އިރުގެ ދޯދިތަކުން ދުނިޔެމަތި ވަނީ ދޮންކޮއްލާފައެވެ. ރޭގައި ކުރިގަދަ ވިއްސާރައިގެ ސަބަބުން ބިންގަނޑު ތެމިލާ ގަސްތަކުގެ ފަތްތަކުގައި ފެންތިކިތަށް ހަރުލާފައިވިއަސް އުޑުމައްޗަށް ބަލާލާފައި ވިއްސާރަވިއެކޭ ބުނާކަށް ނޭގޭނެއެވެ. އެހެނީ އުޑުމަތި ދައްކަނީ އެހާވެސް ސާފު ރީތިކޮށެވެ.

އަތިރިމަތީގެ ހިތްގައިމު ދޮންވެލިގަނޑުގައި އިށީނދެގެން އިން ހިމަތޮޅި އަންހެން ކުއްޖާގެ ނަޒަރު އަމާޒުވެފައިވަނީ ކުރިމަތިން ފެންނަން އޮތް ހާމަ ކަނޑަށެވެ. ކަކުލާ ހަމައަށް އަރާ ކަޅު ހެދުމެއް ލައިގެން އިންއިރު ތިރިން ލާފައިވަނީ ކަޅުކުލައިގެ ޖިންސެކެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށިކުލަ ފިޔަވައި މޫނުގައި އިތުރު މޭކަޕެއް ކޮށްފައިނެތަސް ނުހަނު ހިތްގައިމު ކަމަށް ދައްކައެވެ. ކޮނޑަށްވުރެ ތިރިއަށްއަރާ އޭނާގެ ބްލޮންޑް އިސްތަށިގަނޑު ވަޔާއި ނަށަމުންދިޔައިރުވެސް އެކުއްޖާގެ ނަޒަރު އެއިން ކަމަކަށް ނުދެވެއެވެ. އޭނާގެ ހިޔާލު ގުޅިފައިވަނީ މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ހިނގާދިޔަ ހާދިސާއަށެވެ.

ޝަލީންއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ދޮށްޓައް ތިބޭ ދެފިރިހެން ކުދިންނަކީ އެމެރިކާގައި ކިޔަވަން ތިބި ބައެކެވެ. ޝަލީންއަކީ ހުރި ހަމައެކަނި އަންހެން ދަރިފުޅަށްވެފައި އެންމެ ހަގު ކުއްޖާއަށްވުމުން އޭނާގެ މައިންބަފައިން އޭނާދެކެ ނުހަނު ބޮޑަށް ލޯބިވެއެވެ. ބޭބެމެންވެސް އޭނާދެކެ ވާ ލޯބި ފެނި ޝަލީން ހުންނަނީ އުފަލުންނެވެ. ނަމަވެސް އޭނާގެ ހަޔާތް ބަދަލުކޮށްލީ އިންޑިޔާއަށް ކުރި ދަތުރެއްގައި ކާރު އެކްސިޑެންޓެއްގައި މައިންބަފައިން ނިޔާވުމުންނެވެ. އޭރު ޝަލީންގެ އުމުރުން ފަސްއަހަރެވެ. ރަށަށް އައުމަށްފަހުވެސް އޭނާ ހިތާމަކުރުން ހުއްޓައެއްނުލިއެވެ. މިކަމުގެ ސަބަބުން ޝަލީންގެ ކިޔެވުމަށް ނުހަނު ބޮޑަށް އަސަރުކުރަމުން ދިޔައެވެ. ނަމަވެސް ބޭބެމެންގެ ނަސޭހަތާއި އަޅާލުމުގެ ސަބަބުން ޝަލީން ހިތްވަރު އާކުރިއެވެ. މައިންބަފައިންނަށްޓަކައި ކިޔެވިއެވެ.

