ހޯލު ތެރެއަށް ވަދެވުނު އިރު ހުރިހާ ބައިވެރިން ހަމަވެ ދަރުސް ދެއްވާ އުޚްތާ އޭނާގެ ވާހަކަ ފަށަން ތައްޔާރުވެލީއެވެ.

“މިއަދު އަޅުގަނޑު ވާހަކަ ދައްކަން ބޭނުންވާ މައުޟޫއަކީ “ހިތާމައާއި ހިތްދަތިކަން”. މި މައުޟޫ ނަގަން މި ވިސްނި ސަބަބަކީ އިއްޔެގައި އަޅުގަނޑައް މިތަނުން ބައިވެރިއެއްގެ ފަރާތުން ލިބުނު މެސަޖަކާއި ގުޅިގެން. މެސެޖް ކުރި އުޚްތާ އޭނާގެ ދިރިއުޅުމުގެ ހިތާމަތައް ވަރަށް ކުރު ގޮތަކަށް ބުނެދީފައި މެސެޖް ނިންމާލަމުން ބުނެފައިވަނީ “ކޮންމެ ރެޔަކު އަޅުގަނޑު މި ރޯ ރުއިންތަކަށް ނިމުމެއް އަންނާނީ ކިހިނެއް ހެއްޔެވެ؟” އާދެ! މި ސުވާލުން އަޅުގަނޑުގެ ހިތައް ވަރަށް އަސަރުކުރި. އަޅުގަނޑު ދެކޭގޮތުގައި މި ސުވާލުގެ ޖަވާބު ގުޅިގެން ދަނީ “އަހަރެމެންގެ އެޓޭޗްމެންޓް ގުޅިފައިވާ ކަންކަމާ”. މިއީ މިފަދަ ވާރކްޝޮޕެއްގައި ވާހަކަ ދައްކަން ވަރަށް މުހިންމު މައުޟޫއެއް. މި މައުޟޫއަށް ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ އުފައްދަންޖެހޭ ސުވާލަކީ “ކޮބައިތޯއޭ މި ހިތާމަތަކުގެ ސަބަބަކީ؟” އެކި ކަންކަމާއި ހިތާމަކުރަމުންދާ ބޭފުޅުން އެ ބޭފުޅުންގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލަންވީ ކޮބައިތޯއޭ މި ހިތާމަތަކުގެ ސަބަބަކީ؟ ތި ރޮނީ ކީއްވެގެންތޯއޭ؟ މި ސުވާލުގެ ޖަވާބު ކޮންމެ ބޭފުޅަކުވެސް ގަނޑުކޮޅެއްގެ ލިޔެފައި އަޅުގަނޑައް ދެއްވަންވީ.. ހިތާމަ އެއް ނުކުރައްވަވާ ބޭކަނބަލުންވެސް އާންމުކޮށް ހިތާމަކުރެވޭ ސަބަބަކީ ކޮބައިކަން އަޅުގަނޑައް ނޯޓަކުން އަންގާލަ ދެއްވާ..”

“އެންމެ ރަނގަޅު.. އެހެންވީމާ އަޅުގަނޑައް ލިބުނު ބައެއް ނޯޓްކޮޅުތަކުގެ ޖަވާބުތައް ކިޔާލާނަން.. “އަޅުގަނޑައް އެނގޭ އަދި ޤަބޫލުކުރަން ﷲ އެކަލާނގެ އަޅުތަކުންގެ އަޑު އައްސަވާ އެ އަޅުތަކުންނާއި އެކު ވާކަން. އެކަމަކު ވެސް ވަރަށްގިނައިން އެކަނިވެރިކަން އިހްސާސްވެ ރޮވޭ ގޮތްވޭ.”  އެހެން ބޭފުޅަކު ބުނުއްވާފައިވަނީ.. “ގާތްމީހުންގެ ފަރާތުން ލިބޭ ހިތާމަތައް ވަރަށް ގިނަ ދުވަހު ހިތުގައިހުރޭ.. އަދި އެ ހިތާމަތަކުން އަރައިގަންނަން އުނދަގޫވޭ. އޭގެ ސަބަބުން އާއިލީ ގުޅުންތައްވެސް ހީނަރުވެފައިވޭ..” އޯކޭ.. އެހެން ބޭފުޅެއްގެ ނޯޓްކޮޅެއް. “ވަރަށްގިނަ ހިތާމަތަކާ ކުރިމަތިލާން ޖެހިފައިވޭ.. އަޅުގަނޑު އަހާލަން ބޭނުން ހިތާމަތައް ކުރިމަތި ވަނީ ރަނގަޅު ހެޔޮ ސަބަބެއް އޮންނާތީތޯއޭ؟”..

“އެންމެ ރަނގަޅު. އަޅުގަނޑައް ޤަބޫލުކުރެވެނީ ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން އެންމެންގެ ހިތާމަތަކުގައިވެސް ވަރަށް އެއްގޮތް ކަންތައްތަކެއްވާކަން. ހާއްސަކޮށް އެ ހިތާމަތަކުގެ ފަހަތުގައިވާ ސަބަބުތައް ގިނަ ފަހަރު އެއްގޮތްވާނެ. އެހެންވީމާ އެ ހިތާމަތައް ކުރިމަތިވާ ސަބަބުތަކާއި، އެކަންކަމާއި ކުރިމަތިލާނެ ގޮތާއިމެދު ވާހަކަ ދައްކާލަން ހިނގާދޯ..”

