ތި ސޫރަ ނޫން 21
* “އޯލްރައިޓް.. އަސްލު ބައްދަލުކުރަން ބޭނުންވެފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ..” ޝަފްވާން އެހެން ބުނެލީ މިއަލްގެ މޫނަށް ބަލަން ހުރެއެވެ. މިއަލް އެއްބުމަ ހިއްލާލީ ޝަފްވާން އޭނަގެ މޫނަށް އަރާފައިބާ ކުލަތައް ތަރުޖަމާކުރަމުންދިޔަކަން ރޭކާލުމުންނެވެ. އެއަހާލީ ކީއްވެތޯކަން ޝަފްވާނަށް ދޭހަވިއެވެ. “ގިޓާ..” ދުލުގައި ދަތް އަޅާލާފައި ޝަފްވާން ބުނެލީ ހީނލަމުންނެވެ. މިއަލް ދެލޯބޮޑުކޮށްލި ގޮތުން ޝަފްވާންގެ ގާތަށް ހިނިއައެވެ. ހީވަނީ އޭނައާއި ވާހަކަނުދައްކަން ހުވާކޮށްގެން އިންހެންނެވެ. “މާދަން ނޫން އަނެއް ދުވަހު އެ ރިޓާރން ކޮށްފާނަން.. ކަމެއްގެ މަތިން..” ލާނެތް ހިނިތުންވުމަކާއި އެކީގައި ޝަފްވާން މިއަލްގެ ގާތަށް ޖެހިލިއެވެ. މިއަލްގެ ހިތުގެ ތެޅުން އިހުނަށްވުރެ ބާރުވިއެވެ. ނޭވާލާންވެސް ހަނދާންނެތިފައި މިއަލް އިނީ ޝަފްވާންގެ މޫނަށް ބަލަހައްޓައިގެންނެވެ. “ހޮނިހިރު ދުވަހު އޮންނާނެ އަތިރިމަތީގައި ޝޯއެއް.. އެ ބަލަން އަންނަމަތިން ދީފާނަން..” ޝަފްވާން މިއަލް ދެކެން ބޭނުންވެފައި ހުރިވަރުން ބުނެލިއެވެ. ފަސްޖެހުމަކާއި ނުލާ މިއަލް އެއްބަސްވިއެވެ. އުނދަގޫކަމެއްވެސް ނޫނެވެ. އޭނައަށް ގިޓާރ ލިބެނިކޮށް ނިމުނީއެވެ. ޝަފްވާން ނުގޮތަކަށް ބައްދަލުކުރަން ބުނީތީ މިއަލްގެ ހިތް ނަށާލިއެވެ. ”އަހަރެން ދަނީ.. ބައްދަލުވާނެކަމަށް އުންމީދު ކުރަން..” ޝަފްވާން ސިޑިގޮޅިން ނުކުމެ އޮބާލަންދެން މިއަލްއަށް މޭމަތީގައި އަތް ޖައްސާ ބާރުކޮށްލައިގެން ހުރެވުނެވެ. *
މިއަލްއަށް ކޮލެޖަށް ދެވުނީ ގަޑިޖެހުނު ފަހުންނެވެ. ގެއަށް ގޮސް ތެޅިގަނެފައި ރަނގަޅަށް ފެންވެސް ނުވަރައި އެންމެ އަވަހަށް އަތުޖެހުނު ހެދުން ލައިގެން މިއަލް ގެއިން ނުކުތީ ދުވެފައެވެ. ހުދުކުލައިގެ އެ ބޮޑު އިމާރާތާއި ހަމައަށް ފޯރުނުއިރު މިއަލް ވަރުބަލިވެއްޖެއެވެ. އަރައިގެން ހުރި ބޫޓުގެ ނާޑުވާ އަލުން އައްސާލާފައި މިއަލް ހާސްވެހުރެ އެތެރެއަށް ވަންނަން ހިނގައިގަތެވެ. އޭރު ހަތަރުގަޑި ދިހައެއް ވެއްޖެއެވެ. އެ އިމާރާތުގައި ގާތްގަނޑަކަށް ފަސްވަރަކަށް ފްލޯރ ހުރިއިރު ކުޅަދާނަ އާރކިޓެކްޓެއްގެ މަސައްކަތް އެންމެ މަތިން ފެށިގެން ތިރިއަށް ފެންނަމުންދިޔައެވެ. ކަޅުކުލައިގެ ޑިޒައިންތަކެއް ކޮށްފައި ވާއިރު މެދަކަށް ވާނެހެން ލޯގޯ އާއި އެކީގައި “ކޭ.އެމް.އެން.އެޗް” ޖަހާލާފައިވެއެވެ. ވަންނަ މައިދޮރަކީ އޮޓޯމެޓިކް ދޮރެކެވެ. އެދޮރާއި ހަމައަށް ވާސިލުވެވެނީ ފަސްހަރުފަތުގެ ސިޑިއަކުން އަރައިގެންނެވެ. ދޮރުގެ ދެފަރާތުގައި ގަސްޕޮޓްތައް ބަހައްޓާލާފައިވެއެވެ. އަދި އެތަނާއި މާ ދުރުނޫން ހިސާބެއްގައި ޕާރކިންގ ލޮޓްއެއް ހުއްޓެވެ. ކޭ.އެމް.އެން.އެޗް އަކީ މިއަލް ދާން ހަމަޖެހިފައިވާ ކޮލެޖެވެ. އެ ކޮލެޖުން ލާފައި ރަށުގެ ހޮސްޕިޓަލަށް ދިހަވަރަކަށް މިނެޓްތެރޭގައި ހިނގާފައި ދެވޭނެއެވެ. އަދި އިތުރުން ކޮލެޖާއި ލައިބްރަރީގެ ދުރުމިނަކީ ހިނގާފައި ދާނަމަ ސަތާރަވަރަކަށް މިނެޓެވެ.
