ދެމަފިރިން އެކުގައި ނަމާދުކޮށްލުމަށްފަހު، ރިއާޝް ނައިރާގެ ބޮލުގައި އޭނާގެ އަތް ބާވާލާފައި، ފިރިމީހާ އަނބމީހާގެ މައްޗަށް ކުރުން ސުންނަތް ވެގެންވާ ދުޢާ ކޮށްލީ، މި ގުޅުމުގައި ބަރަލާތް ލައްވާތޯ ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ. ނަމާދުކޮށް ނިމިގެން ނައިރާ ދޮޅިއާއި އިސްޓާކީނު މުސައްލަތެރެއަށް ލާފައި މުސައްލަ އޮޅާލިއެވެ. މުސައްލަ އަލަމާރި ތެރެއަށް ލާފައި އެނބުރުނު ވަގުތު އޭނާގެ މޫނު ގޮސް ޖެހުނީ ރިއާޝްގެ ތަނަވަސް މޭމަތީގައެވެ. އެ ކަސްރަތީ ހަށިގަނޑު ހާމައަށް ފެންނަން ހުރުމުން ނައިރާ ލާން އުޅުނު ނޭވާވެސް ތާށިވި ފަދައެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ދިޔައިރު، ނައިރާ އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ރިއާޝްވެސް ދިޔައީ ފިޔަވަޅެއް އަޅަމުންނެވެ. އެހެން ގޮސް ނައިރާ ފާރާއި ލާ ފިއްތާލަމުން ރިއާޝް ނައިރާ އެ އަތުތެރޭގައި ހައްޔަރު ކޮށްލިއެވެ. “އައި ލަވް ޔޫ ނައި.” ނައިރާގެ މޫނާއި މޫނު ކައިރިކޮށްލަމުން ރިއާޝް ވައިއަޑުން ބުނެލިއެވެ. “އައި ލަވް ޔޫ ޓޫ އާޝް..” ދެލޯ މަރާލަމުން ނައިރާވެސް ބުނެލީ ރިއާޝްގެ ކައިރީގައި ހުރެވުމުން އިޙުސާސްކުރެވޭ ޙިމާޔަތުގެ ސަބަބުންނެވެ. އެރޭ ވެގެން ދިޔައީ އެ ދެމީހުންގެ ޒަވާޖީ ޙަޔާތުގެ އައު ބިންގަލެއް އެޅިގެން ދިޔަ، ލޯބިން ފުރިގެންވީ، ޚާއްސަ ރެއަކަށެވެ.

*******

**26 ވަނަ ޕާރޓް**

*******

އަނެއް ދުވަހުގެ އިރުއަރާ، ދޮންވި ވަގުތަކީ ގްރީން މެޑޯވ ހައުސްގެ މުޅި ޢާއިލާ ސަޔަށް އިންސާފު ކުރަން ތިބި ވަގުތެވެ. ނުހާއާއި، ރިޔާޒްއާއި، ނިޝާއާއި، ޔާޝްއާއި، ރީޝާގެ އިތުރުން ރައިޝާވެސް ސައިބޯން ތިބި އިރު، ރިއާޝްއާއި، ނައިރާ އަދި ގެއަކަށް ނާދެއެވެ. އެހެންނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން، ގޭގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެވަގުތު ރިއާޝްގެ ދެމަފިރިން އައިސް ބަދިގެއަށް ވަދެ، އެމީހުންނަށް ޚާއްސަކުރެވިފައިވީ ގޮނޑީގައި އިށީނދެލިއެވެ.

“އެހެމް އެހެމް.. ކޮބާ ރޭގަ ރަނގަޅަށް ނިދުނުތަ..؟ މަ އޮތީ އެރި ބޮޑު ބިންހެލުމެއްގެ ސަބަބުން ލޮލުފިޔައެއް ޖަހާލަންވެސް ނުކެރިފަ..” ފާޑަކަށް ކަރުކެހިލާފައި ރައިޝާ އެހެން ބުނެލި އިރު، އެ މޫނުމަތީގައިވީ ލާނެތްކަމެވެ. ވަގުތުން ނައިރާ ރައިޝާގެ އަތުގެ މުލައްދަނޑީގައި ޖެހުމުން، ރައިޝާ ތަދުވާކަމަށް ހަދާފައި، ދެލޯ މަރާލިއެވެ. “އައުޗް..” ރައިޝާގެ ދުލުން އެލަފްޒު ބޭރިވި އިރު، ނައިރާ އިނީ އަދިވެސް ރައިޝާއާ ދިމާއަށް ކަޅިއަޅައިގެންނެވެ. އެހެންކަމުން، ރައިޝާ ވަރަށް ނުވާކަމަށް ހަދާފައި އުލުން ތަށީގައި ހުރި ކާއެއްޗެއްސާ ކުޅެން ފެށިއެވެ. އެތާ ތިބި އެންމެން އެވަގުތު ހޭން ފެށުމުން ރިއާޝްއާއި ނައިރާ އަދި ވަކިން ބޮޑަށް ލަދުގަތެވެ.