“އަޅުގަނޑުމެންގެ މުޖުތަމައުގައި އަޅުގަނޑުމެނައް ދިރިއުޅުން ސިފަކޮށްދީފައިވަނީ، ވަރަށްވެސް ހިތްގައިމު އުފާތަކުން ފުރިފައިވާ ދުނިޔެއެއް ފަދައިން. ކުރުގޮތަކައް ބުނާނަމަ އަޅުގަނޑުމެންނަށް ޤަބޫލުކުރެވިފައިވަނީ އަޅުގަނޑުމެން ދުވަހަކުވެސް، އެއްގޮތަކަށްވެސް ހިތާމައިގައި އުޅެގެން ނުވާނެކަމަށް. އަޅުގަނޑުމެންގެ ސިކުނޑިއަށް ވަދެފައިވަނީ އަޅުގަނޑުމެން އުޅެންޖެހޭނީ ވަރަށްވެސް އުފަލުގައި ކަމަށް. ކަލާނގެ އެއް ވާކަމާއި، އާޚިރަތް ދުވަސް ވާކަން ވަނީ އަހަރެމެންގެ މި އުފާތަކުން ބޭރުކޮށްލާފައި. އުފާވެރިކަމާއި ހިތްހަމަޖެހުން ގުޅުވިފައި މިވަނީ ވަރަށް ބޮޑައް ދުނިޔެއާ. އަހަރެމެންގެ ހުރިހާ ކަމެއްގެ މެދުގައި ދުނިޔެ ބާއްވާފައި ހުރިހާ ފޯކަސް އެއް މިވަނީ ދުނިޔެއަށް ދެވިފައި. ހުރިހާކަމެއްގެ ސެންޓާ އަކަށް ހެދިފައި މިވަނީ މިދުނިޔެ. މާނައަކީ އަހަރެމެނަށް ޤަބޫލު ކުރެވެނިއްޔޭ އަހަރެމެނަށް ލިބިފައިވާ ހުރިހާ އެއްޗަކީވެސް މި ދުނިޔެ ކަމަށް. އެހެންކަމުން މި ދުނިޔޭގެ އުފާތައް ވީހާވެސް އިތުރު ކުރުމަށް އަބަދާއި އަބަދު މަސައްކަތްކުރެވެނީ.. މިހެންވުމުން މި އުފާވެރިކަން ލިމިޓް ވެގެން މިދަނީ ހަމައެކަނި ދުނިޔެވީ އުފާވެރިކަމާ. (މެޓޭރިއަލްސްޓިކް އަދި ފިސިކަލީ ލިބޭ އުފާވެރިކަމާ)”

“އަބަދު އުފަލުގައި އުޅެންޖެހޭ ކަމަށް މި ޤަބޫލުކުރެވޭ ޤަބޫލުކުރެވުން އަހަރެމެނަށް ވަރަށް ނެގެޓިވް ކަންކަމައް މަގު ދައްކާ.. ބައެއްފަހަރު މިކަމުން ވިސްނައިދެނީ ހިތާމައެއް ލިބޭ ހިނދު އަމިއްލަ ނަފްސައް އަނިޔާ ދޭން، ނުވަތަ މިއީ ވެގެން ވާނެ ކަމެއް ނޫންކަމަށް، މިކަމަށް ކޮންމެހެނެއް ހަދާފައިވެސް ފަރުވާއެއް ލިބެންޖެހޭ ކަމަށް، އަދި މިކަމަށް ކޮންމެހެނެއްވެސް ނިމުމެއް އަންނަންޖެހުމަކީ މަޖުބޫރު މާއްދާއެއް ކަމަށް ޤަބޫލު ކުރެވެނީ..  ބޭސްގުޅައެއް ކައިގެން ނަމަވެސް ނުވަތަ ވެކްސިނެއް ޖަހައިގެން ނަމަވެސް މި ހިތާމަތައް ފިލަން ޖެހޭކަމަށް ނުވަތަ ނިމެންޖެހޭ ކަމައް ޤަބޫލުކުރެވިފައި އޮންނަނީ.. އަޅުގަނޑު ބުނަން މި އުޅެނީ ޑިޕްރެޝަން ނުވަތަ އެހެން ނަފްސާނީ ބަލިތައް ނުވެޔެކޭ ނޫން. ޔަޤީނުންވެސް ނަފްސާނީ ބަލިތަކަކީ ހަޤީޤަތެއް. އަދި ފަރުވާ ކުރަންވެސް ޖެހޭ ކަންކަން. މި ޕޮއިންޓް ކޮށްދެނީ މި ފަދަ ބަލިތަކުގެ ފެށުން އަންނަގޮތް.”

“ހިތާމަތަކަކީ ނޯމަލް ކަމެއް ނޫން ކަމަށް ޤަބޫލުކުރެވުމުގެ ސަބަބުން މައްސަލަ އުފެދޭ ސަބަބަކީ އަޅުގަނޑުމެން އިންސާނުންނަށް ދެއްވާފައިވާ މިފަދަ ކޮންމެ އިހްސާސެއްވެސް ދެއްވާފައިވަނީ އޭގައި އެތައް ހިކްމަތެއްވާ ސަބަބުތަކަކާއި ހުރެ ކަމަށްވާތީ. ހަޤީޤަތުގައި ކޮންމެ ކަމެއްގައިވެސް މައްސަލަ މި ކުރިމަތިވަނީ އެކަމެއްގައި އޮންނަ ހައްދުން ނެއްޓިގެން ދިއުމުން. އެ ލިމިޓް ފަހަނައަޅައި ދިޔުމުން. މިސާލަކަށް ބުނަޏްޏާ ރުޅި. “ރުޅި އައުން” މި އިހްސާސުގައިވެސް ފޮރުވިފައިވާ އެތައް ހިކްމަތެއްވޭ. މިސާލަކަށް ބުނަންޏާ އެ އިހްސާސް ދަންނަމީހުން، އެ އިހްސާސުން ނިކުމެދާނެ ނުބައި ނަތީއްޖާއަކުން ސަލާމަތްވުމަށް ރުޅި ގަދަވުމުގެ ކުރިން ފިޔަވަޅު އަޅާ. އެހެން ގޮތަކަށް ބުނަންޏާ މި އިހްސާސަކީ ގޯހެއް ހިނގާ ދިޔަ ނުދިނުމަށް މޯޓިވޭޓް ކޮއްދޭ އިހްސާސެއް. އެކަމަކު އޭގެ ބަދަލުގައި ރުޅި ކޮންޓްރޯލުން ނެއްޓި، އެ ރުޅި މީހާ ކޮންޓްރޯލް ކުރާ ހިސާބައް ދިޔުން. އެއީ މި މައްސަލަ ޖެހޭ ހިސާބަކީ.”

