ރުކުގައި އޮތް ރާވެރިއަލީ ރުކުން ފޭބީ ގުޑިއެއްގެ ރުކުރަލާއި, ފެންއުނބާއި, ފިންދަނޑި ހިފައިގެންނެވެ. ބޮޑު ދެ ނާށީގައި، ރޯނު ފުރައިގެން ހަދާފައިވާ ބޮޑު ރާގުޑިއެކެވެ. އެ ރުއް ކައިރީގައި ތިން ފޫޓޫ ދިގު ދަނޑިއެއް ޖަހާފައި ހުއްޓެވެ. އަދި އެ ދަނޑީގެ ކޮޅުގައި އޮތް ހުރަސް ދަނޑިއެއްގައި ތިން ރާގުޑިއާއި، ހުދުކުލައިގެ ތުވާލިކޮޅެއް އަޅުވާލެވިފައި ހުއްޓެވެ. ރުކުން ފައިބައިގެން ގޮސް އަލީގެ އަތުގައި އޮތް ރާގުޑިއާއި, ފެންއުނބާއި, ރާގުޑި ސާފުކުރުމަށް ގެންގުޅޭ ފިންދަނޑި ވެސް އެ ދަނޑީގައި އަޅުވާލިއެވެ. އެއަށްފަހު ތުވާލިކޮޅު ނަގާ މޫނުގައިވީ ދާތަށް ފުހެލިއެވެ. އަދި އަރުވާޖަހާފައިހުރި މުންޑުގަނޑު ރަނގަޅު ކޮށްލިއެެވެ. ހަމައެއާއެކު ކަނާތު ކޮނޑުމައްޗަށް ތުވާލިކޮޅު ލުމަށްފަހު، ދަނޑީގައި އަޅުވާލާފައިހުރި ރާގުޑިތަށް ދެ އަތުން ހިފިއެވެ. ކޮންމެ އަތަކަށް ދެ ރާގުޑި ވާގޮތަށެވެ. ދެން ހިނގައިގަތީ އަތިރިމަގުން ތުނޑިއަށް ދިއުމަށެވެ. އޭނަގެ މުންޑުގެ ކަނާތްފަރާތުގައި, މުއްގަނޑުގައި ކޮވެލި ކުރެހި ކުޑަ ފިޔޮށްސެއް ޖަހާލައިފައި އިނެވެ. 

ރާވެރިއަލީގެ ހިނގުމުގައިވީ މަޑުމައިތިރިކަމެވެ. ކޮނޑާއި ހަމައަށް އޮތް ވަރުގަދަ, ބާނިލާފައިހުރި އިސްތަށިގަނޑުގެ ކަޅުކުލަ ގަދައެވެ. ލިބިފައިވަނީ ހަތަރެސްކަން މޫނެކެވެ. ލޮލުގެ ކަޅި ހުރީ މަޑު ޗޮކުލެޓު ކުލައިގައެވެ. އޭނަގެ މަތިމަހާއި ތުނބުޅި ހުރީ ކުރުކޮށް ކޮށާފައެވެ. މެދު މިނެއްގެ އިސްކޮޅަކާއި ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. ހަމުގެ ކުލަ ދިވެހި ނަސްލުގެ މީހުންގެ ކުލައާއި އެއްގޮތެވެ. ހަށިގަނޑުގެ އެކި ހިސާބު ގައި އެކި ގޮތްގޮތުން ލިބިފައިވާ ޒަހަމްތަކުގެ ލަކުނު ހުއްޓެވެ.

ތުނޑިއާއި ހަމައަށް ދެވުނުއިރު އޭނަގެ ދެ ދަރިން ކަމުގައިވާ ފަރީޝާ އާއި މޫސާ ދުވެ ސަކަރާތުގައި ކުޅެން އުޅުނެވެ. ދެކުދިންނަށް އަލީ ފެނުމާއިއެކު ކުޅުން ހުއްޓާލިއެވެ. އަދި ދުވެފައި އެކުދިންގެ ބައްޕަ ގާތަށް ދިޔައެވެ. އެހިނދު އަލީ ގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރިކަމެވެ. ދެކުދިންނާ ދިމާލަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އަލީގެ އަތުގައި ހުރި ރާގުޑިތަކުން ދެ ރާގުޑި ފަރީޝާ ހިފިއެވެ. އެއަށްފަހު ރަށުގެ ތުނޑިއަށް ނިކުތުމަށް ކޮށާފައިވި މަގުން ރަށުގެ އެތެރެއަށް ދިޔުމަށް, ތިން މީހުން އެކުގައި ހިނގައިގަތެވެ. މި ރަށުގައި އެމީހުން ދިރިއުޅޭ ގެއާދިމާލަށް ދިޔުމަށެވެ.

