އަވަސްއަވަސް ކޮށްލައިގެން ގެއިން ނިކުތް އައްކިޔުންގެ ހިތް ތެޅެމުން ދިޔައީ ވީ ކީއްކަމެއް ނޭނގޭތީއެވެ.

“އަނެއްކާ ލެޔާލް ކަމެއްކުރީބާ؟” ނައިޝާގެ ގެއަށް ވަދެ ސިޑިން އަރަމުން ދިޔަ އައްކިޔުންގެ ހިތަށް އެރިއެވެ.އޭރުވެސް އޭނާގެ ހިތް ގަދައަށް ތެޅެމުން ދިޔައެެވެ.

ނައިޝާގެ އެޕާޓްމެންޓުގެ ދޮރުމަތީގައި ހުއްޓިލުމަށްފަހު، އައްކިޔުން ދެތިންފަހަރަކު ދޮރުގައި ޓަކި ޖަހާލިއެވެ.ނަމަވެސް ނައިޝާގެ ހިލަމެއްނުވިއެވެ.ދޮރުގައި އިން ބެލްވެސް ތިންވަރަކަށް ފަހަރު އަޅާލުމުންވެސް ނައިޝާގެ ޚަބަރެއް ނުވުމުން ހާސްކަން އިތުރުވި އައްކިޔުން، ޖިންސުގެ ޖީބުތެރޭގައި އޮތް އޭނާގެ ފޯނު ނަގައި ނައިޝާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ.ނަމަވެސް ނައިޝާ ފޯނެއް ނުނަގައެވެ.

އައްކިޔުންގެ ހާސްކަން އިތުރުވާން ފެށިއެވެ.އޭނާގެ ނިތްކުރިމަތިން އޮށްދާ ތިކިތައް ފާޅުވާން ފެށިއެވެ.ދޮރުގައި އިން ތަޅުގައި މަޑުމަޑުން އައްކިޔުން ހިފާލިއެވެ.އެވަގުތު ތަޅުނުލާ ހުރި ދޮރު ހުޅުވުނެވެ.މަޑުމަޑުން ދޮރުން އެތެރެއަށް ބޯދިއްކޮށްލުމަށްފަހު، ސިޓިންރޫމުތެރެއަށް އައްކިޔުން ވަނެވެ. ނައިޝާއަށް އައްކިޔުން ދެތިންފަހަރަކު ގޮވާލީ ތެޅިތެޅި އޮތް ހިތާއި އެކުގައެވެ.ނަމަވެސް ބޮކި ނިއްވާ އަނދިރިކޮށްފައިވާ އެސިޓިންރޫމު ތެރޭގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ.އަނދިރިކަމުން އެއްވެސް ތަނެއް އައްކިޔުންނަށް ފެންނަ ވަރު ނުވުމުން ފޯނުގެ ފުލޭޝް ލައިޓް ޖައްސާލަން އައްކިޔުން އުޅުނެވެ.އެވަގުތު މުޅިތަން އަލިވެގެން ދިޔައެވެ.

“ސަޕްރައިޒް….އެންޑް ހެޕީ ބާރތް ޑޭ” ބޮކި ޖައްސާލުމަށްފަހު ހެވިލައިފައިހުރެ ނައިޝާ ބުނެލިއެވެ.ހާސްވެފައިވާ އައްކިޔުންނަށް ނައިޝާ ފެނުމުން ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދި ވީއުފަލެއްގެ ބޮޑުކަމުން ގޮސް އޭނާގެ ގައިގައި ބައްދާލެވުނެވެ.އެވަގުތު ނައިޝާވެސް އައްކިޔުންގެ ގައިގާ ބައްދާލިއެވެ. “ދެން އެކަހަލަ ކަމެއް ނުކުރައްޗޭ…ކިރިޔާ ބިރުން ހިތް ނުހުއްޓުނީ ނައި އަށް ކަމެއް ވީކަމަށް ހީކޮށް” ނައިޝާގެ ގައިންދޫކޮށްލަމުން އައްކިޔުން ބުނެލިއެވެ.

“އައްކިގެ ބާރތުޑޭ ވީމަ ހަމަ ސަޕްރައިޒެއް ދޭން ބޭނުންވީ” ނައިޝާ ހިނިތުންވެ ހުރެ ބުނެލިއެވެ. ” އޯ މީ އައްކިޔުންގެ ބާރތުޑޭ ދޯ…ހަނދާނެއްވެސް ނެތް..ވަރަށް ސަޕްރައިޒް ވެއްޖެ” ފޯނުން ތާރީޚް ބަލައިލުމަށްފަހު ބޮލުގައި އަތް އަޅާލަމުން އައްކިޔުން އުފަލުން ހުރެ ބުނެލިއެވެ.އައްކިޔުންގެ އަތުގައި ހިފައިގެން ކޭކު ބައިންދާފައިވާ މޭޒު ކައިރިއަށް ނައިޝާ ދިޔައެވެ.އެވަގުތު މުޅިތަނަށް އައްކިޔުން ނަޒަރު ހިންގާލިއެވެ.މުޅި އެ ސިޓިންރޫމުތެރެ ވަނީ ޒީނަތްތެރިކޮށްލާފައެވެ.

