Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޔާރު ނުބުނޭ ތިހެން … (1)

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
August 22, 2021 8 Mins Read
3 Comments

“އަދިވެސް ދަބަހަށް އެއްޗެހި އަޅާ ނުނިމޭތަ…..؟” ކޮޓަރިއަށް ވަދެގެން އައި ލައިނީ މުޚާތަބުކުރީ، ހެދުން އަޅާ އަލަމާރި ކައިރީގައި ހުރި ރިދާއަށެވެ. ތަރުތީބުކަމާއިއެކު ކޮނޑުގައި އަޅުވާފައިހުރި ހެދުންތައް ހާވަން ހުރި ރިދާ، ލައިނީއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“މި އުޅެނީ އެރަށަށް ދާއިރު ގެންދާނީ ކޮން ހެދުންތަކެއްކަން ކަނޑަނޭޅިގެން……” ކަނޑުނޫކުލައިގެ ހެދުމެއް ނަގާ ގައިގައި ޖައްސާލުމަށްފަހު، އެ ހިފައިގެން ލައިނީގެ ގާތަށް ދަމުން ރިދާ ޖަވާބު ދިނެވެ. އަދި އެނދުމަތީގައި ބަހައްޓާފައިހުރި ހެދުން އަޅާފައިވާ ދަބަސް އެއްފަރާތްކޮށްލުމަށްފަހު، ލައިނީ އިށީންނަން ޖާގަ ހަދައިދިނެވެ.

“އެހާބޮޑު ދަބަހަކަށް، އެހާ ބައިވަރު ހެދުން އަޅަނީ، އަނެއްކާ އެރަށުން އިންނާނެ މީހަކު ހޯދައިގެން އެކޮޅަށް ދިރިއުޅުން ބަދަލުކުރާ ގޮތަށްތަ ތި ވިސްނަނީ…..؟؟؟؟” ދަބަހަށް އަޅާފައިވަ ހެދުންތައް ފެނިފައި ލައިނީއަށް އަހާލެވުނެވެ.

“ހެހެހެ…. ނޫން….. އަހަރެން ނޫޅެން ދޮންތިހެން ބިރައްޓެއްސަކާ އިންނާކަށް…. ކިތަންމެ މަދު ދުވަސްކޮޅަކަށް ދިޔަސް، އަހަރެން ބޭނުން މަދުނުވާވަރަށް ހެދުން ގެންދަން….. ވާނެ ގޮތެއް އެނގެނީ ކާކަށް..؟؟؟ ވާރޭ ވެހޭއިރަށް ތެމޭހިތްވެދާނެ…. ނޫނީ އެރަށުގެ މޫދު ރީތިއްޔާ މޫދަށް އެރޭ ހިތްވެދާނެ…. އެހެންވީމަ އެހާ މަދުން ހެދުން ގެންގޮސްގެން ލަނޑެއް ލިބިދާނެއްނު…..” އަތުގައި އޮތް ހެދުން ފަތްޖަހާ ދަބަހަށްލުމަށްފަހު، ފޮށީގެ ޒިބުއަޅުވާލަމުން ރިދާ ބުނެލިއެވެ.

“ކިހިނެއް އެނގެނީ އެރަށަށް ދާތަނުން ރިދާއަށް ކަމުދާ މީހަކު ނުފެންނާނެކަމެއްވެސް….. އެހެންވީމަ ނޫނެކޭ ނުބުނޭ….. ޚާއްސަކޮށް ތިކަހަލަ ކަންކަމުގައި……” އެއްލޯމަރާލަމުން ލައިނީ މިހެން ބުނުމުން، ރިދާ އަނގަ އިތާކޮށްލަމުން ބޯހޫރާލިއެވެ. އަދި އަލަމާރީގެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމަސްފަހު، އޭނާ އަޅައިގެން ހުރި ވަޅުފެހިކުލައިގެޝޯލް ރަނގަޅުކޮށްލިއެވެ.

“ތިއެއް ނޫނޭ…. ކޮބާތަ ރުހާ….؟؟؟ އަސްލު އަހަރެން މިއައީ އެއްކަލަ ބޫޓު ގަންނަންދާންވެގެން ތި މީހުން ނިމިއްޖެތޯ ބަލާލަން……” ރުހާ ކޮބާތޯ ކޮޓަރިތެރެއަށް ނަޒަރު ހިންގާލަމުން، އެކޮޓަރިއަށް އައި އަސްލު ބޭނުން، ލައިނީ އިއްވާލިއެވެ. ރިދާ ޖަވާބު ދޭން އުޅުނުވަގުތު، ފާހާނާގެ ދޮރު ހުޅުވުނު އަޑަށް ދެމީހުން އެއްފަހަރާ އެދިމާއަށް ބަލާލިއެވެ. ފެންވަރައިގެން، ފާހާނާއިން ނުކުތް ރުހާ ކޮޓަރީގައި ތިބި ދެމީހުނަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ކޮން ބޫޓެއް…؟؟؟ ކަޅުކުލައިގެ ބޫޓުތަ….؟ ނޫނީ އަޅިކުލައިގެ ބޫޓުތަ….؟” ލޯގަނޑު ކުރިމައްޗަށް ހުއްޓި ބޮލުގެ އިސްތަށިގަނޑު ހާވާލަމުން، ރުހާ، ސުވާލުކޮށްލީ ލައިނީމެން ދެއްކި ވާހަކަ އަޑުއިވިގެންނެވެ.

