“ކަލޭ މާފަށް އެދުނީއާ ހުރިހާ ކަމެއް ބަދަލުވާނެތަ…..؟؟؟ އަހަރެން މާފުކޮށްފާނަން…. އެކަމަކު އެހެނޭ ކިޔާފައި އަހަރެންގެ ދަރިފުޅުގެ ބިރު ކެނޑުވޭނެތަ….؟؟؟؟ އޭނާއަށް ނަފްސާނީގޮތުން ލިބުނު އަނިޔާތައް ނުލިބޭކަމަށް ވާނެތަ….؟؟؟؟ ތީ އަހަރެންގެ ދަރިންނަށް ހުރި ނުރައްކަލެއްކަން އަހަންނަށް އެނގުނުނަމަ މިގޭ ހަތަރު ފާރުން އެތެރެވުން ކީއްކުރަން، މިގެއާއި ދިމާއަށް ބަލާލިއަ ދޭކަށްވެސް އަހަރެން ބޭނުމެއް ނޫން….. މިކްޔާން…. އަހަރެންގެ އަތުން ފައިން ގޯހެއް ނުހެދެނީސް މި ނުލަފާ މީހާގަނޑު މަގޭ ކުރިމަތިން ދުރަށްލާ……” ޖާވިދު އައިސްފައިވާ ރުޅިން ހާމިދު ކޮށްޕާލިއެވެ. އެވަގުތު ބޭރުން ސައިކަލްތަކެއްގެ އަޑު އިވުމުން އެންމެން އެއްފަހަރާ ބަލާލިއެވެ. ޕޮލިސް ޔުނީފޯމްގައި ތިބި ހަތަރު މީހަކު ގޭތެރެއަށް ވަދެގެން އައުމުން މިކްޔާން އިސްވެ އެމީހުންނާއި ދިމާއަށް ހިނގައިގަތެވެ. އަދި އެމީހުންނާއި ވާހަކަތަކެއް ދެއްކުމަށްފަހު ޖާވިދުމެން ތިބި ދިމާއަށް އައެވެ.

ޕޮލިހުންނަށް ކުރިން ހުރިހާ ވާހަކައެއްވެސް ކިޔައިދީފައިވާތީ، އެމީހުން އައިސް ހާމިދު އަތުގައި ބިޑި އެޅުވިއެވެ. އަދި ރުހާގެ ބަޔާން ނެގުމަށްޓަކައި ރުހާވެސް ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން ޖެހޭނެކަމުގައި ބުންޏެވެ.

“މިވަގުތު ރުހާގެ ހާލަތު އެހާ ރަނގަޅެއް ނޫން…. ރުހާ ހަމައަކަށް އެޅެލީމަ މިރޭ ރުހާ ގޮވައިގެން ދިޔަސް އޯކޭތަ…..” އެތައް ދުވަހަކަށްފަހު ކުއްލިއަކަށް އެކަންތައް ފެންމަތިވުމުން ރުހާގެ ސިކުނޑިއަށް ވަރަށް ބާރުކުރާނެކަން މިކްޔާނަށް ވިސްނުމުން އޭނާ ބޭނުންވީ ރުހާ ހަމައަކަށް އެޅުމަށްފަހު އޭނާގެ ބަޔާން ދޭށެވެ. އެތާ އިސްކޮށް ހުރި ޕޮލިސް މީހާ ބޯ ޖަހާލަމުން ރުހާ ހަމައަކަށް އެޅުމުން އޭނާ ގޮވައިގެން އައުމަށް ބުނެފައި ހާމިދު ގޮވައިގެން އެމީހުން ދިޔައީއެވެ.

 

ޕޮލިހުން ދިއުމުން އެންމެން އެކީ އެތެރެއަށް ވަންއިރު ރުހާމެން ތިބީ ގޭގެ ބޮޑު ކޮޓަރީގައެވެ. އޭނާގެ ދެފަރާތުގައި ރިދާއާއި ލައިނީވެސް ތިއްބެވެ. ރިދާގެ ކޮނޑުގައި އަތް ބާއްވާލައިގެން މަލަކް އިނީ ސޯފާގެ އަތްގަނޑު މަތީ އިށީނދެލައިގެންނެވެ. ރުހާ އިނީ ރިދާގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓާލައިގެންނެވެ. ދެލޮލުގައި ކަރުނަތައް ވީނަމަވެސް އޭނާ އިނީ މަޑުނެގިފައެވެ. އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު، އެ ހުރިހާ އިރެއް ވީއިރުވެސް އޭނާ އެއްވެސް ބަހެއް ނުބުނެއެވެ. ރިދާމެންވެސް އޭނާ ލައްވާ ވާހަކަ ދައްކުވާކަށް މަސައްކަތެއް ނުކުރެއެވެ. އެއްވެސް ސުވާލެއް ކޮށްގެންވެސް ރުހާގެ ފަރާތުން ޖަވާބެއް ލިބޭނެކަމުގެ އުއްމީދެއްވެސް ނެތީމައެވެ.

