ކަޅު ވިލާތަކުން އުޑުމަތި ބަނަކޮށްލާފައިވާއިރު ހީވަނީ އިރުދެކެ ކުރާ ނަފްރަތެއްގެ ސަބަބުން އިރު އޭގެ ދޯދިތައް ދުނިޔޭގެ ބިމާއި ހަމައަށް ފޮނުވުމަށް ކުރާ މަސައްކަތައް ހުއްޓުވަންއުޅޭހެންނެވެ. ޖެހިލާ ގަދަ ވައިރޯޅިތަކުންވެސް ހީވަނީ މެލޭޝިއާގެ ބޮޑެތި އިމާރާތްތައް ބިމަށް ވެއްޓިދާނެހެންނެވެ. މެލޭޝިއާގެ މަގެއްގެ އެއްފަރާތު ކައިރީގައި ހުއްޓިލައިގެން ޓެކްސީއެއްގެ އިންތިޒާރުގައި މަޑުމަޑު ފިޔާތޮށިކުލައިގެ ކަކުލާއި ހަމައަށް އަރާ ހެދުމެއް ލައިގެން ހުރި އުމުރުން ވިހި އަހަރުގެ މާޝަލްގެ ކަޅު ދިގު ފަންއިސްތަށިގަނޑު ދިއައީ ޖެހެމުންދިޔަ ވައިގެ ތެރޭގައި ނަށަމުންނެވެ. އެކަމަކުވެސް މާޝަލްއަށް އެކަމުގެ ފަރުވާލެއް ނެތެވެ. މާޝަލްގެ ސިކުނޑިވަނީ އެހެން ހިޔާލެއްގެ ތެރޭގައެވެ.

މާޝަލް ޓެކްސީއަކަށް އަތްދިއްކޮށްގެން ހުންނަތާ ގާތްގަނޑަކަށް ފަސް މިނެޓްފަހުން މާޝަލްގެ ކައިރިއަށް ޓެކްސީއެއް އައުމުން ގޮސް އެއަށް އެރާ ހަމަޖެހިލިއެވެ. ” ޓު ދަ އެއަރޕޯޓް..” ޓެކްސީގެ ޑްރައިވަރ ކޮންތާކަށްހެއްޔޭ އެހުމުން މާޝަލް ޖަވާބުދިނެވެ. ކުއްލިއަކަށް މާޝަލްގެ ފޯނު ވައިބްރޭޓްވިއެވެ. މާޝަލް ހީކުރީ މީހެއްގެ މެސެޖެއް އައީ ކަމަށެވެ. ނަމަވެސް މާޝަލްއަށް ހީކުރެވުނީ ރަނގަޅަކަށް ނޫނެވެ. އައީ މެސެޖެއް ނޫނެވެ. ނޯޓިފިކޭޝަންއެކެވެ. އެއީ މީގެ ހަތަރުއަހަރު ކުރިން މާޝަލް ގްރޭޑް ދިހައެއްގައި އުޅެފައި ކަލަންޑަރުގައި ފާހަގަކުރި ދުވަހެކެވެ. ޝާނިމްގެ އުފަންދުވަހެވެ. އެވަގުތު މާޝަލް ގެނބިގެން ދިއައީ އޭނާގެ މާޒީގެ ސަފުހާތަކުގެ ތެރެއަށެވެ.

************

މާޝަލް ތައްޔާރުވަމުން ދިއައީ ސުކޫލަށް ދިއުމަށެވެ. އަވަސް އަވަހަށް ނޫކުލައިގެ ގަމީހާއި ކަޅުކުލައިގެ ހަރުވާޅުލުމަށްފަހު ސްކާޓްލައި ބެގީކޮށްލިއެވެ. އަދި އިސްތަށިގަނޑުގައި ފުނާއަޅައި ގެތިއެވެ. އަވަސް ހިނގުމެއްގައި މާޝަލް ކޮޓަރިން ނުކުމެގެން ދިޔައިރު މަންމަ ބޯށޭ ކިޔައިފައި ސްޓަޑީ ޓޭބަލްމަތީގައި ބޭންދި ކިރުތަށިމަތިންވެސް ހަނދާންނެއް ނެތެވެ. ސުކޫލަށްދިޔަ މަގުމަތީގައި މާޝަލް ދިއައީ ކުލާހަށްދާއިރު ޝާނިމްއެކަނި ކުލާހުގައި ހުރުމަށް ހިތައިހިތުން ދުޢާކުރަމުންނެވެ. ގްރޭޑް ދިހައެއްގައި އުޅޭތީ މާޝަލްމެންނަށް ހެދުނު ހައެއް ޖަހާއިރުވެސް އެކްސްޓްރާ ގަޑިއޮއެވެ.

