“ރުހާ ދޭ ކޮޓަރިއަށް….. އަހަރެން އެބަ އަންނަން…..” ރުހާއާއި މުޚާތަބުކޮށް ވާހަކަދެއްކިނަމަވެސް، މިކްޔާންގެ ނަޒަރު ސީދާވެފައިވީ އެ އަންހެންކުއްޖާއަށެވެ. އެކުއްޖާވެސް ހުރީ މިކްޔާނަށް ބަލަހައްޓައިގެންނެވެ. ދެފަހަރު ދެމީހުންނަށް ބަލާލަމުން، އެތަނުން ދާން ހިނގައިގަތް ރުހާގެ ހިތަށް ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. މަޑުމަޑުން ހިނގާލާފައިގޮސް، ކޮޓަރިއާއި އަރާ ހަމަވުމުން، އަނެއްކާވެސް މިކްޔާންމެނަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހިތް ބާރުބާރަށް ތެޅެންފެށިހެން ހީވިއެވެ. އެހެން ނޫނީ ނުވާ ތަފާތު ގޮތްތަކެއް އެ ހިތަށް ވަމުންދިޔައެވެ. އެ އަންހެންކުއްޖާގެ ގާތުގައި މިކްޔާން މަޑުކޮށްފައި، އޭނާ ފޮނުވާލުމުން، ހިތް ނުތަނަވަސްވެ، ހިތުގައި ޝަކުވާ އުފެދުނެވެ.
ރުހާ ކޮޓަރިއަށް ވަނުމުން މިކްޔާން އަނެއްކާވެސް އެ އަންހެންކުއްޖާއަށް ބަލާލީ ނުރުހިފައި ހުރެއެވެ. އޭރު އެކުއްޖާވެސް ހުރީ މިކްޔާނަށް ބަލާށެވެ.
“ރުހާއާއި ވާހަކަދައްކަން ނާޒްއަށް ހުއްދަދިނީ ކާކު..؟؟؟ އޭނައާއި ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބާ…..؟؟؟؟” ދެޖީބަށް އަތްޖަހާލަމުން ވާހަކަދެއްކި މިކްޔާންގެ އަޑުންވެސް ހިތްހަމަނުޖެހިފައިހުރިކަން ފާޅުވިއެވެ.
“އައްދޭ…. އަންހެނުންދެކެ ހާދަ ލޯތްބެކޭ ދޯ ތިވަނީ…..” މިކްޔާންގެ ވާހަކަތައް އިވިފައި ހިތިގޮތަކަށް ހީލަމުން ނާޒްއަށް ބުނެވުނެވެ.
“އަހަރެން ހިއެއް ނުކުރަން މިކްޔާންގެ ޙަޔާތަށް އިތުރު މީހަކު ގެންނާނެކަމަކަށް….. އަދި އެވެސް އެހާ އަވަހަށް…..” އެމޫނުމަތިން ފެންނަމުންދިޔައީ ހިތާމައިގެ އަސަރުތަކެވެ. އަޑުގައިވެސް ކުރަކިކަމެއް އެކުލެވިފައިވިއެވެ. ނަމަވެސް، މިއިން ކަމަކުން މިކްޔާންގެ ހިތަށް އަސަރެއްކުރިހެނެއް ހިއެއްނުވެއެވެ. އޭގެ ބަދަލުގައި، ނާޒްގެ މޫނުމަތީގައިވާ މޮޅިވެރިކަން ފެނިފައި އޭނާގެ ހިތަށް ފިނިކަމެއް ލިބުނުފަދައެވެ.
“ނާޒް ހީކުރީ ނާޒް އަހަރެން ދޫކޮށްލާފައި ދިޔައީމަ، އަހަރެން ނާޒްގެ ފަހަތުން އާދޭސްކުރަމުން ދާނެކަމަށްތަ؟؟؟؟ ނޫނީ ނާޒްގެ އިންތިޒާރުގައި މުޅި ޢުމުރު ހޭދަކޮށްލާނެކަމަށްތަ…..؟؟؟؟ އެހެން ހީވެފައިވާނަމަ އެއީ ކުށްހީއެއް….” އެއްމިޔަކަނުން ހީލަމުން މިކްޔާން ބުނެލިއެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ. މިކްޔާންގެ މޫނުމަތީގައިވީ މަލާމާތުގެ އަސަރުތައް ފެނިފައި ހިތްދަތިވެފައި ހުރި ނާޒް އިތުރަށް ދެރަވިއެވެ.
“މިކްޔާން ދޫކޮށްލާފައި ދިއުމަށް އަހަންނަށް މަޖުބޫރުކުރުވީ މިކްޔާނާއި މިކްޔާންގެ މައިންބަފައިން…… އަހަރެން ފަހަރެއްގައިވެސް މިކްޔާންގެ ދިރިއުޅުމުން ދުރަށް ދާކަށް ބޭނުމެއް ނުވޭ….. އޭރުވެސް …. މިހާރުވެސް….. އަހަރެން އަދިވެސް މިކްޔާންދެކެ ލޯބިވޭ…… މިހާރުވެސް މިކްޔާންގެ ޙަޔާތަށް އަހަރެން ގެންދަން ހުރިއްޔާ އަހަރެން މިހުރީ ހަމަ ދާން ތައްޔާރަށް…..” އެއްފިޔަވަޅު ކުރިއަށް ޖެހިލަމުން ނާޒް ވާހަކަދެއްކީ އާދޭހުގެ ރާގެއްގައެވެ. އެދެލޮލުގައިވެސް ވަނީ އާދޭހެވެ.