“އަޅިބޫޓު…..  ދެބޫޓުގެ ފޮޓޯ ދެއްކުމުން ރަޔާންއަށް ރީތިވީ އެ ބޫޓު…” ރުހާގެ ކަޅުކަންގަދަ ބުޅި އިސްތަށުގަނޑަށް ނަޒަރު ހުއްޓާލައިގެންއިނދެ ލައިނީ ބުނެލިއެވެ. ރުހާ ރީތިވެ ނިމިގެން ލައިގެން ހުރި އަޅިކުލައިގެ އަބާޔާ ހެދުމާގުޅޭ ރަންގުކުލައިގެ ޝޯލް ބޮލުގައި އޮޅާލުމަށްފަހު، އަޞުރުނަމާދުކޮށްގެން، ލައިނީމެންނާއިއެކު ފިހާރައަށްދާން ނުކުތެވެ.

**********

ރުހާއާއި ރިދާއަކީ އެއްމާބަނޑު ދެބެންނެވެ. ދެކުދިން ނުދަންނަ މީހަކަށް އެކުދިން ފާހަގަކުރަން އުނދަގޫކަމުގައިވިޔަސް، އާއްމުކޮށް ފެނިދެނިވެ އުޅޭ މީހުންނަށް އެކުދިން ފާހަގަ ކުރުމަކީ މާ އުނދަގޫކަމެއް ނޫނެވެ. ދެކުދިންގެ ސިފަ ދާދި އެއްގޮތްކަމުގައިވިޔަސް، ފެނިދެނިވެ އުޅޭ މީހުން ޢާއްމުގޮތެއްގައި އެކުދިން ފާހަގަ ކުރަނީ ރިދާގެ ނޭފަތުގެ ވާތްފަރާތު ތިރީގައި އިންނަ ކަޅުތިލައިންނެވެ. އޭގެ އިތުރުން ރުހާގެ މޫނު އިންނަނީ ވަށްކޮށް ދަތްދޮޅި ކުޑަކޮށް ބޭރަށްވާގޮތަށެވެ. ނަމަވެސް ރިދާގެ މޫނު އިންނަނީ ދިގުކޮށެވެ. ދެކުދިންގެވެސް ލޮލުގެ ކަޅި އިންނަނީ ގަދަޗޮކްލެޓްކުލައިގައެވެ. ދެކުދިންނަކީ މިޒާޖު އެއްގޮތް އެކަކު އަނެކަކާ ގުޅޭ ދެކުދިންނެވެ. ލައިނީއަކީ، ރުހާމެންނަށްވުރެ ތިންއަހަރު ދޮށީބޭބެ ރަޔާންގެ އަނބިމީހާގެ އިތުރުން، އެކުދިންގެ ސްކޫލްދައުރުއްސުރެ އެންމެ ގާތްކޮށް އުޅޭ އެކުވެރިއެކެވެ. ލައިނީމެންގެ ކައިވެނި ކުރެވުނީ މީގެ ދެތިންމަސްކުރިންނެވެ.

**********

ލައިނީ ގަންނަން ބޭނުންވި ބޫޓު ހިފައިގެން ފައިސާދައްކަން ދިއުމުން ރިދާ އޭނަގެ ފަހަތުން ދިޔައެވެ.

“ރުހާ….” ބޫޓެއް ހެޔޮވަރުކުރަން ހުރި ރުހާގެ ޙަރަކާތަށް ހުއްޓުން އެރީ އިވުނު އަޑަކުންނެވެ. އެ އަޑެއް އޭނާއަކަށް ނޯޅޭނެއެވެ.  އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން، އޭނާ، އެމީހަކާއިއެކު ކައިވެނިކުރުމުގެ ފޮނި ހުވަފެންތަކެއް ދުށް އިންސާނާއެވެ. ރުހާ ދުށް ފޮނިހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައީވެސް ހަމަ އެ އިންސާނާގެ ސަބަބުންނެވެ. ނައިޒަކްގެ އަޑު އިވިގެން ރުހާގެ ޙަރަކާތްތަކަށް ހިނދުކޮޅަކަށް ހުއްޓުން އައިނަމަވެސް، މީހަކަށް ފާހަގަނުވާނެހެން ކުރިއެކޭވެސް އެއްގޮތަށް ބޫޓު ހެޔޮވަރުކުރަން ފެށިއެވެ. ރުހާ އަޅާނުލުމުން ނައިޒަކް އަނެއްކާވެސް ގޮވާލިއެވެ. މިފަހަރު ރުހާ ބަލާލިއެވެ. ދުވަސްތަކަކަށްފަހު، ނައިޒަކް ފެނުމުން ރުހާގެ ހިތަށް އެނގުންވެލިއެވެ. ނައިޒަކްގެ ވޭނުން ފުރިގެންވާ ދެލޮލުގައިވަނީ އާދޭހެވެ. ރުހާގެ ހިތަށް އަސަރުކުރިނަމަވެސް އެކަން ފާޅުކުރާކަށް ބޭނުމެއް ނުވިއެވެ. އެންމެ ކުޑަމިނުން ނައިޒަކާ ވާހަކަ ދައްކަންވެސް އޭނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން އަތުގައި އޮތް ބޫޓުކިބަ އެ ހުރިތާނގައި ބެހެއްޓުމަށްފަހު އޭނާ ހިނގައިގަތެވެ. އޭރު ލައިނީމެންވެސް ތިބީ ބޫޓަށް ފައިސާދައްކާ ނިމިގެން އެމީހުންނަށް ބަލާށެވެ. ރުހާ އެ ދިޔަ ގޮތަށް ފިހާރައިން ނުކުތުމުން، ލައިނީމެންވެސް އޭނާގެ ފަހަތުން ދިޔައެވެ.

