މިކަންތައްތައް މިހެން ވަމުން ދާތާ އަހަރެން ވާން ކައިރިވެފައިވީ އިރު، ރައިޝާއަށް ހަމަޖެހިލައިގެން ނިދާލެވުނު ރެއެއް ނާދެއެވެ. އެ ހިތަށް ހަމަޖެހުން ގެނެސްދިން ދުވަހެއް ނާދެއެވެ. މާލެ ދެވެންދެން އޭނާ މިޙާލުގައި އުޅެން ޖެހިއްޖެނަމަ، ވާނޭ ގޮތެއް އެނގެނީކީވެސް ނޫނެވެ. އޭނަ މޮޔަވެދާނެއެވެ. ސަބަބެއް ނުބުނެ، މާއިޝް ކުއްލިއަކަށް އޭނާއާއި ވަކިވުމުން އެ ހިތުގައި މާއިޝްއާ ދޭތެރޭގައި ވަނީ ޝަކުވާއެވެ. ނަފްރަތެވެ. އެހެންނަމަވެސް، ސުވާލަކީ މާއިޝްގެ އެ ކުއްލި ވަކިވުމުގެ ފަހަތުގައި އޮތީ ކޮން ސަބަބެއް ބާވައެވެ؟ މާއިޝް ރައިޝާ ދެކެ ފޫހިވީ ބާވައެވެ؟ ނޫނީ މާއިޝްއަށް ކަމުދާ އެހެން ކުއްޖަކު ފެނުނީ ބާވައެވެ؟ ނޫނީ މާއިޝްއަށް މަޖުބޫރުވީ ބާވައެވެ؟ ނޫނީ މާއިޝްއަށް ކަމެއް ވީބާވައެވެ؟ ނޫނީ…… މިކަމުގެ ފަހަތުގައި ވަނީ އެހެން ސިއްރެއް ބާވައެވެ؟

*******

**27 ވަނަ ޕާރޓް**

*******

ފާރުގައި ލެނގިލައިގެން ރޯން އިން ރައިޝާގެ ބާރު ގިސްލުމުގެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތްވެސް ހަމްދަރުދީ އިން ފުރޭނޭކަން ގައިމެވެ. ބައިގަޑި އިރު ވަންދެންވެސް އެ އިން ގޮތަށް ރައިޝާ އިނީ ރޯށެވެ. އެހެންނަމަވެސް، އެ ގިސްލުމުގެ އަޑު ކެނޑުނީ ހަމަ ކުއްލިއަކަށެވެ. ކަކުލުގައި އަޅައިގެން އޮތް ބޯ ނެގި އިރު، އެ ބޯ ކިރުކޮޅެއް ފަދަ ހުދު ދެލޯ ވަނީ އެކީހެން ރަތްވެ، ވަޅުވަދެފައެވެ. ދެލޮލުގެ ވަށައިގެން ކަޅުކުލަ އަރާފައި ހުރި އިރު، މުޅި މޫނުމަތި ވަނީ ދުޅަވެފައެވެ. ރައިޝާގެ މޫނަށާއި އޭނަގެ ހަށިގަނޑަށް ބަލައިލި ކޮންމެ މީހަކަށްވެސް މިވީ ދުވަސްތަކުގައި އޭނާ އުޅުނު ދަތި ޙާލު އެނގޭހާވަރު ވެއެވެ.

އިން ތަނުން ތެދުވުމުަށްފަހު ރައިޝާ ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އަދި މުޅި މޫނު ފުހެލުމަށްފަހު، ނޭފަތް ދަމާލިއެވެ. ހުވަފެނެއްގައިވާ ކުއްޖެއް ފަދައިން މަޑުމަޑުން ދޮރާ ދިމާއަށް ދިޔައެވެ. ބޮލަށް އެނބުރުން އަރާތީ ބޮލުގައި ހިފަހައްޓާލައިގެން ހުރެ ރައިޝާ ހިނގަމުން ގޮސް، ދޮރުގެ ތަޅުގައި ހިފާލިއެވެ.

ދޮރު ހުޅުވާލި ވަގުތު މަލަކްއާއި ލުޖެއިންގެ ހާސްވެފައިވާ މޫނު އޭނާއަށް ފެނުނެވެ. “އާރ ޔޫ އޯކޭ..؟” އެހެންޏާ އަބަދު އަނގަގަދަވެފައި ހުންނަ މަލަކް މިފަހަރު އަހާލީ މަޑުމަޑުންނެވެ. މަޑުމަޑުން ރައިޝާ ބޯ ޖަހާލިއިރު އެމޫނުމަތީގައި އެއްވެސް އަސަރެއް ނުވެއެވެ. “އަން.. ރައިގެ މަމްގެ ފޯނެއް.. ވަރަށް ހާސްވެފަ ހުރީ..” ލުޖެއިން އޭނާގެ އަތުގައި އޮތް ފޯނު ރައިޝާއަށް ދިއްކޮށްލިއެވެ. މިފަހަރުވެސް މަރުވެފައިވާ މައްޔިތެއްހެން ރައިޝާ ފޯނުގައި ހިފީ، އެ އަތުގައި އެއްވެސް ބާރެއް ނުވާ ފަދައަކުންނެވެ. މަޑުމަޑުން ފޯނު ގެނެސް ކަންފަތުގައި ޖައްސާލި އިރު ނުހާ ވާހަކަ ދައްކާ އަޑު އިވެއެވެ.