“އަހަރެން ނާޒްއާއި ކައިވެނިކުރަން ޤަބޫލުވިއްޔާ، އަބަދުގެ އަބަދަށް ތިދާއިރާ ދޫކޮށް އަހަރެންގެ ޙަޔާތަށް އާދެވޭނެތަ…..؟؟؟؟” ސީދާ ނާޒްގެ ދެލޮލަށް ބަލާލަންހުރެ މިކްޔާން އަހާލިއެވެ. އެއަޑުގައި ސާބިތުކަންވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނާޒްއަށް ހުރެވުނީ މިކްޔާނަށް ބަލާށެވެ. އެދެލޮލުގައި ވަނީ ޝަކުވާއާއި އާދޭހެވެ. ނަމަވެސް، އަނގައިން ބަހެއް ބުނުމެއްނެތި ނާޒް، އިސްޖަހާލީ މިކްޔާންގެ އެ ޝަރުތު ޤަބޫލުކުރެވެން ނެތުމުންނެވެ.
“ކީއްވެ ޖަވާބެއް ނުދިނީ…..؟؟؟؟” އިސްޖަހާލައިގެން ހުރި ނާޒްއާއި ހަމައަށް ބޯތިރިކޮށްލަމުން މިކްޔާން އަހާލިއެވެ. ނަމަވެސް، ދެންވެސް ނާޒްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހުރިގޮތަށް އޭނާ ހުރީއެވެ.
“އަހަންނަށް ހީވިއޭ ނާޒްއަކަށް ޖަވާބެއް ނުދެވޭނެއޭ….. އޭރުވެސް އަދި މިހާރުވެސް ނާޒް އަހަރެންދެކެ ލޯތްބެއް ނުވޭ….. އެހެންނަމަ، ނާޒްގެ ކެރިއަރއަށްޓަކައި އަހަންނަކާ ވަތްކެއް ނުވީސް… އެކަމަށްޓަކައި އަހަރެންގެ ދިރިއުޅުމުން ދުރަކަށް ނުދިޔައީސް…. ނާޒް އަބަދުވެސް ލޯބިވީ ނާޒްގެ ކެރިއަރދެކެ….” ހަށިގަނޑު ތެދުކޮށްލުމަށްފަހު، މޭމަތީ ދެއަތް ހުރަސްކޮށްލަމުން ވާހަކަދެއްކިއިރު، މިފަހަރު އެއަޑުގައިވީ ސީރިއަސްކަމެވެ. އިސްއުފުލާ ބަލާލި، ނާޒްގެ ދެލޯފެންކަޅުވެފައިވާ ޙާލު ދެފަރާތަށް ބޯހޫރާލިއެވެ. ނަމަވެސް އެއްވެސް ބަހެއް ނުބުނެއެވެ.
“އަހަންނާ ރުހާގެ ކައިވެނިވީފަހުން އަދި ދެތިން ދުވަސްވީ… އަހަރެން ބޭނުމެއް ނޫން ނާޒްގެ ސަބަބުން އަހަރެމެން ދެމީހުންގެ ދޭތެރޭ އެއްވެސް މައްސަލައެއް ޖެހޭކަށް… އުއްމީދުކުރަން ނާޒް ދެން ރުހާއާއި ވާހަކަދައްކަން މަސައްކަތް ނުކުރާނެކަމަށް….” ނާޒްއަށް ބަލަން ހުރެ މިހެން ބުނެފައި އިތުރަށް އެތާ މަޑުނުކޮށް މިކްޔާން ހިނގައިގަތެވެ. މިކްޔާން ދިޔަ ދިމާއަށް ބަލަން ހުރި ނާޒް އޭނާގެ ދެލޮލުން ނީރާލި ކަރުނަތިކި ބޮޑުވާ އިނގިލި ކުރިން ފުހެލިއެވެ.
**********
ކޮޓަރީއަށް ވަނީއްސުރެ ރުހާއަކަށް އެއްވެސް ތަނަކު ފޫ ޖެއްސޭ ކަމަކަމަށް ނުވިއެވެ. ދެއަތް ދެއަތާ މޮޑެމުން، ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާލާ ހިނގާލާ ހުރެވުނީ ހިތް ނުތަނަވަސްވެފައިވާ ޙާލުއެވެ. މިކްޔާނާއި އެކުއްޖާ އާއި ވާހަކަ ދައްކަން ތިބުމުން ރުހާގެ ހިތް އެވަރަށް ނުތަނަވަސްވާންވީ ކީއްވެ ކަމެއް ޚުދު ރުހާއަކަށްވެސް ނޭނގުނެވެ. އެކި ޚިޔާލުތަކުން އޭނާގެ ސިކުނޑި ފިތެމުންދާކަހަލައެވެ. ހިތުގައި ވަނީ އެތައް ސުވާލެއް ފުނިޖެހިފައެވެ. އެއީ ކޮން ކުއްޖެއްތޯއެވެ؟؟؟ އެކުއްޖާއާއި މިކްޔާނާއި ދެމެދު އޮތީ ކޮންގުޅުމެއްތޯ އެވެ؟؟؟؟ އެދެމުދުގައި މިހާރު ދެކެވެމުން އެދަނީ ކޮން ވާހަކައެއްތޯއެވެ….؟؟؟؟
