ފޯނު ފޯމެޓް ކޮށް މޭޒުމަތީގައި ބޭއްވުމަށް ފަހު އަރައިގަނެފައިވާ ރުޅިއާއިއެކު ނައިޝާ ދިޔަގޮތަށް ގޮސް ވަރިވުމަށް އެދި ހުށަހަޅާ ފޯމު ފައިލުން ނެގިއެވެ.އަދިި ތާރީޚު ލިޔަން ހާއްސަކޮށްފައިވާ ރޮނގާ ދިމާއަށް ގަލަން ގެންދިޔަ އެވެ.

“ބޭބީއެއް ލިބިއްޖެއްޔާ އެބޭބީ އިންނާނީ ބައްޕަނެތް ކުއްޖެއްގެ ގޮތުގަ ސައިފް ހަވާލު ނުވެއްޖެނަމަ…އޭރަށް މާދަން ބޭބީ ބޮޑުވެގެން އޭނައަށް އޭތި ފެނުނީމަ ކިހާ ދެރަވާނެ” ތާރީޚު ޖަހަން އުޅުނު ނައިޝާއަށް އޭނާގެ ދޮންތަ ބުނި ބަސްތައް ހަނދާން ވުމުން  ތާރީޚު ނުޖަހާ ފޯމު ފައިލަށް ލުމަށްފަހު ސޯފާގައި އިށީނެވެ.

ނައިޝާ އޭނާގެ ބޮލުގައި އަތް ވިއްދާލުމަށްފަހު ރޯންފެށިއެވެ.މި ކަންތައްގަނޑުން ސަލާމަތްވެ ކިރިޔާވެސް ނައިޝާއަށް ހިތްހަމަޖެހިލެވޭނީ ވަރިވުމުންކަމުގައި އޭނާގެ ހިތަށް އަރަމުން ދިޔައެެވެ.

ދޮރުގައި މީހަކު ޓަކިޖެހުމުން ނައިޝާ ގޮސް ދޮރު ހުޅުވާލިއެވެ. “ނަައި ރޮނީތަ؟” ވަދެގެން އައި ނައިޝާގެ ދޮންތަ އޭނާއަށް ބުނެލިއެވެ. ނައިޝާ ދެންމެ ކަންވީގޮތް އޭނާގެ ދޮންތައަށް ކިޔައިދިނެވެ.

“އެހެންވެދޯ ފޯނު ނިވާލައިފައޭ މަންމަ ބުނީ… މަންމަ ނައިއަށް ގުޅިއިރު ފޯނު ނިވާލާފަ އޮތް ވާހަކަ ދޮންތަ ކައިރި ބުނީމަ ޚަބަރު ބަލާލަން މިއައީ” ނައިޝާއަށް އޭނާގެ ދޮންތަ ބުނެލިއެވެ.

“ނައި އަބަދު ތިއިންނަނީ ހިތާމަކޮށް ރޯން…ދޮންތައަށް ފެންނަނީ ނައި ދުވަސްކޮޅަކަށް ނަމަވެސް މަންމަމެން ކައިރިއަށް ލަންކާއަށް ދާން… މާހައުލު ބާދަލުކޮށްލެވުނީމަވެސް ހަމައަކަށް އެޅިދާނެ…އަނެއްކާ މަންމަމެން ކައިރީގަ ހުންނަންވީމަ ނައި ވެސް، އެމީހުންވެސް ހިތްހަމަ ޖެހޭނެހެން ދޮންތައަށް ހީވަނީ” ނައިޝާގެ ދޮންތަ އެހެންބުނުމުން އޭނާވެސް ބޭނުމީ މިވަގުތު މަންމަމެން ކައިރިއަށް ލަންކާއަށް ދާން ކަމުގައި ބުނެލިއެވެ.

“ދޮންތައާ މަންމައާ ވާހަކަދައްކާފަ ޓިކެޓް ވެސް ބަލާފަ އިންނާނީ… ނައި ބޭނުންވަންޏާ މާދަން ވެސް ފުރަންވީ… މާދަމައަށް ޓިކެޓް ލިބޭނެ” ނައިޝާގެ ދޮންތަ އެހެންބުނުމުން މާދަން ފުރަން ބޭނުންވާ ވާހަކަ ނައިޝާ ބުނެލިއެވެ.

“އެކަމަކު ނައިގެ އަންނައުނު އަޅާ ފޮށްޓެއް ނެތް…ނައިގެ ފޮށި ސަނާއަށް ދިނީ…ނައި ގެނައީ ސަނާ މާލެ އައިއިރު ގެނައި ފޮށި…އޭތި ނައި އެއްލާލާފިން” ނައިޝާ ކަރުނަ ފުހެލުމަށްފަހު ބުންޏެވެ.

