ލޯންޗު ހަލުވި ސްޕީޑުގައި ދަތުރުކުރަމުން ދިޔައެވެ. ސީޓުގައި އިށީނދެލައިގެން އިން ނައިޝާގެ ގާތަށް ފާއިޒު އައިސް މައިލޯ ޕެކެޓަކާއި ބިސްކޯދު އުރައެއްގެ އިތުރުން ކުޑަ ފެންފުޅިއެއްވެސް ދިއްކޮށްލިއެވެ. “ޝުކުރިއްޔާ!” ފާއިޒް ދިއްކޮށްލި ތަކެތީގައި ހިފަމުން ނައިޝާ ބުނެލިއެވެ.ފާއިޒް ދުރަށް ޖެހިލުމުން ނައިޝާ މައިލޯ ޕެކެޓް ކަނޑާލުމަށްފަހު، ތުނބުގައި ޖަހާ އެއިން ކޯވަރެއް ބޯލިއެވެ. “އޮފީހަށް ދެވިއްޖެތަ؟” މައިލޯ ޕެކެޓް ބޯންއިން ނައިޝާ އައްކިޔުންނަށް މެސެޖްކޮށްލިއެވެ.

އެވަގުތު ފާއިޒް އަނެއްކާވެސް ނައިޝާ ގާތަށް އައެވެ.ނައިޝާ ކައިރި ކޮންމެވެސް އެއްޗެއް ފާއިޒް ބުނެލިއެވެ.އެހެންނަމަވެސް އެވަގުތު ހެޑްސެޓް ޖަހައިގެން ލަވަ އަޑުއަހަމުންދިޔަ ނައިޝާއަށް ފާއިޒް ކީއެއްޗެއްް ސާފެއްނުވިއެވެ.އެހެންކަމުން ޖަހައިގެން އިން ލަވަ ނިވާލާ ހެޑްސެޓްވެސް ނައިޝާ ކަންފަތުން ނައްޓާލިއެވެ. “ސޮރީ ދެންމެ ބުނިއެތި އަޑެެއް ނީވުން” ނައިޝާ ފާއިޒަށް ބުނެލިއެވެ.

“ނައިޝާ ދާން ހަމަޖެހިފައިވާ ކ.ހުރާގައި ހުރިތަން ވަނީ ފުލްވެފަ…ކުންފުނީގެ ފަރާތުން އެންގިން ރިޒޯވްކުރަން އެކަމް ގެސްޓް ހައުސް ހިންގާ ފަރާތަށް އަހަރުމެންގެ ރިޒަވޭޝަން ލިބުމުގައި ޓެކްނިކަލް އެރޯއެއް އަރައިގެން އެތަން ރިޒޯވެއް ނުކުރެވުން…ކ.ހުރާއިން މިހާރު އެހެންތަނެއް ލިބިފަ ވަނީ …އެކަމް އެތަނަކީ އަންހެންކުއްޖަކު ހުންނަން މާ އެކަށީގެންވާ ތަނަކަށްނުވާތީ ނައިޝާ ދާން ހަމަޖެހިފަވަނީ ދެން އިން ރަށަށް” ގަނޑެއް ދިއްކޮށްލަމުން ފާއިޒް ނައިޝާއަށް ބުނެލިއެވެ.

އެވަގުތު ނައިޝާ ގަނޑަށް ބަލައިލިއެވެ.ވަގުތުން ނައިޝާގެ ދެލޯ ބޮޑުވެ އަތުން ގަނޑު ދޫވެގެންދިޔައިީ އޭގައި ސައިފްގެ ރަށުގެ ނަން އިނުމުންނެވެ. “އޯކޭތަ ނައިޝާ؟” ނައިޝާއަށްވީ ގޮތް ފެނި ފާއިޒް އަހާލިއެވެ. “ކީއްވެތަ ކުރިން ނުބުނީ މިރަށަށޭ ދަނީ؟” ހިތްހަމަ ނުޖެހިފައި ހުރެ ނައިޝާއަށް ބުނެވުނެވެ. “ކުރިންވެސް ބުނިހެން ޓެކްނިކަލް މައްސަލައެއް ދިމާވެގެން…އަހަރުމެންނަށްވެސް އަދި މިއެނގުނީ” ނައިޝާ ހިތްހަމަ ނުޖެހުމުން ވީކީއްކަމެއް ނޭނގޭ ހާލު ފާއިޒް ބުނެލިއެވެ.