“ހިތާމަޔާއި ހިތްދަތިކަމުގެ އިހްސާސްގައިވެސް ކަންތައް އޮތީ ހަމަ މި ގޮތައް. މިސާލަކަށް އަޅުގަނޑު ހުއްޓިހުރީ އަލިފާންގަނޑެއް ކައިރީގައި. އެހެންހުރެފައި އަޅުގަނޑު އެ އަލިފާންގަނޑައް ފަސްދީފައި އަނެއް ފަރާތައް އެނބުރުނީ. ހަމަ އެޔާއެކު އަޅުގަނޑުގެ އަތުގެ އުޅަނބޮށި އަލިފާންގަނޑުގައި ޖެހި ފިހުނީ. އަތް ފިހުނުކަން އަޅުގަނޑައް ބުނެދޭނެ އެއްޗަކީ ވީ ތަދު. ސަބަބަކީ އަޅުގަނޑުހުރީ އަނެއްފަރާތައް އެނބުރިކަމުން އަޅުގަނޑަކަށް އެ މަންޒަރެއް ނުފެންނާނެ. ނަމަވެސް އަނިޔާއެއް ވެއްޖެކަމާއި، އެ އަލިފާންގަނޑާއި ދުރައްދާން ވެއްޖެކަން އަޅުގަނޑައް އެ ބުނެދިނީ އެ އިހްސާސް ކުރެވުނު ތަދު. ވީމާ އެ ތަދުވާ ކަމުގެ އިހްސާސަކީ ﷲ އަހަރެމެނަށް ދެއްވި ބޮޑު ނިޢުމަތެއް. އެ ނިޢުމަތުން އަހަރެމެނަށް އެ މެސެޖް މި ލިބެނީ އެ ތަދުން ދުރުވުމަށް ފިޔަވަޅު އަޅަން އެބަ ޖެހޭކަން. ފިޒިކަލް ތަދާއި، އިމޯޝަނަލް ތަދާއި އަދި ނަފްސާނީ ތަދުވެސް މީ ހަމަ އެއް ގޮތަކައްވާ އެއްކަހަލަ އިހްސާސްތަކެއް.  އެ ތަދުން ނުވަތަ ހިތާމައިން ދުރުވުމައްޓަކާ އަހަރެމެން އެބަޖެހޭ ފިޔަވަޅު އަޅަން. ބައެއް ފަހަރު ދިރިއުޅުމަށްވެސް ބަދަލުގެންނަންއެބަޖެހޭ.”

“މިސާލަކަށް ވިސްނާލަމާ އެ ގޮތައް އަހަރެެމެނައް އެ ތަދު އިހްސާސް ނުވާނަމަ ދެން ވާނީ ކިހިނެއް. ބައެއް ފަހަރު ބައެއް ބަލިތަކުގެ ސަބަބުން މިސާލަކައް ހަކުރު ބަލިފަދަ ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތައް ވަރަށްބޮޑައް އައްސިވޭ. ނުވަތަ ބައެއް ގުނަވަންތަކުގެ އިހްސާސް އެއްކޮށް ކެނޑޭ. ބައެއް ފަހަރު މިފަދަ ހާލަތްތަކުގައި އެގޮތައް އިހްސާސްތައް ކެނޑުމުން އެ ހިސާބެއްގައި ވަރަށްބޮޑައް މައްސަލަތައް ޖެހި އެ ގުނަވަނެއް ހަށިގަނޑުން ވަކި ކޮށްލަން ޖެހޭތަންވެސް އެބަފެނޭ. އެ އައްސީގެ ސަބަބުން ނުވަތަ އެ ގުނަވަނެއްގެ އިހްސާސްތައް ކެނޑުމުގެ ސަބަބުން އެމީހަކަށް ނޭނގޭނެ އަދި އިހްސާސެއްވެސް ނުވާނެ އެތަނުގައި ކަމެއް ގޯސްކަމެއް. ފަރުވާ ކުރަންޖެހޭ ބައްޔެއް ނުވަތަ އިންފެކްޝަނެއްގެ އިހްސާސްވެސް އެފަދަ ހާލަތްތަކުގައި ނުކުރެވޭނެ. ބައެއްފަހަރު އަހަރެމެންގެ ތަދުތަކައްވެސް ވަނީ ހަމަ މިހެން. ރޫހާނީ ގޮތުންވެސް އަދި އިހްސާސްތަކައް ވިސިްނައިފި ނަމަވެސް ވަނީ ހަމަ މިހެންނޭ ބުނެވިދާނެ. ވަކި ހިސާބަކައް ދިޔުމުން ހިތް އައްސިވަނީ. އޭގެ އިހްސާސް ކުރުމުގެ ނިޒާމު މަރުވަނީ. ނެތިދަނީ..”