“އޭ އަދި ބުނަން ހަނދާން ނެތުނީއޭ.. މާދަމާ ނޫން އަނެއް ދުވަހު ފުރަން މިއުޅެނީ..” ވަކިން ވަކިން އެންމެންގެ މޫނަށް ބަލައިލަމުން ރައިޝާ ބުނެލިއެވެ. “ވަޓް..؟ ނޯ ދެން ހާދަ އަވަހޭ..” ބިންމަތީގައި ދެފައި ތަޅާލާފައި ކުޑަކުއްޖެއްހެން ނައިރާ ބުނެލިއެވެ. “ތެދެއް.. ރައި ބުނީމެއްނު ދެ ހަފްތާ ވަރު ނަމަވެސް ކޮށްލާނަމޭ..” ނިޝާވެސް ނައިރާއާ އެއްބައިވެލިއެވެ. “ލައްބަ… އެކަމް މިހާރުވެސް އެވަރަކުން މިއައީ ދޮންބެމެންގެ ވެޑިންއަށް.. ވަރަށް މަސައްކަތުން މި އާދެވުނީވެސް.. އަވަހަށް އެކޮޅަށް ދިޔައީމަ ފަސޭހަވާނީ..” ކިތަންމެ ހަމަޖެހިލައިގެން އިންކަމުގައި ވިޔަސް، ރައިޝާ އިނީ އޭނާގެ ޢާއިލާ ދޫކޮށްފައި އަނެއްކާވެސް ދާން ޖެހުމުން ވަރަށް ދެރަވެފައެވެ. ރައިޝާގެ ޖަވާބުން އެތާ ތިބި އެންމެންވެސް ބޯޖަހާލީ ރައިޝާއާ އެއްބަސްވުމުގެ ގޮތުންނެވެ.

*******

ސައިބޮއެގެން ނައިރާއާއި ރައިޝާ ގޮސް ތިބީ ރައިޝާގެ ކޮޓަރީގައެވެ. ރައިޝާ އައިފަހުން ދެކުދިން އެކަނިވެލާނެ ވަގުތެއް މި ލިބުނީ އަދި ކިރިޔާއެވެ. ނައިރާގެ ކައިވެނީގެ ކަންތަކުގައި ދެކުދިންވެސް ނުހަނު ބުރަކޮށް އުޅޫމާވެސް އެކީއެވެ. މެލޭޝިޔާގައި ހިނގި ހުރިހާ ކަމެއް އަކުރުން އަކުރަށް ރައިޝާ ކިޔައިދެމުން ދިޔައެވެ. އޭނާއަށް އަލަށް ލިބުނު އެކުވެރިންގެ ވާހަކައާއި، ކޮލެޖުގައި ދިމާވާ މަޖާ ވާހަކަތަކުން ފެށިގެން އެންމެ ދެރަވީ ވަގުތުތަކުގެ ވާހަކަވެސް ޙިއްސާކުރިއެވެ. ނައިރާވެސް އޭނާގެ ދިރިއުޅުމުގެ ހުރިހާ ވާހަކަތަކެއް ރައިޝާއާ ޙިއްސާކުރިއެވެ. “ދެން ކޮންއިރަކުންތަ ނައިމެން ބޭބީއެއް ހޯދަނީ..؟” ދެކެވުނު ވާހަކަ ތަކުގެ ތެރެއިން ރައިޝާ އަހާލިއެވެ. “އަދި މާ އަވަހެއްނު.. އަދި މަ ޖޮބެއްވެސް ނުހޯދަން.. އަދި އަހަރުމެން ބޭނުން ރަނގަޅަށް އެކަކު އަނެކަކު ދަސްކުރަންވެސް.. އެނީވޭސް، އަހަރުމެން ބެބީއެއް ހޯދާނީ ރައިއާ މާއިޝް މެރީ ކުރީމަ.. ލޮލް..” ނައިރާ ހިނިގަނޑެއް ޖަހާލިއެވެ. ރައިޝާވެސް ނައިރާއާ ބައިވެރިވެ ވާހަކައިގެ ފުން ކަނޑަކަށް ދެކުދިން ގެނބިގެން ދިޔައެވެ. ވާނީވެސް އެހެންނޫންތޯއެވެ؟ އެންމެ ގާތް އެކުވެރިޔާ އެހާ ދުވަސްކޮށްފައި ފެނުމުން ދައްކަން ޖެހޭ ވާހަކަތައް ދުވަހަކުވެސް ހުހެއް ނުވާނެއެވެ.

