އެތައް ވާހަކަތަކެއް ދައްކާފައި އެ އުޚްތާގެ ވާހަކަތައް ކުރުކޮށްލީ އެ ދުވަހައް ކަނޑައެޅިފައިވާ ވަގުތު ހަމަވެގެންނެވެ. އެ އުޚްތާގެ ވާހަކަތަކަށް އަހަންނަށް ގެއްލި ހުސްވެފައި އިނދެވުނީ ވަގުތު ދާގޮތްވެސް ނޭނގިއެވެ. އެތައް ދުވަހެއްގެ ފަހުން މީހެއްގެ ވާހަކަތަކައް ޝަޢުޤުވެރި ވެވިއްޖެއެވެ. އެ ވާހަކަތައް ދައްކަމުން ދިޔަ ހިނދު އަހަރެންގެ ދިރިއުޅުމުގެ ބައެއް ޞަފްހާތައްވެސް ހިތައް ސިފަވަމުންދިޔައީ އެ އުޚްތާގެ ވާހަކަތަކާއި ގުޅިފައިވުމުންނެވެ. ވާހަކަތައް ކުރުކޮށްލާފައި ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި، ބައެއް މީހުންނައް އޮޅުންއެރި ކަންކަމަށް ވެސް އެ އުސްތާޒާ ޖަވާބު ދެއްވިއެވެ. ގެއަށް އައިސްވެސް އަހަންނަށް ވިސްނެމުން ދިޔައީ އެތާގައި ދެކެވުނު ވާހަކަތަކަށެވެ. އަދި އަހަރެންގެ ދިރިއުޅުމާއިމެދުގައެވެ.

ނަމާދު ކުރުމުގައި ދެމި ހުރެވުނު ނަމަވެސް، އިޙްލާސްތެރި ހިތަކުން ﷲ މަތިން ހަނދުމަކުރުމާއި ވަރަށް ދުރުވެވިފައިވާކަން ފުރަތަމަ ފަހަރައް އިހްސާސް ވިއެވެ. ﷲގެ މަތިވެރިކަމާއި އޯޤާވަންތަކަން އެނގި ޤަބޫލު ކުރި ނަމަވެސް، އަޅުކަންތައް ކުރަމުންދާ ވަގުތު ސިކުނޑި ޣަރަޤުވެފައިވަނީ ޝައިޠާނާގެ ވަސްވާސްތަކުން ދުނިޔަވީ ކަންކަމުގައެވެ. އިސްތިޣްފާރަކީ ވަރަށް ގިނަ ދަތި އުނދަގޫތަކުން މީހާ ސަލާމަތްކޮށްދޭ ކަމެއްކަން އެނގިހުރެ އިސްޣްފާރު ކުރަމުންދާތާ އެތައް ދުވަހެއް ވީނަމަވެސް އެކަން ކުރެވެނީ ރަނގަޅައްނޫންކަން ފުރަތަމަ ފަހަރައް ވިސްނުނެވެ.