“އިންސާނުން ހައްދަވާފައިވަނީ އެ އިންސާނުންގެ ރޫޙްގެ ހަމަޖެހުމަކީ ﷲމަތިން ހަނދުމަކުރުން ކަމުގައި ވާގޮތައް. އެހެންކަމުން އެ ފިތުރަތާއި ހިލާފައް އެކަލާނގެ އާއި ދުރުވެފައިވާ ރޫޙެއް ނަމަ އެ ރޫޙަކައް ފުރިހަމަ ހިތްހަމަ ޖެހުމެއް ނުލިބޭނެ. ބުނެދޭން ނޭނގޭ ކަހަލަ ހިތްދަތިކަމަކާއި އެކަނިވެރިކަމެއް އެފަދަ އިންސާނުންނަށް އިހްސާސް ކުރެވޭނެ. މިފަދަ ގިނަމީހުންނަށް އެމީހުންގެ އެ އެކަނިވެރިކަމުގެ ނުވަތަ ހިތްދަތިކަމުގެ ހަޤީޤީ ސަބަބެއް ނޭނގޭ. ވީމާ މިކުރާކަމަކީ އެ އިހްސާސްތަކުގެ އަސްލާ ހަމައަށް ދިއުމަކާއި ނުލާ އެ ތަދު ކަނޑުވާލުމައް މަސައްކަތްކުރަނީ. ބައެއްފަހަރު އަމިއްލަ ނަފްސައް އަނިޔާ ދީގެން ނަމަވެސް. އެ އެކަނިވެރިކަމުގެ އިހްސާސް ނުވަތަ އެ ހިތާމަ ކޮންމެވެސް ގޮތަކައް ކަނޑުވާލުމައް އެއް ގޮތުން ނުވެއްޖެއްޔާ އަނެއްގޮތުންވެސް މަސައްކަތްކުރާނެ. އެކިއެކި ދުނިޔެވީ ކަންކަމުން އެ އިހްސާސް ކެނޑުވޭތޯ އުޅޭނެ. ބައެއްފަހަރު ކޮންމެވެސް މީހެއްގެ ލޯބިން އެ އެކަނިވެރިކަން ފިލާތޯ ނުވަތަ ހިތްއެދޭ މަސައްކަތެއް ނުވަތަ ފޫހި ފިލާފަދަ ހޮބީ އެއް ނުވަތަ މިޔުޒިކް ނޫންނަމަ ޑްރަގްސްފަދަ ކަންކަމުގައި ވަގުތު ހޭދަކޮށްގެންވެސް އެ އިހްސާސް ކެނޑުވޭތޯ މަސައްކަތްކުރާނެ.  މިފަދަ ކަންކަމުން އެ ތަދު ނުވަތަ އެކަނިވެރިކަން ފިލުމުގެ ބަދަލުގައި ބޮޑުވެ، އެންމެ ފަހުން ތިމާގެ ހިތް ހަރުވެ ނުވަތަ މަރުވެގެންދަނީ. އެ ހިތުގެ އިހްސާސް އެކީ ކެނޑި އެ މަސައްކަތްކުރަންވާ ގޮތައް މަސައްކަތް ކުރުން ހުއްޓެނީ. ސަބަބަކީ އެ ހިތައް ދިރުން ލިބޭ އެއްޗަކީ އޭގެ ވެރިފަރާތާއި ކައިރިވުން ކަމަށްވާއިރު އެކަން އެއްކޮށް ނެތިފިލާ ދިއުމުން އެ ހިތްމަރުވަނީ. އޭގެ ބޭނުން ކެނޑެނީ. ނުވަތަ ދިރުން ނެތިދަނީ.”

“މިސާލަކައް މީހަކައް ދިމާވި ހަޤީޤީ ވާހަކައެއް ކިޔާލަދޭނަން. ނޫހުގައި ޖަހާފައި އޮތް ވާހަކަ އެއް މިއީ. މީހަކު ދިޔައީ އޭނާގެ ދަތުގައި ރިއްސާތީ ދަތުގެ ހާއްސަ ޑޮކްޓަރެއް ކައިރިއަށް. ޑޮކްޓަރު ބައްލަވާފައި ބުނުއްވީ އިންފެކްޝަން ހެދިފައި ހުރިކަމައް. އެހެންކަމުން ފަރުވާއެއްގެ ގޮތުން ބުނުއްވީ އެންޓި ބަޔޮޓިކް އަކާއި ތަދު ކަނޑުވާ ބޭސް ނަގައިގެން ކެއުމަށް. ނަމަވެސް އެމީހާ އަތުގައި އެ ދެ ބޭހައް ބޭނުންވާ ވަރަށް ފައިސާ ނެތުމުން ޖެހުނީ ކޮންމެވެސް އެއް ބޭހެއް ނަގަން. އެ މީހާ މިނެގީ ތަދު ކަނޑުވާ ބޭސް. އެކަމަކު އެ ބަލީގެ ފަރުވާޔަކީ ނުވަތަ އޭނާގެ އަނގައިގައި އުފެދިފައިވާ އިންފެކްޝަން ނައްތާލާނެ އެއްޗަކީ ޑޮކްޓަރު ދެއްވާފައިވާ އެންޓި ބަޔޮޓިކް. ނަމަވެސް މިމީހާ ޗޫސްކުރީ ހަޤީޤީ ފަރުވާއެއް ނޫން. ވަގުތީ ގޮތުން އެ އުނދަގޫ އަދި ތަދު ކަނޑުވާލުމައް ދީފައިވާ ބޭސް ބޭނުންކުރުމަށް. ވީމާ އޭނާ އެކަމުގައި މަރުވެގެންދިޔައީ. ހަޤީޤީ ފަރުވާ ނުލިބުމުގެ ސަބަބުން ބަލި ބޮޑުވެގެން ދިއުމުން. މި ވާހަކަ އަޅުގަނޑު މި ދައްކާ ވާހަކަތަކާއި މިވަނީ ވަރަށް ބޮޑައް ގުޅިފައި. މައްސަލައިގެ ހަޤީޤީ ރޫޓް ކޯސް އަށް ނުގޮސް ހަމައެކަނި ބޭރުފުށުން ވާ އުނދަގޫތައް ކަނޑުވާލުމަކުން އެ މައްސަލަ ހައްލެއް ނުވާނެ. ވާނީ ގޯސް.”

