ހަވީރުގެ ވަގުތު ރާބާލައިގެން އަށްޅޯހިބެ ގެއަށް އައި ވަގުތެވެ. އަލީއާއި ޒުލްފާ ތިބީ ޖޯލިފަތީގައި އެ ބޭބެގެ އިންތިޒާރުގައެވެ. އެ މީހުން ފެނި އަށްޅޯހިބެ ބުނެލިއެވެ. 

”އަހަން, ކޮއެފުޅާ އަލީ. މިއަދު މިގަޑީގައި އައިސް ތި އުޅެނީ ކީއްކޮށްލަން.“

އަލީ ލަދުން ހުރެ ބުނެލިއެވެ.

”އަހަރެންނާއި ޒުލްފާ, ބޭބެ ގާތު ވާހަކައެއް ބުނަންވެފަ އޮތީމަ މިއައީ. ބޭބޭ, އަހަރެންނަށް ޒުލް ޒުލްފާ ދެކެ ލޯބި ވެވިއްޖެ. ޒުލްފާ ވެސް އަހަރެންދެކެ ހަމަ އެހާމެ ލޯބިވޭ. މިހެންވެ މިހެންވެ އަހަރަމެން ގަސްތުކުރަނީ ކައިވެނީގެ ގޮތުން ގުޅެން. އެކަމުގައި ބޭބެ ދެކޭ ގޮތެއް އަހާލުމަށް މި އައީ.“

އެ ވާހަކަ އަޑު އަހާ އަށްޅޯހިބެ މޫނުމަތިން ފެނިގެން ދިއައީ އުފާވެރިކަމުގެ ކުލަވަރެވެ. އަލީއާއި, ޒުލްފާ ތިބީ ހައިރާންވެފައެވެ. އެ ބޭބެ އެމީހުން ގާތު ބުންޏެވެ. 

”ތި ގުޅުމަށް ބޭބެގެ ހިތުގެ އަޑިން ގަބޫލު. ދުވަސްކޮޅެއް ވެއްޖެ މިހާރު ބޭބެއަށް ވެސް ތިދެކުދިން އެކަކު އަނެކަކު ކަމުގޮސްގެން އުޅޭހެން ހީވާތާ. ބޭބެ ވެސް މިހުންނަނީ ތި ދުވަހެއް އަންނާނެ އިރެއްގެ އިންތިޒާރުގަ. އަހަރަމެން ކަހަލަ ރާވެރިންގެ ދަރިއަކާ ގުޅޭނީ މި ރަށުން ވަރަށް މަދު މީހަކު. މި ރަށުގަ ގިނަ ވާނީ މަސްވެރި އާއިލާތައް ވިއްޔަ. ކޮއެފުޅާ އަލީ, ކައިވެނީގެ ކަންކަން އަހަވަހަށް ނިންމަމާ އުޅެމާދޯ.“

އަށްޅޯހިބެގެ އެ ވާހަކައިގެ ސަބަބުން ދެ މީހުން ތިބީ ވަރަށް އުފަލުންނެވެ. އަދި އެ ގޭގެ ދައްތައަށް ގޮވާ, އެ އުފާވެރި ހަބަރު ދިނެވެ. އެ ދައްތަ ވެސް އުފަލުން އައިސް ޒުލްފާ ގައިގައި ބައްދާލާ, އެ ގުޅުމަށް ހިތުގެ އަޑިން ގަބޫލު ވާހަކަ ބުނެލިއެވެ. 

ލިބުނު އުފާވެރިކަމުގައި އަލީ, ޒުލްފާ ގޮވައިގެން ގެއަށް ގޮސް, ޅިޔަނުންނާއި, ދައްތަމެންނާ ޒުލްފާ ތައާރަފް ކޮށްދިނެވެ. އަދި އެ ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ ބުންޏެވެ. އަލީގެ ދައްތަމެން އެކަމުގެ އުފަލުގައި ކުޑަވަރެއްގެ ކެއުމެއް އެރޭ ތައްޔާރުކޮށް, ދެ އާއިލާގެ މީހުންނަށް ދައުވަތު ދިނެވެ. ހުރިހާ އެންމެން ވެސް ތިބީ އެރޭ ވަރަށް އުފާވެފައެވެ. 

