“އަސްލު ނަސީބެއް ދޯ ޔޫޝައު އައިކަން ވެސް.. އަހަރެމެން ދެމީހުން ދާއިރު ޔަމް ހުންނަނީ ގޭގަ އެކަނި ފޫހިވެފަ..” ނީކިޔާ ހީލިއެވެ.”ދެން ނުޖެހޭނެއޭ ފޫހިވާކަށް ހެހެ..” ބޭނުންވާ ކަމެއް ކާމިޔާބު ވީފަދަ ހިނިތުންވުމެއް ހިނދުކޮޅަކަށް ޔޫޝައުގެ މޫނުމަތިން ފެނުނެވެ.”އޭ ހަމް ކޮބާތަ..” ނީކިޔާ ކުއްލިއަކަށް ހުރެފަ އަހާލި ސުވާލުން ޔަމްހާ ވެސް ޝައުގުވެރިވިއެވެ.”އޭނަ..އޭނަ ވީ މަގޭ ފްރެންޑެއްގެ ގޭގަ.. ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ އަސްލުގެއަށް ޗޭންޖް ވާނެ..” ނުކްޝާން ޖަވާބު ދިނެވެ. އެ ޖަވާބުން ވެސް ޔަމްހާ އަށް ނެގުނީ ނުބައި މާނައެކެވެ. ކޮންމެ ދުވަހަކު އެކުވެރިއަކާ ބައްދަލު ކޮށްލަންށޭ ކިޔާފައި ހަމްނާ ކައިރިއަށް ގޮސްދާނެ އެވެ. ޖެހިލުންވެފައި އިން ޔަމްހާ އިންތަނުން ތެދުވެގެން ހިނގައިގަތެވެ. ކިތަންމެ ބޭނުން ވިޔަސް ނުކްޝާންގެ ފަރާތުން ޔަމްހާއަށް ލިބޭނެ ރައްކާތެރިކަމެއް ނެތެވެ.”ޔަމްހާ..” ސިހިފައި ޔަމްހާ ހުއްޓުނީ ޔޫޝައު ގޮވާލުމުންނެވެ.

 

**21 ވަނަ ޕާޓު**

 

މީހުން ކުރިމަތީގައި އެގޮތަށް ގޮވަން ކެރެންޏާ އަދި ކިހާ ވަރެއް ކޮށްލާނެ ބާއޭ ޔަމްހާގެ ހިތަށް އެރިއެވެ.”ކީއްވެ ރަނގަޅަށް ނުކައި ތި ދަނީ..” ޔޫޝައު ކޮށްލީ ޔަމްހާ ހީ ނުކުރާ ސުވާލެކެވެ.”ބަނޑު ފުރިއްޖެ..” އެންމެ ސިކުންތެއްވެސް ބޭކާރުކޮށްނުލާ ޔަމްހާ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ޔަމްހާ ދިއުމުން ނުކްޝާން ހިތްހަމަ ޖެހިފައި ގޮނޑީގައި ލެނގިލިއެވެ.”ޔަމް ދިޔައީމަ ދެން ނުކް ވެސް ނުކާނީ ދޯ..” ޔޫޝައު އެހިއެވެ. ނުކްޝާން ނޫނެކޭ ބުނެ ފެންތަށި ބޯލިއެވެ. ކާ ހިތެއް ނެތް.. އޭ ދަނީއޭ ނިދަން.. ވަރަށް ބޮލުގަ ރިއްސާ އެބަ..” މިރޭ ވެސް އެނދަށް އެރިދާނެ ކަމުގެ ބިރަށް މާ ބޮޑަށް ނިދިއައުމުގެ ކުރިން ނުކްޝާން ކޮޓަރިއަށް ވަނެވެ.”ޔޫޝައު ވެސް ކައިގެން ނިދަން ދޭ އިނގޭ.. މަ ވެސް ނިދި އައިސްފަ މީނީ..” ނީކިޔާ ބުންޏެވެ.