“ދަރިފުޅު ކިހިނެއްތަ ތި ހަދަނީ..؟ އަނެއްކާ ރަނގަޅުތަ..؟ މަންމަމެން މި ތިބެނީ ދަރިފުޅު ފޯނު ނުނަގާތީ-” ނުހާއަށް ބުނެވުނީ އެހިސާބަށެވެ. “މަންމާ.. މާއިޝް ކޮބާ..؟” އެ އަޑުގައި އެއްވެސް އަސަރެއް ނުވާ ފަދައަކުން ރައިޝާ ބުނެލިއެވެ. ވަގުތުން ނުހާގެ އަނގަ ބަންދުވިއެވެ. އެ ދަރިފުޅު ކުރަމުންދާ ހިތާމަ އޭނާއަށް ވަރަށް ރަނގަޅަށް އެނގއެވެ. އިޙުސާސް ކުރެވެއެވެ. ދަރިފުޅުގެ އެ މަޑު ގިސްލުމުގެ އަޑު އިވޭ ކޮންމެ ފަހަރަކު، މައިވަންތަކަމުގެ ލޯބި އުތުރި އަރައިގެން ދެއެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އެދަރިފުޅުގެ ސުވާލަށް ދޭނޭ ޖަވާބެއް އޭނާގެ ދުލަކު ނެތެވެ. ދަރިފުޅު އެ ސުވާލު ތަކުރާރު ކުރާ ކޮންމެ ފަހަރަކު އޭނާގެ ދުލުގައި ތަޅެއް ލެވޭ ފަދައެވެ. ދަރިފުޅަށްޓަކައިވާ މައިވަންތަކަމުގެ ލޯބިން ފުރިގެންވީ އެ ހިތުގައި ކިތަންމެ ވޭނެއް އެޅިޔަސް، ވެވިފައިވާ ވަޢުދަކާއި ޚިލާފު ވުމަކީ އޭނާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. ރައިޝާ އެ ސުވާލު ތަކުރާރު ކުރާ ކޮންމެ ފަހަރަކު އޭނާއަށް ހަނު ހުންނަން މަޖުބޫރެވެ.

“މަންމާ.. މާއިޝް ކޮބާހޭ..؟! މަންމަމެން ކީއްވެތަ ތިހެން ތި ހަދަނީ..؟ މަންމައަކަށް ނޭނގޭތަ ހަމަ މާއިޝް ވީ ތަނެއް..؟ އެހެން ނުވާނެ.. އެނގޭނެ.. ހަމަ ނުބުނަން ވެގެން.. ކީއްތަ ވާނީ ތެދަށް ބުނިއްޔާ..؟ އޭނ..؟؟!!!” ދެތިން ފަހަރު އެ ސުވާލު ތަކުރާރު ކުރުމުންވެސް ނުހާގެ ޖަވާބެއް ނުލިބޭތީ، ރައިޝާއަށް ހަޅޭލަވައިގަނެވުނު އިރު، މި ވާހަކަ ދެއްކެނީ އޭނާ ބަނޑުއަޅާ ވިހެއުމުގައި އެތައް ވޭނެއް އުފުލި މައިމީހާއާ ކަންވެސް ހަނދާން ނެތް ފަދައެވެ. ރައިޝާއަށް އަޑު އިވިދާނެތީ އަނގަމަތީގައި އަތް އަޅައިގެން އިނދެ ގިސްލަމުން ދިޔަ ނުހާއަށް ސިހުމެއް ލިބުނީ ރައިޝާ ހަޅޭލަވައިގަތުމުންނެވެ. ދުވަހަކުވެސް، އޭނައާ ދިމާއަށް ބާރަށް އެއްޗެކޭ ބުނެފައި ނުވާ ދަރިފުޅު މިއަދު ހަޅޭލަވައިގަތުމުން ނުހާގެ ހިތުގައި ނުފިލާނޭ ކޫރެއް އެޅުނު ފަދައެވެ. ހީވީ ތޫނު ޚަންޖަރަކުން އެ ހިތް ކޮށާލިހެންނެވެ.