އޭގެ ދެތިން ދުވަހުގެ ތެރޭގައި ކައިވެނީގެ ކަންކަން ނިމި, ދޯނީގެ މަރާމާތު ވެސް ނިމިއްޖެއެވެ. މިހެންވެ ކުޑަ ޅިޔަނު އަލީ ގާތު މި ރަށުގައި މަޑު ކުރާނީތޯ ނޫންތޯ އެހިއެވެ. އަލީ ނިންމީ އަށްޅޯހިބެގެ ގާތު ލަފާއަކަށް އެދުމަށެވެ. މިހެންވެ އަލީ އެ ދުވަހު އެބޭބެއާއި ބައްދަލުކޮށް އެ ވާހަކަ ހިއްސާކުރިއެވެ. އަށްޅޯހިބެ ބުންޏެވެ. 

”ކޮއިފުޅާ, ބޭބެމެންނަށް އެނގޭ ދަރިފުޅުގެ އުފަން ވަޒަނަކީ މަރޮށިކަން. އަދި ދަރިފުޅު އުޅެން ބޭނުންވާނީ ވެސް އެ ބިމުގަކަން. އެކަމަކު ބޭބެމެންގެ އެއްވެސް ދަރިއަކު މި ދުނިޔެއަކު ނެތް. ބޭބެމެން ޒުލްފާބަލާ ބޮޑުކުރީ އަމިއްލަ ދަރިއެއްގެ ފަދައިން, އަމިއްލަ ދަރިއެއްކަމަށް ބަލައިގެން. އެހެނެއް ކަމުކު މިހާރު ކަންކަމުގެ ގޮތް ނިންމާނީ ތި ދެކުދިންނަށް ފެންނަ ގޮތަކަށް. ތި ދެކުދިން ނިންމާ ގޮތަކަށް ބޭބެމެން ވެސް އެއްބަސްވެ ރުހޭނަން. ދަރިފުޅުމެންގެ ދިރިއުޅުން އުޅޭނެ ތަނެއް ހިޔާރު ކުރާނީ ދަރިފުޅުމެން އަމިއްލައަށް.“

އަށްޅޯހިބެގެ އެ ވާހަކަތައް އަޑުއަހާ, އަލީ ހުރީ ހިތް ނުތަނަވަސް ވެފައެވެ. އޭނާގެ ހިތް އެދެނީ ޒުލްފާއާއި އެކު ވަކިން މަރޮށީގައި އުޅޭށެވެ. އަލީގެ އުފަން ބިން ވީމައެވެ. އޭނަގެ މައިންބަފައިންގެ ހަނދާންތައް އެ ބިމުގައި ވީމައެވެ. އަލީގެ ރުއްތައް ހުރީ ވެސް އެބިމުގައެވެ. ނަމަވެސް ޒުލްފާއާއި ވާހަކަ ދައްކާ އެ ދެމީހުން އެއްބަސްވީ, ދެ މަހެއްހާ ދުވަހު ބިލެއްފަހީގައި މަޑުކުރުމަށް ފަހު, މަރޮއްޓަށް ދިއުމަށެވެ. މިހެންވެ ކުޑަ ޅިޔަނު ގާތު އެމީހުން ބަލާ ދެމަސް ފަހުން އައިސް ދިނުމަށް އެދި އެގޮތައް އެއްބަސް ވިއެވެ. އޭގެ އަނެއް ދުވަހު އަލީގެ ދައްތަމެން ރަށަށް ދިއުމަށް ފުރިއެވެ. 

އަލީމެންގެ އެ ނިންމުމަށް އަށްޅޯހިބެމެން ވެސް ތިބީ އުފަލުންނެވެ. ދުވަސް ކޮޅަކަށް އެރަށުގައި މަޑުކުރީތީއެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އަލީއާއި އަށްޅޯހިބެ އެކުގައި ރުއްވަލަށް ގޮސް ރާވެރިކަމުގައި އުޅެއެވެ. އެ މީހުންގެ ދިރިއުޅުމަށް ވަނީ ބަހާރު މޫސުން އައިސްފައެވެ. ޒުލްފާއާއި އެ ގޭގެ ދައްތަ ވެސް ރާ ކައްކާ, އެކި ބާވަތް ބާވަތުގެ ހަކުރު ހަދައި ރަށަށާއި, ކައިރި ރައްތަކަށް ވިއްކައެވެ. އެ މީހުންގެ އަތްމަތި ދިއައީ ދުވަހަކަށް ވުރެ ދުވަހެއް ތަނަވަސް ވަމުންނެވެ. ރާވެރިކަމުން ލިބޭ އެއްޗަކުންނާއި އަލީ އާއި އަށްޅޯހިބެގެ ހީވާގި ކަމުން, އެ ގޭގައި ފަން ޖަހާފައި ހުރި ދެ ބިއްގަނޑު ނަގާ, ތެޅި ގަލުން އެ ދެ ބިއްގަނޑު ރޭނިއެވެ. އަދި ފުރާޅު އައުކޮށް ހެދިއެވެ. އެ ގޭގެ ކޮޓަރި ތަކުގައި އޮށި އެނދު ބެހެއްޓިއެވެ. އަދި ކުނާވިޔެ ކޮންމެ އެނދެއްގައި ކުނާ އެޅިއެވެ. އަލީގެ ހީވާގި ކަމުން އަށްޅޯހިބެ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. 

