” މިސްޓަރ ޑަބްލިޔު.. ބޯޑިންގް ކްލޯޒް ކުރަން އުޅޭތީ އެކަން އަންގާލަދޭން މިއައީ..” ޕީއޭގެ ވާހަކައާއެކު ދިޔާން ބޯ ޖަހާލިއެވެ. ދެވަނަ ސިކުންތުގައި ކައިރީގައި ތިބި ލިލިއަން އާއި މާޔާއަށް ބަލައިލަމުން ހިނިިތުންވެލަމުން ދަނީ ކަމުގައި ހާމަކުރިއެވެ. އެއަށްފަހު ލިލިއަންގެ ވާތްފަރާތުން ކުރިއަށް ހިނގައިގަންނަމުން ދިޔާން ލިލިއަންގެ ބޮލުގައި ސިކުންތަަކަށް އަތް ބާއްވާލިއެވެ. އޭނާ ފަސްދީފައި ދިޔަ ދިޔާން އަށް ބަލަހައްޓައިގެން ހުރި ލިލިއަން އަށް އަމިއްލަ ބޮލުގައި އަތް ޖައްސާލެވުނެވެ. އެ ކުޑަ ކުޑަ ހަރަކާތް އޭނާއަށް އެހާ ހާއްސަވި ގޮތަކާމެދު އަމިއްލަ ހިތުގައި ސުވާލު އުފެދުނެވެ.
“އެހެމް..” މާޔާ ކަރުކެހިލުމާއެކު ލިލިއަން އަށް ސިހިފާ ބަލައިލެވުނެވެ.
” މިހާ އަވަހަށް ޚިޔާލީ ފޮލާ ކައްކަން ފެށީތަ..؟” މާޔާ ލިލިއަން ލަދުގަންނަވާލުމުގެ ނިޔަތުގައި ސަމާސާ ކުރަން ފެށިއެވެ.
” ދެން މާޔާވެސް..” ލިލިއަން ދެބޮމަ ގޮށްޖަހާލަމުން ރުޅި އަންނަކަމަށް ދެއްކެން މަސައްކަތް ކުރިއެވެ.
މާޔާ އެވަރުންވެސް ދޫނުދޭން ލިލިއަން އާ ދިމާކުރަން އެތަކެއް ވާހަކައެއް ދެއްކިއެވެ. ދެމީހުން ހިނގާފައި އައިސް ލިލިއަންގެ ގެއާ އަރާ ހަމަވުމާއެކު މާޔާވެސް ލިލިއަން އަށް ހަނާ އަޅާލަމުން އޭނާގެ ގެއަށް ދިޔުމަށް މިސްރާބު ޖެހިއެވެ.
**********
ދިޔާން އައްޑޫއަށް ދެވުނުކަން އަންގާލުމަށް ލިލިއަން އަށް މެސެޖެއް ކުރިއެވެ. މެސެޖު ލިބުމާއެކު ލިލިއަންގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލިއެވެ. ރޭގަނޑު ގުޅާނަން ކަމަށް ދިޔާން ބުނުމާއެކު ލިލިއަން އަށް އިންތިޒާރު ކުރެވުނީ އެވަޤުތަކަށެވެ.
“އެނގޭތަ..؟ ދެންމެ މަޤުމަތިން ދަނިކޮށް ފެނުން ބައިވަރު ލިލީ މާ ގަސްތަކެއް… މިހާރު ލިލީ މަލެއް ފެންނަ އިރަށް ލިލިއަން މަތިން ހަނދާން ވަނީ.. ލިލިއަން.. ލިލީ.. ކީއްވެތަ ލިލިއަންގެ ނަންވެސް އެހާ ގުޅެނީ..؟ އެއްވެސް މީހެއް ކުރުކޮށް ލިލީ ކިޔާ އުޅޭތަ. .؟” ރޭގަނޑު ގުޅައިގެން ދެއްކި ވާހަކައެއްގެ ތެރެއިން ދިޔާން ބުނެލުމާއެކު ލިލިއަން ވިސްނާލިއެވެ. މިހާތަނަށް އެންމެންވެސް އޭނާއަށް ކުރުކޮށް ކިޔާ އުޅެނީ ލިން އެވެ. އެނަން ދިޔާން ނޫން މީހެއްގެ ހިތަށް މީގެ ކުރިން ނުވެސް ވަންނަ ފަދައެވެ.
