* އޭނާ ދިޔުމުން އޭނާގެ މަތިން ހަނދާންނައްތާނުލާ މެސެޖްކޮށް އުޅެން ވައުދު ކުރުވާފައި ކުޑަކޮށް މިއަލް ގާތްކޮށްލާފައި ޔައުލާން ލޯންޗަށް އެރުމުގެ ކުރިން އެންމެންނަށް އަތް ހޫރާލިއެވެ. ޔައުލާން ދިޔުމުން މިއަލްގެ ހިތަށް ފަޅުކަމެއް ވެރިވިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔައުލާން ވެފައި ވަނީ މިއަލްގެ އިތުބާރު ހޯދި މީހަކަށެވެ. ގާތް އެކުވެރިއަކަށެވެ. ޔައުލާން ދިޔުމުން ވީ ފޫއްސާއި އެކީގައި މިއަލް ގެއަށް ވަތްއިރު ނަވާލް ގެއިން ނިކުންނަން ދަނީއެވެ. ނަވާލްގެ މޫނަށް ބަލާވެސް ނުލާ އިސްދަށަށް ޖަހާލައިގެން މިއަލް ގެއަށް ވަނެވެ. އެ ހާމަވީ ސިއްރާއި ހުރެ މިއަލްގެ ބޮލުގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާގެ އެއްމާބަނޑު ދައްތައެއް ހުރެއެވެ. އެ ދައްތަ އޭނާ އާއި ކާރބަން ކޮޕީއެއްހާ ވައްތަރު ވާނެކަން އެނގެނީ ރޭ ފެނުނު ފޮޓޯގެ ސަބަބުންނެވެ. އެ ދައްތައަށް ކިޔަނީ ކޮން ނަމެއް ހެއްޔެވެ.؟ އެ ދައްތަ ވީ ކޮންތާކު ހެއްޔެވެ.؟ މިހާރު އެ ދައްތަ އުޅެނީ ކިހިނެތް ހެއްޔެވެ.؟ މިއަލްގެ ހިތުގައި ޖަވާބަކަށް އެދޭ އެތައް ސުވާލެއް އުފަންވާންފެށިއެވެ.ހުރިހާ ކަމަކާއި ދޭތެރޭ ވިސްނަމުން މިއަލްގެ ގާތަށް ނިދި އައީ އެތައް އިރެއް ފަހުންނެވެ. *