“ކޮއިފުޅާ، ބައްޕަ ބުނީމެއްނުދޯ އެގޮތަށް އަލިފާންގެރިއަށް ބަދަލު ނުވާށޭ. ދަރިފުޅަށް އެނގޭންނު ކީއްވެކަން ބައްޕަ މިހެން މިބުނަނީ؟”

 ވަލުތެރޭގައި ކޮށާފައިވާ ހަނި މަގުން ދަމުން ރައިވެރި އަލީ އޭނަގެ ދަރިފުޅު މޫސާއާއި ވާހަކަދެއްކިއެވެ. މޫސާ އިސްޖަހާލައިފަ ހުރެ ބުންޏެވެ.

“އަޅުގަނޑު ބަދަލުވީ ތުނޑީގަ ހުރެފައޭ ބައްޕާ. ގަސްތަކުގެ އެތެރޭގަ ހުރެފައެއް ނޫނެއްނު؟”

މޫސާ ދިން ޖަވާބުގެ ސަބަބުން، ރަށުގެ ހުޅަނގު ފަރާތުން ދިޔަ ރިޔާ ދޯނި އެކުދިންނަށް ފެނިފައި ނުވާކަން އެނގުނެވެ. މިހެންވެ އިތުރަށް ތުނޑީގައި ހިނގާދިޔަ ކަންކަމުގެ ވާހަކަ ދައްކަން އަލީ ބޭނުންމެއް ނުވިއެވެ. އަލީގެ ފަހަތުން އެ ދެކުދިން ވެސް މަޑު ހިނގުމެއްގައި ގެއާދިމާލަށް ދިޔައެވެ.

އެމީހުން ދިރިއުޅޭ ގެ ހުންނަނީ ރަށުގެ މެދުގައެވެ. ދަނޑިފަން ބޭނުން ކޮށްގެން ފުރިހަމައަށް ހަދާފައި ހުރި އެ ގޭގައި, ބޭރުގެއަކާއި, އެތެރެ ގެއަކާއި, ގިފިއްޔެއް ހުރެއެވެ. މި ގެ ހިޔާކޮށްފައިވަނީ, އިރުމައްޗަށާއި ހުޅަނގަށް ވާގޮތަށް, ދަނޑިން ބަނެފައި, ފަންގިލާފައިވާ ފުރާޅަކުންނެވެ. ގޭގެ ބިއްތައް ހުރީ ދަނޑިން ބަނދެ, ސަޓާ ޖަހާފައި, އޭގެ މަތިން ފަންގެ ހަރުކޮށްފައެވެ. އެ ގޭގެ އުތުރުފަރާތުގައި މާދުރުނޫން ހިސާބެއްގައި ކާގެއަކާއި ބަދިގެއެއް ހަދާފައި ހުރެއެވެ. އެ ދެ ގެ ވެސް ހަދާފައިވަނީ ދަނޑިފަނުންނެވެ. ބިއްތަކާއި, ފަރާޅު ހުރީ ގޭގެ ބިއްތަކާއި, ފުރާޅު ހަދާފައި ހުރި ފެންވަރުގައެވެ. އަލީމެން ދިރުއުޅޭ ގޭގެ އިރުމަތީފަރާތުގައި ގެޔާ ވަރަށް ދުރުގައި ވީރާނާވަމުންދާ އާދައިގެ ދަނޑިފަނުގެ ގެއެއް ހުއްޓެވެ.  

