“އަޅެ ނަން ބުނެބަލަ..” ޔަޤީން ކުރަން ލަމާން ބޭނުންވިއެވެ.”ފަހުން ބުނާނަން.. ބުންޏަސް ލަމާންއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތްހެން ހީވަނީ.” ނީކިޔާ އިސްޖަހާލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.”އަޅޭ އެހެންތަ.. އިރާދަކުރެއްވިޔާ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން.. ޑޯންޓް ވޮރީ ނީކް..” ލަމާން ހިތަށް ތަދުވަމުން ދިޔަ ނަމަވެސް ހިނިތުންވެލިއެވެ. ޝައްކު ކުރެވުނަސް ޔަޤީން ނުވާތީ ލަމާން ވެސް ހިތް ނުތަނަވަސް ވިއެވެ.”އަސްލު ވެސް އެ އަންހެން ކުއްޖާ ލަމާން ދެކެ ލައިކް ވާނެ.. އައި ބެގް.. ތިހާ ރީތި ކުއްޖަކަށް ކާކު އިގްނޯރ ކުރާނީ..” ގަދަކަމުން ނީކިޔާ ހީލިއެވެ. ހިސާބަކުން ނީކިޔާއަށް ވެސް ޝައްކު ވާންފެށިއެވެ.”އެ އަންހެން ކުއްޖާ ލައިކް ވާ ކަމާ މެދު ޝައްކު އަސްލު.. އެހާ ކްލޯޒްކޮށް އުޅޭއިރު ވެސް ފާހަގަ ނުވާތީ ވަރަށް ދެރަވޭ..” ލަމާން ދުރު ބަލާލިއެވެ.”ލައްމު ވެސް އެކުއްޖާގެ ނޭމް ބުނެބަލަ..” ނީކިޔާ ނުތަނަވަސްކަމާ އެކީ އެދުނެވެ.”ނީކް ބުނީމަ ބުނާނަމޭ.. ކޮން އިރަކު ނީކް މަށަށް ލައްމު ކިޔަން ފެށީ..” ފާޑަކަށް ލަމާން އަހާލިއެވެ.”ނުކްމެން ކިޔާތީ ކިޔެނީ.. އެމީހުން ކައިރީ ބުނެފަ އިންނާނީ މާނުއާ އޭ ވާހަކަ ދައްކަނީ..ނޭނގޭނު ކާކު ކަމެއް..” ހެމުން ނީކިޔާ ކޮޅަށް ތެދުވިއެވެ.”ދަނީއޭ އިނގޭ.. ޓޭކް ކެއަރ ލޯބި..” އަބަދުވެސް ސަމާސާ ކުރާހެން ލަމާން އެއްލޯ މަރާލަމުން ހިނގައިގަތެވެ. އެމީހުންނަށް ނޭނގުނު ކަމަކީ ސުދާއަށް އެ ދެއްކި ވާހަކަތައް އަޑު އިވުނު ކަމެވެ.