“ބޭރުފުށުން މިފެންނަ ދުނިޔެވީ ކަންކަމާއި ގުޅިފައިވާ އުފާވެރިކަމަކީ ހަޤީޤީ އުފާވެރިކަމެއް ނޫން. ދުނިޔޭގައިވާހާ މަޖަލެއް ކުރެވުނަސް ހިތަކައް ހަޤީޤީ ހިތްހަމަ ޖެހުމެއް ނުލިބޭނެ. އެ ބުނެދޭން ނޭނގޭ އެކަނިވެރިކަމުގެ އިހްސާސާއި ހިތާމަވެރިކަމުގެ އިހްސާސް ފިލުވާނުލެވޭނެ. ހަޤީޤީ އުފާވެރިކަން ނުވަތަ އެތެރެފުށުގެ އުފާވެރިކަން ލިބި އެ ނުފިލާ ހިތާމަ ފިލައިގެންދާނެ ހަމައެކަނި މަގަކީ ﷲ މަތިން ހަނދުމަކުރުން. ހިތާމަތައް ފިލައިގެންދާނެ ހަމައެކަނި މަގަކީ އެކަލާނގެއާއި ކައިރީގައިވެވޭ ކަމުގެ އިހްސާސް. އިޙްލާސްތެރި ހިތަކުން އެކަލާނގެމަތިން ހަނދުމަކޮށް އިސްތިޣްފާރު ކުރުމުން ހިތައް އެތައް ހަމަޖެހުމެއް ލިބޭނެކަމާއިމެދު ޝައްކެއްނެތް.”

“ދުނިޔެއާއި އާޚިރަތާއި އަޅާ ކިޔާނަމަ މި ދުނިޔެ ސިފަކުރެވޭނީ ޖަލެއްގެ ގޮތުގައި. ސަބަބަކީ މި ދުނިޔެއަކީ ނިމުން އަންނާނެ ތަނެއް. ބައެއް ފަހަރު އުފާވެރިކަން. އަނެއްބައިފަހަރު ހިތާމަ. ތަދުވުމާއި، އަނިޔާވުމާއި، ލޭއައުން އަދި މަރުވުންވެސް މި ހަޔާތުގައި ވޭ. މިއިން އެއްވެސް ކަމަކީ އެއްވެސް އިންސާނަކައް ނުވެ ނުދާނެ ކަންކަން. ނަމަވެސް އާޙިރަތުގެ ޙަޔާތަކީ އެއީ ނިމޭނެ ހަޔާތެއް ނޫން. އެ ހަޔާތުގައި މަރުވުމެއް ނުވޭ. ތަދާއި، ހިތާމަޔާއި ބިރުވެރިކަމެއްވެސް މުޢުމިނުންނަކައް އެ ހަޔާތުގައި ނުވޭ. ނަމަވެސް މި ހަޔާތުގައި ކިތަމެ ބޮޑު މުއްސަންޖަކަސް، ކިތަމެ މަތީ މަޤާމެއް ލިބި ކިތަމެ އުފަލެއްގައި އުޅުނު ނަމަވެސް ތަދާއި، ހިތާމަ އަދި ބިރަކީ ކޮންމެވެސް ދުވަހަކު އެ އިންސާނާއަށް ކުރިމަތިލާންޖެހޭނެ ކަންކަން.”

“އެހަޔާތާއި މި ހަޔާތް އަޅާކިޔާއިރު މިތަން ޖަލަކައްވާ އެންމެ ބޮޑު އެއް ސަބަބަކީވެސް އެއީ. ޖަލުގައިވާ މީހަކީ ވަކި މުއްދަތަކައް އެތަނައް ލެވިފައިވާ މީހެއް. އޭނާގެ ހިތުގެ ހަމަޖެހުމަކަށްވާނީ އޭނާގެ އަމިއްލަ ގެ މަތިން ހަނދުމަކުރުމުން. އަދި އިންތިޒާރު ކުރާނީވެސް އޭނާ އެ ޖަލުން މިނިވަންވެ ގެއަށް ދެވޭނެ ދުވަހަކައް. މުއުމިނުންގެ ހާލަކީވެސް މިއީ ނޫންތޯ؟ ހިތުގެ ހަމަޖެހުމަކަށްވާނީ އެ ނިމުމެއްނުވާ ހަޔާތް ނުވަތަ ސުވަރުގޭގެ ފޮނި މީރުކަމުގެ މަތިން ހަނދުމަކުރުމުން. އަދި އަމަލުތައްވެސް ބަހައްޓާނީ އެހަޔާތައް ދެވޭނެކަން ޔަޤީންވާ ފަދައިން. އިބުނު ތަމިއްޔާ ވިދާޅުވެފައިވޭ “މި ދުނިޔެމަތީގައި ސުވަރުގެ ނުލިބުނު މީހަކައް އެ ހަޔާތުގައިވެސް ސުވަރުގެ ނުލިބޭނޭ”. މި ދުނިޔޭގައި ސުވަރުގެ މިލްކުވަނީ ކޮންމެފަދަ ހާލެއްގައިވެސް ﷲ މަތިން ހަނދާންކޮށް ހަމައެކަނި އެކަލާނގެއަށް ބަރޯސާވާމީހާއަށް. ﷲ އާއި ގާތުގައިވާ ކަމުގެ އިހްސާސާއި އެކަލާނގެ ނިންމެވުންތަކައް ހިތުގައިވާ ނުގުޑާ އިތުބާރަކީ ދެދުނިޔޭގެވެސް އުފާވެރިކަން.  އެމީހެއްގެ ހިތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހަނދާންތަކުން އެކަހެރި ނުވާ މީހާ އެއީ މިދުނިޔޭގައި ސުވަރުގޭގައި ވާ މީހަކީ. އެފަދަ މީހުން އާޚިރަތުގައިވެސް ވާނީ ސުވަރުގޭގައި.”