ތިންމީހުންނަށް ގެއާއި ހިސާބަށް އާދެވުނުއިރު ގާތްގަނޑަކަށް ހަވީރު ފަހެއް ޖަހާދާނެއެވެ. ގެއަށް އައިސް އަލީ ވަނީ ބަދިގެއަށެވެ. ބަދިގޭގެ އުތުރުފަރާތުގައި މަހަށް ދިލަ އަރުވުމަށް ހަދާފައި ހުންނަ ކަހަލަގެ ދުމަށްޓެއް ހުއްޓެވެ. އެ ދުމަށީގެ ދަށުގައި އަޅިން ހަދާފައި ހުރި ދެ އުނދުން ހުއްޓެވެ. އުނދުނުގެ މަތީގައި އެއްޗެހި ކެއްކުމަށް، މުށި ދެ ތެލި ހުއްޓެވެ. ބަދިގޭގެ އެއްފަރާތުގައި މުށި ރުނބާތަކަކަށް ދިޔާހަކުރު އަޅާފައި، ހިނިފަދަ ކުދި ސުއިއްޕަށް ނުވަދެވޭނެހެން މަތީގައި ކެޔޮފަތް އޮޅާ ރޯނުން ބަނދެފައި ހުއްޓެވެ. އަލީ ގެނައި ރާގުޑިތަށް ބަދިގޭގައި، ރާގުޑި އަޅުވަން ހަދާފައިހުރި ހަރެއްގައި އެޅުވުމަށްފަހު ނިކުތެވެ. އެއިރު ފަރީޝާ އަތުގައި އޮތް ދެ ރާގުޑި ގެނެސް ކާގޭގައި އަޅުވާލުމަށްފަހު, ދެ ކުދިން ގޭގެ ކުރިމަތީގައި ހަދާފައިހުރި ޖޯލިފަތީގައި އިށީންނަނީއެވެ. ތިން ޖޯލީގެ އެ ޖޯލިފަތި ހަދާފައި ހުރީ ފަންތޮށްޓާއި ގަސްގަހުގެ ދަނޑިންނެވެ. ޖޯލިތަށް ގަތާފައިހުރީ ދިއްގާގަހުގެ ވަކައިންނެވެ.

ދެ ކުދިންނަށް ހަވީރުގަޑީގައި އެއްޗެއް ކެއުމަށް އައުމަށް ގޮވުމަށްފަހު އަލީ ވަނީ ކާގެއަށެވެ. ކާގޭގެ މެދުގައި، އޮށިން ހަދާފައި ހުރި މޭޒެއް ހުއްޓެެވެ. އެ މޭޒުގެ ދެފަރާތުގައި އޮށިން ހަދާފައިހުރި ދިގު ދެ ގޮނޑި ހުއްޓެެވެ. އަލީގޮސް މޭޒުމަތީގައި ހުރި, ކަށިކެޔޮ ފަތުން ވިޔެފައިވާ ވައްޓަކުން ހިއްކާފައިހުރި ބަނބުކެޔޮ ކޮޅެއް ނެގިއެވެ. އަދި ހަމަ އެކަހަލަގެ ވައްޓަކުން ހިއްކާފައި ހުރި ކަނޑުމަސް ވެސް ނެގި އެވެ. އެއަށްފަހު ތަށި ބެހެއްޓުމަށް ކާގޭގައި ހަދާފައިހުރި ހަރަކުން, މުށި ދެ ތަށި ނަގާފައި މޭޒުމަތީގައި ބެހެއްޓިއެވެ. އަދި ކޮންމެ ތަށްޓަކަށް ހިއްކާފައިހުރި ބަނބުކެޔޮލާއި ހިކިމަސް އެޅިއެވެ. އެއަށްފަހު މުށި ދެ ޖޯޑު ނެގުމަށްފަހު ފަރީޝާ ގެނައި ރާގުޑިއަކުން ދެ ޖޯޑަށް ރާއެޅުމަށްފަހު, މުށި ދެ ތަށި ކައިރީގައި ބެހެއްޓިއެވެ.

ފަރީޝާއާއި މޫސާ ވެސް ކާގެއަށް އައެވެ. ހުޅަނގަށް ހުރި ދިގު ގޮނޑީގައި ދެ ކުދިން އިށީނުމުން އަލީ ވެސް ދެންހުރި ގޮނޑީގައި އިށީނެވެ. ފަރީޝާއާއި އަލީ ކާން ފެށިއެވެ. މޫސާއިނީ އެމީހުން ކާތަން ބަލާށެވެ. ކެމުގެ ތެރެއިން އަލީ އެ ކުދިންނާ ވާހަކަދެއްކިއެވެ.