މިއަލް ހުރީ ހުދުކުލައިގެ ފޫކޮޅު ނިވާވާވަރުގެ ހެދުމެއް ލައިގެންނެވެ. ހުދުކުލައިގެ އެހެދުމުގައި ރީނދުލާއި ގަދަނޫކުލައިގެ މާތަކެއް ކުރަހާލާފައިވެއެވެ. އެ ރާޅުބާނި އިސްތަށިގަނޑުގައި ހުދުކުލައިގެ ދައްޗެއް ހަރުކޮށްލާފައިވާތީ އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ފިނިކަމެއްވާ އެދެލޮލާއި ވަށް މޫނު ފެންނަ މީހަކަށް ނަޒަރު ވަކިކޮށްލަން ދަތިވާނެއެވެ. ތިރިން ޖިންސެއްލާފައި ފައިވާނަކަށް އަރައިގެން ހުރި މިއަލްގެ މޫނުމަތިން ދައްކައިދެނީ ނުތަނަވަސްވެފައިވާވަރެވެ. ނިޔަފަތިތަކާއި ކުޅެމުން ދިޔަގޮތުން އެ ނިޔަފަތިތައް ބިންދައިގެން ގޮސްދާނެއޭވެސް ހީވެއެވެ. ފައިލްތައް މޭގައި ޖައްސާބާރުކޮށްލާ މިއަލް ފުންނޭވާއެއްލާފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮލެޖް ތެރެއަށް ވަދެވުމާއި އެކީގައި މިއަލްއަށް އިހުސާސްކުރެވުނީ ފިނިކަމެވެ. އެތަންތެރެ ފިނިކަމުން އެންޓާރޓިކާއާއި ވާދަކުރާފަދައެވެ. ގަނޑުކޮށްލާ ކަހަލަ ބާރެއް އެތާ ވެއެވެ.
މިއަލް ގޮސް ހުއްޓުނީ މައުލޫމާތުދޭ ކައުންޓަރ ކައިރީގައެވެ. ގޮސް އެތަނުގެ ފަރާތުން އޭނައަށް ލިބުނު ކާރޑްކޮޅު ނަގާ ދައްކާލިއެވެ. މިއަލްގެ ކާރޑް ނަގާފައި އެ އަންހެންކުއްޖާ އެދުނީ ވައަތް ފަރާތުގައި ހުރި ލިފްޓުން އަރައިގެން ދެވަނަ ފްލޯރއަށް އެރުމަށެވެ. އެތަނުން ލާފައި ޖަލްސާހޯލަށް ދެވޭނެކަމަށް އެކުއްޖާ ބުންޏެވެ. އަދި އޮރިއެންޓޭޝަން މިހާރު ފަށައިފިކަމަށާއި އަވަސްކުރުމަށް އެކުއްޖާ ބުނީ ހީނލާފައެވެ. އެކުއްޖާއަށް ޝުކުރު އަދާކުރަމުން މިއަލް ލިފްޓަށް އެރިއެވެ. ލިފްޓްތެރޭގައި ވީ ދިހަވަރަކަށް ސިކުންތުވެސް މިއަލްއަށް ވީ ގަޑިއިރަކަށެވެ. ލިފްޓްތެރޭ ހުރި ލޯގަނޑުން ހެދުން ރީތިކޮށްލާ އިސްތަށިގަނޑުގައި ފުނާއަޅާލާފައި މިއަލް ލިފްޓްވަށާ ހިނގިއެވެ.
ދޮރު ހުޅުވުމާއި އެކީގައި މިއަލްގެ މޫނު ގޮސް ޖެހުނީ ހޯލްގައެވެ. ޖެހިގެން ހުރި ބައެއް ކްލާސްތަކާއި ތަފާތުކޮށް ޝާހީކޮށް އެތަން ހަދާފައިވާތީ އެއީ ހޯލްކަމަށް މިއަލް ޔަގީންކުރިއެވެ. ހޯދަން އުނދަގޫ ނުވިކަން ނަސީބެކޭ މިއަލް ހިތަށް އެރިއެވެ. އަވަސްއަވަހަށް މިއަލް ހޯލަށް ވަންނަން ހުރި ގޭޓްގެ އަތްގަނޑުގައި ހިފާލިގޮތަށް އެތެރެއަށް ވަނީ ދެވަނަވިސްނުމަކާއި ނުލައެވެ. އެތެރެއަށް ނެގި ފިޔަވަޅު މަތީގައި މިއަލް ގަނޑުވިއެވެ. އެތެރޭގައި ސަތޭކައަށްވުރެ ގިނަ ކުދިން ހުންނާނެކަން ގައިމެވެ. އެ އެންމެންގެ ލޯތައް މިއަލްއަށް ހުއްޓުނެވެ. އިތުރުން ސްޓޭޖް މަތީގައި ވާހަކަދައްކަން ކޯޓްފަޓްލޫންގައި ހުރި ތަންކޮޅެއް އުމުރުން ދުވަސްވީ މީހާގެ ދެލޯވެސް އަމާޒުވީ މިއަލްއަށެވެ. ސްޓޭޖް ކައިރީ ކުދިންނަށް ފެންނާނެފަދައިން އިށީނދެގެން ހުރި އިސްވެރިންނާއި ލެކްޗަރާއިންގެ ނަޒަރުވެސް މިއަލްގެ މޫނަށް ހުއްޓިފައިވާތީ މިއަލްގެ ސިކުނޑި ސުމަކަށް ދިޔައީ ފަޅިސިކުންތެއް ތެރޭގައެވެ. ދެން ހަދާނެގޮތެއް ނޭނގިފައި މިއަލްއަށް ހުރެވުނެވެ. އެންމެ ކުޑަމިނުން ހަރަކާތެއް ގެންނަންވެސް ނޭނގިފައެވެ. އެކަން އެ މީހާއަށް ފާހަގަވީ ކަންނޭނގެއެވެ. ”އަވަހަށް ގޮސް އިށީނދެލާ.. މީހުން ބުނެއުޅޭ ރަނގަޅު ކަންކަން ވާނީ ލަހުންނޭ.. އެހެންވެ ކަންނޭނގެ ލަސްވީ ދެއްތޯ..؟” ކުޑަކޮށް ހިނިއައިސްފައި ސީރިއަސްކޮށް އޮތް އެ މާހައުލު މަޖާކޮށްލަން އެމީހާ މަސައްކަތް ކުރިއެވެ. މިއަލް ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން ހުހަށް ހުރި ގޮނޑީގައި އިށީނެވެ. ހިތް އޮބިނޯންވަރަށް ތެޅެމުން ދިޔައިރު ގާތުގައި ހުރި ކުއްޖާއަށްވެސް އެ ހިތުގެ ތެޅުން އިވޭނެ ކަންނޭނގެއެވެ. ހިތް ހަމައަކަށް އެޅޭތޯ މިއަލް އޭނަގެ ގޮނޑީގެ ފައިކައިރީ ހުރި ކުޑަ ފެންފުޅިން އެތިފޮދެއް ބޯލިއެވެ. އަދި ހަމަޖެހިލަމުން ސްޓޭޖަށް ނަޒަރު ހުސްކޮށްލިއެވެ. އެންމެ ފުރަތަމަ ދުވަހުގައި ގަޑިޖެހި ނުވިތާކަށް އެމީހާ ދޭން ހުރި ސްޕީޗްވެސް އޭނައާއި ހުރެ މެދު ކަނޑާލަން ޖެހުމުން މިއަލް ލަދުގަންނަގޮތްވިއެވެ. އެންމެންނަށްވެސް މިހާރު އޭނަ އެނގޭނީ ފުރަތަމަ ދުވަހުގައި ލަސްވީ ކުއްޖާގެ ގޮތުގައި ކަންނޭނގެއެވެ. އިތުރުން ކިޔަވައިދޭ މީހުންގެ މެދުގައި އޭނަގެ ކަރުގައި ފަރުވާތެރި ނުރަނގަޅު ކުއްޖެއްގެ ލޭބަލް ނޭޅޭނެކަމަށް މިއަލް ދުއާ ކުރިއެވެ.
ސްޓޭޖްގައި ހުރި މީހާގެ ވާހަކައަށް އަހަންމިއްޔަތުކަން ދިނުމުން މިއަލްއަށް އެ ފިރިހެން މީހާއަކީ ކޮލެޖްގެ ވެރިފަރާތްކަން އެނގިގެން ދިޔައެވެ. ކްލާސްތައް ކުރިއަށް ދާނެގޮތާއި ޝެޑިއުލްގެ އިތުރުން އިތުރު ހަރަކާތްތަކާއި އެކި ދުވަސްތައް ފާހަގަ ކުރުމަށާއި ކޮލެޖްގެ ހިސްޓްރީއިން ބަޔަކާއި ލެކްޗަރާއިން ތައާރަފް ކޮށްދެވުނެވެ. ކްލާސްތައް އަންގާރަ ދުވަހުން ފެށިގެން އޮންނާނެކަމަށް ބުނެފައި ދެން އިއްވާލީ ނަސޭހަތުގެ ބަސްކޮޅެކެވެ. ގަޑިއަށް އައުމަކީ ކިހާ މުހިންމުކަމެއް ކަން ބުނެދިންއިރު އެ އިނގިލި އަމާޒު ކުރެވިފައިވީ ސީދާ މިއަލްއަށްކަން އެނގިގެން ބައެއް ކުދިން ފަހަތަށް އެނބުރިފައި ބަލަންވެސް ފެށިއެވެ. އެކަންކަމުން މިއަލްގެ ނުތަނަވަސްކަން ދަރަޖައެއް މައްޗަށް ޖެހުނެވެ. އިތުރުން ކިތަންމެ ބުރަކޮށް އުޅުނުނަމަވެސް ނަމާދާއި ދީނުގެ ކަންކަމަށް ފަރުވާކުޑަ ނުކުރުމަށާއި އިލްމާއި ހިލްމާއި ބެހޭގޮތުން މައުލޫމާތު ދިނެވެ.
އޮރިއެންޓޭޝަން ނިންމާލީ ފަސްގަޑި ބައިވާން އުޅެނިކޮށެވެ. ފައިލްތަކުގައި ބައްދާލައިގެން މިއަލް ނެގިމަޑު ހިނގުމެއްގައި ނުކުންނަން ހިނގައިގަތެވެ. މިއަދު ކަންވީގޮތުން އަދިވެސް ހިތް ސަކަރާތް ވަނީއެވެ. އެންމެ ފުރަތަމަ ދުވަހު ދައްކަން ޖެހޭނީ ނިކަން ރީތި ކުލަވަރެއްކަމަށް މިއަލް އަހައެވެ. ނަމަވެސް އޭނައަށް ކަންތައް ދިޔައީ އޭގެ އިދިކޮޅަށެވެ. “މިއަލް ޔޫ ފޫލް..” މިއަލްއަށް އަމިއްލަ ނަފްސަށް އަޑުލެވުނެވެ. ”މީ ހުސް ތިއްތިގެ އެކުވެރިޔާ އާއި ހެދި ވާ ކަންތައްތައް..” ދެން މިއަލް ކުދިކީ ޝަފްވާނަށެވެ. “އޭނަ އާއި މަށާއި ދިމާނުވިނަމަ ކަން މިހެންނެއް ނުވީސް.. ވަރަށް ފޫހިވޭ.. ގަޑިވެސް ޖެހުނީ.. ނުވިތާކަށް ސިކުނޑިން ނުކުންނަން ކެރުނީކީވެސް ނޫން..” ހިތާހިތުން އެހެން ބުނެ މިއަލް ދެފަރާތަށް ބޯހޫރާލިގޮތުން ހީވީ ޝަފްވާންގެ ޚިޔާލުތައް ސިކުނޑިން ފޮޅާލީހެންނެވެ. ފޯނު ވައިބްރޭޓްވާހެން ހީވެގެން މިއަލް ފޯނު ނަގާ ބަލާލިއެވެ. ގުޅަމުން ދިޔަ ނުދަންނަ ނަންބަރަށް ބަލަން މިއަލްއަށް ހުރެވުނެވެ.