**22 ވަނަ ޕާޓު**

ނުކްޝާން ލެޕްޓޮޕް ނަގައިގެން އައިސް އިށީނީ މޭޒު ކައިރީގައެވެ. ހަމްނާ އޮންލައިންގައި އިންތަން ފެނުމުން ހައި ޖަހާލީ ފޫހިވާތީއެވެ. މިނެޓެއް ތެރޭ ލިޕްލައި އައެވެ. ދެމީހުން ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު ޔަމްހާ މާޔޫސް ކަމާއެކު ނުކްޝާން އަށް ބަލަން އިނެވެ. ހެޑްސެޓްއިން އިވެމުން ދިޔަ ލަވައަށް ވުރެ ޔަމްހާ އަށް ސަމާލުކަން ދެވިފައިވަނީ ނުކްޝާން އަށެވެ. ހަމްނާ އާއި ވާހަކަ ދައްކާއިރު ނުކްޝާން ހެވިފައި އިންނަގޮތުން ޔަމްހާގެ ހިތަށް ފިނިކަން ލިބެއެވެ. ނަމަވެސް ޔަމްހާ އާއި ވާހަކަ ދައްކާއިރު ރުޅިއައިސްފައި ހަޅޭއްލަވާ ހަދާއިރު އެންމެ ފަހަރަކު ވެސް ހިނިތުންވެފައިހުންނަ ތަނެއް ނުފެނެއެވެ. ކުށް ކުރެވުނީ އަމިއްލައަށްކަން ޔަމްހާ ޤަބޫލު ކުރެއެވެ. މަޢާފަށް އެދުނަސް ފުރިހަމަ ވާނީ މަޢާފު ލިބިގެންތާއެވެ. މަޢާފަށް އެދޭ ކޮންމެ ފަހަރަކު މޫނު އަނބުރާލައިފައި ނުކްޝާން ދާ ގޮތުން ޔަމްހާއަށް ހީވަނީ ހިތް ކަފާ ކުދިކޮށްލާހެންނެވެ. ކިތަންމެ ފަހަރަކު އަމިއްލަ ދިފާއުގައި ވާހަކަ ދައްކަން މަސައްކަތް ކުރެއެވެ. ނުކްޝާން ހަޅޭއްލަވާ ކޮންމެފަހަރެކު ހިތަށް ލިބޭ ޒަހަމްތައް ހަނދާންވެ ވާހަކަ ދައްކަން ވެސް ޔަމްހާއަށް ނުކެރެނީއެވެ.

ސުދާ އިންސްޓަގްރާމް ހާވަނިކޮށް “ނީ_ޝީ” ޖަހާފައި އިން އެކައުންޓެއް ފެނުނެވެ. ޕްރޮފައިލް ފޮޓޯއަކަށް ދޮން ރީތި އަންހެން ކުއްޖެއް ކޮޅަށް ހުރި އިރު ގްރޭ ކުލައިގެ ލެންސްއެއް ލޮލަށް ލައްވާފައި އިނެވެ. ކުރުކޮށް ކޮށާލައިފައިވާ ފަން އިސްތަށިގަނޑު އަރަނީ ކޮނޑާ ހިސާބަށެވެ ރަތްކުލައިގެ ތުނި ޓޮޕަކާއި ނޫކުލައިގެ ބާރު ޖީންސް އެއްގައި އެކުއްޖާ ނުލާހިކު ރީއްޗެވެ. އެ ކުއްޖާ އާއި އެކުވެރި ވާހިތުން ސުދާ ވަގުތުން ފޮލޯ ކޮށްލިއެވެ. ސުދާ ބޭނުން ވަނީ ރީތި މަޝްހޫރު އަދި މުއްސަނދި އެކުވެރިންނެވެ. ލަސްތަކެއްނުވެ އެކުއްޖާ ފޮލޯ ބެކް ކޮށްފިއެވެ.”ހައި” ސުދާ ލިޔެލިއެވެ.”ހެއި” އެކުއްޖާ ސިކުންތެއް ނުވަނީސް ޖަވާބު ދިނެވެ. ސުދާ ދެން އެދުނީ “ނީ_ޝީ” އަކީ ކާކުކަން ބުނެދިނުމަށެވެ.”ނީޝާ ، އުމުރަކީ 23 ، ކ.މާލެ ވަޓް އެބައުޓް ޔޫ” ނީޝާގެ ޖަވާބު ފެނުމުން ސުދާ ހީލިއެވެ.”ސުދާ ، 24 ، ކ.މާލެ” ނީޝާ ދެން ވެސް އިތުރު ސުވާލުތައް ކުރަން ފެށިއެވެ. ސުދާ ތެދުވެރިކަމާ އެކީ ޖަވާބު ދެމުން ދިޔައީ ނީޝާ އަކީ ރަނގަޅު ކުއްޖެއްހެން ހީވަތީއެވެ.