މިކްޔާންމެން އައުމުން ރުހާގެ ދެފަރާތުގައި ތިބި ލައިނީއާއި ރިދާ ތެދުވާން އުޅުނެވެ. ނަމަވެސް ރުހާ ރިދާގެ އަތުން ދޫކޮށްނުލުމުން އޭނާއަށް ބަލާލެވުނީ މިކްޔާނާއި ދިމާއަށެވެ. މިކްޔާން އަތުގެ އިޝާރާތުން އެންގީ ރުހާގެ ގާތުގައި މަޑުކުރުމަށެވެ. ލައިނީ ތެދުވުމުން އެތާނގައި އިށީނީ ލީނާއެވެ. ޖާވިދާއި ރަޔާން މަޑުކޮށްލައިގެން ތިބީ ރުހާމެން ތިބި ސޯފާގެ ފަހަތުގައެވެ. މިކްޔާންގެ ޢާއިލާ މީހުންގެ އިތުރުން ލައިނީވެސް ދެން ހުރި ސޯފާތަކުގައި އިށީނެވެ. މިކްޔާން ހުރީ ރިދާގެ އެއްފަރާތުން ކޮޅަށްށެވެ. މޭ މަތީ ދެ އަތް ހުރަސްކޮށްލައިގެން ހުރިއިރު އެ މޫނުމަތީގައިވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ދަރިފުޅާ…. ޕޮލިހުން އައިސް ހާމިދު ހައްޔަރުކޮށްގެން ގެންގޮއްސި……” ރުހާގެ ބޮލުގައި ވަރަށް އޯގާތެރިކަމާއި ލޯތްބާއިއެކު ފިރުމާލަމުން ޖާވިދު ބުނެލިއެވެ. އޭނާގެ އަޑުގައި މޮޅިވެރިކަންވީ ލޯބިވާ ދަރިފުޅު އިން ޙާލު ފެނުމުގެ އިތުރުން އެމީހުންނަށް ނުވެސް އެނގި އެ ދަރިފުޅު އެތައް ވޭނެއް ތަޙައްމަލް ކޮށްފައިވާކަން އެނގުމުންނެވެ. އެ މޫނުމަތީގެ އުޖާލާކަން ނެތިގޮސް މޮޅިވެރިކަން ވެރިވެފައިވީ އެ ދަރިފުޅަށް ދޭންވާ ފުރިހަމަ ޙިމާޔަތް ނުދެވުމުގެ ސަބަބުންނެވެ. ޖާވިދުގެ ދުލުން ނުކުތް ބަސްތަކަށްފަހު، ރުހާ ހިފަހައްޓާލައިގެން އިން ރިދާގެ އަތަށް ކުޑަ ލުތްވެއް ލިބުމުން އޭނާއަށް އެ އަތާއި ދިމާއަށް ބަލާލެވުނެވެ. އޭނާ ބަލަން އިންދާ ދޫ ދެމުން ގޮސް އެ އަތުން ރުހާ އެއްކޮށް ދޫކޮށްލިއެވެ. ހާމިދު ހައްޔަރުކުރި ޚަބަރު އިވިފައި ރުހާގެ ހިތުން ބިރުވެރިކަން ފިލައި ދިޔައީކަމުގައި ރިދާއަށް ވިސްނުނެވެ. އަދި އެ ހުރިހާ އިރު އޭނާގެ އަތުގައި އެހާ ބާރަށް ހިފަހައްޓައިގެން އެ އިނީ ހާމިދު ދެކެ ބިރުގަތުމުން ކަމުގައިވެސް އޭނާއަށް ނަގައިގަނެވުނެވެ. ޖާވިދު ވާހަކަ ދެއްކުމުންވެސް ރުހާ މާ ބޮޑަކަށް އަޅައެއް ނުލައެވެ. ވާހަކަ ދައްކާކަށްވެސް ނޫޅުނެވެ. ހަމަ އެ އިން ގޮތަށް އިނީއެވެ.

“ދަރިފުޅާ….. ރުހާ…. ކިހިނެއް މިވީ….. ކީއްވެ މި ހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް މަންމަމެންނަށް އަންގާ ނުލީ… މަންމަމެން ގާތުގައި ބުނިނަމަ……” ލީނާގެ ޖުމްލަ ފުރިހަމަ ނުކޮށް ހުއްޓާލީ ޖާވިދު އޭނާގެ ކޮނޑުގައި ކޮއްޓާލަމުން އެވާހަކަ ނުދެއްކުމަށް އިޝާރާތް ކުރުމުންނެވެ. ލީނާ މަޑުމަޑުން ބޯ ޖަހާލަމުން ރުހާގެ އަތްތިލައިގައި ބާރަށް ހިފަހައްޓާލަމުން އެ އަތަށް ފިތާލިއެވެ. މަންމަ މި ހުރީ އަބަދުވެސް ރުހާއާއިއެކުގައި އޭ ބުނެލިފަދައެވެ. ހިތްވަރުކުރާށޭ ބުނެލިފަދައެވެ. ލީނާ އިނީ ކެތްކުރެވޭ އެންމެ މަތީ ދަރަޖައަށް ކެތްކޮށްލައިގެންނެވެ. ދެލޮލުގައިވާ ކަރުނަތައް ހީވަނީ ދެންމެ ދެންމެ ފައިބައިގަންނަން ތައްޔާރަށް ތިބި ހެންނެވެ. އެހެނަސް ލޯބިވާ ދަރިފުޅަށް ހިތްވަރު ދިނުމަށްޓަކައި ، ހިތްވަރުކޮށްލާފައި އޭނާ ދިޔައީ އެ ކަރުނަތަކަ ހަނގުރާމަ ކުރަމުންނެވެ.

“އެންމެ ފުރަތަމަ ހާމިދު އަހަންނާ ބެހެން އުޅުން އިރު، އޭރު އަހަރެން އަދި ބޮޑު މީހަކަށްވެސް ނުވޭ…..” އެންމެންވެސް ހައިރާންވެފައި އެކަކު އަނެކަކަށް ބަލާލެވުނީ ރުހާ ވާހަކަ ދައްކަން ފެށުމުންނެވެ. ރުހާ އިނީ އޭރުވެސް ކުރިން ބަލަން އިން ދިމާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާއަށް އެ ވާހަކަ ދައްކަން ފެށުނީ މަންމަގެ ފަރާތުން ލިބުނު ހިތްވަރުންނާއި ބައްޕަގެ ވާހަކަތަކުން ހާމިދު ހައްޔަރުގައި ހުރިކަން އެނގުމުން މިހާރު އެވާހަކަތައް ކިޔައިދީގެން އޭނާއަށް ނުރައްކަލެއް ނެތްކަން އެނގުމުންނެވެ. ރުހާ ވާހަކަ ދައްކަން ފެށުމުން ޖާވިދަށް ކަންބޮޑުވެފައި ބަލާލެވުނީ މިކްޔާނާއި ދިމާއަށެވެ. މިކްޔާން އަތުގެ އިޝާރާތުން އަންގާލީ ކަންބޮޑުނުވުމަށެވެ. އެވާހަކަތައް ދެއްކުމަށް ރުހާއަށް ފުރުސަތު ދިނުމަށެވެ. އޭނާ ދެކޭ ގޮތުގައި އެވާހަކަތައް ޚިއްސާ ކުރުމުން ރުހާގެ ސިކުނޑިއަށް ވަރަށް ބޮޑުތަން ލުއިވެގެން ދާނެއެވެ. ހިތަށް ހަމަޖެހުން ލިބޭނެއެވެ.