ކިތަންމެ ވަރަކަށް ރައިޝާ އެ ސުވާލު ތަކުރާރުކޮށް ކުރިޔަސް ނުހާއަށް ޖަވާބު ދެވޭކަށް ނެތެވެ. އެއަށްވުރެ ޖެހިފައިވާ މަޖުބޫރީގެ ޙާލަތު މާ ބޮޑެވެ. ރައިޝާ އެ ސުވާލު ތަކުރާރު ކުރާ ވަރުން ނުހާއަށް ކެތް ނުވެގެން އެންމެ ފަހުން ފޯނު ކަނޑާލިއެވެ. އެއާއެކު ރައިޝާއަށް އަނެއްކާވެސް ރޮއެގަނެވުނެވެ. ދެންމެ މަންމައާއި ވާހަކަ ދެއްކުނު ގޮތް ހިތަށް އަރާފައި އޭނާ ލަދުގަތެވެ. އިންތިހާއަށް ދެރަވެސް ވިއެވެ. ވަގުތުން މަންމަގެ ކިބައިން މަޢާފަށް އެދެން ބޭނުންވިއެވެ. އެހެންކަމުން އަވަހަށް ތެދުވެ، މަލަކްގެ ފޯނު އޭނަ އަތަށް ދީފައި، ރައިޝާ ދެންމެ އެއްލައިލި އޭނާގެ ފޯނު ނެގިއެވެ. އެކި ބައިތައް ވަކިވަކިވެފައި ވުމުން އެބައިތައް ހޮވިއެވެ. އެނދުމަތީގައި އިށީނދެލުމަށްފަހު، އަލުން ފޯނު ރޭވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އެތައް އިރަކު އުޅެގެންވެސް އެކަން ކާމިޔާބުވާ ގޮތް ނުވުމުން މަލަކްގެ ފޯނުން އަލުން ނުހާއާއި، ގުޅީ ފޯނެއް ގަނެވެންދެން އިތުރު ގޮތެއް ނެތުމުންނެވެ.

“މަންމާ.. ވަރަށް ވަރަށް ބޮޑަށް ސޮރީ.. ރައި ގަސްތުގައެއް ނޫން… އައި ޖަސްޓް.. އައިމް ސޯ ސޮރީ..” ނުހާ ފޯނު ނެގުމާއިއެކު ރައިޝާގެ ބަޑި ދިޔައީ ފަޅައިގެންނެވެ. މަންމަގެ މަޢާފު ހޯދުމަށް ރައިޝާ އެތައް ވާހަކަތަކެއް ދައްކާ، އެތައް މަސައްކަތްތަކެއް ކުރީ، ސުވަރުގެ ދެވޭނީ މައިމީހާގެ ފައިތިލަ ދަށުންކަން އެނގޭތީއެވެ. ރައިޝާގެ ހުރިހާ ވާހަކައެއް ނިމެންދެން ކަނުލާ އަޑުއަހަން އިން ނުހާގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ.

“އައިލް ޑޫ އެނީތިންގް.. މަންމަ ބުނި ކޮންމެ ކަމެއްވެސް ކޮށްފާނަން.. އައި ޖަސްޓް ވޯންޓް ޔުއަރ ފޮރގިވްނެސް..” ކަރުތަނައް ފުހެލަމުން ރައިޝާ ބުނެލިއެވެ. “ދަރިފުޅު މަންމަ ބުނާ ކޮންމެ ކަމެއްވެސް ކުރާނަންތަ..؟” އިރުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު، ނުހާ އަހާލިއެވެ. އެއާއެކު ރައިޝާ ވަގުތުން ބޯ ޖަހާ ލައްބައޭ ބުނެލިއެވެ. “އެންމެ ރަނގަޅު.. މަންމަ މި ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ.. އިހަށް މާއިޝްގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ކައިރި ނާހާ.. މާއިޝްގެ އާއިލާގެ ޚަބަރެއް ހޯދަން އުޅުން ހުއްޓާލާ.. މާއިޝްގެ އެއްވެސް ޚިޔާލެއް ދަރިފުޅުގެ ކިޔެވުމަށް އަސަރު ކުރިޔަ ނުދީ ކިޔަވާ.. މާއިޝްގެ މަތިން ހަނދާން ނައްތާލާ..!” ނުހާ ބުނަމުން ދިޔަ ކޮންމެ ޖުމްލައެއްވެސް ރައިޝާގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ އެ ދެލޮލުން ހުއްޓުމެއް ނެތި، ކަރުނަ ފައިބަން ފެށިއެވެ.

“އެކަމަކު-” ރައިޝާގެ ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. “އިތުރު އެއްވެސް ސުވާލެއް މަންމަ ބޭނުމެއްނޫން.. މަންމަގެ މަޢާފް ބޭނުންވަންޏާ މި ބުނި ގޮތަށް ކަންތައް ކުރޭ.. ސްޓާރޓް ލިވިންގ ޔުއަރ ނޯރމަލް އެންޑް ޗިއަރފުލް ލައިފް ވިތައުޓް އީވެން އަ ގްލިމްޕްސް އޮފް މާއިޝް.. ދަރިފުޅުގެ ހިތުގައިވާ ސުވާލުތަކަށް ކޮންމެވެސް ދުވަހަކުން ޖަވާބެއް ލިބޭނެ.. ޓިލް ދެން…… ޖަސްޓް ޑޫ ވަޓް އައިމް ސޭއިންގ.. މަންމައަށް ވަޢުދުވޭ މި ބުނި ގޮތަށް ކަންތައް ކުރާނެ ކަމަށް.. އެ އިތުބާރު މަންމައަށް ޔަޤީން ކޮށްދީ..” ރައިޝާގެ ޖުމްލަ މެދުކަނޑާލުމަށްފަހު ނުހާ ބުނި ކޮންމެ ޖުމްލައަކުންވެސް ރައިޝާގެ ހިތް ދިޔައީ ތޮރުފަމުންނެވެ. އެ ހިތުގައިވާ ޝަކުވާތަކާއި، ޖަވާބު ލިބެން ނެތް ސުވާލުތައް ދިޔައީ އުތުރި އަރަމުންނެވެ. އެހެންނަމަވެސް، ފުން ނޭވާއެއް ދޫކޮށްލާފައި ރައިޝާ ދެވަނަ ފަހަރަށް ވިސްނާލިއެވެ.