ޝަލީންއަށް އަށާރަ އަހަރުވީއިރު އޭނާގެ ބޭބެމެން ކައިވެނިކޮށްފިއެވެ. އޭރު ޝަލީންއަކީ މުޅިރަށުގައި ހުރި އެންމެ ރީތިކުއްޖާއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ރުއްކުރިކޮޅެއްފަދަ ދޮން ހަންގަނޑަކާއި މަޑުރަތް ތުންފަތެކެވެ. ދިގު އެސްފިޔަތަކެވެ. އެންމެ ބޮޑަށް މީހުންގެ ލޮލުގައި އަޅައިގަންނަނީ ޝަލީންގެ ބްލޮންޑް އިސްތަށިގަނޑާއި އަޅިކުލައިގެ ކަޅިއެވެ. ހިނިތުންވެލާއިރު ކޯތާފަތަށް އެޅޭ ދެއަޑިކޮޅަކީ އޭނާގެ އެންމެ ރިތި ސިފައެވެ. ގިނަ ޒުވާނުންތަކެއް ޝަލީންމެން ގޭދޮށުގައި މުގޯލި އަޅައެވެ. ނަމަވެސް ޝަލީން އެއިން ކަމަކާ އަޅައެއްނުލައެވެ. ނޫނީ އޭނާ އެކަހަލަ ކަމެއްކުރަން ހިތައްވެސް ނާރަނީއެވެ.

އާދައިގެ މަތިން މިއަދުވެސް ޝަލީން އޭނާގެ އެކުވެރިންނާއެކު އަތިރިމައްޗަށް ދިޔައީ ބީޗް ވޮލީ ކުޅުމަށެވެ. ކުޅެން އުޅެނިކޮށް މީހެއްގެ ގައިގައި އަޅައިގަނެފައި ޝަލީން ވެލިގަނޑު މައްޗަށް ވެއްޓުނެވެ. އޭނާ މަޑުމަޑުން ގައިން ވެލި ފޮޅާލުމަށްފަހު ތެދުވެ އެޒުވާނާއަށް ބަލައިލިއެވެ. ނޫކުލައިގެ ގަމީހަކާއި ކަޅު ޖިންސެއް ލައިގެން ހުރިއިރު ކަޅުކަންގަދަ ފަން އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލާފައި އޮތުމުން ބަލައިލަން ނުހަނު ހިތްގައިމެވެ. ގަމީހުގެ އަތް އުޅަބޮއްޓަށްވުރެ މައްޗަށް އޮޅާފައިވުމުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ޝަލީން އެޒުވާނާގެ މަޑުމުށިކުލައިގެ ދެލޮލަށް ބަލައިލުމާއެކު ހީވީ ގައިގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކޮށްލިހެނެވެ.

ނިކްޔާންއަށް ހުރެވުނީ އެއަންހެން ޖިންސުއްލަޠީފްއަށް ގެއްލިފައެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއް ލައިގެން ހުރިއިރު ޖިންސުގެ ފައިކުރި ވަކިހިސާބަކަށް އޮޅާފައިވުމުން ހިތްގައިމު ގޮތެއް ހުއްޓެވެ. ޓީޝާޓުގައި “ޔޫ އަރ އޯލް މައިން” އޭ ޖަހާފައިވުމުން ނިކްޔާންއަށް އަމިއްލަ ނަފްސާއި މުޚާތަބުކުރެވުނެވެ. މިވީ ނަވާރަ އަހަރުގެ ތެރޭގައި ހިތައް ނުވީ އެތައް ގޮތެއް ސިކުންތުކޮޅެއްގެ ތެރޭގައި ވެލައިފިއެވެ. ނިކްޔާން ތުންފަތުގައި ދަތްއަޅާލަމުން އެނބުރި އައިކޮޅަށް ހިނގައިގަތެވެ.

އެޒުވާނާ ހިނގައިގަތުމުން ޝަލީން ހަމަހޭވެރިވިއެވެ. އޭރު އެތާ ތިބި ކުދިން ތިބީ ޝަލީން ބޯޅަ ހިފައިގެން އަންނަންދެނެވެ. އޭނާ އަވަހަށް ބޯޅަ ހިފައިގެން ގޮސް ކުޅުމުގައި ބައިވެރިވީއިރުވެސް ހިޔާލުތަކުގައި ވީ އެރީތި ޒުވާނާއެވެ.