ކޮޓަރިއަށް ވަންގޮތަށް މިކްޔާނަށް ތަންކޮޅެއް ބާރަށް ދޮރުލެއްޕުނީ ނާޒްދެކެ ހިތްހަމަނުޖެހިފައި ހުރިވަރުންނެވެ. ދޮރުލެއްޕި އަޑަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ރުހާއަށް ސިހިފައި ބަލާލެވުނުއިރު، އޭނާގެ ފިޔަވަޅުތަކަށްވެސް ހުއްޓުން އެރިއެވެ. ނަމަވެސް މިއިން ކަމެއް މިކްޔާންގެ ސަމާލުކަމަކަށް ނައެވެ. އޭނާ އެދިޔަގޮތަށް ގޮސް ނުކުތީ ކޮޓަރީގެ އަނެއްފަރާތަށެވެ. މިކްޔާންގެ ޙަރަކާތްތަކަށް ބަލަން ހުރި ރުހާގެ ސުވާލުތަކަށް އިތުރު ބޮޅެއް އިތުރުވުން ނޫން ކަމެއް ނުވިއެވެ. ލަސްފިޔަވަޅުތަކެއް އަޅަމުންގޮސް ރުހާ މަޑުކޮށްލީ ބިއްލޫރި ދޮރުކައިރީގައެވެ. ބޭރުގައި ހުރި ސަންބެޑްގައި އޮތް މިކްޔާން އޮތީ ނިއްމަތީ އަތްއަޅާލައިގެންނެވެ. ދެލޯމަރާލައިގެން އޮތްއިރު، އޭނާގެ މޫޑު ގޯސްވެފައިވާވަރު، އެމޫނުމަތިން އެކަނިވެސް ފައުޅުވާން ހުއްޓެވެ. އެވަގުތު މިކްޔާނަށް ބަލަން ހުރި ރުހާގެ ލޮލުގައި އަޅައިގަތީ އޮށޯވެލައިގެން އޮތް މިކްޔާންގެ ފައެވެ. މިކްޔާންގެ ފައި މަށައިގެން ދިޔަ ހަނދާންވީވެސް އެތަން ފެނުމުންނެވެ.
ރުހާގެ ދަބަހުން “ފަސްއެއިޑް ބޮކްސް” ނަގައިގެން ބޭރަށް ދާން ހިނގައިގަތް ރުހާގެ ހިތް ނެގިނެގިފައި ޖެހެމުންދާ ފަދައެވެ. މިކްޔާންގެ މޫޑު ގޯސްވެފައިވުމުން ރުހާ ހުރީ ކުޑަކޮށް ޖެހިލުންވެފައެވެ. އަބަދުވެސް އޭނާދެކެ ހިތްހަމަނުޖެހިފައި ހުންނައިރު އަދި މިއަދު ވާނެވަރުވެސް ނޭނގޭތީއެވެ. އެހެންކަމުން މިކްޔާންގެ ގާތަށް ދިޔަ ނަމަވެސް އޭނާއަކަށް މިކްޔާނަށް ގޮވާލާކަށް ނުކެރުނެވެ.
ލޯމަރާލައިގެން އޮތް މިކްޔާން ލޯހުޅުވާލީ ގާތުން މީހެއްގެ ހިލަން ވީހެން ހީވުމުންނެވެ. ލޯހުޅުވާ ބަލާލިއިރު ގާތުގައި ހުރި ރުހާ ފެނުމުން ދެލޯ ހަނިކޮށްލެވުނެވެ. ދެވަނަސިކުންތުގައި އޭނާގެ ލޮލުގައި އަޅައިގަތީ ރުހާގެ އަތުގައި އޮތް “ފަސްޓް އެއިޑް ބޮކްސް” އެވެ. ސުވާލު އުފެދިފައި އޮވެ އެއަށް ލޮލުން އިޝާރާތްކޮށްލަމުން، “ކިހިނެއްވީ”ހޭ އަހާލިއެވެ. އަދިވެސް އެމޫނުމަތީގައިވި އަސަރުތަކަށް ބަދަލެއް ނާދެއެވެ. ޖެހިލުންވެފައިހުރި ރުހާއަށް އަނގައިން ބުނަން ނުކެރުމުން މިކްޔާންގެ ފައިތިލައާއި ދިމާއަށް އިނގިލި ދިއްކޮށްލިއެވެ. މަށައިގެން ގޮސްފައިވާ ފައިތިލަ ފެނުމުން މިކްޔާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ހީވާގޮތުން އޭނާއަށްވެސް ފައިމަށައިގެންދިޔަކަން ހަނދާންވީ ދެނެވެ. ނާޒްއާއި ދިމާވީއްސުރެ އޭނާގެ ސިކުނޑިއާއި ހިތް ވަށާލެވިފައިވަނީ އެދެމެދުގައި ދެކެވުނު ވާހަކަތަކުންނެވެ. އެހެންކަމުން ފައިތިލައިގައި އަޅަމުންދިޔަ ވޭންމަތިންވެސް އޭނާ ހަނދާން ނެތުނީއެވެ.
އޮށޯވެގެން އޮތް މިކްޔާން ތެދުވެ ދެފައިދަމާލައިގެން އިށީނެވެ. އަދި ޖީންސްގެ ފައިކުރި ކުޑަކޮށް އޮޅާލަމުން ފަހަތަށް ދެއަތް ވިއްދާލައިގެން އިނދެ ހަމަޖެހިލަމުން ރުހާއަށް ބަލާލިއެވެ. މިކްޔާންގެ އެ ބަލާލުމުން ނަގަންވީ ކޮން މާނައެއްކަން ނޭނގިފައި ރުހާއަށް ހުރެވުނީއެވެ.