***********

ކޭކު ފަޅާލުމަށްފަހު، އައްކިޔުންނަށް އުފަންދުވަހުގެ ހަދިޔާއަކަށް ނައިޝާ ގަނެދިން ފޯނާއި އަތުކުރި ގަނޑި ލައިފައިވާ ހަދިޔާ ަދިއްކޮށްލިއެވެ. “އަޅެ ދެން ކީއްކުރަން ގަތީ؟…އައްކި ހަމަ ވަރަށް އުފާވާނެ ހަމައެކަނި ބާރތުޑޭ ވިޝް ކޮށްލިޔަސް” އައްކިޔުން ބުނެލިއެވެ. “އަދި މިވެސް މިއިނީ އައްކިޔުންގެ ފޭވްރިޓް ކުލައިންނޭ ޕެކް ކޮަށްފަވެސް” ފެހި ކުލައިގެ ކަރުދާހުން ޕެކުކޮށްފައިވާ ހަދިޔާ ކަނޑާލަމުން އައްކިޔުން އުފަލުން ބުނެލިއެވެ.

“ކުޑަގޮތެއް އަދި މިކޮށްލެވުނީ އުންމީދުކުރަން ކަމުދާނެކަމަށް” ނައިޝާ ބުނެލިއެވެ. “ކަމުދެޔޭ….ވަރަށް ކަމުދޭ….ނައި އަށް އިނގޭދޯ އައްކިޔުންނަށް ކަމުދާ ހުރިހާ އެއްޗެއް…ކޭކުވެސް އެއިނީ އައްކިޔުންނަށް މީރު ބަޓާރ ކުރީމްގަ…ގިފްޓް ވެސް ރެޕް ކޮށްފަ އެއިނީ އައްކިގެ ފޭވްރިޓް ކުލައިގަ” އުފަލުން ހުރެ އައްކިޔުން ބުނެލިއެވެ.

” ވަރަށް އުފާވެއްޖެ އައްކިއަށް ކަމުދިޔައީމަ….ފޭވްރިޓް އެއްޗެހިން އޮޅުންފިލުވަނީ މިކަހަލަ ދުވަސްދުވަހަށޭ” ހިނިތުންވެ ހުރެ ނައިޝާ ބުނެލިއެވެ. ކޭކު ކައިގެން ނައިޝާ އާއި އައްކިޔުން ސޯފާގައި ވާހަކަ ދައްކަން ތިބެލުމަށްފަހު، އައްކިޔުން އޭނާގެ ގެއަށްދާން ނައިޝާގެ ގެއިން ނިކުތެވެ.

ގެއަށްދިޔަ މަގުމަތީގައިވެސް އައްކިޔުންގެ މޫނުމަތިން ހިނިތުންވުން ނުކެނޑެއެވެ. ނައިޝާގެ ގެއިން އެހާ އުފަލުންހުރެ އައްކިޔުން ނިކުމެގެންދާ މަންޒަރު ބަލަން، ގަހެއްކައިރީގައި ލެޔާލް ހުއްޓެވެ.އައްކިޔުންނާ ދިމާއަށް ބަލަންހުރި ލެޔާލްގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ.ލޮލުގެ ކޮޅަށް ގޮސް އައްކިޔުން އޮބާލުމުން ލެޔާލް ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ ނައިޝާގެ ގެއާ ދިމާއަށް ބަލައިލިއެވެ.

****************

ދުވަސްތައް ފާއިތުވަމުންގޮސް އައްކިޔުން އެއްރޭ ނައިޝާއާއި ބައްދަލުކުރަން ގުޅިއެވެ. “ތައްޔާރުވެގެން ނިކުމެބަ ތަނަކަށްދާން” އައްކިޔުން އެހެންބުނުމުން ނައިޝާ ރީތިވެލައިގެން ނިކުތެވެ. ގޭ ދޮރުމަތީގައި ނައިޝާގެ އިންތިޒާރުގައި ހުރި އައްކިޔުންނަށް ނައިޝާ ފެނިގެން ކަޅިޖަހާނުލާ ބަލަން ހުރެވުނެވެ. “ކީއްވެ ތިހާ ވަރަކަށް ތިބަލަނީ؟” އައްކިޔުން ކައިރިއަށް ދިޔަ ނައިޝާ އަހާލިއެވެ. “މާޝާﷲ ނައި ހާދަހާ ރީއްޗޭ މިރޭ…..މިރޭ  ނައި ހީވަނީ ޕަރީއެއްހެން ހުވާ މިބުނީ” އެހެންރޭރެއާ ޚިލާފަށް މިރޭ ވަރަށް ބޮޑަށް ނަލަހެދިލައިގެން ހުރި ނައިޝާއަށް އައްކިޔުން ތައުރީފު ކޮށްލިއެވެ.އައްކިޔުންގެ ތައުރީފުގެ ބަހުން ނައިޝާ ރަކިވެ އޭނާގެ ކޯތާފަތްމައްޗަށް ޖަންބުކުލަ އެރިއެވެ. “ދެން އައްކީ ހާދަ ގޯހޭ..” ލަދުގަނެފައިވާ ނައިޝާ އައްކިޔުންނާ ކައިރިވެލަމުން ބުނެލިއެވެ