”އެލް ފޯނު ނަގާބަލަ..” ދެފަހަރަށް ގުޅުމުންވެސް މިއަލް ފޯނު ނުނަގާތީ ޔައުލާން ހުރީ ފާޑަކަށް ރުންކުރުވެފައެވެ. ސޯފާމަތީގައި ދެފައިތަޅަތަޅާފައި ކުޑަކުއްޖެއްހެން ބޮޑާހާކަން ޔައުލާން އިނެވެ. އެ މަންޒަރު ބަލަން ހުރި އަލީސާ ހުރީ ހިނިގަނޑު ހިފާއްޓާލައިގެންނެވެ. މިޝްލާ ފުރުމާއި އެކީގައި އެ ގޭތެރެ އިހުނަށްވުރެ ފަޅުވެފައިވެއެވެ. ޔައުލާންގެ އިތުރުން ޒާމިންވެސް ގިނަވަގުތު އުޅެނީ އޮފީހުގައި ކަމަށްވާތީ ގޭގައި އުޅެނީ ނޯކަރުންނާއި އަލީސާ އެކަންޏެވެ. ޔައުލާން ރުޅިމޫނު ހަދައިގެން ހުރެ ފޯނަށް އެތިވަރު ގޮވަމުން ދިޔައެވެ. އަލީސާ އައިސް ބިސްގަނޑަކާއި ކިރުތައްޓެއް މޭޒުމަތީ ބޭންދިއެވެ. “އޮފީސް ކަންކަމުގައި ބިޒީވެގެން އުޅޭވަރުން ދަރިފުޅު ރަނގަޅަށް ނުވެސް ކައި މިހާރު..” އަލީސާ ޔައުލާންގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ. ޔައުލާން ބޯ ޖަހާލާފައި ކިރުތަށި ބޯންފެށިއިރު އަދިވެސް ވަނީ ތުންކޮޅު އޫކޮށްލާފައި ދެބުމަ ކައިރިކުރެވިފައެވެ. އަލީސާ ބަނޑުތެރޭގައި ހިނިގަނޑު މަތަކުރީ އޭނަ ހޭންފަށައިފިއްޔާ ވާނުވާގައި ހުރެވެސް ޔައުލާން ހޭނެކަން އެނގޭތީއެވެ. ކިރުތަށި ބޯން އިންދާ ކޮށިއަރާފާނެތީ އަލީސާ ކެތްކޮށްލައިގެން އިނެވެ.
“އޭ..” ފޯނު ނިއްވާލާފައި ގެއަށް ދާން ހިނގައިގަތްތަނާހެން މީހަކު އައިސް ކޮނޑުގައި ޖެހުމާއި އެކީގައި މިއަލް ދިޔައީ ސިއްސައިގެންނެވެ. އެއްލިފައި ފަހަތަށް އެނބުރެވުނުގޮތަކުން ކަރުގެ ނާރަކަށް ވެސް ވާންވިކަމުގެ އިހުސާސް ކުރެވުނެވެ. ކަރުގައި ފިރުމާލާފައި މިއަލް ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ. އެއްހުޅިއަށް އިސްތަށިގަނޑު ނަގާފައިވާއިރު އެ އަންހެންކުއްޖާގެ ލޮލުގައި ފިޔާތޮށިކުލައިގެ ފްރޭމެއް ލައްވާފައިވާ އައިނެއް އޮތެވެ. ހިމަ ތުންފަތަކާއި ކުޑަ ނޭފަތެއް ހުރިއިރު އެ އަންހެންކުއްޖާގެ ހަމުގެ ކުލަ އަނދިރިއެވެ. ނަމަވެސް އޮމާން ހަންގަނޑެއް ލިބިފައިވާތީ ނުލާހިކު ރީއްޗެވެ. “ޔޫ ވަރ ސޯ ކޫލް ޖަސްޓް ނައު..” އެ އަންހެންކުއްޖާ އައިގޮތަށް ބުނެލިއެވެ. އެކުއްޖާ ހީނލި ވަގުތު ނަރުގަނޑު އަޅުވާފައިވާ ދަތްތައް މިއަލްއަށް ފެނުނެވެ. ނުތަނަވަސްގޮތަކަށް ހީނލާފައި މިއަލް ބޯ ކަހާލިއެވެ. “ކީއްވެ..؟” މިއަލް އެއްސެވެ. “ހުސެން ސާރ އެހާ ރީއްޗަށް ވާހަކަ ދެއްކި އަޑު މަ ދުވަހަކުވެސް ނާހަން.. ކަލޭ ފެންނީމައި ކަންނޭގެ.. ކޮންނަމެއް ކިޔަނީ..؟ އެއްތާކަށް ދާއިރު އެކުވެރިވާން ޖެހޭނެތާ.. މަށަށް ކިޔަނީ ޒިދްޔާ..” ޒިދުޔާ އެކުވެރިފާޑަކަށް ބުނެލިއެވެ. ޒިދުޔާ އުޅުނު ގޮތުން މިއަލް ޖީޝަމް މަތިން ހަނދާންވިއެވެ. މިޒާޖުގެގޮތުން ގުޅޭތީއެވެ. “މިއަލް.. ހައްވާ މިއަލް..” މިއަލް ހީނލާފައި ބުނެލިއެވެ. “މިރަށު ކުއްޖެއް ނޫންދޯ..؟ ހީވިއޭ..” މިއަލް ބޯ ޖަހާލުމުން ޒިދުޔާ ހިނގައިގަތެވެ. މިއަލްވެސް ދިޔައީ ޒިދުޔާގެ ފަހަތުންނެވެ.
