“އަޅެ ނޫން” ނައިޝާ އެހެންބުނެ އޭނާގެ ފޯނު އެނދުމަތީގައި ބޭއްވި އެވެ. “ކިހިނެއްވީ ދަރިފުޅާ؟” ނައިޝާގެ މަންމަ އަހާލިއެވެ. އިއްޔެވީ ކަންތައް ނައިޝާ އޭނާގެ މަންމައަށް ކިޔައިދިނެވެ. “ހާދަހާ ގޮތެއްވެސް ނެތް ކުއްޖެކޭ ދޯ އެސައިފަކީ ނައިއަށް ގުޅާފަ އެއްޗެހި ކިޔަން” ނައިޝާގެ މަންމަ ހިތްހަމަނުޖެހިފައި ހުރެ ބުނެލި އެވެ.

“އެހެންވެ ސިމް ކާޑު ބިންދާލާ ފޯނު ފޯމެޓް ކޮށްލެވުނުއިރު ހަނދާނެއް ނުވި ހަނީފާއްތަގެ ނަންބަރު ނަގާކަށް… ނައިޝާ އަކަށް އެނަންބަރެއް ހިތުން ނުވެސް އެނގޭ” ދެރަވެލާފައި ނައިޝާ ބުންޏެވެ. އެވަގުތު ނައިޝާ ގަޔާ ކައިރިކޮށްލަމުން ދެރަނުވުމަށާއި ކޮންމެވެސް ގޮތަކުން ހަނީފާގެ ނަންބަރު ހޯދައިދޭނެ ކަމުގައި ނައިޝާގެ މަންމަ ބުންޏެވެ.

“ދަރިފުޅު ދެން ނިދާލާ… ހަވީރު ނުހައިކު ކޮއްކޮ އަންނާނެ ސުކޫލުން… ދަރިފުޅު އަންނަކަމެއް ކޮއްކޮއަކަށް ނޭނގޭނެ… ފެނިއްޖެނަމަ ވަރަށް ސަޕްރައިޒް ވާނެ…. އެކަމަކު ދަރިފުޅު ރޯތަން ކޮއްކޮއަށް ފެނިއްޖެއްޔާ ވަރަށް ދެރަވާނެ” ކޮޓަރިން ނިކުންނަމުން ނައިޝާގެ މަންމަ ބުންޏެވެ.

ހަވީރު ސަޔަށް އެންމެންވެސް މޭޒުދޮށަށް ޖަމާވިއެވެ. “ވޯ…ކުޑާވެސް އެބަހުރިތަ؟” ނައިޝާ ފެނިގެން ހައިރާންވެ ހުރެ އުފަލުން ނުހައިކު އަހާލިއެވެ.އެވަގުތު ނައިޝާ ނުހައިކުއަަށް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“ސަޕްރައިޒް ވެއްޖެ ދޯ؟”ނުހައިކުއަަށް އޭނާގެ މަންމަ ބުނެލިއެވެ. “އާނ…ކުޑާ ނުވެސް އަންނަމެއްނު ކޮއްކޮގެ 12 އިޔާރސް ފުރުނު ބާރތުޑޭ ޕާޓީއަށް…ގިފްޓެއްވެސް ނުދޭ” ނުހައިކު ޝަކުވާ ކޮށްލިއެވެ.

“ސޮރީ ކުޑާއަށް ނާދެވުނީ…އަދި ގިފްޓެއް ދޭނަން އިނގޭ” ނުހައިކުގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެ ހުރެ ނައިޝާ ބުންޏެވެ.އެންމެން ކާމޭޒުދޮށުގައި ސައިބުއިން ކުރިއަށް ގެންދިޔަ އެވެ. “އަދި ހަނދާންނެތިފަ މިހުރީ ކޮބާ ކުޑާބެ؟…ނާދޭތަ؟” ކައިނިމި ކަޅުސައި ބޯން އިން ނައިޝާއަށް ނުހައިކު އެސުވާލު ކޮށްލުމުން ނައިޝާ ކޮށި އެރިއެވެ.

ނައިޝާ ކޮށި އެރުމުން އޭނާގެ މަންމަ ނައިޝާގެ ބުރަކަށީގައި ފިރުމާލަމުން ފެންތަށި ދިއްކޮށްލިއެވެ. “ދަރިފުޅާ ކުޑާއާ މާ ސުވާލުނުކޮށް އަވަހަށް ހުސްކޮށްލާ…ކުޑާބެ ނާދެ”ނައިޝާގެ މަންމަ ނުހައިކުއަަށް ބުނެލިއެވެ.