“ރުހާ…..” މިކްޔާންގެ މޫނަށް ބަލަން ހުރި ރުހާއަށް ހަމަހޭވެރިކަންވީ މިކްޔާން ގޮވާލުމުންނެވެ. ނަމަވެސް ދެންވެސް އެއްވެސް ޙަރަކާތެއްކޮށްނުލާ އޭނާއަށް ހުރެވުނީއެވެ.
“ބޭސް އަޅައިދޭކަށް ނޫންތަ ތިއައީ….؟؟؟؟” ރުހާއާއި ހަތަރުކަޅި ހަމަކޮށްލަމުން ސުވާލުކޮށްލި މިކްޔާންގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ރުހާއަށް ހައިރާންކަން ލިބުނީ ނުސީދާކޮށްވިޔަސް، އޭނާގެ ގާތުގައި ބޭސްއަޅައިދެން ބުނުމުގެ އިތުރުން އެއަޑުގައި އެއްވެސް ރުޅިވެރިކަމެއް ނެތުމުންނެވެ. ދާދިފަހަކާއި ޖެހެންދެން މިކްޔާންގެ މޫނުމަތީގައިވި ހިތްހަމަނުޖެހުމުގެ އަސަރުފިލާގޮސް، މީހާގެ މޫޑު ހަމައަކަށް އެޅިފައިވާކަމުގެ އަސަރުތައްވެސް އެމޫނުމަތިން ފާޅުވާން ހުރުމުން ރުހާ ހުރީ ވާނުވާ ނޭނގި ހައިރާންކަމެއްގެ ތެރޭގައެވެ. ދެފަރާތަށް ބޯހޫރާލަމުން މިކްޔާން އިށީނދެގެން އިން ސަންބެޑްގެ ފައިލާކޮޅުގައި ރުހާ އިށީނެވެ.
ރުހާގެ މަޑުމަޑު ދެއަތްތިލައިން، މިކްޔާންގެ ފައި ހިއްލާލަމުން އޭނާގެ އުނގުމަތީގައި ބޭއްވިއިރު، ރުހާއަށް ވިސްނެމުން ދިޔައީ އެހާއަވަހަށް މިކްޔާންގެ މޫޑު ބަދަލުވީތީ އެކަމާ ދޭތެރޭގައެވެ. އަދި “ފަސްޓްއެއިޑް ބޮކްސް” ތެރެއިން ކުޑަ ޑެޓޯލް ފުޅިއަކާއި ކަފަކޮޅެއް ނެގުމަށްފަހު މިކްޔާންގެ ފައިތިލައިގެ މަށައިގެން ގޮސްފައިވާ ތަން ސާފުކުރަން އަވަސްވެގަތެވެ.
މިކްޔާންގެ ފައި ރުހާގެ އުނގަށްލީ ވަގުތު، ރުހާގެ ފިނިވެފައިވާ ދެއަތްތިލަ، އެއްވެސް ހުރަހަކާނުލާ މިކްޔާންގެ ފައިތިލައިގައި ބީހުމުން، މިކްޔާނަށް ހީވީ އޭނާގެ އެތެރެހަށީގައި ކަރަންޓުގެ ރާޅުބާންޏެއް ދަތުރުކުރިހެންނެވެ. އެންމެ ހިމަނާރުތަކަށްވެސް އެނގުންވެލިއެވެ. ހިތުގައިވެސް ތަފާތު ގޮތަކަށް ވިންދުޖަހާލިހެން ހީވިއެވެ. ފުރަތަމަ ފަހަރަށް ތަފާތު ނަޒަރަކުން ރުހާއާއި ދިމާއަށް ބަލާލެވުނެވެ. މީގެ ކުރިން އޭނާއަށް ރަނގަޅަށް ރުހާއާއި ދިމާއަށް ބަލާވެސް ނުލެވެއެވެ. ރުހާގެ ރީތިކަންވެސް ފާހަގަވީ ސަމާލުކަންދީގެން އެމޫނަށް ބަލަން އިނުމުންނެވެ. އެއްވެސް ރާޅުކަމެއް ނުވާ އޮމާން ދޮން މޫނެވެ. ތަނަވަސް ނިއްކުރިއާއި ބޮޑު ދެލޮލެވެ. ދެލޮލުގެ ވަށައިގެންވާ ދިގު އެސްފިޔަތަކެވެ. ކުޑަ ނޭފަތާއި މަޑު ފިޔާތޮށިކުލައަކަށްދާ ތުނި ދެތުންފަތެވެ. ކުޑަކޮށް ބޭރަށްވާގޮތަށް ފާޅުވަން އިންނަ ކުޑަ ދަތްދޮޅިކޮޅެވެ. އިޚްތިޔާރަކާއި ނުލާ މިކްޔާނަށް ހިނިތުންވެލެވުނީ ހިތުގެ އެންމެ ފުންމިނުން ރުހާގެ ރީތިކަމަށް ތަޢުރީފްކޮށްލެވުމުންނެވެ.
“އަހަރެންގެ ސަބަބުން މިކްޔާނަށް އަނިޔާ ލިބުނީތީ އަހަރެން މާފަށް އެދެން…..” މިކްޔާންގެ ފައިތިލައިގެ މަށައިގެން ގޮސްފައިވާ ތަން ޑެޓޯލްއިން ސާފުކުރަން އިން ރުހާ ބުނެލިއެވެ. އޭނާގެ ނަޒަރު މިކްޔާންގެ ފައިތިލައަށް ހުއްޓިފައިވުމުން މިކްޔާން ބަލަން އިންކަމެއް އޭނާއަކަށް ރޭކާއެއް ނުލައެވެ.
