ވެބްކެމް
ކުރެވޭ ކުޑަކުޑަ ޢަމަލަކުން މުޅި ޙަޔާތް ބަރުބާދެކަމަށް ވިސްނަނީ ކިތައް އިންސާނުން ހެއްޔެވެ؟ ބުނެވޭ އެންމެ ލަފްޒަކުން ދިރިއުޅުން އެފުށް މިފުށަށް ޖެހިދާނެކަމަށް ޚިޔާލު ކުރަނީ ކިތައް މީހުން ބާވައެވެ؟ ދެކެވޭ ވާހަކަ އެއްގެ ސަބަބުން ދެން ތިބީންގެ މެދުގައި ތިމާގެ ޢިއްޒަތުއް ނަފްސު ވެއްޔާ މޮޑެވިދާނެކަމަށް ފަރުވާ ބަހައްޓާ ކިތައް މީހުން އުޅޭ ބާވައެވެ؟ ދުނިޔޭގައި ދިރިއުޅޭ ހިނދު، އެހެން މީހުންނާއި ކުރިމަތިލާންޖެހޭނެކަމަށް ވިސްނާ، ކުރާ ކަންކަމުގައި މީހާގެ ނަފްސް ރައްކާތެރިކުރަން ނުވިސްނާ މީހުން މަދުވަނީ ކީއްވެގެން ހެއްޔެވެ؟
ތެދެކެވެ. އިންސާނާގެ ޙަޔާތަކީ މާތް އެއްޗެކެވެ. އެހެނިހެން މަޚުލޫޤުންނާއި ޚިލާފަތް ބުއްދީގެ މަތިވެރި ޖައުހަރުގެ ބޮޑު ނިޢުމަތުން އިންސާނާގެ މާތްކަން ވަނީ އިތުރުކުރައްވާފައެވެ. އެކަމަކު، ހިމާތައަކީ މިބުނި ނިޢުމަތަށް ވިސްނަނީ ކިތައް މީހުން ބާވައެވެ؟ އިންސާނުންގެ ތެރޭގައި، އިންސާނުންގެ ސިފައިގައި ތިބި ޝައިޠާނުން ގިނަވަމުންދަނީ ކީއްވެގެން ހެއްޔެވެ؟ މަދު ސިކުންތު ކޮޅެއްގެ އުފަލަށްޓަކައި، މާދަމާ ވެދާނެ ގޮތަކަށް ނުބަލާ ޢަމަލު ކުރަނީ ކިތައް މީހުން ބާވައެވެ؟ އެމީހުންގެ ހަމަ ވިސްނުން ނެތީ ހެއްޔެވެ؟ ނޫނީ، ހަމަ ޝަޢިތާނާގެ ބާރު މާ ބޮޑަށް އެމީހުންގެ މައްޗަށް ހިނގަނީ ހެއްވެ؟
ދެރަވެއެވެ. ވަރަށް ދެރަވެއެވެ. އިންތިހާޔަށް ފުންކޮށް ވިސްނަން މިއަދު އަހަންނަށް މަޖުބޫރުވެއްޖެއެވެ. ޤަބޫލުވެސް ނުކުރެވެއެވެ. މީހަމަ އަހަރެން ހެއްޔެވެ؟ އަހަރެންގެ ފަރާތުން އެކަން ހަމަ އެހެން ވީ ހެއްޔެވެ؟ ކީއްވެގެން ހެއްޔެވެ؟ އެހެން ވެގެނެއް ނުވާނެއެވެ. އަހަންނަކީ ވަރުގަދަ މީހެކެވެ. އަހަންނަކާ ނުކުޅެވޭނެއެވެ. އަހަރެންގެ ބޮލަށް އެއްވެސް މީހަކަށް ސަވާރެއް ނުވެވޭނެއެވެ. އަހަރެން އަބަދުވެސް ދެކޭ ގޮތަކީ އެއީއެވެ.