މިލީން ހުރީ ސްވިމިންގެ ފައިނަލަށް ދާން ތައްޔާރުވާށެވެ. އޭނައަށް އެންމެ ކަމުދާ އެންމެ ފަތަން ފަސޭހަ ސްވިމިންގ ސޫޓް ލާފައި އޭގެ މަތިން ނޫ ޓީޝާޓަކާއި އިލެކްޓްރިކް ބްލޫ ސޯޓްކޮޅެއް ލިއެވެ. އެއަށްފަހު ދެ ގޮގްލްސް ނެގިއެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އިސްތަށިގަނޑުގައި ނުނެއްޓޭނެ ވަރަށް ހުޅިއެއް ޖަހާ ސްވިމް ކެޕް ދަބަހަށް ލިއެވެ. އިތުރަށްވެސް ބޭނުންވާނެ ބައެއް އެއްޗެހިތައް ހަމަކޮށްފައި ދަބަހަށް ހަތަރުވަރަކަށް ފެންފުޅިލާފައި މިލީން ފުންނޭވައެއްލިއެވެ. ލޯގަނޑުން ފެންނަން ހުރި އޭނަގެ ސޫރައަށް މިލީން ބަލާލީ އަމިއްލަ ނަފްސަށް އިތުބާރުކުރާފަދަ ނަޒަރަކުންނެވެ. ފާއިތުވެގެން ދިޔަ ދެ ދުވަހު މިލީން ވަނީ ހަމަ ނިންޖާއި ކެއުމާއި ބުއިމާއި ދުރުވެ އެހެން އެކަކުވެސް ނުވިސްނާނެ ވަރަށް ވިސްނާފައެވެ. އެހެން ދިރޭ ފުރާނައަކަށް ނޭނގޭނެ ފަދައިން މިލީން ދެން އޭނަ ހަދާނެ ގޮތް ރާވާ ނިންމައިފިއެވެ. ޝަފްވާން އޭނަގެ ކުށަކާއިނުލާ ވަކިވާންވީ ކޮން ސަބަބަކާއި ހުރެކަން ވިސްނުމުން މިލީންއަށް ދެން ލިބުނީ އެންމެ ޖަވާބެކެވެ. ޝަފްވާނަށް އެހެން ކުއްޖަކު ކަމުދިޔުމެވެ. ޝަފްވާންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ އޭނަގެ ސޫރަކަމަށް ނުވާނަމަ އޭނާ ގަދަކަމުންވެސް ޝަފްވާންގެ ހިތް އޭނައާއި ދިމާލަށް ލަންބުވާނެއެވެ. ކިތަންމެ އޮޅިއެއް ހުރަސްކޮށްފައިވެސް މެއެވެ. އޭނަ ހުރަސްކުރަން ޖެހޭ ސިޑިއަކީ ބޮޑު ހަރުފައެއް ފަދައިން ދިގުކޮށް ބަނޑިބަނޑިކޮށް ބިނާކޮށްފައިވާ ސިޑިއަކަށްވިޔަސް ނުވަތަ އެއީ ތޫނު ވިހަގަދަ ކަށިތަކެއް ހުރި ސިޑިއަކަށްވިޔަސް މިލީން ހުރީ އެއިން ކޮންމެ ހަރުފަތެއް ހުސްފަޔާވެސް ގިރާކުރަން ތައްޔާރަށެވެ. ޝަފްވާންދެކެ އޭނަ ލޯބިވަނީ ހިތާއި ފުރާނައިން ގުރުބާންވާހާ ބޮޑަށެވެ. ޝަފްވާންގެ ހިތް އޭނަ އަތުން ލޫޓުވާލައިގެން އެގެންދިޔައީ ކޮން އަންހެންކުއްޖެއްކަން އަދި ނޭނގުނަސް އެ ކުއްޖަކާއި އާއި ޝަފްވާން ދުރުކުރުވާނެ ކަމަށް މިލީން އަޒުމު ކަނޑައެޅިއެވެ. އަދި ޝަފްވާނާއި އެކީގައި ވުމަށް މިލީން އަމިއްލަ ނަފްސަށް ވައުދުވިއެވެ. މަރުމަތީގައިވެސް ޝަފްވާންގެ ލޯބި އޭނައަށް ލިބިއްޖެނަމަ ދުނިޔެ ދޫކުރާނީ އުފަލުންކަން މިހާރުވެސް ޔަގީންވެއެވެ. މިހާރުވެސް އޭނަ ނަގަން އުޅެނީ އޭނަގެ މުޅި ހަޔާތް އެކީގައި ބަދަލުކޮށްލާނެފަދަ ފިޔަވަޅެކެވެ. ލޯބިވާ އެތައް ބަޔަކާއި ދުރުވާނެފަދަ ފިޔަވަޅެކެވެ. ނަމަވެސް ހަމައެކަނި ޝަފްވާނަށްޓަކައި މިލީން ހުރީ ފަހަތަށް ނޭނބުރެން ނިންމައިގެންނެވެ.

“ދަރިފުޅާ.. ކާރު އަތުވެއްޖެ.. އައިރާވެސް އައިސްފި.. އަވަސްކޮށް ނުކުމޭ.. ދާގަޑި ޖެހެނީ..” މިޝްލާ ގޮވާލިއަޑަށް މިލީން މިނުކުންނަނީއޭ ގޮވާލިއެވެ. ދަބަސް ކޮނޑުގައި އަޅުވާފައި ކޮޓަރިން ނުކުންނަނިކޮށް އޭނަގެ ފޯނަށް މީހަކު ގުޅަންފެށިއެވެ. ގުޅަމުން ގެންދިޔަ މީހާ ފެނިފައި މިލީން އަވަހަށް ފޯނު ނެގިއެވެ. “ވަން ރޫމް އެޕާރޓްމެންޓް ތިޔަބޭފުޅާއަށް ކުއްޔަށް ހުރެވޭ ގޮތަށް ހަމަޖެހިއްޖެ.. މާދަމާގެ ވަގުތެއްގައި ބަދަލުވިޔަސް އެންމެ ރަނގަޅުވާނެ.. އެތަނުގައި ހުންނާނީ ކުރިން އުޅުނު ފަރާތްތައްވެސް ބޭނުން ކުރެއްވި ފަރުނީޗަރުތައް.. ދެން ތިޔަ ބޭފުޅާ ބޭނުންވާނަމަ……” “މަގޭ އެއްވެސް މައްސަލައެއް ނޯންނާނެ.. މާދަމާއެއް ނޫން.. ތިތަނަށް މިރޭ މަ ބަދަލުވިޔަސް މައްސަލައެއް ޖެހޭނެތަ..؟” މިލީންގެ ރާގުގައި އިހުތިރާމެއް ނެތެވެ. “އާދެ ތިޔަ ބޭފުޅާ އެދިލައްވަނީ ތިހެން ކަމުގައިވާނަމަ އަޅުގަނޑުމެން ތިކަންވެސް ހަމަޖައްސައިދޭނަން.. ކުލި ދައްކަމުން ދިޔައީމަ އެއްވެސް މައްސަލައެއް ނުޖެހޭނެކަމަށް އަޅުގަނޑުމެން ޔަގީންކޮށްދެން.. ވަރަށް ބޮޑަށް ޝުކުރިއް….” އެކޮޅުން ވާހަކަ ދައްކަމުން ދިޔަ މީހާއަށް ޖުމްލަ އެކީ ނުވެސް ބުނެވެނީސް މިލީން ފޯނު ކަނޑާލިއެވެ. ފޯނުގައި ހިފާ ބާރުކޮށްލިއިރު އެ އެތުންފަތްމަތީގައި ދުވެލީ ހިސާބަކަށް ނުތަނަވަސްކަން އެކުލެވޭ ނަމަވެސް ފޮނި ހިނިތުންވުމެކެވެ. އޭނަގެ ޕްލޭންގެ ބަޔެއް މިހާރުވެސް އެ ކާމިޔާބުވީއެވެ. މިލީން ފެން ފައިވާން ހޯދަންފެށިއެވެ.

