ވިތުރީގެ ތިން ރަކުއަތް ކޮށްނިންމާފައި އަހަރެން ދެއަތް އުފުލާ ﷲ ކިބައައް ދުޢާ ކުރަމުން ދިޔައީ އަހަރެންގެ ވޭންތަކައް ލުއި ދެއްވާތޯއެވެ. އަދި ހިތުގައި އެކި މީހުންނާއިމެދުގައިވާ އުދާސްތައް ނެތި ކުރައްވާތޯއެވެ. އެޔާއިއެކު އުސްތާޒާގެ ވާހަކާގައި މީހުންނަށް މާފްކުރުމަށް އެދުނު ހަނދާންވުމުން ފުން ނޭވާއެއް ދޫކޮށްލެވުނީ އެކަމާއިމެދު ޔަޤީން ނުވާ ހާލުގައެވެ. ނަމަވެސް ﷲއަށްޓަކައި އެކަންކުރަން ހަނދާންވުމުން، ﷲއަށްޓަކައި އެ އެންމެނަށް މާފްކޮށްފީންކަމަށް ﷲގެ ހަޟްރަތުގައި ދެންނެވުނެވެ. އެމީހެއްގެ އަމަލެއް އެމީހަކައްތާއޭ ހިތައް އެރިއެވެ. އަހަރެންގެ ހިތައް އެ ހަނދާންތަކުން އިތުރަށް އަނިޔާ ލިބުމަށް ނޭދޭ ހާލުގައި އެކަން ކުރެވުނެވެ. އަދި ﷲއަށް ވަކީލު ކުރެވުނެވެ. އެރޭގައި ފުން ނިންޖަކުން ނިދާލެވުނީ އެކި ކަހަލަ ހަނދާންތަކުގައި އެތައް އިރަކު ތަންމަތީގައި ފުރޮޅިފުރޮޅިފައެވެ.

ފަތިހު ހޭލެވުނީ އެހެން ރޭރެއަށްވުރެ ތަންކޮޅެއް ލަހުން ކަމައްވިޔަސް ހިތައް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިފައިވާ ކަހަލަ އިހްސާސެއް ކުރެވުނެވެ. ފަތިސް ނަމާދައްފަހު ބަދިގޭގެ މަސައްކަތާއިގެން އަވަސް ކޮށްލެވުނީ މިއަދުގައި ވާރކްޝޮޕްގެ އެންމެފަހު ސެޝަން އޮތް ހަނދާންވުމުންނެވެ. ހެނދުނުގެ ސައި ތައްޔާރުކޮށްފައި ކާމޭޒުމައްޗައް ތަށިތައްނަގައި، ފެންފަރާ ތައްޔާރުވެލައިގެން ސައިބޯން އިންދާ ޝަމްހާނު އޭނާގެ ދަންވަރު ޑިއުޓީ ނިންމާފައި ގެއަށް އައިސް ވަނީއެވެ. މައުޝާ ފެންނަ ހިސާބުގައި ނެތުމުން އަދި ނުހޭލަނީކަން އެނގި އޭނާގެ މިސްރާބުހުރީ ކޮޓަރިއާއި ދިމާލަށެވެ. އަހަރެން ސައިބޯން އައުމަށް އެދުމުން ފެންވަރާލައިގެން މިއަންނަނީކަމަށްބުނެ ކޮޓަރިއަށްވަނެވެ.