“ކީއްވެ ނައީ؟…އެއީ ވަރަށް ރަނގަޅު ބޭބެއެއް.. އެއްކަލަ ބުރު ދަތުރުގޮއްސަ ނުހައިކު އަށް ފީނަންވެސް ދަސްކޮށްދިން” ޝަކުވާވެރި ރާގަކަށް ނުހައިކު އެހެން ބުނުމުން ނައިޝާ އަވަހަށް އެތަނުން ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަނުމާއިއެކު އަނގަމަތީގައި އަތް އެޅުމަށްފަހު ނައިޝާ ރޯން ފެށިއެވެ. “ކީއްވެ ކުޑާ އެދިޔައީ؟” ނުހައިކު ދެރަވެލާފައި ބުންޏެވެ. “ދަރިފުޅާ ކުޑާ އުޅެނީ ބަލިވެ އެހެންވެ އޮށޯވެލަން އެދިޔައީ” ނުހައިކު އަށް އޭނާގެ ބައްޕަ ޖަވާބު ދިނެވެ.

********************

“ދަރިފުޅާ މިތަނަށް އައިފަހުން އަބަދު ތި އޮންނަނީ ކޮޓަރިތެރޭގަ ރޯން… ނުހައިކު ކޮއްކޮވެސް ދަރިފުޅު އަބަދު ކޮޓަރީގަ އޮންނާތީ އެސުވާލު ކޮށްފި…މަންމަމެން ކޮއްކޮ ކައިރީގަ ކިޔައިގެން މިއުޅެނީ ދަރިފުޅު ބަލިވެއޭ އުޅެނީ…ދެން ތިހެން ނުހަދާ ތެދުވެލާ ކޮއްކޮއާ އެކު އުޅެލާ ހަދާލީމައެއްނު ތިކަމުން ދުރުވެވޭނީ…ސައިފް މަތިން ދެން ދަރިފުޅު ހަނދާން ނައްތާލަބަލަ” ނައިޝާ ކައިރިއަށް އާދައިގެމަތިން ވަތްް އޭނާގެ މަންމަ ބުނެލިއެވެ.

“ނައިޝާ ބޭނުންވޭ ހަނދާން ނައްތާލަން… އެކަމަކު ސައިފާއެކު އައިއްސަ މިކޮޓަރިތެރޭގަ އުޅުނު ހަނދާންތަކާ އިއްޔެ ނުހައިކު ބުނި ދަތުރުގެ ހަނދާންއާވެ ރޮވެނީ” ލޯ ފުހެލަމުން ނައިޝާ އޭނާގެ މަންމައަށް ބުންޏެވެ.

“ދަރިފުޅު ސައިފް މަތިން ހަނދާންވަންޏާ ހިނގާ މިރޭ މަންމައާއެކު މަންމަ ކޮޓަރީގަ ނިދަން…ބައްޕަ މިކޮޓަރިއަށް ގެނެސްފަ” ނައިޝާގެ މަންމަ ބުންޏެވެ.

******************

ރޭގަނޑު ނިދާގަނޑި ޖެހުމުން ނައިޝާ އޭނާގެ މަންމަ ކައިރިއަށް ނިދަން ދިޔައެެވެ. “އަނެއްކާ ރޮނީއޭ ދޯ” ނައިޝާގެ މަންމަ އޭނާ ގަޔާ ކައިރި ކޮށްލަމުން ބުނެލިއެވެ. “ތިހުއްޓާލާ…ދަރިފުޅަށް އެއަށްވުރެ ރަނގަޅު ކުދިންވެސް ލިބޭނެ” ނައިޝާގެ މަންމަ ބުންޏެވެ.

“ނުލިބޭނެ ނައި އަކަށް ދުވަހަކުވެސް އިންނާނެ މީހަކު ނުލިބޭނެ…އެއްވެސް މީހަކު ބޭނުމެއްނުވާނެ ނައި ކަހަލަ ސިފަ ހަޑި މީހަކާ އިންނާކަށް…ނައި ފަލަވީމަ ނައިއަށް ވާހަކަ ދައްކާލާނެ ރަހުމަތްތެރިއަކުވެސް ނުލިބި ބާކީ ވެފަ ހުއްޓާ ސައިފާ ދިމާވެ ސައިފަށް ނައިގެ ހިތް ދެވުނީ” ނައިޝާ ރޮމުން ބުނެލިއެވެ. “ތިހެން ނުބުނޭ… މަންމަގެ ނައިޝާ އަކީ ހަޑި ކުއްޖެއްނޫން” ނައިޝާގެ މަންމަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ނައިޝާގެ ބޮލުގައި ބޮސްދެމުން ބުނެލި އެވެ.