މެންދުރު ނަމާދަށް ބަންގި ގޮވުމުން ރައިޝާ އެނދުން ތެދުވީ ވުޟޫ ކުރުމަށެވެ. އޭރުވެސް ނައިރާ އޮތީ ރައިޝާއާ ދިމާއަށް ބަލާށެވެ. “ދެން އެކަމް ރައި ހާދަ ހިިކިއްޖޭ މިހާރު.. ކުރިން ޗަބީކޮށް ހުންނަ އިރު ވަރަށް ލޯބި..” ދެފައި ވަށްކޮށްލައިގެން އެނދުމަތީގައި ހަމަޖެހިލަމުން ނައިރާ ބުންޏެވެ. “ކާނެ ވަގުތެއް ނުވޭ ނައީ.. މާ ބޮޑަށް ހިކުނީ ދޯ.. އެންމެންވެސް އެބަ ބުނޭ އެހެން.. އަދި އިނގޭތަ މަގޭ ރޫމްމޭޓް މަލަކް.. އޭނަ ވަރަށް ވަރަށް ހިކިވާނެ.. ހަމަ ހީވާނީ އިލޮއްޓެއްހެން.. ދެންމެ ދެންމެ ބިންދައިގެން ގޮސްފާނެހެން ހީވަނީ..” ނަމާދު ކުރަން އުޅެފައިވެސް އަނެއްކާވެސް ދެކުދިން ވާހަކައިގައި ޖެހުނެވެ. ނަމާދު ކުރެވޭވަރުވީ އޭގެ ފަނަރަވަރަކަށް މިނެޓު ފަހުންނެވެ.

*******

“އަޅެ ރައީ… ހަމަ ދަނީތަ..؟ ހާދަ މިސްވާނޭ..” ރައިޝާ ފުރުވަން އައިސް އެއާޕޯޓުގައި ތިބިި ވަގުތުގައިވެސް ނައިރާ ރައިޝާ ކައިރިން ނުނެއްޓެއެވެ. އަބަދު އުޅެނީ ރައިޝާ ފަހަތުލައިގެންނެވެ. އަނެއްކާވެސް އެކުވެރިޔާ ގެއްލޭތީ އޭނާ ހުރީ ނުހަނު ދެރަވެފައިކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އިިރުކޮޅެއް ފަހުން މާއިޝްއާއި، އޭނާގެ އާއިލާވެސް އެތަނަށް އައެވެ. މާނިޝް ވަގުތުން އައިސް ހުއްޓުނީ ރައިޝާގެ ކައިރީގައެވެ. “ދޮންބެދައްތަ އަނެއްކާވެސް ދަނީތަ..؟ އަވަހަށް އަންނައްޗެ..” އުމުރުން އަށް އަހަރުވެފައިވާ އިރު، މާނިޝް ހުންނަނީ އެ އުމުރުގެ އެހެން ކުދިންނާ ބަލާފައި ހަށިގަނޑު ވަރަށް ރަނގަޅަށެވެ. އެ އުމުރުގައިވެސް މާނިޝް ނުލާހިކު ދިގެވެ. ރައިޝާގެ ކޮނޑާ ހަމައަށް އަރާ ވަރު ވެއެވެ. މާއިޝްއާއި ވަރަށް ވައްތަރެވެ. ހަމަ އެ ދެލޮލެވެ. އެ ނޭފަތެވެ. އެ ތުންފަތެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ހުންނަ ގޮތުން އަދި މާ އެއްގޮތްކަމަށް ދައްކައެވެ. “ލައްބަ މާން.. ދޮންބެދައްތަ ދަނީ.. ވަރަށް އަވަހަށް އަދި އަންނާނަން އިނގޭ.. އިރާދަކުރެއްވިއްޔާ ދެން އަންނާނީ އެއްކޮށް މާން ކައިރި ހުންނަން..” ހިނިތުންވެލުމަށްފަހު ރައިޝާ މާނިޝްގެ ކޮލުގައި ހިފާލިއެވެ.

“ދޮންތާ.. ޓޭކް ކެއަރ އޮފް ޔުއަރސެލްފް.. ހަމަ މިހާރުވެސް ލޭބަރއަށް ހިނގައިދާނެ.. ވިސްނައިގެން ހުންނައްޗެ..” މާނާގެ ބޮޑު ބަނޑުގައި އަތް ޖައްސާލަމުން ރައިޝާ ބުނެލިއެވެ. އިޒްޔަން ކައިރީގައި މާނާ ރަނގަޅަށް ބަލައިދިނުމަށް އެދުމުން، އިޒްޔަން ހިނިތުންވެލާފައި ރައިޝާގެ ބޮލުގައި ފިރުމާލިއެވެ. “ދޮންތި ވިހެއީމަ ރައި ކައިރި ބުނައްޗެ..” އިޒްޔަންއާއި މުޚާތަބުކޮށް ރައިޝާ ބުނެލިއެވެ. “ޔަގީނެއްނު.. އެންމެ ފުރަތަމަވެސް ބުނާނީ ރައި ކައިރި.. ޑޯންޓް ވޮރީ..” އިޒްޔަން ޔަޤީންކަން ދިނެވެ. ރައިޝާ އެމީހުންނާއި ދޭތެރޭގައި ވިސްނާ ވަރު އެނގުމުން މާނާއާއި، އިޒްޔަން ތިބީ ނުހަނު ހިތްހަމަޖެހިފައެވެ. ރައިޝާ ގޮސް މާހީންއާއި، އަމާންއާވެސް ބައްދަލުު ކުރިއެވެ. ކުރިއާ ޚީލާފަށް މިފަހަރު އެއްވެސް މީހަކު ރޯތަން ނުފެނުމުން ރައިޝާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ފްލައިޓް ފުރަން ފަސް މިނެޓަށް ވުމުން ރީޝާ ކައިރި ބަލައިގެން އުޅެއްޗޭ ބުނެފައި ރައިޝާ ގޮނޑިން ތެދުވިއެވެ. ދަބަސް ނަގަން އުޅުނު ވަގުތު ރައިޝާއަށް ސިހުމެއް ލިބުނީ މާނާގެ ވޭނުން ފުރިފައިވާ ހަޅޭކުންނެވެ. ވަގުތުން މާނާއާ ދިމާއަށް ދުއްވައިގަނެވުނު އިރު އެންމެންގެ މޫނުމަތީގައިވެސް ވީ ކަންބޮޑުވުމުގެ އަސަރުތަކެވެ. “މާނާ.. މާނާ.. އޭ.. ކިހިނެއްވީ..؟ ބަނޑަށް ތަދުވަނީތަ..؟” ކަންބޮޑުވެފައިވާ އިޒްޔަންގެ ހިތަށް އަސަރުކުރީ ފުރާނަ ފަދައިން ލޯބިވާ އޭނާގެ އަނބިމީހާ ވޭނުގައި ތެޅިފޮޅެމުން ދާތީއެވެ. “ވޯޓަރ- ބްރޭކް- ވެއްޖެ ކަން- ނޭނގެ..” ބަނޑުގައި ރިއްސަމުން ދިޔަ ވަރުން މާނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އެވަގުތު މާއިޝް އެމްބިއުލެންސަށް ގުޅަން އުޅުމުން އެކަން މަނާކުރީ ރައިޝާއެވެ. “ނޫން މާއި.. އެމްބިއުލެންސަށް ގުޅޭނެހާ ވަގުތެއް ނެތް.. ކާރުގަ ދޮންތަ ހޮސްޕިޓަލަށް ގެންދޭ..” ރައިޝާ ހަމަ އެހެން ބުނުމާއިއެކު އިޒްޔަން ވަގުތުން މާނާ އަތްދަނޑި މައްޗަށް ނަގާ، އުފުލައިގެން ދުވެފައި ދިޔައެވެ. އިޒްޔަން އާ އެއްވަރަކަށް ދުއްވައިގަންނަމުން މާއިޝް ރައިޝާއާއި ދިމާއަށް ބަލައިލިއެވެ. ދިޔަޔަސް އެންމެ ރަނގަޅޭ ބުނާ ފަދަ ގޮތަކަށް ރައިޝާ ހީލުމުން މާއިޝްވެސް ހީލާފައި، އަވަހަށް ދުއްވައިގަތެވެ. އޭނާ ފުރާ އިރު މާއިޝް އޭނާގެ ކައިރީގައި ހުންނަން ރައިޝާ ކިތަންމެހާވެސް ބޭނުންވެއެވެ. އެހެންނަމަވެސް، މިވަގުތު އޭނައަށްވުރެ ބޮޑަށް މާނާއަށް މާއިޝް ބޭނުންވާނެކަން ރައިޝާއަށް އެނގެއެވެ. އިޙުސާސް ކުރެވެއެވެ.