“އަންގާރަ ދުވަހުން ދިމާކުރައްޗޭ ކެންޓީނުން..” ގެއާއި ހަމައަށް އެރުމުން ޒިދުޔާ ބުނެލިއެވެ. އަދި މިއަލް އަތްހޫރާލާފައި އެތެރެއަށް ވަނުމުން ޒިދުޔާ ނަވާޒްމެންގެ ގެއަށް ބަލާލީ އެތައް މާނައެއް އެކުލެވޭ ބެލުމަކުންނެވެ. އެ ބެލުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް ހެއްޔެވެ.؟
މިއަލް ގެއަށް ވަދެ ހައިފާއަށް އެކި މަސައްކަތްތަކުގައި އެހީވުމުގައި އުޅުނެވެ. އަދި އަހުނަފް އައުމުން އިޒާ އާއި އެންމެން އެކީގައި އިށީނީ ތާސް ކުޅޭށެވެ. އިޒާއަށް ކުޅެން ނޭނގޭތީ އިނީ ބަލާށެވެ. ދޭތެރެ ދޭތެރެއިން މިއަލްގެ އަތްބައި ބަލާފައި ގޮސް އަހުނަފަށް ގަނޑުތައް ކިޔައިދެއެވެ. އަދި އަހުނަފްގެ އަތްބައި ބަލާފައި މިއަލްއަށް އޭނަގެ އަތުގައި އޮތް ގަނޑުތައްވެސް ކިޔާދެއެވެ. އަހުނަފް ޝަކުވާކުރިއެވެ. ނަމަވެސް ލޯބިންނެވެ. މިއަލްވެސް ނުހީ އިންނާކަށް އިޒާ ފުރުސަތެއް ނުދެއެވެ. އިޒާގެ މިއުޅުމުން ހިތްތަކަށް ދިރުން ގެނެސްދެއެވެ. ކޮޓަރީގައި ފޯނު ޗާރޖަށް ޖަހާފައި އޮތްއިރު މިއަލްއަށް ނޭނގުނީ ޔައުލާން ހުއްޓުމެއް ނެތި ގުޅަމުން ގެންދިޔަކަމެވެ.
ރޭގަނޑުގެ ވަގުތެވެ. ކިއަނާ ކައިރި ފިހާރައަށް ދިޔައީ ޝާޒްލީނާ ބުނެގެން މަސްދަޅެއް ގަންނާށެވެ. ލައިގެން ހުރި ކަކުލާއި ހަމައަށް އަންނަވަރުގެ ފިޔާތޮށި ހެދުމުގެ މަތިން ކަޅު ތިންކަންބުރުގާގައި ގޮށެއް ޖަހާލާފައި ކިއަނާ ފިހާރައަށް ދިޔައެވެ. ދެ މަސްދަޅު ގަނެގެން ކިއަނާއަށް ބޭރަށް ފިޔަވަޅެއް ނޭޅެނީސް ރިޒްވާނާއި އޭނަގެ ގޭންގް އައިސް ކިއަނާ ވަށާ ހުއްޓުނެވެ. ކިއަނާގެ ހިތަށް ބިރުވެރިކަމުގެ ރާޅެއް ޖެހިއެވެ. އަވަސް އަރުވާލާފައި ހިނގައިގަތް ގަޑީގައި ފައިއޮޅިގެން ކިއަނާ ވެއްޓެން ދިޔަގަޑީގައި އެތަނުން މީހަކު ކިއަނާގެ މުލައްދަޑީގައި ހިފޭއްޓިއެވެ. ތެދުކޮށްދިނުމުން ކިއަނާގެ ބިރުކަމުން ފުރިފައިވީ ދެލޯ ގޮސް ހުއްޓުނީ ރިޒްވާންގެ މޫނަށެވެ. “ސުވާލެއް.. ހަމަ އެންމެ ސުވާލެއް..” ރިޒްވާން ކުރިއަށް ފިޔަވަޅުތައް ނަގަމުން ގޮސް ކިއަނާ ފާރާއި ދޭތެރޭ ފިތޭވަރު ކޮށްލިއެވެ.