ރުހާގެ ރީތިކަމަށް ގެއްލިފައި އިން މިކްޔާނަށް ހޭވެރިކަންވީ ރުހާ ވާހަކަދެއްކުމުންނެވެ. އޭނާގެ މޫނުމަތި މިލާފައިވާތަން ފެނުމުން ފުރަތަމަ ފަހަރަށް މިކްޔާންގެ ހިތުގައި ހަމްދަރުދީ އުފެދި އެހިތުގައި ރިއްސާލިއެވެ. ރުހާ ހިތްހަމަޖައްސައިދިނުމަށްޓަކައި، “އެއީ އެވަރުކަމެއް ނޫނޭ” ބުނެލިއިރު އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެފައިވިއެވެ.
ރުހާއަށް އިސް އުފުލާ މިކްޔާނާއި ދިމާއަށް ބަލާލެވުނީ، އަނެއްކާވެސް އެ އަޑުގައި އެއްވެސް ވަރަކަށް ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިފައި ނުވުމުންނެވެ. އިތުރަށް ހައިރާންކުރުވީ މިކްޔާންގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފެނިފައެވެ. މިކްޔާނަށް މިއައި ކުއްލި ބަދަލުން ރުހާއަށް މާނަ ނެގުނީ މުޅީން ގޯސްކޮށެވެ. އޭނާއަށް ހީވީ މިކްޔާންގެ މިޒާޖަށް އެއައި ކުއްލި ބަދަލުގެ އަސްލަކީ ނާޒްކަމެވެ. ނާޒްއާއި ބައްދަލްވެ ދެކެވުނު ވާހަކައެއްގެ ސަބަބުން މިކްޔާންގެ މޫޑު ރަނގަޅުވީކަމުގައި އޭނާއަށް ވިސްނުމުން އަނެއްކާވެސް ރުހާގެ ހިތުގެ ހިނގުން އަވަސްވެ ހިތް ނުތަނަވަސްވިއެވެ. އެހެންކަމުން އިތުރަށް މިކްޔާންގެ ކުރިމަތީގައި އިނުމަށް ބޭނުން ނުވާތީ، މިކްޔާންގެ ފައިތިލައިގައި ރަތްބޭސް ހާކާލުމަށްފަހު، ހުރިހާ އެއްޗެއް “ފަސްޓް އެއިޑް ބޮކްސް”އަށް އަޅަން ފެށީ އަވަހަށް އެތަނުން ދާން ބޭނުންވެފައި އިނުމުންނެވެ.
ރުހާގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު މަޑުމައިތިރިކަމާއި ބަސްމަދުކަމުން މިކްޔާނަށް އުނދަގޫވިއެވެ. އެމޫނުމަތިން ނުތަނަވަސްކަން ފާޅުވުމުގެ ސަބަބަކީ ނާޒްކަމުގައި ހިތް ބުނުމުން މިކްޔާން ބޭނުންވީ ރުހާއަށް ނާޒްއަކީ ކާކުކަން އޮޅުން ފިލުވައިދިނުމަށެވެ. ނާޒްގެ ސަބަބުން ޙަޤީގަތުގައިވެސް އެދެމެދުގައި އެއްވެސް މައްސަލައެއް ޖެހޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ކީއްވެގެންކަން ނޭނގުނަސް، ނާޒްއާއި ގުޅުން ހުރި ހުރިހާކަމެއް ރުހާއަށް އޮޅުން ފިލުވައިދިނުމަށް އޭނާގެ ހިތް އެދެމުންދަނީއެވެ. ރުހާއާއި ކައިވެނިކުރީ އޭނާ ބޭނުންވެގެން ނޫންކަމުގައިވީނަމަވެސް، އޭނާ އެގުޅުން ދަމަހައްޓަން ބޭނުންވެއެވެ. ލޯބިވާ މައިންބަފައިންގެ ޙައްޤުގައެވެ. ރުހާގެ ގާތު ވަގުތުކޮޅެއް ބޭނުންވާކަމުގައި ބުނީ އެހާ އަވަހަށް އެފަދަ ގުޅުމަކަށް އޭނާ ތައްޔާރުވެފައި ނުވާތީއެވެ. އަމިއްލަ ނަފްސަށް ވިސްނައިދީ އެނަފްސް ހަމައަކަށް އަޅުވަން ބޭނުންވާތީއެވެ. ފަހަރެއްގައިވެސް، ރުހާއަށް ދެރައެއްދީ އޭނާއަށް ބޭވަފާތެރިވާކަށް ނޫނެވެ. އޭނާއަކީ އެހާ ގޯސް މީހެއްނޫނެވެ. ރުހާގެ އިޙްސާސްތަކަށް އޭނާ އިޙްތިރާމްކުރެއެވެ. ރުހާދެކެ ބައެއްފަހަރު ރުޅިއާދެވެނީ، އޭނާ ހިތް ނޭދޭގޮތަށް ކަންތައްތައްވަމުންދާތީއެވެ. އަމިއްލަ ނަފްސުދެކެ އަންނަ ރުޅި ރުހާއަށް އަމާޒުކުރެވޭ ފަހަރުތައްވެސް މަދެއް ނޫނެވެ. ނަމަވެސް އެއީ އޭނާ ގަސްތުގައި ކުރާކަމެއް ނޫނެވެ. އަމިއްލަ އިޚްތިޔާރަކާއި ނުލާ ރުޅިއިސްކުރެވެނީއެވެ. ނަމަވެސް އެގޮތަށް ކަންތައް ކުރެވުމުން ފަހުން އޭނާ އެކަމާ ދެރަވެ ހިތާމަވެސްކުރެއެވެ.