ތިންމަސް ފާއިތުވެގެން ދިޔައިރު ޝަލީންއަށް އެޒުވާނާ ކޮންމެ ދުވަހަކު ފެނެއެވެ. ހަވީރު އަތިރިމައްޗަށް ކުޅެން ދިޔުންވެސް ވަނީ ޝަލީންއަށް މިހާރު މަޖުބޫރުކަމަކަށް ވެފައެވެ. އެޒުވާނާ ފެންނަނީ ހަމައެކަނި އެވަގުތު ވިއްޔާއެވެ. ޝަލީން އޭނާގެ އެކުވެރިން ގާތުން އެޒުވާނާގެ މަޢުލޫމާތު އޮޅުންފިލުވިއެވެ. އެމީހުން ބުނިގޮތުން އެޒުވާނާއަކީ މާލޭގެ ނަންމަޝްހޫރު ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ނަމަކީ ނިކްޔާންއެވެ. ނަވާރަ އަހަރުގެ އެޒުވާނާއަކީ ކިތަންމެ އަންހެން ކުދިންނެއްގެ ހިތުގެ ރަސްގެފާނެވެ. ނަމަވެސް ނިކްޔާން އެއިން ކަމަކާ އަޅާނުލަނީ ރަނގަޅު ކުއްޖެއް ނުފެންނާތީއޭ އެކުދިން ބުނުމުން ޝަލީންއަށް ހިނިތުންވެވުނެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ޝަލީންގެ އެންމެ ގާތް އެކުވެރިޔާ ލީޝްގެ އެދުމަށް އޭނާ ހަވީރު ރީތިވިއެވެ. ރަތްކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި ކަޅު ސްޓޮކިންއެއްގައި އޭނާ ފެންނަލެއް ނުހަނު ފުރިހަމައެވެ. އިސްތަށިގަނޑު ދޫކޮށްލުމަށްފަހު އޭނާ އަތުގައި ރިހިކުލައިގެ ގަޑިއެއް އަޅާލިއެވެ. ތުންފަތުގައި މަޑުރަތްކުލައެއް ޖެއްސުން ފިޔަވައި އެމޫނުގައި މޭކަޕެއް ނުވެއެވެ. ލީޝްއާއި އެކީ މަޑުމަޑުން ހިނގަމުން ދިޔަ ޝަލީންއަށް ހުއްޓެވުނީ އަތިރިމަތީގެ އެންމެ އެކޮޅަށް ދެވުމުންނެވެ. އޭނާ ހައިރާންކަމާއި އެކު ލީޝްއަށް ބަލައިލިއެވެ. މިތަނަށް އައީ ކީއްކުރަންހޭ އަހާކަހަލަ ކުލަވަރެއް އެމޫނުމަތީގައިވެއެވެ.

“ކާމް ޑައުން ޕްރިޓީ….އިރުކޮޅަކުން އިނގޭނެ..” ލީޝް ބުނެލީ މިހެންނެވެ. އެއަށްފަހު އޭނާ ޝަލީންގެ ލޯ މަތީގައި އަތްއެޅުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ޝަލީން ބިރުންހުރެ ވެސް ލީޝްއަށް ކުރާ އިތުބާރެއްގެ ސަބަބުން ކުރިއަށް ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން ޝަލީންއަށް އިހުސާސްވީ ފައިދަށުގައި މަޑުމަޑު އެއްޗެއްވާ ކަމުގެ އިހުސާސެކެވެ. އެވަގުތު ލީޝް ލޮލުން އަތްނެގިކަމުގެ އިހުސާސެއް ވެސް ވިއެވެ. ޝަލީން މަޑުމަޑުން ލޯ ހުޅުވާ ބަލައިލުމުން ފުރަތަމަ ހުރީ ގަބޫލުކުރަން ނުކުޅެދިފައެވެ. ކުރިމަތީގައި ކަކޫމައްޗަށް ތިރިވެ ފިނިފެންމަލެއް ދިއްކޮށްގެން އެއިނީ އޭނާގެ ހިތެވެ. އެސޫރައެއް ދުށުމަށް ހިތް ބޭޤަރާރުވާ ފަރާތެވެ. ނިކްޔާން ލުއި ހިނިތުންވުމަކާއި އެކު ޝަލީންއަށް ބަލައިލިއެވެ.