ކުރެވެމުން ދިޔައީ ފޭކް އިސްތިޣްފާރުކަން އިހްސާސްވީ ބައިވެރިއަކު އެކަމާއިމެދު ކުރި ސުވާލުތަކަށް އެ އުސްތާާޒާ ދިން ޖަވާބު ތަކުންނެވެ. ދުލުން އަސްތަޣްފިރުﷲ 1000 ފަހަރު ކީ ނަމަވެސް ހިތުން އެކިޔޭ ލަފްޒާއިމެދު ފިކުރު ކޮށްލެވެނީ ސިކުންތަކަށް ނުވަތަ ދެތިން ސުކުންތަކަށެވެ. އެކަން ކުރަނީ ހެޔޮ ނިޔަތުގައި އެކަމުން ފައިދާވާނެކަން އެނގިހުރެ ފައިދާ ލިބުމަށްއެދި ނަމަވެސް، ހިތާއި ސިކުނޑި، ދުލުން ބޭރުކުރަމުން ދިޔަ ލަފްޒާއި ބައިވެރިއެއް ނުވެއެވެ. ނަފްސުގެ ސަލާމަތައްޓަކައި ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަމުން އައި ނަމަވެސް ދުލުން ބޭރުކުރާ ބަސްތަކުގެ މާނަޔައް ވިސްނުމެއްނެތި ނުވަތަ މި ދުޢާ ކުރަނީ ކޮންކަމަކަށްކަން ނޭނގިހުރެ، އަދި ކަންކަމުގައި މި އެދެވެނީ ކޮންފަރާތަކުންކަމާއިމެދު ޚިޔާލު ކުރުމެއްނެތި ދުލުން އަރަބި ބަސްތައް އަތުރާލަނީއެވެ. ހިތާއި ސިކުނޑި އެ ދުޢާތަކުގައިވެސް ބައިވެރިއެއް ނުކުރަމެވެ. އެހެންވީއިރު އެ ދުޢާ ތަކުގައި އެއްވެސް ބުރަދަނެއް ހުންނާނެ ހެއްޔެވެ؟ މާނައެއްނެތި ދުލުން ބޭރުކުރާ ބަސްތަކެއްގައި ހެޔޮކަމެއް ވާނެ ހެއްޔެވެ؟ މިކަންކަމާއި އަހަރެން ކުރިން ނުވިސްނީ ކީއްވެގެން ހެއްޔެވެ؟ މިއީ “ކޮމަން ސެންސް” އޭ  ބުނާ ކަހަލަ ވިސްނާލައިފިނަމަ އާދައިގެ މީހަކަށްވެސް އެނގޭނެ ކަމެކެވެ. ނަމަވެސް އަހަރެންގެ ސިކުނޑިވީ ކޮންދިމާލަކު ހެއްޔެވެ؟ ރޮބަޓެއްހެން އެއްވެސް އިހްސާސެއްނެތި ހަރަކާތްތަކެއް ކޮށްލަނީއެވެ.

ނަމާދައް ރައްކާތެރިވެ ޒިކުރުތައް ބަރާބަރައް ކީ ނަމަވެސް ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނަނީ ކީއްވެކަމާއިމެދު އަބަދުވެސް މިފަހަކައް އައިސް ހިތުގައި ޝަކުވާވެއެވެ. މިތަކެތިން ލިބޭ ރޫޙާނީ ފައިދާ ނުކުރަނީ ރަނގަޅުގޮތުގައި އެކަން ނުކުރެވޭތީ ތާއެވެ. ދުޢާ އިޖާބަ ނުކުރައްވަނީވެސް ރަނގަޅު ގޮތުގައި ދުޢާވެސް ނުކުރެވޭތީތާއެވެ.

އަހަންނައް މުޅިންވެސް ވިސްނެމުން އައީ އަހަރެންގެ ދިރިއުޅުމުގެ ހިތާމަތަކާއިމެދުގައެވެ. އަހަރެންގެ ހުރިހާ ދަރިންނަށްވެސް ކިޔަވައިދޭނެ ފުރުސަތު ހޯދައި ދިނުމުންވެސް އެއްވެސް ދަރިއަކު ރަނގަޅު ފެންވަރެއްގައި ކިޔަވާފައި ނެތުމުންނެވެ. ރަނގަޅު މޮޅު ވަޒީފާތަކުގައި ނޫޅޭތީއެވެ. އެކުދިންގެ ދިރިއުޅުން ރަނގަޅު ގޮތުގައި ބައްޓަން ކޮށްފައި ނެތުމުންނެވެ. އެކުދިންގެ ފުށުން ލިބިފައިވާ ޅީދަރިންގެ ރަނގަޅު އުޅުމެއް ނުހުންނާތީއެވެ. ރަނގަޅުގޮތް ބުނެދިނަސް ދޭ ނަސޭހަތްތަކުގައި ނުހިފާތީއެވެ. އަހަރެން ދީނަށް ލޯބިކޮށް ކުޑައިރުންސުރެ އެކުދިން ލައްވާ ނަމާދުކުރަން އާދަކޮށްދިން ނަމަވެސް މިއަދު ބޮޑުވެގެން އަމިއްލަ ދިރިއުޅުން އުޅެމުންދާއިރު ގިނަ ކުދިން އެންމެ ކުޑަ މިނުން އެ އާދަވެސް ވަނީ ދޫކޮށްލާފައެވެ.