“މި ދުނިޔެއަކީ ހަމައެކަނި އެމީހާގެ ދުނިޔެކަމަށް ދެކޭ މީހާ އަށް މި ދުނިޔެ ސުވަރުގެފަދައިން ވާން އެބަޖެހޭ. އެހެންނުންތޯ؟ އެފަދަ މީހުން ހިތާމައާއި ހިތްދަތިކަން އަދި ހިތްނޭދޭ ކޮންމެ ކަމަކީ ވެގެން ނުވާނެކަންކަން ކަމަށް ޤަބޫލުކުރޭ. ދުނިޔެއަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ އުފާވެރި ސުވަރުގެއެއްކަމަށް ޤަބޫލުކޮށް އެ އުފާވެރިކަން ހޯދުމަށް ކެނޑިނޭޅި މަސައްކަތްކުރާނެ. އަދި އެފަދަ މީހުން މި ދުނިޔެ ދޫކޮށްފަ ދާކަށް ބޭނުމެއް ނުވާނެ. ﷲ ޤުރުއާނުގައި އަންގަވާފައިވަނީ އެފަދަ މީހުން މަރުވާ ވަގުތުވެސް އެމީހުންގެ ފުރާނަތައް ހަށިގަނޑުން ގަދަކަމުން ނެރެވިގެންދާނެ ވާހަކަ. ނާޒިއާތު ސޫރަތުގައި މިވާހަކަ ބަޔާން ކުރައްވާފައިވާނެ. ސަބަބަކީ އެމީހުން އެ ހަށިގަނޑުން ނިކުންނަން ބޭނުން ނުވާތީވެ. ނަމަވެސް ތެދުވެރި މުސްލިމަކު މަރުވާހިނދު ކަންތައްވާނީ މީގެ އިދިކޮޅައް. ޖަލައް ލެވިފައިވާ މީހާ އެ ޖަލުން މިނިވަންވުމުން އެތަނުން ނުނިކުންނާކައް ނޫޅޭނެ ނޫންތޯ؟ ދުވެފައި ނަމަވެސް އޭނާ ބަލާނީ އޭނާގެ ދާއިމީ ގެއަށް ދެވޭތޯ. އޭނާގެ އުފަލާއި ހިތްހަމަ ޖެހުން ގުޅިފައިވާނީ އެ ދާއިމީ ގޮވެއްޗާއެކު.”

“މި ހުރިހާ ކަމަކުންވެސް އަހަރެމެންނަށް އެނގެން ޖެހެނީ ތަދު، ހިތާމަ، އުފާވެރިކަން، ކަރުނަ މިފަދަ އެންމެހާ އިހްސާސްތަކެއްވެސް އެކަލާނގެ ލައްވާފައިވަނީ ހިކްމަތަކާއި އެކުގައިކަން. އެއްވެސް ސަބަބެއްނެތި އެކަލާނގެ އެއްވެސް އެއްޗެއް ނުއުފައްދަވާކަން.”

“ދެން ސުވާލަކީ ކިހިނެއްހޭ މިފަދަ އިހްސާސްތަކާއި ކުރިމަތިލާނީ؟ ހިތާމަޔާއި ހިތްދަތިކަން.. ފުރަތަމަ ކަމަކައް މިފަދަ އިހްސާސްތަކަކީ އަޒާބެއްގެ ގޮތުން ކުރިމަތިވާ ކަންތައްތަކެއްގެ ގޮތުގައި ޤަބޫލުކުރުން. ނޫން. އެ ގޮތައް ޤަބޫލު ނުކުރާތި. ކުރިމަތިވާ އިމްތިޙާން ތަކަކީ ކުރެވުނު ފާފައެއްގެ ސަބަބުން ދުނިޔެމަތީގައި ލިބޭ އަޒާބެއްގެ ގޮތުގައި ޤަބޫލު ކުރުމަކީ ގޯހެއް. އެގޮތައް ޤަބޫލު ކުރާނަމަ އެ ޤަބޫލު ކުރެވެނީ އެކަލާނގެ ފޮނުއްވި ނަބީންނާއި ރަސޫލުންނައްވެސް ކަންކަމާއި ކުރިމަތިލާންޖެހުމަކީ އަޒާބެއްގެ ގޮތުގައިކަމަށް. ނަޢޫޒުބިﷲ. މިއީ ވަރަށް ނުބައި ވިސްނުމެއް. އެންމެ ގިނަ އިމްތިޙާންތަކާއި ކުރިމަތިލާން ޖެހުނު ބޭކަލުންނަކީ އެބޭކަލުން. ރަސޫލާގެ (ޞ.ޢ.ވ) ހަދީޘެއްގައިވަނީ އިންސާނުންނަށް އިމްތިޙާންތަކާއި ކުރިމަތިލާންޖެހެނީ އެބަޔެއްގެ އީމާންތެރިކަމާއި އެއްވަރައްކަމައް. އެންމެ ބޮޑެތި އިމްތިޙާން ތަކާއި ކުރިމަތިލާން ޖެހޭނީ ރަސޫލުންނައްކަމައް. އެއަށްފަހު އީމާންތެރިކަމުން އެޔާއި ޖެހުނު މަތީ މީހުންނަށްކަމައް. އަދި އެއަށްފަހު ދެންވެސް ހަމަ އެފަދައިން ކަމަށް.”

“އަހަރެމެނައް ދިމާވާ އިމްތިޙާން ތަކުގެ ސަބަބުން ﷲ މަތިން އިތުރައް ހަނދާންވެ އެކަލާނގެއާއި ކައިރިވެވޭނަމަ އެ އިމްތިޙާން ތަކަކީ އެމީހަކައްވާ ނިޢުމަތްތަކެއް. އެ އިމްތިޙާން ތަކުގެ ސަބަބުން ﷲ މަތިން އިތުރައް ހަނދާންވެ، ނަމާދާއި ދުޢާތަކައް ކުރިއަށްވުރެ ބޮޑައް އިސްކަންދެވި ދީނުގައި ސާބިތުވުމަށް އަދި ﷲގެ ރުހުން ހޯދުމަށް އިތުރައް މަސައްކަތްކުރެވޭ ކަމަށް ވާނަމަ އެ މީހެއްގެ ހިތައް ހަމަޖެހުން ލިބި ހިތުގައި ހަރުލާފައިވާ ހިރަފުސްތަކުން އެ ހިތް ސާފް ކޮށްދޭނެ. ދިރިއުޅުން ފަސޭހަވެގެންދާނެ. ނަމަވެސް މީގެ އިދިކޮޅައް އެފަދަ އިމްތިޙާން ތަކުގެ ސަބަބުން އެމީހަކު ދީނާ އިތުރައް ދުރުވެ ﷲ އާ ދުރައްދަނީ ކަމުގައިވާނަމަ އޭނާގެ ހިތާމަތައްވާނީ އިތުރު. އެފަދަމީހުން ހިތް އެކަނިވެރިކަމުން ސަލާމަތްކުރުމަށް އެތައް ނުބައިގޮތެއް އިޚްތިޔާރު ކުރެވޭތަން ފެނޭ..”