ނޫނެކެވެ. މަންޒަރު ބަދަލުވެއްޖެއެވެ. ދެލޯ ކަރުނައިން ފުރިއްޖެއެވެ. ފަރުދާވެގެން އުޅެން މަޖުބޫރުވެއްޖެއެވެ. އޭނާ މޮޅެވެ. ވަރަށް މޮޅެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އަހަރެންގެ ޙަޔާތް ތޫފާނަކަށް ހަދާލައިފިއެވެ. ހިތަށް އަރައެވެ. ފަނަރަ އަހަރުގެ ކުއްޖަކަށްވުރެ، އަހަރެންގެ ވިސްނުމުގެ ފެންވަރު ދަށްވީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ އަތުގެ އިނގިލި ކުރިތަކުން، އަހަރެންގެ ޙަޔާތާއި ކުޅެލީ ކޮން ޖާދޫއަކުން ބާވައެވެ؟
އެއީވެސް ހަމަ އާދައިގެ ދުވަހެކެވެ. ހަވީރު ފެންވަރާލައިގެން ޖައްސާލީ ކޮމްޕިއުޓަރގެ ކައިރީގައެވެ. ޗެޓްކުރުމަކީ އަހަރެންގެ ހޮބީއެވެ. އެކަމަށް އަހަރެން ހުންނާނީ ދެވިހިފާފައެވެ. ކާކުކަން ނޭނގުނަސް އަހަންނާއި ވާހަކަ ދައްކާ ކޮންމެ މީހަކާއި ޗެޓްކޮށް ފްލާޓް ކުރުމަކީ އަހަރެންގެ އާދައެވެ. ގިނަ ވާނީ ޓީނޭގް އަންހެން ކުދިންނެވެ. ދިވެހިންނާއި ބޭރު ކުދިންނެވެ. ކޮންމެ ކުއްޖަކާއިވެސް ފޮނި ކަނޑާ މޮޅު ވާހަކަ ދެއްކުމަކީ އަހަރެންގެ ޝައުޤެވެ. އެހާވެސް އެކަމަށް އަހަރެން ފޯރި ހުރެއެވެ.
އަހަރެންގެ އެންމެ ޒުވާން ދުވަސްވަރުކަމުން، އަހަރެން އޭރު އުޅުނީ ކުއްޖަކާއި ރައްޓެހިވެގެންނެވެ. ނަމަކީ ދީމާ އެވެ. ދީމާ އަހަރެން ދެކެ އިންތިހާޔަށް ލޯބިވެއެވެ. އެކަން އަހަންނަށް އިނގެއެވެ. އެކަމަކު، އަހަރެން ދީމާ ބޭނުންވަނީ ފޫހިވުމުން އެކަންޏެވެ. ދީމާ ޝަކުވާ ކުރެއެވެ. ޗެޓްކުރުމަށް ވަގުތު ހުސްކޮށްފައި އެހެން ކަމަކަށް އަހަންނަށް ވަގުތެއްނޯވެއެވެ. މައިން ބަފައިންނަކީ އިންތިހާޔަށް ފޯރާ ބަޔަކަށްވުމުން، ވަޒީފާއެއް އަދާކުރުމަށް އެމީހުން ދެކޮޅު ހަދައެވެ. މައިން ބަފައިން ބޭނުންވަނީ އަހަރެންގޭގައި ހުންނާށެވެ. ޗެޓްކުރުމަށް ދެވިހިފީވެސް އެހެންވެގެންނެވެ.