“އެއީ ނާޒް…..” އެތަނުން ތެދުވި ވަގުތު މިކްޔާން މިހެން ބުނުމުން ރުހާގެ ފައިގައި ކަސްތޮޅު ލެވުން ފަދައެވެ. ސުވާލުގެ ނަޒަރަކުން މިކްޔާނަށް ބަލާލެވުނުއިރު، މިކްޔާން އެ ދައްކަނީ ބޭރުން ދިމާވި އަންހެން ކުއްޖާގެ ވާހަކައޭ ހިތްބުނަމުން ދިޔައެވެ.
“ރުހާއާއި ބޭރުން ބައްދަލްވީ ކުއްޖާއަށް ކިޔަނީ ނާޒް….. ނާޒްއަކީ ކުރިން އަހަރެން ކައިވެނިކުރަން އުޅުން ކުއްޖާ…..” ރުހާއާއި ކުރިމަތިވާގޮތަށް ހުއްޓިހުރެ މިކްޔާން ކިޔައިދިނެވެ. މިކްޔާންގެ ވާހަކަތަކުން ރުހާގެ ހިތަށް އިތުރަށް އުނދަގޫވަމުން ދިޔައެވެ. އެހެންކަމުން މިކްޔާނަށް ނުބަލަންވެގެން ރުހާގެ ނަޒަރު އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ.
“އަހަރެން ނާހަމެއްނު އެއީ ކާކުތޯއެއް….. އެހެންނޫނަސް އެއީ ކާކުތޯ ބެލުމަކަށް އަހަރެންގެ ޝައުގުވެރިކަމެއް ނެތް…..”މިކްޔާންގެ ވާހަކަތަކުން ރުހާގެ ހިތަށް އެހާ އުނދަގޫވާންވީ ސަބަބެއް ނޭނގޭތީ، އޭނާ ރުޅިގަދަވާގޮތްވުމުން، އެހެން ބުނެވުނީ ވަރަށް ރުންކުރުކޮށެވެ. ދެންވެސް މިކްޔާނަށް ބަލާލުމެއްނެތި އޭނާ އެތަނުން ދިޔައީއެވެ. ހީކުރިގޮތާއި ޚިލާފަށް ނާޒްއާއި ބެހޭގޮތުން އެއްވެސް ކަމެއް އެނގެން ރުހާ ބޭނުން ނުވުމުން، މިކްޔާން ހައިރާންވިއެވެ. އެއަށްވުރެވެސް ބޮޑަށް ހައިރާންވީ ރުހާ އެހާ ރުޅިއަންނަންވީ ސަބަބެއް ނޭނގުމުންނެވެ.
**********
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ފޯނަށް ބަލަން، އެނދުގައި އޮށޯވެލައިގެން އޮތް މިކްޔާންގެ ސަމާލުކަން ހުއްޓުނީ ފާޚާނާއިން ނުކުމެގެން ގޮސް، ރީތިވާ މޭޒު ދޮށުގައި މަޑުކޮށްލި ރުހާއަށެވެ. ބޮލުގައި އައްސާފައިވާ ވޫލްކޮޅު ނައްޓުވާލަމުން ރުހާ އޭނާގެ ބޮލުގައި ޖަހާފައިވާ ހުޅިގަނޑު މޮހާލިއެވެ. ކަޅުކަންގަދަ ބުޅި އިސްތަށިގަނޑު މިނިވަންވެގެން ދިޔަވަގުތު، މިކްޔާނަށް އޮވެވުނީ އާޝޯހްވެފައި ބަލާށެވެ. މީގެ ކުރިން ރުހާއަށް މާބޮޑު ސަމާލުކަމެއް ދެވިފައި ނުވާތީ، ރުހާގެ ފޫކޮޅާއި ހަމައަށްއަރާ އިސްތަށިގަނޑު މިކްޔާންގެ ލޮލުގައި ކުރިން އަޅައިނުގަތީއެވެ. ރުހާގެ ދޮންމޫނާއި އެއިސްތަށިގަނޑު ނުހަނު ގުޅެއެވެ. ބުރުގާ ނާޅާ ހުންނައިރުވެސް ރުހާގެ ރީތކަން އިންތިހާއެވެ.
މިކްޔާން ބަލާހެން ހީވުމުން ބޮލުގައި ފުނާއަޅަން ހުރި ރުހާއަށް ފަސްއެނބުރި ބަލާލެވުނެވެ. ވަގަކު ވައްކަން ކުރަން އުޅެނިކޮށް ފިލަން އުޅުނުހެން، ތެޅިގެންފައި މިކްޔާން ފޯނަށް ނަޒަރު ހުއްޓާލިއެވެ. ފޯނަށް ބަލަން ގެއްލިފައި އޮތް މިކްޔާން ފެނިފައި އެއީ ކުރެވުނު ކުށްހީއެއްކަމުގައި ނިންމާ، ރުހާ ބޮލުގައި ހުޅިޖަހާލިއެވެ. “މިކްޔާން އޭނާއަށް ބަލަންވީ ކީއްވެގެން ހެއްޔެވެ.؟ ނާޒްއާއި ދިމާވީ ފަހުން މިކްޔާން އެހުންނަނީ ވަރަށް ހަމަޖެހިފައެވެ.” ރުހާގެ ހިތުގައި އެނބުރެންފެށި ޚިޔާލުތަކުން އޭނާ މާޔޫސްކޮށްލިއެވެ. މިކްޔާނަށް ބަލާލުމަށްފަހު، އަނގަޔަށް ވައްތަރެއް ޖައްސާލަމުން ރުހާގޮސް އެނދަށް އަރާ ލޯމަރާލިއެވެ.