“ވީމާ ހިތާމަޔާއި ހިތްދަތިކަމުން ސަލާމަތްވުމަށް ފުރަތަމަ ދާންވީ އެހިތައް ދިރުން ގެނެސްދޭ ކަންކަމަށް. އެއީ އިއްޔެގައިވެސް އަލި އަޅުވާލި ފަދައިން ﷲމަތިން ހަނދުމަކުރުން ގިނަ ކުރުން. ޤުރުއާނާއި ހަދީޘުން އަހަރެމެނައް މިފަދަ ކަންކަމުން ސަލާމަތްވެވޭނެ އެތައް މަގެއް ދައްކަވާފައިވޭ. ރަސޫލުންނާއި ނަބީ ބޭކަލުން އެބޭފުޅުންގެ އިމްތިޙާންތަކުގައި އަމަލު ކުރެއްވި ގޮތްތަކާއި، ކުރެއްވި ދުޢާތަކުގައި ހިފަހައްޓަވާ. އަދި ރަސޫލާގެ އެތައް ހަދީޘަކުން ވަކި ހާލަތްތަކުގައި ކުރާނެ މޮޅެތި އެތައް ރީތި ދުޢާތަކެއް އަހަރެމެނާއި ހިސާބައް އައިސްފައިވޭ.”

“އެއީ ފުރަތަމަ ކަންތައްތައް. ދެން އިއްޔެގެ ވާހަކާގައި ކަމަކައްފަހު ކަމެއް ބުނެދިނިން. ހަމައެކަނި ނަމާދާއި ދުޢާ އަދި ޒިކުުތަކުން ނުނިމޭނެ. އެމީހެއްގެ ދިރިއުޅުމުގެ ބައެއް އާދަތައްވެސް އެބަ ބަދަލު ކުރަންޖެހޭ. އަދި ބައެއްފަހަރު ދިރިއުޅުމަށްވެސް އެތައް ބަދަލެއް ގެންނަން އެބަޖެހޭ.. އެއީ ބައެއްފަހަރު ޓޮކްސިކް މީހަކާއި ގުޅުން ކަނޑާލުން، ނުބައި އާދައެއްކަމައްވާ މަސްތުވާތަކެއްޗާ ދުރައްދިޔުން ފަދަ ވަރަށް އުނދަގޫ ބަދަލަކައްވެސް ވެދާނެ. އެކިމީހުންނާއި ކުރިމަތިވާނީ އެކި ކަންކަން. މިއިން ކޮންމެ ކަމެއްގައިވެސް ތިބާގެ އަމިއްލަ ނަފްސުގެ ރޫޙާނީ ބަދަލުތައް ވަރަށް މުހިންމު. ތިބާ މީހުންނަށް ނުވަތަ ކަންކަމައް ރިއޭކްޓް ކުރާގޮތައްވެސް ބަދަލު ގެންނަން ވަރަށް ގިނަފަހަރު އެބަ ޖެހޭ. މިފަދަ ބަދަލުތައް ގިނަ ފަހަރު ގެނެވޭނީ ވަރަށް ކެތްތެރިކަމާއިއެކު ވަރަށް އަޒުމް ވަރުގަދަކޮށްގެން. އަދި ބައެއްފަހަރު ނަފްސާނީ ޑޮކްޓަރުންގެ ވެސް އެހީތެރިކަން ބޭނުންވާނެ. ހަމަހުރެފައި މެޖިކެއްހެން ބަދަލުވާނެ ކަންކަމެއް ނޫން މިއީ.”

“ހިތާމައިގެ ވާހަކަ ދައްކާއިރު އޭގެ އިދިކޮޅައްވެސް ވިސްނަމާ ހިނގާ.. އުފާވެރިކަމަކީ ކޮބާ؟ އުފާވެރިކަން އަހަރެމެން ދެކެނީ ކޮންފަދައަކުން؟ އަހަރެމެން އުފާވެރިކަންކަން ކަމައް ޤަބޫލުކުރަނީ އަހަރެމެން ބޭނުންވާފަދަ ކަމެއް މެދުވެރިވެއްޖެނަމަ. ނުވަތަ އަހަރެމެން ބޭނުންވާ އެއްޗެއް ލިބޭ ހާލަތެއްގައި އަހަރެމެން ވަރަށް އުފާވޭ.. މިސާލަކައް އަހަރެމެން ބޭނުންވާ ކޮލެޖަކުން ސްކޮލާރޝިޕެއް ލިބުނީމާ ނުވަތަ ބޭނުންވެގެން އެދުނު ކޯހުން ޖާގަ ލިބުނީމާ އުފާވެރިކަން އެބަ ލިބޭ.. ނުވަތަ ވަރަށް ލޯބިވާ މީހަކާއި ކައިވެނީގެ ގޮތުން ގުޅެވުނީނަމަވެސް ވަރަށް އުފާވާނެ. ނުވަތަ ވަރަށް ބޭނުންވާ ވަޒީފާއެއް އެންމެ ބޭނުންވާ ތަނުން ލިބުނީމަވެސް ވަރަށް އުފާވާނެ. ބުނެދޭން މިއުޅެނީ އަހަރެމެނައް އުފާވެރިކަން މިލިބެނީ އަހަރެމެން ބޭނުންވާގޮތަކައް ބޭނުންވާކަމެއް ދިއުމުންނޭ. ނުވަތަ ބޭނުންވާ އެއްޗެއް ބޭނުންވާ މިންވަރަކައް ލިބުމުންނޭ. މީގެ އިދިކޮޅައް، އަހަރެމެން ބޭނުންވާ ކަމެއް ނުވެއްޖެނަމަ ނުވަތަ ބޭނުންވާ އެއްޗެއް ނުލިބިއްޖެ ކޮންމެ ފަހަރަކުވެސް ދެރަވެވޭ.. އެހެންނު. ދެން އަމިއްލަ ނަފްސައް ސުވާލު ކޮށްލަބަލަ. މިދުނިޔޭގައި ހިނގާނެ ހުރިހާ ކަމަކީ ތިބާ ބޭނުންވާނެ ގޮތައް ހިނގާނެކަންކަންތޯ؟”