“ލީން..” މިލީން ސިހުނީ ޔައުލާން ދޮރުގައި ޓަކި ޖަހާލިއަޑަށެވެ. “ހާދަ ލަހެއް..؟ ގަޑި ޖެހެނީ… ސްޓާރ ސްވިމަރ ޓީމުގައި ނެތިއްޔާ ޓީމް ބަލިވާނެއެއްނު..؟” ޔައުލާން އެހެން ބުނެލިއަޑަށް މިލީންގެ ގާތަށް ހިނިއައެވެ. “މި ނުކުންނަނީ.. ޔުއެލް ދޭބަ ކާރަށް އަރަން..” މިލީން ބުނެލިއެވެ. “އަހަރެން މިއައީ ދެންމެ އައި ޑެލިވަރީއެއް ލީންއަށް ހަވާލުކޮށްދޭށޭ..” ޔައުލާން އެހެން ބުނުމާއި އެކީގައި މިލީން ވަންނާށޭ ބުނެލިއެވެ. “ކީއްކުރަން ގަތް ފޯނެއް..؟ ލީންގެ ފޯނަށް ކަމެއްވީތަ..؟” ޔައުލާން އެތެރެއަށް ވަތްއިރު އަތުގައި އޮތީ އާ ފޯން ޕެކޭޖެކެވެ. “އާނ.. މާ އަވަހަށް ޗާރޖްދަނީ..” މިލީން އަވަސްއަވަހަށް އެއަތުލިއެވެ. ހަގީގަތުގައި އޭނަގެ ފޯނަށް އެއްވެސް ކަމެއް ނުވެއެވެ. ނަމަވެސް އެންމެ ގާތްއެކުވެރިޔާ އަށްވެސް އޭނަ މިކުރަން އުޅޭ ކަންތައްތައް އެނގޭކަށް މިލީން ބޭނުމެއްނުވެއެވެ. އޯހް.. ތަންކޮޅެއް ކުރިން ބުނެލިނަމައެއްނު އަހަންނަށްވެސް ލީންއަށް ފޯނެއް ގަނެދެވުނީހެއްނު..؟” ޔައުލާން ލޯތްބާއިއެކީ މިލީންގެ މޫނަށް ބަލާލާފައި ބުނެލިއެވެ. “ހެހެ ދެން ޔުއެލްވެސް ގާރލްފްރެންޑެއް ލިބޭ ދުވަހަކަށް ތި ލާރިތައް ސޭވްކޮށްފައި ބާއްވަބަލަ.. މިހާރުވެސް މަށަށް މަށަށް ކިޔާލަކިޔާލައުޅޭ ކުދިން މަދެއް ނޫން.. އެއިން މީހަކާއި ވައިވެސް ނޭޅެން ޔުއެލް ތިހުންނަނީ ކީއްވެތަ..؟ މަގޭ ފްރެންޑް ނަހާވެސް އެހުރީ ޔުއެލްއާއި ހެދި މޮޔަވެފައި.. އޭނަ ނުލާހިކު ރަނގަޅުވާނެ.. ކައްކަން އިނގޭ އިސްތިރި ކުރަން އިނގޭ ދޮންނަން އިނގޭ ސާފުކުރަންވެސް އިނގޭ.. ޝީ ވިލް މޭކް އަ ލަވްލީ ވައިފް..” މިލީން ބުނެލިއެވެ. “ލީންއާއި ހެދިއޭ އަހަރެން އަދިވެސް ހުހަށް މިހުރީ..” އެ ޖުމްލަވީ ޔައުލާންގެ ހިތުގައެވެ. “ޔުއެލް..؟” ޔައުލާންގެ އަޑެއް ބަޑެއް ނީވޭތީ މިލީން ގޮވާލިއެވެ. ”ޔާ..؟” ޔައުލާން އަވަސްއަވަހަށް ބުނެލިއެވެ. “ކާރަށް އަރަން ދާށޭ..” މިލީން އެހެން ބުނުމާއި އެކީގައި ޔައުލާން ބޯޖަހާލާފައި ނުކުތެވެ.