“އޭރު އަހަރެންގެ އުމުރުން ބާރަ އަހަރު….. އެދުވަހު އަހަރެން ހުރީ ސިޓިންރޫމްގައި އިސްތިރިކުރަން….. ހާމިދު އައީ އާދައިގެ މަތިން  ބައްޕަ ހޯދަން….. ހާމިދަކީ އާއްމުކޮށް ގެއަށް އައިސް އުޅޭ މީހެއްކަމުން އަހަރެމެންވެސް އޭނާއާއި ވާހަކަ ދައްކާ އުޅޭތީ އޭނާ ފެނުމުން އަހަރެން ހާމިދުބޭއޭ ކިޔާ ގޮވާލިން….. އަހަރެން ގޮވާލީމާ ހީލާފާ އެހީ ބައްޕަ ކޮބާހޭ….؟؟؟؟ އަހަރެން ބުނިން ގެއަކު ނޫޅެއޭ…. ދެން އެހީ އެހެން މީހަކުވެސް ނޫޅެނީހޭ؟؟؟؟؟ އަހަރެން ބުނިން މަންމަ ދިޔައީ ފިހާރައަކަށޭ….. ދޮންބެ ވީ ސްކޫލްގައޭ…. އަދި ރިދާ ވީ އެފަރާތުގައޭ…… އެހެން ބުނީމަ އެހެންހޭ ކިޔާފަ އޭނަ އައީ އަހަރެން އިސްތިރިކުރަން ހުރި ދިމާއަށް…. އަހަރެން މާ ބޮޑަކަށް ސަމާލުކަމެއް ނުދެން….. އަހަރެން އޭރަކު އެއްވެސް ވަރަކަށް ނުވިސްނަން ހާމިދުގެ ފަރާތުން އަހަންނަށް އެއްވެސް ނުރައްކަލެއް ލިބިދާނެކަމަކަށް….. އެއީ އެ ވީހާ ދުވަހު އަހަރެން ދެކުނީ އެއީ ބޮޑުބޭބެއެއްގެ ގޮތުގައި…. އެހާވެސް ހެޔޮވެފައި ރަނގަޅުވީމަ…. ބައެއް ފަހަރު އަންނައިރު ހަދިޔާ އެއްޗެހިވެސް ގެނެސްދޭތީ….. އަހަރެން އިސްތިރިކުރަން ހުރި މޭޒާއި ދާދި ގާތުގައި އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ބުނެލީ ހާދަ ކަރުބޮޑު ހެދުމެކޭ ލައިގެން ތިހުރީ….. ދެން…. ދެން….. ދެން … އެ ހާ…. ހާމިދު….. އަހަރެންގެ    އަންހެންވަންތަ    ގުނަވަނުގައި    އަތްލީ….” އެ ހިސާބަށް ރުހާގެ ވާހަކަ ދިޔުމުން އޭނާއަށް ރިދާގެ އަތްތިލައިގައި ބާރަށް ހިފަހައްޓާލެވުނީ އެ ވާހަކަ ދައްކަން އުނދަގޫވުމުންނެވެ. ކަންބޮޑުވެފައި އިން ރިދާއަށް ބަލާލެވުނީ ޖާވިދުގެ މޫނަށެވެ. ޖާވިދުއަށް އެކަން ނަގައިގަނެވުމުން ރުހާގެ ބޮލުގައި ލޯބިން ފިރުމާލަމުން އޭނާ އުޅުނީ އެ ވާހަކަ ނުކިޔައިދިނަސް ހެޔޮ ކަމުގައި ބުނާށެވެ. ނަމަވެސް އޭނާއަށް އެހެން ނުބުނެވި އުޅެނިކޮށް ރުހާ އަނެއްކާވެސް އޭނާގެ ވާހަކައާއިގެން ކުރިއަށް ދާން ފެށިއެވެ. ބައްޕަގެ ފިރުމުންތަކުން އިތުރު ހިތްވަރެއް ލިބުނީތީއެވެ.

“އަހަރެން ކިތަންމެ އުމުރުން ހަގަސް އަހަންނަށް އިޙްސާސްކުރެވުނު އެއީ ރަނގަޅު ބީހުމެއް ނޫންކަން…. އަހަންނަށް ސިހިފައި ފަހަތަށް ފިޔަވަޅެއް އެޅުނީ އެހެންވެ…. ހާމިދަށް ބަލާލިއިރު އޭނާ ހުރީ ނުބައި ފާޑަކަށް ހެވިފައި…. އަހަންނަށް ބަލަމުން ދިޔައީ ގޯސް ނިޔަތެއްގައިކަން އަހަރެންގެ ޅަ ސިކުނޑިއަށް ނަގައިގަނެވުމުން އަހަރެން ބާރަށް ދުވެފައި ދިޔައީ ކޮޓަރިއާއި ދިމާއަށް…. ބިރުގަނެ ޖެހިލުންވެފައިވީވަރުން އަހަންނަށް ހީވި އަޑުވެސް ބެދުނުހެން…. ހަޅޭއްލަވަން އުޅެ އުޅެ އަހަންނަށް އެކަމެއް ނުވި…. އަހަރެން އެތަނުން ދާން އުޅުމުންވެސް ހާމިދު އަހަރެންގެ އަތުގައި ހިފައި ހުއްޓުވި… އަހަރެން ގަދަ ހަދަން ފެށުމުން ދެއަތް ބަންދުކޮށްލީ….. އަހަރެންގެ ހިތްގަނޑު ހީވި އަތަށް އައިސްދާނެހެން….. ސަލާމަތްވާނެ ގޮތެއް ނޭނގިފައި ހުއްޓާ ޚިޔާލަށް އައީ ދަތް އަޅަން…. އަހަރެން ވަރަށް ބާރަށް ހާމިދުގެ އަތުގައި ދަތް އެޅީމަ ވީ ތަދުން އަހަރެން ދޫކޮށްލީވެސް…. ދަނޑިވަޅު ބަލާފަ އަހަރެން ދުވެފައި ގޮސް ކޮޓަރިއަށްވަދެ ތަޅުލާފަ ތަންޑުވެސް އެޅިން….. އަހަރެން ކޮޓަރިއަށް ވަން ފަހުން ދޮރު ހުޅުވަން ތަޅުގައި ހިފިކަންވެސް އެނގުނު ތަޅުލާފައި ހުރިކަން އެނގުމުން ދޮރުގައި ޖަހާގެންފައި ބުނީ އެތާ ހިނގި އެއްވެސް ކަމެއްގެ ވާހަކަ ބައްޕަމެންގެ ގާތުގައި ބުނެފިއްޔާ ރިދާއަށްވެސް އެހެން ހަދާނަމޭ….. ރިދާގެ ނަން އިވުނީމަ އަހަންނަށް ނޭނގުނު ވީގޮތްވެސް….. މެޔަށް ނުބައި ތަދެއް އެރިހެންވެސް ހީވި…..” ރުހާގެ ވާހަކަ އެ ހިސާބަށް ދިޔުމުން ރިދާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ރަޔާނަށްވެސް އަތް މުށްކަވާލެވުނުއިރު އޭނާ ހުރީ ރުޅިއައިސްގެން ގޮސް ފަޅައިގެންދާވަރިވެފައެވެ.