 

ޔަމްހާގެ ނަސީބު ރަނގަޅު ކަމުން ޔޫޝައު ހޭލުމުގެ ކުރިން ސައި ހެދާފައި ސައި ބޮވުނެވެ. އޭރު ނުކްޝާން މެންވެސް ގެއަކު ނެތެވެ. ކޭ ތަށިތައް ދޮވެލާފައި ޔަމްހާ އަށް ނިކުމެވުނީ ޔޫޝައު ކުރިމައްޗަށެވެ.”ފައިނަލީ..” ޓީޝާޓެއް ނުލާ ހުރި ޔޫޝައު ކައިރިވާން ފެށުމުން ޔަމްހާގެ މޭ ނުބައި ކުރަންފެށިއެވެ.”ދުރުގަ ހުރޭ..” މަޑުމައިތިރި ކަމާއެކީ ޔަމްހާ އެދުނެވެ.”ކަމް އޯން އިނގެ އެއްނު މަ މިގެއަށް އައި ހަޤީޤީ މަޤްޞަދު.. ހީ ނުކުރާތި މަ މީ ވާ ކަމެއް އެހާ އަވަހަށް ހަނދާން ނައްތާލާ މީހެއް ކަމަށް.. ކަލޭ މަށަށް ދިން އަނިޔާގެ ބަދަލު ކޮންމެވެސް ގޮތަކުން ހިފާނަން.. ބަލަން ހުންނާތި އަ..” ޔޫޝައު ވާހަކަ ނުނިމެނީސް ޔަމްހާ ބަރު ބާރަށް ދޮރު ޖަހާ ތަންޑު އެޅުވިއެވެ. ޒާތަކަށް ހީލާފައި މޭޒު މައްޗަށް ޔޫޝައު ބަލާލިއެވެ. އޭރު ސައި ތައްޓަކާއި ރޮއްޓާއި ކުޅިމަސް ހަދާފައި ހުއްޓެވެ.

 

ސައި ބޮއިގެން ގޮސް ޔޫޝައު ޔަމްހާ ކަރިއީގައި ނިކުންނަން އެދުނެވެ. އެއްފަހަރު ބަނޑު ހައިވެއްޖެއޭ ބުނާއިރު އަނެއްފަހަރު ބޭސް ގުޅައެއް ނޫނީ ގަލަމެއް ކަހަލަ އެއްޗެއް ދޭށޭ ބުނެއެވެ. ނަމަވެސް ހިރުވާތަން ކަހާ ވެސް ނުލާ އިށީނދެ އިންތަނުގައި ޔަމްހާ އިނީއެވެ. އެންމެފަހުން ނުކްޝާން މެން އަންނަ ގަޑި ކައިރިވުމުން ކޮޓަރިން ނިކުތީ ކަން ހަދަންށެވެ.”އަދި ކިރިޔާތަ ނިކުންނަން އިނގުނީ..” ކަންނެތް އަޑަކުން ޔޫޝައު އެހިއެވެ. ޖަވާބެއް ނުދީ ޔަމްހާ ކާގެއަށް ވަނެވެ. ޔޫޝައު ވެސް ފަހަތުން އައެވެ.”ދުރަށް ދާށޭ.. ލަދެއް ނުނަގޭތަ ތިހެން އުޅޭކަށް..” ޔޫޝައު ޔަމްހާގެ ކޮނޑުގައި އަތް އަޅުވާލުމުން ޔަމްހާ ހަޅޭއްލަވައި ގަތެވެ.”ކޮންތާކުން ހޯދި އަޑެއް.. ހާދަ ކެރިފަ ތިއުޅެނީ.. ނުކްޝާން އާ މެރީ ކުރީމަ މުޅި މީހާ ތިއޮށް ޗޭންޖް ވީނުން.. އަވަހަށް އާދޭ މަގޭ ކައިރިއަށް.. އޭރުން ކުރީގެ މަޑުމައިތިރި ލަދުރަކި ޔަމްހާ އަލުން އަނބުރާ ގެންނާނަން..” ފަހަތުން ބައްދާލަމުން ޔޫޝައު ހީލިއެވެ. އެވަގުތު ދޮރު ބަދިގެ ދޮރު މައްޗަށް އެރި ނުކްޝާން އަށް އެ މަންޒަރުގެ އިތުރުން ޔޫޝައުގެ ވާހަކަ ސާފުކޮށް އިވުނެވެ.