އަލީ ފަދަ ރަނގަޅު ފިރިއަކު ޒުލްފާއަަށް ލިބުނީތީ އަށްޅޯހިބެ އަބަދު ވެސް އުފާކުރެއެވެ. އެސޮރު މިހާ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެ ދެއްކުވި ހީވާގި ކަމުގެ ސަބަބުން, އަށްޅޯހިބެ ހިތާހިތާ ބުނެވުނެވެ. އަލީ މެންނަށް އެކަނި ދިރި އުޅުމެއް އުޅެވިދާނެއެވެ. މިހެންވެ އެ ކުދިން މަރޮއްޓަށް ދާންޖެހޭ ދުވަސް ގާތް ވުމުން އަލީ ގާތު އެ ބޭބެ ބުންޏެވެ. 

”ދަރިފުޅާ އަލީ. ބޭބެއަށް ތި ކޮއެފުޅުގެ ހީވާގި ކަމާއި, ކެރުމާއި, ހިތްހެޔޮކަން މި ދެލޮލުން ފެނި އަތުން ހިފާފަ މި ބުނަނީ, ދަރިފުޅުމެން ބޭނުން ތާކު އުޅެން ދިއަޔަސް ބޭބެއަށް ހަމަ އެންމެ ރަނގަޅު. މާތް ކަލާންގެ އިރާދަފުޅުން ތިކުދިންނަށް ދެރަ ގޮތެއް މިންވަރު ނުކުރަށްވާނެ. ކޮންމެ ކަމެއްގައި ވެސް ކެތް ކޮށް, އަބަދު ވެސް އެކުގައި އުޅޭތި. ދިމާވާ ދެބަސްވުން ތަކުގައި, ދެކުދިން ރީތި ގޮތުގައި ވާހަކަ ދައްކައިގެން ހައްލު ކުރާތި. އުންމީދު ކުރަން ދޭތެރެ ދޭތެރެއިން މިރަށަށް އައިސް އުޅޭނެ ކަމަށް.“

އަށްޅޯހިބެގެ އެ ވާހަކަ އަޑުއަހާ އަލީއަށް އޭނާގެ މައިންބަފައިންގެ މަތިން ހަނދާންވެ, ދެ ލޮލުން ކަރުނަ ހިރިލިއެވެ. މިހެންވެ ބޭއިހްތިޔާރުގައި އަށްޅޯހިބެގެ ގައިގައި ބައްދާލެވުނެވެ. 

ކުޑަޅިޔަނު ވައުދު ވެފައި އޮތްގޮތައް, ދެ މަސް ފަހުން އަލީމެން ބަލާ އައި ދުވަހުގެ ހެނދުނެވެ. ޒުލްފާއާއި, އަލީ ތިބީ އަތިރިމަތީގައި ދަތުރަށް ތައްޔާރު ވެގެންނެވެ. އަދި އަށްޅޯހިބެއާއި, ދައްތަ ވެސް އެ މީހުންނާއި އެކު ތިއްބެވެ. އަލީގެ ދެޅިޔަނު, ދޯނި އެޅުމުގެ ކަންކަން ނިންމާފައި, ބޮއްކުރާއެއްގައި ބިލެތްފަށްސަށް ފޭބުމަށް އައެވެ. އެ ވަގުތު އަލީމެން ވެސް މޫދާއި ކައިރިއަށް އައެވެ. ބޮޑުޅިޔަނުގެ މޫނު މަތިން, އަލީ އަށް ފެނުނީ ނުތަނަވަސް ކަމުގެ ކުލަވަރުތަކެވެ. މިހެންވެ ސަބަބު އަހާލިއެވެ.