ލައިނީމެންނަށް ފިހާރައިން ނުކުމެވުންއިރު، ރުހާ ހުރީ މަގުގެ އަނެއްފަރާތުގައެވެ. އެމީހުންގޮސް އޭނާގެ ގާތުގައި މަޑުކޮށްލުމުން ރުހާ އަދި އެއްފަހަރު އެ ފިހާރައާއި ދިމާއަށް ބަލާލިއެވެ. އޭރު ނައިޒަކް ހުރީ ފިހާރަ ދޮރުމަތީގައެވެ. އޭނާގެ މޫނުމަތީގައިވަނީ މާޔޫސްކަމެވެ. ރުހާއަށް ބަލަމުންދިޔައީ ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ.

“އެކަކު އަނެކަކުދެކެ އެހާ ލޯބިވާއިރު ދެމީހުން ވަކިވާންޖެހުނީ ކީއްވެގެންކަމެއް އަދިވެސް ނޭނގެ….؟؟؟؟” ރުހާއާއި ނައިޒަކްގެ ޙަރަކާތްތަކަށް ބަލަން ހުރި ރިދާއަށް ބުނެވުނެވެ. ރިދާގެ އަޑު އިވުނުނަމަވެސް، ވަކި އެއްޗެއް ނުބުނެ، ރުހާ ހިނގައިގަތީ ގެއާއި ދިމާއަށެވެ.

“ދޮންތިއަކީ އެއްވެސް ކަމެއް، އެއްވެސް ވާހަކައެއް އަހަރެމެންނަށް ސިއްރުކުރި މީހެއް ނޫން….. އެކަމަކު، ނައިޒަކްއާއި ދެމެދު ޖެހުނު މައްސަލަ ޚިއްސާ ނުކުރަން އެ އުޅެނީ ކީއްވެގެންކަމެއް ނުވިސްނުނު….. އަނެއްކާ ދޮންތި މިހާރު އެ އުޅެނީ ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން…. ކުއްލިއަކަށް އެހާބޮޑު ނިންމުމެއް ނިންމާނީ ވަރަށް މޮޑު މައްސަލައެއް ޖެހުނީމަހެން ހީވަނީ….” ލައިނީގެ އަތުގައި ހިފައިގެން ރުހާގެ ފަހަތުން ހިނގައިގަންނަމުން ރިދާ ބުނެލިއެވެ. އަނގައިން ނުބުނި ކަމުގައިވިޔަސް ލައިނީވެސް ވިސްނަމުން ދިޔައީ އެކަމާ ދޭތެރޭގައެވެ.

“ލައިއަށް ހީވޭތަ މަންމަމެން ދޮންތިއަށް މަޖުބޫރުކޮށްގެން މި ކައިވެނި ކުރުވަން އުޅޭހެން….؟؟؟؟” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރިދާ އަހާލިއެވެ.

“ހިއެއް ނުވެ….. ރަޔާންގެ ގާތުގައި މަންމަ ބުނި، ރުހާ ބޭނުންވެގެންނޭ މަންމަމެން އޭނައަށް ކައިވެނިކުރާނެ މީހަކު ހޯދައިދިނީ….” ލައިނީ އޭނާއަށް އެނގޭ މިންވަރަށް ބުނެދިނެވެ.

**********

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ރުހާމެންގެ ކުޑަ ޢާއިލާ ލޯންޗެއްގައި ދަތުރަށް ފެށީ ރުހާގެ ވާންއުޅޭ ފިރިމީހާގެ ރަށަށް ދިއުމަށްޓަކައެވެ. ލޯމަރާލައިގެން އިން ރުހާގެ ސިކުނޑީގައި އެކި ޚިޔާލްތައް އެނބުރެމުން ދިޔައެވެ. ހިތުގެ ހައިޖާނުވެސް ކުޑައެއް ނޫނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ފާއިތުވި އަހަރުތަކުގެތެރޭ، އޭނާގެ ދިރިއުޅުމަށް މި ވަނީ ހީވެސް ނުކުރާފަދަ ބޮޑު ބަދަލެއް އައިސްފައެވެ. ރުހާގެ ޚިޔާލުތައް މާޒީގެ ދުވަސްތަކަށް ދަތުރުކުރިއެވެ.

…………………………………………….

އެއްރަށެއްގައި އުޅުންނަމަވެސް ރުހާއަށް ނައިޒަކް އެނގެންފެށީ ވަރަށް ފަހުންނެވެ. އެއްދުވަހަކު ކޮލެޖުން ނިމިގެން އައި މަގުމަތީ ލައިނީމެންނާއިއެކު، ރުހާ، ފިހާރައަށްވަނީ ފިނި ބުއިމެއް ގަންނަންވެގެންނެވެ.