 

“ނު.. ނުކްޝާން ހާދަ ކުރިން..” ސިހިފައި ޔަމްހާ ޔޫޝައުގެ އަތު ތެރެއިން ނެއްޓި ގަންނަމުން އެހިއެވެ. މާ ބޮޑު ކަމެއް ނުވާ ފަދައިން ފެންފޮދެއް ބޯލައިގެން ނުކްޝާން އަނެއްކާ ވެސް ނިކުތީއެވެ. ޔަމްހާ ކޮންމެ ވައްތަރަކަށް އުޅުނަސް އޭނައަށް ކީއް ހެއްޔެވެ؟”ހަޒް ހަމަ ކޫލް ދޯ..” ޔޫޝައު ހިނިގަނޑެއް ޖަހާލިއެވެ. ޔަމްހާ ދެބުމަ ގޮށްޖަހާލައިގެން ހުރެ ސައި ހަދަން ފެށިއެވެ.”ދެން ދަނީއޭ.. ނުކްމެން އައީމަ އަހަރެމެންނަށް ސްޕެޝަލް މޮމެންޓް ކޮޅެއް ނުލިބޭނެ..” ޔޫޝައު ކާގެއިން ނިކުތެވެ. ފުން ނޭވާއެއް ލާފައި ޔަމްހާ ވިސްނާލިއެވެ. ދެން ކުރިއަށް އޮތް ދުވަސް ތަކުގައި އުޅެން ޖެހޭނީ މިފަދަ ހާލެއްގައި ހެއްޔެވެ؟ ވިސްނަމުން އަވަހަށް ޔަމްހާ ސައި ހަދާ ނިންމާލިއެވެ.

 

“ކޮބާ ޔަމް ފޫހި ނުވޭދޯ މިއަދު..” ނީކިޔާ އައިސް ގޮނޑީގައި އިށީނެވެ.”ކޮންތާކު.. އޭނާ ކޮޓަރިން ނުވެސް ނިކުމޭ..މަ ބަނޑު ހައިވެގަން ގޮވީމާ ވެސް އޮތީ.. ހެނދުނު ސައި ބުއި ގޮތަށް އަދި ކިރިޔާ މި ކާ އެއްޗެއް ކެވުނީ..” ޔޫޝައު ޝަކުވާ ކޮށްލިއެވެ. ހައިރާންވީ ވަރުން ޔަމްހާ އަނގައަށް ލާން އުޅުން ކާއެތިކޮޅު ވެސް ނުލެވުނެވެ. ޔޫޝައު އަށް އެހެން ގޭގޭގައި ޝަކުވާ ކުރަން ކެރޭކަން އަދި މި އިނގުނީއެވެ. ޔަމްހާއަށް އަމިއްލަ ގޭގައި ވެސް ފާޑު ކިޔާކަށް ނުކެރެއެވެ.”އެ ތެދެއްތަ؟؟ ކީއްވެ؟..” ނީކިޔާ ޔަމްހާ އާއި ދިމަ ބަލާލިއެވެ. އޭރު ނުކްޝާން އިނީ ދަތްކުނޑި ވިކައިގެންނެވެ. “ނިދުނީ..” އިސްޖަހާލަމުން ދުލަށް އައި އެންމެ ފަސޭހަ ދޮގު ޔަމްހާ ކިޔާލިއެވެ. ނިކުންނަން ބޭނުން ނުވަނީ އޭ ބުނެފިއްޔާ ވެސް ބޭޒާރު ވާނީ އަމިއްލަ ނަފްސެވެ.”އެހެންތަ.. މާދަމާ ނުވާނެ ދޯ އެހެނެއް އިރާދަކުރެއްވިޔާ.. ޔޫޝައު ވެސް ޖޮބަކަށް ދާންވީއޭ އަސްލު..” ނީކިޔާ ހިނިތުންވަމުން ބުންޏެވެ.”ދާ ހިތެއް ނެތޭ.. މަގޭ ބައްޕަގެ ދެ ރިސޯޓާ ފިހާރައެއް އޮންނާނެ.. އެހެންވެ ލާރި މަދުވެގެން އުޅޭކަށް އަދި ނުޖެހޭ..” ޔޫޝައު ބޭނުންވީ މީހާގެ މުއްސަނދިކަން އަންގާލާންށެވެ.