” އެހެންވެއްޖިއްޔާ.. އަހަރެން އޯކޭތަ އެނަން ކިޔަސް..؟ ” ދިޔާން ސުވާލު ކޮށްލިއެވެ. ލިލިއަން އެއްބަސްވީ އޭނާއަށް އެނަން ރީތިވެފައި ހަމައެކަނި ދިޔާން އޭނާއަށް ކިޔަން ހާއްސަނަމަކަށް އެނަން ވާނެތީވެސް މެއެވެ.
” ދިޔާން އަށް އެހެން މީހުން ކުރުކޮށް ކިޔަނީ ކީކޭ..؟” ލިލިއަންވެސް ދިޔާން އާ ބެހޭގޮތުން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ. އޭނާއަށް ދިޔާން އާ ބެހޭގޮތުން އެނގޭ މާގިނަ އެއްޗެއް ނެތްކަން ލިލިއަން އަށް ވިސްނުނެވެ.
” ކިހިނެއްވީ..؟ ލިލީ ވެސް އަހަންނަށް ނިކް ނޭމެއް ދޭން ބޭނުންވީތަ..؟” ދިޔާން ސަމާސާ ރާގަކަށް ބުނެލިއެވެ. ލިލިއަންގެ މޫނު ލަދުން ރަތްވެގެން ދިޔައެވެ. އެތަން ފެންނަން ކުރިމަތީގައި ދިޔާން ނެތްކަން ނަސީބެކެވެ. ފުރަތަމަ ފަހަރަށް އޭނާއާ ލިލީގެ ނަމުން މުޚާތަބު ކުރުމުން ލިލިއަން އަށް ކުރެވުނީ ތަފާތު އިޙްސާސެކެވެ.
” ކޯލް މީ ޔާން..” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށްފަހު ދިޔާން ބުނެލިއެވެ. ލިލިއަން އެންމެ ރަނގަޅު ކަމުގައި ބުނަމުން އެނަން ހިތުން ކިޔާލިއެވެ.
***********************
އައްޑޫއިން އައި އިރު ދިޔާން ހުރީ ރޯގާ ވައްތަރު ވެފައެވެ. ރޭގަނޑު ނިދާލަނިކޮށް ރަނގަޅުވާނެކަމަށް ބަލާ މާ ބޮޑު ފަރުވާލެއް ނެތި ދިޔާން ނިދަން އޮށޯތީ ލިލިއަން އަށް ބާއްޖަވެރި ރޭގަނޑަކަށް އެދުމަށްފަހުއެވެ.
ދިޔާން ހީކުރި ގޮތާއި ޚިލާފަށް ޖެހިގެން އައި ދުވަހު އޭނާގެ ހާލު މާ ދަށެވެ. ހުން އައިސްފައި ހުރިއިރު ކާއެއްޗެއްގައިވެސް އެއްވެސް ރަހައެއް ނުލައެވެ.
” ޑޮކްޓަރަށް ދައްކަންވީނު..” ލިލިއަން ފޯނުން ވާހަކަ ދައްކަމުން ދިޔައީ ދިޔާން އާއެވެ. އިއްޔެއަށްވުރެ މިއަދު ދިޔާންގެ ހާލު ގޯސްކަން އެނގުމުން އޭނާ ކަންބޮޑުވިއެވެ.
” މާދަމާއަށް ރަނގަޅު ނުވެއްޖިއްޔާ ދާނަން..” ދިޔާން ހާމަކުރިއެވެ.
” މިހާރު އެއްޗެއް ކައިފިން..؟ ބޭސްކަންތަ އެބަ ބަރާބަރަށް..” ދިޔާން ޑޮކްޓަރަށް ދައްކާފަދަ ޚިޔާލެއް ނުކުރުމުން ލިލިއަން އެހިއެވެ.
” ބޭސް ކައިފިން.. އެކަމަކު ކާ އެއްޗެއް ކާހިތެއް ނުވެ.. އޯޑަރ ކޮށްގެން ގެނައި އެއްޗެހިވެސް ނުކެވުން..” ދިޔާން ބުންޏެވެ.
