ސިޓިންރޫމަށް ވަދެ ނައިޝާ އެތަން ސާފުކޮށްލަން އުޅުނެވެ.މާބޮޑަަށް ހަޑިވެފައި ނުވުމުން އެތަން ސާފުކުރާކަށް ނައިޝާ އަކަށް މާ ގިނަ ވަގުތުތަކެއް ހޭދަކުރާކަށް ނުޖެހުނެވެ.ސިޓިންރޫމުތެރެ ފޮޅާލުމަށްފަހު ކުނި ނަގަން ނައިޝާ ހުއްޓާ ހަނީފާއްތަ ސިޓިންރޫމަށް ވަނެވެ.

“އަޅޭ ތިބަހައްޓާ ކަނބުލޯ” ސިޓިންރޫމަށް ވަދެގެން އައި ހަނީފާއްތަ ނައިޝާއަށް ބުނެލިއެވެ. “މީދެން މާ ބޮޑުކަމެއް ނޫނެއްނު…ދެން މިހެން ހުރުމުގެ ބަދަލުގަ ކަމެއް ކޮށްލީމި” ކުނިތައް ޑަސްބިނަށް އެޅުމަށް ފަހު ނައިޝާ ބުނެލިއެވެ.

“ހިނގާ ސައިބޯން ސައި ހެދިފަ ހުރީ” ހަނީފާއްތަ އެހެން ބުނެ ހިނގައިގަތުމުން ނައިޝާވެސް އޭނާގެ ފަހަތުން ދިޔައެެވެ.ކާގެއަށް ވަދެ އަތްދޮވެލައިގެން މޭޒުދޮށުގައި ނައިޝާ އިށީނުމުން ހަނީފާއްތަ ނައިޝާއަށް ސައި އަޅާދިނެވެ. “ނައިޝާ އަމިއްލައަށްވެސް ސައި އަޅާފާނަމޭ” ނައިޝާ ހަނީފާއްތައަަށް ބުނެލިއެވެ.

“ސައި ބޯންފަށާ…ތީ މިގޭ މެހެމާނެއް… މެހެމާނުންނަށް ކަމޭހިތަން ވާނެ” ހަނީފާއްތަ އެހެން ބުނެ ކާން އިށީނެވެ. “ނައިޝާ ތީ ވަރަށް ރަނގަޅު ގެވެހި ކުއްޖެއް…އަހަންނަކަށް އެއްގޮތަކަށްވެސް ނުވިސްނުނު ތިހާ ރަނގަޅު ކުއްޖަކަށް އެމީހުން އެހާ ގޯސްވާންވީ ސަބަބެއް… ހަގީގީ ރީތިކަމާކީ މީހާގެ އަޚުލާގާއި ހިތް…ބޭރު ފުށުން ފެންނަން ހުންނަ ރީތިކަމަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން” ރޮށި ކޮޅެއް ކާލަމުން ހަނީފާއްތަ ނައިޝާއަށް ބުނެލިއެވެ.

“އެ ސުހާ އެއީ ވަރަށް ކިބުރުވެރި އެހާމެ ކަންނެތް އަންހެންކުއްޖެއް…ކިހާ ދުވަހަކަށް ސައިފަށް އޭނާއާއެކު ކެތްވާނެބާއޭ ދައްތަ ހިތަށް އަރާ…ދައްތަ ސުހާ މަންމަގެ ރަހުމަތްތެރި ކަމުގަ އެގެއަށް ގޮސް ހަދަން ކުރީގަ…އޭރުވެސް އޭނާގެ މަންމަ އެބޮޑު އަންހެން ކުއްޖާގެ ހުރިހާ ކަމެއް ކޮށްދެނީ…މިހާރު ފިހާރަ ހުޅުވައިގެން އުޅޭތީ ޖައްސާނުލެވޭ އެއްވެސްތާކަށް…އަބަދު ފިހާރައިގަ މިއިންނަން ޖެހެނީ” އިތުރަށް ހަނީފާއްތަ ބުންޏެވެ.

“”މަންޖޭ ދޫންޏާ ތިބަހައްޓާ އަޅެ” ކައިނިމިގެން ކެއި ތަށި ދޮންނަން ޒިންކު ކައިރިއަށް ނައިޝާ ދިއުމުން ހަނީފާއްތަ ބުނެލިއެވެ.އޭނާގެ ފަހަތުން ހަނީފާއްތަ ވެސް ތަށި ހިފައިގެން ދޮންނަން ޒިންކު ކައިރިއަށް ދިޔައެެވެ. “ދައްތައެއްނު ކެއްކީ…ދެން ދީ ނައިޝާއަަށް ތަށިތައް ދޮވެ މޭޒުމަތި ސާފުކުރަން…ކަމެއް ނުކޮށް އިންނަންވީމަ ވެސް ފޫހިވޭ” ނައިޝާ ބުނެލިއެވެ.