“އެލް ވީތަން ބުނޭ..” ރިޒްވާން އަނގަ ހުޅުވާލުމުން އެރި ނުބައި ވަހުން ކިއަނާ އޯކަށް ދެމިގަތެވެ. އެމަންޒަރު ފެނިފައި ރިޒްވާންގެ ތުންފަތަށް ވެރިވީ ބިރުވެރި ހިނިތުންވުމެކެވެ. ވާހަކަތަކުގައި ސިފަކޮށްދީފައިވާ ފަދަ ޖިންނި ޝައިތާނުން ހޭފަދަ ހުނުމެއް ރިޒްވާންގެ އަނގައިން ބޭރުވިއެވެ. “ބުނޭ މިއަލްވީ ކޮންތާކު..؟” ރިޒްވާން ސުވާލު ތަކުރާރު ކޮށްލިއެވެ. ކެތްތެރިކަމެއް ނެތް މީހެއް ފަދައިންނެވެ. “ނުބުނާނަން..” ކިއަނާ ބެލީ އަވަހަށް އެއެންމެންގެ އަތްދަށުން ސަލާމަތްވެގެން ދެވޭތޯއެވެ. ނަމަވެސް ރިޒްވާން ކިއަނާގެ ދެކޮނޑުގައި ހިފާ ފާރުގައި ޖެއްސިއެވެ. ބުރަކަށި ބިނދުނުހެން ކިއަނާއަށް ހީވިއެވެ. “މިއަލް ވީތަނެއް ބުނެފިއްޔާ އަނިޔާއެއް ނުކޮށް ދޫކޮށްލަފާނަން..” ރިޒްވާން އެހެން ބުނުމާއި އެކީގައި އޭނަގެ ފަހަތުގައި ހުރި ސިޔައްޓެ ނެގީ ވަޅިއެކެވެ. އެއާއި ޖެހިގެން ހުރި މީހާ ޖީބުން ދަމައިގަތީ ހުދު ރުމާލެކެވެ. އެދެމީހުންނަށް ބަލާލާފައި ކިއަނާގެ ހާސްކަން އިންތިހާއަށް ދިޔައެވެ. “މިއަލް ވީތަން ނުބުނަންޏާ މިއިން ކޮންމެވެސް އެއްކަމެއް ވާނެ..” ރިޒްވާން ނުލަފާގޮތަކަށް ބުނެލިއެވެ. މިމީހުންގެ ނުސިޔާނުކަން ފެނިފައި ކިއަނާ ބޯހޫރާލިއެވެ. ހިތްހަމަނުޖެހިގެންނެވެ. މިމީހުން އޭނަގެ ފުރާނަ ދިރުވާލިޔަސް މިއަލް ވީތަނެއް ނުބުނާނެއެވެ. “ފާއިޒާއްތާ..!!!” ކިއަނާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ސިޔައްޓެ އާއި ބާކީ ތިބި އެންމެން ވަގުތުން ފަހަތް ބަލާލިއެވެ. ރިޒްވާންވެސް ބިރެއް ފެނުނު ފަދައިން ފަހަތަށް އެނބުރުނެވެ.
ފެންނަން އޮތީ ކަނު އަނދިރިގަނޑެކެވެ. ފާއިޒާއެއް ނެތެވެ. ދިރޭއެއްޗެއްގެ ހިލަންވެސް އެތަނަކުން ނުވެއެވެ. ފަނިފަކުސައިގެ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. ވީގޮތް ރޭކާލުމާއި އެކީގައި ރިޒްވާން ވިދުވަރެއްހާ ހަލުވިކޮށް ކުރިން ހުރި ފަޅިއަށް އެނބުރުނެވެ. ކިއަނާ ޖެހުނުތާ ލަކުނުވެސް ނެތެވެ. ކިއަނާގެވެސް އޮތީ ސިކުނޑިއެއްކަން އަންގާލާފައި އޭނަ ފިލުމުން ރިޒްވާން އައި ރުޅީގައި ފާރަށް އެތިފަހަރެއް ވީއްލާލިއެވެ. ރިޒޭއޭ ކިޔާ ސިޔައްޓެ އޭނަ ހުއްޓުވަން އުޅުނެވެ. ނަމަވެސް ހިތަށް ވީ އުނދަގުލާއި އެކީގައި ރިޒްވާން ހިނގައިގަތީ އަތިރިމައްޗާއި ދިމާލަށެވެ. ނާކާމިޔާބީގެ ހިތިރަހަ އަރުތެރޭ ލާންފެށުމުން ރުޅިއައިސްހުރެއެވެ.
މިއަލް ނިދަން އެރީ މާދަން ލައިބްރަރީއަށް ދާންޖެހޭނެތީ އަވަހަށް ހޭލުމުގެ ބޭނުމުގައެވެ. ފޯނު ނިއްވާލާފައިވާތީ މިއަލްއަށް ޔައުލާންގެ ހިލަމެއް ނުވެއެވެ. އަނެއްކޮޅުން ނިދަން އަރާފައިވެސް ޔައުލާން މިއަލްއަށް ގުޅަނީއެވެ. ނިއްވާލާފައިވާ ހަބަރު ލިބުނަސް ފޯނު ނުނަގަނީސް ނުހުއްޓަން ނިންމައިގެން ޔައުލާން އޮތެވެ.
ބާރަ ޖަހަނީއެވެ. މިޝަލް ހޮސްޕިޓަލުން ނުކުމެގެން އައިއިރު މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. އޭނަ އަކީ ފާޚާނާތައް ސާފްކުރާ ބައިގައި އުޅޭ މީހެކެވެ. ޝަފްވާން އެދިމާލަށް އަންނާތީ އޭނަ އާއި ބައްދަލުކުރަން މިޝަލް ބޭނުންވެއެވެ. ކޮންމެ ދުވަހަކު ދާ އެއްގަޑިއެއްގައި އޭނަ އެތަނުގައި ހުންނަންޏާ ޝަފްވާނަށް ޝައްކެއް ވެދާނެއެވެ. ވަރަށް ވިސްނާފައި ހޮސްޕިޓަލްގައި މަސައްކަތް ކުރަން މިޝަލް ނިންމީ އެހެންވެއެވެ. ފާޚާނާ ސާފްކުރާ މަސައްކަތު މީހެއްގެ އިތުރުން މިޝަލް އަކީ ހޮސްޕިޓަލުން ކޮލެޖަށް ބޭނުންވާ ބައެއް ތަކެތި ޑެލިވަރ ކޮށްދޭ ކުއްޖެކެވެ. އުމުރުން ހަގުކަމާއި ހުރެ ހޮސްޕިޓަލުން ވަޒީފާ ނުދޭން އުޅެފައިވެސް ދިނީ މިޝަލް އެމީހުންނަށް ލާރިދީގެންނެވެ. އަލިފާނުގެ ހާދިސާ ކުރިން މިޝަލް ވަނީ އޭނައަށް ބޭނުންވާނެވަރަށް ފައިސާހަމަކޮށްފައެވެ. ފިލީވެސް އެ ހިފައިގެން ކަމަށްވާތީ ފައިސާ އާއި ދޭތެރޭ ވިސްނާކަށް މިޝަލްއަކަށް ނުޖެހުނެވެ. އަތުންފައިން މަސައްކަތެއް ނުކޮށް ހަޔާތުގެ އެއްބައި ވޭތުކޮށްފައި ކުއްލިއަކަށް މަސައްކަތް ކުރަން ޖެހުމުން މިޝަލްއަށް އުނދަގޫވާގޮތް ވިއެވެ. ނަމަވެސް ހަމައެކަނި ޝަފްވާނަށްޓަކައި މިޝަލް ހުރީ ކަމަރު ބާރުކޮށްލައިގެންނެވެ. އޭނަ ފަހެއް ނުޖެހޭނެއެވެ. އޭނަ އެހާ ފިނޑިއެއްނޫނެވެ. ވަރުބަލިވެ ނާއުންމީދުވާ ކޮންމެފަހަރަކު މިޝަލް ވިސްނާލަނީ އޭނަ ލޯބިވާ އެންމެން ދޫކޮށް ދިޔަ މަގުސަދާއި ދޭތެރޭގައެވެ.