މިރޭ އަށެއް ޖަހާއިރު ތައްޔާރުވޭ ދޮންތައާއެކު ފޮށްޓަކާ ސިމްކާޑެއް ގަންނަން ދާން ދޮންތަގެ ޚަރަދުގަ” ނައިޝާގެ ދޮންތަ އެހެންބުނުމުން ނައިޝާ ރުފިޔާ ދައްކާނަން ކަމުގައި ބުނި ނަމަވެސް އެކަމާ އޭނާގެ ދޮންތަ ދެކޮޅުހެދިއެވެ.

ރޭގަނޑު އަށެއް ޖެހިއިރު ނައިޝާ އާއި އޭނާގެ ދޮންތަ ކާރުގައި ފިހާރަދޮށަށް ދާން ނިކުތެވެ.ފޮއްޓާއި ސިމް ގަތުމަށް ފަހު، ގަތް ފޮށި ޑުރައިވަރ ކަމާލް އަތަށް ދީފައި ގެއަށް ފޮނުވާލުމަށްފަހު ނައިޝާ އާއި އޭނާގެ ދޮންތަ ކުޑަކޮށް ހިނގާާލަން ދިޔައެެވެ.

“ހިނގާ ޖޫގޯއެއް ބޯލަން” ނައިޝާގެ ދޮންތަ ބުނެލިއެވެ. ދެމީހުން ޖޫގޯ ހިފައިގެން އާޓިފިޝަލް ބީޗަށްވަދެ މޫދުކައިރި ހުރި ބެންޗުގައި އިށީނދެލިއެވެ.ޖޫގޯ ބޮއެ ނިމުމުން އެދެމީހުން މާލެތެރޭގައި ހިނގާލިއެވެ. “ވަރަށް ހިނގިއްޖެއެއްނު ހިނގާ ދެން ގެއަށްދާން… އެކަމް ނައި ބޭނުންނަމަ އަދިވެސް ހިނގާލެވިދާނެ”ނައިޝާގެ ދޮންތަ ބުނެލިއެވެ. “ނޫން ހިނގާ ދާން މާދަން ހެނދުނު ފުރަން ޖެހެއެއްނު” ނައިޝާ އޭނާގެ ދޮންތައަށް ބުންޏެވެ.

ޑުރައިވަރ ކަމާލް އަށް ނައިޝާގެ ދޮންތަ ގުޅުމުން ކަމާލް ކާރުގައި އެމީހުން ތިބި ތަނަށް ބަލައި އައެވެ.އެމީހުން ކާރަށް އެރުމުން ކަމާލް ކާރު ދުއްވާލުމަށް ފަހު ގޭ ދޮރުމައްޗަށް ކާރު ހުއްޓިއެވެ. ކާރުން ފައިބައިގެން ގެއަށްވަދެ ނައިޝާ އެއްޗެހިތައް ޕެކުކުރަން އުޅުނެވެ.ނައިޝާ އޭނާގެ ދޮންތައާ އެކު މިރޭ ބޭރަށް ނިކުތުމުން ކޮންމެވެސް ވަރަަކަށް ހަމައަކަށް އެޅުނެވެ.

ލަންކާ އެއާޕޯޓުން ނިކުތްއިރު ނައިޝާ ބަލާ އޭނާގެ މަންމައާ ބައްޕަ އައިސް ތިއްބެވެ.ނައިޝާއަށް އޭނާގެ މައިންބަފައިން ފެނުމުން ރޮވުނެވެ.”ނުރޮއެ ހުއްޓާލާ ދަރިފުޅާ” ނައިޝާ ގަޔާ ކައިރިކޮށްލަމުން އޭނާގެ މަންމަ ބުނެލިއެވެ.އެއާޕޯޓުން ގެއަށް ކާރުގައި އައި އިރުވެސް އޭނާގެ މަންމަ ލޯތްބާއި އެކު ނައިޝާ ގަޔާ ކައިރިކޮށްލައިގެން އިނެވެ.