“ދެން ނީންނާނެތަ މިނޫން ގޮތެއް؟…މިނޫން ކޮންމެ ރަށަކަށްދާން ވެސް އޯކޭ” ނައިޝާ ބުނެލިއެެވެ. “އަހަރުމެންވެސް ވަރަށް ބެލިން މިނޫންގޮތެއް ވޭތޯ..އެކަމް ނުވީމަ މިހެން މިހަދަންޖެހުނީ…ނައިޝާގެ އިތުރުން ދެން ކުންފުނީގެ ފަރާތުން ދަނީ ފިރިހެނެއް..އޭނަ މިހާރު ހުރަޔަށް ދާން ނައްޓާވެސްލައިފި..ނައިޝާއަކަށް ނޭނގޭތަ މިރަށް ލިސްޓުގަ އިން ކަމެއް؟” ފާއިޒް ބުނެލިއެވެ. “އާނ…ހުރަޔަށްދާން ހަމަޖެހިފަ އިނީމަ ދެން އިން ރަށުގެ ނަން އޮޅުންފިލުވަން ބޭނުންނުވީ” ނައިޝާ ބުނެލިއެވެ.

މޫޑް ސަކަރާތްވި ނައިޝާ ސީޓުގައި ލެނގިލީ އިތުރުގޮތެއް ނެތުނީމައެވެ.އައްކިޔުން ރިޕްލައި ކުރިތޯ ބަލަން ނައިޝާ ފޯޯނު ނަގައި ބަލައިލިއެވެ.ނަމަވެސް އައްކިޔުންގެ މެސެޖެއް ނުލިބެއެވެ.މިހާ ގިނައިރުވީ އިރުވެސް އައްކިޔުންގެ ޚަބަރެއް ނުވުމުން އައްކިޔުންނަށް އޭނާ ފޮނުވި މެސެޖް ދިޔަތޯ ޗެކްކޮށްލިއެވެ.

ނައިޝާގެ އެމެސެޖް ފޮނުވިފައިނުވުމުން އޭނާ އަނެއްކާވެސް އެމެސެޖް ރިސެންޑު ކޮށްލިއެވެ.ތިންބުރަށް ފޮނުވަން އުޅެއުޅެވެސް އެކަން ކާމިޔާބު ނުވުމުން ނައިޝާ އައްކިޔުންނަށް ގުޅާލިއެވެ.ނަމަވެސް އައްކިޔުންނަށް ގުޅޭގޮތެއް ނުވިއެވެ.ރޭންޖު ނުލިބުމުން ނައިޝާ އިތުރަށް މޫޑް ސަކަރާތްވިއެވެ.

***************

ސައިފްގެ ރަށަށް ލޯންޗު ލެފިއެވެ.އެރަށަށް ފައިބާން ބޭނުންނުވެފައި އިން ނައިޝާއަށް ފޭބުމަށް ފާއިޒް ބުނެލިއެވެ.ބޭނުންނެތަސް އިތުރުގޮތެއް ނެތުމުން ސީޓުން ތެދުވެ ހޭންޑްބޭގް އަޅާލުމަށްފަހު ލޯންޗުން ފައިބާން ނައިޝާ ހިނގައިގަތެވެ.ލޯންޗުގެ ކުރީކޮޅަށް އެރުމަށްފަހު މުޅި ތަނަށް ވަށައިގެން ނައިޝާ ނަޒަރު ހިންގާލިއެވެ.މުޅި ރަށް ތަރައްގީވެ ރަށުގެ ބަނދަރުމަތީގައި އެކިކަހަލަ ފިހާރަތައް ވަނީ ހުޅުވާލައިފައެވެ.ގެސްޓު ހައުސްގެ ވިޔަފާރިވެސް އެރަށުގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާތީ ރަށުގެ އާބާދީވެސް ކުރިއަށްވުރެ ގިނަވެފައިވާ ތަން ނައިޝާއަށް ފެނުނެވެ.