” ދިޔާން.. ކާހިތްވާ ވަކި އެއްޗެއް އެބަހުރިތަ..؟” ލިލިއަން ސުވާލު ކޮށްލިވެ.
” މްމްމް.. އެކައްޗެއްވެސް އަނެއްހެން ކާހިތެއް ނުވެ.. އެކަމަކު ހޫނުކޮށް ސޫޕް ކަހަލަ އެއްޗެއް ފަހަރެއްގަ ރަނގަޅު ވެދާނެ.. އެކަމަކު މިތާ މެނޫގަ ނުހުރެ އެކަހަލަ އެއްޗެއް..” ދިޔާން ވިސްނާލަމުން ހާމަކުރިއެވެ.
” އަހަރެން ސޫޕް ކައްކައިގެން ގެން ގެންގޮސްދިނަސް އެންމެ ރަނގަޅުތަ..؟” ލިލިއަން އަވަސް އަވަހަށް ސުވާލު ކޮށްލީ ނުކައި ގިނައިރު ހުރެއްޖެނަމަ ދިޔާންގެ ހާލު އިތުރަށް ދައްވާނެކަން އެނގޭތީއެވެ.
” ލިލީ އަށް އުނދަގޫ ނުވަންޏާ އޯކޭ..” ދިޔާން ބުނުމާއެކު ލިލިއަން އެކަމަށް އަވަސް ވެގަތެވެ. ގެސްޓް ހައުސް އަށް ދަމުން ގުޅާނަން ކަމަށް ބުނެ ލިލިއަން ފޯނު ބޭއްވިއެވެ.
********************
ދޮރުގައި ޓަކި ޖަހާލުމާއެކު ދިޔާން ކަންނެތް ފިޔަވަޅުތަކުގައި އައިސް ދޮރު ހުޅުވާލިއެވެ. ދޮރު ކުރިމަތީގައި ހުރި ލިލިއަން އަށް ހިނިތުންވެލަމުން އެތެރެއަށް ވަނުމަށް ޖާގަދިނުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ. ކޮޓަރިއަށް ވަންނަން ނުވަންނަން ހުރި ލިލިއަންގެ މޫނުމަތީގައި ވަނީ ފަސްޖެހުމެވެ. ހިފަހައްޓައިގެން ހުރި ކޮތަޅުގެ އަތްގަނޑުގައި ހިފާ ބާރުކޮށްލީ ނަފްސު ހަމަޔަކަށް އެޅުވުމަށް މަސައްކަތް ކުރަމުންނެވެ.
” އަހަރެން ލިލީ ކައެއް ނުލާނަމޭ..” ލިލިއަންގެ ފަސްޖެހުން ފެނި ހިނިއަންނަ ގޮތްވި ދިޔާން ބުނެލިއެވެ.
ލިލިއަން ދިޔާން ހީލުމުން ދެލޯ އަޅާލިއެވެ. ކޮތަޅު ހިފައިގެން އެތެރެއަށް ވަދެ ކޮފީ މޭޒު މަތީ އެ ބެހެއްޓިއެވެ.
ދިޔާން ކިނބިއްސެއް އަޅާލުމާއެކު ލިލިއަންގެ ސަމާލުކަން އެކަމަަށް ދެވުނެވެ. ޓިޝޫއެއް ނަގަމުން ނޭފަތް ފޮޅާލި ދިޔާންގެ ނޭފަތް ކުޑަކޮށް ރަތްވެފައިވާއިރު ދެލޮލުންވެސް ވަރުބަލިކަން ފާޅުވަމުން ދިޔައެވެ.
ސޯފާގައި އިށީންނަމުން ކޮތަޅުން ނެގި މަތި ޖެހި ތައްޓާއި ސަމްސާ ލިލިއަން ދިޔާން އަށް ދިއްކޮށްލިއެވެ.
” ތެންކިޔު..” ދިޔާން ލޯބިވެތި ނަޒަރެއް ލިލިއަން އާ ހިތްސާ ކުރަމުން ލިލިއަންގެ ކައިރީ ސޯފާގައި އިށީނދެ ސޫޕު ތަށިން އެތި ފޮދެއް ބޯލިއެވެ.