“ރިދާ މަތިން އަހަރެން ހަންދާންވީވެސް އެވަގުތު…. އެ ނުލަފާ މީހާގަނޑު ގާތުގައި ރިދާ އެފަރާތުގައި އުޅޭ ވާހަކަ ބުނެވުނު ހަނދާންވުމުން އަހަރެން ވަރަށް ހާސްވި…. އަހަންނާ ބެހެން އުޅުނުހެން ރިދާއާއި ބެހެން އުޅެފާނެތީ….. އަހަރެން އުޅުނީ ކޮޓަރިން ނުކުންނަން….. އެވަގުތު އިވުނީ ގޭތެރެއިން މަންމަ ވާހަކަ ދެއްކި އަޑުވެސް….. ކީއްކުރަނީހޭ އެހުމުން ހާމިދު ބުނި ބައްޕް ހޯދަންށޭވެސް….. މަންމަގެ އަޑު އިވުނީމަ އެ ހިސާބުން އަހަންނަށް ކިރިޔާވެސް ހަމަޖެހުމެއް ލިބުނީ….. ދެން ރިދާއަށް ހާމިދުގެ ފަރާތުން އެއްވެސް ގެއްލުމެއް ނުވާނެކަން އެނގުމުން….. އެދުވަހު ހާމިދު ގެއަށް ދިޔަ ފަހުންވެސް އަހަރެން އެއްވެސް މީހެއްގެ ގާތުގައި އެވާހަކައެއް ނުބުނަން…. އަހަރެން ބިރުގަތީ…. އެ މީހާ ރިދާއާއިވެސް ދިމާކޮށްފާނެތީ….. އެކަމަކު އެ ދުވަހުގެ ފަހުން އަހަރެން ރިދާ އެކަނި އެއްވެސްތަނަކަށް ދިޔަކަ ނުދެން…” ރިދާއަށް ބަލާލަމުން ރުހާ އެހެން ބުނުމުން ރިދާއަށްވެސް އެ ދުވަސްތައް ހަނދާންވިއެވެ. އެކަނި ފިހާރައަކަށް ދާން ނުކުތަސް ފަހަތުން ރުހާ އަންނާތީ އޭނާ ބައެއް ފަހަރު ރުޅިއައިސްގެން ވެސް އުޅެއެވެ. ނަމަވެސް އޭރު ރުހާ އެގޮތަށް ކަންތައް ކުރަނީ އޭނާގެ ރައްކާތެރިކަމަށްޓަކައި ކަމެއް އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ.؟ އޭނާގެ ޚިޔާލްތަކުން އެއްފަރާތްވެލަން މަޖުބޫރުވީ އަނެއްކާވެސް ރުހާ ވާހަކަ ދައްކަން ފެށުމުންނެވެ.

“މަންމަމެން ހަނދާންވޭތަ….. އަހަންނާ ރިދާއާއި ބުރުގާ އަޅަންވެގެން އަހަރެމެން ތައްޔާރުވަމުން ދިޔަ އަހަރު ޙައްޖު ވިލޭރޭ ބުރުގާ އަޅަން ޚިޔާލް ދިނީ އަހަންނެއްނު…… އެކަމަކު އެއްދުވަހަކު އަހަރެން ގޮސް ބުނީމެއްނު އެދުވަހުން އެދުވަހަށް އަހަރެން ބުރުގާ އަޅަން ބޭނުންވާ ވާހަކަ….. ހަމައެކަނި އަހަންނެއް ނޫން…. ރިދާވެސް ބުރުގާ އަޅުވަން އެދުނީމެއްނު……” ލީނާ އަށް ބަލާލަމުން ރުހާ މިހެން ބުނުމުން އޭނާ ބޯ ޖަހާލީ އިއްޔެ ވީކަމެއްހެން އެދުވަސް ހަނދާން ހުރުމުންނެވެ. ވާނީވެސް އެހެންތާއެވެ. އެއީ ދެބެން ވަރަށް ބޮޑަށް ދެބަސްވީ ދުވަހެކެވެ. ޙައްޖުވިލޭރޭ ބުރުގާ އަޅަން ޚިޔާލް ދީފައި ކުއްލިއަކަށް އެދުވަހު ބުރުގާ އަޅަން ބޭނުންވާ ވާހަކަ ރުހާ ބުނުމުން ރިދާ ވަރަށް ހިތްހަމަ ނުޖެހިގެން އުޅުނެވެ. ރިދާ ހިތްހަމަ ނުޖެހުނީ ބުރުގާ އަޅަން ޖެހޭތީއެއް ނޫނެވެ. ދެބެން ބުރުގާ އަޅަން ބޭނުންވާ ވަރަށް ބުރުގާ ހަމަވެފައި ނެތުމުންނެވެ. ދެބެންގެ އަރާރުމުގެ މެދުގައި ތާށިވެފައި ހުންނަން ޖެހުނީ އޭނާއަށެވެ. އެރޭ ރުހާ ބުރުގާ އަޅަން ބޭނުންވެގެން އުޅެނީ ކީއްވެތޯ އެހާވަރަށް ސުވާލުކޮށްކޮށްވެސް ރުހާގެ ފަރާތުން އެދެވޭ ޖަވާބެއްވެސް ނުލިބެއެވެ. އެކަމާ ގުޅިގެން އޭނާ ބުނަނީ އެކަހަލަ ކަމެއް ލަސްކުރަންވީ ކީއްކުރަންހެއްޔޭއެވެ. އެންމެ ފަހުން އެރޭ ލީނާއަށް ރުހާގެ ބަސް ޤަބޫލުކުރާން ޖެހުނީ އޭނާ އަޅާ ތަނުން ބުރުގާއެއް އަޅައިގެން އައިސްހުރެ ދެން މި ބުރުގާ އަޅާފައި ކަމުގައި ބުނުމުންނެވެ. އަދި ސްކޫލަށް ފޮނުވަން ބޭނުންވާ ކަމުގައިވަންޏާ ސްކޫލް ޔުނީފޯމްގެ އަތްދިގުކޮށްދީ ބޭނުންވާ އެހެނިހެން ސާމާނު ހޯދައިދިނުމުންކަމުގައެވެ. ރުހާ އެ ގޮތަށް ކަންތައް ކުރުމުން ހައިރާންވެ ރުޅިއައި ނަމަވެސް ރިދާވެސް ހަމައެރޭ ބުރުގާ އެޅީ ދެބެންނަކީ އެއްމާބަނޑު ދެބޭންނަށްވެފައި އެކަކު ކުރާކަމެއް އާއްމުކޮށް އަނެކަކުވެސް ކޮށް އުޅޭތީ މެއެވެ. އޭގެ އިތުރުން ރިދާ އަބަދުވެސް ބުރުގާ އަޅަން ބޭނުންވީ ދެބެން އެއްކޮށް ކަމުގައިވީތީއެވެ. ރުހާ އަނެއްކާވެސް އޭނާގެ ވާހަކައާއިގެން ކުރިއަށް ދިޔައެވެ.

“މަންމައަށް އެނގޭތަ އެ ދުވަސް އެއީ އެންމެ ފުރަތަމަ ހާމިދު އަހަންނާ ބެހެން އުޅުނު ދުވަސް… އެހެންވެ އަހަރެން ބޭނުންވީ ފޮރުވިގެން ހުންނަން…..” ރުހާ މިހެން ބުނުމުން ލީނާ ބޯ ޖަހާލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަތިއްކެއް ނީރާލުމުން އަވަސްއަވަހަށް ފުހެލިއެވެ.