ދަންވަރުގެ ހަމަ ހިމޭން ވަގުތެކެވެ. އަހަރެން އިނީ އޮންލައިންގަ ޗެޓްކުރާށެވެ. ކުއްލިއަކަށް އޮން ލައިންވީ ލޫސީ އެވެ. ލޫސީ އަކީ ފްރާންސްގެ އަންހެން ކުއްޖެކެވެ. އެތައް ދުވަހެއް ވަންދެން އަހަރެން ވާހަކަ ދައްކަން މަސައްކަތްކޮށް، އަނގައިންވެސް ނުބުނެ އިން ހަމަ އެކަނި ކުއްޖަކީ ލޫސީއެވެ. އެކަމު، ކުއްލިއަކަށް ލޫސީ ވާހަކަ ދައްކަން ފެށިއެވެ. އަހަރެން އުފަލުން މޮޔަ ނުވީ ކިރިޔާއެވެ. ލޫސީ އަކީ ފަސްމީރު ޔޫރަޕް އަންހެން ކުއްޖެކެވެ. ޢުމުރުން އެންމެ ފަނަރަ ވިޔަސް، ލޫސީގެ ފޮޓޯ ފެނުނު މީހަކުވެސް މޮޔަވާނެއެވެ. ބަލާބެލުމަށް ލޫސީ ހީވަނީ ވިހި އަހަރުގެ ފުރިހަމަ ޒުވާން އަންހެނެއް ހެނެވެ. އެހާވެސް އެމޫނުގެ އަސަރު ގަދަ ވާނެއެވެ. ތުންފަތުގައި މަސްތެއް ވެއެވެ. ބެލުމުގައި މޮޔަ ކޮށްލާ ގޮތެއް ހުރެއެވެ.
ލޫސީ އަހަންނާއި ވާހަކަ ދެއްކިއެވެ. ވަރަށް އަވަހަށް ރާއްޖެދާނެ ވާހަކައާއި، ރާއްޖޭގެ މީހަކާއި އިންނަން ބޭނުން ވާހަކަ ބުނެލިއެވެ. އަހަރެން މިހުރީ ނޫންހޭ ބުނެ ލޫސީއަށް މެސެޖް ފޮނުވާލީމެވެ. ލޫސީ އާނއެކޭ ބުނެލިއެވެ. އަހަރެންވެސް ވަރަށް ވާހަކަ ދެއްކީމެވެ. އަހަންނަކީ މުއްސަނދި ޢާއިލާއެއްގެ ހުރި ހަމަ އެކަނި ފިރިހެން ކުއްޖާކަމާއި ބައްޕަގެ ތިން ރިސޯޓް އޮންނަ ކަމާއި، ލޫސީ ބޭނުން ހުރިހާ އުފާތަކެއް ދެވޭނެކަމަށް ބުނީމެވެ. ލޫސީވެސް އެއް ބަސްވިއެވެ.
އެވަރަށް ވާހަކަ ދެއްކިއިރުވެސް، ލޫސީ އިނީ ވެބްކެމް ނުޖައްސައެވެ. އަހަރެން އާދޭސްކުރަން ފެށުމުން އެންމެ ފަހުން ލޫސީ ވެބްކެމް ޖެއްސިއެވެ. ލޫސީ އިން ގޮތުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ލޫސީ އިނީ ކިރިޔާ ހަށިގަނޑު ނިވާ ވާވަރުގެ ސޯޓެއް ލައިގެންނެވެ. ދެން އިނީ ކުޑަކުޑަ ފޮތިކޮޅެއް މޭމަތީގައި ބާއްވައިގެންނެވެ. ލޫސީގެ ވަނާތައް ވެބްކެމް މެދުވެރިކޮށް އަހަރެންގެ ކޮމްޕިއުޓަރުން އަހަރެންގެ ކުރިމަތީގައ އެހާ ބޮޑަށް ފާޅުވާން ހުރުމުން، އަހަރެންގެ ވިންދު އަވަސްވިއެވެ. އަހަންނަށް ހީވީ، ލޫސީ އިނީ އަހަރެންގެ ކޮޓަރީގައި އަހަރެންގެ ކުރިމަތީގައި ހެނެވެ. އަހަރެންގެ ހިތް މަސްތުން ފުރުނެވެ.
” ތިހެން އިނީމަ ވަރަށް އުދަނގޫވޭ؟” އަހަރެން ލޫސީއަށް ބުނެލީމެވެ.
” މިހާރު މާ ސަޅިދޯ.” ލޫސީގެ މޭމަތީގައިވާ ފޮތިކޮޅު ނަގާ ހޫރާލަމުން ބުނެލިއެވެ.