އަނެއް ދުވަހު ޔަމްހާ ފެންވަރައިގެން އަވަސް އަވަހަށް ސައި ހަދަން ފެށިއެވެ. ނުކްޝާން މެން ނިކުންނަން ވާއިރަށް ސައި ހެދުނީ ކިރިޔާއެވެ.”ޔޫޝައު ކޮބާތަ؟” ސައި ބޮމުން ނީކިޔާ އެހިއެވެ.”އޭނަ ވަރަށް ނިދި ގަދަ ވާނެ..” ނުކްޝާން ޖަވާބު ދިނެވެ. ޔަމްހާ އެއްޗެކޭ ނުބުނެ ސައި ބޮއި ނިންމާލައިގެން ތަށިތައް ނަގާ ދޮވުނެވެ.”ހަނދާން ކުރާތި.. އިއްޔަ ކުރިކަހަލަ ޝަކުވާއެއް ކޮށްފިއްޔާ ނިމުނީ..” ޔަމްހާ ކާގެއިން ނިކުންނަން ދަނިކޮށް ނުކްޝާން މަޑުމަޑުން އިންޒާރެއް ދިނެވެ. ގޮތްހުސްވެފައިވާ ފަދައަކުން ބޯ ޖަހާލާފައި ޔަމްހާ ކޮޓަރިއަށް ވަނެވެ. ނީކިޔާ އާއި ނުކްޝާން ދިއުމުން އަނެއްކާ ވެސް ޔޫޝައު ކޮޓަރިން ނިކުމެ ޔަމްހާއަށް ގޮވަން ފެށިއެވެ. ނުކްޝާންގެ އިންޒާރު މަތިން ހަނދާންވުމުން ބިރުން ހުރެވެސް ޔަމްހާ ނިކުތެވެ. އިއްޔަ އެކޭ އެއްގޮތަށް މިއަދު ވެސް ޔޫޝައު ހުރީ ހަމަ އެކަނި ސޯޓެއްގައެވެ. ޔަމްހާ ފެނުންތަނާ ޔޫޝައު ހެވިފައި އައިސް ބައްދާލިއެވެ.

“މަގޭ ގައިގަ އަތް ނުލާބަލަ ޔޫޝައު.. ވީ ކަމެއް ވެ ނިމިއްޖެ ނޫންތަ.. ދެން ޔޫޝައު ވެސް މަށަށް މަޢާފު ކޮށްފަ އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދޭބަލަ އެހެން މީހުންގެ ދިރިއުޅުން ހަލާކު ނުކޮށް..” ޔޫޝައު މޭގައި އަޅާ ކޮށްޕާލަމުން ޔަމްހާ ބުންޏެވެ.”ތީ ހަމަ އަސްލު ވެސް ޔަމްހާތަ.. މަގޭ ކުރިމަތީގައި ތިގޮތަށް ވާހަކަ ދައްކަން ކެރޭތީ ހަމަ އަޖައިބު ވަން..” ޔޫޝައު މޭގައި ފިރުމާލިއެވެ.”ޤަބޫލު ނުކުރެވުނަސް މީ ޔަމްހާ.. ތިގޮތަށް ބަދަލު ހިފައިގެން ދުވަހަކު ވެސް ފައިދާއެއް ނުލިބޭނެ.. އެންމެ ރަނގަޅު ގޮތަކީ މައާފު ކުރުން..” ޔަމްހާ ޔޫޝައު އަށް ބަލަން ހުރެ ބުންޏެވެ.”ޔަމްހާ އަކަށް ނޫނޭ އިނގޭނީ މަގޭ ހިތަށް ލިބުނު ޒަހަމް ތަކެއް ކަލެއާ ހެދި..ކަލޭ ކުރީ މަޢާފު ކުރެވޭ ވަރުގެ ކުށެއް ނޫން.. އެކަން ހަނދާން ނެތުނީތަ..” ޔޫޝައު އަޑު ބެދުނެވެ.”މަށަށް އޭގެ އަދަބު ލިބިއްޖެއޭ ޔޫޝައު.. ޕްލީޒް ދެން ދޭބަލަ..” ޔަމްހާއަށް މާޒީގެ ސަފުހާތައް ހަނދާން ވާން ފެށުމުން ރޮވުނެވެ.”ނުދާނަން.. އަޑު އިވިއްޖެތަ؟؟ނުދާނަން!” ފެންކަޅިވެފައި ވާ ހާލު ޔޫޝައު ދެބުމަ ގޮށްޖަހާލިއެވެ. ޔަމްހާ މޫނުގައި އަތް އަޅާފައި ސޯފާގައި އިށީނެވެ. އަމިއްލަ ނަފްސު ވެސް ދިޔައީ ޔަމްހާއަށް މަލާމާތް ކުރަމުންނެވެ. އަމިއްލައަށް ވެސް ޔޫޝައު ބުނި ވާހަކަތައް ޤަބޫލު ކުރެވެއެވެ. އޭނަ ކުރީ މަޢާފު ކުރެވޭ ވަރު ކުށެއް ނޫނެވެ. އޭނައަށް މަޢާފު ހައްގެއް ވެސް ނޫނެވެ.