” ވަރަށް މީރު…” ދިޔާން ލިލިއަންގެ ކެއްކުމަށް ތަޢުރީފު ކޮށްލިއެވެ.
“އެކަމަކު ބުނީމެންނު ކާއެއްޗެއްގެ އެއްވެސް ރަހައެއް ނުދެޔޭ..” ލިލިއަން ޔަޤީން ކޮށްލުމުގެ ގޮތުން އަހާލިއެވެ.
” ރަހަ ނުދިނަސް މީރުކަން އިނގެޔޭ..” ދިޔާން ޔަޤީން ކަމާއެކު ޖަވާބު ދިނެވެ.
” އެ ކިހިނެތް..؟” ލިލިއަން ބޮމަ އަރުވާލަމުން ސުވާލު ކޮށްލިއެވެ.
” އެއީ ލިލީ ހެދި އެއްޗަކަށް ވީމައެންނު..” ލިލިއަންގެ ކޮލުގައި ހިފާ ދަމާލަމުން ދިޔާން ހިނިތުންވެލިއެވެ.
ދިޔާންގެ ޖަވާބާއެކު ލިލިއަން ދެފަރާތަށް ބޯހޫރުވާލަމުން ލޯ މައްޗަށް ހިންގާލިއެވެ.
ލިލިއަންގެ ހަރަކާތްތައް ބަލަން އިން ދިޔާންގެ ގާތަށް ހިނިއަންނަގޮތްވިއެވެ. އެހެނަސް ހީލި ތަނާ ކޮށި އަރައިގެން ކެއްސަން ފެށިއެވެ. ލިިލިއަން އަވަސް އަވަހަށް ފެންފުޅީގެ މަތި ނަގާ ދިޔާން އަށް ދިއްކޮށްލިއެވެ.
ލިލިއަންގެ މޫނުމަތީގައިވީ ހާސްކަން ފެނުމުން ދިޔާންގެ ނަޒަރު ފިނިވެގެން ދިޔައެވެ. އޭނާ ލިލިއަން ދެކެ ލޯބިވާ ފަދައިން ލިލިއަންވެސް އޭނާ ބޭނުންވާކަން އެނގުމުން އެހިތަށް ބުނަން ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ލިލިއަން އާއެކު ހޭދަ ކުރެވޭ ކޮންމެ ހިނދުކޮޅެއް އޭނާ އަށް ސިފަވަމުން ދިޔައީ ހުވަފެނެއްގެ ގޮތުގައެވެ. ދުނިޔޭގެ ނާއިންސާފާއި ބަދުނަސީބުން ރައްކާތެރިވެފައިވާ ފުރިހަމަ ހިޔާވަހިކަމެެއްގެ ގޮތުގައެވެ.
ކެއްސުންވަރި ދިޔުމާއެކު ދިޔާން އަނެއްކާވެސް ކެއުމައިގެން ކުރިއަށް ދާން ފެށިއެވެ.
” އަންނާނަން ފަހުން ތަށިތައް ބަލާ..” ލިލިއަން ސޯފާއިން ތެދުވަމުން ބުނެލިއެވެ. އެހެނަސް ލިލިއަން އަށް ރަނގަޅަށް ކޮޅަށް ނުތެދުވެވެނީސް ދިޔާން ލިލިއަންގެ އަތުގައި ހިފެއްޓިއެވެ. ލިލިއަންގެ ސިހުން އެކުލެވޭ ބެލުން ފެނުމުން ދިޔާން މަޑު މަޑުން ލިލިއަންގެ އަތުން އަތް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.
” ބި.. ޒީތަ މިގަޑީގަ..؟” ދިޔާންގެ ސުވާލާއެކު ލިލިއަން ވިސްނާލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“އެހެންވިއްޔާ އަހަރެން ކައި ނިމެންދެން މަޑު ކުރެވޭނެތަ..؟” ދިޔާންގެ އާދޭހުގެ ބެލުން އަމާޒުވުމާއެކު ލިލިއަން އަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. މަޑު މަޑުން ސޯފާގައި އިށީނުމާއެކު ދިޔާން ހިނިތުންވެލަމުން އަނެއްކާވެސް ލިލިއަންގެ ކޮލުގައި ހިފާލިއެވެ. ލިލިއަން ދެލޯ އަޅާލުމާއެކު ދިޔާން އަވަހަށް އަތް ދަމައިގަންނަމުން ކަމެއްނުވާކަމަށް ހަދާ ކެއުމައިގެން މަޝްއޫލުވިއެވެ.