މާއިޝްގެ ފަހަތުން މާހީންއާއި އަމާން ދުވެފައި ދިޔުމުން ނުހާ ކަންބޮޑުވެފައި ހުރި މާނިޝް ގެނެސް ގަޔާ ކައިރިކޮށްލީ އަމިއްލަ ދަރިއެއް ފަދައިންނެވެ. “ދޮންތިއަށް ކިހިނެއްވީ..؟” މާނިޝް އޭނާގެ މައުސޫމު އަޑުން އަހާލިއެވެ. “ދޮންތި ކުޑަކޮށް ބަލިވީ.. އިރުކޮޅަކުން ދޮންތި އަންނާނެ ބޭބީ ގޮވައިގެން.. ހިނގާ އިހަށް ދައްތަމެންގެ ގެއަށް ދާން ދޯ..” މާނިޝްގެ ބޮލުގައި ފިރުމާލަމުން ނުހާ އެހެން ބުނެލުމުން މާނިޝް ބޯ ޖަހާލިއެވެ. އިތުރަށް މާނިޝް އެތާ ނުބަހައްޓަން ވެގެން ރައިޝާގެ ފްލައިޓް ނުފުރަނީސް، ނުހާއާއި، ރިޔާޒްއާއި، ރީޝާއާއި، ޔާޝް ގެއަށް ދިޔައީ ރައިޝާގެވެސް އެދުމުގެ މަތިންނެވެ. ފްލައިޓް ފުރާ ވާހަކަ ގޮވުމުން ރައިޝާ ނައިރާއާއި، ރިއާޝްގެ ގައިގައި ބައްދާލުމަށްފަހު އަވަސް އަވަހަށް ދިޔައީ، މާނާ ވިހެއުމުން އަންގާލައްޗޭ ބުނެފައެވެ. މިވަގުތު މާނާ ކައިރި ކިތަންމެ ހުންނަން ބޭނުންވި ނަމަވެސް، އެ ފުރުސަތު އޭނާއަށް ލިބޭކަށް ނެތެވެ. މާނާއާއި އޭނާގެ ދަރިފުޅު ހެޔޮހާލުގައި ލެއްވުމަށް އެދި ދުޢާ ކުރަމުން ރައިޝާ ގޮސް ފްލައިޓަށް އެރީ ފްލައިޓް ނައްޓާލަން ދެން މާ ގިނަ އިރު ނެތުމުންނެވެ.

*******

ފްލައިޓްއިން ފޭބި ގޮތަށް ޗެކްއައުޓް ވެލާފައި، ރައިޝާ އަވަސްވެގަތީ ޓެކްސީއެއް ހޯދުމަށެވެ. ޓެކްސީއެއް ލިބޭވަރުވެސް ވީ އެތާ ހުންނަތާ ފަނަރަ މިނެޓު ވީ ފަހުންނެވެ. ޓެކްސީއަށް އަރާފައި ރައިޝާ ސީޓުގައި ބޯ ޖައްސާލާ، ދެލޯ މަރާލީ ލޮޑުވެފައި ހުރުމުންނެވެ. އެވަގުތު ފޯނަށް ކޯލެއް އަންނަން ފެށުމުން ރައިޝާ ފޯނަށް ބަލައިލިއެވެ. ގުޅަނީ އިޒްޔަން ކަން އެނގުމުން އަވަސްއަވަހަށް ފޯނު ނެގިއެވެ. “ހަލޯ.. ދޮންތަ ކޮބާ..؟” އެންމެ ފުރަތަމަވެސް ރައިޝާއަށް އަހާލެވުނީ އެހެންނެވެ. “ދޮންތަ އޯކޭއޭ.. ބޭބީވެސް އޯކޭ އިރާދަކުރެއްވީތީ..” އިޒްޔަންގެ ޖަވާބު އިވިފައި ރައިޝާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “އޯހހ.. އަލްޙަމްދުލިﷲ.. ކޮން ކަހަލަ ކުއްޖެއް..؟” ރައިޝާ އެއްސެވެ. “ފިރިހެން ކުއްޖެއް.. ފޮޓޮއެއް ފޮނުވާނަން އިނގޭ ފަހުން..” އިޒްޔަން ބުނެލިއެވެ. މާނާއަށް މިވަގުތު ނިދިފައި އޮތް ވާހަކަ ބުނުމުން ރައިޝާ އިޒްޔަންއާއި ވާހަކަ ދައްކާލުމަށްފަހު ފޯނު ބާއްވާލިއެވެ.

އިރޮކޮޅެއް ފަހުން ފޯނަށް އިޒްޔަންގެ މެސެޖެއް އައުމުން ފޯނު ބަލައިލި އިރު، ފޮނުވާފައިވާ ލޯބިލޯބި ފޮޓޮއިން ރައިޝާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. “އިޒްމާން މުޙައްމަދު އިޒްޔަން…” މަޑުމަޑުން އިޒްޔަން ލިޔެފައި އޮތް މެސެޖު ކިޔާލި އިރު، ރައިޝާގެ ތުންފަތުގައި ކުޅެލާފައިވަނީ ވަނީ ހިނިތުންވުމެކެވެ. ހުދުކުލައިގެ ފޮތިގަނޑެއްގެ ތެރެއަށްލާ، އޮޅާލާފައިވާ، ދޮންދޮން ފުށްގަނޑެއްހެން އޮތް ލޯބިލޯބި އިޒްމާންގެ ފޮޓޮއަށް ބޮސްދެވުނީ ފެންނަން އޮތްލެއް ލޯބިކަމުންނެވެ. ދެކޮލުގައި ލޯބި ވަރަކަށް “ޗަބީ” ކަން ހުރި އިރު، ގިނަ ސިފަތައް އިޒްޔަންއާއި ވައްތަރުކަން ރައިޝާއަށް ފާހަގަ ކުރެވުނެވެ. ވަގުތުން ފޯނުގެ ވޯލްޕޭޕަރ އަށް އެ ފޮޓޯ ލުމަށްފަހު ރައިޝާ އަނެއްކާވެސް ސީޓުގައި ހަމަޖެހިލީ، އަދި ގެއާ ހަމައަށް ދެވެން ގަޑިއެއްހާއިރު ހުރުމުންނެވެ.