ޖަވާބުގައި ބޮޑުޅިޔަނު ބުނީ, އޭނަގެ ކޮއްކޮއެއް ދަތުރުކުރި މަސްދޯންޏެއް މީގެ ދެ ހަފްތާ ކުރިން, ވީނުވީއެއް ނޭނގި ގެއްލުނު ވާހަކައެވެ. އަދި މިހާތަނަށް އެ ދޯނިން ދަތުރުކުރި އެކަކު ވެސް ނުފެންނަ ވާހަކަ ބުންޏެވެ. އެ ދޯނީގައި އެ ރަށުގެ މޮޅު ފަންޑިތަވެރިޔާ, މޫސަބޭ ވެސް ދަތުރުކުރި ކަމުގައި ބުންޏެވެ. އަދި އޭގެ އިތުރުން މަރޮށީގެ ދެ މީހަކު ވެސް ގެއްލިފައިވާ ވާހަކަ ބުންޏެވެ. 

ބޮޑުޅިޔަނުގެ ވާހަކަ އަޑުއަހާ އެންމެން ވެސް ދެރަވިއެވެ. އަދި ބޮޑުޅިޔަނުގެ ގާތުގައި ހިއްވަރު ކުރުމަށް އެންމެން ވެސް ބުންޏެވެ. އިސާހިތަކު ވަދާއި ސަލާމް ބަލާމް ނިމި, މަރޮށްޓައް ދިއުމަށް ދަތުރު ފެށުނެވެ. ގަދަވެ ސަލާމަތުން ތިބިއްޔާ, އަދި ބައްދަލު ވާނެކަމަށް ވައުދު ވަމުންނެވެ. އަލީމެން ދިއުމަށް އަށްޅޯހިބެއާއި ދައްތަ ނޭދުނެއްކަމަކު, އެމީހުން އެކަން ނުދައްކާ ތިބީ ހިނިތުންވެލާފައެވެ.

މެންދުރުފަހުގެ ވަގުތެއްގައި އަލީމެންނަށް މަރޮށްޓައް ދެވުނެވެ. އެއިރު އަލީގެ ދައްތަމެން އަތިރިމަތީގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ދޯނި އަޅާފައި ބޮއްކުރާއެއްގައި އެންމެން އެކުގައި ރަށަށް ފޭބިއެވެ. އަލީއާއި, ޒުލްފާއާއި, ދަތްތަމެން ސަލާމްކޮށް ހާލު އަހުވާލު އަހާއި, ގެނެއި އެއްޗެހި ހިފައިގެން އަލީގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. 

ގެއަށް ގޮސް ދަތުރުގެ ބައިވެރިން ފެންވަރާ ރީތިވެ ނިމުނުއިރު, އަލީގެ ދައްތަމެން މެންދުރުގެ ކެއުން ތައްޔާރު ކުރިއެވެ. އެމެން އެކުގައި ކައިގެން ޒުލްފާއާއި އެކު މަޖާކުރުމުގައި ވަގުތުތައް ހޭދަވިއެވެ. މެންދުރުން އަނބުރާލާ ހަވީރު ވި ވަގުތު, އެންމެންގެ ގާތުން ހުއްދަ ނަގައިގެން, އަލީގެ ރުއްތަކުގެ ހާލު ބަލާލުމަށް ރުއްވަލަށް ދިއައެވެ. އެއިރު ވެސް ދައްތަމެން, ޒުލްފާއާއި އެކު ގޭގެ އެކި ކަންކަމުގައި އުޅުނެވެ. 

ރުއްވަލަށް ވަދެވުނު އިރު ހީވެގެން ދިއައީ, އަލީގެ ރުއްތައް އަލީ ފެނި އުފަލުން ނަށަންފެށި ހެނެވެ. އަލީ ވެސް އުފަލުންގޮސް ރުއްތަކުގައި ބައްދާލިއެވެ. އަދި ބުނެލިއެވެ. ”އަހަރެން މި އައީއެވެ.“ އެވަގުތު މަންޒަރު ބަލަން ހުރި މީހެއް ނަމަ ދެކޭނީ, އަލީ ހުރީ މޮޔަވެފަކަމަށެވެ. ކޮންމެ ރުކަކަށް ވެސް އަރާ ރުކުގައި ކުރިން ބަނދެފައި ހުރި އެތް މުހާލާ, ރުއް ސާފު ކޮށްލައެވެ. އަދި މާދަމާގެ ވަގުތެއްގައި އައު އެތް ބަންނަން އައުމަށް އަޒުމް ކަނޑައަޅާ އެ ދުވަހު ގެއަށް ދިއައެވެ. އިރު އޮށްސެން ގާތް ވުމުން އަލީގެ ދައްތަމެން އެ މީހުންގެ ގެތަކަށް ދިއައެވެ. 

