ފޮށި ތައްޔާރު ކޮށް ނިމި އެނދުގައި ނައިޝާ އިށީނދެ އޭނާގެ ހަޔާތާއި މެދު ފިކުރުކޮށް ކޮށްލިއެވެ.އޭރުވެސް ނައިޝާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ދިޔައީ އޮހޮރެމުންނެވެ.މާލެ ދިއުމުގެ ކުރިން ނައިޝާ ބޭނުންވަނީ އޭނާއަށް ސައިފް އެހެން ހެދި ސަބަބު އޮޅުންފިލުވާށެވެ.

އެކިއެކި ޚިޔާލުތަކުގައި ކަރުނައިން ފުރިފައި ނައިޝާ އިންދާ ސައިފްމެން އަންނަ އަޑު  އިވުނެވެ.ސުހާ އާއި ސަނާ ހީ ސަކަރާތް ޖަހާ އަޑުފަށްގަނޑު ވެސް އިވެންފެށިއެވެ.

އެމީހުންގެ އަޑު ގަދަވާން ފެށުމުން އެމީހުން އެއަންނަނީ ކޮޓަރިއާ ދިމާއަށް ކަން ނައިޝާ އަށް އެނގުނެވެ.އަވަސްއަވަހަށް އެނދުން ތެދުވެ ނައިޝާ ބުރުގާ އަޅާލިއެވެ.ސައިފަކީ މިހާރު ނައިޝާއަށް ހިލޭ މީހެއްފަދައިން އޭނާއަށް އިހުސާސް ކުރެވުނެވެ.ކަރުނަތައް ފުހެލުމަށްފަހު ހަމައަކަށް އެޅިލަން ނައިޝާ މަސައްކަތް ކޮށްލީ ސައިފްމެން ކުރިމަތީގައި ދެރަވެ ރޯން ބޭނުންނުވާތީ އެވެ.

ތަޅަށް ތަޅުދަނޑި ޖަހާ ސައިފް ދޮރުހުޅުވާލިއިރު ފަހަތުގައި ސުހާވެސް ހުއްޓެވެ.ސައިފް އަތުގައި އަންނައުނު އަޅާ ފޮއްޓެއްވެސް އޮތެވެ.

“ނައިޝާ ބޭނުމީ މާލެ ދާން” ސައިފް ވަނުމުން ނައިޝާ ބުނެލިއެވެ. ” ދެން ދިޔާމަ ވީއެއްނު….އަހަރެންގެ ފިރިމީހާއެއް ނޫޅޭ ކަލޭ ހިފަހައްޓާކަށް” ރުޅިވެރި ރާގަކަށް ސުހާ ނައިޝާއަށް ބުނެލިއެވެ.

” ދިއުމުގެ ކުރިން ނައި އަހާލަން ބޭނުންވޭ  ނައި އަށް ސައިފް މިހެން ހެދި ސަބަބު” އަޑު ތުރުތުރު އަޅާ ހާލު ވަރަށް ހިތްވަރު ކޮށްފައި ނައިޝާ ސައިފަށް ބުނެލިއެވެ.

” މަގޭ ފިރިމީހާ ކަލެއާ އިނީކީ ލޯތްބަކުން ނޫން…އޭނަ ކަލެއާ އިނީ ފައިސާ ހޯދަން…އޭނަ ލޯބިވަނީ އަހަރެން ދެކެ… އެހެންނޫނަސް ލޯގަނޑު ކުރިމައްޗަށް ހުއްޓިފަ ބަލާބަލަ އަމިއްލަ ސޫރައަށް…މީހަކު ލޯބިވާނެ ސިފައެއް ކަލޭ ގައިގަ އެބަހުރިތަ؟” ސައިފް އެއްޗެކޭ ބުނުމުގެ ކުރިން ސުހާ ނައިޝާއަށް މިފަހަރު ވެސް ބުނެލިއެވެ.

“ނައި ބޭނުންވަނީ ސައިފްގެ ދުލުން އަޑު އިވެން ނައިއަށް މިހެން ހެދި ސަބަބު” ދެރަވެފައި މަޑުމަޑުން ނައިޝާ ބުނެލިއެވެ.

“ކޯއްޗެއް އަޑު އިވޭކަށް…އާނ…އަހަރެން ނައިޝާއާ އިނީކީ ލޯތްބަކުން ނޫން…ކޯޓުގަ އަހަރުމެން ދެމީހުން ކައިވެނި ވެވިފައި ވިޔަސް އަހަރެން ނުދެކެން މިއީ ކައިވެންޏެއްގެ ގޮތުގައެއް” ސައިފް ރުޅިވެރިކަމާއި އެކު ބުނެލި އެވެ.

