރިމަތީގައި އެއިނީ ސައިފްގެ ކޮއްކޮ ސަނާއެވެ.

ނައިޝާއަށް ސަނާއާ ދިމާލަށް ބަލަން އިނދެވުނެވެ.ސަނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ.ސަނާއަށް ބަލަންއިން ނައިޝާ ކަރުކެހިލާ ހަމައަކަށް އެޅިލުމަށްފަހު، ވަޒީފާއާއި ގުޅޭގޮތުން އެކި ސުވާލުތައް ކުރަން ފެށިއެވެ.ނައިޝާގެ ކޮންމެ ސުވާލަކަށް ސަނާ ޖަވާބުދެމުންދިޔައީ އޭނާއަށް މިވާހަކަ ދެކެވެނީ ނައިޝާއަށްކަން ނޭނގޭ ހާލުގައެވެ. އިންޓަވިއު ނިމުމުން ދިއުމަށް ސަނާ ގާތު ނައިޝާ އެދުނެވެ.

“އަޅުގަނޑަށް މި ވަޒީފާ ލިބޭނެތޯ؟” ގޮނޑިން ތެދުވަމުން ސަނާ އަހާލިއެވެ. “އެހެން ދަންނަވަން އަދި ވަރަށް ދަތި…ވަޒީފާއަށް ކުރިމަތިލާފައި ތިބި ހުރިހާ ބޭފުޅުންގެ އިންޓަވިއު ކޮށްފަ އެއްޗެކޭ ދަންނަވަން އިނގޭނީ” ނައިޝާވެސް ވާހަކަ ދެއްކީ ސަނާ އެއީ ދަންނަ މީހަކަށް ނުހަދައެވެ. “އަޅުގަނޑު ގުރޭޑް ދިހައެއް ނިންމާފަ އިންނާނީ..އަޅުގަނޑުގެ ލިޔެކިޔުންތައް ތިބޭފުޅާއަށްވެސް ފެންނާނެ..އަނެއްކ ާއަޅުގަނޑުމެން ވަރަށް ހާލުގަ މިހާރު މިއުޅެނީ އެހެންވީމަ މި ވަޒީފާ އަޅުގަނޑު ވަރަށް ބޭނުންވޭ” އާދޭހުގެ ރާގަކަށް ސަނާ ބުނެލިއެވެ. “އަޅުގަނޑުމެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ހޮވިއްޖެޔާ ގުޅާލާނަން…ގުރޭޑް ދިހައެއް ނިންމާފަ ތިބޭ ބޭފުޅުންނަށް އިސްކަންދޭނެ” ނައިޝާ ސަނާއަށް ބުނެލިއެވެ.

*******

އެންމެންގެ އިންޓަވިއު ނެގުމަށްފަހު ނައިޝާ ފިހާރައިން ނިކުތުމުން ފާއިޒް ފިހާރަ ބަންދުކުރިއެވެ. “މިރޭ ޑިނާ ނަގައިގެން އަންނަންވީ ކުދިން ހޮވަން…އޭރަށް މާދަން ހޮވުނު ކުދިންނަށް ވަޒީފާ އާއި ބެހޭގޮތުން ސެޝަންއެއް ބޭއްވޭނީ…ބޮޑުމީހާގެ އެދުމަކީވެސް މީ…ވީހާވެސް އަވަހަށް ކުދިން ހޮވާ ވަޒީފާއަށް ނެރެ ވިޔަފާރި ފަށަން..ނައިޝާ މިހާރު ރޫމަށް ގޮއްސަ ފޯމުގެ ކަންތައް ކުރަންފަށާ” ފާއިޒް އެހެންބުނުމުން ނައިޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ގެސްޓް ހައުސްގެ ފުރަތަމަ ފަންގިފިލައަށް އަރާ ނައިޝާ އޭނާގެ ކޮޓަރިއަށް ވަނެވެ.އެއްޗެހި ބަދަލުކޮށްލައިގެން ބެލްކަންޏަށް ނުކުމެލީ ކޮފީއަކަށް އޯޑަރު ދީފައެވެ.ބަނދަރުމަތީގެ ހިތްގައިމު މަންޒަރު ވަރަށް ރީތިކޮށް އެ ބެލްކަނިން ފެނެއެވެ. ބިއްލޫރިކޮޅެއްފަދަ ސާފު މޫދަށް ބަލަހައްޓައިގެން ނައިޝާ ހުއްޓެވެ.ހަވީރުގެ އެވަގުތު ފިނި ވައިރޯޅިތައް އައިސް ނައިޝާގެ ގައިގައި ޖެހެމުން ދިޔައެވެ.އެކި އުމުރުފުރައިގެ މީހުންތައް ނަލަ ހެދިލައިގެން ހަވީރުގެ ފިންޏަށް ނިކުމެ އުޅޭ މަންޒަރު ނައިޝާއަށް ފެނުނެވެ.