ދެލޯ މަރައިގެން އޮންނަން އުނދަގޫވުމުން ރައިޝާ މާއިޝްއަށް މެސެޖެއް ކޮށްލިއެވެ. އިރޮކޮޅެއް ނުވެ، މާއިޝްގެ ރިޕްލައިއެއް އައިއްސިއެވެ. މިދަނީ މަންމަ ބުނެގެން މޭވާކޮޅެއް ގަންނަން ބާޒާރަށް ކަމުގައި ބުނުމަށްފަހު، އިޒްމާން އުރާލައިގެން ހުރި ލޯބި ފޮޓޯއެއް މާއިޝް ފޮނުވިއެވެ. އިޒްމާން އުރާލައިގެން ކޮންމެ މީހަކު ވަކިން ނަގާފައި ހުރި ފޮޓޯތައް ފޮނުވިއެވެ. ނުހާއާއި، ރިޔާޒްއާއި ރިއާޝްއާއި ނައިރާވެސް މިވަގުތު ހޮސްޕިޓަލުގައި ތިބިކަމަށް މާއިޝް ބުންޏެވެ. މާނާއަށް ހޭލެވުމުން އޭނައަށް ގުޅާލުމަށް ރައިޝާ މާއިޝް ކުރެން އެދުނެވެ. އެންމެ ރަނގަޅޭ ބުނެލުމަށްފަހު، މާއިޝް ކާރު ދުއްވާތީ އިހަށް ފޯނު ބާއްވަނީކަމުގައި ބުނުމުން ރައިޝާ ބަލައިގެން ކާރު ދުއްވުމަށް ބުންޏެވެ. “އައި ލަވް ޔޫ” ޖަހާފައި މާއިޝް ކޮށްލި މެސެޖުން ރައިޝާގެ ތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލިއެވެ. ވަގުތުން “ލަވް ޔޫ ޓޫ” ލިޔެފައި، ސެންޑް ބަޓަނަށް ފިތާލިއެވެ.

ހަމަ އެވަގުތެވެ. ޖެހި ބާރު ގުގުރިއަކާއެކު، ނިކަން ބޯކޮށް ވާރޭ އޮއްސައިގަތީ އޮށްގާތަކެއް ފަދައިންނެވެ. ކާރު ކައްސާލައިގެން މަގުން ކެހިގެން ގޮސް އަރިއަޅާލުމުން ރައިޝާއަށް ސީޓުގައި ބާރަށް ހިފަހައްޓާލެވުނެވެ. ކާރު މަޑުވެލުމާއެކު ރައިޝާއަށް ދެލޯ ހުޅުވާލެވުނެވެ. ވަގުތުން ފޯނާ ދިމާއަށް ބަލައިލެވުނު އިރު ރައިޝާ އެންމެ ފަހުން ކޮށްފައި އިން މެސެޖު ސީން ކުރުން ފިޔަވައި އިތުރު ޖަވާބެއް މާއިޝް ދީފަކާ ނުވެއެވެ. އެވަގުތު ރައިޝާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެ ކަމުގެ ރަތް ސިގްނަލް އެ ހިތުގެ ކަނަކުން އަޅަން ފެށިއެވެ. އަވަސްއަވަހަށް މާއިޝްއަށް މެސެޖެއް ކޮށްލިއެވެ. ތިން ހަތަރު މެސެޖު ކުރި ފަހުންވެސް މާއިޝްގެ ޖަވާބެއް ނުލިބުމުން ރައިޝާ މާއިޝްއަށް ގުޅާލިއެވެ. އެގޮތަށް ފަސް ފަހަރު ގުޅުމުންވެސް މާއިޝްގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. ކާރު ދުއްވާތީ މިވަގުތު ފޯނު ނުނެގިގެން އުޅެނީކަމަށް ވިސްނާފައި، ރައިޝާ ސީޓުގައި ހަމަޖެހިލެވޭތޯ ބެލިއެވެ. އޭނާގެ ހިތަށް ވިސްނައިދެމުން ރައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “މޭބީ އައިމް ޖަސްޓް އޯވަރތިންކިންގ.. ދެއަރ އިޒް ނަތިންގ ރޯންގް.. ޑޫޑް އައިމް ސޯ ޑްރާމެޓިކް..” އަމިއްލަ ނިތުގައި މަޑުމަޑުން ޖަހާލަމުން ރައިޝާ އަމިއްލަ މޮޔަކަމަށް މަލާމަތް ކޮށްލިއެވެ.