ޝަމްހާނު ކޮޓަރިއަށް ވަތްއިރު މައުޝާ ހޭލައިގެން ފޯނާކުޅެން އެނދުމަތީގައި އޮތެވެ. ޝަމްހާނު މައުޝާ ކައިރީ އެއްފަރާތުގައި އިށީނދެލާފައި ހޭލާ އުޅޭއިރު މަންމައަށް އަތް ގާތްކޮށްލަން ބަދިގެއަށްދާނަމައޭ ބުނެލީ ކޮންމެވެސް ވަރަކައް ހިތްހަމަ ނުޖެހި އިނދެގެންނެވެ. “އަނެއްކާވެސް އެއްކަލަ ވާހަކަ. އަހަރެންވެސް ކައިލް ގޮވައިގެން ދުވާލުދާ ހަތަރުދަމު އުޅޭއިރު ވަރުބަލިވާނެކަން ޝަމްހާނައް އެނގެއެންނު. މިހެން ލިބޭ ކުޑަކުޑަ ވަގުތުކޮޅަކު ރެސްޓެއް މި ލިބެނީ. އަމިއްލަ ހިތްހަމަ ޖައްސާލުމަށްވެސް ވަގުތު ބޭނުންވާކަން ކިތައް ފަހަރު ޝަމްހާނު ކައިރީ ބުނާނީ” މައުޝާ ހިތްހަމަ ނުޖެހޭ ރާޤަކައް އެ ވާހަކަ އެފަދަ އެހެން ދުވަސްތަކެކޭ އެއްގޮތައް ތަކުރާރު ކޮށްލިއެވެ. “މައުޝާ އެކަނިތަ އަމިއްލަ ހިތްހަމަޖެހުމަށް ވަގުތު ބޭނުންވާނީ؟ މައުޝާ އެކަނިތަ ދުވާލުދާ ހަތަރުދަމު ބިޒީކޮށް އުޅެނީ؟ ކައިލްއާއި އަހަރެންގެ ކަންތައްތައް އެކަނި ކުރަންޖެހުމުން ބިޒީވެގެން އުޅޭއިރު، އެ މަންމަ ދުވާލު ތިންއިރު، މިގޭ ހަމީހުންނަށް ކައްކާ ކާންދީ، ތަށިތައްނަގާ އަދި ގޭތެރެ ސާފްކޮށްހަދާ، ދެންވެސް ހުރިކަމެއް ކުރާއިރު ވަރުބައްޔެއް ނުވާނެދޯ؟ އަދި އެއީވެސް ތަސައްވަރުފުރި ބޮޑެތިވެފައި ތިބި މީހުންގެ ކަންކަމުގައި އެ އުޅެންޖެހެނީ..ދެން ޝަކުވާވެސް ކުރެވޭނެއްނު. އަހަރެމެން އަމިއްލަ މިނިވަންކަމާއި، އަމިއްލަ ހިތްހަމަޖެހުން ބޭނުންވާފަދައިން އެމީހުން އެއުމުރައް ދިއުމުން އެކަންކަން އެމީހުންނަށް މާބޮޑައް ބޭނުންވާނެދޯ. ހާއްސަކޮށް ރެސްޓުނަގަން. އެހެންނޫނަސް ގާތްމީހަކައް އެހީތެރި ވެވުމުން ހިތައް ލިބޭ ހިތްހަމަޖެހުން ތި ފޯނުންލިބޭ ހިތްހަމަޖެހުމަށްވުރެ ބޮޑުވާން އެބަޖެހޭ” ޝަމްހާނު ފާހާނާއަށް ވަންނަން ތައްޔާރުވަމުން އޭނާ ބުނަން ބޭނުންވި ބަސްތައް އިއްވާލީ ސާބިތުކަމާއިއެކުގައެވެ. ޝަމްހާނުގެ ވާހަކަޔާއިމެދު ހިތްހަމަ ނުޖެހުނު ނަމަވެސް އެ ބަސްތަކުގައި ހަޤީޤަތެއް ވާކަން މައުޝާވެސް ޤަބޫލުކުރިއެވެ.

ސައިބޮއިގެން ހަމަޖެހިލައިގެން ވާރކްޝޮޕްގެ ހޯލައް ވަދެ އިށީނދެލީ، ވާރކްޝޮޕް ނިމުމުން ދެން މިތަނައް އަންނަން ނުޖެހޭނެތީ، އަހަރެންގެ މި ދެތިންދުވަހުގެ ބިޒީ ޝެޑިއުލުން ކަމެއް އުނިވުމުން ކޮންމެވެސް ވަރެއްގެ ލުއެއް ލިބޭނެކަން ޔަޤީންކުރަމުންނުވެ.