“އޭގެ ފަހުންވެސް ދެތިން ދުވަހު ހާމިދު އަހަންނަށް ކުދިކުދި ގޯނާ ކުރަން އުޅުނު…. ބައްޕަމެންވެސް ގޭގައި އުޅެނިކޮށް…. ބައްޕަމެންނަށް ނޭނގޭނެހެން….. އެކަމަކު އެއިން އެއްދުވަހަކުވެސް ހާމިދަށް ކާމިޔާބުވާ ގޮތެއް ނުވޭ….. ހާމިދުގެ އަތް ދަށުން ސަލާމަތްވާން އުޅުމުގެ ތެރެއިން އޭނާއަށް އަހަރެންގެ ފަރާތުން ކުދިކުދި އަނިޔާވެސް ލިބިފައި ހުންނާނެ…. އެންމެ ފަހުން އަހަންނާ ދިމާކުރި ދުވަހު ރުޅިއައިސްގެން އަހަރެން ބުނިން ބައްޕަ ގާތުގައި ބުނާނަމޭ…. އެކަމަކު އަހަންނަކަށް އެ ހިތްވަރު ކުރާކަށް ނުކެރޭ…. ބިރުގަންނަނީ ރިދާއަށް ގޮތެއް ހަދާފާނެތީ….. އެކަމަކު އެ ދުވަހުގެ ފަހުން ހާމިދު އަހަރެމެން ގެއަށް އައުން ހުއްޓުނުކަން އަހަންނަށް ފާހަގަވި…. އެކަމަކު ދެންވެސް އަހަންނަކަށް ނުކެރުނު ހިތްވަރުކޮށްފައި ބައްޕަމެންގެ ގާތުގައި އެ ވާހަކަ ބުނާކަށް….. އެފަހުން މިއަދާ ޖެހެންދެންވެސް މަގުމަތިން ހާމިދު ފެނުނަސް އަހަރެން ބިރުގަނޭ…. ޖެހިލުންވޭ….. ކޮންމެ ތާކު ހުއްޓަސް ދުވެ ފިލޭ…. ކޮންމެވެސް ރައްކާތެރި ތަނަކަށް ގޮސް ދޮރު ލައްޕާ ތަޅުލައިގެން ހުރެވޭނީ…..” ރުހާ އެވާހަކަތައް ކިޔައިދެމުން ދިޔައިރު އޭނާގެ ދެ އަތް ތުރުތުރުލަމުން ދިޔައެވެ. ރަޔާނަށް ކެތް ކުރެވުނީ އެ ހިސާބަށެވެ. ފަހަތަށް އެނބުރެމުން މުށްކެވިފައިވާ އަތުން ފާރުގައި ދެތިން ބޮނޑި އަޅުވާލެވުނެވެ. ދެންވެސް އޭނާގެ ރުޅިގަނޑު ފިނިވަ ގޮތެއް ނުވިއެވެ. ސޯފާގައި އިށީނދެގެން އިން މިލާނާއި އެތާ ކޮޅަށް ހުރި މިކްޔާންވެގެން އޭނާ ހުއްޓުވިއެވެ. އަދި ހަމެޖެހުމަށް ބުނެލިއެވެ.

“ހަމަޖެހޭށޭ ބުންޏަސް ހަމަޖެހެވޭތަ…. ނުބައި ނުލަފާ މީހާގަނޑު…. މަގޭ ކޮއްކޮގެ ދިރިއުޅުން ބަރުބާދު ކޮށްލާފަ ހަމަޖެހިގެން އުޅެވޭނެ ކަމަށްތަ ހީކުރީ…. ކީއްކުރަން ޕޮލިހުންނާއި ހަވާލުކުރީ….. އަހަރެން ބޭނުން ދެން އަހަރެންގެ ކޮއްކޮއަށް ބަލާލަން ނުކެރޭވަރު ކުރަން…..” ރުޅިއައިސްގެން ގޮސް ރަޔާނަށް ކިޔޭ ނުކިޔޭއެއްވެސް ނޭނގެއެވެ. މީހާވެސް ތުރުތުރު އަޅައެވެ. ނިމާލް އައިސް ރަޔާންގެ ގާތުގައި ވަރަށް ވާހަކަ ދައްކަމުން އޭނާ ހަމަޖެއްސުމަށްޓަކައި ގޮވައިގެން ދިޔައީ ބޭރަށެވެ. ރަޔާން ގޮވައިގެން ނިމާލް ބޭރަށް ދިއުމުން ޖާވިދު ރުހާގެ ގާތަށް އައުމުން ރިދާ އޭނާ އިށީނުމަށް ތަންދީފައި ތެދުވިއެވެ.

“ދަރިފުޅާ…. ދަރިފުޅު ވަރަށް ހިތްވަރުގަދަ…. އަދި ވަރަށް ކެތްތެރި….. ދަރިފުޅުގެ ހިތްވަރުގަދަކަމާއި ކެތްތެރިކަމަށް ބައްޕަ ވަރަށް ފަޚުރުވެރިވަން….. އެކަމަކު ބައްޕަ ބުނަންތަ ވާހަކައެއް… އެހުރިހާ ދުވަހެއް ވަންދެން ދަރިފުޅު އެކަން ސިއްރު ކުރުން އެއީ އަދި ރަނގަޅު ގޮތެއް ނޫން…. އެއީ އެކަމުގެ ޙައްލެއްވެސް ނޫން…. އޭގެ ބަދަލުގައި އެކަމެއް ފުރަތަމަ ހިނގި ދުވަހުވެސް ބައްޕަމެންނާއި އެކަން ޚިއްސާ ކުރިނަމަ ކަންތައް މިހާ ހިސާބަކަށް ނުދިޔައީސް…. އަދި ދަރިފުޅުގެ ޙާލަތު ތިހާ ގޯހެއްވެސް ނުވީސް…. އެކަމަކު ދެން އެކަކުވެސް އެވާހަކަ ދައްކާނެ ކަމެއް ނެތް…. އެކަން ދެން އެ ނިމުނީ…. ކޮއްކޮގެ ރައްކާތެރިކަމަށް ވިސްނާފަ، މާ ބޮޑަށް ބިރުގަނެފައި ހުރުމުން ދަރިފުޅަށް އެކަންތައް ސިއްރު ކުރެވުނީ… ބައްޕަމެންނަށް އެކަން ވިސްނޭ….. އެކަމަކު ބައްޕަ ދެންތަ ވަރަށް ރަނަގޅު ނަސޭޙަތެއް…. މީ ހަމައެކަނި ރުހާއަށް ދޭ ނަސޭޙަތެއް ނޫން…. ރިދާއާއި ލައިނީގެ އިތުރުން މަލަކްއަށްވެސް…..” ޖާވިދުގެ ވާހަކަ މިހާ ހިސާބަށް ގެންގޮސްފައި ހަތަރު ކުދިންނަށް ވަކިވަކިން ބަލާލިއެވެ. ހަތަރު ކުދިންވެސް ބޯ ޖަހާލިއެވެ.