އެހެންނަމަވެސް، ރައިޝާއަށް ނޭނގޭ ޙަޤީގަތަކީ ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަމެވެ. އޭނާ ދެކެމުން އައި ހުރިހާ ހުވަފެންތަކެއް ވިއްސިވިހާލިވެގެން ހިނގައްޖެކަމެވެ. އޭނާގެ ހުރިހާ އުންމީދުތަކެއް ވެއްޔާލައި، މޮޑެވިގެން ދިޔަކަމެވެ. ޖެހި ބާރު ގުގުރިއާއެކީ އޭނާގެ ދިރިއުޅުމަށް ހޮނުއެޅިކަމެވެ. ވެހިގަތް ބޯ ވާރޭއާއެކު، އޭނާގެ ދިރިއުޅުމުގައި ފެން ހެދި، އޮޔާ ހިނގައްޖެ ކަމެވެ. އޭނާއާއި، މާއިޝްގެ ވާހަކައިގައި ދިމާވާ ހުރަސްތަކެއް ފެށުނުކަމެވެ. މިވީ މަދު ސިކުންތުކޮޅުގެ ތެރޭގައި އޭނާއާއި މާއިޝްގެ ގުޅުން ބަރުބާދު ވެއްޖެކަމެވެ.

*******

“އަޅެ މާއިޝް ތި ފޯނު ނަގާބަލަ!!!” މިފަހަރުވެސް މާއިޝް ފޯނު ނުނެގުމުން ރައިޝާ ރުޅިއައިސްގެން ފޯނު ހޫރާލިއެވެ. އެގަޑީގައި ފޯނު ގޮސް ފާރުގައި ޖެހި، އެކި ބައިތައް ވަކިވަކިވެގެން ފޯނު ހަލާކުވިއެވެ. އައިއްސަ ހުރި ރުޅިންނާއި، ވެފައި ހުރި ދެރައިން ރައިޝާ މުޅި ކޮޓަރިތެރެ އެފުށްމިފުށަށް ޖަހަން ފެށިއެވެ. އެއަށްފަހު، ބޮލުގެ އިސްތަށިގަނޑުގައި ހިފާ، ބާރުކޮށްލުމަށްފަހު ފާރުކައިރީގައި އިށީނެވެ. ވޭނީ އަޑަކުން ހަޅޭލަވައިގަތުމަށްފަހު، ރައިޝާ އޭނާގެ ދެފައި ގެނެސް މެޔާލާ، ބޮނޑިކޮށްލާ، އެ މޫނު ކަކުލުގައި ޖައްސާލުމަށްފަހު، ގިސްލާން ފެށިއެވެ. އޭރު، މަލަކްއާއި ލުޖެއިން ރައިޝާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާ، ދޮރު ހުޅުވުމަށް އެދި އާދޭސްކުރަމުން ދިޔައެވެ. އެހެންނަމަވެސް، މިއިން އެއްވެސް ކަމަކާއި ދޭތެރޭގައި ފިކުރުކުރެވޭ ވަރަށްވުރެ މާ ބޮޑަށް ރައިޝާ ވަނީ ހިތުގައި ޖެހިފައެވެ. އެ ހިތް ވަނީ ޝަކުވާއިން ފުރިފައެވެ.

ނައިރާމެންގެ ކައިވެނި ނިންމާފައި ރައިޝާ މެލޭޝިޔާއަށް އައިތާ އަށް މަސްދުވަސް ވަނީއެވެ. އެހެންނަމަވެސް، މި ވޭތުވެގެންދިޔަ، އަށް މަސްދުވަހަކީ ރައިޝާ އޭނާގެ ޙަޔާތުގައި އެންމެ ދެރަވެ، ހިތާމަކުރަން ޖެހުނު ދުވަސްތަކަކަށް ވާނެކަން ޔަޤީނެވެ. ސަބަބަކަށްވީ މާއިޝްއެވެ. ރައިޝާ މެލޭޝިޔާއަށް އައި ދުވަހު ކާރުގައި އިނދެގެން މާއިޝްއަށް ކުރި މެސެޖުގެ ފަހުން މާއިޝްގެ އެއްވެސް ޚަބަރެއް ނުވެއެވެ. ކޮންމެ ދުވަހަކު، އެތައް ފަހަރަކު ގުޅާ، މެސެޖުކޮށް ހެދިޔަސް، ރައިޝާއަށް މާއިޝްގެ އެއްވެސް ޖަވާބެއް ނުލިބޭތާނގާ، މެސެޖުތަކާއި، މިސްކޯލްތައް މާއިޝް ސީންކޮށްފައި ހުންނަ ތަނެއްވެސް ނުފެނެއެވެ. މިކަމުން ރައިޝާގެ ހިތަށް ލިބެމުން ދިޔައީ ވޭނެވެ. ހިތާމައެވެ. އަނިޔާއެވެ. މި ވޭތުވެގެންދިޔަ ވޭންދެނިވި އަށް މަސްދުވަހުގެ ތެރޭގައި އޭނައަށް ލިބުނު ހަމައެކަނި އުފަލަކީ ޔާޝްއާއި ރީޝާގެ އަލަތު ދަރިފުޅު މި ދުނިޔެއަށް ނޭވާލީ ޚަބަރެވެ. ލޯބިލޯބި އިޔާޝާގެ ފޮޓޮއަކީ އޭނާއަށް ފެނުނު ހަމައެކަނި ހިތްހަމަޖެހުމެވެ.