އޭގެ އަނެއް ދުވަހުގެ ހެނދުނު ހެނދުނާ, އަލީ, ޒުލްފާއާއި އެކުގައި ރުއްވަލަށް ދިއައެވެ. އަލީ ރުއްތަކުގައި އެތްބަނެވެ. އަދި އަލީ އަރާ ރުކާއި މާދުރު ނޫން ހިސާބެއްގައި, ބިލެއްފަހިން ގެނައި އައު މުޑުވައްތަކުން ރުކެއް ޒުލްފާ އިންދިއެވެ. މިފަހަރު ރުއްތަކުގައި އެތްބަނީ, އަށްޅޯހިބެ ދަސްކޮށްދިން ގޮތްގޮތައް ރުއްތަކުގެ މޮޅު ދެރަ ބަލައިގެންނެވެ. އޭގެ ހަފްތާއެއްގެ ތެރޭގައި ރުއްތަކުގައި ގުޑި ލެވޭވަރު ވިއެވެ. އިސާހިތަކު ރުއްތަކުން ވަރަށް ރަނގަޅަށް ރާ ލިބެން ފެށިއެވެ. އަދި އެއަށްފަހު އައު ފެށުމަކުން ރާވެރިކަން ފެށިގެން ދިއައެވެ. 

ރާވެރިކަމުގައި ދެމީހުން ވެސް ހިއްސާވަނީ ވަރަށް ފުރިހަމަ އަށެވެ. ހެނދުނު ރާ ބޭލުމަށް އަލީއާއެކު ޒުލްފާ ވެސް ވަލަށް ދެއެވެ. ހަމަ އެގޮތައް އަލީ ވެސް ރާ ކެއްކުމުގައި ޒުލްފާއާއި އެހީވެދެއެވެ. އެ ދެމީހުންގެ އަތްމަތި ދިއައީ ދުވަހަކަށް ވުރެ ދުވަހެއް ތަނަވަސް ވަމުންނެވެ. ނަމަވެސް އަލީމެންގެ ކައިވެންޏަށް އަހަރެއް ވީއިރު ވެސް ދަރިއަކު ނުލިބެއެވެ. އެކަމާ ޒުލްފާ ހުންނަނީ ދެރަވެފައެވެ. މިހެންވެ ފާތިމާއާއި, ހަދީޖާގެ އެހީ އާއެކު ޒުލްފާއަށް ވިސްނައިދީ, ހިތް ނުތަނަވަސް ނުވުމަށް ބުނެދެމުން ގެންދިއައެވެ. 

އަލީމެންގެ ކައިވެންޏަށް ދެ އަހަރު ވާން އުޅެނިކޮށް ބިލެއްފަށްސަށް ކުރި ދަތުރެއްގައި, އެމީހުންނަށް އަށްޅޯހިބެ ވަރަށް އުފާވެރި ހަބަރެއް ދިނެވެ. އެއީ އަށްޅޯހިބެގެ ދައްތަ ހައްޔަރުގައި އިން ވާހަކައެވެ. ނަމަވެސް އެދުވަހުގެ އެ ވާހަކައިން އަނެއްކާ ވެސް ޒުލްފާ ވަރަށް ބޮޑައް ދެރަވެ, އޭނައަކީ ދަރިން ނުލިބޭ މީހެއްބާއޭ ހިތައް އެރިއެވެ. އަލީ އެދުވަހު ޒުލްފާއަށް ވިސްނައިދިނީ, އަށްޅޯހިބެމެންނަށް ވެސް ދަރި އަކު ލިބެން އެ އުޅެނީ އަދި ކިރިޔާއެވެ. ކައިވެނިކޮށްގެން އުޅޭތާ މިހާރު ކިހާ ޒަމާނެއް ވެއްޖެ ހެއްޔެވެ. ވީ އިރު އެ ހިޔާލު ދޫކޮށްލުމަށް ބުންޏެވެ. ނަސީބަކުން ޒުލްފާ އަލީގެ ވާހަކަ އަޑުއަހައިގެން އެ ހިޔާލު އެ ދުވަހު ދޫކޮށްލިއެވެ.