“ކޮން ވައްތަރެއް ބޭނުމީ….؟؟؟؟” ފްރިޖްގެ ދޮރު ހުޅުވާލައިގެން ހުރެ، ރުހާ މުޚާތަބުކުރީ އޭނާގެ ފަހަތުގައި ތިބި ރިދާމެންނާއެވެ.

“ރެޑްބުލްއެއް….” ފިރިހެންވަންތަ ރީތި އަޑެއް ދާދި ގާތުން އިވުމުން، ސިހިފައި ރުހާއަށް ފަހަތް ބަލާލެވުނެވެ. އޭނާއާއި ދާދި ގާތުގައި މަޑުކޮށްލައިގެން ހުރި ނައިޒަކް ފެނުމުން ރުހާ ރަކިވިއެވެ. އޭނާ ހީކުރީ ފަހަތުގައި ތިބީ ލައިނީމެންކަމަށެވެ. ނައިޒަކާ ވާހަކަ ދެއްކުނީ އެމީހުންކަމަށް ހީކޮށެވެ. އެއްފަރާތެއްގައި މަޑުކޮށްލައިގެން ލައިނީ އާއި ރިދާ، ލާނެއްފާޑަކަށް ހެވިފައި ބަލަން ތިއްބެވެ. ރުހާ އެމީހުންނަށް ލޯއަޅާލީ އެނގިތިބެ އޭނައަށް ލަނޑެއް ދިނުމުންނެވެ. ރަކިވެފައިހުރި ރުހާއަށް ރީތި ހިނިތުނވުމެއް ހަދިޔާކުރަމުން، ފްރިޖުން ރެޑްބުލްދަޅެއް ނަގައިގެން ނައިޒަކް މިސްރާބުޖެހީ ފައިސާދެއްކުމަށްޓަކައެވެ. ފިހާރައިން ނުކުންނަން ދަމުންވެސް ނައިޒަކް ރުހާއަށް ބަލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިހިނދު ނައިޒަކް އެއްލޯމަރާލިއެވެ. ނައިޒަކްގެ އެ އަދާއިން ލަދުގަތްވަރުން، ލައިނީގެ ފުރަގަހަށްވަދެ ރުހާ ނިވާވެލިއެވެ. ރުހާމެންގެ ޙަރަކާތްތަކަށް ބަލަން ތިބި ލައިނީމެން ރުހާއާއި ދިމާކޮށްލިއެވެ.

އެރޭ ނިދަން އޮވެފައި ރުހާ ފޭސްބުކް ހުޅުވާލިއެވެ. އިސާހިތަކު އޭނާގެ ތުނި ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވީ ނައިޒަކްގެ “ފްރެންޑް ރިކުއެސްޓެއް” އައިސްފައި އޮތުމުންނެވެ. ނައިޒަކް އެނގެން ފެށީއްސުރެ، ރުހާގެ ހިތުގައި، ނައިޒަކްގެ ރީތި ސޫރަވަނީ، ކަނޑާ ބިންވަޅު ނެގިފައެވެ. އޭނާގެ ބާމަތިފުޅާހަށިގަނޑާއި ދިގު އިސްކޮޅެވެ. ކަޅުކަންގަދަ ދެލޮލާއި ވަށްމޫނެވެ. ކަންހުޅިއާއި ގުޅުވައިގެންވާ ކަޅުކަންގަދަ ތުނބުޅިމަތިމަހުން ރަތްކުލަވެރިވެފައިވާ ދޮންމޫނަށް އިތުރުފުރިހަމަކަމެއް ގެނުވައެވެ. އެއްވެސް ވަގުތުކޮޅެއް ބޭކާރުކޮށްލުމެއްމެއްނެތި، ރުހާ، ނައިޒަކްގެ “ފްރެންޑް ރިކުއެސްޓް” “އެކްސެޕްޓް” ކޮށްލިއެވެ. އެވަގުތަކީ ނައިޒަކްވެސް އޮންލައިންގައި އިން ވަގުތަކަށްވުމުން، އެވަގުތުން ފެށިގެން ދެމީހުން ވާހަކަ ދައްކަންފެށިއެވެ. ރުހާ އެންމެ ފުރަތަމަވެސް ސުވާލުކުރީ ދެބެންގެ ތެރެއިން އޭނާ ވަކިކުރަން އެނގުނު ގޮތަކާމެދުގައެވެ. އެހެން މީހުންނެކޭ އެއްފަދައިން ނައިޒަކްވެސް އެ ދެކުދިން ފާހަގަކުރީ، ރިދާގެ ނޭފަތުގެތިރިން ވާތްފަރާތުގައި އިންނަ ކަޅުތިލައިންނާއި މޫނުގެ ބައްޓަމުންނެވެ. ރުހާގެ ރީތިކަމަށް، ނައިޒަކްގެ ހިތް ފިދާވެފައިވާ ވާހަކަ ބުނުމުން، އޭނާ ފެންނަން ނެތްކަމުގައިވިޔަސް ރުހާ ލަދުގަތެވެ. އެގޮތުގައި އެތަށް އިރަކު އެކި ވާހަކަ ދެއްކުމުގައި ދެވެރިން ތިއްބެވެ. އަދި އޭގެފަހުން ކޮންމެ ދުވަހަކުވެސް “މެސެންޖަރ”ގެ ޒަރީއާއިން ދެމީހުން ވާހަކަދައްކަމުންގޮސް، ވަރަށް ގާތް ދެއެކުވެރިންނަށް ވިއެވެ.