ޒައިހާން އާއި މިޝްލާގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު މިޝަލްގެ ހިތްކުދިކުދިވެއެވެ. ޒައިހާންގެ މަރު ހިތަށް އަރާ ފަހަރަކު މިޝަލްގެ ގައިން ހީބިހި ނަގައެވެ. ދެރަވެއެވެ. މިޝްލާ އުޅޭ ހާލު ހިތަށް އެރިޔަސް މިޝަލްއަށް ރޮވެއެވެ. މިހާރު މިޝްލާގެ ގާތަށް ދާން މިޝަލްއަކަށް ނުކެރޭނެއެވެ. އޭނައަކީ މިޝްލާގެ ކުށްވެރިއެކެވެ. ބަސްނާހާ ދަރިއެކެވެ. މިޝްލާގެ ގާތަށް އަނބުރާ ދާވަރަށްވުރެ މިޝަލް ލަދުގަނެއެވެ. ޒައިހާންގެ މަރަކީވެސް އޭނަ އާއި ހެދި ވީކަމެކެވެ. މިޝްލާ އާއި ހަތަރުކަޅި ހަމަކުރާ ވަރަށްވުރެވެސް އޭނަގެ ދަރަޖަ ދަށްވެއްޖެއެވެ.
މިހާރަކަށް އައިސް ހެދުން އަޅަން ޖެހޭގޮތުންވެސް މިޝަލްއަށް ނުހަނު އުނދަގޫވެއެވެ. ހޫޑީ ކަހަލަ އެއްޗެހި ލާފައި މާސްކް އަޅައިގެން ހުންނަން ޖެހޭތީ ވަރަށް ހޫނުވެއެވެ. އަވިގަދަ ދުވަހެއްނަމަ ގައިން ދިލަނަގާވަރުވެއެވެ. އެޕާރޓްމެންޓް އަކީ އޭސީކޮށްފައި ހުރިތަނެއް ކަމަށް ނުވާތީ މިޝަލް ނިދަން ޖެހެނީވެސް ފަންކާ ޖަހައިގެންނެވެ. ފިނީގައި ނިދުމަށް ހޭނިފައިވާ މިޝަލްއަށް މިއައި ބަދަލާއި ހުރެ ނުނިދޭ ދުވަސްތައް ގިނައެވެ. ލޮލުފިޔަ ޖަހާލެވެނީވެސް ވަރަށް ރަނގަޅަށް ފެންވަރައިގެން ފިނިކޮށްގެން އައުމުންނެވެ. ނިދާގަޑީގައިވެސް ތުނިއެއްޗެހި ލުމަށް މިޝަލް އާދަކޮށްފިއެވެ. އަރާ ހޫނުންނެވެ.
ޖެހިގެން އައި ދުވަހު އޮފީހުގައި ޔައުލާންއަށް ރަނގަޅަށް މަސައްކަތް ކުރެވުނުކަމަކަށް ނުވިއެވެ. ސްޓްރެސްވެގެން ގޮސް ސިކުނޑި ސުމަކަށް ދިޔަވަރަކުން ޔައުލާންގެ ގާތަށް އަންނަންފެށީ ރުޅިއެވެ. މުވައްޒަފުންނަށް ކުރެވޭ އެންމެ ކުޑަ ކަމަކަށްވެސް ހަޅޭއްލަވައެވެ. އެމީހުންވެސް ތިބީ ބިރުން ވިރިވިރިއެވެ. އެމީހަކަށް ކުރެވުނުހާ އެންމެ ރަނގަޅަކަށް ކަންތައް ކުރެވޭތޯ އެންމެން ބެއްޔެވެ. ނޫނީ އެމީހުންގެ ވަޒީފާއަށް ވަދާއުގެ ގޮތުން ސަލާމްކޮށްލިޔަސް ރަނގަޅުވާނެއެވެ. އެންމެ ކުދި ކަންތަކުން ވެސް ޔައުލާން ހުރީ ރުޅިއަރައިގެންގޮސް ފަޅައިގެންދާވަރުވެފައެވެ.