“މިއަދު ވާހަކަ ދައްކާލަން މިއުޅެނީ އާންމުކޮށް ކައިވެނީގައިޖެހީ މައްސަލަތަކާއިމެދުގައި. ތަޖުރިބާކާރުން ބުނާގޮތުގައި ފިރިހެނުން އަންހެނުންގެ ކިބައިން މައިގަނޑުގޮތެއްގައި ބޭނުންވަނީ އޭނާއަށް އިޙްތިރާމްކުރުމަށް. އަންހެނުން ފިރިހެނުންގެ ކިބައިން އެންމެ ބޭނުންވާނެ ކަމަކީ ލޯތްބާއި އަޅާލުން. މިއީ ކޮއްކޮއާއި ބޭބެއާއި ދެމެދު ނަމަވެސް ނުވަތަ ދެމަފިރިންގެ ދެެމެދުގައި ނަމަވެސް ކަންހިނގާނެގޮތްކަމަށް މި ދާއިރާގެ ތަޖުރިބާކާރުން އެއްބަސްވޭ. މިގޮތައް މިކަން އޮންނައިރު ފިރިހެންމީހާ މިސާލަކައް އަނބިމީހާއާއިމެދު ފަރުވާކުޑަވީ. އޭނާ އެ ބޭނުންވާ ލޯބި ނުވަތަ އަޅާލުން ދިނުމުގައި ފަރުވާ ކުޑަވީ.. މިސާލަކައް ވާހަކަ ދެއްކުމުގެ ރާގުގައި ތަންކޮޅެއް ހަރުކަށިވީ.. ފިރިމީހާގެ އެ ފަރުވާކުޑަވުމަށް ނުވަތަ ހިތްހަމަނުޖެހޭ އެ އަމަލުގެ ސަބަބުން އަނބިމީހާއަށްވެސް އެއަށް މި ޖަވާބު ދެވެނީ ހަމަ އެ ރާޤުގައި، އެފަދަ ގޮތަކައް. ހަރުކަށިކޮށް ނުވަތަ ރުޅި އައިސް ހުރެ. އިޙްތިރާމް ކުޑަކުރެވޭ ގޮތަކައް. މިގޮތައް ޖަވާބު ދެވުމުން މި ކުރެވޭ ކަމަކީ ފިރިމީހާ އޭނާބޭނުންވާ އިޙްތިރާމް އަނބިމީހާގެ ފަރާތުން ނުލިބެނީ.. އެކަމުގެ ސަބަބުން އަނެއްކާ އެއްކަލަ ފިރިމީހާގެ ރުޅި ނުވަތަ ހިތްހަަމަނުޖެހުން އިތުރައް ބޮޑުވެ ކުރިއަށްވުރެވެސް ރާގު އިތުރައް ހަރުކަށިވަނީ.. ވީމާ މި ނެގެޓިވިޓީ ބުރެއްހެން މިގޮތައް މި އެނބުރެނީ. އެކަކައްފަހު އަނެކަކު ރައްދުދޭއިރު، އިތުރައް ހަރުކަށިވެ، ގޮތްދޫނުކޮށް ބޭއަދަބީ ވެވެނީ. އިޙްތިރާމް ކުޑަވުމުން ލޯތްބާއި އަޅާލުންވެސް ނެތިދަނީ. ދެމީހުން މިގޮތުގައި ތިބޭނަމަ ދެމީހުންކުރެ އެކަކައްވެސް ހިތްހަމަ ޖެހުމެއް ނުލިބޭނެ. އަދި އެ ދެބަސްވުން ނިމުމަކައްވެސް ނާންނާނެ. ކަންކަން އިތުރައްވާނީ ގޯސް”

“ސުވާލަކީ ދެން މިހާލަތުގައި މި ނިމުމެއްނެތި ރައްދު ދިނުމުގައި އެނބުރެމުންދާ ބުރު، ހުއްޓުމަކައް ގެންނާނީ ކިހިނެއްހޭ؟ އާދެ! މިކަމައް އޮތީ އެންމެ ހައްލެއް. އެއީ ޝަރުތެއް ނެތި ލޯބިވުން، ނުވަތަ ޝަރުތެއްނެތި އިޙްތިރާމްކޮށް އަޅާލުން. މީގެ މާނައަކީ، ފިރިމީހާ ނުވަތަ އަނބިމީހާގެ އެ އިޙްތިރާމް ކުޑަކުރުމަށް ނުވަތަ އޭނާ ބޭނުންވާ ލޯތްބާއި އަޅާލުން ނުލިބުނު ނަމަވެސް، އެމީހާގެ ވާޖިބު އޭނާ އިޙްތިރާމާއިއެކު ނުވަތަ ލޯތްބާއި އަޅާލުމާއިއެކު އަދާކުރާށޭ.”

“އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދުގެފާނު (ޞ.އ.ވ) ދެއްވާފައިވާ ނަސޭހަތްތަކައް ނަޒަރު ހިންގާ ބަލައިފިނަމަ، އެކަލޭގެ ފާނުވެސް އަހަރެމެނަށް ދެއްވާފައިވާ ނަސޭހަތަކީ މިއީ.. ފިރިންނާއި ބެހޭ ކަންކަމުގައި އަންހެނުންނައް ނަސޭހަތް ދެއްވާފައިވާއިރު އެންމެ ގިނައިން ނަސޭހަތް ދެއްވާފައިވަނީ ފިރިންނައް އިޙްތިރާމް ކުރުމަށް. ފިރިންދެކެ ލޯބިވުމަކައް ނޫން. އެކަމަކު އެމީހުންނައް އިޙްތިރާމް ކުރުމަށް. ސަބަބަކީ އަންހެނުން އުފެއްދެއްވުމުގައިވެސް ﷲ އެމީހުންގެ ހިތްތަކުގައި ލޯތްބާއި އަޅާލުން ލައްވާފައިވޭ. އަހަރެމެން އަންހެނުންނަށް ލޯތްބަކީ، ލޯބިވުމަކީ އާ ކަމެއް ނޫން. ނަމަވެސް އިޙްތިރާމް ކުރުމަކީ ތަންކޮޅެއް އާކަމެއް. ހާއްސަކޮށް ޝަރުތެއްނެތި އިޙްތިރާމްކުރަން އެބަ އުނދަގޫވޭ. އަހަރެމެނަށް ޤަބޫލުކުރެވިފައި އޮންނަނީ އަހަރެމެން އިޙްތިރާމް ކުރަންޖެހޭނީ އަހަރެމެނައްވެސް އިޙްތިރާމްކުރާ، ލޯތްބާއި އަޅާލުންދޭ ބަޔަކަށޭ. ވީމާ އޭނާ ތިމަންނާއާއިމެދު އެގޮތައް ފަރުވާކުޑަވެ ބޭ އަދަބީ ވާހިނދުގައި، ތިމަންނާވެސް ބަދަލުގައި އިޙްތިރާމެއް ލޯތްބެއް ނުދޭނަމޭ. މައްސަލައަކީ އެއީ.. އަހަރެމެން މި ގޮތްދޫނުކުރުމުގައި ހުންނަނަމަ މި އަރާރުންތަކަކައް ހައްލެއް ނުލިބޭނެ. ހަމަ ވަށްބުރެއްހެން އަބަދު އެކަކު އަނެކަކައް ބޭ އަދަބީކުރުން ހިނގަހިނގާ ހުންނާނީ. އަހަރެމެންގެ ރަސޫލާ (ޞ.ޢ.ވ) އަންގަވާފައިވަނީ ފިރިންނައް އިޙްތިރާމް ކުރުމުށާއި އެމީހުންނަށް ކިޔަމަންވުމަށް. އަދި ﷲ އާއި އެކަލާނގެ ރަސޫލާ(ޞ.ޢ.ވ) ފިރިންނަށް އަންގަވާފައިވަނީ، އަނބިންނައް އަޅާލައި ލޯބިދިނުމަށް. އަދި ޝަރުތެއްނެތި އަޅާލުމާއި ލޯބި ދިނުމަށް އަންހެނުންނަށްވުރެ ގިނައިން، ފިރިހެނުންނަށް އަންގަވާފައިވޭ. ސަބަބަކީ ފިރިހެނުންގެވެސް ހުންނަނީ ހަމަ އެ ޤަބޫލުކުރުން