ނައިޒަކް ރުހާއަށް ލޯބި ހުށަހެޅީ އޭނާގެ އެންމެ ފަހު އިމްތިހާން ނިމުން ރެއެވެ. ރުހާގެ ހިތުގައި ނައިޒަކަށްޓަކައި ލޯބި އުފެދިފައިވީނަމަވެސް، އޭނަ އެ ހުށަހެޅުމަށް އިންކާރުކުރިއެވެ. ކުއްޖަކާ ރައްޓެހިވެގެން އުޅެން އޭނާ ބޭނުންނުވާތީއެވެ. ރުހާ ބޭނުންވަނީ ރައްޓެހިނުވެ ކައިވެނި ކުރާށެވެ. ދެމީހުންގެ ދެމެދުގައި ރަނގަޅު އެކުވެރިކަމެއް އުފެދިފައިވީތީ، އެކަކު އަނެކަކަށް ރަނގަޅަށް ދަސްވެފައިވާކަމަށް އޭނާ ދެކުނެވެ. ނައިޒަކަށްވެސް އެގޮތް ކަމުދިޔައެވެ. ރުހާދެކެ ލޯބިވާތީ، ރުހާގެ އެދުމަށް އޭނާ އެއްބަސްވިއެވެ. ރުހާގެ ކައިވެންޏަށް އެދި އޭނާގެ މައިންބަފައިންނާވެސް ވާހަކަދެއްކިއެވެ. ރުހާގެ މަންމަ ލީނާއާއި ބައްޕަ ޖާވިދަކީ ދަރިންގެ އުފާތަކަށް ހުރަސް އަޅަން ބޭނުންވާ ބަޔަކަށް ނުވާތީ، އެކައިވެންޏަށް އެއްބަސްވީ އުފަލުންތިބެއެވެ. ނައިޒަކްގެ އާއިލާވެސް އެ ދެކުދިން ގުޅުމަށް ވަރަށް ޤަބޫލެވެ. ދެއާއިލާގެ ރުހުމުގައި ކައިވެނިކުރަން ނުހަނު ގާތްވެފައިވަނިކޮށް، އެ ކައިވެނި ހުއްޓުމަކަށް އައީއެވެ. މިއަދާ ހަމައަށްވެސް، ދެއާއިލާގެ މެމްބަރުންގެ ހިތުގައި ސުވާލުއުފެދިފައިވަނީ، ކައިވެނި ހުއްޓުމަކަށް އަންނަން މެދުވެރިވީ ސަބަބާމެދުއެވެ. އެދެކުދިން ފިޔަވާ އިތުރު މީހަކަށް އަދިއަދަށް ދާންދެންވެސް، އެ ސަބަބު އެނގިފައެއް ނުވެއެވެ. އެސަބަބާހެދި ރުހާގެ ހިތުގައި މިއަދުވެސް ނައިޒަކާމެދު ޝަކުވާ އުފެދިފައިވެއެވެ.

…………………………………………………………

 

“ދޮންތީ…..” މާޒީގެ ޚިޔާލުތަކަށް ގެއްލިފައި އިން ރުހާ ސިހުނީ ރިދާ ގޮވަލުމުންނެވެ. އޭރު އެމީހުން ދަތުރުކުރި ލޯންޗުވަނީ އެމީހުންގެ އެ ދަތުރުގެ މަންޒިލާހަމައަށް ވާޞިލްވެފައެވެ. މާޒީގެ ޚިޔާލުތަކަށް ގެއްލިފައި އިނުމުން، ވަށައިގެން ހިނގަމުންދާ ކަންތައް އޭނާއަށް ރޭކާނުލީއެވެ. ރިދާއަށް އިތުރު އެއްޗެއް ބުނާނެ ފުރުޞަތެއް ނުދީ، އުނގުމަތީގައި އޮތް މުށިކުލައިގެ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ލޯންޗުން ފޭބުމަށްޓަކައި، ރުހާ ހިނގައިގަތެވެ. މިހާރަކަށް އައިސް ރުހާގެ މިޒާޖަށް އަންނަމުންދާ ކުދިކުދި ބަދަލުތަކުން ރިދާ ހުންނަނީ އެއްމާބަނޑު ދައްތައާއިމެދު ކަންބޮޑުވެފައެވެ. އެހެނަސް، އެކަމާ ގުޅޭގޮތުން ރުހާ ގާތުގައި ސުވާލެއް ކުރިޔަސް އެދެވޭ ޖަވާބެއް މިވީހާތަނަށްވަނީ ނުލިބިއެވެ. ރުހާ ދިޔަ ދިމާއަށް ބަލަން އިނދެފައި، ދެފަރާތަށް ބޯހޫރާލުމަށްފަހު، ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، ރިދާވެސް ލޯންޗުން ފައިބާން ދިޔައެވެ.