“ކަލޭތަ ނޫނީ މަ ތަ ރޯންޖެހޭނީ..” ޔޫޝައު އައިސް ޔަމްހާގެ އިސްތަށިގަނޑުގައި ހިފާލިއެވެ.”ޔޫޝައު..” ރޮމުން ޔަމްހާ ގޮވާލިއެވެ. ޔޫޝައުގެ ވާތު ލޮލުން އެވަގުތު ކަރުނަ ތިއްކެއް ވެއްޓުނެވެ.”ޔޫޝައު..ޕްލީޒް އަހަރެންނަށް މަޢާފު ކޮށްދީ ޔޫޝައު.. ހެޔޮނުވާނެ..” ޔަމްހާ ހުއްޓުމެއްނެތި އެދެމުން ދިޔައެވެ.”ހާދަ ހެއްވައޭ.. ކަލޭ އެހުރިހާ ކަމެއް ކޮށްފަ މަޢާފަށް އެދޭއިރު ހިތަކަށް ނާރާ ދޯ އެހެން މީހުން ދެރަވާނެ ވަރެއް.. މަ ގޮސް ކަލެއަށް ހަމަ އެހެން ހަދާ ފިއްޔާ ކިހިނެއް ކަލޭ ކަންތައް ކުރާނީ އެނ؟؟” ޔޫޝައު ޔަމްހާ ސޯފާއާއި ދިމާއަށް ކޮށްޕާލިއެވެ.”ޖަވާބަކީ ހަމަ މިގޮތަށް.. ދޮގެކޭ ނުބުނެވޭނެ..” ޔޫޝައު މޫނުމަތިން ސިކުންތަކަށް ހިތާމަވެރިކަން ފެނުނެވެ. އަނެއްކާ ވެސް ކުޅަދާނަކަމާއެކު އެކަން ފޮރުވާލަމުން ޔޫޝައު ރުޅިވެރިކަން އިސްކުރިއެވެ. ޔޫޝައު އާއި ނުކްޝާން ހާސްބައި ތަފާތެވެ. ޔޫޝައުއަށް ރުޅި ކޮންޓްރޯލް ނުކުރެވިގެން ޔަމްހާއަށް ކޮންމެ ގޮތެއް ހެދުނަސް މައްސަލައެއް ނެތެވެ. ނަމަވެސް ނުކްޝާން ވީ ވަރަކުން ރުޅި ކޮންޓްރޯލް ކުރެއެވެ. އެއީ ޔަމްހާގެ މާޒީ އަދި ނޭނގޭތީއޭ ޔަމްހާގެ ހިތް ބުނަން ފެށިއެވެ. އިތުރަށް ލަސްކުރުމެއް ނެތި ޔޫޝައު ބަދަލު ހިފަން ކައިރިވާން ފެށިއެވެ. ނަމަވެސް ޔަމްހާ ހަޅޭއްލަވައި ގަނެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލާ ތަންޑު ވެސް އެޅުވިއެވެ. އޭރުވެސް ކަރުނަތައް ފައިބަމުން ދިޔައެވެ.