އަނބުރާ ރަށަށް އައި މަގުމަތީ އޭނަގެ ފޯނު ކަނޑަށް ގެއްލުމާއި އެކީގައި ޔައުލާންއަށް މަޖުބޫރުވީ އާ ފޯނެއް ހޯދާށެވެ. އަފްރާހާއި އާޔަން އާއި އިފާގެ އިތުރުން ކިއަނާ އާއި ރީއަލް އަދި މިއަލްގެ ނަންބަރު ވެސް ވަނީ އޭނައަށް ގެއްލިފައެވެ. ނަމަވެސް އަފްރާހާއި ރީއަލް އާއި އެފްބީއިން ގުޅޭތީ ޔައުލާން ހުންނަނީ ހަމަޖެހިފައެވެ. ރަށަށް އައިގޮތަށް އޭނަ މިއަލްގެ ވާހަކަ މިޝްލާ އާއި ޒައިހާންގެ އިތުރުން މިލީންއަށް އަންގަން ބޭނުންވިއެވެ. ނަމަވެސް އެ ވާހަކަތައް ފަށާނެ ގޮތެއް ނޭނގިގެން އެހެން ހުންނަތާ މިހާރު އެވީ ހަފްތާއެކެވެ. ކަށިން ހިތްވަރު ނެރިގެން ވިޔަސް ޔައުލާން ހުރީ މިރޭގެ ވަގުތެއްގައި އެ ވާހަކަތައް ކިޔައިދޭން ނިންމައިގެންނެވެ. އިތުރުން މިރޭ ޒައިހާންގެ ދަށުން މަސައްކަތް ކުރާ މީހަކަށް ޔައުލާން ހަމަޖެހުނުކަމުގެ އުފާވެރި ޚަބަރު މިލީންއަށް ދޭންވެސް ޔައުލާން ހުރީ ބޭނުންވެފައެވެ.

މިލީން ފުންނޭވައެއް ލާފައި ކާރަށް އެރިއެވެ. އެ ހިތް ތެޅެމުން ދިޔައީ ސްވިމިންގ މުބާރާތާއި ދޭތެރޭ ނުތަނަވަސްވާތީކީއެއް ނޫނެވެ. ސިކުނޑިތެރޭގައި ރާވާލިގޮތަށް ފުރިހަމަކޮށް ކަންތައްތައް ވެދާނެކަމަށް މިލީންއަށް ޝައްކުވަނީއެވެ.

ޝަފްވާން އިނީ އޭނަގެ ކޮޓަރީގައެވެ. ޑެސްކްދޮށުގައި އިށީނދެގެންނެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ފުން ޚިޔާލެއްގެ ތެރޭގައި ފީނާފަދަ ކުލަވަރެކެވެ. އެއާރޕޮޑްސް ކޮމްޕިއުޓަރާއި ގުޅާފައިވާއިރު ކުރިމަތީގައި އޮތީ މިއުޒިކްފޮތެކެވެ. ކްރޯމްގައި އެތައް ޓެބްތަކެއް ހުޅުވާފައިވާއިރު ހުރީ އެޑިޓް އެޕެއް ހުޅުވައިގެންނެވެ. ޝަފްވާން މޮޅީ އެހެން މީހުންގެ ލަވަ ކަވަރ ކުރަން އެކަންޏެއް ނޫނެވެ. އަމިއްލަ މިއުޒިކް ހަދަންވެސްމެއެވެ. ކުޑައިރުއްސުރެ ޝަފްވާންގެ ހުވަފެނަކީ މަޝްހޫރު ލަވަކިޔުންތެރިއަކަށް ވުމެވެ. އެކަމަށްޓަކައި އޭނާ އެދަނީ ތައްޔާރީތައް ވަމުންނެވެ. ކުޑައިރު އޭނަ ދަންނަ އެތައް ބަޔަކު އޭނަގެ ރީތި އަޑަށް ތައުރީފްކުރަމުން ގެންދެއެވެ. ޝަފްވާންގެ އާއިލާއަކީ ފުދުންތެރި އާއިލާއެއްނޫނެވެ. ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖެހޭކަމެވެ. ގޭތެރޭގައި ގިނަ ބަޔަކާއި އެކީ އުޅެން ޖެހިފައިވާތީ ގޭތެރެ އޮންނަނީ ތޮއްޖެހިފައެވެ. އެހެންކަމުން އެދުވަސްވަރު ގޭތެރޭގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. އެކަމާއިހުރެ ޝަފްވާން އެކަނިމާއެކަނި ލަވަކިޔުން ފަރިތަކުރެއެވެ. އެކަން ކުރަން އޭނާ ގިނައިން ދަނީ އަތިރިމައްޗަށެވެ. މީހުން ގިނަ ގޭތެރޭގައި އެކަން ކުރުމަށްވުރެ ހިތަށް ފިނިކަން ލިބޭ ބެދިފައި ނެތް ތަނެއްގައި އެކަންކުރަން ފަސޭހަވުމުންނެވެ. އަހުނަފާއި ދިމާވީވެސް އެހެން އުޅެނިކޮށެވެ. އަހުނަފްގެ އާއިލާއަކީ މެދުފަންތީގެ އާއިލާއެކެވެ. ދެމީހުންގެ ގުޅުން އެހާ ރަނގަޅުވީވެސް އެހެންވެއެވެ. އެކަކު އަނެކަކުގެ އިހުސާސްތައް ދެނެގަންނަން ފަސޭހަވީމައެވެ.