ޒުލްފާގެ މައިވަންތަ ކަމުގެ ކުލުނު އަނެއްކާ ވެސް އުތުރިގަތީ, އަލީމެންގެ ކައިވެންޏަށް ތިން އަހަރު ވި ފަހުންނެވެ. އެއީ  އަލީގެ ދައްތަ, ހަދީޖާ ބަނޑުބޮޑުކަން އެނގުން ދުވަހުއެވެ. އެ ދުވަހު ޒުލްފާ ވަރަށް ރޮއުނެވެ. މަންމައަކަށް ވާން އޭނާ ވެސް އެދެނީ އިންތިހާ އަށެވެ. އަމިއްލަ ދަރިއަކު މަންމާއޭ ކިޔާ ގޮވާލާ އަޑު އަހަން ބޭނުން ވަނީ އިންތިހާއަށެވެ. ދަރިފުޅާއި އެކު ކުޅެ މަޖާކޮށްލަން ބޭނުން ވަނީ އިންތިހާއަށެވެ. މިހެންވެ އަލީމެންގެ ކައިވެނީގެ ބިންގަލަށް ބޮޑު ލޮޅުމެއް އެދުވަހު އައެވެ. ނަމަވެސް އެ ލޮޅުމުގެ ސަބަބުން ކައިވެނި ނުރޫޅު ހިފެހެއްޓުނީ, އެރަށުގެ ފޫޅުމައެއްގެ ލަފާއާއި އެއްގޮތައް ކަންތައް ކުރުމަށް ނިންމި ހިސާބުންނެވެ. ނަސީބު ރަނގަޅުކަމުން އޭގެ ތިން މަސް ފަހުން ޒުލްފާ ކުއްޖަކާއިގެން ހައްޔަރުގައި އިނެވެ. އެ އުފާވެރި ހަބަރު އަލީގެ ދައްތަމެންނަށާއި, އަށްޅޯހިބެމެންނަށް ވެސް ދިނެވެ. 

އެ ދުވަހަށް ފަހު އަލީގެ ރާވެރިކަމަށް ކުޑަ ލުޔެއް ދިނެވެ. އެއީ ޒުލްފާއަށް ކުރިން މަސައްކަތް ކުރެވޭ މިންވަރަށް މަސައްކަތް މިހާރު ނުކުރެވޭތީއެވެ. އަލީ އެކަމަކާއި އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ޒުލްފާއަށް މި ދުވަސްކޮޅު އެންމެ މުހިންމީ އަރާމު ކުރުން ކަމުގައި ވާތީއެވެ. 

ދުވަސްތައް ފާއިތު ވަމުންގޮސް ޒުލްފާގެ ބަނޑައް ނުވަމަސް ވާން ވަރަށް ގާތް ވެއްޖެއެވެ. އެއިރު އަލީގެ ދައްތަ އުޅެނީ ވިހައިގެންނެވެ. މި ދުވަސްކޮޅު އަލީ ވެސް ގިނަ ވަގުތު ހޭދަކުރަނީ ގޭގަ, ޒުލްފާއާއި އެކުއެވެ. ނަމަވެސް ކޮންމެ ދުވަހަކު ހެނދުނާއި ހަވީރު, ރާވެރިކަމުގައި އުޅެއެވެ. އެހެނަސް, ރާ ކުރަނީ ވަރަށް މަދު ރުއްތަކަކުންނެވެ. އަލީއަށް އެކަނި ރާ ކެއްކޭ ވަރަށް ރާ ގެނެސްގެން ކައްކާ އުޅެއެވެ. 

އާދައިގެ މަތިން ހެނދުނު ރާވެރިކަމުގައި އަލީ އުޅުނު ދުވަހެކެވެ. ޒުލްފާ އެ ވަގުތު އުޅުނީ އަލީ އަންނަން ވާއިރަށް, ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައެވެ. ބަނބުކެޔޮ ކޮޅެއް މަޑުކޮށްލުމުގެ ބޭނުމުގައި, ތެއްޔަކަށް ފެން އެޅުމަށް, އެގޭގެ ބަދިގެ ކައިރީގައި ހުންނަ ވަޅު ކައިރިއަށް ޒުލްފާދިއައެވެ. އެވަޅަކީ އޭނަގެ އުނަގަނޑާއި ހަމައަށް އަރާވަރުގެ ފާރެއް ރާނާފައިވާ, ހަތްވަރަކަށް ފޫޓު ފުން ވަޅެކެވެ. ދިޔަވަރު ބޮޑު ވަގުތެވުމުން ވަޅު ތެރޭގައި ފެންގަނޑުގެ އުހެވެ. ވަޅުގެ ކައިރީގައި ހުރި ދާނިން ފެން ނަގައިގެން ފެން އަޅަނިކޮށް, ޒުލްފާގެ ބަނޑުގައި ވަރަށް ގަދައަށް ރިއްސައިގަތެވެ. އޭނާއަށް ކޮޅަށް ހުރެވުނީ ހަމަ ކިރިޔާއެވެ. ވާތަދުން އަލީއަށް ވަރަށް ބާރައް ގޮވާލެވުނެވެ. އަދި ވަޅުގެ ފާރުމަތީގައި ހިފަހައްޓަން އަތް ގެންދިއަ ވަގުތު, އަތް ކައްސާލައިގެން ގޮސް ވަޅުގެ ފާރުގައި އުނަގަނޑު އެޅި, ބޯކޮޅު ވަތައް ވަޅުގެ ތެރެއަށް ވެއްޓުނެވެ. 