“އަހަންނާއި ސުހާ ވަރަށް ކުރީއްސުރެ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން…އިންނަން އެންގޭޖް ވެގެން އަހަރެން މާލެ ދިޔައީ ލާރިކޮޅެއް ހަދަންވެގެން ވަޒީފާއަކަށް….އެތަނުން ނައިޝާއާ ދިމާވެ ތީ މުއްސަންޖެއްކަން އެނގުމުން އަދި ނައިޝާގެ ހާލަތު ކިޔާދިން ދުވަހު ނައިޝާގެ ބޮލުތެރެއަށް އެރެވިދާނޭ ހިތަށްއެރީ…އެކަން އެގޮތަށް ވެއްޖެ… ރަނގަޅު ކަމެއްވެސް ވާނީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެގެން…އެހެންވެ ކައިވެންޏަކީ އަހަރެންވީ ޤުރުބާނީ…އެއީ އަހަރެން ކުޅެލި ކުޅިވަރެއް…ސުހާއަށްވެސް މަންމައާ ސަނާާއަށްވެސް މިކަން އެނގޭނެ.. ބައްޕަ މިކަމާ ދެކޮޅުވާނެކަން އެނގޭތީ ބައްޕައަކަށް ނާންގަން….ބައްޕަ ފުރައިގެން ދިޔާމަ އަހަރުމެންނަށް ކައިވެނި މިކުރެވުނީވެސް…އަހަރެން ބޭނުންވާ ކަންތައް ވެއްޖެ ފައިސާވެސް އެއްކުރެވިއްޖެ…ނައިޝާ ކައިރި ހުރިއިރު އަހަރެން ފަސްހާހުންނާ ދެހާހުން ރުފިޔާ އަތުލަމެއްނު… އެއީ އަހަރެން އެއްކުރަން…މިހާރު އެނގިއްޖެއެއްނު” ރުޅިވެރިކަމާއި އެކު އެއްނޭވާއިން ސައިފް ބުނެލިއެވެ.

ސައިފް ދެއްކި ވާހަކަ ނައިޝާއަށް ހުރީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ.ނުރޯން ވަރަށް ހިތްވަރު ކުރިނަމަވެސް ނައިޝާއަށް ރޮވުނެވެ.

“ނައިގެ ފެމިލީ ތެރެއަށް ވަދެ އެހުރިހާ ކަމަކީވެސް ސައިފް ކުޅެލި ކުޅިވަރެކޭތަ ތިބުނީ…ސައިފަށް އަންނަ ކޯލުތަކަކީ އެއީ ސުހާގެ ކޯލުތަކެއްދޯ” ހިތާމައިން ފުރިފައިވާ އަޑަކުން ނައިޝާ ސައިފް ބުނެލިއެވެ.

“އާނ…އާނ… އެނގިއްޖެތަ މިހާރު…އަހަރެން ބޭނުންނަމަ ނައިޝާ މިހާރުވެސް މަގުމަތި ކޮށްލެވިދާނެ އެކަމަކު އަހަންނެއް އެހެނެއް ނުހަދާނަން…ގޯތިތެރޭގަ ވަކިން ހުރި ކޮޓަރިއަށް ނައިޝާ އެއްޗެހިތައް ހިފައިގެންދޭ… ފުރެންދެން އެތާ ހުންނަން…އަހަރުމެން ވަރަށް ވަރުބަލިވެއްޖެ…ހީކޮށްލާ މީ ނައިޝާ އަހަންނަށް ކޮށްދިން ހެޔޮކަމުގެ ބަދަލޭ” ސައިފް އެހެން ބުނުމުން ރޮމުން ނައިޝާ ފޮށި ދަމަމުން ގޯތިތެރެއަށް ނިކުތެވެ.

ސައިފް ބުނި ކޮޓަރިއަށް ނައިޝާ ވަނެވެ.ކުޑަ އެކޮޓަރި ކަނެއްގައި ލަކުނޑި އެނދެއް ހުރިއިރު މުޅިތަން ވަނީ ހިރަފުހާއި މަކުނު ވަލުން ބޯވެފައެވެ.މުޅިތަނުން ދުވަނީވެސް ހިރަފުހާއި ފީވަހެވެ.އެނދާ ކުރިމައްޗަށް ވާގޮތަށް ލަކުނޑި މޭޒެއް ހުރިއިރު އެމޭޒުމައްޗާއި މޭޒު ކުރިމައްޗަށް ވާގޮތަށް ފާރުގައި ހަރުކޮށްފައިވާ ލޯގަނޑު ވެސް ވަނީ ހިރަފުސް ބޯވެފައެވެ

ބޯމަތީގައި ޓިނުތައް ފެންނަން ހުރިއިރު ހިރަފުސް ޖަމާވެފައިވާ ސީލިންގް ފަންކާއިން ފިނިވަނީ ވެސް ވަރަށް ކުޑަކޮށެވެ.އެތަނަށް ބަލައިފި މީހެއްނަމަ އެއީ މިއިން ޒަމާނަކު މީހަކު ސާފުކޮށްފައި ހުރި ތަނެކޭ ނުބުނާނެއެވެ.