މާޝަލް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއިރު ގަޑިން ފަސްގަޑި ސާޅީސްފަހެކެވެ. އަނެއްކާވެސް ޝާނިމް ނޫން އެހެން ކުއްޖަކު ކުލާހުގައި ނުހުރޭ ތޯ މާޝަލް ދުޢާކޮށްލިއެވެ. މާޝަލްއާއި ޝާނިމްގެ ސިއްރުގުޅުމަށް މިހާރު ތިންމަސްވެއްޖެއެވެ. ޝާނިމްއަކީ ކިޔަވަން މަސައްކަތްކުރާ ކުއްޖަކަށް ނުވާތީ މާޝަލްގެ މަންމަ ޤަބޫލުނުވާނެތީ މާޝަލް އަދި ނިންމީ އެގުޅުން ސިއްރުކުރާށެވެ. އެއީ މާޝަލް ބޭނުންވަނީ ޝާނިމް ކިޔެވުމަށް ހިތްޖައްސައި ކިޔެވުމުން މަތީ ވަނަތައް ހާސިލްކުރާ މީހަކަށް ހެދުމަށްފަހު މާޝަލްގެ މަންމައާއި އެވާހަކަ ހިއްސާކުރާށެވެ. ޝާނިމްވެސް މާޝަލްއަށްޓަކައި ބޭނުންވީ ކިޔެވުމަށް ގަދައަޅާ މަސައްކަތްކުރަން ކަމުން ކޮންމެދުވަހަކު ހެނދުން ހައެއް ނުޖަހަނީސް މާޝަލްއާއި ޝާނިމް ސުކޫލަށްގޮސް ޝާނިމްއަށް މާޝަލް ފިލާވަޅުތައް އޮޅުންފިލުވައިދެއެވެ. ނަމަވެސް އަދި އެދެވޭ ކުރިއެރުމެއް ޝާނިމްއަކަށް ނުލިބެއެވެ.

ސުކޫލު ގޭޓުންވަންނަމުންވެސް މާޝަލްގަޑިއަށް ބަލައިލިއެވެ. “އޯ ޝިޓް” ގަޑިން ފަންސާސް އެކެއް ވުމުން މާޝަލް ކަންބޮޑުވީ ކުލާހުގައި އިތުރު ކުދިން އުޅެދާނެތީއެވެ. ކަންވީވެސް އެހެންނެވެ. މާޝަލް ކުލާހަށް ވަންއިރު އިތުރު ދެކުދިން ތިއްބެވެ. ނަމަވެސް މާޝަލް ކުރަން ނިންމައިގެން އައި ކަންތައް ކޮށްފަ ނޫނީ ނުހުންނަން މާޝަލް ގަސްތުކުރިއެވެ. “ހެޕީ ބާތްޑޭ.. ނިމް” މާޝަލް ކުލާހަށް ވަދެގެންއައިރު މާޝަލްއަށް ބަލަހައްޓައިގެން އިން ޝާނިމްގެ މޭޒާއި ކައިރިވެލަމުން ދަބަހުން އޭނަ ރޭގައި ހަތަރުދަމު ހޭލައި އިނދެގެން ނިންމި ޕާރުސަލް ޝާނިމްގެ އަތައް ދިއްކޮށްލަމުން މާޝަލް ބުންޏެވެ. “ތޭންކްސް ލަވް” ޝާނިމް އެހެންބުނަމުން މާޝަލްގެ ކަފަކޮޅެއްހާ މަޑުމަޑު އަތައް ބޮސްދިނެވެ. އެވަގުތު މާޝަލްގެ މޫނުމައްޗަށް ރަތްކުލަ ފާއްދާލިއެވެ.