ނުކްޝާން މެން އަންނަންދެން ވެސް އެމީހުން އެ ތިބި ތާނގައި ތިބި ގޮތަކަށް ތިއްބެވެ.”އޭއި ކަމެއް ގޯސްވީތަ..” ގެއަށް ވަތް އިރު ޔޫޝައުގެ މޫނުމަތިން ސީރިއަސްކަން ފެނުމުން ނުކްޝާން އަށް އަހާލެވުނެވެ.”ނޫނޭ ކަމެއް ނުވޭ..” ހަޤީގަތް ބުނަން އުޅެފައި ވެސް ނުކްޝާން އާއި ނީކިޔާ ބަދަލު ހިފަންދެން ނުހުންނާނެކަން އިނގުމުން އެވާހަކަ ބާއްވާލީއެވެ.”ބޮލުގަ ރިއްސާވަރުން މިއުޅެނީ..” ޔޫޝައު ތެދުވެގެން ގޮސް ކާގެއަށް ވަނެވެ. ނުކްޝާން ބޭސް ގުޅައެއް ދީފައި ކޮޓަރިއަށް ވަންނަން ދިޔައެވެ.”ޔަމްހާ..” ނުކްޝާން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެތެރޭގައި އިން ޔަމްހާއަށް ނުކްޝާންމެން އައިކަން އިނގުނީވެސް އަދި ކިރިޔާއެވެ. އަދި މިއަދު ސައި ނުހެދޭކަން އިނގުމުން އަވަސް އަވަހަށް ގޮސް ދޮރު ހުޅުވާލާފައި ބަދިގެއަށް ދާން މިސްރާބު ޖެހިއެވެ. ނުކްޝާން އަށް ޔަމްހާގެ ލޯ ރަތްވެފައި ހުރިތަން ފެނުނު ނަމަވެސް އަޅާ ނުލައި ގޮސް ފާޚާނާއަށް ވަނެވެ.

“މިއަދު ސައި ނުހެދުނީތަ ޔަމް..” ހިނިތުންވަމުން ކާގެއަށް ވަދެގެން އައި ނީކިޔާ އެހިއެވެ.”ހޫމް.. ބަނޑަށް ތަދުވާތީ މިއަދު ނުތެދުވެވުނީ..” ސޭންޑްވިޗް ހަދަމުން ޔަމްހާ ބުންޏެވެ.”އުޅޭ ގެޓް ވެލް ސޫން.. ތިހެންވީރު ދައްކާ މަ ހަދާފާނަން..” ނީކިޔާ ޔަމްހާގެ ކޮނޑުގައި އަތް އަޅާލިއެވެ.”ނޫނޭ ނީކް މަޑުކުރޭ މި ނިމެނީ..” ޔަމްހާ ދެކޮޅު ހަދާލިއެވެ. ނީކިޔާ އޯކޭއޭ ބުނެފައި ޔަމްހާއަށް އެހީވާންފެށިއެވެ. ދެމީހުންވެގެން ސައި ހަދާ ނިންމާލާފައި ނުކްޝާން މެން އައުމުން ކާންފެށިއެވެ. ކުރިއެކޭ އެއްގޮތަށް ޔޫޝައު މިފަހަރު ވެސް އަނގަ ގަދައެވެ. ޔަމްހާ ހީކުރީ މިއަދު އެކަންތައް ހަނދާންވުމުން ޔޫޝައު މަޑުން އިންނާނެ ކަމަށެވެ. ނަމަވެސް ހިތާމަވެރިކަމުގެ ކުލަވަރެއް ވެސް އެ މޫނު މައްޗަކު ނެތެވެ. ޔޫޝައު ޔަމްހާ ހީކުރި ވަރަށްވުރެ ހިތްވަރު ގަދައެވެ. ސައި ނިންމާލާފައި ބޭރަށް ނިކުތް އިރު ލަމާން ސައިކަލު މަތީގައި އިނެވެ.”އައްދެ.. އަންގާ ވެސް ނުލާ ތި އައި އޯ..” ނުކްޝާން ބުމަ އަރުވާލިއެވެ.”ދެން މިގެއަށް ނާދެވެނީތަ ނުބުނެ..” ލަމާން ސިހިފައި ޖަވާބު ދިނެވެ. ހަޤީގަތުގައި ލަމާން ބޭނުންވީ ނީކިޔާ ދެކިލަންށެވެ.”ނޫނޭ..ހިނގާބަލަ ކޮންމެވެސް ކަމެއް ކުރަން.. ފޯނު އެބޮތް ތަ ޔޫޝައު..” ނުކްޝާން ޖޯލީގައި އިށީނެވެ.”ޗާޖަށް ޖަހާފަ މި އައީ.. ޕަބްޖީ ކުޅެން ވީ ދޯ..” ޔޫޝައު ބޯ ހޫރާލިއެވެ.”ހޫމް ދެން އަޅާ ނުލާ..” ނުކްޝާން އިސްތަށިގަނޑު ރީތިކޮށްލިއެވެ.