ލޫސީގެ ރީތިކަން ފެނުމުން އަހަރެން މޮޔަވިއެވެ. ވަރަށް ރީއްޗެކެވެ. ލަފެއް ލަކުނެއް ނެތެވެ. އަހަރެން މޮޔަވި ކަހަލައެވެ.
“އަދި މިހާރު މާލޯބިދޯ.” އެހެން ލޫސީ ބުނީ އެނދުމައްޗަށް އަރާ އޮވެއެވެ.
“އާނ. ވަރަށް ލޯބި.” އަހަރެން ބުނީމެވެ.
“އާދެ ބަލަ ލޯބިކޮށްލަން.” ލޫސީ ބުނެލިއެވެ.
“ކިހިނެއްތަ ދާނީ. މަމީނީ ރާއްޖޭގަ ލޫސީ ފްރާންސްގަ.” އަހަރެން ކިސްއެއް ފޮނުވާލަމުން ބުނީމެވެ.
މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ލޫސީގެ ޖާދޫގައި އަހަރެން ޖެހުނެވެ. ހުރިހާ ހިއްސުތަކެއް ޙަރަކާތް ކުރަން ފެށިއެވެ. ލޫސީގެ އިނގިލިން އަހަންނަށް އަންނާށޭ ކިޔާފައި ވެބްކެމް މެދުވެރިކޮށް އިޝާރާތްކޮށްލިއެވެ. އަހަރެން ގޮނޑިން ތެދުވީމެވެ. ދެން މަޑުމަޑުން ލޫސީގެ އިރުޝާދާއި އެއްގޮތަށް ހުރިހާ ކަމެއް ކުރީމެވެ. ކަންވެ، ނިމުނު އިރު، އަހަންނަށް ހުރެވުނު ގޮތާއި ކުރެވުނު ކަންތައް އިނގުމުން ލަނދުވެސް ގަތެވެ.
” ލޯބި ލިބިއްޖެ. ހިތްވެސް ފުރިއްޖެ. އާރ ޔޫ އޯކޭ މައި ބޯއީ.” ލޫސާގެ ތުއި އަޑުން ބުނެލިއެވެ.
” ޔަޕް. މައި ސްވީޓް ސްވީޓް ގާލް. ތޭންކްސް، ކިސެސް އެންޑް ހަގްސް..” އަހަންނަށް ބުނެވުނީ އެހެންނެވެ.
އެހިސާބުން ލޫސީ އޮފްލައިންވިއެވެ. އަހަރެންވެސް ގޮސް ފާޚާނާ އަށް ވަދެ ފެންވަރާލުމަށްފަހު ނިދަން ޖައްސާލީމެވެ. އަހަރެން ހުރީ އުފަލުންނެވެ. އެކަމު ލަދުވެސް ގަތެވެ. އެއީ މީހެއްގެ ކުރިމަތީގައި އަހަރެންގެ އައުރަ ކަޝްފުކުރި ފުރަތަމަ ފަހަރެވެ. އެކަން ލޫސީ ބުނުމުން ކޮށްދިނީ އަހަރެން ލޫސީ ދެކެ އިންތިހާޔަށް ލޯބިވާކަން އަންގަންވެގެންނެވެ. އެހާވެސް އަހަރެން ލޫސީ ބޭނުމެވެ.
އަހަންނަށް ހޭލެވުނީ ކުއްލިއަކަށެވެ. އޭރު ދީމާ ގުޅަނީއެވެ.
” ތީދޯ މިހާރު ނުނިދާ ތިކުރާ ކަމަކީ؟ ލަދެއް ނުގަނޭތަ؟ އަހަރެން ދެން ބޭނުމެއްނޫން އިހާމް އާއިއެކު އުޅޭކަށް. މުޅި މީހާ ދުނިޔެއަށް ބަދުނާމުވެ އޮރީޔާންވިޔަސް ޗެޓްކުރާތި އިނގޭ..” ދިމާ ހުރީ ވަރަށް ރުޅިއައިސް ފައެވެ.
” ކޮން ވާހަކައެއްތަ ތިދައްކަނީ. މޮޔަވެގެންތަ ތިއުޅެނީ؟” އަހަރެން ގާތަށް ރުޅިއައެވެ.