”ދަރިފުޅުމެންނޭ. މިހާރު ކުދެލި ބައްތި ތަކަށް އަޅާ މިޔަރުތެޔޮ ހުރީ ހުސްވާން ގާތްވެފަ. ބައްޕަ އެބަ ވިސްނަން ކައިރި ރަށަކަށް ގޮސް ދިޔާހަކުރު ވިއްކައިގެން ތެޔޮކޮޅެއް ލިބޭތޯ. މާދަމާ ވީންނު ދެކުނުގެ ރަށަކަށް ދިޔުމަށް ދަތުރު ހަދަން. ވައި ވެސް ޖެހެނީ ދެކުނުގެ ރަށްތަކަށް ދާން ފަސޭހަގޮތަކަށްނު.“ 

”އަޅުގަނޑު އެހާ ދާހިތެއްނެތް ބައްޕާ. ކޮންމެ ރަށަކަށް ދިޔަސް މީހުން އަހަރަމެންނަށް ކަންތައް ކުރަނީ އިހާނެތިކޮށެއް

ހިކި މަސްކޮޅެއް ކާލަމުން ފަރީޝާ ޖަވާބުދިނުވެ. ފަރީޝާގެ ވާހަކަ ނުނިމެނީސް އަލީގެ ކަނާތުއަތުން ރާ ޖޯޑު ނަގާފައި ރާ ފޮދެއް ބޯލުމަށް ފަހު ބުނެލިއެވެ.

”ކަނބުލޯ ފަރީޝާ. އަހަރަމެންނަށް އެމީހުން އިހާނެތިކޮށް ހިތާފިނަމަ ކަންކުރަންވީ ގޮތް ބައްޕަ ކިޔައިދިނީމެއްނުދޯ. އެހެންނޫނަސް ބައްޕައަކަށް ހިޔެއްނުވޭ ދެކުނުގެ މީހުން އެހާ ގޯސްވެދާނެ ހެނެއް.“ 

”ތިހެންވީއިރު އަޅުގަނޑުގެ މައްސަލައެއްނެތް. އެކަމަކު ކޮއްކޮ ވެސް ދަންޏާ އަޅުގަނޑު ދާނީ. މޫސާ ދާނަންތަ?

މޫސާއާދިމާއަށް ބަލާލުމަށްފަހު ފަރީޝަ އަހާލިއެވެ. އެހިނދު މަޖާ ރާގަކަށް ހިނިތުންވެލާފައި މޫސާ ޖަވާބުދިނެވެ.

”ދޮންތަ ދަންޏާ އަޅުގަނޑު ވެސް ދާނެއްއްނު ދޯ.“

މޫސާގެ އެ ޖަވާބުން އަލީގެ މޫނުމަތިން ވެސް އުފާވެރިކަން ފެނުނެވެ. ކައިނިމުމުން އަލީގެ އެދުމުގެ މަތިން ފަރީޝާއާއި މޫސާ ދިޔައީ އަތިރިއަށް އަކިރި ހޮވާށެވެ. އިރު އޮށްސުމުން ގެއަށް އަންނަގޮތަށް ސަރުތުކޮށްފައެވެ. އަލީ ދެން އަވަސްވެގަތީ ބަދިގެ ކައިރީގައިހުރި ވަޅުން ފެންނަގައިގެން ތަށިތަށް ދޮވެ ސާފު ކުރުމަށެވެ. އެއަށްފަހު ދިޔައީ ގިފިއްޔަށް ވަދެ ފެންވަރާށެވެ. 

ގިފިލީގެ އިރުމަތީ ކަނުގައި ފެންނަގަން ވަޅެއް ހަދާފައި ހުއްޓެވެ. އެވަޅު އެހާ ފުނެއްނޫނެވެ. ވަޅުގެ ވަށައިގެން ތިން ފޫޓު އުސް ތެޅިގަލުގެ ފާރެއް ރާނާފައި ހުއްޓެވެ. ފެންވަރާ ނިމިގެން އެތެރެގެއަށް ވަނެވެ. ގިފިލިން އެތެރެގެއަށް ވަންނަން ދޮރެއް ހުރެއެވެ. އެތެރެގޭގެ ހުޅަނގުފަރާތު ބިތާވީ ފަރާތުގެ, ދެކުނު ބިތުން އުތުރު ބިތައް އަންނައުނު އެޅުވުމަށް ރޯނުތަކެއް ދަމާފައި ހުއްޓެވެ. އެ ރޯނުތަކުގައި އަލީއާއި ފަރީޝާގެ އަންނައުނުތަށް އަޅުވާފައި ހުއްޓެވެ. ނަމަވެސް މޫސާގެ އެއް ވެސް އަންނައުނެއް އެ ރޯނުތަކަކު ނެތެވެ.