ގާއިޒް.. އައި މޭޑް އަ ނިއު ފްރެންޑް.. ޝީ އިޒް އިވިލް އޭޒް މީ..” ޕޫލެއް ކައިރީގައި ނީޝާ އިށީންނަމުން ހެވިފައި ބުންޏެވެ. އޭރު ސްރީލަންކާގެ ފިރިހެނެއް ނީޝާ ކައިރީގައި އިށީނދެ އިނެވެ. ބަނޑު ހާމައަށް އޮތް ޓޮޕްކޮޅަކާއި ފަލަމަސްގަނޑާއި ހަމައަށް އަރާ ސޯޓު ކޮޅެއްގައި ނީޝާގެ ހަށިގަނޑުގައި އަންނައުނެއް ނެތޭ އެއްފަދައެވެ. ސަމްހާ އާދައިގެ ޓީޝާޓަކާއި ޓައިޓެއް ލައިގެން އިން އިރު ނިމާން އިނީ އަތްކުރު ގަމީހަކާއި ސޯޓެއްގައެވެ.”ތިއޮތީ ވެފަ އެއްނު..ދެން އަހަރެމެން ދޫކޮށްލަން އުޅޭ..” ސަމްހާ ރާގަކަށް އެހެން ބުނެފައި ފޯނަށް ބަލާލިއެވެ.”ނޯޕް.. އިނގޭތަ އޭނާ ވެސް ބޭނުން ވަނީ ނުކްޝާން.. މަ ނުބުނަން މަ ވެސް ލައިކް ވަނީ ނުކްޝާން އެކޭ.. އޭނަ މި ޕްލޭން ތެރެއަށް ވައްދާފަ މަށަށް ނުކްޝާން ލިބުނީމަ އޭނަގެ ބޭނުން ދިޔައީ.. މިހުރިހާ ދުވަހަކު ވެސް އެކަހަލަ މީހެއް ފެނޭތޯ މި އުޅުނީ.. ނަސީބު ވެސް މަގޭ އަތުގަ ހިފީ..” ނީޝާ ފޮނި ގޮތަކަށް ތުން ދަމާލިއެވެ. ނިމާން ވީ ފޫހިން ކަޅި މައްޗަށް ހިންގާލިއެވެ. އިރުކޮޅެއް ނުވެ އެ ފިރިހެން މީހާ ގައިގައި ތަތްވެގެން ނީޝާ ޕޫލަށް ފުންމާލިއެވެ. ސަމްހާ އާއި ނިމާން އެދިމާ ނުބަލަން ވެގެން އަމިއްލަ ވާހަކައެއް ފަށައިގެން ފޯނާއި ކުޅެން ފެށިއެވެ.

ސުދާ ރީތިވެގެން ގެއިން ނިކުތީ އުފަލުން ފޮޅިފައެވެ. ނިޝާ ވެސް ބޭނުން ވަނީ ނުކްޝާންގެ އާއިލާގައި ހަމަނުޖެހުން އުފައްދަންކަން އިނގުމުންނެވެ. އަދި ޚާއްޞަކޮށް ނީޝާގެ ޕްލޭންގައި އޭނަ ހިމަނާނެ ވާހަކަ ބުނުމުންނެވެ. ސުދާ ހެވިފައި ކައިރީ ފިހާރައަކަށް ވަދެ މެގްނަމަކާއި ކޮފީ ދަޅެއް ގަނެގެން ބީޗަށް ދާން ހިނގައިގަތެވެ. ލަސްތަކެއްނުވެ ނުކްޝާން އޭނާއަށް ލިބޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް މިއީ އެޅޭ ކަތި ފިޔަވަޅެއްކަމެއް ސުދާއަށް ރޭކާ ވެސް ނުލައެވެ. އެއަށްވުރެ ބޮޑަށް ނިޝާ ވަނީ އޭނަގެ ސިކުނޑިއަށް ވެރިވެގެންފައެވެ.