ނައިޝާ ކުރުނުކޮށް ކިޔަންފެށުމުން ހަނީފާއްތަ އެއްބަސްވިއެވެ.ތަށި ދޮންނަން ަަަަަަަަަަަަަަަަަަަަަަަަަ ނައިޝާ އޭނާ ލައިގެން ހުރި ހެދުމުގެ އަތްކުރި އޮޅާލިއެވެ.އެވަގުތު ނައިޝާގެ އަތުގައި ހުރި ލަކުނުތައް ހަނީފާއްތައަށް ފެނުނެވެ.

“މީ ކީއްވެފަ؟”ނައިޝާގެ އަތުގައި ހިފާލަމުން ހަނީފާއްތަ އަހާލިއެވެ. “މީ ވާގަނޑު ވާންކޮށް އައްސާފަ ހުރުމުން… ބުނީމެއްނު ދެއަތް ފުރަގަހަށް ބަނދެފަ ގުދަންތެރެއަށް ނައިޝާލި ވާހަކަ” ނައިޝާ ބުނެލިއެވެ.

“ޕިސް ޕިސް ޕިސް…ހެޔޮވާނެތަ މިހެން ހަދަން…ދެން ކޮންތާކު ލަކުނު ހުރީ؟” ހަނީފާއްތަ އެހެން ބުނުމުން ނައިޝާ ލައިގެން ހުރި ހެދުން ހިއްލާލުމަށްފަހު ސައިފް އޭނާ ގައިގައި ތަޅާ ލަކުނު ލައްވާލި ތަންތަން ހަނީފާއްތައަށް ދައްކާލިއެވެ.

“ކަނބުލޯ…ތީ ފޮރުވާ ވަރުގެ ކަންކަމެއް ނޫން…ތިވާހަކަ ޖެހޭނެ ކަމާބެހޭ ފަރާތަށް އަންގަން… ރިޕޯޓް ކުރަން ޖެހޭނެ” “ނޫން އަހަރެން ބޭނުމެއްނޫން އިތުރަށް މިމައްސަލަ ދިގު ދަންމާކަށް…އަހަރެން ބޭނުންވަނީ ސައިފާ ދުރަށް ގޮސް ސައިފް މަތިން މުޅި އުމުރަށް ހަނދާން ނައްތާލަން” ހަނީފާއްތަގެ ވާހަކަ ކުރިމަރާލަމުން ނައިޝާ އެހެން ބުނެލިއިރު އޭނާގެ އަޑުގައި ވަނީ ހިތާމައެވެ.

” ކަނބުލޮއަށް އެނގޭނީ ހަދަންވާނެ ގޮތް…އެކަމަކު ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ދައްތަ ދޭނެ ނަސޭހަތަކީ މީ…އެހާ ނުލަފާ މީހުން މުޖުތަމައު ތެރެއަށް މިނިވަން ކަމާއެކު އުޅެން ދޫކުރާކަށް ނުވާނެ…މާދަމާ އެހެންކުއްޖަކަށްވެސް އެމީހުން ތިގޮތް ހަދާލަފާނެ…ދައްތައަށް ވަރަށް އުދަނގޫ މިވާހަކަ ނުދައްކާ ކެތްކުރަން” ހަނީފާއްތަ އެހެންބުނުމުން އެއްވެސް މީހެއް ކައިރި މިވާހަކަތައް ނުދެއްކުމަށް ނައިޝާ ހަނީފާއްތަގެ ކިބައިން އެދުނެވެ.

“މީހުން ކައިރި ނުބުންޏަސް ސައިފްގެ ބައްޕަ ކައިރީ ބުނަންވާނެ” ހަނީފާއްތަ ބުންޏެވެ. “ނޫން ނޫން…ބައްޕަ ކައިރީ މިވާހަކަ އަމުދުން ނުދައްކާތި އެއީ ބަލިމީހެއް…އަހަރެން ބޭނުމެއްނޫން އިތުރަށް ބައްޕަ ބަލިކުރާކަށް..އެގޭގަ އަހަންނަށް ހަމައެކަނި އޯގާތެރިވި މީހަކީ އެއީ… އެހެންވީމަ އަހަރެން ނޭދެން ބައްޕައަށް ދެރަގޮތެއް ވާކަށް” ނައިޝާ ދެރަވެލާފައި ބުނެލިއެވެ.