 

“އެހެންތަ.. ހެހެ އެކަމަކު ޔޫޝައު ކުރަން ބޭނުންވާ ކަމެއް ކުރަން ވާނެތާ..” ނީކިޔާ ހެވިފައި ބުންޏެވެ.”ހާސްނުވެބަލަ.. މިހާރު ވެސް ޓްރައި ކުރަމޭ އެބަ އެކަން ކުރެވޭތޯ.. އެކަމް އަދި ކާމިޔާބެއް ނުވޭ..” ޔަމްހާ އަށް ކަތި ނަޒަރަކުން ޔޫޝައު ބަލާލިއެވެ.”ކޮން ކަމެއްތަ.. އަސްލު ރުފިޔާ ލިބޭ މީހުންނަށް ނުކުރެވޭނެ ކަމެއް ނޯންނާނެ..” ނީކިޔާ ގޮނޑިން ތެދުވެ އަތް ދޮވެލިއެވެ.”މިއޮތީ ނުކުރެވޭ ކަމެއްތާ ދޯ.. ތިމީހުންނަށް ވެސް އިނގެންޖެހޭ ދުވަހުން އިނގޭނެ.. އަސްލު މިރަށަށް މި އައީ ވެސް އެކަން ކުރަންށޭ.. މާލޭގަ ކުރަން އުޅެފަ އެކަމް ދެން..” ވިހަ ގޮތަކަށް ޔޫޝައު ހީލިއެވެ.”އަޅޭ.. ގުޑް ލަކް..” ޔޫޝައުގެ ކޮނޑުގައި ޖަހާލަމުން ނީކިޔާ ތަށިތައް ނެގިއެވެ. ނުކްޝާން ބަހެއް ވެސް ބުނެނުލާ އަލުން ވަނީ ކޮޓަރިއަށެވެ. ޔަމްހާ ވެސް ނީކިޔާއަށް އެހީވެދީފައި ކޮޓަރިއަށް ވަނީ ފެންވަރާލުމަށެވެ.

 

“މީވެސް ކަންތައް ބޮޑު އަންހެނެއް.. މިގެއަށް ޔޫޝައު އައެކޭ ކިޔާފަ ނުޖެހޭ ކޮޓަރީގަ އޮންނާކަށް.. އޭނަ ވެސް ކާން ޖެހެއޭ.. ތިއީތަ މެހެމާންދާރީ އަދާ ކުރާ ގޮތަކީ.. ކަލޭގެ ކޮއްކޮ ނީޝާގެ ގޮތޭ ތިހުރީ ހަމަ.. ހިތުން މާ މޮޅުވެގެން އެބަ އުޅެއެއްނު މަށަށް ދެއްކެން ފާޑު ފާޑު ހެދުން އަޅާފަ.. ދެންވެސް ކޮޓަރީގަ އަބަދު ނޯންނާތި.. ނޫނީ މި ގެއިން ވެސް ފޮނުވާލާނަން..” ކޮޓަރިއަށް ވަތްތަނުން ޔަމްހާއަށް ކުރިމަތިލާން ޖެހުނީ ނުކްޝާންގެ ނުރުހުމާއެވެ.”ނުކްޝާން އައިމް ސޮރީ.. ޔޫޝަ..” ޔަމްހާ ހިތްވަރު ކޮށްފައި ވާހަކަ ދައްކަން އުޅުމުން ނުކްޝާން އަތްތިލަ ދައްކާލަމުން ހުއްޓާލަން އެދުނެވެ.”ދެޓްސް އިނަފް..” މަޑުމަޑުން އެހެން ބުނެފައި ނުކްޝާން ސޯފާގައި އިށީނެވެ. ނުކްޝާން ނޭދޭ ކަމެއް ކުރެވިދާނެތީ ހެދުން ހިފައިގެން ޔަމްހާ ފާޚާނާއަށް ވަނެވެ.