” ރުޅި އަންނާކަށް ނުޖެހޭނެ. އަޅެ މިމެސެޖް ކުރާ ސައިޓަށް ވަދެބަލަ.. ބަލާބަލަ ކާކުތޯ އެ ވީޑިއޯއިން އެ ދައްކަނީ. މުޅި ރާއްޖޭގަ މިހާރު އެވާހަކަ. ހަވީރުނޫސްވެސް ބަލާބަލަ. އޭރުން ޔަޤީންވާނެ މިދައްކާ ވާހަކަ.” ދީމާ ފޯން ކަޑާލީ އެހިސާބުންނެވެ.
އަހަރެން އަވަސް އަވަހަށް ތެދުވެ މޫނު ދޮވެލީމެވެ. މޫނު ދޮވެގެން ހަމަޖެހިލީ އިރަށް ދީމާގެ އެސް.އެމް.އެސް އައެވެ. އަވަސް އަވަހަށް އެބުނާ ސައިޓަށް ވަނީމެވެ. ކަމަކުދާކަށް ނެތެވެ. ދީމާ ބުނީ ތެދެކެވެ. އެވީޑިއޯގައި އެދައްކަނީ ހަމަ އަހަންނެވެ. އެމަންޒަރު ފެނުމުން، އަހަރެންގެ ކުރިމަތީގައި ޚުދު އަހަރެންގެ އަގުވެއްޓިގެންދިޔައެވެ. އަހަންނަށް އަހަރެން އެގޮތަށް ފެނުމުން ބަލަން ނުކެރިގެން އަވަހަށް ވީޑިއޯ އޮފްކޮށްލީމެވެ. ދެން ވެއްޓި ގަނެވުނީ އެނދަށެވެ. ކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ވިސްނުނީ ދެނެވެ. އަނެއްކާވެސް އައިސް އޮން ލައިން ވީމެވެ. ލޫސީ އޮން ލައިންގައެއްނެތެވެ. ނުވިތާކަށް ލޫސީ ވަނީ އޭނަގެ ޗެޓުން އަހަރެން ޑިލީޓް ކޮށްފައެވެ. ހަތަރެސްކަން ހަމަވީތާއެވެ.
އެދުވަހުގެ މެންދުރު ފަހެވެ. ރައްޓެއްސަކު ބުނެގެން ކޮފީއަކަށް ދިޔައީ ގޭގައި އޮވެ ފޫހިވެގެންނެވެ. އަހަރެން ދިޔައީ ސީހައުސް އަށެވެ. އެތަނުގައި އަހަރެންގެ ރައްޓެހިން ގިނަ ވާނެއެވެ.
“އޭ. އޭދީދޯ އެއްކަލަ ޕޯން ސްޓާރ. މީބޮޑު ބަލާއެއްދޯ. މިމީހުންނާއި ހުރެ ދިވެހިންގެ ނަން ހުތުރުވަނީ. އެވަރު މީހުން އަވަހަށް މީހުންނާއި އިނީމަ ނިމުނީދޯ. ބޯހަލާކު.” އަހަންނާއި ޖެހިގެން އިން މޭޒުގައި ދައްކަނީ އަހަރެންގެ ވާހަކަ އެވެ.
“އޭ. އިހާމް އެއީ ތެދެއްތަ؟ އަސްލު މަވެސް ހީނުކުރަން ކައެ އެހާ ކަޑަ ކަމެއް ކުރާނެކަމަށް. ތީތި ކަޑަ އިނގޭ.” ކުއްލިއަކަށް އަހަރެންގެ ކުލާސްމޭޓެއް އައިސް އަހަރެންގެ ކޮޑުގައި ހިފާލަމުން ބުނެލިއެވެ.