ބަލިވިފަހުން ނުކެވޭހާ ގިނައިން ފުރަތަމަ ފަހަރަށް ދިޔާން އަށް ލިލިއަން ގެނައި ސޫޕް ތަށިން ކެވުނެވެ. ގާތްގަނޑަކަށް ހުސްވަން ކައިރިވެފައިވާ ތަށި ބަހައްޓަމުން ދިޔާން ބޭސް ކާލިއެވެ.
“އަދިވެސް ހުން އެބަހުރިތަ..؟” ލިލިއަން ސުވާލު ކުރަމުން ބޭއިޙްތިޔާރުގައި ދިޔާންގެ ނިތްކުރީގައި އަތް ޖައްސާލެވުނެވެ. މަޑު ހޫނުކަމެއް އިޙްސާސް ކުރެވުނު ލިލިއަން ދިޔާންގެ މޫނަށް ބަލާއލިއެވެ. ދިޔާންގެ ތޫނު ނަޒަރު އަމާޒުވެފައިވީ މޫނު ނުހަނު ކައިރިން ފެނުމުން ކުރެވުނު ކަންތައް ލިލިއަން އަށް ރެެޔަކާ ލިއެވެ. އިތުރު ހަރަކާތެއް ގެންނަން ތެޅިފޮޅިގަތް ލިލިއަން އަށް ސިހުން ގެނުވީ ދިޔާން އަރިވެލުމަށްފަހު އޭނާގެ އުނގުގައި ބޯ އަޅާލަމުން ސޯފާގައި ދެފައި ދަމާލުމުންނެވެ.
“ދި…ޔާން..” ލިލިއަން އަށް އަޅަ އަޅައިގަންނަމުން ބުނެވުނެވެ.
” އިޓްސް ޔާން..” ތެދުވުމުގެ ޚިޔާލެއް ނެތި ދިޔާންގެ މޫނު ލިލިއަންގެ ގަޔާ ދިމާއިން ފޮރުވާލިއެވެ.
ލިލިއަން އަށް ވިސްނުނީ ދެނެވެ. އޭނާ ދިޔާން އަށް ކިޔާނެ ނަމަކާމެދު ސުވާލު ކުރުމަށްފަހުވެސް އެނަމުން އަދި އެއްފަހަރުވެސް ދިޔާން އާ މުޙާތަބު ނުކުރެވޭކަން ވިސްނުނެވެ.
“ޔާން….” ލިލިއަން ފަސްޖެހުމާއެކު އަނެއްކާވެސް ގޮވާލިއެވެ.
” ކުޑަ އިރުކޮޅަކަށް.. ޕްލީސް..” ދެލޯ މަރާލައިގެން އޮވެ ދިޔާން އަނބުރާ އޭނާގެ މޫނު އުއްޑުން ބާއްވާލިއެވެ. ލިލިއަން އިތުރަކަށް ދެކޮޅެއް ނަހަދައެވެ. ހަދަންވީ ގޮތެެއް ނޭނގި ލިލިއަން ދެއަތް މެއާލާ ބޮނޑިކޮށްލައިގެން އިނެވެ. އިރުކޮޅެއް ފަހުންވެސް ދިޔާންގެ ހަރަކާތެއް ނުވުމުން ލިލިއަން ރަނގަޅަށް ދިޔާންގެ މޫނަށް ބަލައިލީ ދިޔާންއަށް ނިދުނީތޯ ޔަޤީން ކޮށްލުމަށެވެ.