މޫދުކައިރި ހުރި އުނދޯޔަކަށް ވަރަށް ލޯބިން އަތާއަތް ޖޯޑުކޮށްލައިގެން އައި ދެ މީހަކު ފެނި ނައިޝާ އައްކިޔުން މަތިން ހަނދާންވިއެވެ.އަތުގައި އޮތް ފޯނުން އައްކިޔުންގެ ނަންބަރަށް ނައިޝާ އާދައިގެމަތިން ގުޅާލީ، އޭނާގެ އެކޯލަށް އައްކިޔުން ޖަވާބުދޭތޯ ހިތާހިތުން ދުޢާކޮށްލަމުންނެވެ.ނަމަވެސް ފޯނު ރިންގުނުވެ އެކޯލު ނިވެނީއެވެ.އުނދޯލީގައި އިން ދެލޯބިވެރިންނަށް މާޔޫސްކަންމަތީގައި ބަލަން ނައިޝާ ހުއްޓެވެ. އޭނާގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވިޔަސް އޭނާގެ ސިކުނޑިތެރޭގައި އެނބުރެނީ އައްކިޔުންގެ ޚިޔާލެވެ.

ޚިޔާލަށް ގެއްލިފައި ހުރި ނައިޝާ ސިއްސައިގެންދިޔައީ މީހަކު ކޮޓަރި ދޮރުގައި ބެލް އަޅާ އަޑަށެވެ. އައްކިޔުންގެ ޚިޔާލުގައި ރޮވިފައި ހުރި ނައިޝާ، ލޯފުހެލުމަށްފަހު ގޮސް ދޮރު ހުޅުވާލިއެވެ.ނައިޝާ އޯޑަރުކުރި ކޮފީ ހިފައިގެން މުވައްޒަފަކު އައިސް ހުއްޓެވެ.އެމީހާއަށް ޝުކުރުު އަދާކުރުމަށްފަހު ކޮފީގައި ނައިޝާ ހިފީ ހިނިތުންވުމަކާއި އެކުގައެވެ.ދުން އަރަމުންދިޔަ ހޫނު ކޮފީ ހިފައިގެން ނައިޝާ ބެލްކަންޏަށް ނިކުމެލިއެވެ.އަދި އޭގެއިން ކުޑަ އެތިފޮދެއް ބޯލާ ފުންނޭވާއެއް ދޫކޮށްލިއެވެ.ފިނިގަދަ އެވަގުތުގައި ހޫނު ކޮފީއިން ނައިޝާއަށް ކޮންމެވެސް ވަރަކަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ.

****************

ކޮފީ ބޮމުން ބަނދަރަށް ބަލަހައްޓައިގެން ހުރި ނައިޝާއަށް ވަަރަށް ދަންނަ ވައްތަރުޖަހާ އަންހެނެއް ފެނުނެވެ.ބޯން ހުރި ކޮފީ ތަށި ބެލްކަނީގައި އިން މޭޒުމަތީގައި ބަހައްޓާލުމަށްފަހު، ވަރަށް ރަނގަޅަށް އެއަންހެން މީހާއާ ދިމާލަށް ނައިޝާ ބަލައިލިއެވެ.ބަނދަރުމަތީގައި ހުރި އަށްޓެއްގައި އިށީނދެލައިގެން އިން އަންހެނަކާ ވާހަކަދައްކަން އެހުރީ ހަނީއްފާއްތަ އެވެ.އެވަގުތު ނައިޝާ ހަނީފާއްތަ ގޮވާލަން އުޅުނެވެ.ނަމަވެސް އޭރަށް އެންމެން އޭނާއާ ދިމާއަށް ބަލާނެކަން އިނގޭތީ ވަރަށް ހަލުވި ހިނގުމުގައި ނައިޝާ ސިޑިންތިރިއަށް ފޭބިއެވެ.

ބަނދަރު މައްޗަށް އޭނާަ ނިކުމެ ހަނީފާއްތަ ހުރި ދިމާލަށް ބަަަލައިލިއެެވެ.އަށިމަތީގައި ހަނީފާއްތަ ވާހަކަ ދައްކަންއިން އަންހެންމީހާ އިންއިރު ހަނީފާއްތައެއް ފެންނާކަށް ނެތެވެ.އެހާ އަވަހަށް ނައިޝާ ފޭބިއިރުވެސް ހަނީފާއްތައާ ދިމާނުވުމުން އޭނާ މާޔޫސްވިއެވެ.މާޔޫސްކަންމަތީގައި ހުރެ މުޅިތަނަށް ނައިޝާ ވަށައިގެން ނަޒަރު ހިންގާލިއެވެ.އެވަގުތު ބަނދަރުން ރަށުތެރެއަށް ވަދެވެން އިންނަ ގޯޅިއަށް ހަލުވި ހިނގުމުގައި ހަނީފާއްތަ ހިނގާފައިދާ މަންޒަރު ނައިޝާއަށް ފެނުނެވެ.ނައިޝާގެ ހިނގުންވެސް ބާރުކޮށްލުމަށްފަހު، ހަނީފާއްތަގެ ފަހަތުންދެވޭތޯ މަސައްކަތްކޮށްލިއެވެ. ނަމަވެސް އޭނާއަށް ހަނީފާއްތައާއި ހަމައަށް ފޯރުމުގެ ކުރިއަށް ހަނީފާއްތަ ގޯޅިއަށް ވަނެވެ.ހަނީފާއްތަ ގޯޅިއަށް ވަނުމުން ނައިޝާގެ ހިނގުން ހުއްޓާލުމަށްފަހު، އައިކޮޅަށް އެނބުރި ދިޔައީ ރަށުތެރެއަށް ދާން ބޭނުންނުވާތީއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!