“އެންމެ ރަނގަޅު މަންޖެއަށްޓަކާ ދައްތަ ހުރެދާނަން އެކަމަކުވެސް ދައްތައަށްވެސް ކެތްކުރެވޭނީ ވަކި ވަރަކަށް” ހަނީފާއްތަ ބުންޏެވެ. “އަހަރެން މިރަށުން ފުރެންދެކަށް މިވާހަކަ ނުދައްކާ…އަހަރެން ރަށުން ފުރީމަ…” ނައިޝާ އެހެން ބުނެ ފުން ނޭވާއެއް ދޫކޮށްލިއެވެ. “އަސްލު މިވާހަކަ މީހުން ކައިރީ ދައްކާކަށް ބޭނުމެއްނޫން…އެކަމަކު ދައްތައަށް ކެތްނުވަންޏާ…” ނައިޝާ ދެރަވެލާފައި އެހެން ބުނުމުން ނައިޝާ ރަށުން ފުރީމާ ނޫނީ މިވާހަކަ މީހެއް ކައިރި ނުދައްކާނެ ކަމުގައި ހަނީފާއްތަ ބުންޏެވެ.

ފެންވަރައިގެން މާލެ ދާން ފުރަން ނައިޝާ ތައްޔާރުވެލިއެވެ.އަތްދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ފޮށި ދަމަމުން ސިޓިންރޫމަށް ނުކުތްއިރު ހަނީފާއްތަ ވެސް ތައްޔާރު ވެގެން އަތަށް ކޮތަޅެއް ލައިގެން ސިޓިންރޫމަށް ނިކުތެވެ.

“ދީ ދައްތަ އަތަށް ފޮށި…ދައްތަ ބަނދަރާ ހަމައަށް ގެންގޮސްދޭނަން…އަން މީ ދައްތަ ނައިޝާއަށް ދޭ ހަދިޔާއެއް…މީގަ ހުންނާނީ ކާއެއްޗެހި…ލޯންޗުގަ އިންނަ އިރު ކާލާ” ހަނީފާއްތަ އެހެން ބުނެ ނައިޝާ އަތަށް ކޮތަޅު ލައިދިނުމަށްފަހު، ނައިޝާގެ އަތުގައި އޮތް ފޮށި އަތުލިއެވެ. “ޝުކުރިއްޔާ” ކޮތަޅުގައި ހިފި ނައިޝާ ހިނިތުންވެލަމުން ހަނީފާއްތަ އަށް ޝުކުރު އަދާކުރިއެވެ.

ހަތެއް ޖަހަން ތިރީސް މިނެޓް ވެފައި އޮއްވާ ހަނީފާއްތަ އާއި ނައިޝާ ބަނދަރާ ދިމާލަށް ދާން މިސްރާބު ޖެހިއެވެ. ހިނގަމުން ގޮސް ސައިފްގެ ގޭ މަގަށް އެޅުމުން ކުއްލިއަކަށް ނައިޝާ ހުއްޓުން އެރިއެވެ.

“ބިރުނުގަނޭ ކަނބުލޯ ދައްތަ ހުއްޓާ އެމީހުންނަށް ކަނބުލޮއަށް އެއްވެސް ކަމެއް ނުކުރެވޭނެ…ދައްތަ މިމަގަށް މިއެޅީ އަވަހަށް ބަނދަރަށް ދެވޭނީ މިމަގުން ކަމަށް ވާތީ” ނައިޝާ ހުއްޓުމުން އޭނާގެ އަތުގައި ހިފާލުމަށްފަހު ހަނީފާއްތަ ލޯތްބާއި އެކު ބުނެލި އެވެ.

ވަރަށް ހިތްވަރު ކޮށްލާފައި ނައިޝާ ސައިފްގެ ގެ ދޮރުމަތިން ހުރަސްކޮށްލިއެވެ.އެވަގުތު އެއްވެސް މީހެއްގެ ހިލަމެއް އެގޭގައި ނެތެވެ.ސައިފްގެ ގެއާ ދުރަށް ހިނގާގަތުމަށްފަހު ނައިޝާ ހުއްޓި ފަހަތް ބަލައިލި އެވެ. އެގެއަށް ވަރަށް ރަނގަޅަށް ބަލަން ހުއްޓިގެން ހުރި ނައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

މިއަދު އޭނާ އެރަށުން އެ ފައިބަނީ އޭނާ ސައިފަށް ވި ލޯތްބާއި ގުރުބާނީ މުޅިން ވަޅުލާފައެވެ. “ދެރަ ނުވޭ…އިރާދަކުރެވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ހަނީފާއްތަ އެހެންބުނުމުން ނައިޝާ ހިނގައިގަތެވެ.

 

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!