ވަޅުގެ ފެންގަނޑުގެ ތެރެއަށް ޒުލްފާ ވެއްޓުނު ވަގުތު ޒުލްފާއަަށް ވީތަދުން ރޮއެ ގަނެވުނެވެ. ފަތަން އެނގޭތީ ވަޅުގެ ފެންގަނޑުގެ މަތީގައި އޮއެވުނެވެ. ނަމަވެސް ކުއްލިއަކަށް ދެންއައީ ވިހެއުމުގެ ވޭންގަނޑެވެ. ކޮންމެއަކަސް ހިތްވަރުކޮށް އަމިއްލައަށް ވިހެވޭތޯ މަސައްކަތް ފެށިއެވެ. އެއަރާ ވޭން ބުނެދޭން ވެސް ނޭނގޭ ހާލުގައި އޮވެއެވެ. މާކަށް ގިނައިރު ތަކެއްނުވެ ޒުލްފާއަށް ވިހެވުނެވެ. ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑު ވަޅުގެ ތެރެއިން އިވިގެން ދިއައެވެ. އެއީ ލޯބި ލޯބި ކުޑަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނަގައި ޒުލްފާގެ މޭމަތީގައި ބާއްވާ, މަސަލަސް ކުރަމުން އުއްޑުން ފެންގަނޑުގެ މަތީގައި އޮށޯތެވެ. އެވަގުތު ވަޅުގެ ތެރޭގެ ފެންގަނޑަށް އޮތީ ރަތްކުލަ އަރާފައެވެ. އެ ރަތް ކުލައިގެ ފެންގަނޑުގެ ތެރެއިން ކުއްލިއަކަށް އެ ފެންމަތިވީ ކުޑަ ކުޑަ ޅަ ގެރިއެކެވެ. ވަރުބަލި ވެފައިވާ ޒުލްފާއަށް ހައިރާންކަމެއް އެ ވަގުތު ލިބުނެވެ. ނަމަވެސް އެއްއަތުން އެ ގެރި ނަގާ ބަނޑުގެ މަތީގައި ބޭއްވިއެވެ. ނަސީބަކުން އެ ގެރި ނޭވާލައެވެ. 

ޒުލްފާގެ މޭމަތީގައި އޮތް ކުޑަ އަންހެން ކުއްޖާއާއި ދިމާލަށް ބަލާލުމަށް ފަހު އުފަލުން ރޮވުނެވެ. މަންމަގެ ލޯބި ދޮންފުއްގަނޑޭ ބުނެލިއެވެ. މަންމަގެ ލޮލުގެ ފިނިކަމީ ތިއީއޭ ބުނެލިއެވެ. އިރިކޮޅެއް ފަހުން, މަސްތުރަވި ވަގުތު ލޭމަނާނުވެ މާގިނައިން ލޭ ފައިބަން ފެށިއެވެ. ވަޅުގެ ފެންގަނޑުގެ ރަތްކަން އިހުނަށްވުރެ ގަދަވިއެވެ. އުހަނަށްވުރެ ބޮޑަށް, ޒުލްފާ ވަރުބަލިވާން ފެށިއެވެ. އަލީ ގެއަށް އަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްލަ ކޮށްލާ ޒުލްފާ ހިތްވަރު އެލުވާނުލާ އޮތެވެ. 