“މީގެ ފަހުން އެކަހަލަ ކޮންމެ ކަމެއް ދިމާވިޔަސް ވަރަށް ކެރިގެން ކުރިމަތިލާންވާނީ…. މީހަކު ނޫނީ ބަޔަކު މަސައްކަތް ކޮށްފާނެ ބިރުދައްކަން…. ބިރުގަންނަވަން….. އެކަމަކު ދަރިފުޅުމެން ބިރުނުގަނެ ވަރަށް ކެރިގެން އެކަމަކާ ކުރިމަތިލައްޗޭ…. ފަހަތަށް ނުޖެހޭތި…. އެކަހަލަ ކަންތައް ސިއްރުކުރަން ބަޔަކު މަޖުބޫރު ކުރިޔަސް ބިރު ނުގަންނާތި…. ދަރިފުޅުމެން ބިރުގެންފިނަމަ ބިރު ދައްކާ ބަޔަކަށް އެ ލިބެނީ އިތުރު ހިތްވަރެއް…. އެކަމަކު އެކަމަކާ ބިރުނުގަނެ ކެރިގެން ކުރިމަތިލައިފިނަމަ ބިރު ދައްކާ މީހާ ޖެހިލުންވާނެ…. އޭރުން ފަހަތަށް ޖެހޭނީ ދަރިފުޅުމެންނެއް ނޫން…. އެބަޔަކު….. އޭގެ ހެއްކަކަށް މިއަދު ރުހާ ތި ކިޔައިދިން ވާހަކަވެސް ފުދޭ…. ރުހާ ބައްޕަމެންގެ ގާތުގައި ހާމިދުގެ ވާހަކަ ބުނާނަމޭ ބުނި ފަހުން ހާމިދަށް ނުކެރުނެއްނު މި ގެއަށް އަންނާކަށް ދޯ…. ހަމައެކަނި މައްސަލައަކީ ދަރިފުޅު ހަމައެކަނި އެހެން ބުނެލިކަން…. އެދުވަހު އަސްލަށްވެސް ބައްޕަމެން ގާތު ބުނިނަމަ އަދި ވަރަށް ރަނގަޅުވީސް…. ހަމަ އެގޮތަށް މިހާރަކަށް އައިސް އެކި ގޮތްގޮތުން އަންހެން ކުދިންނަށް ބިރު ދައްކައިގެން އެކުދިންގެ ނާޖާއިޒު ފައިދާ ނަގާ މީހުން މިހަރު މި މުޖުތަމަޢުގައި ވަރަށް ގިނަ….. އެކަމަކު ދަރިފުޅުމެން ވިސްނަން ވީ ކަމަކީ އެފަދަ މީހުންގެ ބަހަށް ނުހެއްލެން…. އެ މީހުން ބިރު ދެއްކިޔަސް ދަރިފުޅުމެންނަށް އެނގޭނެ ގޯސްކަމެއް ނުކުރެވޭކަން…. އެހެން ވީމަ މާތް ﷲ އަށް ވަކީލްކޮށް ބިރުނުގަނެ އެކަމަކާ ކުރިމަތިލާ…. އެމީހުންގެ ބަހަށް ހެއްލި އެމީހުން ބުނާހާކަމެއް ކުރުމުން ދުރުހެލިވޭ…. އޭގެ ބަދަލުގައި އެކަންތައްތައް އަންގަންވީ ފަރާތްތަކަށް އަންގާ އެފަރާތްތަކުގެ ޙިމާޔަތްތެރިކަން ހޯދަން މަސައްކަތްކުރޭ….” ރުހާގެ ބޮލުގައި ފިރުމާލަމުން ޖާވިދު މުޚާތަބުކުރީ އެތާ ތިބި ހަތަރު އަންހެން ކުދިންނާއެވެ. ހަތަރު ކުދިންވެސް ޖާވިދުގެ ބަސް ޤަބޫލުކުރަމުން ބޯ ޖަހާލިއެވެ.

“ދެން ހާމިދުގެ ކަންތައްވެސް އެ ނިމުނީ…. ދަރިފުޅުވެސް ދެން އެކަން މަތިން ހަނދާން ނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ ބަލަންވީ އިނގޭ….. ޖާވިދު މިހެން ބުނުމުން ރުހާ ބޯ ޖަހާލިއެވެ.

“ދެން ހިނގާ އެންމެން ކާން ދަމާ…….” ކުޑަކޮށް ރުހާ ގަޔާ ގާތްކޮށްލުމަށްފަހު ޖާވިދު އެންމެންނަށް ހިނިތުންވެލިއެވެ. އެވަގުތުވީ ރަޔާން ހަމައަކަށް އަޅުވައިގެން ނިމާލްވެސް އައި ވަގުތެވެ. ޖާވިދު ރުހާ ގޮވައިގެން ކާގެއާއި ދިމާއަށް ހިނގައިގަތުމުން އެންމެން އެކީ އެމީހުން ފަހަތުން ދިޔައެވެ. ރިދާ ފިޔަވައެވެ. ރުހާގެ ވާހަކަތަކުން އޭނާއަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ފަހަތަށް ފިޔަވަޅު އަޅަމުން އޭނާ މިސްރާބު ޖެހީ ކޮޓަރިއާއި ދިމާއަށެވެ. ކުރިންވެސް ރިދާގެ ޙަރަކާތްތަކަށް ސަމާލުވެލައިގެން ހުރި މިލާނަށް ރިދާ ކޮޓަރިއަށް ދިޔަކަން އެނގުމުން އޭނާގެ ފަހަތުން ދިޔައެވެ.

މިލާން ކޮޓަރީގެ ދޮރު ހުޅުވާލިއިރު ރިދާ ހުރީ ކުޑަ ދޮރު ކައިރީގައި އޭނާއަށް ފުރަގަސްދީގެންނެވެ. މިލާން ލަސްފިޔަވަޅުތަކެއް އަޅަމުން ރިދާގެ ގާތަށް ހިނގައިގަތެވެ. އޭނާއާއި ގާތްވީވަރަކަށް މިލާނަށް ރިދާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އޭނާގެ ހިތަށް ނުބައި ގޮތެއް ވެގެން ދިޔައީ އެ ގިސްލުމުގައިވީ ވޭނީ ރިހުމެއްގެ ސަބަބުންނެވެ.

“ރިދާ…..” ރިދާގެ ގާތުގައި މަޑުކޮށްލަމުން އޭނާގެ ކޮނޑުމަތީ އަތް ބާއްވާލަމުން މިލާން ރިދާއަށް ގޮވާލިއެވެ. އޭނާ ނުވިސްނާ ހުއްޓާ ގެނައި ކުއްލި ޙަރަކާތަކާއިއެކު ރިދާ އޭނާގެ ގައިގައި ބައްދާލަމުން އަޑުން އަޑު ނަގާ ރޯން ފެށިއެވެ. މިލާން ވަރަށް ކަންބޮޑުވިއެވެ. އެހާ އަސަރާއިއެކު ރިދާ ރޯންވީ ސަބަބެއް ނޭނގޭތިއެވެ.