މަޑުމަޑުން ކުރިއަށް ނައިޝާ ފިޔަވަޅު އަޅާލިއެވެ.ނައިޝާއަށް ފޭބުމަށް އެހީތެރިވެދިނުމުގެ ގޮތުން އަތްދިއްކޮށްލައިގެން ފާއިޒް ހުއްޓެވެ.ފާއިޒްގެ އެހީއާއެކު ނައިޝާ އެރަށަށް ފޭބިއެވެ.އޭނާގެ ފައި އެދޮންވެލިގަނޑުމަތީގައި ޖެހުމާއެކު މީގެ ހަ އަހަރު ކުރީގެ ހަނދާންތައް އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔަކަހަލައެވެ. އެވަގުތު ނައިޝާއަށް ލޯމަރާލެވުނެވެ.

ނައިޝާމެން ރަށަށް ފޭބުމުން އެވަގުތު އެތާތިބި މީހުން އެމީހުންނާ ދިމާލަށް ބަލަންތިއްބެވެ.އޭގެ ތެރެެއިން އެއްބަޔަކު އައިސް މަރުހަބާ ކިޔައި ކޮންދަތުރެއްތޯ ނައިޝާމެން ގާތު އޮޅުންފިލުވިއެވެ.އެމީހުުންގެ ސުވާލަށް ފާއިޒް ޖަވާބުދީ ނިމުނުތަނާހެން އެރަށުން ފާއިޒުމެންގެ ކަންކަމާ ހަވާލުވެގެން ހުރި މީހާ އައެވެ. “އަޅުގަނޑު ބަނދަރުކައިރި ހުރެލާފަ ފިހާރައަކަށް ވަތް ވަގުތު ތިއައީ…ވަރަށް ލަސްވެއްޖެތޯ؟…އަޅުގަނޑަށް ކިޔަނީ މޫސަ” މުސްކުޅި ފުރައިގެ ފިރިހެނަކު އައިސް ނައިޝާމެނާ ސަލާމް ކުރަން އަތްދިއްކޮށްލަމުން ބުނެލިއެވެ.

“ނޫނޭ އަހަރުމެންވެސް ހަމަދެންމެ މިލެފީ” ފާއިޒް އެމީހާއަށް ބުނެލިއެވެ. “ކިހިނެއްތޯ ހަދަންވީ؟…އުޅަނދެއް ގެންނަންވީތޯ…ތިބޭފުޅުން ހިފި ގެސްޓުހައުސް މިތާ ވަރަށް ކައިރީގަ އިންނާނީ..ހަމަ ބަނދަރުމަތި އެއީ” މޫސަ ބުނެލިއެވެ.