**********
އެދުވަހަށްފަހު، ރުހާ ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް ނޫނީ މިކްޔާނަކާ ނުދައްކައެވެ. އޭނާބެލީ ވީހާވެސް ބޮޑަށް މިކްޔާނާ ދުރުން އުޅެވޭތޯއެވެ. އެއީ މިކްޔާން ބޭނުންވާގޮތް ކަމުގައި އޭނާއަށް ހީކުރެވިފައިވާތީއެވެ.
ރުހާއާއި ކިތަންމެ ވާހަކަދައްކަން ބޭނުންވީނަމަވެސް، މިކްޔާން ހިމޭންކަން އިޚްތިޔާރުކުރީ ރުހާ މާދުރުދުރުން އުޅޭތީއެވެ. އެހެންޏާ އެއްގޮތުން ނޫނީއާއި އަނެއްގޮތަކުންވެސް ރުހާ އޭނާއާއި ގާތްވާން މަސައްކަތްކުރާނެއެވެ. އެކަމާ، ކުރިން މިކްޔާން ހިތްހަމަނުޖެހުނުނަމަވެސް، މިހާރު ރުހާ އެހާވަރަށް ވާހަކަ ނުދައްކާތީ މިކްޔާންގެ ހިތަށް އުނދަގޫވަމުންދިޔައެވެ.
އެދުވަހުގެ ފަހުން އެމީހުންނާ ނާޒްއާއިވެސް ބައްދަލެއް ނުވެއެވެ.
**********
ދެތިންދުވަހަށްފަހު މިކްޔާންމެން އެމީހުންގެ ދަތުރު ނިންމާލުމަށްފަހު، އެނބުރި ރަށަށް ދިޔައެވެ. ގެއަށް ދިޔައިރު ގޭޓުދޮށުގައި ޢާއިލާ އެންމެން ނުކުމެ ތިބީ އެމީހުންގެ އިންތިޒާރުގައެވެ.
“ދޮންބެދައްތައަށް ސަޕްރައިޒެއް ދޭންވެގެން މި އުޅެނީ…..” ކާރުން ފޭބި ރުހާގެ ގައިގައި ކުޑަކޮށް ބައްދާލަމުން މަލަކް ބުނެލީ އޭނާގެ ލޯމަތީ ފޮތިކޮޅެއް އައްސާލަމުންނެވެ. ހިނިތުންވެލަމުން ކޮންކަހަލަ ސަޕްރައިޒެއްހޭ ރުހާއަށް އަހާލެވުނެވެ.
“އެތެރެއަށް ދިޔައީމައެއްނު އެނގޭނީ……” ރުހާގެ ސުވާލަށް ޖަވާބުދިނީ މިލްނާއެވެ. އޭނާގެ އަޑުގައި ޖޯޝާއި ފޯރިއެކުލެވިފައިވާކަން ރުހާއަށް ފާހަގަވިއެވެ. އެހެންކަމުން މިލްނާއާއި މަލަކް އޭނާގެ އަތުގައި ހިފައިގެން އެތެރެއަށް ދިޔައިރު، ރުހާގެ ތުންފަތުގައިވެސް ނުފިލާ ހިނިތުންވުމެއް ވިއެވެ. ދެންތިބި މީހުންވެސް އެމީހުންގެ ފަހަތުން އެތެރެއަށް ވަނެވެ.
“ޓަންޓަނާ…..”ރުހާގެ ލޮލުގައި އައްސާފައިވާ ފޮތިކޮޅު މޮހާލަމުން މަލަކް ބާރުބަރަށް ބުނެލިއެވެ. ދެލޯ އުނގުޅާލުމަށްފަހު، ލޯ ހުޅުވާލި ރުހާއަށް ކުރިމަތިން ފެނުނު މަންޒަރުން ފުރަތަމަ ދެލޯބޮޑުކޮށްލައިގެން ހުރެވުނީ ޔަޤީންކުރަން ދަތިވެފައިވާ މީހެއްފަދައިންނެވެ. ނަމަވެސް އޭނާގެ ތުނިދެތުންފަތަށް ހިނިތުންވުން ވެރިވާކަށް މާގިނައިރުތަކެއް ނުނެގިއެވެ. ތޫލިއަޑަކުން ހަޅޭލަވައިގަނެވުނީވެސް އުފާވީވަރުންނެވެ. ވާނީވެސް އެހެންތާއެވެ. ކުރިމަތީގައި އެހުރީ އޭނާގެ ލޯބިވާ ކޮއްކޮ ރިދާ އާއި ބައްޕަ ޖާވިދެވެ. ރިދާގެ ނަމުން ގޮވާލަމުން ރުހާ ރިދާގެ ގައިގައި ބައްދާލިއެވެ.
ލޯބިވާ ދައްތައާއި ބައްދަލްވުމުން ރިދާއަށްވެސްވަނީ ބުނެދޭން ދަތި އުފަލެއް ލިބިފައެވެ. ވޭތުވެ ދިޔަ ހައެއްކަދުވަހު ރުހާއާއި ވަކިން އޭނާގެ ދުވަސްތައް ހޭދަކުރުން ވީ ރިދާއަށް ވަރަށްވެސް އުނދަގޫކަމަކަށެވެ. ދެބެން އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން އުފާވެފައި ތިބިތަން ބަލަން ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމުގެ އަސަރުތަކެވެ. ރުހާ އުފާވެފައިވާތަން ފެނުމުން، ރީތި ހިނިތުންވުމަކާއިއެކު، މޭމަތީ ދެއަތް ހުރަސްކޮށްލައިގެން ހުރި މިކްޔާންގެ ހިތަށް ފިނިކަމެއް ލިބިފައިވިއެވެ.