ކޮޓަރިތެރޭގައި ހުރި ފާހަނަ ދޮރު ނައިޝާ ހުޅުވާލިއިރު އެތަނުންވެސް ދުވަނީ ނުބައި ވަސްގަނޑެކެވެ.

މުޅިތަނަށް ވަށައިގެން ނަޒަރު ހިންގަން ކަރުނައިން ފުރިފައި ނައިޝާ ހުއްޓެވެ.އޭނާ ސައިފަށް ވެދިން ހެޔޮކަމުގެ ބަދަލަކީ މިއީބާއޭ ހިތަށްއަރާ ހާލުގައި އެވެ.

“އަން…ނުރޮއެ މީގަ ހިފާ… ސައިފް މަގުމަތި ނުކޮށްލާ ހުރިކަމަށްޓަކާ ނައިޝާ ޝުކުރު ކޮށްބަލަ…މިއޮތީ ބެޑްޝީޓަކާ ބާލީސް އުރައެއް…އެއްބާލީހުން ވާނެއެއްނު…މިތަނަށް ނުވަންނަތާ ވަރަށް ޒަމާންވެއްޖެ… އެހެންވެ ހަޑިކޮށް ހިރަފުސް ވެފަ މިތަން މިއޮތީ..އެހެންނޫނަސް މާގިނަ ދުވަހެއް ނުވާނެއްނު ނައިޝާ މިތާ ހުންނާކަށް…ކުރީގަ އަހަރުމެން ނިދި ކޮޓަރި މީ…މިހާރު މިތަން ބޭނުން ނުކުރާތީ މިހެން މިއޮތީ…ނައިޝާއަށް އުދަނގޫ ވަންޏާ މިތަން ސާފުކުރޭ.. މާބޮޑުކަމެއް ނޫނެއްނު މިތަން ސާފުކުރާކަށް ނައިޝާއަކަށް…ސާފުކުރާ ސާމާނާ އެއްޗެހި ހިފައިގެން އައިސް ސާފުކުރޭ އުދަނގޫ ވަންޏާ” މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގަން ހުރި ނައިޝާ އަށް މައިދައިތަ އައިސް ބެޑްޝީޓަކާއި ބާލީސް އުރައެއް ދެމުން ބުނެލިއެވެ.

އެތާގައި އެންމެ މިނެޓެއްވެސް ނައިޝާ އަށް ކެތްކުރަން އުނދަގޫވިއެވެ.ސާފުކުރާ ސާމާނު ހިފައިގެން އައިސް މުޅި ކޮޓަރިއާއި ފާހަނަ ނައިޝާ ސާފުކުރިއެވެ.ސާފުކުރަން އުޅުނުއިރު ވެސް އޭނާގެ ހާލާދޭތެރޭގައި ވިސްނާ ނައިޝާއަށް ރުއިމެއް ނުހުއްޓެއެވެ.

ބެޑްޝީޓް ބަދަލުކޮށްލުމަށް ފަހު ފެންވަރައިގެން ނައިޝާ އެނދުމަތީގައި އޮށޯންނަން ނުކެރި ހުރެފައި ވެސް އިތުރު ގޮތެއް ނެތުމުން އެނދުމަތީގައި އޮށޯތެވެ.މިރޭ ސައިފް ބުނި ޖުމުލަ ނައިޝާގެ ހިތުގައި ވަނީ ކަނޑާނަގާފައެވެ.މީހުންްގެ ނުބައިކަން ހިތަށްއަރާ ނައިޝާއަށް ސަހަރޯ ހީވިއެވެ.

މީހުން ރައްޓެހިވެފަ ރުޅިވާ ވާހަކާއާއި ކައިވެންޏެއްކޮށް ވަކި ހިސާބަކުން ކޮންމެވެސް ސަބަބަކާ ހުރެ ވަރިވާ ވާހަކަ ނައިޝާއަށް ވަނީ މީގެ ކުރިން އަޑުއިވިފައެވެ.ނަމަވެސް ކުޅޭ ކުޅިވަރަކަށް ކައިވެނިކޮށް ނަހަމަ ފައިދާ ނެގި އަޑު އިވުނު މިއީ ފުރަތަމަ ފަހަރެވެ.މީހުންގެ ނުބައިކަން ކިތަންމެ މަތީ ދަރަޖައަކަށް ގޮސްދާނެ ކަމާއިމެދު މިހާރު ނައިޝާ އަށް ޔަގީންވެއްޖެއެވެ.

47

4 Comments

 1. Fathimaaa

  August 27, 2021 at 2:58 am

  dear lamhus,
  first episode ga Naaisha akee burga naalhaa kuhjehnu? why this part ga burugaa alhaafa ehuree?
  is it an error?
  but dont worry, i really like the story

 2. Husaan

  August 27, 2021 at 3:32 pm

  nicw

 3. Husaan

  August 27, 2021 at 3:33 pm

  nice…*

 4. Nayaa

  August 27, 2021 at 4:18 pm

  masha allah.. one of the best stories i’ve read till now.. keep it up.. lots of love… stay safe and take care <3

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!