 

“ހެއި ސިސް…ހައުޒް ޔޫ..” ފެންވަރައިގެން ނިކުތްތަނާ ނީޝާ ގުޅަން ފެށިއެވެ.”ރަނގަޅޭ.. ނީޝީ ކިހިނެއްތަ..” ހިނިތުންވަމުން ޔަމްހާ ޖަވާބު ދިނެވެ. މި ފާއިތުވީ މަދު ދުވަސްކޮޅު ތެރޭގައި ޔަމްހާ އާއި ނީޝާގެ ގުޅުން ވަނީ ރަނގަޅު ވެފައެވެ. ޔަމްހާ ހީކޮށްގެން ހުރީ ނީޝާ ބަދަލުވީ ކަމަށެވެ. ނަމަވެސް ޔަމްހާއަށް ނޭނގުނީ ނީޝާ ނުކްޝާން ހޯދަން ރާވާނެ ރޭވުންތަކެވެ.”ގުޑް.. އަސްލު ފޫހިވެގެން މިއުޅެނީ..” ތުންކޮޅު ދަމާލަމުން ނީޝާ ބުންޏެވެ.”ޔަމްހާ..” ނުކްޝާން ބާރަށް ގޮވާލި އަޑަށް ޔަމްހާ ދެލޯ ބޮޑުވިއެވެ.”އެހަށް ބާއި..” އަވަސް ވެފައިވާ ހިތަކާ އެކީ ޔަމްހާ ފަހަތް ބަލާލިއެވެ.”ކީއްކުރަން ލޯޝަން ފުޅި ވަރާލީ..” ރުޅިއައިސްފައި ނުކްޝާން އަށް އެގުނީ ތަންކޮޅެއް ބާރަށެވެ.”ސޮރީ..” އިސްޖަހާލަމުން ޔަމްހާ ޖަވާބު ދިނެވެ.”ދެންވެސް ބަލައިގެން އުޅެބަލަ.. ބޯ ފަޅައިގެން ދާ ވަރުވޭ..” ދެލޯ އަޅާލާފައި ނުކްޝާން ކޮޓަރިން ނިކުތެވެ.

 