“ރިދާ….. ކީއްވެ ތި ރޮނީ….  ނިކަން ވީ ގޮތެއް ބުނެބަލަ……” ރިދާގެ ބޮލުގައި ފިރުމަމުން ހާސްވެފައި ހުރެ މިލާން ބުނެލިއެވެ. އިރުކޮޅަކު އެ ގޮތުގައި މަޑުކޮށްލުމަށްފަހު، ރިދާ، މިލާނާއި ދުރަށް ޖެހެލިއެވެ. ރިދާގެ މޫނު ފެނިފައި މިލާންގެ ހިތުގައި ރިއްސާލިއެވެ. ގަދައަށް ރުއިމުގެ ސަބަބުން ރިދާގެ ދެލޯ ރަތްވެފައިވާއިރު އެ ދޮން މޫނަށްވެސް ވަނީ ލޭކުލަ ވެރިވެފައެވެ. ލޮލުގެ ބޮނޑިމަސްގަނޑު ދުޅަވެފައިވާއިރު، އިރުއިރުކޮޅުން ގިސްލެވެއެވެ. އޭރުވެސް އޭނާގެ ރުއިމަކަށް ބަދަލެއް ނާދެއެވެ.

“މިލާން….. ދޮންތި އެހާ ގިނަ ދުވަހު އެ ކަންތައް ސިއްރުކޮށްގެން އުޅެން އެ ޖެހުނީ އަހަރެންގެ ސަބަބުން….. އަހަރެންގެ ސަބަބުން ދޮންތި އެހާ ވޭނުގައި އުޅެން އެ ޖެހުނީ…..” ދެއަތުން މޫނު ފޮރުވާލަމުން ރިދާ ބުނެލިއެވެ. މިލާނަށް ވެގެން އުޅޭ ގޮތް ރޭކާލީ ދެނެވެ. ރުހާގެ ވާހަކަތަކުން ރިދާއަށް މާ ބޮޑަށް އަސަރުކުރީއެވެ. އެކަން ވިސްނުމުން ބަހެއް ބުނުމެއް ނެތި މިލާން ރިދާ ގެނެސް އޭނާގެ މޭގައި ލައްކޮށްލިއެވެ. އަދި ވަރަށް އޯގާތެރިކަމާއިއެކު ރިދާގެ ބުރަކަށީގައި ފިރުމަމުން ރުއިން ހުއްޓާލުމަށް އެދުނެވެ. އިރުކޮޅަކަށްފަހު ރިދާ ކުރިއަށްވުރެ ހަމަޖެހުމުން މިލާން ރިދާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. އަދި ކޮޓަރީގައި ހުރި ފެންފުޅިއަކުން އޭނާއަށް ފެންފޮދެއް ދިނެވެ. އެއަށްފަހު ރިދާގެ ކުރިމަތީ ދެކަކޫ ޖަހާލަމުން އޭނާގެ ދެއަތުގައި ހިފަހައްޓާލިއެވެ.

“ރިދާ…. އެހެން ވިސްނާކަން ފަހަރިއަށް އެނގިއްޖެއްޔާ ފަހަރި އަދި މާ ދެރަވާނެ….. އަޅެ ބުނެބަލަ…. ފަހަރީގެ މަގާމުގައި ރިދާ ހުރިނަމަ ކިހިނެއް ކަންތައްކުރާނީ…..؟؟؟؟ ހަމަ އެގޮތަކަށް ނޫންތަ ކަންތައް ކުރާނީ…..؟؟؟؟” ރިދާގެ ދެލޮލަށް ބަލަން އިނދެ މިލާން ބެލީ އޭނާއަށް ވިސްނައިދެވޭތޯއެވެ. ރިދާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“އަހަރެންނަށް އެނގިހުރެ ދޮންތިއަށް އެއްވެސް މީހެއްގެ ފަރާތުން ގެއްލުމެއް ލިބުނަކަ ނުދޭނަން…..” ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފުހެލަމުން މިހެން ބުނެލިއިރު ރިދާގެ އަޑުގައި އާދަޔާ ޚިލާފު ޖޯޝެއް ވިއެވެ. ދެއަތް މުށްކެވިގެން ދިޔައީ ހާމިދު ރުހާއާއިމެދު ކަންތައް ކުރިގޮތް ހިތަށް އައުމުންނެވެ.

“އެކަމަކު އަހަރެން ދެރަވަނީ އޭރު އަހަންނަށް ކަންތައް ކުރެވުނު ގޮތުން….. ޙަޤީގަތް ނޭނގޭތީ ދޮންތި އެހެން އަވަސް އަރުވާލާފައި ކަންތައްތައް ކުރީމަ ދޮންތި ދެކެ ވަރަށް ރުޅިއައިސްގެން އުޅުނިން…. އައްޓަމަހެއްހެން އަހަރެންގެ ފަހަތުން އުޅުން ގޮތުން ވަރަށް ހިތްހަމަ ނުޖެހިގެންވެސް އުޅުނިން…..” ރިދާގެ މޫނުމަތީގައިވި ރުޅިވެރިކަން އަނެއްކާވެސް ފަނޑުވެ ހިތާމަވެރިކަން ގަދަކޮށްލިއެވެ.

“ދެން އެ ވާހަކަ ނުދައްކާ….. އަހަންނަށް ހީވަނީ އެކަމާ ގުޅޭގޮތުން ފަހަރި ހިތުގައި އެއްވެސް ބުރަކަމެއް ނުވާނެހެން…..” ރިދާގެ ދެ ކޮލުގައި ހިފާލަމުން މިލާން މަސައްކަތްކުރީ އޭނާ ހިތްހަމަޖައްސައި ދެވޭތޯއެވެ.

“ޔަޤީނެއްނު…. އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއް ނެތް….” ހުޅުވާލެވިފައިވާ ދޮރާއި ދިމާއިން ރުހާގެ އަޑުއިވުމުން ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ. އޭރު ރުހާ އާއި މިކްޔާން ދޮރުމަތީގައި ތިއްބެވެ. އެމީހުންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ރުހާގެ ފަރާތުން ލިބުނު ޖަވާބުން ދޭހަކޮށްދެނީ މިލާނާއި ރިދާގެ ދެމެދުގައި ދެންމެ ދެކެވުނު ވާހަކަ އެމީހުންނަށް އަޑުއިވުނުކަމެވެ. ރުހާ ފެނުމުން ރިދާ ދުވެފައި ގޮސް ރުހާގެ ގައިގައި ބައްދާލިއެވެ.  ނުހަނު ލޯތްބާއިއެކު ރުހާ ރިދާގެ ބޮލުގައި ފިރުމާލިއެވެ.

