“އަންނާނަން ފޯނު ހިފައިގެން ލޯންޗުގެ ކައްޕިއަަށް ގުޅާލަން” ކޮޓަރިއާ ދިމާއަށް ދަމުން ހަނީފާއްތަ ބުނެލިއެވެ. ފޯނު ހިފައިގެން އައިސް ކައްޕިއަަށް ހަނީފާއްތަ ގުޅާލިއެވެ.ތިންފަހަރު ގުޅިފަހުން އެކޮޅުން ފޯނު ނެގި އެވެ. ” އިބުރާހިމާ މީ ހަނީފާއްތައޭ ކޮންއިރު އެންމެ އަވަހަށް ލޯންޗު ފުރަނީ މާލެ ދާން؟”ހަނީފާއްތަ އަހާލިއެވެ.

“މާދަން ހެނދުނު 7 ޖަހާއިރު ދޯ…ދައްތައަށް އެއްޓިކެޓު ލިބިދާނެތަ ވަރަށް  ބޮޑު ކަމެެއް ދިމާވެގެން” ހަނީފާއްތަ ކައްޕިއަަށް ބުންޏެވެ. “ބަލާފަ އެބަ ގުޅަމޯ” ފޯނު ބޭއްވުމުން ހަނީފާއްތަ ނައިޝާއަށް ބުނެލިއެވެ.

“އެކަމަކު ދޯ މިޒަމާނުގެ ކުދިންގެ ގޯސްކަން… ދައްތައަށް އަޑުއިވިފަ ވަނީ ސުހާއާ ސައިފާ ދެކުދިން ރައްޓެހިވެގެން އުޅޭކަން…އެކަމަކު މަންޖޭއާ އިން ފަހުން ސައިފްއާ ސުހާގެ ދެމެދުގަ ވަނީ ރަހުމަތްތެރި ކަމޭވެސް މިރަށު މީހުން ކިޔާ އަޑު އެހިން…ދެން އެވާހަކަ ބާއްވާ…މިގޭގަ ދައްތައާ ބޭބެ އެކަނި އުޅެނީ..ބޭބެ މިވަގުތު ވަނީ މިތާ ކައިރި ރަށަކަށް ގޮއްސަ…އަންނާނީ ތިންދުވަސް ފަހުން… ދައްތަގެ ވެސް ހުންނާނެ ނައިޝާ ކަހަލަަ އަންހެން ކުއްޖެއް…އެކަމަކު އުމުރުން 10އަހަރުގަ ޑެންގީ ޖެހިގެން މަރުވީ” ހަނީފާއްތަ އެހެން ބުނެލިއިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ.

“މިހެންދެން އިންނަންވީމަ ކަމެއް ކުރުމުގެ ނިޔަތުގަ ދައްތަމެން ފިހާރައެއް ހުޅުވައިގެން މި ހިންގަނީ” ހަނީފާއްތަގެ ވަނަވަރު ނައިޝާއަށް ކިޔައިދިނުމުން ނައިޝާވެސް އޭނާގެ ވަނަވަރު ކިޔައިދިނެވެ.

ނައިޝާ އޭނާގެ ވަނަވަރު ކިޔައިދީ ނިމުނުތަނުން ހަނީފާއްތަ އަށް ފޯނެއް އައެވެ. “އެ ގުޅަނީ ކައްޕި” ހަނީފާއްތަ ނައިޝާއަށް ބުނެލިއެވެ. “ޝުކުރިއްޔާ ވަރަށް ބޮޑަށް” ފޯނު ބާއްވަމުން ހަނީފާއްތަ ކައްޕިއަަށް ބުނެލިއެވެ.

“ހެނދުނު ހަތެއް ޖަހާއިރު ފުރަންވީ” ހަނީފާއްތަ އެހެން ބުނުމުން ނުތަނަވަސް ވެފައިވާ ނައިޝާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. “ވަރަށް ވާހަކަ ދެކެވިއްޖެ އެއްނު ހިނގާ އެއްޗެއް ކާލައި ބޯލާ ހަދާލަން…އާދެ ފިހާރައަށް” ގޭގެ ބިއްދޮށުގައި ހުރި ދޮރާާ ދިމާއަށް މިސްރާބު ޖަހަމުން ހަނީފާއްތަ ނައިޝާއަށް ބުނެލިއެވެ.

ނައިޝާ އެއްޗެއް ބޭނުންނުވާ ކަމުގައި ބުންޏެވެ. އެހެންނަމަވެސް އެކަމަށް ހަނީފާއްތަ ދެކޮޅު ހެދުމުން ނައިޝާ ހަނީފާއްތަގެ ފަހަތުން ދިޔައެެވެ.