“ހެއި ބްރޯ..” ގެއިން ނިކުތްތަނުން ކުރިމައްޗަށް ޖެހުނީ ލަމާންއެވެ.”އަދި ކިރިޔާ ޚަބަރެއް ވާން އިނގެނީ ވެސް.” ރުޅި އަންނަކަމަށް ހެދެމުން ނުކްޝާން ހިނގައިގަތެވެ.”އޭ ސޮރީއޭ.. ކިހިނެއްތަ ކަންތައްތައް..” ލަމާން ނުކްޝާން އާއި އެއްވަރު ކުރިއެވެ.”ރަނގަޅެއް ނޫންކަން އިނގެއްނު.. ލައްމު މެންގޭގަ އެބަ ހުރިތަ ހުސް ކޮޓަރިއެއް..” ނުކްޝާން އެހިއެވެ.”ހަމަ މިއަދު އެ ފުލްވީ.. ދެން މަހެއްހާ ދުވަސް ފަހުން ލިބެން އަންނަނީ.. ކިހިނެއްވީ.. ކީއްކުރަން ރޫމެއް..” ލަމާން ދެބުމަ ކައިރިކޮށްލިއެވެ.”ޔަމްހާ ގެންދާކަށްނު.. މިގޭގަ ހުރި ހުސް ކޮޓަރިއަށް ބަދަލު ކުރަން އުޅެވުނީ މާ ފަހުން.. ޔޫޝައު އައިސް އިއްޔަ.. ދެން އިތުރު ގެއެއް ނެތްތަ..ގެސްޓް ހައުސް އަކަސް މައްސަލައެއް ނެތް..މަ ރުފިޔާ ދައްކަފާނަން..” އުންމީދާއެކީ ނުކްޝާން ލަމާން އަށް ބަލާލިއެވެ.”ސޮރީ މޭން.. މި ދުވަސްކޮޅު ވަރަށް އުނދަގޫ ވާނެ.. އެކަމް ބަލާނަން..އެހެން ނޫނަސް ކީއްތަ ވީ އެއް ކޮޓަރިއެއްގަ އުޅެންޏާ.. ނުކް ބޭނުން ނޫނިއްޔާ ކައިރި ނުވެވެސް އުޅެވިދާނެ ނުން..” ލަމާން ގާކޮޅެއްގައި ފައިން ޖަހާލިއެވެ.”ތިބުނާހާ އީޒީ އެއް ނޫނޭ.. ހިތްހަމަ ނުޖެހޭ އަންހެން ކުއްޖަކާ އެކީ އެއް ކޮޓަރިއެއްގަ އުޅުމަކީ ވަރަށް އުނދަގޫ ކަމެއް.. ލައްމުއަށް އިނގެއެއްނު..” ނުކްޝާން އެހެން ބުނިއިރު ތިބެވުނީ ޕާކެއްގެ ކައިރީގައެވެ.

 

“ހޫމް އިނގޭ.. އެއީ ނުކްގެ ވައިފް އެއްނު އެކަމް..” ފާރުބުރި މަތީގައި އިށީންނަމުން ލަމާން ބުމަ އަރުވާލިއެވެ.”އައްޗި.. ނުދެކެން އެއީ އުޅޭ މީހެއް ކަމަށް ވެސް.. ހާދަ އުނދަގުލެއް ވެޔޭ.. އެއްދުވަހަކު ފެންފުޅިއެއް ވަރާލައިފިއްޔާ އަނެއް ދުވަހަކު ކުރިމަތީ ވާހަކަ ދައްކަން ހަދާނެ..ހާދަ ފޫހިވެޔޭ އޭނަގެ ނަން އަޑު އިވުނަސް..” ފޫހިގޮތަކަށް ދުރު ބަލާލަމުން ނުކްޝާން ވެސް ލަމާން ކައިރީގައި އިށީނެވެ.”ކަލޭ ބޮލެއް ނޯވޭ ދޯ.. އޭނާއަށް ވެސް ވާހަކަ ދެއްކެން ޖެހޭނެ ނުކް ކައިރީ.. ނުކް އަށް ބޭނުންވާ އެއްޗެއް ބުނެވޭއިރު އޭނަ އަނގަ މަޑުން ލައިގެން ހުންނަނީ ކެތްތެރި ކަމުންނޭ މަ ބުނާނީ.. ޔަމްހާ ނޫން އެހެން ކުއްޖެއް ނަމަ މިހާރު ނުކްޝާންގެ ކުރިމަތީ ޒުވާބު ވެސް ކުރާނެ..” ލަމާން ނުކްޝާން އާއި ދިމަ ބަލާލީ ވިސްނޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ނުކްޝާން ޗޮކެއް ކަނޑާލީއެވެ. ލަމާން ފުން ނޭވާއެއް ލާފައި ވާހަކައިގެ މިސްރާބު ބަދަލު ކޮށްލިއެވެ.

