ބަނދަރަށް ދެވުނު ގަނޑީގައި ފުރަން މީހުންތައް ލޯންޗަށް އަރަނީއެވެ. “ކަނބުލޯ ދޭ އަވަހަށް ލޯންޗަށް އަރަން” ފޮށި ދެމުން ހަނީފާއްތަ ނައިޝާއަށް ބުނެލިއެވެ.

“ދައްތަ ވެދިން އޯގާތެރި ކަމަށް ދުވަހަކު ވެސް އަގު އަދައެއް ނުކުރެވޭނެ…ދައްތަ މިއަދު ނައިޝާއަށް އެހީ ނުވިނަމަ މިއަދު ނައިޝާ ހުންނާނީ އެ އަނިޔާވެރި ހޮހޮޅައިގަ” ނައިޝާގެ ލޮލުން ކަރުނަ ފައިބަމުން ބުނެލިއެވެ.

“ތި ކަމުން ތި ސަލާމަތްވީ ދެން އެކަމާ މަންޖެ ދެރަނުވޭ…ދައްތަ ދުއާ ކުރަން މަންޖެއަށް ދެރަގޮތެއް ނުވާނެކަމަށް” ނައިޝާގެ ލޮލުން ކަރުނަ ފުހެލަދިނުމަށްފަހު ހަނީފާއްތަ އޯގާތެރި ކަމާއެކު ބުނެލިއެވެ.

އެވަގުތު ފޮށި ބެހެއްޓުމަށް ފަހު ނައިޝާ އެނާގެ ޕޯސް ހުޅުވާލުމަށްފަހު ލޯންޗު ޓިކެޓަށް ވާ ރުފިޔާ ނެގުމަށް ފަހު، އޭނާގެ އަތުގައި ބާކީ އޮތް ފަސްހާސް ފަސްސަތޭކަ ރުފިޔާ ހަނީފާއްތަ އަށް ދިއްކޮށްލިއެވެ. “އަން މީ ނައިޝާ އަށް ވެދިން އޯގާތެރި ކަމަށްޓަކާ ދޭ ކުޑަ ކުޑަ ހަދިޔާއެއް ކަމަށް ހީކޮށްލާ” ރުފިޔާ ދިއްކޮށްލަމުން ނައިޝާ ބުނެލިއެވެ.

“ނޫން ތީތި ބާއްވާ…ދައްތަ މިކަންތައް ކޮށްދިނީކީ ފައިސާއަށްޓަކައެއް ނޫން… އިންސާނިއްޔަތު ކަމަށްޓަކާ” ނައިޝާ ދިއްކުރި ރުފިޔާގައި ނުހިފަން ހަނީފާއްތަ ބުނެލިއެވެ.

“ދައްތަ އަދިވެސް ހިތަށްއަރަނީ ތިހާ ރަނގަޅު ކުއްޖަކަށް އެމީހުން އެހެން ހަދާލަން ކެރުނުކަމޭ” ލޮލަށް ޖަމާވި ކަރުނަތައް ފޮހެލުމަށްފަހު ހަނީފާއްތަ ބުންޏެވެ.

އެވަގުތު ނައިޝާއަށް ރޮވުނެވެ. “އެމީހެއް ކުރި ކަމެެއް އޮންނާނީ އެމީހަކަށް…އަހަރެން ބޭނުމެއްނުވޭ ބަދަލު ހިފާކަށް” ނައިޝާ އެހެން ބުނުމުން ހަނީފާއްތަ ނައިޝާ ގަޔާ ކައިރިކޮށްލުމަށްފަހު ބައްދާލިއެވެ. ނައިޝާވެސް ހަނީފާއްތަ ގައިގާ ބައްދާލިއެވެ.

“ކަރުނަ ފުހެލާގެންދޭ ލޯންޗަށް އަރާ.. ބާއްޖަވެރި ދަތުރަކަށް އެދެން” ހަނީފާއްތަ އެހެންބުނުމުން ނައިޝާ ލޯ ފުހެލުމަށްފަހު، ސަލާމްކޮށް ހަނީފާއްތަގެ ފޯނު ނަންބަރު އަތުލައިގެން ލޯންޗާ ދިމާއަށް މިސްރާބު ޖެހިއެވެ.