“މިލީން”ގެ ޚިޔާލުތަކާއި ހުރެ މިއުޒިކް ލިޔުމަށް ޝަފްވާނަށް ދެވޭ ސަމާލުކަން ކުޑަވިއެވެ. އެންމެފަހުން ރުޅިއައިސްގެން ޝަފްވާން ފޮތް އަތުކޮޅަށް ހޫރާލިއެވެ. އެނދުމައްޗަށް ވެއްޓިގަނެ ޝަފްވާން ނިތްކުރި މަތީގައި އަތް ބާއްވާލައިގެން ސީލިންގއާއި ދިމާލަށް ގެއްލިފައި އެތައްއިރެއް ވަންދެން ހުއްޓެވެ. އެ އަންހެންކުއްޖާ އާއި ދޭތެރޭ އޭނައަށް މި ވިސްނެނީ ކީއްވެގެން ހެއްޔެވެ.؟ ކަނާތު ބޮޑުވާ އިނގިލީގައި ދައިގަނެގެން ޝަފްވާން ފިކުރުތަކުގެ ތެރޭގައި ގެނބެން ނަފްސު ދޫކޮށްލިއެވެ.

ފެތުމުގެ ފައިނަލް ނިމިއްޖެއެވެ. މިލީންމެންގެ ޓީމް މޮޅުވުމާއި އެކީގައި ވީއުފަލުން ސަޕޯޓަރުންގެ ތެރޭ ހުރެފައި ޔައުލާން ދިޔަގޮތަށް ގޮސް ތެމިފައިހުރި މިލީން އުފުލާލިއެވެ. ވީއުފަލުން މިލީންވެސް ޔައުލާންގެ ގައިގައި ބައްދައިގަނެފިއެވެ. އެދެމީހުންނަށް ބަލާލި އައިރާވެސް ހީނލައިފިއެވެ. ނަހާ ހުރީ ފާޑަކަށް ތުން އަނބުރައިގެންނެވެ. ގައިން ލޮނުވަސް ދުވިޔަސް ހެޔޮކަމަށް ޔައުލާންވެސް މިލީންގެ ގައިގައި ބައްދާލާފައި މަރުހަބާކިއެވެ. މިޝްލާ އާއި ޒައިހާންވެސް ހުރީ ނިކަން އުފަލުންނެވެ. ޔައުލާން އާއި މިލީން ބައްދާލާ އުޅުމަކީ ކުޑައިރުއްސުރެވެސް ފެނިފެނި އާދަވެފައިވާ ކަމަކަށްވާތީ މިޝްލާއަށް އަދިވެސް އެކަން އެއީ ބޮޑުކަމަކަށް ނުވެއެވެ.