“ރުއީތަ..” ޓީވީ ހުޅުވާލަމުން ނީކިޔާ ދެބުމަ ކައިރިކޮށްލިއެވެ. ނީކިޔާ އަށް ޔަމްހާގެ މޫނަށް ރަނގަޅަށް ބަލާލެވުނީ އަދި ކިރިޔާއެވެ.”ނޫން.” ޔަމްހާ އަތުގައި އޮތް އައިސްކްރީމް ތަށި މޭޒުމަތީގައި ބަހައްޓާލިއެވެ.”ނޫން ބުނޭ ކިހިނެއްވީ..” ނީކިޔާ ރިމޯޓް ހިފައިގެން އައިސް ޔަމްހާ ކައިރީގައި އިށީނެވެ.”ބަ.. ބަނޑަށް ތަދުވާތީ ރޮވުނީއޭ..” ޔަމްހާ ދޮގު ހެދިއެވެ. ނީކިޔާ ޝައްކެއްގެ މަތީގައި އިނދެފައި ޤަބޫލު ކުރީ ޔަމްހާއަށް އިތުބާރު ކުރާތީއެވެ.”ކޮންކަހަލަ ފިލްމެއް ބަލާނީ.. ބިރުވެރި ދޯ..” ނީކިޔާ އެހިއެވެ. ޔަމްހާ ބޯ ޖަހާލާފައި އައިސްކްރީމް ބޯންފެށިއެވެ.

ފިލްމް ނިމުމުން ޔަމްހާ ޓީވީ ނިވާލާފައި ކޮޓަރިއަށް ވަނެވެ. އޭރު ނުކްޝާން އަތުގައި އަތް އަޅައިގެން ހުއްޓެވެ. ހީވާގޮތުން އަތް ފިހުނީއެވެ. އަވަސް އަވަހަށް ޔަމްހާ ފަސްޓް އެއިޑް ބޮކްސް ހިފައިގެން ގޮސް ނުކްޝާން ކުރިމަތީގައި ހުއްޓި އެ ދޮން އޮމާން އަތުގައި ހިފާލިއެވެ.”އޭއި އޭއި ތީ ކޮންކަމެއް..” ނުކްޝާން ނުރުހިފައި ދުރުވިއެވެ.”ނުކްޝާން އަތް ތިއޮތީ ފިހިފަނޫންތަ..ދައްކަބަލަ ބޭސް އަޅަން..” ފުރަތަމަ ފަހަރަށް ޔަމްހާއަށް އެގޮތަށް ވާހަކަ ދެއްކުނެވެ.”ކަލެއަށް ކޮން ބަލާއެއް މަށަށް ކޮންމެ ގޮތެއް ވިޔަސް.. ހުއްދަ އާއި ނުލައި މަ ގައިގަ އަތް ނުލާތި..” ނުކްޝާން އެހެން ބުނެފައި ކޮޓަރިން ނުކުމެގެން ދިޔައެވެ. ޔަމްހާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނުކްޝާން އޭނަ ގައިގަ އެގޮތަށް އަތް ލިޔަސް އޭނަ ނުކްޝާން ގައިގައި އަތްލަންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ވެސް ޔޫޝައު ހަނދާން ކޮށްދިން މާޒީ ހިތަށް އެރުމާއެކު ރޮއިގަންނަމުން މޭޒުމަތީގައި އޮތް ކަތުރު އަތަށް ހަރާލިއެވެ. ޔޫޝައު މިއަދު އެ ހިތި މާޒީގެ ހަނދާން އާކޮށް ނުދިންނަމައެވެ. އެއޮށް ވަރުން ހަނދާން ނައްތާލަން ކުރި މަސައްކަތް އަލުން މިޖެހުނީ އާފެށުމަކުން ފަށާށެވެ.