ލޯންޗު ބަނދަރުން ނައްޓާލަންދެން ހަނީފާއްތަ ބަނދަރުމަތީގައި ބަލަން ހުއްޓެވެ.ލޯންޗު ނައްޓާލުމުން ނައިޝާއަށް ހަނާ އަޅާލުމަށްފަހު ހަނީފާއްތަ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ފޯނު ނެގުމަށްފަހު ހަނީފާއްތަގެ ނަންބަރު ނައިޝާ އޭނާގެ ސިމްކާޑަށް ސޭވްކޮށްލުމަށްފަހު ވައިބަރ އަށްވަދެ މަންމައަށް ގުޅާލިއެވެ. ނައިޝާއަށް އޭނާގެ މަންމަގެ އަޑު ކަންފަތުގައި ޖެހުމާއެކު ރޮވެން ފެށިއެވެ.

“ދަރިފުޅާ ކިހިނެއްވީ ރޮނީތަ؟ކީއްވެ ރޮނީ؟ރަނގަޅުތަ ތިކޮޅު؟” ނައިޝާ ރޯއަޑު އިވުމުން އޭނާގެ މަންމަ ހާސްވެހުރެ އެއްނޭވާއިން އަހާލިއެވެ.

“ރަނގަޅެއް ނޫން މަންމާ..މިހުރީ ލޯންޗުގަ” ނައިޝާ ބުނެލިއެވެ. “ކީކޭ ދަރިފުޅާ ތިކިޔަނީ ކެނޑި ކެނޑިގެން އަޑު އަންނަނީ” ނައިޝާގެ މަންމަ ބުންޏެވެ. ރޭންޖު ދަށްވާން ފެށުމުން ނައިޝާ ފޯނު ކަނޑާލުމަށްފަހު މަންމައަށް ވައިބާ އިން މެސެޖު ކޮށްލިއެވެ. “ރަނގަޅެއް ނޫން… އެކަމަކު މަންމަ ކަންބޮޑު ނުވައްޗޭ…ނައިޝާ މިހުރީ މާލެ ދާން ލޯންޗުގަ.. ދެގަޑިއިރު ތެރޭގަ މާލެ ދެވޭނެ” ނައިޝާގެ މެސެޖުގައި ވެއެވެ.

ނައިޝާގެ މެސެޖު ލިބުމާއެކު މަންމަ ގުޅިއެވެ.ނަމަވެސް ރޭންޖު ދަށްވުމުން ކިޔާއެއްޗެއް ސާފެއް ނުވިއެވެ. “ދަރިފުޅު އެކަނިތަ؟ ކޮބާ ސައިފް؟” ނައިޝާގެ މަންމަގެ މެސެޖުގައި ވެއެވެ.

“ނައިޝާ މާލެ ގޮއްސަ ހުރިހާ ވާހަކައެއް ކިޔާދޭނަން…ސައިފް އަކީ ގޮސް މީހެއް…އޭނާ ނައިޝާ އާ އިނީކީ ލޯތްބަކުން ނޫން…އެކަނި މިދަނީ ސައިފްވީ ރަށުގަ” ނައިޝާ އޭނާގެ މަންމައަށް ޖަވާބު ފޮނުވިއެވެ.

“އޭނަ ދަރިފުޅު ވަރިކުރީތަ؟ ނައިޝާގެ މަންމަގެ މެސެޖުގަ ވެއެވެ. “ނޫން… އެކަމް ނައިޝާ މާލެ ގޮއްސަ ވަރިވާން ފޯމު ލާނަން” ޖަވާބުގައި ނައިޝާ ލިޔުނެވެ.

ނައިޝާ އޭނާގެ މަންމައަށް މެސެޖު ކޮށްކޮށް އިންދާ ދޮންތަ ގުޅަން ފެށިއެވެ. ނައިޝާ އޭނާގެ ދޮންތައަށް ވެގެން އުޅޭގޮތް ކުރުކޮށް ކިޔައިދިނެވެ. “ދޮންތަ ގުޅިތަ؟…ތިކޮޅުން މަންމައަށް ރޭންޖު ނުލިބޭތީ ދޮންތަ ކައިރީ ބުނެފިން ނައިޝާއަށް ގުޅާލަބަލާށޭ” ނައިޝާގެ މަންމަ އަނެއްކާވެސް މެސެޖް ކޮށްލިއެވެ.

