“ހާދަ ރޮމޭންޓިކޭ…ކުރިއަކުން ހިއެއް ނުކުރަން އައްކި ތިހާ ރޮމޭންޓިކް ކަމަކަށް…ވަރަށް ރީތި ސަޕްރައިޒެއް…ވަރަށް ރޮމޭންޓިކް އެޓްމޮސްފިޔާރ އެއް” އައްކިޔުން ދިން މަލުގައި ހިފާލަމުން އުފަލުން ހުރެ ނައިޝާ ބުނެލިއެވެ.

އެވަގުތު އައްކިޔުންނަށް ހިނިތުން ވެވުނެވެ.ފިނިފެންމަލަށް ބަލަހައްޓައިގެން ހުރެ އޭގެ ފިޔަތަކާ ކުޅެމުންދިޔަ ނައިޝާއަށް ލޯބިން ފުރިގެންވާ ނަޒަރަކުން އައްކިޔުން ބަލައިލި އެވެ.

ނައިޝާއަށް ބަލަންހުރި އައްކިޔުން ވަރަށް ލޯބިން ނައިޝާއަށް ގޮވާލިއެވެ. “ކީކޭ؟” ފިނިފެންމަލަށް ބަލަހައްޓައިގެން ހިނިތުންވެ ހުރެ ނައިޝާ ބުނެލިއެވެ.

“ނައި… އައްކިޔުންނަށް ނައި ދެކެ ލޯބިވެވިއްޖެ” ނައިޝާގެ މޫނަށް ބަލަހައްޓައިގެން ހުރެ އައްކިޔުން ބުނެލިއެވެ.އެވަގުތު ފިނިފެންމަލުގެ ފިޔަތަކުގައި ބީހެމުންދިޔަ ނައިޝާގެ އިނގިލިތަކުގެ ހަރަކާތް ހުއްޓި އައްކިޔުންނާ ދިމާލަށް ބަލައިލެވުނެވެ.

“ކީކޭ؟” އައްކިޔުން ބުނި ބަސް އަޑުއިވެމެ، ދެވަނަ ފަހަރަށް އަޑުއަހަން ބޭނުންވުމުން ނައިޝާ ބުނެލިއެވެ. “އާނ ނައީ…އައްކިޔުން ނައި ދެކެ ލޯބިވެވިއްޖެ…އައްކިޔުންނަށް މިހާރު އަބަދު ނައިގެ ހަނދާން ކުރެވެނީ…ނައި ދެކެން ބޭނުންވަނީ…އަބަދުވެސް ނައި ކައިރީގަ ހުންނަން ބޭނުންވަނީ” ހިތުގެ ވިންދު އަވަސްވެގެން ދިޔަ އައްކިޔުން އެއްނޭވާއިން ބުނެލިއެވެ.

އެވަގުތު ނައިޝާ އެއްވެސް ބަހެއް ނުބުނެ އައްކިޔުންނާ ދިމާއަށް ބަލަން ހުރެވުނެވެ. “އައްކި ބުނީމެއްނު އައްކި ދޮގު ހަދާކަށް ބޭނުމެއް ނުވެޔޭ… ކުރީގަ ނައި ދެކެ ގަޔާވެވުނަސް މިހާރު އައްކިއަށް ނައި ދެކެ މިވަނީ ލޯބިވެވިފަ” ނައިޝާ އަނގައިން ނުބުނެ ހުރުމުން އައްކިޔުން އިތުރަށް ބުނެލިއެވެ.

އެވަގުތު ނައިޝާގެ ލޮލަށް ކަރުނަ ޖަމާވެ މަޑުމަޑުން އޭނާގެ ލޮލުން ކަރުނަތައް ފައިބާން ފެށިއެވެ. “ނައި ރޮނީތަ؟ ނައިޝާއަށް ރޮވޭތަން ފެނުމުން އޭނާ އާއި ކައިރިވެލާ ކަރުނަތައް ފުހެލަދެމުން އައްކިޔުން ބުނެލިއެވެ.

“އެއީ އުފާވެގެން..ވަރަށް ހެޕީވެއްޖެ…ނައި ވެސް އައްކިޔުންނާ ަަަަަަަަަަަަަަަަަަަަަަަަަަަަަަަައެކު އުޅެންފެށި ފަހުން އައްކިޔުން ދެކެ ލޯބިވެވިއްޖެ… އެކަމް އެވާހަކަ ބުނަން ނުކެރިފަ މިހުރީ” އުފާވެރިކަމުގެ ކަރުނަ ބަންޑުން ކޮށްލުމަށްފަހު ނައިޝާ  ބުނެލިއެވެ.