 

ނީކިޔާ ފެންވަރާލައިގެން ބޭރަށް ނިކުތީ ކުރާނެ އިތުރު ކަމެއް ނެތުމުންނެވެ. ލަމާން އެ ބުނާ ވާހަކައެއް ބުނަންދެން އަބަދުހެން ނީކިޔާ އިންތިޒާރު ކުރެއެވެ. ކިރިޔާ ކޯލެއް އަޔަސް އަތްމަތި އަވަސްކޮށްލައިގެން ގުޅަނީ ކާކުތޯ ބެލެވެއެވެ. ލަމާން މިރަށަށް އައިކަން އިނގުމުން ބޭރުގައި ގިނަ ވަގުތު އިންނަ ހިތްވަނީ މަގުމަތިން ކަމަކު ދިމާވެގެން ބުނޭތޯއެވެ.”ހެއި..” ނީކިޔާ ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން އިންދައި ޔޫޝައު އައެވެ.”ހައި.. ވަރަށް ފޫހި ދޯ.” އަނދިރިވާން ފަށާފައިވާ އުޑަށް ބަލާލަމުން ޔޫޝައު އެހިއެވެ.”ހްމްމް.. ކަމެއް ވެސް ނެތް ކުރާކަށް..” ފޯނު ހުޅުވާލަމުން ނީކިޔާ ފޭސްބުކަށް ވަދުނެވެ. އެވަގުތު ބަޔަކު އަންނަހެން ހީވެގެން ނީކިޔާ އިސް އުފުލާލިއެވެ.”މާނު..” ނުކްޝާން އާއި ލަމާން ވާހަކައިގައި އަންނަތަން ފެނުމުން ނީކިޔާ އަށް ވީގޮތް ބުނެދޭންވެސް ނޭނގުނެވެ.”ކީއްވެއޯ ސައިކު ނުލާ ދިޔައީ..” ޔޫޝައު ވަރުބަލި އަޑަކުން އަހާލިއެވެ.”ދެން އަބަދަކު އެއަކު ވެސް ނޫޅެވޭނެތާ ދޯ..” ލަމާން އެހެން ބުނި ގަޑީގައި ނީކިޔާ ފެނުނެވެ. ނުކްޝާން އާއި ޔޫޝައު ތިބުމުން ނޭނގޭކަމަށް ހަދާފައި ދެމީހުންނަށް ވެސް ބެލެން ފެށީ ދުރެވެ.

 

ޔޫޝައު އާއި ނުކްޝާން އިރުކޮޅަކު އެހެން ހުރެފައި ގެއަށް ވަނެވެ.”މާނު ކޮން ވާހަކަ އެއް ނުދެއްކިގެން އުޅުނީ..” ފުރުސަތު ބަލާފައި ނީކިޔާ އެހިއެވެ.”ނެވަރ މައިންޑް.. އަސްލު އެއްޗެއް އޮޅުންފިލުވަން އުޅުނީ.. މިހާރު އިނގިއްޖެ..” ލަމާން ދޮގެއް ހަދާލިއެވެ.”އެހެންތަ.. ހެހެ.. ހީކުރީ ވަރަށް ބޮޑު ވާހަކަ އެއް ކަމަށް..” ނީކިޔާ ހީލިއެވެ.”އެހެންތަ.. ނީކް އަދިވެސް ބޯއިފްރެންޑް އެއް ހޯދާކަށް ނުވޭތަ..” ނޫން ކަމަށް ހަދާލާފައި ލަމާން އެހިއެވެ.”ހްމްމް.. ލައިކް ވާ ކުއްޖެއް އެބަހުރި އެކަމް އޭނަ ލައިކް ވާނެހެނެއް ހިޔެއް ނުވޭ.. ” ލަމާން އާއި ދިމަ ނީކިޔާ ބަލާލިއެވެ. ނީކިޔާ އެހެން ބުނުމުން ލަމާން ހިތަށް ތަދުވިއެވެ.”ސޭމް.. އެކުއްޖާ އަކީ މަގޭ ބެސްޓު ފްރެންޑް ކަހަލަ ކުއްޖެއް.. އެހާ ކްލޯޒް ވާނެ..” ދެންވެސް ނީކިޔާއަށް ވިސްނޭތޯ ލަމާން ބުންޏެވެ.”އަސްލުވެސްތަ.. މަގޭ ވެސް..” ވަކި ވިސްނުމެއްނެތި ނީކިޔާ ބުނި ބުނުމުން ލަމާންއަށް ޝައްކު ވާންފެށިއެވެ.