އެއްކޮޅުން އޭނާ ބަނޑުއަޅާ ވިހޭ މައިމީހާއެވެ. އަނެއްކޮޅުން އޭނާގެ ލޯބިވެރިޔާއެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ އިޚްތިޔާރު ކުރުން ފަސޭހަ ދަނޑިވަޅެއް ނޫނެވެ. އެހެންނަމަވެސް، އާޚިރަތުގައި ލޯބިވެރިޔާއަށްވުރެ މަންމަ ހަމަ ޔަޤީނުންވެސް މުހިންމު ވާނެއެވެ. އެއީ އޭނާ އެ މީހެއްގެ ބަނޑުގައި، ނުވަ މަސްދުވަހު ބާއްވާ، އޭނާއަށްޓަކައި އެތަކެއް ވޭނާއި، ކެކުޅުމެއް ތަޙަންމަލު ކުރި އޭނާގެ މަންމައެވެ. އޭނާގެ ޙައްޤުގައި މުޅި ދިރިއުޅުން ޤުރުބާންކޮށް، އޭނާ މިހާ ހިސާބަށް ގެނެސްދިނުމުގައި އެތަކެއް ދަލެއް އޮހުރުވާފައިވާ އޭނާގެ މައިމީހާއެވެ. ވީއިރު، މިޒަމާނުގެ ގިނަ އަންހެން ކުދިން ފަދައިން ލޯބިވެރިޔާއަށްޓަކައި މަންމަ ދޫކޮށްލާކަށް އޭނާއަށް ކުޅަދާނައެއް ނުވާނެއެވެ. މާއިޝްއަށްވުރެ ބޮޑަށް އޭނާ މަންމަ ދެކެ ލޯބިވެއެވެ. މާ ބޮޑަށް ލޯބިވެއެވެ. ނިކަން ރަނގަޅަށް ވިސްނާލުމަށްފަހު، ދެ ފިކުރެއްގައި ހުރެ، ރައިޝާ އޭނާގެ ނިންމުން އިއްވާލީ ހިތާއި ދެކޮޅަށެވެ.

“އަޅުގަނޑު… މަންމަ ބުނި ގޮތަށް ހުރިހާ ކަމެއްވެސް ކުރާނަން.. ދިސް އިޒް އެ ޕްރޮމިޒް.. އަޅުގަނޑު މަންމައަށް ވަޢުދުވަން..” ދެލޯ މަރާ ބާރުކޮށްލާފައި އެހެން ބުނެލި ވަގުތު އެ ދެލޮލަށް ބޮނޑިވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ. ރައިޝާގެ ޖަވާބު އަޑުއިވިފައި ނުހާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް، އެ ހިތުގެ ކަނެއްގައި އަދިވެސް އެ ދަރިފުޅުގެ ވޭނާއި، ހިތާމަ ކަފުންކުރެވިފައިވިއެވެ. ރައިޝާގެ ޙާލަކީތޯއެވެ؟ އެ ޖުމްލަ އޭނާގެ އަނގައިން ނުކުތުމަށްފަހު، ރައިޝާ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. އެހެންނަމަވެސް، އަވަސްއަވަހަށް އަނގަމަތީގައި އަތްއަޅާފައި، އެ އަޑު ހިންދާލީ ނުހާއަށް އަޑު އިވިދާނެތީއެވެ. “މަންމަ ވަރަށް އުފާވެއްޖެ.. ދަރިފުޅަށް މަންމަ މަޢާފު ކޮށްފިން..” ނުހާ ހިނިތުންވެލިއެވެ. ރައިޝާވެސް ގަދަކަމުން ހިނިތުންވެލާފައި ނުހާ ކައިރި މިވަގުތު ފޯނު ބާއްވަނީއޭ ބުނެފައި ފޯނު ބޭއްވިއެވެ.

ފޯނު ކަނޑާލުމާ އެކުހެން، ވަގުތުން އޭނާގެ ގައިން ވަރުދޫވެ، އެނދުގެ ފަޑީގައި ލެނގިލެވުނެވެ. ތެދަށް އިނދެވޭނެހާ ވަރެއްވެސް އެ ހަށިގަނޑުގައި ނެތް ފަދައެވެ. މީހަކަށް އަޑު އިވިދާނެތީ އަނގަމަތީގައި އަތް އަޅައިގެން އިނދެ، އޭނާ ހިތް ފުރެންދެން ރޯލީ، އެ ހިތުގައިވާ ޝަކުވާތަކަށް ކުޑަވެސް ލުޔެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. “އައިމް ސްޓިލް ވެއިޓިންގ ފޯރ ޔޫ… މާއިޝް……” ވައި އަޑުން ރައިޝާގެ އަނގައިން ނުކުތެވެ.