“މީ އައްކިޔުންގެ ފުރަތަމަ ފަހަރު މީހަކުދެކެ ލޯބިވި..އެހެންވެ އައްކިޔުންނަށް ލޯބިވެވުނީތޯ ޔަގީންކުރަން ލޯބިވާ ވާހަކަ ނުބުނެ މަޑުކުރީ ….އެކަމަކު މިހާރު ޔަގީންވެއްޖެ މިވެވުނީ ލޯބިކަން” ހިނިތުންވެލަމުން އައްކިޔުން ބުނެލިއެވެ.

ނައިޝާ ކުރިމަތީގައި ހުރެ ހިތުގެ އިހުސާސްތައް ހާމަ ކުރަމުންދިޔަ އައްކިޔުންނަށް ލޯބިން ފުރިގެންވާ ނަޒަރަކުން ބަލަން ނައިޝާ ހުއްޓެވެ. އެމޫނުމަތިން އުޖާލާކަން ގެނެސްދޭ ކަހަލަަ ހިނިތުންވުމަކާ އެކުގައެވެ.

“ނައި މީ ވަރަށް ނަސީބު ރަނގަޅު މީހެއް ތިފަދަ މީހަކު ލިބުނީމަ” އުފަލުން ހުރެ ނައިޝާ ބުނެލިއެވެ. “ނޫނޭ…އަސްލު އައްކިޔުންގެ ނަސީބު އެއީ ތިފަދަ އޯގާތެރި ރީތި ބައިވެރިއަކު ލިބުނުކަން” ލޯތްބާއި އެކު އައްކިޔުން ބުނެލިއެވެ.

އައްކިޔުންނާ ނައިޝާ އާއި ދެމީހުން އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށް ވާހަކަ ދައްކަން ކޮޅަށް ތިއްބެވެ.އެވަގުތު ވަޔެއް ނުޖެހޭ އެތަނަށް ކުއްލިއަކަށް ބޮޑު ފަންގަނޑެއް ވެއްޓުނެވެ.އެފަންގަނޑު ވެއްޓުނީ ނައިޝާގެ ބޮލަށްވާ ގޮތަށެވެ.ނަމަވެސް ފަންގަނޑު ނައިޝާގެ ގައިގައި ޖެހުމުގެ ކުރިއަށް އައްކިޔުން ނައިޝާގެ އަތުގައި ހިފާ އޭނާގެ ގަޔާ ދިމާލަށް ނައިޝާ ދަމާގަތެވެ.

އައްކިޔުން ނައިޝާގެ އަތުގައި ހިފާ ކުއްލިއަކަށް ދަމާ ގަތުމުން އެދެމީހުން އެކުގައި ނުވެއްޓުނީ ހަމަކިރިޔާ އެވެ. ފަންގަނޑު ވެއްޓުމުން އައްކިޔުންގެ ގައިގައި ބައްދާލައިގެން ބިރުންހުރި ނައިޝާގެ ދެކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލަމުން ރަނގަޅުތޯ އައްކިޔުންނަށް އަހާލެވުނެވެ.

ބިރުގަނެފައިވާ ނައިޝާ އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.އެވަގުތު ހާސްވެފައިވާ އައްކިޔުން، ނައިޝާ އޭނާގެ ގަޔާ ކައިރިކޮށްލާ ބައްދާލިއެވެ.އަދި ލޯބިން ނައިޝާގެ ބޮލުގައި ފިރުމާލީ ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލަމުންނެވެ.

ނައިޝާގެ ގައިގައި ބައްދާލައިގެން ހުރި އައްކިޔުންނަށް ކުއްލިއަކަށް ނައިޝާގެ ފުރަގަހަށްވާ ގޮތަށް ލެޔާލް  އައްކިޔުންނާ ދިމާލަށް ބަލަން ހުއްޓާ ފެނުނެވެ.މިރޭ ލެޔާލް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފައެވެ.ރުޅިއައިސްގެން އަވަސް ނޭވާތަކެއް ދޫކުރަމުން ދިޔަ ލެޔާލްގެ ލޯ ހީވަނީ ރަތްކަމުންގޮސް އަނގުރު އަލިފާންގަނޑެއް ހެނެެވެ.

“ހިނގާދާން ގެއަށް” ނައިޝާގެ އަތުގައި ހިފާލުމަށްފަހު އެތަނުން ނިކުންނަން އައްކިޔުން ހިނގައިގަތީ ލެޔާލް ނައިޝާއަށް ފެނިދާނެތީއެވެ.