“ޝަލީ…ވިލް ޔޫ މެރީ މީ..؟..” ނިކްޔާންގެ ދުލުން ދެން ނުކުތް ލަފުޒު އަޑުއަހާފައި ޝަލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ އޭނާގެ ހިތުގައި އޮތް ގޮތަށް ވިޔަސް އޭނާ ނިކްޔާނާއި ގުޅުމަށް އެކަށީގެންވޭބާއެވެ. ޝަލީން ވިސްނަން ހުރިއިރު ނިކްޔާންއަށް އެދެލޮލަށް ގެއްލިފައި ހުރެވުނެވެ. އޭނާ ސިއްސައިގެން ދިޔައީ ޝަލީން އާނއެކޭ ބުނެލުމުންނެވެ. ނިކްޔާން ދިއްކޮށްގެން އިން އަތަށް އޭނާގެ އަތްތިލަ ހެޔޮވަރުކޮށްލަމުން ޝަލީން ހިނިތުންވެލިއެވެ. އޭރު އެދެލޮލުގައި އުފާވެރިކަމުގެ ކަރުނަތައް ވިދަމުންދިޔައެވެ. ޝަލީންގެ ޖަވާބު އަޑުއިވުމުން ނިކްޔާން ލައިގެން ހުރި ކޯޓުގެ ޖީބުން ނެގި އަނގޮޓި އެދޮން އަތުގައި އަޅުވާލިއެވެ. އަދި ތެދުވެ ޝަލީން ގެނެސް އެމޭގައި ޖައްސާލިއެވެ. އެވަގުތު ލީޝްއާއި ނިކްޔާންގެ އެންމެ ގާތް އެކުވެރިޔާގެ އަތްތިލަ ބަޑީގެ އަޑު އިވުނެވެ.

ޝަލީން ގެއަށް ގޮސް އެންމެ ފުރަތަމަ އެވާހަކަ ހިއްސާކުރީ އޭނާގެ ބޭބެމެނާއެވެ. ދެއާއިލާގެ ރުހުމާއެކު ކައިވެނި ދެމަސް ފަހުން ކުރެވޭނެ ވާހަކަ އެންގުމުން ޝަލީން ނުހަނު އުފާވިއެވެ.

އޭގެ ދެމަސް ފަހެވެ. ކައިވެނީގެ ހެދުމުގައި ޝަލީން ސިޑިން ފައިބައިގެން އައިތަން ބަލަން ހުރި ނިކްޔާންގެ މޫނުމަތީގައި ވަނީ އެންމެ ފުރިހަމަ ހިނިތުންވުމެވެ. އޭނާ މިދުވަހަށް އިންތިޒާރުކުރި ވަރު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ޝަލީން އައިސް ނިކްޔާންގެ ކައިރީގައި އިށީނދެލިއެވެ. އެވަގުތު ޤާޒީ ކައިވެނިކޮށްދޭން ފެއްޓެވިއެވެ. ޝަލީން އިނީ ފިނިވެފައެވެ. ހިތް ތެޅޭ ވަރުން ހީވަނީ މޭކަށިގަނޑު ފަޅާފައި ނުކުމެދާނެ ހެންނެވެ. ނިކްޔާންއަށް މިކަން އެނގުމުން ލުއި ހިނިތުންވުމަކާއެކު ޝަލީންގެ އަތުގައި ހިފާލިއެވެ.

“އަނބި ޤަބޫލުކޮށްފިން..” ނިކްޔާންގެ ދުލުން އެދެލަފުޒު ނުކުތުމާއެކުހެން ޝަލީންގެ ދެދޮލުގައި ކަރުންތައް ވިދާލިއެވެ. ދެމީހުންގެ ކައިވެނީގެ ވަލީމާއަށްފަހު ކޮޓަރިއަށް ދިޔައިރުވެސް ޝަލީން ހުރީ ފިނިވެފައެވެ. ފަހަތުން އައިސް ވަން ނިކްޔާންއަށް އެތަން ފެނުމުން ހެވުނެވެ.