ނިތްކުރިއަށް ވެރިފައިވާ އިސްތަށިތަކާއެކު ދެލޯ މެރިފައި އޮތް ދިޔާންގެ މޫނަށް ކަޅި ޖަހާނުލާ ބަލަން ލިލިއަން އަށް އިނދެވުނެވެ. ދެލޯމަރައިގެން އޮތް އިރު ދިޔާންގެ މޫނުގައިވީ އިތުރު މަޢުސޫމުކަމާއި ރީތިކަން ލިލިއަންގެ ހިތުގައި ފެވެމުން ދިޔައެވެ. މަޑު މަޑުން ދިޔާންގެ މޫނާ ދިމާއަށް އަތް ގެންދެވުނު ލިލިއަން ވަކި ހިސާބަކުން ފަސްޖެހެވުނެވެ. އޭނާ އަތްލައިފި ނަމަ ދިޔާން އަށް އުނދަގޫވާނެ ބާއޭ ލިލިއަންގެ ހިތަށް އެރިއެވެ. އެހެނަސް އެ ފިކުރު އޭނާގެ ހިތުން ފިލައިގެން ދިޔައީ ދިޔާންގެ ލޮލުން އޭނާއަށް އަބަދުމެ ފެންނަ ކުލުނާއި ލޯތްބެވެ.
ނުހަނު ބަލައިގެން ލިލިއަން ދިޔާންގެ އިސްތަށިގަނޑުގައި އަތް ހިންގާލިއެެވެ. ދިޔާންގެ މޫނުގައި އަތްޖައްސާލެވުނު ވަޤުތު ލިލިއަންގެ އަރު ބެދޭގޮތްވިއެވެ. އޭނާގެ އުނގުގައި ބޯ އަޅައިގެން އެ އިޮތް ޒުވާނާ އޭނާއަށް މުހިއްމުވެފައިވާ މިންވަރު ލިލިއަން އަށް އަންދާޒާ ކޮށްލެވުނީ ދެނެވެ. އިޙްތިޔާރަކާ ނުލާ އޭނާގެ ހިތް އަމިއްލަ އަތުން ބީވެ ދިޔާން އަށް ހިބައިން ހަދިޔާ ކުރެވިއްޖެއެވެ. ދުވަހެއްގެ ކޮޅުންވެސް އޭނާ އަށް ދިޔާން ގެއްލިއްޖެނަމަ ވާނެގޮތް ހިތަށް އަރުވާލެވުމާއެކު ލިލިއަންގެ ދެލޯ ފެންކަޅިވެގެން ދިޔައެެވެ.
ނުވިސްނާ އިންދައި ލިލިއަންގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޖެހުނީ ދިޔާންގެ ކޯތާފަތުގައެވެ. އެސްފިޔަތައް ތަޅުވާލަމުން އުނދަގޫ ގޮތަކަަށް ދެލޯ ހުޅުވާލި ދިޔާންއާ ބައްދަލުކުރީ ލިލިއަންގެ ކަރުނަވީ ދެލޮލެވެ. ނިދިފިލައިގެން ގޮސް ފުންމައިގެން ދިޔާން އަށް ސޯފާއިން ތެދުވެވުނެވެ.
” ކިހިނެއްވީ..؟ ތަނަކަށް ތަދުވީތަ.. ފަޔަށް ތަދުވީތަ..؟ ” ދިޔާން ހާސްކަމާއެކު ސުވާލު ކުރިއިރު ވިސްނަންވީ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ދިޔާން އޮށޯވެ އޮތުމުން ލިލިއަންގެ ފަޔަަށް ތަދުވީކަމުގައި ހީކުރެވުނީ އެހެންވެއެވެ.
ލިލިއަން ދެފަރާތަށް ބޯ ހޫރުވާލުމުން ދިޔާންގެ ނުތަނަވަސްކަންވީ އިތުރެވެ.
” ދެން.. ކީއްވެ..؟ ލިލީ ނުބުނަންޏަކާ އަހަންނަކަށް ނޭނގޭނެ ހަދާނެ ގޮތެއް..” ދިޔާން ލިލިއަންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ނުތަނަވަސް ކަމާއެކު ބުނެލިއެވެ.