*******

ފާޚާނާއިން ނުކުމެފައި ރައިޝާ އޭނާގެ އިސްތަށިގަނޑުން ފެން ހިއްކަން ފެށިއެވެ. އެވަގުތު އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ރީޝާކަން އެނގުމުން ރައިޝާގެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވީ އިޔާޝާ ދެކިލަން ފުރުސަތު ލިބޭނެތީއެވެ.

“ހެލޯ ދޮންތިގެ ލޯބިލޯބި ޔަޝޫ..” ފޯނު ނެގުމާއިއެކު ފެނުނު ކުޑަކުޑާ އިޔާޝާގެ މޫނުކޮޅުން ރައިޝާގެ މަރުވެފައިވާ ހިތަށް ދިރުން ގެނެސްދިން ފަދައެވެ. “ހަވޯ ވޮންވީ..” އިޔާޝާގެ ލޯބިލޯބި ބަހުރުވަ ހުރި ގޮތުން ރައިޝާއަށް ހީލެވުނެވެ. އަންނަ މަހު އިޔާޝާއަށް އެއް އަހަރު، ފުރޭއިރު، އެ އުމުރުގެ ގިނަ ކުދިންނާ ޚިލާފަށް ވަރަށް ގިނަ ބަސްބަސް ކިޔަން އެނގެއެވެ. އިޔާޝާއަކީ މާ ހަލަނިކޮށް އުޅޭ ކުއްޖެއް ނޫނެވެ. އޭނާއަކީ މާ ގިނަ މީހުން އެއްވާ ތަންތަނުގައި އުޅޭހިތްވާ ކުއްޖެއްވެސް ނޫނެވެ. އަބަދުވެސް އިންނާނީ ކުޅޭ އެއްޗެހި ހިފައިގެން، ނުވަތަ ކުރަހާ، ކުލައްޖާ ސާމާނު ހިފައިގެން އެކަންޏެވެ. އިޔާޝާއަށް ގިނައިން ލިބިފައިވަނީ ރީޝާގެ ސިފަތަކެވެ. އެ ރާޅު އިސްތަށިކޮޅު ކަނދުރާއާ ހަމައަށް ކޮށާލާފާއި، ނިތްމައްޗަށް އިސްތަށިކޮޅު ވައްޓާލާފައި ހުންނަ އިރު، ވަރަށް ލޯތްބެވެ. ދޮންކަމުން ދެކޮލަށް ހުންނަނީ ރަތް ލޭކުލަ އަރާފައެވެ. އެންމެ ގިނައިން ލާފައި ހުންނަ އަތްކެނޑި ޓޮޕްކޮޅުތަކާއި، ކުރު ސޯޓްކޮޅުތަކާއެކު، އަބަދުވެސް ބޮލުގައި ބޭންޑެއް އަޅާފައި ނުވަތަ ދައްޗެއް ޖަހާފައި ހުންނާނެއެވެ. ތުއްތު ތުއްތު އިޔާޝާ ހުންނާނީ މީހަކު އުރާލާފައި، ބޮސްދޭން ބޭނުންވާހާ ލޯބިކޮށެވެ. އެހެންނަމަވެސް، މީހަކު އޭނާ އުރާލިޔަސް، އިޔާޝާ ރުޅިއައިސްގެން އެމީހަކަށް އަނިޔާއެއް ދޭނެއެވެ. މޫނުގައި ވަކި އަޅުވާލަފާނެއެވެ. ނޫނީ ތަނެއްގައި ދައިގަންފާނެއެވެ. އިޔާޝާގެ ގިނަ ސިފަތަކުން ރައިޝާ އޭނާ ކުޑައިރު އުޅުނު ގޮތް މަތިން ހަނދާންވާ ފަހަރުވެސް އާދެއެވެ. އޭނާވެސް އުޅުނީ ހަމަ އިޔާޝާ އުޅޭ ގޮތަށް ކަމަށް ނުހާމެން ބުނާތީއެވެ. އެމީހުން ބުނާ ގޮތުން ނަމަ، އެއީ ހަމަ ރައިޝާގެ ދެވަނަ ކޮޕީއެކެވެ.

އިރުކޮޅަކު އިޔާޝާއާއި، ރީޝާއާއި، ޔާޝްއާއި ވާހަކަ ދެއްކުމަށްފަހު ރައިޝާ ފޯނު ބޭއްވިއެވެ. އިޒްމާންވެސް މިހާރު ހުންނާނީ އިޔާޝާއާއި އެއްވަރަކަށޭ ހިތަށް އެރުމުން ރައިޝާއަށް ވޭނީ ގޮތަކަށް ހީލެވުނެވެ. އިޒްމާންއަށް މިދިޔަ މަހު އެއް އަހަރު ފުރިފައިވީ އިރު، އެ އުފަލުގައިވެސް އޭނާއަކަށް ބައިވެރި ވުމުގެ ފުރުސަތެއް ނުލިބުނެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓިލުމަށްފަހު ރައިޝާގެ އޭނާގެ ސޫރައަށް ބަލައިލިއެވެ.