ކަމައްވާތީ. ތިމަން އޭނާއަށް ލޯތްބާއި އަޅާލުން ދޭނީ އޭނާ ތިމަންނާއަށް އިޙްތިރާމްކޮށް ކިޔަމަންވުމުންނޭ. ވީމާ މިފަދަ ޚިޔާލު ތަކާއި ވިސްނުންތައް އަދި ގޮތްދޫނުކުރުންތަކަކީ ކައިވެނިތައް ފެއިލްވާ އެންމެ ބޮޑު އެއް ސަބަބު. ގޮތްދޫކޮށް އެއްވެސް ޝަރުތެއްނެތި އެކަކު އަނެކަކައް އިޙްތިރާމްކޮށް ލޯބިދޭނަމަ ވަރަށްގިނަ މައްސަލަތައް ހައްލުވާނެކަން ޔަޤީން. އަހަރެމެނައް އެންގެންޖެހޭ ކަމަކީ ﷲ ހުރިހާ ކަމެއްވެސް އެންމެ މޮޅައް ދެނެވޮޑިގެންވާކަން. ވީމާ އަޖުރައް އެދެންވީ އެކަލާންގެ ހަޟްރަތުން. ތިބާގެ ކެތްތެރިކަމާއި، އެކަލާނގެ އަށް ކިޔަމަންވުމަށް ކުރާ ކޮންމެ މަސައްކަތެއް އެކަލާނގެ ދެނެވޮޑިގެންވޭ.”

“ދެން އަހަރެމެން ހަނދާންކުރަންވީ އަނެއްކަމަކީ އަހަރެމެންގެ އަމިއްލަ ވިސްނުމާ އަދި ކަންކަން ޤަބޫލުކުރާ ގޮތާއި، ތިމާގެ ފިރިމީހާގެ ވިސްނުމާ އަދި ޤަބޫލުކުރުންތައް ތަފާތުވާނެކަން. މިއީ ދެ ގެއަކައް އުފަންވި އަދި ތަފާތު ދެ އާއިލާއެއްގެ ތަފާތު ތަރުބިއްޔަތުން ބޮޑެތިވެފައިވާ ދެ އިންސާނުންކަން. އަދި ބައެއްފަހަރު އެއްގެއެއްގައިވެސް އެއްބަނޑު އެއްބަފާ ނަމަވެސް އެތައް ގޮތަކުން ޚިޔާލާއި އުޅުން ތަފާތުވާ ކުދިން އުޅޭ. ވީމާ ތިބާ ރަނގަޅު ކަމައް ޤަބޫލުކުރާ ކޮންމެކަމަކީ އޭނާއަށް ރަނގަޅުކަމަކައް ނުވެދާނެ. އަދި ތިބާ ހިތްއެދޭ ކޮންމެކަމަކީ އޭނާގެ ހިތްހަމަޖެހުމައްވެސް ނުވެދާނެ. އެއީ މައްސަލައަކައް ވެގެން ނުވާނެ. ހުދު އަހަރެމެނައް ވިސްނާލިޔަސް މިކަން އޮންނަނީ މިހެންނެންނުންތޯ؟ އޭނާ ވަރަށް ގަޔާވާ ކުރާ ހިއްވާކަމެއް ތިބާއަށް ޖޯކަކައް ނުވަތަ ވަރަށް ފޫހިވާ ކަމަކައްވެސް ވެދާނެ. ޕޮއިންޓަކީ މިފަދަ ތަފާތު ތަކަކީ އެކަކު އަނެކަކުދެކެ ފޫހިވާންވީ ސަބަބެއްނޫނޭ. އަހަރެމެން އެކަކު އަނެކަކު ބަލައިގަންނަން ޖެހޭނީ މިފަދަ ތަފާތުތައް ހުންނާނެކަން އެނގިގެން.”