މާއިޝްގެ އެއްވެސް ޚަބަރެއް ނުވާތީ، ފަހަކަށް އައިސް ކިޔެވުންވެސް އޭނާއަށް ވެފައިވަނީ ބިން ކޮނެ، ރަންގަނޑެއް ހޯދުންހާ އުނދަގޫ ކަމަކަށެވެ. ނުހާމެންނާ ރިޔާޒްމެންނާ ގުޅާ ކޮންމެ ފަހަރަކުވެސް ރައިޝާ މާއިޝްއާ ބެހޭ އެތައް ސުވާލެއް ކުރެއެވެ. ނަމަވެސް، ވަގުތުން އެމީހުން މަޢުޟޫ ބަދަލުކޮށްލައެވެ. އެވަރުންވެސް ރައިޝާ ސުވާލު ކުރުން ހުއްޓާނުލައިފިނަމަ، އެމީހުން ފޯނު ކަނޑާލައެވެ. މި ސަބަބާ ހުރެ ނައިރާވެސް ގިނަ ފަހަރަށް ގުޅުމުން ފޯނެއް ނުނަގައެވެ. މާއިޝްގެ ޢާއިލާގެ މީހުންނާ ގުޅުމުން އެމީހުން އެއްވެސް ޖަވާބެއްވެސް ނުދެއެވެ. ލޯބިލޯބި އިޒްމާން ދެކެލަން އެ ހިތް ބޭޤަރާރުވެފައިވީ ނަމަވެސް، އެކަންވެސް ވާގޮތެއް ނުވިއެވެ. އިޒްޔަންއާއި، މާނާވެސް އޭނާ ގުޅުމުން ފޯނެއް ނުނަގައެވެ. މެސެޖު ކުރުމުން ޖަވާބެއްވެސް ނުދެއެވެ. މާހީންއާއި އަމާންވެސް ހަމަ އެފަދައެވެ.

މިކަންތައްތައް މިހެން ވަމުން ދާތާ އަހަރެން ވާން ކައިރިވެފައިވީ އިރު، ރައިޝާއަށް ހަމަޖެހިލައިގެން ނިދާލެވުނު ރެއެއް ނާދެއެވެ. އެ ހިތަށް ހަމަޖެހުން ގެނެސްދިން ދުވަހެއް ނާދެއެވެ. މާލެ ދެވެންދެން އޭނާ މިޙާލުގައި އުޅެން ޖެހިއްޖެނަމަ، ވާނޭ ގޮތެއް އެނގެނީކީވެސް ނޫނެވެ. އޭނަ މޮޔަވެދާނެއެވެ. ސަބަބެއް ނުބުނެ، މާއިޝް ކުއްލިއަކަށް އޭނާއާއި ވަކިވުމުން އެ ހިތުގައި މާއިޝްއާ ދޭތެރޭގައި ވަނީ ޝަކުވާއެވެ. ނަފްރަތެވެ. އެހެންނަމަވެސް، ސުވާލަކީ، މާއިޝްގެ އެ ކުއްލި ވަކިވުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ބާވައެވެ؟ މާއިޝް ރައިޝާ ދެކެ ފޫހިވީ ބާވައެވެ؟ މާއިޝްއަށް ކަމުދާ އެހެން ކުއްޖަކު ފެނުނީ ބާވައެވެ؟ މާއިޝްއަށް މަޖުބޫރުވީ ބާވައެވެ؟ މާއިޝްއަށް ކަމެއްވީ ބާވައެވެ؟ ނޫނީ…… މިކަމުގެ ފަހަތުގައިވަނީ އެހެން ސިއްރެއް ބާވައެވެ؟

ނުނިމޭ…

21

2 Comments

 1. ŘęęśhÅ ÇøřõňÄ

  September 19, 2021 at 8:40 pm

  maaish accident eh vegen maruveee baa eve? noonee coma akah dhiyaee baa eve?

  • Nayaa

   September 20, 2021 at 3:19 pm

   Thiyeh vx engeynee beleemaathaa eve.. haha.. lol..

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!