އަލީ ރާވެރިކަމުގައި އުޅެފައި ގެއަށް އައެވެ. އައިސް ޒުލްފާ ނުފެނިގެން ގޮވަން ފެށިއެވެ. ބަދިގޭގެ ކައިރީގައި ހުރި ވަޅުގެ ތެރެއިން ކުކުރުމުގެ އަޑު އިވޭތީ އަވަހަށް އެ ދިމާއަށް އަލީ މިސްރާބު ޖެހިއެވެ. ކަމަކު ދާކަށް ނެތެވެ. ވަޅުގައި އޮތް ޒުލްފާ އެވަގުތު އޮތީ ފަހު ނޭވާ ނުލައި ހަމަ ކިރިޔާއެވެ. އަލީ އަވަހަށް ވަޅަށް ފުންމާލިއެވެ. އަދި ޒުލްފާ ނެގުމަށް އުޅުނެވެ. އަލީގެ އުނަގަނޑުގައި އޮތް ފިޔޮހިން, ކުއްޖާގެ ފޫޅު ކެނޑިއެވެ. އެ ވަގުތު ވަރުބަލި ގޮތަކަށް ޒުލްފާ ވާހަކަ ދެއްކިއެވެ. 

”އަލީ އަހަރެންގެ މި ދަރިފުޅު ރަނގަޅަށް ބަލައިދެންޗޭ އަލީއާއި އެކު ހޭދަވި ދުވަސްތަކަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތައް މި ދަރިފުޅަކީ އަހަރެން މި ދުނިޔޭގައި އުޅުނު ކަމުގެ ނިޝާން އެއްވެސް ގެއްލުމެއް މި ދަރިފުޅަށް ވިޔަނުދީ ބަލަހައްޓަ ދެންޗޭ އަލީ ފަދައިން ހިންހެޔޮ ރަނގަޅު ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތު ކޮށްދެންޗޭ

ޒުލްފާ ވާހަކަ ދައްކާ ނިމުނުއިރު އަލީ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަލީ އުޅުނީ ޒުލްފާ ނަގައިގެން ވަޅުން އެރޭތޯ ބަލާށެވެ. ނަމަވެސް އެއިރު ޒުލްފާގެ ފުރާނަ ހަށިގަނޑާއި ވަކިވެއްޖެއެވެ. ނުވަމަސް ދުވަހު ބަނޑުގައި ގެންގުޅުނު ދަރިފުޅާއި އެކު ވަގުތު ހޭދަކުރަން ބޭނުން ވެފައިވި ޒުލްފާ, މި ވަގުތީ ދުނިޔެއާއި ވަކިވީއެވެ. މަންމާއޭ ކިޔާ ގޮވާލާނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ޒުލްފާއަށް އެ ދުވަސް ދެނެއް ނުފެންނާނެއެވެ. އެ ލޯބި ލޯބި ކުއްޖާއާއި އެކު ކުޅެ މަޖާކޮށްލަން ބޭނުންވެފައި ހުރި ޒުލްފާއަށް އެ ފުރުސަތު ލިޔެވިފައި ނެތީއެވެ. އަލީއަށް އެކަން އެނގުމުން ބާރަށް ރޮއެގަނެ ވުނެވެ. ވަޅުގެ ތެރެއިން އިވިގެން ދިއައީ އަލީއާއި ކުޑަކުއްޖެއްގެ ރުއިމުގެ އަޑެވެ. 

ވީ ދެރައިން ވަޅުގެ ތެރެއިން އަރަން ބޭނުން ނުވެފައި އޮތް އަލީ, ވަޅުން އެރޭތޯ އުޅުނެވެ. ހައިރާންވެ ހުރެ, ޒުލްފާގެ ބަނޑުމަތީގައި އޮތް ޅަ ގެރި ނަގައި ވަޅުގެ ބޭރުގައި ބޭއްވިއެވެ. އެއަށްފަހު އެއް އަތުން އެ ކުޑަ ކުއްޖާ ނަގައިގެން ވަޅުން އެރިއެވެ. އަދި ވަޅުގެ ކައިރީގައި އޮތް ޅަގެރި އަނެއް އަތުން ނެގިއެވެ. ހިތްވަރުކޮށް ގޭގެ އެތެރެއަށް ދިއުމަށް ހިނގައިގަންނަން އުޅުނެވެ. ނަމަވެސް ކުރިއަށް ފިޔަވަޅެއް ނޭޅި, ހުރިތަނަށް ދެކަކޫމައްޗަށް ތިރި ވެވުނެވެ. އަލީއަށް ބާރަށް ހަޅޭއް ލަަވައިގަނެ ވުނެވެ. ލޭފެނުން ތެމިފައި ހުރި އަލީގެ އެއް އަތުގައި އޮތީ ލޭފެނުން ތެމިފައި އޮތް ކުޑަ ކުއްޖެކެވެ. އަނެއް އަތުގައި އޮތީ ލޭފެނުން ތެމިފައިވާ ޅަ ގެރިއެކެވެ. ރަތްގެރިފުޅެވެ. 

-ނުނިމޭ-

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!