ރޯނުގައި އަޅުވާފައި ހުރި ހުދާއި ނޫކުލައިގެ މުންޑެއް އަލީ އަނދުނެވެ. އަދި އަޅިފުސް ކުލައިގެ ޓީޝާޓެއް އަލީ ލިއެވެ. އެއަށްފަހު އެތެރެގެއިން ނިކުމެގެން މައިގެއަށް ދިއައެވެ. މައި ގޭގެ އިރުމަތީފަރާތުގައި އޮށިން ހަދާފައިވާ ކުޑަ އެނދެއްހުއްޓެވެ. އެއަށީގެ މަތީގައި ކަށިކެޔޮފަތުން ވިޔެފައިވާ ސާންތިއަކާއި, ހުދު ކުލައިގެ ފޮތީގެ ކަންނެޔޮއަކާއި ދެބާލިސް އޮތެވެ. އެނދުގެ ބޯލާ ކޮޅުގައި އޮށިން ހަދާފައި ހުރި ތިން ގޮނޑި ބަހައްޓާފައި ހުއްޓެވެ. އަދި މައިގޭގެ ހުޅަނގު ފަރާތުގައި އޮށިން ހަދާފައިހުރި މޭޒެއް ހުއްޓެވެ. އެ މޭޒާއި ވީ ދިމާ މަތީގައި ބޮޑު ކުދެލި, މިޔަރުތެޔޮ ބައްތިއެއް އެލުވާފައި ހުއްޓެވެ. އެ ކުދެލީގެ އެތެރޭގައި އުއި ފުއްތަކެއް ކުދެލީގެ އެކި ފަރާތްތަކަށްވާހެން އެލިފައި ހުއްޓެވެ. މައިގޭގެ އުތުރު ދޮރުން ނުކުމެގެންގޮސް ގޭބޭރުގައި ހުރި ޖޯލީގައި އަލީ އިށީނެވެ. އެއިރު އިރު އޮށްސެން ގާތްވަނީއެވެ.

ފަރީޝާއާއި މޫސާ އަތިރިމަތީގައި އަކިރި ހޮވަން އުޅުނެވެ. އެއިރު އުޑުމަތީގައި ވީ ވިލާތަކުގައި ހުރީ އޮރެންޖު ކުލަ އަރާފައެވެ. ހީވަނީ އުޑުގައި ރޯވެފައި ހުރި ހެނެވެ. ނަމެވެސް އެރީތި މަންޒަރު ބަލަން ނުތިބެ އެ ދެކުދިން ގެއަށް ދިއުމަށް ހިނގައިގަތެވެ. އެކުދިންނަށް އެ މަންޒަރު ފެނިފެނި ބާވެފަ ހުރި ކަހަލައެވެ. 

ދެކުދިން ސަކަރާތުގައި ގެއާ ހިސާބަށް ދެވުނުއިރު އިރު އޮށްސި އަނދިރި ވަނީއެވެ. ގެނައި އަކިރިތަށް ބަދިގެއަށް ލުމަށްފަހު ދެކުދިން ގެއަށް ވަނެވެ. ގެއަށް ވަތްއިރު އެކުދިންގެ ބައްޕަ އިނީ މައިގޭގައެވެ. އެއިރު އަލީ އުޅުނީ މައިގޭގެ އެނދުގެ ތަންދަށުގައި ހުރި ބޮޑު ފޮއްޓެއް ނެރެގެން އެއިން އެއްޗެއް ހޯދާށެވެ. ދެކުދިން ފެނުމުން ފެންވަރަން ދާށޭ ފަރީޝާ ގާތު ބުންޏެވެ.

ފަރީޝާ ފެންވަރައިގެން ނިކުމެ ނޫ ލިބާހަކާއި ކަޅު ކަނޑިއްކެއް ލިއެވެ. އެއަށްފަހު އެތެރެގޭގައި މަޑުކުރިއެވެ. އެއިރު އަލީގެ އެހީއާއެކު މޫސާ އުޅެނީ މައިގޭގައާއި, އެތެރެގޭގައި އެލުވާފައިހުރި ބޮޑު ކުދެލި ބައްތިތަށް ދިއްލާށެވެ. މައިގޭގައި ހުރި ގޮނޑިއެއް އަލީ ގެންގޮސް ބައްތި ދަށުގައި ބެހެއްޓުމުން އެއަށް އަރާހުރެއެވެ. އެސޮރުގެ އަތުން އަލިފާން ހުޅެއް އުފެއްދުމަށްފަހު ކޮންމެ އުއި ފުކަކު ރޯކުރަމުން ދިއައެވެ. އިސާހިތަކު މައިގެއާއި އެތެރެގެ އަލިފާނުގެ އަލިން ދިއްލާލިއެވެ.