އަހަންނަށް އަބަދުވެސް ވިސްނެމުން ދިޔައީ އަހަރެންގެ މުހިންމުކަން އެއްވެސް މީހަކަށް އިހްސާސް ނުވާކަމެވެ. އަހަރެންގެ ފިރިމީހާއަކަށް، އަހަރެންގެ ދަރިންނަކަށް އަދި އަހަރެންގެ އެއްބަނޑު އެއްބަފާ މީހުންނަށްވެސް އަހަރެން މުހިންމުނުވާ ސަބަބާއިމެދުގައެވެ. އަހަރެންގެ ހިތުގައިވަނީ މުޅިންވެސް ޝަކުވާއެވެ. ހިތާމަވެރި އެތައް ކަރުނެއް މި ލޮލުގައި ފޮރުވައި ތަޅުލާފައި ވެއެވެ. އަހަންނައް ވިސްނެމުން އައީ އަހަންނަކީ ބޭކާރު މީހެއްގެ ގޮތުގައެވެ. އަހަރެންގެ ހިތުގައި އަޅާވޭނާއި، މި ހިތައް ކުރެވޭ އިހްސާސްތައް ދަންނަ އެއްވެސް ދަރިއަކުވެސް ނެތްކަމުގެ އިހްސާސެވެ.

ﷲ އެއްވެސް ނަފްސަކައް ނުއުފުލޭނެވަރު ބުރައެއް ނުޖައްސަވާނެކަމާއި، ކޮންމެ ދަތިހާލަތަކަށްފަހު ފަސޭހަކަން ދެއްވާނެކަން އަހަރެން ހިތުން ޤަބޫލު ކުރަމެވެ. އަދި އަބަދުވެސް އިންތިޒާރު ކުރަމުން އައީ މި ހިތާމަތައްނިމި އެ ފަސޭހަކަން، ނުވަތަ އެ އުފާވެރިކަން ލިބޭނެ ދުވަހަކަށެވެ. ނަމަވެސް މިގޮތައް ޤަބޫލުކޮށް މިކަމަށް އިންތިޒާރު ކުރަމުން އައި ނަމަވެސް އެ ހިތާމަތައް ބޮޑުވާ ވަގުތުތަކުގައި މިކަންކަމަށް ނިމުން ނާންނާތީ، އުއްމީދު ކުޑަވެ ޝަކުވާއިން ހިތްފުރެއެވެ. އަދި އަހަންނައް މި ހިތާމަތައް ކުރިމަތިވަނީ ކީއްވެކަމާއިމެދު ވިސްނި، އެ ހިތްދަތި ޚިޔާލުތަކުން މި ހިތަށާއި ސިކުނޑި މިންޖެއް ނުވެއެވެ.

ސިކުނޑީގެ ކަސްރަތަކާއި ބެހޭގޮތުން އަދި މިއަޑުއެހީ ފުރަތަމަ ފަހަރަށެވެ. އެ އުޚްތާގެ ވާހަކަ ތަކުންނެވެ. އަމިއްލަ އަށް ސިކުނޑިއާއި ހިތުގައި ހިނގަމުންދާ ޚިޔާލުތައް އެހެން ދިމާލަކަށް ގެންދިއުމުގެ މުހިންމުކަމުގެ ވާހަކައެވެ. ލިބެމުންދާ ނުވަތަ އިހްސާސް ކުރެވެމުންދާ ވޭންތަކުގައި، އަބަދު ޣަރަޤުވެގެން ނުހުރެ ސިކުނޑި މިކަމުން މިންޖު ކުރުމަށް ވިސްނުން ނުވަތަ ޚިޔާލުތައް އެހެންދިމާލަކަށް ގެންދިއުމަށް މަސައްކަތް ކުރެވޭތޯ ބެލުމައް އަހަރެން އާންމުކޮށް ކޮއްއުޅޭކަމަކީ ގޭތެރޭގެ މަސައްކަތެވެ. އަބަދު ބަދިގެތެރޭގައި ބުރަކަމުގައި އުޅޭ ވަގުތުތަކުގައި އެ އިހްސާސްތަކާއި ތަންކޮޅެއް ދުރުވެވުނު ނަމަވެސް، މާބޮޑައް ވަރުބަލިވެ ނުވަތަ ބަލިކަން އިހްސާސްވާހިނދު، ދަރިންގެ އެހީތެރިކަން ނުލިބޭކަމުގެ ޚިޔާލުތަކުން އަނެއްކާވެސް މި ހިތް ރޮއްވާލައެވެ.