ރުހާމެންގެ ފޮށިތަކާއި ދަބަސްތައް ލޯންޗުއް ބާލަންދެން އެމީހުންގޮސް މަޑުކޮށްލައިގެން ތިބީ ބަނދަރުގައި ހަދާފައި ހުރި ހަޓެއްގެ ތެރޭގައެވެ. އެވަގުތު ރުހާގެ ފޯނަށް ފޯންކޯލެއް އައުމުން އެތަނުން ނުކުމެގެން އޭނާ އެއްފަރާތަކަށް ޖެހިލިއެވެ. ޖާވިދުގެ ދެބަފައިންވެގެން ލޯންޗުން ބޭލި ހުރިހާ ފޮށިތަކާއި ދަބސްތައް ހަޓުކައިރީގައި ބަހައްޓާ ހިންދެމިލިވަގުތު، އަޅިކުލައިގެކާރެއް އައިސް އެ ދިމާލުގައި މަޑުކޮށްލިއެވެ. އެކާރު ފަހަތުންކަހަލަ ގޮތަކަށް ގަދަނޫކުލައިގެ ކާރެއްވެސް އައެވެ. އަޅިކުލައިގެ ކާރުން ފޭބީ މެދުއުމުރުގެ ފިރިހެނަކާ އަންހެނެކެވެ. ގަދަ ނޫކުލައިގެ ކާރުން ފޭބީ ޒުވާން ފިރިހެނެކެވެ. ޖާވިދަށް އެމީހުން ފެނުމުން، އޭނާގެ ހުދު ދަތްތައް ފެންނަވަރަށް ހީލަމުން އެމީހުންނާއި ދިމާއަށް ހިނގައިގަތެވެ. ޖާވިދުގެ ފަހަތުން ލީނާއާއި ރަޔާންވެސް ދިޔައެވެ. ރުހާ އަދިވެސް ފޯނުންވާހަކަ ދައްކަން ހުރުމުން، ރިދާމެން އެ ތިބިތާނގައި މަޑުކޮށްލައިގެން ތިބީއެވެ.

 

“އެއީތަ ދޮންތިގެ ވާންއުޅޭ ފިރިމީހާ…..” ކާރުން ފޭބި ޒުވާނާ ފެނުމުން، ރިދާއަށް އަހާލެވުނެވެ. ރުހާގެ ވާންއުޅޭ ފިރިމީހާ މީގެ ކުރިން ހަމަލޮލަށް ފެނިފައި ނުވާއިރު، އޭނާގެ ފޮޓޯއެއްވެސް ރިދާއަށް އަދި ފެނިފައެއް ނުވެއެވެ. ބީރައްޓެހިންނާ ކައިވެނިކުރުމަކީ އެއް އިރެއްގައިވެސް ރިދާއަށް މާ ކަމުދާ ކަމަކަށް ނުވާތީ، ރުހާގެ ވާން އުޅޭ ފިރިމީހާގެ އެއްވެސް މަޢުލޫމާތެއް ހޯދުމަށް ރިދާގެ ޝައުގުވެރިކަން ނެތީއެވެ. އެންމެ ކުޑަމިނުން އޭނާގެ ނަންވެސް ރިދާއަކަށް ނޭނގެއެވެ.

“ނޭނގެ…. އަހަރެންވެސް ފޮޓޯއެއް ނުދެކެން….. އެކަމަކު، ރަޔާން ދެއްކި ވާހަކަތަކުން އޭނާއަށް ކިޔަނީ މިކްޔާންކަން އެނގޭ…. ރުހާ އަމިއްލައަށް އެއްވެސް ވާހަކައެއް ނުކިޔާދޭތީ، އަހަރެންވެސް ނާހަން…. ރިދާއަށް ވެސް ނުކިޔާދޭތަ….؟” އެޒުވާނާއަށް ބަލާލަމުން ލައިނީ ޖަވާބު ދިނުމަށްފަހު، ސުވާލުކޮށްލުމުން، އެ ޒުވާނާއަށް ބަލަން ހުރެ ރިދާ ބޯ ޖަހާލިއެވެ.

 

“ނިމާލް… ވަރަށް ދުވަސްކޮށްލާފަ ދޯ މި ބައްދަލުވީ…..” މެދުއުމުރުގެ ފިރިހެން މީހާއާއި ސަލާމްކޮށްލަމުން ޖާވިދު ބުނެލިއެވެ. އަދި ނިމާލްގެ ގާތުގައި ހުރި އޭނާގެ އަނބި މިލްނާއަށް ހިނިތުންވެލިއެވެ. ބަދަލުގައި ހިނިތުންވެލަމުން މިލްނާވެސް ލީނާއާއި ސަލާމްކޮށްލިއެވެ.

“މިލާން….” ނިމާލްގެ ގާތުގައިހުރި ޒުވާނާ ރަޔާނާއި ކޮނޑާ ކޮނޑު ޖައްސާލަމުން އަމިއްލައަށް ތަޢާރަފްވެލިއެވެ. ހިނިތުންވެލަމުން ރަޔާންވެސް އޭނާގެ ތަޢާރަފް ދިނެވެ. ހަޓުގައި ތިބި ދެއަންހެންކުދިން މިލާންގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ޖާވިދުމެންގެ ވާހަކައިގައި ރަޔާންވެސް ބައިވެރިވުމުން އެމީހުނަށް ބަލާލަމުން މިލާން މިސްރާބުޖެހީ އެދެކުދިންނާ ދިމާއަށެވެ.