މޫސައާއި ފަރީޝާ ނިދުމަށް ހާއްސަކުރެވިިފައިވާ, އެތެރެގޭގައި ވެސް މައިގޭގައި ހުންނަ ކަހަލަގެ ދެ އެނދު ހުރެއެވެ. އެއް އެނދު ހުންނަނީ ހުޅަނގު ފަރާތުގައެެވެ. އަނެއް އެނދު ހުންނަނީ އުތުރު ފަރާތުގައެވެ. ކާގޭގައިހުރި ބައްތި ދިއްލާ ނިމުމުން މޫސާ ދިއައީ އެތެރެގެއަށެވެ. އަލީ ދެން އަވަސްވެގަތީ ރޭގަނޑުގެ ކެއުން ތައްޔާރުކުރާށެވެ.

އިޝާ ވަގުތަށް ފަހު ތިންބެއިން އެއްކޮށް ކެއުމަށް ކާގެއަށް ދިއައެވެ. މޭޒުމަތީގައި ކެއުމަށް ބަނބުކެޔޮ މޮޑެވަފައި ހުއްޓެވެ. އަލީއާއި ފަރީޝާ ކައި ނިމެންދެން މޫސާ ވެސް ކާގޭގައި އިނެވެ. މާދަމާގެ ދަތުރު ފަށަން ހަމަޖެހިފައި އޮތީ ވީހާވެސް ހެނދުނާއެވެ. މިހެންވެ ދެކުދިން ކައިނިމިގެން ދިޔައީ ނިދާށެވެ. 

ތަށިތަށް ދޮވުމަށް ފަހު, މިއަދު ގެނައި ރާތަށް ފޮނުފޮޅުވާލުމަށް ބަދިގެއަށް އަލީ ވަނެވެ. ތެޔޮބައްތިއެއްގެ އެހީގައި އުނދުން ރޯކުރުމަށްފަހު ރާކޮޅު ކުޑަކޮށް ކެކިލަންދެން ދަރު އެޅިއެވެ. އެއަށްފަހު އުނދުން ނިއްވާލުމަށްފަހު ތެލީގެ މަތިން ލަކުޑި ފިޔަނެއް ޖެހުމަށްފަހު ގެއަށްވަނެވެ. އެތެރެގެއަށް ބޯދީ ބަލާލިއިރު އެކުދިން ތިބީ ނިދާފައެވެ. އަލީވެސް ނިދޭތޯ ބެލުމަށް މައިގޭގައި ހުރި އެނދުގައި އޮށޯވެލިއެވެ. ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. ވިސްނެނީ މިއަދު ހަވީރު ވަގުތު ފެނުނު ރިޔާ ދޯނި އެދިޔަ ރަށާއި މެދުއެވެ. އިރު ކޮޅަކު ވިސްނަން އޮވެފައި އެނދުން ތެދުވިއެވެ. އަދި އެނދު ތަންދަށުގައިހުރި ފޮށިން ކަށިކެޔޮފަތްތަކެއް އެއްފަތާއި އަނެއްފަތް ގުޅުވައިގެން ހަދާފައިއޮތް ދިގު ޗާޓެއް ނެގިއެވެ. ދިވެހި ރާއްޖޭގެ ޗާޓެކެވެ.

އެ ޗާޓު ހިފައިގެން ގޮސް މައިގޭގައި ހުރި މޭޒުމަތީގައި އެ ޗާޓު ފަތުރާލިއެވެ. އަދި ނާއިންފަރުން ގާތްގަނޑަކަށް 27 ކިލޯމީޓަރު ދުރުގައިވާ އަލީފުށީގައި އިނގިލި ޖެއްސިއެވެ. އަދި ދިގު ދެލިގަނޑެއް ނަގައި އެރަށުގައި ބޮޅެއް އަޅާލިއެެވެ. އެޗާޓަށް ނަޒަރު ހިންގާލުމުން ފެނިގެން ދިޔައީ ށ އަތޮޅުގެ ވަރަށް ގިނަ ރަށްތަކުގައި ކަޅުދެލިން ބޮޅު އެޅުމަށްފަހު ރަސްގެ ފާހަގަ ޖަހާފައި ހުރި ތަނެވެ. އަލީ އެ ޗާޓު އޮޅާލުމަށްފަހު އަނބުރާ ފޮށީގެ ތެރެއަށް ލިއެވެ. އެއަށްފަހު ނިދޭތޯ, އެނދުގައި އޮށޯތެވެ. އިސާހިތަކު އޭނައަށްވެސް ނިދުނެވެ.

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!