*****

ނައިޝާ ގެއަށްލާން ދިޔަ އައްކިޔުންގެ އެތެރެ ހަށީގައި ހީވަނީ ހުޅު ހިފާފައިވާ ހެނެވެ. އޭނާގެ އެތެރެހަށީގަައި ރުޅީގެ ތޫފާނެއް އުފެދިފައިވީ ނަމަވެސް ނައިޝާ ކުރިމަތީގައި ހަމަޖެހެން އައްކިޔުން މަސައްކަތް ކޮށްލިއެވެ.

ނައިޝާ ގެއަށް ލުމަށްފަހު ރުޅިއައިސްފައި ހުރި އައްކިޔުން ވަރަށް ބާރު ހިނގުމުގައި ހިނގާފައި ދިޔައެވެ.

ވަކި ހިސާބަކަށް ދެވުނުތާ އޭނާއަށް ލެޔާލް ފެނުނެވެ.އެވަގުތު އައްކިޔުންގެ ރުޅިގަނޑު ކެކި އުތުރި އެރިއެވެ. ދިޔަ ގޮތަށްގޮސް ގަސް ކައިރި ހިތްހަމަ ނުޖެހިފައިވާ ލެޔާލްގެ ދިގު އިސްތަށިގަނޑު ނަގާ އައްކިޔުންގެ އަތަށް އޮޅާލިއެވެ.

“ކަލޭ ކިހިނެއް ހަދާނަމޭ ހިތާތަ ތިއުޅެނީ؟….ކަލޭ ހީނުކުރާތި ކަލޭ ތީ އިންސާނެއް ނޫންވީމަ ބޭނުންހާ ގޮތެއް ހެދޭނެޔޭ…އަހަރެން ކަލޭ ދެކެ ކުޑަކޮށްވެސް ބިރެއްނުގަނޭ” ރުޅިއައިސް ހުރެ އެއްނޭވާއިން އައްކިޔުން ބުނެލިއެވެ.

އައްކިޔުން ރުޅި އައުމުން ލެޔާލް ޖެހިލުންވިއެވެ. “އައްކި އެންމެފަހުން އޭނަދެކެ ލޯބިވާ ވާހަކަވެސް ބުނީދޯ؟… އަހަރެންގެ ހިތަށް އަސަރުކުރީ… އަހަންނަށް ކެތްނުކުރެވުނީ” ދެރަވެލާފައި ލެޔާލް ބުނެލިއެވެ.

ލެޔާލް އެހެންބުނުމުން ނުރުހުންވެފައިވާ އައްކިޔުން، އޭނާގެ އަތަށް އޮޅާލައިގެން ހުރި ލެޔާލްގެ އިސްތަށިގަޑުން އަތް ދޫކޮށްލުމަށްފަހު ލެޔާލްގެ މޫނަށް އިސްތަށިގަޑު ޖެހިއެވެ.

“އަހަރެން ކަލޭ ކައިރީ ބުނިންދޯ ނައިޝާ ހުންނަ ތަނެއްގަ ކަލޭގެ ހިޔަނި ވެސް އެޅިގެން ނުވާނެ….މިރޭ އަހަންނަަށް ނައިޝާ އެތަނުން ދުރަށް ނުގެންދެވުންނަމަ އޭނަ މިހާރު އޮންނާނީ ހޮސްޕިޓަލުގަ…ކުރިއަށްވުރެ ބޮޑަށް އަހަރެން ކަލޭ ދެކެ ނަފްރަތު ވެއްޖެ” ރުޅިއައިސްފައި ހުރެ އައްކިޔުން އެހެންްބުނެ އެތަނުން ދުރަށްދާން ހިނގައިގަތެވެ.

“އަހަންނަށް ތި ހިތާމަ ދިނުމަށް ވުރެ އައްކިޔުންގެ އަތުން އަހަރެން މަރާލިޔަސް މާ ހިތަށް ފަސޭހަވާނެ…އަހަރެން އައްކިޔުން ދެކެ މިވާ ލޯތްބެއް ނުފެނޭތަ؟” އައްކިޔުން ދާން އުޅެންފެށުމުން ލެޔާލް ބުނެލިއެވެ.

“ތީ ލޯތްބެއްނޫން ތިއަށް ކިޔާނީ އަމިއްލަ އެދުން ބޮޑުވުން…ކަލޭ އަހަރެން ދެކެ ލޯބިވާނަމަ އަހަރެން ދެރަވާނެ ފަދަ ކަމެއް ނުކުރީސް…މިރޭ އެ ފަންގަނޑު ނައިޝާ ގަޔާ ދިމާލަށް ވައްޓާ ނުލިސް……އަހަންނާ ނައިޝާގެ ދެމެދަށް ވަންނަން ނަހަދާ….އަހަރެމެން އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވޭ” އައްކިޔުން ބުނެލިއެވެ.

 

 

 

 

 

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!