“ކައިރިވެއްޖެޔާ ހިނގާލާފަ ދާނީދޯ” ފާއިޒް އެހެންބުނުމުން ނައިޝާ ބޯޖަހާލިއެވެ.”އެހެންވީއިރު ހިންގަވާ” އެހެންބުނެ މޫސަ ހިނގައިގަތުމުން ނައިޝާ އާއި ފާއިޒްވެސް އެމީހާގެ ފަހަތުންދިޔައެވެ. ފަސްވަރަކަށް މިނެޓްފަހުން ނައިޝާމެން ގޮވައިގެން މޫސަ އައިސް ހުއްޓުނީ ޒަމާނީ ފެންވަރަކަށް ހަދާލައިފައިވާ ގެސްޓްހައުސެއްގެ ދޮރުމައްޗަށެވެ. “ތިބޭފުޅުން އެދިލެއްވި ގޮތަށް ދެކޮޓަރި ހަމަޖައްސަވާފަ ހުންނާނީ…މިދުވަސްކޮޅުގެ ގޮތުން ވަރަށް ބާރުބޮޑުކޮށް އުޅެނީވެސް…….މިތާންގަ ހުރުމާއެކު ތިންއިރުގެ ކެއުންވެސް ލިބޭނެ…އަންހެންކުއްޖެއް ހުންނަންވެސް ހަމަ އެކަށީގެންވާނެ މިތަން…ދެން އިތުރުކަމެއް ބޭނުންވަންޏާ އަޅުގަނޑުގެ ނަންބަރަށް ގުޅާލާ” ކޮޓަރިތައް ދެއްކުމަށްފަހު މޫސަ އެތަނުން ދިޔައީ އޭނާގެ ނަންބަރުވެސް ފާއިޒަށް ދީފައެވެ

“ނައިޝާ ރެސްޓުކޮށްލާ..ކަމެއްބޭނުންވަންޏާ އަހަރެންގެ ނަންބަރަށް ގުޅާލާ ނޫނީ އަހަރެންގެ ކޮޓަރީގަ ޓަކި ޖެހިއަސް ހެޔޮ….ލެޕްޓޮޕް ގެނައިންދޯ؟…އޭތި ބޭނުންވާނެ ބޮޑުމީހާ ފޮނުވާ ފޯމުތައް ފުރާކަންތައް ކުރަން” ފާއިޒް އެހެންބުނުމުން ނައިޝާ ބޯޖަހާލުމަށްފަހު އޭނާގެ ކޮޓަރިއަށް ވަނުމުން ފާއިޒުވެސް އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަތް ނައިޝާ ފޯނު ނެގުމާއެކު އައްކިޔުންގެ ނަންބަރަށް ގުޅާލިއެވެ.ނަމަވެސް އައްކިޔުން ފޯނެއްނުނަގައެވެ.އެހެންޏާ ނައިޝާ އެންމެ ފަހަރަކު ގުޅާލާއިރަށް ފޯނުނަގާ އައްކިޔުން، މިއަދު ނައިޝާ ގުޅާއިރުވެސް ފޯނު ނުނެގުމުން އޭނާއަށް ނައިޝާ ގުޅާކަން ނޭނގެނީ ކަމުގައި ނައިޝާ ނިންމިއެވެ.ފޯނު އެނދުމަތީގައި ބޭއްވުމަށްފަހު ގެނައި ތަކެތި ތަރުތީބު ކޮށްލުމަށްފަހު ނައިޝާ ފެންވަރައިގެން އެނދުގައި ޖައްސާލީ ވާޅުފިލުވައިލުމަށެވެ.

**********

ނިދިފައިވާ ނައިޝާއަށް ހޭލެވުނީ މީހަކު ޢޭނާގެ ކޮޓަރި ދޮރުގައި ޓަކިޖެހި އަޑަށެވެ.ބުރުގާ އަޅާލުމަށްފަހު ނައިޝާ އަވަހަށް ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ހުރީ މެންދުރު ކެއުން ހިފައިގެން އައިސްހުރި ހޮޓެލްގެ މުވައްޒިފެކެވެ.އެމީހާއަށް ޝުކުރުއަދާ ކުރުމަށްފަހު، އެތަކެތީގައި ނައިޝާ ހިފި ވަގުތު ޖެހިގެން ހުރި ކޮޓަރިތެރެއިން ފާއިޒް ނިކުތެވެ. “ނައިޝާ ފޫހިވަންޏާ ބޭރަށް ހަމަ ނިކުމެވޭނެ އިނގޭ…ބޮޑުމީހާ ބުނުއްވީ މިއަދު ރެސްޓު ކޮށްފަ މާދަން މަސައްކަތް ފަށަން” ފާއިޒް އެހެންބުނުމުން ނައިޝާ ބޯޖަހާލިއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!