“ބައްޕާ…. ކިހިނެއް …؟؟؟؟ މިކޮޅަށް…..؟؟؟؟؟” ރިދާއާއި ދުރަށް ޖެހިލަމުން ޖާވިދުގެ ގައިގައި ކުޑަކޮށް ބައްދާލި ރުހާއަށް އުފާވެފައިހުރިވަރުން ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
“ރިދާ އެ އައީ އަހަރެމެން ދަޢުވަތު ދިނީމަ….. ދުވަސްކޮޅަކު މިކޮޅުގައި މަޑުކޮށްލުމަށް….. ރުހާ މިކޮޅަށް ރަނގަޅަށް ފަރިތަވެލަންދެން ރިދާ ހުންނާނީ ރުހާގެ ގާތުގައި…… ގާތްމީހަކު ކައިރީގައި ހުރީމަ ރުހާވެސް ހިތްހަމަޖެހޭނެކަމަށް ވިސްނާފަ އޭނަ ގެނައީ…..” ރުހާގެ ސުވާލަށް ޖަވާބުދިނީ މިލްނާއެވެ. ހެވިލައިގެން ހުރި މިލްނާއަށް ޝުކުރުވެރިވަމުން ރުހާ އޭނާގެ ގައިގައިވެސް ބައްދާލިއެވެ. އެއަށްފަހު ރިދާއާއި މަލަކްއާއިއެކު އޭނާ މިސްރާބުޖެހީ ކޮޓަރިއާއި ދިމާއަށެވެ.
މިކްޔާން އައިސް ޖާވިދާއި ސަލާމްކޮށްލިއެވެ. މިލްނާ ޖަބީންއާއިއެކު މެންދުރު ކެއުމުގެ ކަންތައް ހަމަޖެއްސުމަށް ދިއުމުން ފިރިހެންވެރިން ތިބީ ފެންޑާގައި ވިޔަފާރީގެ އެކިއެކި ވާހަކަތައް ދެއްކުމުގައެވެ.
**********
ރަށު ބޭސްފިހާރައިގައި މަސައްކަތްކުރާ ލައިނީގެ ދައްތަ ލަމްހާގެ އެހީއާއި އިރުޝާދުގެދަށުން ގޭގައި ޓެސްޓްކޮށްލުމުން، ލައިނީއަށް އޭނާ ބަނޑުބޮޑުކަން އެނގުމުން، އުފަލުން ގޮސް އޭނާގެ ދެލޮލުން ކަރުނަ ނިރާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެމޫނުމައްޗަށް ހިތާމައިގެ އަސަރުތައް ވެރިވެގަތީ ރަޔާނަށް އެޚަބަރު ދިނުމުން ވާނެގޮތަކާއިމެދު ވިސްނާލުމުންނެވެ. ކުރިން ރަޔާންގެ ޚިޔާލް ހޯދުމުން އަދި އެހާ އަވަހަށް ކުއްޖަކު ހޯދަން އޭނާ ބޭނުން ނުވާކަމަށް ރަޔާން ބުނެފައިވާތީ، ލައިނީ އިނީ ރަޔާންގެ ޢަމަލުތައް ހުންނާނެ ގޮތަކާއިމެދު ކަންބޮޑުވެފައެވެ.
**********
ރަޔާން ގެއަށް އައިއިރު ލައިނީ އޮތީ އެނދުގައެވެ. އޭނާ އޮތީ ބިއްދޮށަށް އެނބުރިގެންކަމުން އާދައިގެމަތިން ރަޔާން އޭނާއާއި ސަމާސަކޮށްލާހިތްވިއެވެ. އެހެންކަމުން ވަރަށް މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް ލައިނީގެ ބަނޑު ކޮށްޓާލިއެވެ. ހީލިއެރިވަރުން ލައިނީއަށް ތެޅިގަނެވުނެވެ. ރަޔާން މިކުރިކަމަކުން ދެންމެއަކާއި ޖެހެންދެން އެމޫނުގައިވި ނުތަނަވަސްކަން ހިނދުކޮޅަކަށް ނަމަވެސް ފިލައިދިޔައެވެ. ތެދުވެ ހެޑްބޯޑުގައި ލެނގިލިއިރު އޭނާގެ ތުންފަތަށް ލުއިހިނިތުންވުމެއް ވެރިވެފައިވިއެވެ. ރަޔާންވެސް ލައިނީގެ ގާތުގައި އިށީންނަމުން ލައިނީގެ ދެއަތްތިލައަށް ބޮސްދިނެވެ. އަދި ލޯބިވާކަން ހާމަކޮށްލިއެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް….؟؟؟؟” ރަޔާންގެ މޫނަށް ބަލާލަމުން ސީރިއަސްވެފައި އިނދެ ލައިނީ ބުނެލިއެވެ. އޭނާގެ ބޮލުގައި ފިރުމާލަމުން ކޮން ވާހަކައެއްހޭ ރަޔާން އަހާލީ އޯގާތެރިކަމާއިއެކީގައެވެ.
“އަހަރެން ބަނޑުބޮޑު…..” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ތެޅިތެޅި އޮތް ހިތަކާއެކު ރަޔާންގެ ޙަރަކާތްތަކަށް ފަރުވާވެ ބަލަން އިނދެ ލައިނީ ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Assalaam Alaikum all readers… ? Hope u gys like this part too ?❤? Good nyt tgc ❤❤❤