“މީ މިލާން….” މިކީގެ…. ސޮރީ މިކްޔާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ…..” ރިދާގެ ކުރިމަތީގައި ހުއްޓިހުރެ ސަލާމަށް އަތްދިއްކޮށްލަމުން މިލާން ތަޢާރަފްވިއެވެ. މިލާންގެ ފިރިހެންވަންތަ ބަރުއަޑު ކަންފަތުގައި ޖެހުމުން ރިދާގެ ހިތަށް ގޮތްތަކެއްވެލީ، އެ އަޑުގެ ރީތިކަމުންނެވެ. އޭނާއަށް، މިލާނާއި ދިމާއަށް ފަރުވާތެރިކަމާއިއެކު، ބަލާލެވުނީ ދެނެވެ. އިސްކޮޅުން ދިގުވެފައި ބާމަތިފުޅަލެވެ. ލައިގެން ހުރި މަޑުނޫކުލައިގެ ޓީޝާޓުގެ އަތްވަނީ އެ ބާރުގަދަ މުލައްދަނޑީގައި ހިފާލެވިފައެވެ. ހަމުގެ ކުލަ އަލިނަމަވެސް ބޯކޮށް އަތުގައި ފަޅާފައިވާ ލޯލިތަކުން އެދޮންކަންވަނީ ފޮރުވާލެވިފައެވެ. ތުނބުޅި މަތިމަސް ބާލާއޮމާންކޮށްފައި ހުރުމުން އިތުރަށް މޫނުގެ ކުލަ އަލިކަމަށް ދައްކައެވެ. ކަޅުކަންގަދަ ދެލޮލުގައިވާ ތޫނުކަމަކުން އަންހެންކުދިންގެ ހިތްތައް ކަތިލެވޭހާވެއެވެ. ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމަށް ރިދާގެ ހިތްވެސް ފިދާވިއެވެ.

“ފަހަރީ… ސަލާމެއް ނުކުރާނަންތަ…؟؟؟” ސަލާމަށް އަތް ދިއްކޮށްގެންހުރި މިލާން މުޚާތަބުކުރީ ރިދާއަށެވެ. މިލާންގެ އަޑަށް ސިހުނުނަމަވެސް، ހަމަޖެހިލަމުން ރިދާ މިލާންގެ އަތަށް ބަލާލިއެވެ. ފަހަރީއޭ ބުނެ، އެ މުޚާތަބުކުރީ ރުހާކަމަށް ހީކޮށްކަން އެނގުމުން، ރިދާގެ ކުޑަ ތުންފަތަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އެއަތުގައި ހިފުމެއްނެތި، ރިދާ، އަނގަބަހުން ސަލާމް ބަލައިގަތެވެ. ރިދާގެ މި ޢަމަލުން އަތްޖޯޑުކުރަން ބޭނުންނުވަނީކަން ވިސްނުމުން، މިލާން އޭނާގެ އަތް، ލައިގެން ހުރި ޖީންސްގެ ޖީބަށް ކޮށްޕާލަމުން ހިނިތުންވެލިއެވެ.

“މީ….. ރު….” ލައިނީ އުޅުނީ އެއީ ރުހާ ނޫންކަން ހާމަކުރާށެވެ. އެހެނަސް، އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ރިދާ އޭނާގެ އަތުގައި ހިފާލުމުންނެވެ. ލައިނީ، ރިދާއަށް ބަލާލުމުން، ލާނެއްގޮތަކަށް ހެވިފައިހުރެ ދެފަރާތަށް ބޯހޫރާލީ އެކަން މަނާކުރުމަށެވެ. ރިދާމެން ފާހަގަކުރަން ނޭނގޭ މީހަކު ހެއްދުމަކީ، އޭނާގެ އާދައަކަށްވީތީ، އެ ވަގުތުކޮޅުވެސް، އޭނާ ބޭނުންވީ މިލާން ހައްދާލާށެވެ.

“އެހެމް…. ކަމެއް ގޯސްވީތަ…؟؟؟” ރިދާމެންގެ ޙަރަކާތްތަކަށް ބަލަން ހުރި މިލާނަށް އަހާލެވުނެވެ. ރިދާގެ ކުޑަ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިކުރުވަމުން ނޫނެކޭ ބުނެލިއެވެ. ރިދާ، މިލާން ހައްދާތީ، ލައިނީ ހުރީ އެކަމާ ކަންތައްބޮޑުވެފައެވެ.

“އެއީ ކާކު…؟؟؟ ފަހަރީގެ ޓުވިން އެއްތަ…..؟؟؟” އެ ދިމާއަށް އައި ރުހާ ފެނުމުން މިލާނަށް އަހާލެވުނެވެ. މިލާން ރަނގަޅަށް ހައްދާނުލެވިގެން އުޅެނިކޮށް، ރުހާ އައުމުން ރިދާއަށް ޗޮކެއް ކަނޑާލެވުނެވެ. ރިދާގެ މޫނަށް އަރާފޭބި ކުލަވަރު ފެނިފައި ލައިނީއަށް ހެވުނެވެ.