ދެގަނޑިއިރު ފަހުން މާލެ ބަނދަރަށް ލޯންޗު ލެފި ވަގުތު ޑުރައިވަރ ކަމާލް އާއި ދޮންތަގެ އިތުރުން ދޮންތަބެވެސް ނައިޝާ ބަލާ ކާރުގައި އައިސް ތިއްބެވެ.ދޮންތަ ފެނުމުން ރޮމުން ގޮސް ނައިޝާ އޭނާގެ ދޮންތަގެ ގައިގައި ބައްދާލިއެވެ.

ޑިކީއަށް ފޮށި އެރުވުމަށްފަހު ޑުރައިވަރ ކަމާލް އާއި ނައިޝާގެ ދޮންތަބެ ކުރީ ސީޓަށް އެރުމުން، ނައިޝާ އާއި އޭނާގެ ދޮންތަ ފަހަތު ސީޓަށް އެރިއެވެ. “މަންމަ އެބަ ގުޅާ…މަންމަ ވަރަށް ހާސްވެފަ ހުރީ އިރުއިރުކޮޅާ އެބަގުޅާ ނައިޝާގެ ޚަބަރު ހޯދަން” ނައިޝާގެ ދޮންތަގެ ފޯނަށް އޭނާގެ މަންމަގެ ކޯލެއް އައުމުން ނައިޝާއަށް ބުނެލިއެވެ.

“މިދަނީ ގެއަށް…ނައިޝާވެސް އެބައިން” ނައިޝާގެ ދޮންތަ އެހެންބުނެ ނައިޝާއަތަށް ފޯނު ދިނެވެ. “ހަލޯ މަންމާ ގެއަށް ގޮއްސަ ގުޅާލާނަން އިނގޭ” ލޯ ފުހެ ހަމައަކަށް އެޅިލަމުން ނައިޝާ ބުނެލިއެވެ.

ނައިޝާ އޭނާގެ އެޕާޓްމަންޓަށް ވަނުމުން ކަމާލް ފޮށި އެތެރެއަށް ވެއްދިއެވެ.” ނައި އަށް އެކަނިވެލަން ވަގުތުކޮޅެއްދީ” ނައިޝާގެ ދޮންތަ ނައިޝާގެ ފަހަތުން ވަންނަން އުޅުމުން ނައިޝާގެ ދޮންތަބެ ރަފީޢު ބުނެލިއެވެ. “ދޮންތަ އަންނާނަން ފަހުން އިނގޭ ނައީ” ނައިޝާގެ ދޮންތަ އެހެންބުނުމުން އޭނާ ބޯޖަހާލިއެވެ.

ސިޓިންރޫމަަށް ވަށައިގެން ނައިޝާ ނަޒަރު ހިންގާލިއެވެ.މުޅިތަން ވަނީ ފޮޅާ ސާފުކޮށްފައެވެ. ސިޓިންރޫމްގެ ދޮރު ލައްޕާ ތަޅުލުމަށްފަހު ފޮށި ހިފައިގެން ނައިޝާ އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަތް ނައިޝާގެ ލޮލުގައި އަޅައިގަތީ، ރައްޓެހިވެގެން އުޅުނު ދުވަސްކޮޅު ސައިފްދިން މާތައް އަޅާފައިވާ ބިއްލޫރި ވާހަށެވެ.ނައިޝާ ދިޔަގޮތަށް ގޮސް މޭޒުމަތީގައި އިން ވާސް ނަގާ އެއްލާލިއެވެ.އޭނާގެ އެތެރެ ހަށީގައި ހުޅުހިފާފައިވާ ފަދައެވެ.

އަލަމާރި ހުޅުވާލުމަށްފަހު ނައިޝާ އޭނާގެ ވެޑިން ޑްރެސް ނަގާ ވިދާލާ ބިންމައްޗަށް އެއްލާލިއެވެ.ސައިފާ ގުޅުންހުރި އެއްވެސް އެއްޗެއް ނައިޝާ ބަހައްޓާކަށް ބޭނުމެއް ނުވިއެވެ.އެރުޅިގަނޑުގައި ނައިޝާ ފޯނު ނެގުމަށްފަހު އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓް ދާއިމީކޮށް ފުހެލިއެވެ.

 

 

45

2 Comments

 1. Aishath Iraahath

  September 10, 2021 at 10:45 pm

  Ah love it ❤️

  • lamhus

   September 11, 2021 at 10:33 pm

   Thanks ♥️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!