 

“އަޅެ ނަން ބުނެބަލަ..” ޔަޤީން ކުރަން ލަމާން ބޭނުންވިއެވެ.”ފަހުން ބުނާނަން.. ބުންޏަސް ލަމާންއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތްހެން ހީވަނީ.” ނީކިޔާ އިސްޖަހާލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ.”އަޅޭ އެހެންތަ.. އިރާދަކުރެއްވިޔާ ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން.. ޑޯންޓް ވޮރީ ނީކް..” ލަމާން ހިތަށް ތަދުވަމުން ދިޔަ ނަމަވެސް ހިނިތުންވެލިއެވެ. ޝައްކު ކުރެވުނަސް ޔަޤީން ނުވާތީ ލަމާން ވެސް ހިތް ނުތަނަވަސް ވިއެވެ.”އަސްލު ވެސް އެ އަންހެން ކުއްޖާ ލަމާން ދެކެ ލައިކް ވާނެ.. އައި ބެގް.. ތިހާ ރީތި ކުއްޖަކަށް ކާކު އިގްނޯރ ކުރާނީ..” ގަދަކަމުން ނީކިޔާ ހީލިއެވެ. ހިސާބަކުން ނީކިޔާއަށް ވެސް ޝައްކު ވާންފެށިއެވެ.”އެ އަންހެން ކުއްޖާ ލައިކް ވާ ކަމާ މެދު ޝައްކު އަސްލު.. އެހާ ކްލޯޒްކޮށް އުޅޭއިރު ވެސް ފާހަގަ ނުވާތީ ވަރަށް ދެރަވޭ..” ލަމާން ދުރު ބަލާލިއެވެ.”ލައްމު ވެސް އެކުއްޖާގެ ނޭމް ބުނެބަލަ..” ނީކިޔާ ނުތަނަވަސްކަމާ އެކީ އެދުނެވެ.”ނީކް ބުނީމަ ބުނާނަމޭ.. ކޮން އިރަކު ނީކް މަށަށް ލައްމު ކިޔަން ފެށީ..” ފާޑަކަށް ލަމާން އަހާލިއެވެ.”ނުކްމެން ކިޔާތީ ކިޔެނީ.. އެމީހުން ކައިރީ ބުނެފަ އިންނާނީ މާނުއާ އޭ ވާހަކަ ދައްކަނީ..ނޭނގޭނު ކާކު ކަމެއް..” ހެމުން ނީކިޔާ ކޮޅަށް ތެދުވިއެވެ.”ދަނީއޭ އިނގޭ.. ޓޭކް ކެއަރ ލޯބި..” އަބަދުވެސް ސަމާސާ ކުރާހެން ލަމާން އެއްލޯ މަރާލަމުން ހިނގައިގަތެވެ. އެމީހުންނަށް ނޭނގުނު ކަމަކީ ސުދާއަށް އެ ދެއްކި ވާހަކަތައް އަޑު އިވުނު ކަމެވެ.

– ނުނިމޭ –

33

1 Comment

  1. Eevss

    October 8, 2021 at 7:38 pm

    wow vrh reethi..curiously waiting for next

Comments are closed.