ނަމަވެސް މިފަހަރު އެ އުޚްތާ ބުނުއްވިހެން އަހަންނަށް ނުލިބޭ އުފާތައް ހަނދުމަ ނައްތާލެވޭތޯ މަސައްކަތް ކޮށް ލިބިފައިވާ އުފާތަކެއް ވޭތޯ ވިސްނާ، އެކަމަކަށް ﷲ އަށް ޝުކުރުކުރާ ނުވަތަ އުފާކުރާ އުފަލެއް ވޭތޯ ފިކުރު ކޮށްލީމެވެ. ފުރަތަމަ ކަމަކައް ސިއްހަތު ރަނގަޅު ލޯބި ދަރިންތަކެއް ﷲ އަހަންނަށް ދެއްވާފައި ވެއެވެ. ބޮޑެތި ކޯޅުންތަކެއް، ހަސަދަ ވެރިކަމެއް ނެތް އެކުވެރި އެއްބަނޑު އެއްބަފާ ދައްތަމެންތަކެއް ﷲ އަހަންނައް ދެއްވަވާފައި ވެއެވެ. ތިންވަނަ ކަމަކައް އަހަރެން ބޭނުން އެއްޗެއް ބޭނުން ވަގުތަކު ގަނެވޭނެ ފަދަ ތަނަވަސްކަން ﷲ އަހަންނައް މިންވަރު ކުރައްވާފައި ވެއެވެ. ހަތަރުވަނަ ކަމަކައް އަހަރެން ބަލި ނަމަވެސް ތެދުވެ ހިނގާ ބިނގާ އަމިއްލަ އަށް އަމިއްލަ ކަންކަން ކުރުމުގެ ކުޅަދާނަކަން ﷲ އަހަންނަށް ދެއްވަވާފައި ވެއެވެ. ފަސްވަނަ ކަމަކައް އަދި އެންމެ ޝުކުރު ކުރަންވީ ކަމަކައް މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު އަހަންނަށް ﷲ މިންވަރު ކުރައްވާފައި ވެއެވެ. އަހަރެމެނަށް ފަސޭހަކަމާއިއެކު ނޭވާ ލެވެމުންދާކަމާއި، މިނިވަންކަމާއިއެކު ދީނީ ވާޖިބުތައް އަދާކުރެވޭ ކަމާއި، ހިތްގައިމު މާހައުލަކަށް ނިސްބަތްވާކަމާއި، ބޯހިޔާވަހިކަމާއި، ފުދިގެން އުޅެވުން ފަދަ އެތައްކަމެއް އަހަރެން ހަނދާން ނެތިފައިވިއެވެ. އަދި މި ނޫންވެސް ހެޔޮ އަމަލެއް ކުރުމަށް އަހަންނަށް ލިބޭ ކޮންމެ ވަގުތަކީ އަހަރެމެން އެކަމަކަށް ޝުކުރުކޮށް ޙަމްދު ކުރަންވީ ކަންކަން ކަން އެތައް ދުވަހަކަށްފަހު އަލުން ހަނދާންވިއެވެ.  ކަންކަމަށް ޝުކުރުކޮށް ޙަމްދު ކުރަންވާ ވަރަށް ޙަމްދު ނުކުރެވޭކަން އިހްސާސްވިއެވެ. އަދި އެޔާއިއެކު ގިނަގިނައިން ޝުކުރުކޮށް ޙަމްދުކުރާ މީހުންނަށް ﷲ އިތުރު ކޮށްދެއްވާނެކަން އަންގަވާފައި ވާކަންވެސް ސިކުނޑީގައި ލިޔެވުނެވެ.