“އެހެމް.. އެހެމް.. ކުލާހުގަ އިތުރު ބަޔަކުވެސް އެބަ ތިބި… ދެމީހުން ތި މާފޮޅުވަނީ…” ޝާނިމްގެ ފަހަތު ޑެސްކުގައި އިން ތަޒްކީ ވާހަކަދެއްކިއެވެ. “ކެން ޔޫ ގާއިސް ޕްލީޒް ލީވް އަސް އެލޯން… ޖަސްޓް ފޯ ވަން މިނެޓް……………….. ކީއްވެތަ އެހައި ލަހުން ތިއައީ.. މިއަދު ނުއަސް ކިޔެވުނީއެންނު.. މާ….” ކުލާހުގައި ތިބި ދެކުދިންދިއުމުން ޝާނިމް ދައްކަންފެށި ވާހަކަ މެދުކަނޑާލީ މާޝަލްއެވެ. ” ވަރަށް ލަހުންނޭ ރޭގަ ނިދީ…  ޓު މޭކް ދެޓް ސްޕެޝިއަލް ގިފްޓް ފޯ މައި ސްޕެޝިއަލް ވަން… އެހެންވެ ލަހުން ހޭލެވުނީ… ސޮރީ ނިމް…” ޕާރުސަލަށް ނަޒަރުހިންގާލަމުން މާޝަލް މާފަށް އެދުމަށްޓަކައި އޭނާގެ ދެކަންފަތުގައި ހިފައި ކުޑަކޮށް ތިރިވެލިއެވެ. އެވަގުތު ޝާނިމް މާޝަލްގެ އުނަގަނޑުގައި ހިފައި ޝާނިމްއާ ދިމާލަށް މާޝަލް ދަމާލިއެވެ. ކުއްލިއަކަށް ކުލާހަށް ވަދެގެންއައީ ސުކޫލުގެ ލީޑިން ޓީޗަރ ހިމާންއެވެ. ހިމާން އައުމުން މާޝަލްގެ އުނަގަނޑުގައި ހިފަހައްޓައިގެންހުރި ޝާނިމް އަވަހަށް ދޫކޮށްލި ނަމަވެސް ހިމާންއަށް އެމަންޒަރު ފެނުނެވެ.

“ޝާނިމް… މާޝަލް… ހަމަ މިވަގުތު ލީޑިން ޓީޗާސް ރޫމަށް އާދޭ..” ވަރަށް ރުންކުރުގޮތަކަށް މާޝަލްއާއި ޝާނިމް ދިމާލަށް ބަލައިލުމަށްފަހު ހިމާން ބޭރަށް ހިނގައިގަންނަމުން ބުންޏެވެ. ޝާނިމްއާއި މާޝަލް އެވަގުތު އެކަކު އަނެކަކާއި ދިމާލަށް ބަލައިލުމަށް ފަހު ހިނގައިގަތީ އިތުރަށް ކުރާނެކަމެއް ނުވިސްނުމުންނެވެ.

“މާޝަލް.. ސޯ ހިއެއް ނުކުރަން މާޝަލް ކަހަލަ އަހްލާޤު ރަނގަޅު ކުއްޖެއް ސޯ މެން ދޭން ނަސޭހަތުގައި ކޮޅުފައިން ޖަހާނެކަމަކަށް… އޭރުވެސް ހަމަކުލާހުގައި ތިދެކުދިން ފެނުނީ ތިގޮތަށް ކައިރިވެގެން ތިއްބައި……. އޭރުވެސް ސޯ ނަސޭހަތްދިނީމެންނު މިއަހަރު އެއްވެސް ކުއްޖަކު ތި ގޮތައް ރައްޓެހިވެގެން ނޫޅޭށޭ… ނުއެއް ކިޔެވޭނޭ… މީ ހާދަ މުހިއްމު އަހަރެކޭ… އޭރު ސޯ ބުނީ މެންނު ތި ކަހަލަ ކަމެއް ސޯމެންނަށް ދެން އިނގިއްޖެއްޔާ އެކުއްޖެއްގެ ބެލެނިވެރިންނަށްވެސް އަންގާނަމޭ.. އެހެން ބުނީމައިވެސް ތިއުޅެނީ.. ވާހަކަ ދެއްކިދާނެއޭ.. އެކަމު ތިގޮތައް އެކަކު އަނެކަކުގެ އުނަގަނޑުގައި ހިފާ އެހެން އުޅެންޔާ ކިހިނެއް ކިޔަވާނީ…. އެވެސް އަދި ސުކޫލުގެ ހަތަރު ފާރުތެރޭ…. ސޯ ހީކުރީ އޭރު ނަސޭހަތްދިނުމުން ދެން ތިކުދިން އެހެން ނޫޅޭނެކަމަށް… އެކަމު… އެކަމު ދެން ކުރާނެކަމެއް ނެތް.. މިފަހަރު ޖެހޭނީ ތިދެކުދިންގެ މައިންބަފައިން ގެންނަން… ސޯ މިބުނަނީ ހަމައެކަނި މިއަހަރު ތި ކަންތައްތައް ހުއްޓާށޭ… ހަމަ އެކަނި މިއަހަރު..” ހިމާން ފެއްޓި ވާހަކަ ހުއްޓުވީ މާޝަލްއެވެ.