އިރާކޮޅުގެ ވަގުތެވެ. ނަވާލް ރަށަށް އަނބުރާ އައީ ރީއަލް ވަރަށް ގަދަޔަށް ހުން އައިސްގެން އުޅޭކަމަށް ކިއަނާގެ ފަރާތުން ހަބަރު ލިބުމުންނެވެ. ނަވާލް ކޮނޑުގައި ދަބަސް އަޅުވާލައިގެން ގެއަށް ވަނެވެ. ގޭތެރޭގެ ފަޅުކަން އިހުސާސްވުމުން ނަވާލްއަށް މޭމަތީގައި އަތް އަޅާލެވުނެވެ. “މިޝީ..” ނަވާލްގެ ދުލުން މިޝްލާގެ ނަން ބޭރުވުމާއި އެކީގައި ލޮލުން ކަރުނައިގެ ރޮނގެއް ނީރާލިއެވެ.
“ނަވާލްބޭ..” ކިއަނާގެ އަޑަށް ނަވާލަށް ދެލޯ ފުހެލެވުނީ ކިހިނެތްކަންވެސް ނޭނގުނެވެ. އޭރު ފަހަތުގައި ބޯތައްޓަކާއި ރުމާކޮޅެއް ހިފާއްޓައިގެން ކިއަނާ ހުއްޓެވެ. ތުންފަތްމަތީގައި ހިނިތުންވުމެއް ހުއްޓަސް އެ މޫނުމަތިން ދައްކުވައިދެނީ ކަންބޮޑުވެފައިވާކަމެވެ. ރީއަލް އާއި ހެދި ކިއަނާއަށް އެވަރުވާތީ ނަވާލްއަށް ހަމްދަރުދީވެވުނެވެ. އަދި އިންތިހާއަށް އުފާވެސްވިއެވެ. ރީއަލްދެކެ އެ އިންތިހާއަށް ލޯބިވާ ބައިވެރިއެއް ހުރުމުންނެވެ. ހަމްދުކޮށްލާފައި ނަވާލް ހިނގައިގަތީ ރީއަލްގެ ކޮޓަރިއަށެވެ.
ރީއަލް އޮތީ ހުންއައިސްގެން ލޯ ހުޅުވާނުލެވިފައެވެ. އިރުކޮޅެއް ނުވަނީސް ކިއަނާ ބޯތަށިތެރެއަށް ފެން އަޅައިގެން އައިސް ރީއަލް ކައިރީ އިށީނެވެ. އަދި ގައިގައި ފެންފޮތި ލައިދޭން ފެށިއެވެ. ވަރުބަލިކަމެއް ނެތި ކިއަނާ ރީއަލްގެ ޚިދުމަތުގައި ހުއްޓެވެ. ބަލާލާ މީހަކަށް އެއީ ކައިވެނިނުކޮށް އުޅޭ ދެމީހުންނޭ ބުނަން ދަތިވާނެއެވެ. އެހާވެސްބޮޑަށް ކިއަނާ ރީއަލްއަށް އަޅާލައެވެ. އެހާ ލޯބިދެއެވެ.
“އާނ ނަވާލްބޭ.. ދެވިދާނެތަ ބޭރު ގޮނޑީގައި އަޅުވާފައި އޮތް ރުމާކޮޅު ބަލާ..؟ އޭތި ހިކިދާނެ..” ކިއަނާ އެދުމުން ނަވާލް ކޮޅަށް ތެދުވިއެވެ. ސިޓިންގރޫމް ކައިރީހުރި ގޮނޑީގައި ފަންކާ އާއި ވާނެހެން އަޅުވާލާފައިވާ ދަނބު ރުމާކޮޅު ނަގައިގެން ހިނގައިގަތް ނަވާލްގެ ފިޔަވަޅުތައް ގަނޑުވީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑު އިވިގެންނެވެ. ހައިރާންވެފައި ނަވާލަށް ފުރަތަމަ ބަލާލެވުނީ ގަޑިއަށެވެ. ހަޔެއް ޖަހަން އުޅެނީއެވެ. އެވަގުތު އެގެއަށް އަންނާނެ މީހަކު ނޫޅޭނެއެވެ. ނަވާލް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި މީހާ ފެނިފައި ނަވާލްގެ ނިތަށް ރޫގިނަވާން ނެގީ ސިކުންތުކޮޅެކެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.





V. Reethi when will you upload the next part sis plus dhoru kaari huri mishla dho waiting for the next part ????? lysm stay safe sis
Masha allah ❤ Vrh vrh vrh vrh vrh rythi mi prt vess ❤? el akah neyngeyne dhw e gulhy yuel kameh ves ? anekka mishlaa baa dhoruga taki jehy ? So curious ?? Waiting for the nxt.. Lysm.. stay safe and take a very gud care ❤?
I think it’s mishla , anyways as always hama best of best ?? whn next, waiting curiously ?? lv u tc stay safe ????
Mishlaa dhw eii….. Vrh heeve… ?By the way Masha Allah vrh loabi and vrh reethi Mi part vx…??When next?? Curiously waiting for the next part……. ❤️
And vaahaka nunimmahchey ehaa avahah… ?Abadhu vx kiyaa hiyy vanee… ?Ehnve beynumeh noon dhuvahaku vx nimeykah.. ?Ehaa vx reethi.. ?
Hehe lets c dhw if its Mishla ? Thankyou so much Faruha ? Next part 15 or 16th ga.. Tests thah annaathy vrh busy.. Will try up kolladheveythw.. Aw thats so sweet of u dear ehe.. It will end kanneyge 50th ge kurin I think. This is adhi eh bai nuliye oiyh stry eh v ma yoon ah vx yageeneh noon
Ehnve dhw mi part vx thankolheh lass v….. Ok vaane…. Vaahaka ah vure gaaimu test muhimmehnu!!! Dhw….
And testah GOOD LUCK!!! ❤️❤️ly
Tc
Ss
Yes dear em swry abt that ? And thankyou so much once again Faruha.. Lym ? You stay safe and tgc too dear