މިހާރު އޭނާ ހަމަ ޔަޤީނުންވެސް މަލަކްއަށް ދޫ ނުކުރާނެއެވެ. އެހާ ހިމަތޮޅިއެވެ. ހަށިގަނޑުންނާއި، މޫނުމަތިންވެސް ނުހަނު ނިކަމެތި ކަމަށް ދައްކައެވެ. ހީވަނީ ދެންމެ ދެންމެ ބިންދައިގެން ގޮސްދާނެހެންނެވެ. މީހާގެ މޫނުގެ ހަންގަނޑު ކުރިއަށްވުރެ އަނދިރިވެފައި، އެ މޫނުގެ އޮމާންކަން ވަނީ މުޅީންހެން ކެނޑިފައެވެ. ކުރިން އުނަގަނޑާ ހަމައަށް އަރާ، އޭނާގެ ބޯ، ދިގު އިސްތަށިގަނޑު ކޮނޑާ ހަމައަށް ކޮށާލެވިފައި ވީއިރު، އިސްތަށިގަނޑުގެ ކޮޅުތައް ހުރީ މެރޫން ކުލައިން ޑައި ކޮށްފައެވެ. އަމިއްލަ ސޫރައަށް ބަލައިލުމުންވެސް ރައިޝާއަށް މި ވޭތުވެދިޔަ ދުވަސްތަކުގައި އޭނައަށް އޭނާގެ އަމިއްލަ ނަފްސަށް އެއްވެސް ވަރަކަށް ވަގުތު ނުދެވޭކަން އިޙުސާސްވިއެވެ. މީހާ މުޅީން ބަދަލުވެފައި ހުރި އިރު، ފެންނަ މީހަކަށް އެއީ ކުރީގެ ރައިޝާއޭ ބުނަން އުނދަގޫ ވާނެއެވެ. މީހާގެ ސިފައާއި އެއްވަރަށް މިޒާޖުވެސް ބަދަލުވެފައި ވީތީއެވެ.

ނުހާމެން ކުރިމަތީގައި ކިތަންމެ އުފާވެރިކޮށް، ހިނިތުން ވެލައިގެން އުޅުނު ނަމަވެސް، އެތެރެއިން އޭނާ ހިތާމަކުރާ މިންވަރު ދެނެވޮޑިގެންވަނީ މާތް ﷲއެވެ. އެހެން މީހުންނާއި، އެކުވެރީންގެ ކުރިމަތީގައި ރައިޝާގެ މިޒާޖު މުޅީޏް ބަދަލުކޮށްލައެވެ. މޫނުމަތީގައި އެއްވެސް އަސަރެއް ނުވާ ފަދައިން، އޭނާގެ އިޙުސާސްތައް ކުޅަދާނަކަމާ އެކީގައި ފޮރުވާލުމަށްފަހު، ރައިޝާ ހުންނަނީ މުޅީން އެހެން މީހެއް ފަދައިންނެވެ. ރައިޝާއަށް ބަލައިލާ މީހަކަށް އެއީ އެއްވެސް ހިތާމައެއް ތަޙަންމަލު ކުރަމުންދާ ކުއްޖެކޭ ބުނުން ވާނީ ދަތި ކަމަކަށެވެ. އެހާވެސް މޮޅަށް އޭނާގެ އިޙުސާސްތައް ފޮރުވާލާތީއެވެ. ނަމަވެސް ހަޤީގަތަކީ މާއިޝްގެ ހަނދާންތައް އަދިވެސް އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދާކަމެވެ. މާއިޝްގެ ނަން އަދިވެސް އެ ހިތުގައި ރަން އަކުރުން ނުފިލާނޭގހާ، ގަދައށް ފެވިފައި ވާތީއެވެ. އޭނާ ހަނު ހުންނަނީ ހަމައެކަނި މަންމައަށް ވެވުނު ވަޢުދު ފުއްދުމަށެވެ. ކާމިޔާބު ކަމާއިއެކު ގްރެޖުއޭޓުވި ނަމަވެސް، ރައިޝާ އޭނާ މެލޭޝިޔާއަށް އައި އިރު އުންމީދުކުރި ކަހަލަ މޮޅު ނަތީޖާއެއް ނުލިބުނެވެ. އެހެންނަމަވެސް، އެއްވެސް ހުރަހެއްނެތި، ކާމިޔާބު ކަމާއިއެކު، ގްރެޖުއޭޓުވެ، ނިމުމުން ނުހާމެންވެސް ނުހަނު އުފާވެ، ފަޚުރުވެރި ވިއެވެ.