“ނައި އަށް އެނގޭ މަންމަ ތިހެން ތިބުނަނީ ނައި ހިތްހަމަ ޖައްސަންކަން… އެކަމަކު ނައި ރީއްޗެއްނޫން.. އެހެންވީމަ އެއްނު ނައިއަށް މިހެން މިވީ” ނައިޝާ އޭނާގެ މަންމަގެ ކައިރީގައި އޮވެ ބުނެލިއެވެ.

“ދަރިފުޅު ޕުރެގް ޓެސްޓް ހަދާފަ ވާގޮތެއް ބަލާފަ މަންމައާއެކު ކަސްރަތަށް ދާނީދޯ…ނައި އަކީ ހަޑިކުއްޖެއްނޫން…އަދި ހިކުނީމަ މާރީތިވާނެ” ނައިޝާގެ މަންމަ އޭނާ އިތުރަށް ގަޔާ ކައިރިކޮށްލަމުން އޯގާތެރި ކަމާއެކު ބުނެލިއެވެ.

“މަންމާ ނައި އަސްލު ބޭނުމެއްނޫން ސައިފްގެ ބޭބީއެއް…އެކަމަކު ސައިފް ނައިގެ އަޑެއް ނޭހި…ނައި ރުފިޔާ ނުދިނީމަ ގުދަންތެރެއަށްލާ ބަދެ ވަރަށް އަނިޔާ ކުރި…މަންމައަަށް ނައި ކިޔައިދިނީމެއްނު…އެހެންވެ އެހާ ނުލަފާ މީހެއްގެ ދަރިޔެއް ނައި ބޭނުމެއްނޫން” ނައިޝާ ތުއްތު ކުއްޖެއްހެން އޭނާގެ މަންމަގެ ގައިގައި ބައްދާލައިގެން އޮވެ ގިސްޖެހެމުން ބުނެލިއެވެ.ނައިޝާ ގިސްޖެހެން ފެށުމުން އޭނާގެ އަޑު ބާރުވާން ފެށިއެވެ.

“ހުއްޓާލާ ދަރިފުޅާ ހުއްޓާލާ… އިރާދަފުޅުން ދެރަގޮތެއް ދަރިފުޅަށް ނުވާނެ… ދަރިފުޅު ދެކެ ލޯބިވާ މީހުން އެބަތިބި… ދަރިފުޅުގެ އާއިލާވެސް ހަނީފާއްތަ ވެސް ސައިފްގެ ބައްޕަވެސް އެހުރީނު.. މަންމަމެން ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވޭ… މަންމަމެންނަށްޓަކާ ދަރިފުޅު ނޯމަލް ލައިފަށް އައިސް ބަލަ” ނައިޝާގެ ލޮލުން ކަރުނަ ފުހެލާ ގަޔާ ކައިރިކޮށްލާ ބައްދާލަމުން އޯގާތެރި ކަމާއެކު ނައިޝާގެ މަންމަ އެހެންބުނެލިއިރު އޭނާގެ މަންމަވެސް ހުރީ ފެންކަޅިވިއެވެ.

ރޮއެރޮއެ ގޮސް ނައިޝާއަށް ނިދުމުން އޭނާގެ މަންމަ އެކޮޓަރިން ނިކުތްއިރު  ނައިޝާގެ ބައްޕަ ކޮޓަރި ދޮރުމަތީގައި ހުއްޓެވެ. “ނައިޝާ ރޮނީދޯ؟” ނައިޝާގެ ބައްޕަ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ނައިޝާގެ މަންމައަށް އަހާލިއެވެ.

“އާނ… އެފަކީރު މުޅިން ހަލާކުވެއްޖެ… އަހަންނަކަށް ކެތެއް ނުކުރެވޭނެ އޭނަ ހިތާމަ ކުރާތަން ދެކޭކަށް…މައްސަލަ ޖައްސާކަށް ވެސް ނައިޝާ ބޭނުމެއްނުވޭ” ކެތްނުކުރެވިގެން ގޮސް ނައިޝާގެ މަންމައަށް ވެސް ރޮވުނެވެ.

“ނުރޮއެ ހުއްޓާލާ..އޭނަ ކުރިމަތީގަ ތިހެން ރޯންވެއްޖެނަަމަ އޭނާ ހައްތަހާ ދެރަވާނީ…ނައި އަށް ކައުންސެލިން ދޭން މަށަށް ފެންނަނީ” ނައިޝާގެ މަންމަ ގަޔާ ކައިރިކޮށްލަމުން އޭނާގެ ފިރިމީހާ ނައިޝާގެ ބައްޕަ ބުނެލިއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!