” ޔާން.. އަހަރެން ދޫކޮށްނުލައްޗޭ.. އަހަރެން މަތިން ފޫހިވިޔަސް …” ލިލިއަންގެ އަޑު ބެދޭ ގޮތްވިއެވެ. އޭނާ އެދުނު އެދުމަކީ އެއްވެސް އޮށްޓަރެއްނެތް ކަމަކަށްވިޔަސް އޭނާއަށް ދެން ދިޔާން އާ ނުލާ ނޫޅެވޭނެއެވެ.
” ލިލީ.. ބަލާބަ މިދިމާ..” އިސްޖަހައިގެން އިން ލިލިއަންގެ މޫނު އުފުލާލަމުން އޭނާއާ ދިމާއަށް ބެލުމަށް ދިޔާން އެދުނެވެ.
” އަހަރެން ދުވަހަކުވެސް އިރާދަކުރެއްވިއްޔާ ލިލީ މަތިން ފޫއްސެއްނުވާނެއޭ.. ލިލީ ހީކުރީތަ އަހަރެން ވާ ލޯތްބަކީ ދެތިން ދުވަހަށް ވާ އެެއްޗެކޭ..”
” އަދި އެއްކަންތައް.. ޑޯންޓް ޑީގްރޭޑް ޔޯ ސެލްފް ލައިކް ދެޓް.. ލިލީއަށް އެކަށީގެންވަނީ ލިލީ އަށް ލޯބިދީ އަޅާލާ މީހެެއް.. އެހެންވީމަ އެގޮތަށް ޢަމަލު ނުކުރެވޭ އެއްވެސް މީހެއް ކައިރީ ދޫކޮށްނުލުމަށް އެދި އާދޭސް ކުރާނެ ކަމެއް ނެތް.. ޔޫ ޑިޒަރވް މޯ ދެން ދެޓް ޑަރލިންގް..” ލިލިއަންގެ ކަރުނަތައް ލޯބިން ފޮހެލަ ދެމުން ލިލިއަންގެ ރަތްވެފައިވާ ކޯތާފަތުގައި ދިޔާން ފިރުމާލިއެވެ.
” ހިނގާ.. އަހަރެން ލިލީ ގެެއަށް ލައިދޭނަން.. މިހާރު މާ ލަސްވެެއްޖެ..” ލިލިއަން ހަމަޔަކަށް އެޅުމުން ދިޔާން ލިލިއަންގެ އަތުގައި ހިފާ ސޯފާއިން ކޮށްޅަށް ނެގިއެވެ.
” ޔާން ބަލި އިރު އޯކޭވާނެ ނުދިޔަސް.. އަހަންނަށް އެކަނި ދެވޭނެ..” ލިލިއަން އޭނާގެ ހޭވިފައިވާ އިސްތަށިގަނޑު ރީތިކޮށްލަމުން ދިޔާން އާ ނަޒަރު ސީދާ ކުރުމެއްނެތި ބުނެލިއެވެ. އެގޮތަށް ދިޔާންގެ ކުރިމަތީ ރޮވުމުން ލިލިއަން ހުރީ ލަދުގަނެފައެވެ.
” އަހަރެން ނުހިނގޭހާ ބައްޔެއް ނޫނޭ.. ލިލީ ގެނައި ސޫޕް ތަށި ބުއި ފަހުން މިހާރު ވަރަށް ބޮޑަށް ގައިގަ ވަރު ޖެހިއްޖެ.. އެހެންނޫނަސް ރޭގަނޑު އެކަނި ލިލީ ގެެއަށް ފޮނުވާފަ އަހަންނަކަށް ހަމަޖެހިގެން ނުހުރެވޭނެ..” ދިޔާން ލިލިއަން ގެނައި ކޮތަޅުގައި ހިފަމުން ބުނެލިއެވެ. އޭނާ އެކަން ފާޅު ނުކުރި ކަމުގައިވިއަސް ލިލިއަން އުޅެމުން އަންނަ މާހައުލުގެ އަސްލު އެނގުނު ފަހުން އޭނާއަށް ލިލިއަންގެ ރައްކާތެރިކަމާމެދު ނުވިސްނޭ ދުވަހެއް ނުދެއެވެ. މިވަޤުތުން ވަޤުތަށްވެސް ލިލިއަން އެ މާހައުލުން އެހެން ތާކަށް ގެންދަން ދިޔާން ބޭނުންވެއެވެ. އެހެނަސް އަދި އޭނާއަކަށް ލިލިއަންގެ ދިރިއުޅުން ބަދަލު ކުރެވޭކަށް ނެތެވެ.