ގްރެޖުއޭޝަން ނިމުމުން ރައިޝާ އިތުރަށް ދުވަސްކޮޅަކު މެލޭޝިޔާގައި މަޑުކޮށްލަން ބޭނުންވީ، މާލެ ދިޔުމުން މާއިޝްގެ ޚިޔާލުތައް އިތުރަށް އޭނާއަށް އުނދަގޫ ކޮށްފާނެ ކަމުގެ ބިރަށެވެ. މަންމައަށް ވެވުނު ވަޢުދު އުވާލެވިދާނެ ކަމުގެ ބިރަށެވެ. އެހެންނަމަވެސް ނުހާމެން ބޭނުންވީ ރައިޝާ ވަގުތުން މާލެ އަންނާށެވެ. ވަރަށް ކިޔައިގެން ރައިޝާ އިތުރު އެއްމަސް ދުވަސް މެލޭޝިޔާގައި މަޑު ކުރިއެވެ. އެހެންނަމަވެސް، އިތުރަށް މަޑުލކުރެވެން ނެތުމުން ރައިޝާ މާލެދާން އެއްބަސްވީ ނުހާމެންގެެވެސް އެދުމުގެ މަތިންނެވެ. މާދަމާ އެއީ އޭނާ މާލެ ދާން ޖެހޭ ދުވަހެވެ. ވަގުތު ހިނގަމުން ދިޔަ ވަރަކަށް. އޭނާގެ ހިތުގެ ތެޅޚުން ދިޔައީ އަވަސްވަމުންނެވެ. އިއްތފާޤުން ނަމަވެސް، މާލެ ދިޔުމުން މާއިޝް ފެނިދާނެއޭ އެ ހިތް ބުނާތީއެވެ. އަދިވެސް މާއިޝްއަށް އިންތިޒާރު ކުރުމަށް އޭނާ ނިންމީ، މާއިޝްގެ އެ ކުއްލި ވަކިވުމުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް، ނުވަތަ މަޖޫބޫރީއެއް އޮވެދާނެއޭ އެ ހިތް ބުނާތީއެވެ. މާއިޝްއާއި ދޭތެރޭގައިވާ އިތުބާރުގެ ބާރުގައެވެ.

ޚިޔާލުތަކަށް ގެއްލިފައި ހުރި ރައިޝާއަށް ސިހުމެއް ލިބުނީ ކޮޓަރި ދޮރުގައި ޓަކި ޖަހާ އަޑު އިވުމުންނެވެ. ބޯ ހޫރާލުމަށްފަހު، ރައިޝާ ގޮސް ދޮރު ހުޅުވި އިރު ކުރިމަތީގައި ދެ ސޫޓްކޭސްއާއި، ދަބަހެއް ހިފައިގެން ހުރި ލުޖެއިން ފެނުނެވެ. “އައިމް ލީވިން.. ބާއި.. އިޓް ވޯޒް ރިއަލީ ލަވްލީ އެންޑް ނައިސް ޓޫ ސްޕެންޑް ދިސް ފައިވް އިޔަރސް ވިތް އަ ފްރެންޑް ލައިކް ޔޫ ހޫ އަންޑަރސްޓޭންޑްސް މީ ސޯ ވެލް.. ތެންކްޔޫ ފޯރ އެވްރީތިންގ.. އައިލް ޗެރިޝް އޯލް އަވަރ މޫމެންޓްސް.. ހޯޕް ޓު ކީޕް އިން ޓަޗް ވިތް ޔޫ.. ގުޑް ބާއި ރައީ..” ރައިޝާގެ ގައިގައި ބައްދާލަމުން ލުޖެއިން ބުނެލި އިރު އެ އަޑުގައި ހިތާމަވެރިކަން އެކުލެވިފައިވިއެވެ. “ސޭމް ހިއަރ.. އައިލް މިސް ޔޫ ސޯ މަޗް ލުޖް.. ހޯޕް ޓު ކީޕް އިން ޓަޗް…” ލުޖެއިންގެ ދެކޮނޑުގައި އަތް ވަށާލަމުން ރައިޝާވެސް ބުނެލީ ނުހަނު ދެރަވެފައި ހުރެއެވެ. އެހާ ގިނަ ދުވަހު އެއްކޮށް އުޅުނު އެކުވެރިއަކާ ވަކިވާން ޖެހުމުން އޭނާވެސް ހުރީ ނުހަނު ދެރަވެފައެވެ. މީގެ އެއްމަސް ދުވަސް ކުރިން މަލަކްވެސް އޭނާގެ ބައްޕަގެ ގާތަށް އެމެރިކާއަށް ފުރިއެވެ. މިހާރު ލުޖެއިންވެސް ދަނީއެވެ. މާދަމާ އޭނަވެސް ދާނެއެވެ. ފަސް އަހަރާއި ބައި ވަންދެން އެކު އުޅުނު ތިން އެކުވެރިންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ މަންޒިލަށް ދަތުރު ފަށަނީއެވެ. އެހެންނަމަވެސް، މާއިޝްގެ ހަނދާންތަކާއިއެކު، އޭނާއަށް ދިރިއުޅުމުގައި ކުރިއަށް ދެވޭނެކަމާއި މެދު ރައިޝާއަށް ޝައްކެވެ.

*******

މަތިން އައިސް ރަންވޭއަށް ޖެއްސި ފްލައިޓަށް ބަލަހައްޓައިގެން ތިބި ނުހާއާއި ރިޔާޒްއާއި، ނައިރާއާއި، ރިއާޝްގެ އިތުރުން ޔާޝްގެ ކުޑަކުޑަ ޢާއިލާވެސް ތިބީ ހިނިތުންވެލައިގެންނެވެ. ޔާޝްގެ އަތުގައި އިން އިޔާޝާ އިނީ ތިރިއަށް ފައިބާ، ހިނގާލެވޭނެ ދަނޑިވަޅަކަށް ބަލަބަލައެވެ. މަޑު ފިޔާތޮށި ކުލައިގެ ލޯބި ކްރޮޕް ޓޮޕްކޮޅުގައި އިނގިރޭސި އަކުރުން “ޑެޑީ’ސް ލިޓްލް ގަރލް”އޭ ޖަހާލާފައި އިނެވެ. ތިރިން ޑެނިމް ސޯޓެއް ލާފައި، ބޮލުގައި ޖަހާފައި އިން ނޫކުލައިގެ ދަތިން ނިތްމައްޗަށް އެޅިފައިވާ ލޯބި އިސްތަށިކޮޅުތަކުން އެ ދެލޯ ސަލާމަތްކޮށްދެމުން ދިޔައެވެ. ގިނަ އިރުތަކެއް ވަންދެން ޔާޝްގެ އުރުގައި އިންނަން ޖެހުމުން ފޫހިވެގެން ދެކޯ ފުއްޕާލައިގެން އިން ގޮތުން އިޔާޝާ ވަރަށް ލޯތްބެވެ.