“ކޮންތާކަށް މިދަނީ؟” އައްކިޔުންގެ އަތުގައި ހިފާލަމުން ނައިޝާ ބުނެލިއެވެ. “އެެޔެއް ނުބުނެވޭނެ އެއީ ސަޕްރައިޒެއް” ނައިޝާގެ އުނަގަނޑުގައި ހިފާލަމުން އައްކިޔުން ބުނެލިއެވެ.ވަރަށް ލޯބިން ދެމީހުން އެކުގައި ހިނގައިގަތެވެ.

އެދެމީހުން ހެމުން ހިނގާފައި ދާ މަންޒަރު ބަލަން ދުރުގައި ލެޔާލް ހުއްޓެވެ.އައްކިޔުން ލޯބިން ނައިޝާގެ އުނަގަނޑުގައި ހިފައިގެންދާ މަންޒަރު ފެނި ނުރުހުންވެފައިވާ ލެޔާލްގެ ލޮލަށް ކަރުނަ ޖަމާވިއެވެ.އޭނާގެ އެތެރެހަށީގައި އަލިފާން ކެކި އުތުރި އަރާފަދައެވެ.

އެހާ ޒަމާންވަންދެން އައްކިޔުންނަށް ކަޅިއަޅައިގެން އޭނާ ހުއްޓާ މިރޭ ނައިޝާ އާއި އެކު ލޯބިން އައްކިޔުން ދާމަންޒަރު ފެނުމުން، ނުރުހުންވެފައިވާ ވަރުން ލެޔާލް އަތް އަޅައިގެން ހުރި ގަހުގެ ގޮފިގަނޑަށް ބާރުކޮށްލެވުނެވެ.

*******

“މީ ކޮންތަނެއް؟” އެއްވެސް މީހެއްގެ ހިލަމެއް ނެތް ގަސްބޯ ދިމާލަކަށް އައްކިޔުން ނައިޝާ ގޮވައިގެން އައުމުން ނައިޝާ އަހާލިއެވެ.”

ކަންބޮޑުނުވޭ މިހާރު ސަޕްރައިޒް ފެންނަން މިއުޅެނީ” އަނދިރި ފަސްގަނޑަށް ވަންނަން ބިރުން ފަސްޖެހުނު ނައިޝާގެ އަތުގައި ހިފާލަމުން އައްކިޔުން ލޯބިން ބުނެލިއެވެ.

ބިރުން ހުރި ނައިޝާ އައްކިޔުންގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.އަދި މަޑުމަޑުން އައްކިޔުންނާ އެކު އޭނާ ގެންދާތަނަކަށް ނައިޝާ ދިޔައެވެ.އަނދިރި ގަސްގަނޑުގެ ތެރެއިން ހިނގާލައިފައި އައްކިޔުން ނައިޝާ ގޮވައިގެން ވަރަށް ރީތިކޮށް ތައްޔާރުކޮށްލައިފާވާ ތަނަކަށް ގެންދިޔައެވެ.

މުޅިތަން ވަނީ ބޮކިފަތި ދިއްލާލާ ޒީނަތްތެރި ކޮށްލާފައެވެ. ވަރަށް ހަމަހިމޭން އެރީތި މަންޒިލް ފެނުމުން ބިރުން ހުރި ނައިޝާ އަށް ހިނިތުންވެވުނެވެ.

“އައްކި ކީއްކުރަން ތިއުޅެނީ؟….ހާދަ ރީތި ތަނެކޭ” ނައިޝާ ބުނެލިއެވެ. އެވަގުތު ނައިޝާގެ އަތުން ދޫކޮށްލުމަށްފަހު އައްކިޔުން ކުރިއަށް ހިނގައިގަތެވެ.އައްކިޔުން ކުރަން އުޅެނީ ކީއްކަމެއް ނޭނގިފައި ނައިޝާ ހުއްޓެވެ.

މަޑުމަޑުން ހިނގާލައިފައި ދިޔަ އައްކިޔުން ގަސްބުޑެއްގެ މަތީގައި އޮތް ރަތް ފިނިފެންމަލެއް ނަގާ ނައިޝާ ކައިރިއަށް އައިސް ދިއްކޮށްލިއެވެ.

 

 

 

1

1 Comment

  1. mishka

    October 5, 2021 at 7:13 pm

    I love your stories. Varah reethi mi part ves👏
    Curiously waitting for next part💖

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!