“އެންމެންވެސް ދެން އެކަންތައް މަތިން ހަނދާން ނައްތާލާ…. މީގެ ފަހުން އެއްވެސް މީހަކު ނުވާނެ ދެން އެކަންތައްތަކުގެ ވާހަކަ ދައްކައިގެންނެއް…. އެ ކަންތައް މިހާރު އެ ނިމުނީ…..” ރިދާ ރުހާއާއި ދުރަށް ޖެހިލުމުން މިކްޔާން ބުނެލިއެވެ. ދެބެން އެކުއެކީހެން ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.

“ދެން ހިނގާބަ ކާން ދާން….. އަހަރެންގެ ބަނޑުން އެބަ އަޑު ގޮވާ ކަންނޭނގެ…..” ބަނޑުގައި އަތް ކާއްތާލަމުން މިލާން މިހެން ބުނުމުން ރިދާމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ހަތަރު މީހުން އެކުއެކީ ކާގެއާއި ދިމާއަށް މިސްރާބުޖެހީ ހިތްހަމަޖެހިފައި ތިބެއެވެ.

**********

ރުހާއާއި ރިދާ ދުވަސްކޮޅަކު މަންމަމެންގެ ގާތުގައި މަޑުކޮށްލަން ބޭނުންވާތީ، މިކްޔާނާއި މިލާންވެސް އެމީހުންނާއިއެކު އެރަށުގައި މަޑުކުރިއެވެ. ނިމާލްގެ ދެމަފިރިންގެ އިތުރުން މަލަކް އެނބުރި ރަށަށް ދިޔައީ މަލަކްގެ ކިޔެވުން އޮންނާނެތީއާއި ކުންފުނީގެ މަސައްކަތްތައް އެހާ ގިނަ ދުވަހަށް އެހެން މީހަކާއި ޙަވާލުކޮށްފައި ނުބާއްވާންވެގެންނެވެ.

**********

އޭގެ ދެތިން ދުވަސް ފަހެވެ. ފިހާރައަކަށް ގޮސްފައި ރުހާ ގެއަށް އައި ވަގުތު ގޭ ދޮށުގައި ސައިކަލްމަތީ އިން ނައިޒަކް ފެނިފައި ހިނދުކޮޅަކަށް ނަމަވެސް ރުހާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ނަމަވެސް މާ ބޮޑުކަމަކަށް ނުހަދާ އޭނާ ގެއަށް ވަނުމަށް ހިނގައިގަތެވެ. ނަމަވެސް ރުހާއަށް ގެއަސް ނުވަދެވި އުޅެނިކޮށް ނައިޒަކް ގޮވާލުމުން ރުހާ ހުއްޓުނެވެ. ނަމަވެސް ފަސް އެނބުރި ބަލއެއް ނުލައެވެ. ސައިކަލްމަތިން ފައިބައިގެން އައިސް ނައިޒަކް މަޑުކޮށްލީ ސީދާ ރުހާގެ ކުރިމަތީގައެވެ. ރުހާ އެއްފިޔަވަޅު ފަހަތަށް ޖެހެލީ ނައިޒަކް އައިސް މާ ގާތުގައި ހުރުމުންނެވެ.

“އަހަރެން މި އައީ ރުހާގެ ފިރިމީހާ ގުޅާފަ އައިސްބަލާށޭ ބުނީމަ…..”  ޖީންސްގެ ދެޖީބަށް އަތް ޖަހާލަމުން ރުހާގެ މޫނަށް ބަލަން ހުރެ ނައިޒަކް ބުނެލިއެވެ.

“އަހަރެން ގެއަށް ވަދެފައި އެބަ ބުނަން…..” މިހެން ބުނެފައި ރުހާ އުޅުނީ ހިނގައިގަންނާށެވެ. ނަމަވެސް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލެވުނީ ނައިޒަކް ފެށި ވާހަކައަކުންނެވެ.

“ކުރީ ދުވަހު މިކްޔާންގެ ވާހަކަތަކުން ހީވަނީ އޭނާއަށް އަހަރެމެންގެ ދޭތެރޭ ކުރިން އޮތް ގުޅުން ސިއްރުކުރެވިފައި ވާހެން……” ރުހާ ހުއްޓުވަން ބޭނުންވާތީ މިކްޔާން ބުނެލިއެވެ. އޭނާގެ މަސައްކަތް ކާމިޔާބުވެސް ވިއެވެ. ނަމަވެސް ރުހާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހެންކަމުން ދެންވެސް ވާހަކަ ދެއްކީ ނައިޒަކެވެ.

“އޭނާ ގާތު އެވާހަކަތައް ނުކިޔައިދެންތަ…..؟؟؟؟ ރުހާއަށް ކިޔައިދެން ނުކެރެންޏާ އަހަރެން މިކްޔާނަށް ހުރިހާ ވާހަކައެއް ކިޔައިދެންތަ….؟؟؟” ދެބުމަ އަރުވާލަމުން މިކްޔާން އަހާލިއެވެ. ރުހާގެ މޫނުން ހާސްވެފައިހުރިކަމުގެ އަސަރުތައް ފެންނާން ހުރުމުން އޭނާގެ ތުންފަތުގައިވީ ފަތަޙައިގެ ހިނިތުންވުމެކެވެ.

“އަހަރެންނަށް ކޮން ވާހަކައެއް ކިޔައިދޭ ވާހަކަ ތި ދައްކަނީ….؟؟؟” މިކްޔާންގެ އަޑަށް ސިހިފައި ދެމީހުންނަށް އެއްފަހަރާ ބަލާލެވުނެވެ.

(ނުނިމޭ)

9

5 Comments

 1. Fathimath Nafha

  October 6, 2021 at 10:09 pm

  This part is also awesome…I love all of your storys it’s like a master piece 🥰…keep it up girl… waiting for next part..konme part ehga ves v curious kohlaafa thi ninmaalani,🤗..u are the best👍👍

  • Eemyaa

   October 6, 2021 at 10:35 pm

   Hai nafha 🙂 Thanks a lott dear 🥰❤️ nd yeah saw ur comment for part 15… Nd sorry i couldn’t reply cox comments were closed… ☹️
   Thanks for tht comment too… ❤️ Hope u’ll like upcoming parts too 😄 hehe

 2. Eemyaa

  October 6, 2021 at 10:29 pm

  Kiyuntherinnah mi part ves kamudhane kamah ummeedhu kuran 🥰❤️🙂
  Mihaaru mi vaahaka eem ge fb page “EamYaa ge Vaahaka” in ves kiyaaleveyne 🙂
  https://www.facebook.com/EamYaa-ge-Vaahaka-100267119062847/
  Enjoy 🙂

 3. Eemyaa

  October 6, 2021 at 10:38 pm

  @Ahmed Naufal
  Thanks dear bro for the comment on part 15 😄❤️🥰
  Maa fahun fenunyma e ah reply nukurevuny… Sorry

  • Ahmed Naufal

   October 7, 2021 at 1:04 am

   hehe..its ok sis❤❤🥰🥰

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!