” ސޯ… ދެން އަޅުގަނޑުމެންނެއް އެހެންނެއް ނޫޅޭނަން…. އެކަމު މަންމަމެންނަށް ޕްލީޒް ނާންގަބަލަ…” މިފަހަރު މާޝަލްގެ ވާހަކަ ހުއްޓުވާލީ ހިމާންއެވެ. “އޭރު ނަސޭހަތް ދިނީ… މިފަހަރު ތިކަން އަންގަން ޖެހޭނެ…” އެހެން ބުނުމަށްފަހު ހިމާން ހިނގައިގަތީ ބޭރަށެވެ. މާޝަލްއާއި ޝާނިމް ކައިރީގައި މަޑުކުރުމަށް ބުނަމުންނެވެ.

ގާތްގަނޑަކަށް ފަނަރަމިނެޓްފަހުން ހިމާން އައިސްވަނެވެ. ފަހަތުން މާޝަލްގެ މަންމަ މާޝާ އަދި ޝާނިމްގެ މަންމަ ޝައުނާވެސް ވަންއިރު ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ. މާޝާ އަދި ޝައުނާއަށް އެދެމީހުންގެ ދަރިންގެ ގުޅުން ފަޅާ އެރީމައި ތިބީ ވަރަށް ރުޅިއައިސްއެވެ. އަދި ނުވިތާކަށް ޝާނިމް މާޝަލްގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުއްޓައި ދެވަނަފަހަރު ފެނުނުކަން އިނގުމުން ރުޅިއިތުރުވެ ގަތް ލަދެއްގެ ސަބަބުން ތިބީ އިސްޖަހައިގެންނެވެ.

ލީޑިން ޓީޗަރު ބެލެނިވެރިންނާއި ވާހަކަދައްކައި ނިމުމުން ބެލެނިވެރިން ގެއަށް ދިއައެވެ. އަދި މާޝަލްއާއި ޝާނިމްވެސް ކުލާހަށް ފޮނުވާލިއެވެ. މިއަދު ހައެއް ޖެހިތަނާ އޮތް ކުލާސްވެސް ދެކުދިންނަށް ގެއްލުނީއެވެ. ސުކޫލު ނިމެންދެން މާޝަލްއާއި ޝާނިމް ކުލާހުގައި ތިބި ނަމަވެސް އެދެމީހުންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ހިޔާލުތަކެކެވެ.

މަޑުމަޑު ހިނގުމެއްގައި ބިރުން ވިރިވިރި އޮތް ހިތަކާއި އެކީ މާޝަލް ގޮސް އޭނަގެ ގެއަށް ވަނެވެ. އެވަގުތު މާޝަލްގެ މާޝާ އޭނަގެ އިންތިޒާރުގައި ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މާޝަލްއަކީ މާޝަލްގެ މަންމަގެ ހުންނަ ހަމައެކަނި އަންހެން ދަރިކަމަށް ވާތީ މާޝާ ހަޅޭއްލެވުމުގެ ބަދަލުގައި ފެށީ މާޝަލްއަށް ނަސޭހަތްދޭށެވެ. އަދި ޝާނިމްއާ ދުރުވުމަށް ބުންޏެވެ. މާޝަލްގެ ހިތުގައި އެކަމަށް ޝަކުވާއެއް ނެތެވެ. އެހެނީ މާޝަލްއާއި އޭނަގެ ދެބޭބެ ކަމަށްވާ މިއުޝް އަދި މާއިޝް ކުޑައިރުއްސުރެ ބަލާބޮޑުކުރީ މާޝާ އެކަނިކަމުގައި ވާތީއެވެ. ނަމަވެސް ހިތައް އަރައެވެ. މަންމައަށް މާޝަލް ޝާނިމްދެކެ ވާ ލޯބި އިނގޭނަމައެވެ.

*******

“އެކްސްކިއުޒް މީ… މޭމް.. ވި ހޭވް ރީޗްޑް ދަ އެއަރޕޯޓް…” އެއަރޕޯޓަށް ދެވުމުންވެސް މާޝަލް ކާރުން ނުފޭބީމައި ޓެކްސީ ޑްރައިވަރ ބުންޏެވެ. “އޯ ސޮރީ…” މާޝަލްއަށް ހޭވެރިކަމެއްވީ ޑްރައިވަރު އެވާހަކަ ތަކުރާރުކޮށްލީމައެވެ. ޑްރައިވަރަށް ތިން ޑޮލަރުދިނުމަށްފަހު މާޝަލް އަވަސްވެގަތީ ފްލައިޓް ޖެއްސުމުގެ ކުރިން އެއަރޕޯޓަށް ވަންނާށެވެ.