**************
ލިލިއަންގެ ގޭގެ ކުރިމައްޗަށް އާދެވުމާއެކު ދިޔާން ލިލިއަންގެ އަތަށް ކޮތަޅު ދިއްކޮށްލިއެވެ. ލިލިއަން ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އަވަހަށް އެތެރެއަށް ވަންނަން ހިނގައިގަތެވެ. އަދިވެސް އޭނާއަށް ދިޔާން އާ ހަތަރު ކަޅި ހަމަކުރަން އުނދަގޫކަމަކަށް ވިއެވެ.
” ލިލީ..” ގޭތެރެއަށް ވަންނަން ދޮރުގެ ތަޅުގައި ހިފަހައްޓާލި ލިލިއަން އަށް ދިޔާންގެ އަޑު އިވިގެން ދިޔައެވެ. ފަހަތަށް އެނބުރެން އުޅުނު ވަޤުތު ދިޔާން އައިސް ފުރަގަހުން ލިލިއަންގެ ގައިގާ ބައްދާލިއެވެ. ދެލޯ ބޮޑުވެގެން ދިޔަ ލިލިއަންއަށް ހަރަކާތެއް ކޮށްލަން ހަނދާން ނެތި ގަނޑުވެފައި ހުރެވުނެވެ.
“އައި ލަވް ޔޫ… އަހަރެން އަބަދުވެސް ލިލީ ދެކެ ލޯބިވާަނަންކަން ހަނދާން ކުރައްޗޭ.. ސޯ ޑޯންޓް އެވަރ ކްރައި ލައިކް ދެޓް..” ލިލިއަންގެ ބޭރުފުށުން ފެންނަ ހިތްހަރު ކަމަކީ ލިލިއަން ދައްކާލާ ދަޅައެއްކަން ދިޔާން އަށް އެނގެއެވެ. އެހެންމީހުންނާ ދެމެދު ލިލިއަން ބަހައްޓާ ދުރުކަމަކީވެސް އޭނާގެ ހިތަށްލިބިދާނެ އަނިޔާއާއި ބޭއިންސާފުން ރައްކާތެރިވުމަށް ލިލިއަން ރާނާ ފާރެއްކަން ދިޔާން އަށް އެނގެއެވެ. އެ ނާޒުކު ހިތަށް އޭނާގެ ފަރާތުން އަނިޔާއެއް ނުދިނުމަށް އަމިއްލަ ނަފްސަށް ދިޔާން ވަޢުދުވީ އެހެންވެއެވެ.
ދިޔާން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރި ލިލިއަންގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އެއިން ކޮންމެ ޖުމްލައަކާއެކު އޭނާގެ ހިތަށް ބުނެދޭންނޭނގޭ ހިތްހަމަ ޖެހުމެއް ލިިބިގެން ދިޔައެވެ. ދިޔާން ބުނި ބަހަށް ލިލިއަން ބޯ ޖަހާލިއެވެ. އެއާއެކު ދިޔާން ލިލިއަންގެ ގައިން އަތްދޫކޮށްލަމުން ގޭ ދޮރު ހުޅުވާލަދިނެވެ.
” ގުޑް ނައިޓް..” ދިޔާން ލޯތްބާއެކު ބުނެލިއެވެ. ލިލިއަންވެސް ހަމައެފަދައިން ބުނެލަމުން ގޭ ތެރެއަށް ވަނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.







Helloo sis
How u doing my dear
Talking about the stry ,its amajin hama best
Mihaaru adhi heevey vakin reethihen , veh noice hisaabeh gaa mihaaru mioleny
Im really Happy lin and yaan guluneemaa.
Really lokkong forward for the next part ngeyy sis
be safe and tvgc
lyssmmmm <33333
Heiii dear! Im good Al’hamdhulillah.. how are u doing? Awwn thank u so much. V ufaavejje story kamudhiyaeema.. next part IA will try to upload at the weekend.. u too b safe and tvgc.. lym☺️❤️