ލުއި ކާނާގެ އިތުރުން ބޯނެ ޕެކެޓެއް ނައިޝާ ނެގިއެވެ.އެތަކެއްޗަށް ފައިސާ ދައްކަން ނައިޝާގެ އަތްދަބަސް ހުޅުވާލުމަށްފަހު ޕޯސް ނެގިއެވެ. ” ކީއްކުރަން ތިއުޅެނީ؟…މީ ދައްތަ ކަނބުލޮއަށް ދޭ ހަދިޔާއެއް” ފައިސާ ދައްކަން އުޅެން ފެށުމުން ނައިޝާ އަށް ހަނީފާއްތަ ބުނެލިއެވެ.

“މި ކޮޓަރީގަ ހުރެލާ ފުރެންދެކަށް…ކޮޓަރި ހުންނާނީ ފޮޅާ ސާފުކޮށްފަ ބެޑްޝީޓުވެސް ބަދަލުކޮށްފަ…މީ މިގެއަށް އަންނަ މެހެމާނުންނަށް ހާއްސަކޮށްފަ ހުންނަ ކޮޓަރިއެއް…ގެއެއް ގޮތަށް ދެކިގެން އުޅޭ ބީރައްޓެހި ނުވެ..އެއްޗެއް ބޭނުންވަންޏާ ދައްތަ ކައިރި ބުނާތި” ނައިޝާއަށް ހަނީފާއްތަ ބުނެލިއެވެ.

“ދެން ކައިގެން ނިދޭތޯ ބަލާ…މާ ބޮޑަށް އެކަމާ ނުވިސްނާ…ނައިޝާއަށް އެންމެ ރަނގަޅުވާނީ އެހާ ނުބައި ކުއްޖަކާ އެކު އުޅުމަށް ވުރެ ދުރުވިއްޔާ” ކޮޓަރިން ނިކުންނަމުން ހަނީފާއްތަ ބުނެލިއެވެ.

ހަނީފާއްތައާ ވާހަކަ ހިއްސާ ކޮށްލެވުމުން ނައިޝާގެ ހިތަށް ކޮންމެވެސް ވަރަަކަށް ހަމަޖެހުން ލިބުނެވެ.ކުޑަކޮށް ކާލައިގެން ނައިޝާ ނިދޭތޯ އެނދުގައި ޖައްސާލި އެވެ.

އެހެން އޮވެ ނައިޝާ އޭނާގެ ފޯނު ހުޅުވާލުމަށްފަހު ސައިފްގެ ނަންބަރާއި މެސެޖުތަކާއި ފޮޓޯތަކުގެ އިތުރުން ސައިފާ ގުޅުންހުރި ހުރިހާ އެއްޗެއް ނައިޝާގެ ފޯނުން ފުހެލިއެވެ. ފޭސްބުކަށް ވަދެ ސައިފްގެ އައިޑީ އަންފުރެންޑު ކޮށްލުމަށްފަހު ނައިޝާގެ ފޭސްބުކް އެކައުންޓް ދާއިމީކޮށް ފުހެލަން އުޅެފައި, ސުހާ ފޭސްބުކަށް ފޮޓޯ އަޕްލޯޑު ކުރާ ވާހަކަ އަޑު އިވިފައި ވުމުން ނައިޝާ ސުހާގެ ނަން ޖަހާ ފޭސްބުކުގައި ހޯދާލިއެވެ.

ނައިޝާއަށް ސުހާގެ އައިޑީ ފެނުނެވެ.ހުރިހާ ޕޯސްޓުތަކެއް ޕަބްލިކް ކޮށްފައި ވުމުން ސުހާ ސައިފާ އެންގޭޖްވި ދުވަހާ ރައްޓެހިވި ދުވަހުގެ އިތުރުން ކައިވެނި ކުރި ދުވަސްވެސް ފޭސްބުކްގައި އަޕްލޯޑު ކޮށްފައިވާ ތަން ނައިޝާއަށް ފެނުނެވެ.އަދި އޭގެ އިތުރުން ސުހާ އާއި ސައިފްގެ ވަރަށް ގިނަ ފޮޓޯތައްވެސް ފެނުނެވެ.ނައިޝާ އާއި ދިމާވުމުގެ މާކުރިން ލާފައިވާ ފޮޓޯތައްވެސް ހިމެނެއެވެ.