ގާތްގަނޑަކަށް ދިހަމިނެޓުފަހުން ރާއްޖެއިން މެލާޝިއާއަށް އައި ފްލައިޓް ޖައްސައިފިގަން ގޮވުމުން ވެއިޓިން އޭރިއާގެ ގޮނޑިއެއްގައި އިށީނދެލައިގެން އިން މާޝަލް ހިނގައިގަތީ އެރައިވަލްސްއާއި ދިމާލަށެވެ. އިރުކޮޅެއްނުވެ މާޝަލް އިންތިޒާރުކުރަމުން ދިޔަ މީހުން ނުކުމެއްޖެއެވެ. މާޝަލްގެ މަންމަ މާޝާ، ކުޑަބެ މިއުޝް އަދި ދޮންބެ މާއިޝްއެވެ. ފަހަތުން އައި ހައިމަން މާޝަލްގެ ލޮލުގައި އަޅައިގަތީ މާފަހުންނެވެ. ގަދަ ނޫކުލައިގެ ގަޔަށް ބާރު ޓީޝާޓަކާއި މަޑުނޫކުލައިގެ ޖީންސެއް ލާފައިހުރިއިރު ބޮލުގެ އިސްތަށިގަނޑު ހެޔޮވަރުމިނެއްގައި ކޮށާލާފައިވާތީ ވަރަށް ހިތްގައިމެވެ. ތުނިކޮށް ކޮށާލާފައިވާ ތުނބުޅިއާއި މަތިމަހުގެ ސަބަބުން ފިރެހެންވަންތަކަން އިތުރުކޮށްދެއެވެ.

ހައިމަންއަކީ މާޝާގެ އެދުމުގެ މަތިން މާޝަލް ކައިވެނިކުރަން އުޅޭ ޒުވާނާއެވެ. އެމީހެއްގެ ސަބަބުން ޝާނިމް މާޝަލްދެކެ ރުޅިއަންނަ މީހާއެވެ. މާޝަލްއާއި ހައިމަންގެ ކައިވެނީގެ ހަބަރު ޝާނިމްއަށް ލިބުނު ފަހުން ޝާނިމް މާޝަލްއާއި ދިމާލަށް ނުބައިއެއްޗިހި ކިޔައި ހަޅޭއްލަވައި އެތަކެއް މެސެޖުތަކެއްކުރިއެވެ. އެހެނީ ޝާނިމް ހީކުރަނީ މާޝަލް އޭނަ މަތިން ހަނދާން ނައްތާލައިފައި އެހެން މީހެއްދެކެ ލޯބި ވީކަމަށެވެ. އޭނައަށް ނޭނގޭ ހަގީގަތަކީ މާޝަލް އެކަން އެކުރަނީ މާޝާގެ އެދުމުގެ މަތިންކަމެވެ. އަދި މާޝަލް އެހުރިހާ މެސެޖެއް ކިޔުމަށްފަހު ދޭނެ ޖާވާބެއް ނޭނގިގެން އެކަމާ ވިސްނާކަމެވެ. މާޝަލް އެ މެސެޖުތައް ކިޔައި ކޮންމެފަހަރަކު އެތަށް ކަރުނައެއްބާލާކަމެވެ.

މާޝާމެން މިއަދު މެލޭޝިއާއަށް އެއައީ މާޝަލްއާއި ހައިމަންގެ ކައިވެންޏަށް ތައްޔާރުމަށް ބާޒާރުކުރާށެވެ. މާޝަލްގެ މަންމަ އެވަރަށް އާދޭސްނުކުރިނަމަ މާޝަލް ކައިވެންޏެއްވެސް ނުކުރީހެވެ. ވާނީވެސް އެހެންތާއެވެ. މާޝަލްއަށް އަދިވެސް އެއުޅެނީ ޝާނިމްދެކެވީ ލޯބި ހަނދާންނައްތައި ނުލެވިގެންނެވެ. އަދިވެސް ހިތައް އަރަނީ މާޝަލްގެ މަންމައަށް އަދި ޝާނިމްއަށްވެސް މާޝަލް ޝާނިމްދެކެ ވާ ލޯބި އިނގޭނަމައެވެ. އެހެންނަމަ މިއަދު ހައިމަންގެ ބަދަލުގައި އެތާ ހުންނާނީ ޝާނިމްއެވެ.

 

12

2 Comments

 1. Fathimath Eevaa

  September 21, 2021 at 1:49 pm

  Mee part vakin genes dhey vaahaka eh tha

  • Shaii

   September 21, 2021 at 8:22 pm

   No.. kuru vaahaka eh..

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!