ރޮމުން ބިންމައްޗަށް ތިރިވެނު އިރު ވެސް އެ ކަތުރު އަތާއި ދިމާގައި އިނެވެ. އެއްކަމެއް ވެސް ކުރާހިތެއް ވެސް ނެތެވެ. މިތާ އޮށޯވެ އޮންނަން ވީއެވެ. ހަމަ ގައިމުވެސް ނުކްޝާން އަޅައެއް ނުލާނެ އެވެ. ދެން އޭނަ މިތާ ނިމިގެން ގޮސްދާނެ ނޫން ހެއްޔެވެ؟ އެކަހަލަ ޚިޔާލު ތަކެއްގައި ޔަމްހާ ހުއްޓައި ނުކްޝާން އަލުން ވަދުނެވެ.”އަނެއްކާ އަނެއް ކަންތައް.. ކާކު ބުނެގެން މިހާރު އަތަށް ކަތުރު ހެރީ؟” ދެލޯ ބޮޑު ކޮށްލާފައި ނުކްޝާން ޔަމްހާއަށް ބަލާލިއެވެ.”ނީކް.. ވަރަށް އަވަހަށް އާދެބަލަ..” ޔަމްހާއާއި ދެވަނަ ފަހަރަށް ކައިރި ނުވާންވެގެން ނުކްޝާން ނީކިޔާއަށް ގޮވާލިއެވެ. އެގޮތަށް އިންދަ ކައިރި ވެއްޖެޔާ ޔަމްހާ ނުބައި މާނައެއް ނަގާފާނެތީއެވެ. އަވަސް އަރުވާލައިގެން ނީކިޔާ އައެވެ.”ޔަމްމް!!..” ސިހިފައި ނީކިޔާ ހަޅޭއްލަވައި ގަތެވެ. ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ޔަމްހާ ގޮވައިގެން ހޮސްޕިޓަލަށް ދާން ނީކިޔާ މިސްރާބު ޖެހިއެވެ. ނުކްޝާން ދެކޮނޑު އަރުވާލާފައި ޓިޝޫ އަކުން ލޭތައް ސާފުކޮށް ކޮޓަރީގައި ހުރީ ކުޑަ ޑަސްބިނަށް ލިއެވެ.

“ޔަމް މޮޔަވީތަ.. ކީއްވެގެން އެހެން ހެދީ.. ކާކު ބުނީ.. ނުކްޝާންތަ.. އެހެން ހަދާކަށް ނުވާނެއްނު..” ހޮސްޕިޓަލުން ގެއަށް އައި މަގުމަތީގައި ނީކިޔާގެ ސުވާލުތަކާ ޔަމްހާއަށް ކުރިމަތިލާން ޖެހުނެވެ.”ކަމެއް ނުވޭ..” ޔަމްހާ ހިނިތުންވެލިއެވެ.”ބަޓް.. ދެން އެކަހަލަ ކަމެއް ނުކުރާތި ޕްލީޒް..” ނީކިޔާ ތުން ފިއްތާލިއެވެ.”ހޫމް.” ހިނިތުންވުމުގައި ހުރެ ޔަމްހާ ޖަވާބު ދިނެވެ.”އެނީވޭސް އިނގޭތަ.. ނަވް މެން އަންނަން އެބަ އުޅޭ..” ނީކިޔާ އުފަލުން ބުންޏެވެ.”އަސްލު؟؟އަޅޭ ކޮން އިރަކުން؟؟” ޔަމްހާ ހިތް އުފަލުން ނަށާލިއެވެ. ދެން ޔޫޝައު އާ އެކީ އެކަނި އުޅޭކަށް ނުޖެހޭނެތާއެވެ.”ނޭނގެ.. އައި ތިންކް ނެކްސްޓް ވީކް ހޯމަ ހާއިރު.. މިއަދު މީ ހޮނިހިރެއްނު.. އަދި ދެ ދުވަހެއް އެބަ އޮތް..” ވިސްނާލަމުން ނީކިޔާ ޖަވާބުދިނެވެ.”ހެއި ނީކް.. މީޓް މީ އެޓް ކިޑްސް ޕާރކް.” ގެއަށް ވަދެވަދެ ހުއްޓައި ލަމާން މެސެޖް ކޮށްލިއެވެ. ހިތް އަވަސް ވެފައި ހުރެ ނީކިޔާ ހިނގައިގަތީ ލަމާން އެބުނާ ތަނަކަށް ދިއުމަށެވެ.
– ނުނިމޭ –

44

2 Comments

 1. @RAMSHA

  October 12, 2021 at 1:11 pm

  V salhi mi part vx.. Mashaa ﷲ
  Waiting for the next..

 2. Aminath Mai zer

  October 13, 2021 at 10:16 pm

  Love this part also
  U R the best 💓💖💚💖💖💓😍

Comments are closed.