އެންމެން ކުރި ފޮނި އުންމީދުތައް ހަގީގަތަކަށް މިލީން އާއި އޭނަގެ ޓީމް ހަދައިދިނެވެ. ފައިނަލް ނިމިގެން ދިޔައީ އެޓީމަށް އެއްވަނައިގެ ޓްރޮފީ މިލްކް ކުރެވިގެންނެވެ. އެކަން ފާހަގަ ކުރަން ކޯޗިންގ ޓީމްގެ ފަރާތުން ފަތާ ޓީމަށް ކުޑަ ޕާރޓީއެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. ޓީމްގެ ސަޕޯޓަރުންނާއި ބެލެނިވެރިންނާއި ޓީމަށް ވަނީ އެދުވަހުގެ ހަވީރު ވަގުތަށް ބާބަކިއު އޭރިޔާއާއި މާދުރުނޫން ހިސާބެއްގައި ހުންނަ ގެއަށްދާން ދައުވަތުދީފައެވެ. ފެންވަރައިގެން ވަރުބަލިކަން ފިލުވާލާފައި މިލީން އެތަނަށް ދާން ތައްޔާރުވާން ފެށިއެވެ. މިއަދުން ފެށިގެން އޭނައަށް ނަވާރަ އަހަރު ފުރެން އޮތީ އެންމެ މަހެކެވެ. މެއި މަހުގެ އެކާވީސް ވަނަ ދުވަހަކީ އޭނަގެ އުފަންދުވަހެވެ. މިއަދު މިއީ އޭޕްރިލް އެކާވީހެވެ. ދެން ހިތަށް އެރި އެއްޗަކުން މިލީން ހިނިތުންވެލީ ވަރަށް އެހެންކަހަލަގޮތަކަށެވެ. އެހިނިތުންވުމުގައި އުފާވެރިކަމެއް ނެތެވެ. ހިތާމަވެރިކަމެއް ވެސް ނެތެވެ. ކުލަނެތް ފޭކް ހިނިތުންވުމެކެވެ. ރަތްކުލައިގެ ޝޯލްޑަރލެސް ޓޮޕަކާއި ކަނޑުނޫކުލައިގެ ހައިވެއިސްޓެއް ލާފައި ހެދުމުގެ މަތިން މިލީން ލީ ކަޅުކުލައިގެ ލެދަރ ޖެކެޓެކެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ދެފަޅިއަށް އަޅާފައި މޫނުމައްޗަށް އިސްތަށިކޮޅެއް ވައްޓާލިއެވެ. ހަމުގެ ކުލަ އިތުރަށް އަލި ކުރަންވެގެން ފުށްޖަހާފައި ކަންފަތުގައި ކަޅާއި ރަތުގެ އެތިކޮޅެއް ލިއެވެ. މަސްކަރާއާއި އައިލައިނަރ އަދި އައިޝެޑޯއިން އެދެލޯ އިހުނަށްވުރެވެސް ފާޅުވިއެވެ. ރީތިކަމުގެ މިސާލެކެވެ. ރަތް ލިޕްސްޓިކަކުން ތުންފަތް ލޭކޮޅަކަށް ހަދާ ރީތި ފައިވާނެއް ނަގާފައި މިލީން އެހެން ދުވަސްތެކެކޭ ޚިލާފަށް ހޭންޑްބޭގްތަކުގެ ތެރެއިން ނެގީ ވަރަށް ބޮޑު ހޭންޑްބޭގެކެވެ.

ތައްޔާރުވެ ނިމުމުން މިލީން ގާތުގައި ހުރި ޑްރޯވަރ ހާވާލާފައި ނެގީ ދަޅައަޅައަޅާ އޮތް ކަތުރެކެވެ. ހިފާ ބައި އޮރެންޖް ކުލައިގައި ހުރި އެ ކަތުރު ހުޅުވާ ލައްޕާލާފައި މިލީން ދަބަސްތެރެއަށް އެވެސް ލިއެވެ. ޕްލާސްޓިކް ކޮތަޅެއްވެސް ދަބަހަށްލާފައި މިލީން ނެގީ އާދައިގެ ހެދުމެކެވެ. އެވެސް ފަތްޖަހާފައި ދަބަހަށް ލާފައި ޓިޝޫ ބޮނޑިއެއްވެސް މިލީން ދަބަހަށް ލިއެވެ. އަދި އަލަމާރިން މިލީން ނެގީ ހަތަރު ފަސްވަރަކަށް ސިޓީއުރައެވެ. އެވެސް ދަބަހަށް އަޅާފައި ފޯނާއި ތަޅުދަނޑި ހަމަކޮށް މިލީން ބޭރަށް ނުކުންނަން ހިނގައިގަތެވެ. އޭނަ ނުކުންނަންދެން ހުރި މިޝްލާ އާއި ޒައިހާން ފެނިފައި މިލީންއަށް ދެވަނަ ފަހަރަށް ވިސްނާލަން ޖެހުނެވެ. ޝަފްވާނަށްޓަކައި އޭނަ ނަގަން އެއުޅެނީ ނުހަނު ބޮޑު ފިޔަވަޅެކެވެ. ދެވަނަ ސިކުންތުކޮޅުގައި މިލީން ދުވެލާފައި މިޝްލާ އާއި ޒައިހާންގެ ގައިގައި ނިކަން ބާރަށް ބައްދާލައިފިއެވެ. ވަދާއުގެ ބައްދާލުމެއްފަދައެވެ. މިޝްލާ ކުޑަކޮށް ހައިރާންވި ނަމަވެސް ލޯބިން މިލީންގެ ގައިގައި ބައްދާލިއެވެ. ޒައިހާން މިޝްލާ އާއި މިލީންގެ ގައިގައި ބައްދާލިއެވެ. ޒައިހާން އާއި މިޝްލާގެ މެދުން ފެންނަން ހުރި މިލީންގެ މޫނުން ފެންނަނީ ހިތާމައެވެ. އެވަގުތު މިލީންގެ ލޮލުން ކަރުނަ ފޭދުނެވެ. މިލީން ހިތާމަ ކުރަމުންދިޔައިރު އަންނަން އޮތް ކޮޅިގަނޑުގެ ހިލަމެއް ނުވާހާލު މިޝްލާ އާއި ޒައިހާން ހުރީ ނުލާހިކު އުފަލުންނެވެ. ދެމީހުންނަށް ވެސް ވަނީ މިލީންގެ ހަގީގީ މަގުސަދު ވަންހަނާ ކުރެވިފައެވެ.

ފާއިތުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިލީން ރުއި މަންޒަރު ނުފެނުމުން މިޝްލާ ހުރީ ހަމަޖެހިފައެވެ. މިޝްލާ ހިތުން މިލީން ޝަފްވާންގެ މަތިން ހަނދާން ނައްތާލާފައި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާންފެށީއެވެ. އެކަމަކު މިލީންގެ ހިތުގައި ވަނީ މުޅިން އެހެން ކަމެކެވެ. މިޝްލާގެ ހީކުރުންތަކާއި މުޅިން ޚިލާފަށެވެ. ނަމަވެސް މިލީންގެ ހިތް އޮތް ގޮތް މިޝްލާއަށް އިނގޭނީ ކިހިނަކުންހެއްޔެވެ؟

ކާރުގައި ބާބަކިއު އޭރިޔާ ގާތު މަޑުކޮށްލައިފިއެވެ. އެތަނުން ގްރިލްއެއްގެ އެއްފަރާތެއްގައި ހުރި ރީނދޫ ހަންތަކާއި ފޮށިތަކެއް ފެނިފައި މިލީން އަނެއްކާވެސް އެކުލަނެތް ހިނިތުންވުމުން ހީނލައިފިއެވެ. ކާރުން ފޭބުމުގެ ކުރިން ޒާމިންއަށް މިލީން ހީނލިއެވެ. ހައިރާންވެފައި ނަމަވެސް ޒާމިންވެސް ރައްދުދިނީ ހީނލުމަކުންނެވެ. ކާރުން ފައިބައިގެން މިލީން ދުވެލާފައި ގޮސް ޔައުލާންގެ އަތުގައި ހިއްޕެވެ. ޔައުލާން ސިހިފައި މިލީންގެ މޫނަށް ބަލާލައިފިއެވެ. އެހެން ދުވަހަކުވެސް މިލީން އެފަދަގޮތަކަށް ކަންކޮށްފައި ނުވާތީއެވެ. މިލީން ޔައުލާންގެ މޫނަށް ބަލާލާފައި ނުލާހިކު ރީއްޗަށް ހިނިތުންވުމުން ޔައުލާނަށްވެސް އިޚްތިޔާރަކާއި ނުލާ ހީނލެވުނެވެ. މިލީންގެ ހިމަހޯލިއަތް އޭނަގެ އަތުގެތެރޭގައި ފޮރުވާލަމުން ޔައުލާން ހިނގައިގަތީ އެތެރެއަށް ވަންނާށެވެ. މިލީން ގާތުގައި ހުރުމުން އޭނަގެ ހިތް އުފަލުންގޮސް ނަށަނީއެވެ. ހަމަ މިހާރުވެސް މިލީން ކުރިމައްޗަށް އޭނަގެ އިހުސާސްތައް ބަންޑުންކޮށްލަން ބޭނުންވިއެވެ. ނަމަވެސް މިރޭ މިލީންއަށް މިއަލް އާއި ނަވާލްއާއި ބެހޭގޮތުން ދައްކަންޖެހޭ ވާހަކަތަކާއިހުރެ ދުވަސްކޮޅަކަށް ނަމަވެސް މިލީންގެ ހަމަޖެހުން ގެއްލޭނެހެން ޔަގީނާއި ގާތަށް ހީވާތީ ޔައުލާން އެކަންކުރަން ބޭނުން ނުވީއެވެ. މިލީންގެ އިހުސާސްތައް ޔައުލާން ދެނެގަންނަނީ އެއީ އޭނަގެ އަމިއްލަ އިހުސާސްތައް ފަދައިންނެވެ. އެހާވެސް އޭނަ މިލީންދެކެ ލޯބިވެއެވެ. އެހެންކަމުން ޔައުލާން މިލީންއަށް ވަގުތުދޭން ބޭނުންވީއެވެ.