އަހަންނަށް ލިބިފައިނުވާ އުފާތަކާއިމެދު ހިތާމަ ކުރެވި މާޔޫސްކަން މަތީ ދެމިހުރެވުނުއިރު، ފުން ހިތާމައެއް ލިބެމުން ދިޔަ އަނެއްކަމަކީ މާޒީގައި ދިމާވެފައިވި ހިތާމަވެރި ހާދިސާތަކުގެ ހަނދާންތަކެވެ. މައިންބަފައިން އެހެން ދަރީންނާއި އަހަރެން ތަފާތުކުރި ހާދިސާތަކުން ހިތައް ލިބުނު ވޭންތައް ތާޒާ ވަމުން ދިޔައެވެ. ތަކުރާރުވެފައިވާ އެފަދަ އެތައް ހާދިސާއަކުން ލިބުނު ވޭންތަކުގައި މަލަން އަޅައިގެން ފޮރުވައިގެން ހުރުމުން އިތުރު ހިތާމައެއް ނުވަތަ ވޭނެއް ލިބެމުންދިޔަ ކޮންމެ ފަހަރަކު ކުރީގެ އެ ވޭންތަކާއި އެއްވެ ހިތައް ހެރެމުންދިޔަ ތީރުތައްވީ އިތުރައް ފުނެވެ. އަދި ހަމަ އެ އުޚްތާ ބުނުއްވިފަދައިން އެ ވޭންތަކައް ފަރުވާ ނުކޮށް އެ އިތުރު ވަމުން ދިޔުމުން އެ ޒަހަމްތަކުގައި އިންފެކްޝަން އުފެދި ފާރުގަނޑަކަށް ބަދަލުވެ، އަހަރެންގެ ނަފްސާނީ ހާލަތު އައީ ދައްވަމުންނެވެ. އަހަރެންގެ ހިތައް އުފާވެރިކަން ލިބުނު އެންމެ ސިކުންތެއްވެސް ނާންނަ ފަދައެވެ. ވަށައިގެންވާ މީހުންގެ ކޮންމެ އަމަލެއްވެސް އިތުރު ތީރަކައް ބަދަލުވެ ސީދާ ހިތައް ވަންނަމުން ދިޔައެވެ. އަދި މި ހިތް ތީރުތަކުން ފުރި، ހިތުގެ ވޭން އަހަންނައް ބޭރުކުރެވެނީ ޝަކުވާއާއި ޒުވާބުގެ ބަސްތަކުންނެވެ. އިރެއްގައި ރަޙުމާއި ހަމްދަރުދީން ފުރިފައިވި މި ހިތް، ވޭނާއި ކެކުޅުުމުން ފުރުމުން، އެ ބަދަލުވީ ރަހުމެއްނެތްފަދަ ހަރުހިލަ ހިތަކަށެވެ. މިހިތް ހަރުވެފައިވާކަމާއި ބުނަން ނުވާނެފަދަ ބަސްތައް ދަރިންނާއި ބައެއް ގާތްމީހުންނާއި ދިމާލައް ބުނެވޭކަން ބައެއްފަހަރު އަހަންނައް އިހްސާސްވެ އެކަމާއި މެދު ހިތާމަކުރެވުނު ނަމަވެސް، ހިތުގައިވާ ވޭން އެކަންކަމައް އަހަންނައް މަޖުބޫރު ކުރާ ކަހަލައެވެ. އެމީހުން އަހަރެންނާއިމެދު ނުވިސްނާހިނދު އެމީހުންނާއިމެދު ނުވިސްނަން ނަފްސު ބާރު އަޅަނީއެވެ. އާނއެކެވެ. އެއީ ހިތާމައިގެ ފުން ކަނޑަކައް ފެތި، ހަތަރު ފަރާތުން އަނދިރިކަން ވެރިވެ، ނޭވާ ހާސްވެފައިވާ ފަދަ އިހްސާސްތަކެކެވެ. މޭގައި އަޅާވޭނުން ކޮންމެ ވަގުތެއްގައިވެސް ނޭވާ ހުސްވެދާނެހެން ހީވާފަދަ ވޭނެކެވެ.