“އަހަރެމެން އަންހެނުން އެންމެ ބޮޑައް ބޭނުންވާ ކަމަކީ ލޯތްބާއި އަޅާލުން ކަމުގައި ވީނަމަވެސް، އެކި މީހުންނަށް ލޯތްބާއި އަޅާލުން ވިސްނިފައި އޮންނަނީ އެކި ގޮތްގޮތައް. ބައެއް މީހުންނަށް ލޯތްބާއި އަޅާލުން ފިރިމީހާ ކޮއްދޭ ކުދިކުދި ކަންކަމުން ފާހަގަވިޔަސް އަނެއްބަޔަކައް ލޯތްބާއި އަޅާލުން ފާހަގަވަނީ ބޮޑެތި ކަންކަމުން. އަމަލާއި ދުލުން ހާމަކޮށްދީގެން. ލޯބިވެޔޭ ދުލުން ބުނެ އަމަލީ ގޮތުން ބޮޑެތި ހަދިޔާތައް ގަނެދީ ތިބާ ބޭނުންވާހާ އެއްޗެއް ހޯދާދިނީމަ. އެކަމަކު މީގައިވެސް އަހަރެމެން ދެނެގަންނަންވީ ކޮންމެ ފިރިހެނަކީވެސް ތަފާތު މީހެއްކަން. ކޮންމެ ކޮންމެ މީހަކީ އެހާ ފަސޭހައިން އޭނާގެ އިހްސާސްތައް ހާމަކޮށްދޭން އާދަވެފައިވާ މީހަކައް ނުވެދާނެ. އަދި ބައެއް މީހުންނަކީ އަނެކާއަށް ތަޢުރީފް ކުރަންވެސް އާދަވެފައި ނުވާ މީހުން. ވަރަށް ކުދިކުދި ކަންކަމުގައިވެސް ތަޢުރީފްގެ ބަހެއްބުނަން ނުކުޅެދޭ މީހުން ވަރަށްގިނަ.”

“މިސާލަކައް ތިބާ ވަރަށް މީރުކޮށް ކައްކާފައިހުރީ. ކެއުމަށްފަހު “ވަރަށްމީރޭ” ބުނަންވެސް ބައެއް ފިރިންނައް އުނދަގޫވާނެ. ސަބަބަކީ އެމީހުންގެ ކުރީގެ ދިރިއުޅުމުގައި އެ އާދަ އެގޮތައް ނެތީމައި. އެއީ އެމީހުން އެއްވެސް އިރަކު ކުރަމުން އައި ކަމެއް ނޫންވީމަ. އެކަމަކު އޭނާއަށް އެ ކާތަކެތި މީރުވެއްޖެކަން އަހަރެމެން ވިސްނައިފިނަމަ އެނގޭނެ އިތުރު ގޮތްގޮތް ހުރޭ. މިސާލަކައް ގިނައިން ކެއުން. ދެވަނަ ފަހަރައް އެ ކައްކާދިނުމައް އެދުން ފަދަ ކަންކަމުން އެކަމުދިޔަކަން އެބަ އެނގޭ. މި ވާހަކައިގެ ޕޮއިންޓަކީ ބައެއްކަންކަމަކީ ސީދާ ދުލުން ނުބުނި ނަމަވެސް ދެނެގަނެވޭނެ ކަންކަމޭ. އޭނާ ދުވަހަކުވެސް ލޯބިވެޔޭ ނުބުނެޔޭ ކިޔާފާ ފޫހިނުވާށޭ. އެކަމަކު ދެމީހުން މިފަދަ ކަންކަމާއި މަޝްވަރާކޮށް، ގައިގައި ނެތް އާދަޔަކަސް ރަނގަޅު، ރީތި އަދި މޮޅު އާދައެއްނަމަ އެ އާދަތައް ހަރު ލެއްވުމަކީ ވަރަށް ރަނގަޅުކަމެއް. އެކަމަކު އޭނާގާތު ކަމެއް ރަނގަޅު ކުރަން ބުނާއިރު ތިމާވެސް ތިމާގެ ހުންނަ ނުރަނގަޅު އާދަތައް ބަދަލުކުރަން އެއްބަސް ވާންވާނެ. އެއްފަރާތަކުން އެއްވެސް ކަމެއް ހައްލެއް ނުވާނެ. ކަންކަމާއި މަޝްވަރާކުރުމަކީ ވަރަށް ގިނަ މައްސަލަ ތަކުގެ ހައްލު ލިބޭނެ ކަމެއް. އަދި ދެފަރާތުންވެސް މައްސަލަތައް ހައްލުކުރަން އަޒުމުގައި މަސައްކަތްކުރަންޖެހޭނެ. އެކަކުވެސް ގޮތްދޫނުކުރާނަމަ އެކަމުން ކައިވެންޏައް ވަރަށް އަސަރު ކުރާނެ.”