“ހިނގާ ކާން ދޯ ދަރިފުޅާ” ގެއަށް ވަނުމާ އެކު ނައިޝާގެ މަންމަ ލޯބިން ބުނެލިއެވެ.ކާން ތައްޔާރުކޮށްފައިވާ މޭޒުދޮށުގައި ނައިޝާ އިށީނުމުން އޭނާގެ މަންމަ ނައިޝާއާ ޖެހިގެން އިށީނުމަށްފަހު، ނައިޝާގެ ތައްޓަށް ކާތަކެތި އަޅައިދޭން ފެށިއެވެ.ނައިޝާގެ ކައިރީގައި އޭނާގެ ބައްޕަވެސް އިށީނެވެ. “ރަނގަޅަށް ކައްޗޭ އިނގޭ ދަރިފުޅާ” ނައިޝާގެ ބައްޕަ އޭނާގެ ބޮލުގައި ފިރުމާލަމުން އޯގާތެރިކަމާއެކު ބުނެލިއެވެ.

އެދެމީހުންގެ މެދުގައި އިން ނައިޝާއަށް އެމީހުންގެ އޯގާތެރިކަން އިހުސާސް ކުރެވިގެން ރޯންފެށިއެވެ. “ދަރިފުޅާ ނުރޮއެ ދެން ހުއްޓާލާ” ނައިޝާގެ ބައްޕަ ނުހަނު ލޯތްބާއި އެކު މަޑުމަޑުން ބުނެލި އެވެ. ކައި ނިމިގެން ނައިޝާ ކޮޓަރިއަށް ވަނެވެ.އެއީ އޭނާ ސައިފާ އެކު ކައިވެނި ކޮށްގެން އައިސް ހުރި ކޮޓަރިއެވެ.އެކޮޓަރިއަށް ވަތް ނައިޝާއަށް ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާހަނީމޫން ދަތުރުގެ ހަނދާންއާވެ ރޮވެން ފެށިއެވެ.

ނައިޝާ އެނދުމަތީގައި ބަންޑުން އޮށޯވެގެން އޮވެ ކަރުނަ އޮހޮރަމުން ގެންދިޔަ ވަގުތު އޭނާގެ މަންމަ އެކޮޓަރިއަށް ވަނެވެ. “ނައީ ދަރިފުޅާ ދެން ހުއްޓާލަބަލަ” ނައިޝާ ކައިރީގައި އިށީނަމުން އޭނާގެ މަންމަ ބުނެލިއެވެ. ނައިޝާ އޭނާގެ މަންމަގެ އުނގުގައި ބޯ އަޅާލިއެވެ. “ނައިޝާއަށް ރޮވެނިއޭ މަންމާ… ނައި ބޭނުމެއްނޫން ރޯކަށް ނައި ގަސްތުގައެއްނޫން ރޮވެނީކީ” ނައިޝާ ރޮމުން އޭނާގެ މަންމައަށް ބުނެލިއެވެ.

“ތެދުވެ ހުއްޓާލަބަލަ…ތެދުވެބަލަ ދަރިފުޅާ” ނައިޝާގެ މަންމަ އެހެންބުނުމުން ނައިޝާ ތެދުވެ އިށީނެވެ. “ހުއްޓާލާފަ ކަންވީގޮތް މަންމައަށް ކިޔައިދީބަލަ” ނައިޝާގެ ލޯ ފުހެލަދެމުން އޭނާގެ މަންމަ ބުނެލިއެވެ.

ނައިޝާ އޭނާގެ މަންމައަށް ކަންވީ ހުރިހާ ގޮތެއް ކިޔައިދިނެވެ. “ހާދަހާ ނުލަފާ ބައެކޭ ދޯ އެއީ…ހެޔޮވާނެތަ އަހަރެންގެ ދަރިފުޅަށް  އިހާނެތިކޮށް ހަދަން…ދަރިފުޅު ދެރަނުވޭ ﷲ އިރާދަފުޅުން ދެރަގޮތެއް ދަރިފުޅަށް ނުވާނެ” ނައިޝާގެ މަންމަގެ އަޑުގައި ވަނީ ހިތާމައެވެ.ނަމަވެސް ނައިޝާގެ މަންމަ އޭނާގެ ކުރިމަތީގައި އެކަމެއް ނުދައްކައެވެ.

“މަންމަ ބޭނުންވޭ ދަރިފުޅަށް އެހީވެދިން ހަނީފާއާ ވާހަކަ ދައްކާލަން…އަހަރެންގެ ދަރިފުޅު އެނުބައި މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް އެހީވެދިނީމަ މަންމަ ބޭނުންވޭ އޭނާއަށް ގުޅާފަ ޝުކުރު އަދާކުރަން” ނައިޝާގެ މަންމަ އެހެންބުނުމުން އެނދުމަތީގައި އިން ނައިޝާ ކުއްލިއަކަށް ތެދުވެ އޭނާގެ އަތްދަބަސް ހުޅުވާލުމަށްފަހު ފޯނު ނަގައި ހާވާލިއެވެ.

 

 

 

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!