ބައެއްފަހަރު ދަރިންގެ ތެރޭގައި މަޖާކޮށް އެކުދިން ހީލާ ހެދިޔަސް އަހަންނަށް ސިފަވަނީ އަހަންނަށް މަލާމަތް ކުރަނީއެވެ. އެއްބަނޑު އެއްބަފާ ދެ މީހަކު ކަމަކާ މަޝްވަރާ ކޮށްލިޔަސް އަހަންނައް ފެންނަމުން ދިޔައީ އަހަރެން ބާކީ ކޮށްލާފައިވާ މަންޒަރެވެ. އަހަރެންކުރާ ކަމަކަށް ފާޑުކިޔައިފިނަމަ އަހަންނަކަށް އެ ހަޖަމެއް ނުކުރެވެއެވެ. ރުޅި ކޮންޓްރޯލުން ނެއްޓޭގޮތް ވެއެވެ. އަހަރެން ދޭ ނަސޭހަތެއް ޤަބޫލު ނުކުރާ ކޮންމެ ފަހަރަކު އެދަރިފުޅުގެ ދިރިއުޅުމުގައި އަހަރެންގެ މުހިންމުކަމެއް ނެތް ހެން ހީވެ ހިތައް އެތައް ވޭނެއް އިހްސާސް ވެއެވެ. އަދި މި ނޫންވެސް މިފަދަ އެތައް ކަމެކެވެ. އެހެންމީހުންގެ އުފާވެރި ދިރިއުޅުން ފެންނަ ކޮންމެ ވަގުތަކު މި ހިތައް ސިފަވަނީ އަހަރެންގެ ދިރިއުޅުމުގެ ހިތާމަވެރިކަމެވެ. އެހެންމީހުންގެ ދަރީންގެ މުއްސަނދިކަމާއި އިލްމީގޮތުން މޮޅުތަން ފެނި މިހިތުގައި ވޭން އަޅަނީ އަހަރެންގެ ދަރީންގެ އެފަދަ ކަމެއް ނެތުމުންނެވެ. އެހެންމީހުންގެ ފިރިންގެ ރަނގަޅުކަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ފިރިމީހާގެ އުނި ސިފަތައް ލޯ ކުރިމައްޗައް ސިފަވެ، މި ހިތް ޝަކުވާއިން ފުރި ބަންޑުންވެއެވެ. އަހަރެންނަށް އެއްވެސް އުފަލެއް މި ދުނިޔޭގައި ނެތްފަދަ އިހްސާސްތަކެކެވެ. އެ ހިތާމަތަކުގެ ވޭންތަކުގައި އުޅެވުނު ދުވަސްތަކާއި އަހަރުތައް އަދަދު ނުކުރެވޭހާ ގިނައެވެ. އަހަރެންގެ މާޒީވެސް އަދި މިއަދުވެސް ވަނީ މި ހިތާމަތަކުން ފޯވެ ޣަރަޤުވެފައެވެ. އެ އުޚްތާ ބުނުއްވި ފަދައިން އަހަރެން އަހަރެންގެ ދިރިއުޅުމަށް ނުވަތަ ނަފްސައް ޒަހަރު ދެމުން އައީ އެފަދަ ގޮތަކަށެވެ. އަހަންނަށްވުރެ މޮޅު އަދި އުފާވެރިކޮށް އުޅެމުން އަންނަ މީހުނާއި އަހަރެންގެ ދިރިއުޅުން އަޅާ ކިޔުމަށް އަހަރެންގެ ލޮލާއި، ކަންފަތް އަދި ދޫވެސް ބޭނުންކުރެވެއެވެ. އެ އަޅާކިޔުންތައް ވަންނަނީ ޒަހަރުލީ ތީރުތަކެއް ފަދައިން ސީދާ މި ހިތާއި ސިކުނޑިއަށެވެ. އެގޮތް ބޭނުން ނޫން ނަމަވެސް އަހަރެންގެ އިޙްތިޔާރަކާއި ނުލާ ވަމުން ދިޔައީ އެހެންނެވެ. އެކަންކަމުން ދުރުވާނެ ގޮތެއް، އެ ޚިޔާލުތަކުން ނުކުންނާނެ ގޮތަކާއިމެދު ވިސްނޭނީ ވެސް އެކަމުގެ ނުބައި އަސަރު އިހްސާސްވުމުން ނޫން ހެއްޔެވެ؟ ސިކުނޑިއަށް ކޮށްފައިވާ ވިހައިގެ އަސަރުން ހިތާއި ސިކުނޑި ރަނގަޅު ގޮތުގައި މަސައްކަތް ކުރުން ހުއްޓުނީ ކަންނޭނގެއެވެ. އަހަރެން އަތުން އޭގެ ސަމުގާ ގެއްލުނީ، ސަމުގާއެއް ވާކަން ހަނދާންނެތި ދިއުމުންނެވެ. ދުއްވަމުންދިޔަ ރާސްތާއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ސަމާލުކަން ދެވުނީ، ފެންނަމުންދިޔަ އިތުރު އުޅަނދުތަކަށެވެ. އެ އުޅަނދުތަކުގެ ބޮޑުމިނާއި، ތަނަވަސްކަމަށެވެ. އެ އުޅަނދުތަކުގެ އަހުލުވެރިންގެ އުފާވެރިކަމަށެވެ. އެ މީހުންނަށް ލިބިފައިވާ މޮޅުތަކަށެވެ. އެކަންކަމަށް ނަޒަރު ހިންގުމުން އަހަރެންނައްވެސް އުޅަނދެއް ލިބިފައިވާކަން ހަނދާން ނެތުނީއެވެ. އުޅަނދުގެ މަގުއޮޅި، ކޮންޓްރޯލް ގެއްލި އެ އަނދިރި ފުންކަނޑައް ފެތުނު އިރުވެސް ރޭކާނުލީއެވެ.