އެތެރެއަށް ވަތްގޮތަށް މިލީން އަވަހަށް މިއުޒިކް އާއި ހަވާލުވެގެން ހުރި މީހާއަށް ބަލާލިއެވެ. އެއީ ޝަފްވާނަށް ނުވުމުން މިލީންގެ މޫނުމަތިން ކުލައޮއްސުނެވެ. އުފާވެރިކަން ވެރިވެފައިވާ މޫނުމަތިން ހިނިތުންވުން ގެއްލުނީ ފުއްޓަތްކެއް ޖަހާލާހާ އަވަހަށެވެ. މިލީން ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. ހަމަ ހަގީގަތުގައިވެސް ޝަފްވާން އޭނަގެ މަތިން ހަނދާންނައްތާލީހެއްޔެވެ.؟ “ލުކް ހޫސް ހިއަރ..” މިލީން އައިސް ވަނުމާއި އެކީގައި ކޯޗް އައިސް މިލީންއަށް މަރުހަބާ ކިއެވެ. އައިރާ އާއި ފަތާޓީމްގައި އުޅޭ އެހެން އަންހެންކުދިންތައްވެސް އައިސް މިލީން ވަށާލައިފިއެވެ. މިލީންގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. ބަލާ މީހަކަށް މިލީން އެހުރީ ގަދަކަމުން ހީނލައިގެންކަން އެނގޭނެހާ އެ ހިނިތުންވުމުގައި އަސަރެއް ނެތެވެ.

އެގޭގެ އެއް ބިތް ހުސް ބިއްލޫރިން ވާއިރު އަނެއް ބިތްތައް ވަނީ ލަކުޑިންނެވެ. ލަކުޑި ބިތްތަކުގައި ފެއަރީލައިޓްސްތައް ހަރުކޮށްލާފައިވެއެވެ. މުޅި ތަނުގައި ވަނީ ރަތްކުލަ އާއި ކަޅުކުލައިގެ ފުއްޕާހަންތައް އެލުވާފައެވެ. ސީލިންގގެ ކަނެއްގައި ހަރުކޮށްފައިވާ ލައިޓްގެ ކުލަ އަވަސްއަވަހަށް ބަދަލުވަމުންދިޔައެވެ. ދޭތެރެ ދޭތެރެއިން މިއުޒިކް ޖަހާ ސްޕީކަރސްތައް ކައިރީގައި ހުރި މީހާ ކޮންގްރެޖުލޭޝަންސް ކިޔާލާއިރަށް ރަންކުލައިގެ ކޮންފެޓީތައް ގޮއްވާލައެވެ. އެކި ކުލަކުލައިގެ ހެދުންތައް ލައިގެން ޓީމްގެ މީހުންނާއި ސަޕޯޓަރުން ހުއްޓެވެ. ޖޯޑުޖޯޑު މިއުޒިކަށް ލުއިގޮތަކަށް ފައިހަމަކުރަމުންދިޔައިރު އެކުވެރި ބައިގަނޑުގަނޑު ގްރޫޕް ހަދާލައިގެން މަޖާ ކުރަން ހުއްޓެވެ. ދޮށީފުރައިގެ މީހުންވެސް އަމިއްލަ ވާހަކައިގައި ޖެހިފައި ހުއްޓެވެ. މެދުގައިހުރި ސްޕޮޓްލައިޓް އަޅުވާލާފައިވަނީ ސީދާ އެމީހުން މިއަދު މިލްކުކުރި ބޮޑު ކާމިޔާބީއަށެވެ. ރަންކުލައިން ދަޅައަޅައަޅާ ޓްރޮފީ އޭގެ ކޭސްތެރޭގައި ޝަރަފްވެރިކަމާއި އެކީ ހުއްޓެވެ.

ޔައުލާން މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ގޮސް މަޑުކޮށްލީ ވާހަކައިގައި ޖެހިފައި ހުރި ޒައިހާން އާއި ޒާމިން އާއި މިޝްލާގެ ގާތުގައެވެ.

“ނަވާލްބޭ.. މިބުނީ ޒާހުބޭ..”

 

= ނުނިމޭ =

34

3 Comments

 1. Aishath Faruha Abdulla

  August 25, 2021 at 10:49 am

  Alheyy…. Haadha kurey mi part…. By the way Masha Allah vrh reethi… 😍😍and dhn in part vrh avass kohladheythi!!! Plz…..Adhi mi furusathugai liyun therin kiyun therinnah takaa thiya kohdhevvaa minneh masaikathah vrh bodah shukuru dhannavan… THANK YOU AUTHORS 😘❤️adhi faruu mee abadhu vx yoon ge big fan eh kan handhaankohdhenn…..
  When next??? Can’t wait……
  And sorry mihaa lahaa comment kureveythee. Adhi vx eh faharu thanks….. ❤️❤️

  • yooon

   August 25, 2021 at 2:21 pm

   Swry dearlingss nxt part dhigukolladheveythw try kuraanan ingey 😊 Nd thankiu so much Faruha 💖 Aww your wlc lwbs.. Nxt insha allah 26th ga.. hehe its alr dear u dnt have to say swry 😊💖 stay safe tgc

 2. Rooya Xek

  August 26, 2021 at 9:32 am

  Heyyy😍 stry v nice 😘 whn next? Waiting curiously ❤️ tc n stay safe 💖💖💖💖

Comments are closed.