އަހަންނަށް ބުނެވޭނެ އެއްޗެއްނެތެވެ. ލަދުން މޫނުގައި އަތް އެޅީމެވެ. ގެނައި ކޮފީ ތަށިވެސް ނުބޮއެ ގެއަށް އައީމެވެ. އައިސް ގެއަތް ވަންނަން ދޮރާއި ހަމައަށް އެރުމުން، އެމަގުން ދިޔަ ފަސް ވަރަކަށް އަންހެން ކުދިން ޕަކަޕަކަ އަޅާފައި ހިނި ގަނޑެއް ޖަހާލިއެވެ. މިހާރު އެމީހުންނަށްވެސް އެކަން އިނގުނީއެވެ.
އަހަރެން ބަދުނާމް ވީއެވެ. ދުނިޔޭގެ ބޮޑު އިންޓަނެޓްގައި އަހަރެން އޮރިޔާން ކޮށްފިއެވެ. އަހަރެންގެ އަގެއް އަބުރެއް ނެތެވެ. ޤަދަރެއް ކަރާމާތެއް ނެތެވެ. އަހަރެން މީ މުސްލިމަކަށްވެސް ނުފުދޭނޫން ހެއްޔެވެ.
އަހަރެން ގެއަށް ވަންއިރު، މަންމައާއި ބައްޕަ ތިބީ ގޭގެ ސިޓިންގ ރޫމްގައެވެ. އަހަރެން ވަނުމުން ދެމީހުންވެސް އިސްދަށަށް ޖަހާލިއެވެ. މިހާ އަވަހަށް މައިން ބަފައިންނަށްވެސް އެކަން އިނގުނީއެވެ. އަހަރެން ކޮޓަރިއަށް ވަދެގެން ދަންދެން މަންމަ އާއި ބައްޕަ އެއްޗެކޭ ނުބުނެ ތިއްބެވެ. ކުރީގައި އަހަރެން ފެންނަ އިރަށް ވާހަކަ ދައްކާނެއެވެ.
އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ. ވަދެ ރޯމުން ރޮމުން ގެންދިޔައީމެވެ. ކުރެވުނު ބޮޑު ގަޅި ކަންތައްތައް ހިތަށް އަރުވާފައެވެ. އެކަމަކު، ދެން ރޯނެ ކަމެއްނެތެވެ. ކުށްކުރީ އަހަންނެވެ. ވެބްކެމުން ފެނުނު ލޫސީގެ ޖާދޫގައި އަހަރެން ޖެހުނީއެވެ. އަހަންނަށް އަހަރެން މީ ކާކުކަން ހަނދާން ނެތުނީއެވެ. އެންމެ ދެރަވަނީ އަހަރެންގެ ސަބަބުން ކުށެއް ނެތް މައިން ބަފައިންގެ ޢިއްޒަތް ވެއްޔާ މޮޑެވުނީމައެވެ. އެމީހުންގެ ކުށެއް މިކަމުގައި އެބައޮތް ހެއްޔެވެ؟ އެކަމު، އަހަރެންގެ ނަން ކިޔާއިރު ކިޔާނީ މައިން ބަފައިންގެ ނަން ލައިގެން ތާއެވެ. އަހަރެންގެ މައިންބަފައިންނަކީ ތަނަވަސް ބަޔަކަށްވުމުން، އެމީހުން ދަންނާނެ ގިނަ ބަޔަކު އުޅޭނެއެވެ.