“ބައެއް ފަހަރު އަހަރެމެންނައް ކައިވެންޏަކީ ވަރަށްބޮޑު އިމްތިޙާނަކައްވާ ފަހަރު އާދޭ. އެކި ކަހަލަ މައްސަލަތައް ފުނިފުންޏައް ކުރިމަތިވޭ. މިސާލަކައް ފިރިމީހާގެ ފަރާތުން ފެންނަ ހިތްނޭދޭ އަމަލުތައް، ނުވަތަ އާއިލާގެ އާންމު ބޭނުންތައް ނުފުދުން، ނޫންނަމަ ފިރިމީހާގެ އާއިލާގެ ބައެއް މައްސަލަތަކުގެ ސަބަބުން ދެމީހުންގެ މެދުގައި ޖެހޭ މައްސަލަތައް ފަދަ އެތައް ކަމެއް ހުރެދޭނަ. ބައެއް ކަންކަމުގެ ސަބަބުން ތިބާގެ ލޮލައް ނިދި ނައިސް ހިތާމައިން ހިތްކުދިކުދިވާ ފަދަ ކަމަކާވެސް ކުރިމަތި ވެދާނެ. އަހަރެން އަނެއްކާވެސް ހަނދާން ކޮށްދޭން ބޭނުންވަނީ މިފަދަ ކޮންމެ ހާލަތެއްގައިވެސް، ތިބާގެ ނަފްސުގެ އަމަލުތަކައް ސަމާލުވާށޭ. އެހެންމީހުންގެ އަމަލުތައް ތިބާއަށް ކޮންޓްރޯލް ނުކުރެވުނަސް ތިބާގެ ނަފްސު ތިބާއަށް ކޮންޓްރޯލް ކުރެވޭނޭ. ކުރަން އެބަޖެހޭ. ތިބާގެ އެ ހިތާމަތައް ތިބާގެ ނަފްސައް ގެއްލުންދިނަ ނުދޭށޭ. މިދުނިޔޭގައި އެތައް އެތައް ހިތާމަޔެއް ކުރިމަތި ވީނަމަވެސް، ﷲ ތިބާއަށް ނުއުފުލޭވޭނޭ ބުރައެއް ނުޖައްސަވާނެކަން ހަނދާންކޮށް ޔަޤީންކުރާށޭ. އަދި ހިތާމައިން މީހާ ފޯވެ މުޅި ދުވަސް ރުއިމުގައި ހޭދަ ކުރުމުގެ ބަދަލުގައި، ދެއަތް އުފުލާ ކަންކަން ރަނގަޅުކޮށްދިނުމަށްއެދި އެކަލާނގެއަށް ދުޢާ ކުރާށޭ. އަދި ތިބާއަށް ލިބެން ހުރި އެއްޗެއް އެހެންމީހަކައް ނުލިބޭނެކަމާއި، އަދި ތިބާއަށް ލިބެން ނެތް އެއްޗެއްވެސް ނުލިބޭނޭކަން ހަނދާންކޮށް، ﷲ އީ ހުރިހާކަމެއް އެންމެ މޮޅައް ރާއްވަވާ ރަސްކަލާނގެކަން ޔަޤީންކޮށް އެކަލާނގެއަށް އިތުބާރު ކުރާށޭ.”

**ނުނިމޭ**

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!