މިހުރިހާ ދުވަހަކު ސައިފް އުޅުނީ ފޭކު އައިޑީ އަކުން ނައިޝާއާ ފުރެންޑުވެގެންކަން އޭނާއަށް މިރޭ އެނގުނެވެ.ސައިފްމެންގެ ފޮޓޯތަކަށް ލައިކް ދީފައި ތިބި މީހުން ނައިޝާ ބަލައިލި އެވެ.ލަވް ރިއެކުޓް ކޮށްފައިވާ މީހުންގެ ތެރޭގައި ސަނާވެސް އިންތަން ނައިޝާއަށް ފެނުނެވެ.

މީގެ ކުރިން ނައިޝާ ފޭސްބުކް މާގިނައިން ބޭނުން ނުކުރާތިއްޔާ ސައިފްގެ ނުބައިކަން މިދަރަޖައަށް ގޮސްދާނެ ކަމަށް ނައިޝާއަށް ހީކުރެވިފައި ނުވުމުން ސައިފްގެ އަސްލު އައިޑީ ނުފެނުނީ ކަމުގައި ނައިޝާގެ ހިތަށް އެރިއެވެ.ފޯނު ބޭއްވުމަށް ފަހު ނައިޝާ ކުޑަކޮށް ނިދާލަން ލޯމަރާލިއެވެ.

ފަތިހު 5 ޖެހުމުން ނައިޝާ ތެދުވެ ފެންވަރާލައިގެން އެނދުމަތި ރީތިކުރަން ހުއްޓާ ހަނީފާއްތަ އެކޮޓަރިއަށް ވަނެވެ.”ރޭގަ ނިދުނުތަ؟” ހިނިތުންވެލަމުން ނައިޝާއަށް ހަނީފާއްތަ އަހާލިއެވެ. “އާނ…ވަރަށް ހަމަޖެހިލައިގެން ނިދުނު” ބާލީސް ރީތިކޮށްލުމަށްފަހު ނައިޝާ ބުނެލިއެވެ.

“ހިނގާ ސައިބޯން އުޅެން…ފުރަންވާއިރަށް އެއްޗެއް ކާލަން ޖެހޭނެ…ކޯއްޗެއް ބޭނުންވަނީ ކާން؟” ހަނީފާއްތަ އަހާލިއެވެ. “ރަނގަޅު ވާނެ ކޮންމެ އެއްޗަކަސް” ނައިޝާ އެހެންބުނުމުން ހަނީފާއްތަ ބަދިގެއަށް ދަނީ ކަމުގައި ބުނެ ހިނގައިގަތެވެ.

ހަނީފާއްތަ ބަދިގެއަށް ވަނުމުން ނައިޝާވެސް ބަދިގެއަށް ވަނެވެ. “ރޮށްޓާއި ބޭކަޑް ބީންސް ހަދަން މިއުޅެނީ ރަނގަޅުވާނެތަ؟” ހަނީފާއްތަ އެހެން އެހުމުން ނައިޝާ އާނ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ހަނީފާއްތަ ފުށްގަނޑު މޮޑެން އުޅެން ފެށުމުން ނައިޝާ ބޭކަޑް ބީންސް ހަދަން ފިޔާ ކޮށަން ފިޔާ ނަގަން އުޅުނެެވެ. “ކީއްކުރަން ތިއުޅެނީ؟” ހަނީފާއްތަ ނައިޝާއަށް އަހާލިއެވެ.

“ފިޔާ ކޮށަން” ނައިޝާ ޖަވާބުގައި ބުންޏެވެ. “ތި ބަހައްޓާ…ދައްތަ ނުބުނަމެއްނު ނައިޝާ ކައިރީގަ ތިކަން ކުރާކަށް…ތީ މިގޭގެ މެހެމާނެއް” ނައިޝާއަށް ހަނީފާއްތަ އޯގާތެރި ކަމާއެކު ބުނެލިއެވެ. “ދެން ދައްތަ އެކަނި އުޅޭއިރު ފަސޭހަވާނެއެއްނު” ނައިޝާ ބުންޏެވެ.އެހެންނަމަވެސް ނައިޝާ ލައްވާ ކަންތައްތައް ކުރުވާކަށް ހަނީފާއްތަ ޤަބޫލުނުވުމުން ނައިޝާ ފިޔާތައް ބެހެއްޓުމަށް ފަހު ސިޓިންރޫމާ ދިމާއަށް މިސްރާބު ޖެހިއެވެ.

 

36

2 Comments

  1. Aishath Iraahath

    September 9, 2021 at 3:09 pm

    Please upload the next part soon .. can’t wait to read next part.. v reethi mi vaahaka..

  2. lamhus

    September 10, 2021 at 6:24 pm

    Yes I will

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!