މިކަންކަމާއި ވިސްނާ ފިކުރު ކުރުމުގައި ދުވަސް ނިމިދިޔައީ އަނެއްކާވެސް އެތައް ކަރުނެއް މި ދެލޮލުން ފައިބަމުންދާ ހާލުގައެވެ. އާ ދުވަހަކައް އިރުއެރީ ހިތައް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިގެންނެވެ. ފަތިސް ނަމާދު ކުރަމުން ދިޔަ ވަގުތު ﷲ މަތިން ހަނދުމަކޮށް ކިޔާ ތަކެއްޗައް ފިކުރު ހިންގޭތޯ މަސައްކަތް ކުރުމުން ހިތައް ހަމަޖެހުމެއް ލިބުނެވެ. ހެނދުނުގެ ސައި ނިންމާލުމަށްފަހު ނުވައެއްޖަހާއިރައް ފަށަންއޮތް ވާރކްޝޮޕްގެ ދެވަނަ ސެޝަނައް ހާޟިރު ވެވޭތޯ އަވަސް ހިނގުމެއްގައި، މާލޭގެ މީހުން ގިނަ މަގުތަކުން ހިނގައިފައި ދިޔައީމެވެ. ދަރުބާރުގޭ މަގައް އެޅުމާއިއެކު ސާއިޤާވެސް ހަމަ އެފަދަ ބާރު ސްޕީޑެއްގައި އަހަރެންނަށްވުރެ ދެތިން ފިޔަވަޅު ކުރީގައިހުރެ ހިނގާފައި ދާތަން ފެނުނެވެ. އެއީ އިއްޔެގެ ވާރކްޝޮޕްގައި އަހަރެންނާއިއެކު އެއް ގްރޫޕެއްގައި ހިމެނުނު ޒުވާން އަންހެން ކުއްޖެކެވެ. ދެމީހުން އެކަކު އަނެކަކު ފެނުނު ވަގުތުގައި ހިނިތުންވެލި ނަމަވެސް އިތުރު ވާހަކައެއް ނުދައްކާ ދެމީހުންވެސް ބެލީ ގަޑިއަށް އެތަނައް ހާޟިރު ވެވޭތޯއެވެ. ހޯލު ތެރެއަށް ވަދެވުނު އިރު ހުރިހާ ބައިވެރިން ހަމަވެ ދަރުސް ދެއްވާ އުޚްތާ އޭނާގެ ވާހަކަ ފަށަން ތައްޔާރުވެލީއެވެ.

**ނުނިމޭ**

4

1 Comment

  1. Aiminath Fareeha

    September 11, 2021 at 5:26 pm

    Very nice

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!