އަހަރެން ވަރަށް ދެރަވެއްޖެއެވެ. ކުށްވެރިވެއްޖެއެވެ. އަހަރެން ރޮމުން ގެންދިޔައީމެވެ. ތެދެކެވެ. ދުނިޔޭގެ ވަގުތީ އުފަލުގެ މަސްތުގައި ޖެހުމުން ވާނެގޮތް އަހަންނަށް ވީއެވެ. އެންމެންގެ ކުރިމަތީގައި އަހަރެން ބަދުނާމް ވީއެވެ. ލޫސީ މޮޅެވެ. ޗެޓުކުރަމުން އަހަރެންގެ ޙަރަކާތްތައް ލޫސީ ދިޔައީ ރެކޯޑް ކުރަމުންނެވެ. ލޫސީ އެހެން ހަދަންޖެހޭ ސަބަބެއްނެތަސް، ލޫސީގެ ކުރިމަތީގައި އަހަރެން އައުރަ ކަޝްފުކޮށްގެން ނުވާނެ ނޫން ހެއްޔެވެ؟ އަހަންނަކީ މުސްލިމެކެވެ. ލޫސީ އަކީ ނަޞާރާއެކެވެ. ވީއިރު، ކުރިން މިވިސްނުން ނައީ ކީއްވެގެންހެއްޔެވެ؟ މިހާރު ވިސްނެއެވެ. އެކަމު ދެން ކުރެވޭނެ ކަމެއް ނެތެވެ. މިދުނިޔޭގައި ގެއްލުމުން ހޯދަން އުދަނގޫ ދެތިން އެއްޗެއް ވާނެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު އެކަތި އަހަންނަށް ގެއްލުނީއެވެ. އެއީ އަހަރެންގެ ޢަބުރާ ޢިއްޒަތާއި ކަރާމާތެވެ. ދެން އަނެއްކޮޅުން އަހަރެން ބަދުނާމްވީއެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އަނެއްކޮޅުން އެކި މީސް މީހުން އެކި ތަކެތީގައި އެވީޑިއޯ ސޭވްކުރާނެއެވެ. އެތައް ޒަމާނަކަށް އެ އޮންނާނެތާއެވެ. އަހަރެން ދެން ދުނިޔޭގައި އުޅޭނެކަމެއް ނެތެވެ. އަންނައުނު ލައިގެން މީހުންގެ ކުރިމައްޗަށް ނިކުންނާނެ ކަމެއްނެތެވެ. ވަރަށް ދެރަވެއެވެ. ހިތްހަލާކުވާވަރަށް ރޯންވެސް ރޮވިއްޖެއެވެ.
އެކަމަކު، ދެން ކުރާނެ ކަމެއް ނެތެވެ. އެވީޑިއޯ ޑިލީޓެއް ނުކުރެވޭނެއެވެ. އޭގެ ބޭނުން އެތައް ބަޔަކު އެތައް ގޮތަކަށް ހިފާނެއެވެ. މުޅިން ނުބައި ކަމެއްގައި ބަދުނާމްވެ، މުޅި ޤައުމަށް އަހަރެން ފަޟީޙަތްވީއެވެ. ކިތަންމެ ބޭނުމަސް، ލޯބި ވިޔަސް، ތިމާގެ އިޙްޞާޞްތައް މައިތިރިނުވާނަމަ، ވާނީ މިހެންނެވެ. ތާކުން ހަމަ ރީތި އަންހެން ކުއްޖަކު ފެންނައިރަށް ޗެޓުން ބޭނުން އެއްޗެއް ހަދާ ދައްކާނަމަ، މިއަށްވުރެ ބޮޑު ބަދުނާމްވެސް ވާނެއެވެ. މިކަމާއި މިއަދު އަހަރެން ވިސްނަމެވެ. ތެދެކެވެ. އެކަން އަބުރާ ނުގެނެވޭއެވެ. އެކަމަކު، ދެން އުޅޭނީ އެއަށްވުރެ ފުންކޮށް ވިސްނައިގެންނެވެ. ގެއްލު އަބުރާއި ޢިއްޒަތް ނުހޯދިދާނެއެވެ. އެހެނަސް، މުސްތަޤްބަލުގައި އެފަދަ ހުތުރުނަމެއް ލިބޭ އެހެން ޢަމަލެއް އަހަރެން ތަކުރާރެއްނުކުރާނަމެވެ. އެގޮތުގައި އަހަރެން ހިފަހައްޓާނަމެވެ. މިހާރު ވެބްކެމެއް ފެނުނަސް އަހަރެން ބިރުން ތުރުތުޅު އަޅައެވެ. މާލަސްވިޔަސް ވެހެވެ.
=ނިމުނީ=
4 Comments!
Comments are closed.
Aslu v ibrai their story eh mee..vvv reethi
Ma first dhww..yet:D
varah reethi.. <3
Awesome story ?