އެއް އަތުން ސޫޓްކޭސް ދަމަމުން އަނެއް އަތުން ދަބަހެއް ހިފައިގެން ފްލައިޓޫން ފޭބި ރައިޝާއަށް އެ އެންމެންގެ ނަޒަރު ހުއްޓުނެވެ. ލާފައި ހުރި ރަތްކުލައިގެ ޓޮޕާއެކު، ތިރިން ލާފައި ހުރި އައިސްބްލޫ ކުލައިގެ ޖީންސްގެ އިތުރުން ބޮލުގައި އަޅާފައި އޮތީ ކްރީމް ކުލައިގެ ޝޯލްއެކެވެ. މޫނުގައި ފުދޭވަރަކަށް މޭކަޕް ކޮށްފައި ހުރި އިރު، އަރައިގެން ހުރި ހައިހީލްސްއާއި އެއްކޮށްވެސް އެއްވެސް އުނދަގުލަކާނުލާ އޭނާ ހިނގަމުން ދިޔައެވެ. ފްލައިޓޫން ފޭބުމަށްފަހު ރައިޝާ މުޅި މާހައުލަށް ނަޒަރު ހިންގާލިއެވެ. ނޭނގުމުގެ ތެރޭގައިވެސް އޭނާއަށް ހޯދެމުން ދިޔައީ އޭނާގެ ހިތުގެ ރާޖާ ފެނޭތޯއެވެ. މާއިޝް ފެނިދާނެކަމަށް ހިތުގައި ރޮއެވެފައިވާ އުންމީދީ ކުޑަކުޑަ ހުޅުކޮޅުވެސް ނިވިގެން ދިޔައީ ސިކުންތެއްގެ ތެރޭގައެވެ. މާޔޫސްކަމާއެކު ކަރު އެލުވާލަމުން ރައިޝާ އިސްދަށަށް ޖެހި އިރު، އެ ދެލޮލަށް ކަރުނަތައް ގިނަވެގަތީ އިޚްތިޔާރަކާނުލައެވެ. ރޮވެން އުޅޭހެން ހީވުމުން ރައިޝާ އޭނާގެ އަވިއައިނު ނަގާ، ލޮލުގައި އަޅާލީ އެހެންމީހަކަށް އޭނާ ރޯތަން ފެންނަން ނޭދޭތީއެވެ. މިއޮށް ހުރިހާ ދުވަހަކު އެއްވެސް ޚަބަރެއް ނުވެ ހުރެފައި، މިއަދު މާއިޝް އޭނަ ދެކިލަން އަންނާނެކަމަށް އުންމީދު ކުރެވުމަކީވެސް މޮޔަކަމެކޭ ހީވިއެވެ. ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިކުރުވަމުން ރައިޝާ އަމިއްލަ މޮޔަކަމަށް މަލާމަތްކޮށްލިއެވެ.

ނުނިމޭ…

34

6 Comments

  1. Ayshath Thasny

    September 29, 2021 at 11:00 am

    Waiy

    • Nayaa

      September 29, 2021 at 1:21 pm

      ?????

    • Nayaa

      September 29, 2021 at 1:23 pm

      @Ayshath Thasny…
      sorry.. but thi bunan ulhunu ehcheh neyngunu 🙂

    • luvza

      September 29, 2021 at 10:31 pm

      i think keehvegen heyyey ehen ehen vaanvee
      thats whats she is asking

  2. Nayaa

    September 29, 2021 at 1:26 pm

    Salaam my dear readers.. Here is part 27.. Hope you all loved this part as well… Thank you all for your love & support.. School ge kan kamugai varah buxy koh ulheythee gavaidhun story up nukurevidhaane.. ekamah kiyuntheringe kibain nihaayathah ma’aafah edhen.. next part hama veehaa avahakah upload kohdheveythoa balaanan.. keep waiting! Stay safe & take care.. Love you all <33333

  3. luvza

    September 29, 2021 at 10:35 pm

    NAYAAAAAAA
    lol
    ok so now i think that maaish died and the both families is trying to hide that from raishaa dhen ehenney hithah aranee ekam raish (raishaa and maaish) ge love story end vedhaanethy biru ganey
    ehen noony anehkka 😯😯😯😯😯😮😮😮😮😮
    aroosha (aroon and raisha) ge story fesheyneee tha
    lol
    gtg bye
    loves bodukoh and welcome

Comments are closed.