“ޔޫނުސް ސޫރަތުގެ 62 އާޔަތުގެ މާނައިގައިވަނީ “ދަންނާށެވެ! ހަމަކަށަވަރުން ﷲގެ ވަލިއްޔުންގެ މައްޗަކައް އެއްވެސް ބިރެއް ނެތެވެ. އަދި އެއުރެންނީ ހިތާމަ ކުރާނޭ ބަޔަކު ކަމުގައިވެސް ނުވެއެވެ.” މި އާޔަތުގައި މި ބުނަނީ ޔަޤީނުންވެސް ﷲގެ ވަލިއްޔުން، (ﷲދެކެ ލޯބިވެވޮޑިގެންވާ އެކަލާނގެއާއި ގާތް މީހުން) އެމީހުންނަކީ ބިރުގަންނާނެ ބައެއްވެސް ނޫނޭ. އަދި ހިތާމަކުރާނެ ބައެއްވެސް ނުނޭ. މީހުން އާންމުކޮށް ބިރުގަންނާނީ ކުރިއަށް ވެދާނެ ކަންކަމާއި ވިސްނާފައި. މިސާލަކައް ކޮރޯނާ ވައިރަސް ޖެހިދާނެތީ ގަންނަ ބިރު، ނުވަތަ މައްސަލަޖެހިފައިވާ ދެމަފިރިންނަމަ ވަރިއާއިހަމައަށް ގޮސްފާނެކަމުގެ ބިރު. އަދި ގިނަފަހަރު ހިތާމަކުރެވޭނީ މާޒީގައި ހިނގާފައިވާ ކަންކަމާމެދުގައި ވިސްނާފައި. މިސާލަކައް މާޒީގައި ކުރެވުނު ގޯސްކަމަކާއިމެދު ހިތާމަކުރުން ނުވަތަ މާޒީގެ ހިތްދަތި ހާދިސާއެއް ހަނދާންވުމުން ހިތާމަކުރުން. މިއާޔަތައް ވިސްނައިފި މީހަކައް މިލިބޭ ދަރުސަކީ ﷲގެ ވަލިއްޔަކުނަމަ މިއިން އެއްވެސް ކަމަކާއިމެދު ވިސްނާ، ބިރުގަނެ އަދި ދެރަވެ ނަހަދާނެކަމުގައި. ސަބަބަކީ އެފަދަ މީހުންނައް އެބައެނގޭ ﷲ އީ ހުރިހާކަމެއް އެންމެ މޮޅައް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމާއި، އަދި އެންމެ ޙިކްމަތްވަންތަ ރަސްކަލާނގެކަން. ޢިލްމުގެ ގޮތުންވެސް އަދި ކަންކަން ދެނެވޮޑިގަތުމުގައިވެސް އަހަރެމެނައްވުރެ އެތައްގުނައެއް އެކަލާނގެ ކުޅަދުންވަންތަކަން އެފަދަ މީހުން ޤަބޫލުކުރާނެ. އަހަރެމެން އަހަރެމެންގެ ލިމިޓެޑް ވިސްނުމަށް ކަންކަމުގެ ވާނުވާ ނޭނގުނުނަމަވެސް ﷲއީ ހުރިހާކަމެއްގައި އެންމެ ރޭވެވުންތެރިކަން މޮޅު ރަސްކަލާނގެކަން ޤަބޫލުކުރަންޖެހޭ. މިގޮތައް ޤަބޫލު ކުރެވޭނަމަ އަހަރެމެންގެ ދުޢާތައް އިޖާބަ ނުވިނަމަވެސް ނުވަތަ އަހަރެމެން ބޭނުންކަމެއް ނުވިނަމަވެސް ހިތާމައެއް ނުކުރާނެ. ސަބަބަކީ އެއީ ﷲގެ ރޭއްވެވުންކަން އެމީހަކައް ވިސްނި އެކަލާނގެއަށް އިތުބާރުކޮށް ވަކީލުކުރާނެ. ﷲ ތިބާގެ މަންމައަށްވުރެވެސް ތިބާދެކެ ލޯބިވެވޮޑެންވާހިނދު ތިބާއަށް ހިތާމައެއް ކުރިމަތި ކުރައްވާނޭކަމައް ޤަބޫލު ނުކުރޭ. އެކަލާނގެއަށް އިތުބާރުކޮށް ވަކީލުކޮށް އަދި އަމަލީ ގޮތުން ދުޢާ އާއިއެކު ތި ހިތާމަތަކުން ސަލާމަތްވުމަށް މަސައްކަތްކުރޭ. ޔަޤީނުންވެސް އިޙްލާސްތެރިންގެ އަޑު އެކަލާނގެ އައްސަވާނެކަން ޔަޤީން.”

އެ އުޚްތާގެ ވާހަކަ ނަމާދު ވަގުތައް ނިންމާލި އިރުގައި ހުރިހާ ބައިވެރިންވެސް ތިބީ ދިރިއުޅުމުގެ އެތައް ޞޮފްހާތަކެއްގެ ހިތްދަތިކަމުން އަރައިގަނެވޭނެ އަލިމަގު ލޮލުކޮޅައް ފެންނަ ހިސާބުގައެވެ. ދެން އޮތީ ހިތްވަރު ކޮށްގެން އެމަގުން އެއަލީގެ އަސްލާއި ހަމައަށް ވާސިލު ވެވޭތޯ އަމަލުން މަސައްކަތް ކުރުމެވެ.

**ނުނިމޭ**

 

5

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!