އެއް އަހަރު ފަސް

ހޮސްޕިޓަލުގެ އެމެޖެންސީ ރޫމްގެ ބޭރުގައި ނުހަނު އަޑުގަދައެވެ. ބޮޑެތި މީހުންގެ ރުއިމުގެ އަޑާއި ޖަހާފައިވާ ޤުރުޢާނުގެ އަޑެވެ. އެތަނުންވެސް ފާހަގަކޮށްލެވެނީ ހުއްޓިފައި ހުރި ޝަލީންއެވެ. ލޮލުގައި ވިދަވިދާ ހުރި ކަރުނަތަކާއި އެކުވެސް އޭނާގެ އަނގައިން އަޑެއްވެސް ބޭރުނުވެއެވެ. އެވަގުތު ޑޮކްޓަރުންތައް މޫނުމަތީގައި ފޮތިގަނޑު އަޅައިގެން ނެއްލި މައްޔިތާއަށް ބަލަން ހުރެފައި ޝަލީން އެންމެ ކުރިން ގޮސް އެތާ މަޑުކޮށްލިއެވެ. އަދި މަޑުމަޑުން ފޮތިގަނޑުގައި ހިފައި ތިރިކޮށްލިއެވެ. އެއާއެކު މިއޮއް ހުރިހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތަކަށް އޭނާ ފުރުސަތުދިނެވެ. ނިކްޔާން ކާރު އެކްސިޑެންޓެއްގައި މިދުނިޔެއާއި އަލްވަދާޢު ކިޔުންވީ ޝަލީންއަށް ބަރުދާސްތު ނުކުރެވޭ ވަރުގެ ހިތާމައެކެވެ. އެވަގުތު ނިކްޔާންގެ މަންމަ އައިސް ޝަލީންއަށް ހިތްވަރުލާދިނެވެ. ބަނޑުގައި އޮތް ދަރިފުޅަށްޓަކައި ވެސް ކެތްކުރަންޖެހޭނެ ވާހަކަ ބުނުމުން ޝަލީންގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާ ނިކްޔާނާއި ނުލާ ކެތްކުރާނީ ކިހިނެތް ހެއްޔެވެ.

އެވަގުތު ޝަލީންގެ ބަނޑަށް އެރި ކުއްލި ތަދާއެކު އޭނާއަށް މަންމާއޭ ކިޔައި ހަޅޭއްލަވައިގަނެވުނެވެ. ވަގުތުން ޝަލީން ވިހަން ވެއްދުނެވެ. އޭނާގެ ލޮލުގައި ވި ވޭނާއި ބިރުވެރިކަން ފެނުނު ކޮންމެ މީހެއްގެ ހިތް ހަމްދަރުދިއިން ފުރޭނެއެވެ.

ޝަލީން ސިއްސައިގެން ދިޔައީ މީހަކު އައިސް އޭނާގެ ކޮނޑުގައި ހިފެހެއްޓުމުންނެވެ. ލޮލުގައި ވިދަވިދާ ހުރި ކަރުނަތައް ހިންދާލުމަށްފަހު ލުއި ހިނިތުންވުމަކާއެކު އެނބުރި ބަލައިލިއިރު، އޭނާގެ ބޭބެއެވެ. އުރުގައި އިން ތުއްތު ކުއްޖާއަށް ބަލައިލުމަށްފަހު ޝަލީން ހީލިއެވެ. އެއީ އޭނާއާއި ނިކްޔާންގެ ލޯބީގެ ނިޝާނެވެ. އެދަރިފުޅަށްޓަކައި އޭނާ ކެތްކުރާނެއެވެ. ނަމަވެސް އޭނާ ހިތައް އަރައެވެ. ކަލާޔާ ނުލާ އަހަރެންނަށް އަހަރެމެންގެ ދަރިފުޅު ބެލިދާނެބާވައެވެ.

 

(ނިމުނީ)

 

 

35