“އަސްލު، މިލާންގެ ވާން އުޅޭ ފަހަރިއަކީ މިއީ…. އެއީ ރުހާގެ ޓްވިން ރިދާ…..” ރުހާގެ އަތުގައި ހިފާލައިގެން ހުރެ މަޖާވެފައި ލައިނީ ޙަޤީގަތް ހާމަކޮށްލިއެވެ. މިލާނަށް ޙަޤީގަތް އެނގުމުން ރިދާއަށް ކަޅިއަޅާލިއެވެ. އޭނާއަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް، މަންމަމެންގެ ގާތަށް ދަނީއޭ ބުނެ ރިދާ ހިނގައިގެންފިއެވެ. ރުހާއަށް ތަޢާރަފްވުމަށްފަހު، މިލާން ރިދާގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް، މިލާނަށް ވާހަކަ ދައްކާނެ ފުރުޞަތެއް ނުދީ، ރިދާ، ހަލުވިކޮށް ހިނގާލާފައިގޮސް ލީނާގެ ގާތުގައި މަޑުކޮށްލިއެވެ. ބައްޕަމެން ތިބުމުން މިލާނަށްވެސް ރިދާއާއި ވާހަކަދައްކާކަށް ނުކެރުނެވެ.

**********

ރުހާމެން ދަތުރުކުރި ކާރުތައްގޮސް މަޑުކޮށްލީ އުސްކޮށް ވަށާފާރު ނަގާފައިވާ ގެއެއްގެ ކައިރިއަށެވެ. ކުކުޅުބިސްކުލައިގެ ވަށާފާރުގެ ތަންތަންކޮޅުގައި ކަނޑާނަގާފައިވާ ވިލުނޫކުލައިގެ ތަރިތަކެއް ހުރުމުން ބަލާލަން ނުހަނު ހިތްގައިމެވެ. އެންމެންގެ ފަހަތުގައި ހުރެގެން ގޯތިތެރެއަށް ވަންނަން ދިޔަ ރުހާ، ހުޅުވާލެވިފައިވާ ރަތްކުލައިގެ ދަވާދުލާފައިވާ ދަގަނޑު ގޭޓުގެ މެދާ ހަމާގައި، ބޯޑެއްގައި ބޮޑުކޮށް “މޫންލައިޓް” ލިޔެފައިވާ ނަންބޯޑުގައި އަތް ހިންގާލުމަށްފަހު އެ ބޮޑު ގޭގެ އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެބޮޑު ގޯތީގެ ދެބައިކޮށްފައި އެއްބަޔަށްވާ ގޮތަށްވަނީ، ދެބުރިއަށް އިމާރާތްކުރެވިފައިވާ ރީތި ގެއެކެވެ. ގޭޓާއި އެ ގެއާއި ދެމެދު ހިނގުމަށްޓަކައި ގަލުން ކުޑަ މަގެއް ހަދާލެވިފައިވެއެވެ. އެމަގުގެ އެއްފަރާތުގައިވަނީ ފެހިކަންގަދަ ބޯ ޤުދުރަތީ ރީތި ވިނގަނޑެކެވެ. ވިނަގަނޑުގެ މެދާހަމައަށްވާކަހަލަ ގޮތަކަށް މަތި ހިޔާކޮށްލާފައިވާ ހަޓެއްވެއެވެ. އެ ހަޓު ތެރޭގައި އިށީނދެވޭގޮތަށް ގޮނޑިތަކެއް އަތުރާލާފައިވާއިރު، ގޮނޑިތަކުގެ މެދުގައި ވަށްމޭޒެއްވެސް ބެހެއްޓިފައި ވެއެވެ. އެ ހަޓުގެ އެއްފަރާތުން ފާރުކައިރީ މީރުވަސްދުވާ ރީތި މާއަޅާ ގަސްތަކެއް ހައްދާލެވިފައިވެއެވެ. މަގުގެ އަނެއް ފަރާތުގައިވަނީ ބޮޑު އަނބުގަހެއް ހައްދާފައެވެ.  އެ ބޮޑުއަނބުގަހުގެ އޮފިތަކުން ގޭގެ ބޮޑުބަޔަކަށްވަނީ ހިޔާ އެޅިފައެވެ. ދުވަސްވަރަކީ، އަނބު މޫސުމުގެ ދުވަސްވަރުކަމުން ގަހުގައި ބައިވަރު އަނބު އަޅާފައި ވެއެވެ. އަނބުތައް ފެނުމުން ރުހާ ކުޅުދިޔާވިއެވެ. ރިދާގެ އަތުގައި ހިފާ އޭނާއަށް އަނބުތައް ދައްކާލީ ލޮލުގެ އިޝާރާތުންނެވެ. ރުހާއާއި ޚިލާފަށް ރިދާއަކީ ހުތްއަނބުކާން އެހާ ފޯރިހުންނަ ކުއްޖަކަށް ނުވުމުން އޭނާގެ ފަރާތުން މާ ބޮޑު ޝައުގުވެރިކަމެއް ނުފެނުނެވެ. އެހެންކަމުން އޭނާ ދެން ހޯދާލީ ލައިނީއެވެ. އޭރު، ރަޔާންގެ އަތުގައި ހިފައިގެންހުރެ، ލީނާމެންގެ ފަހަތުން އޭނާވެސް ދެއެވެ. ރިދާވެސް އެމީހުންގެ ފަހަތުން ދިޔައެވެ.

އަނބުގަހުގެ އަތްފޯރާފަށުގައި ހުރި އަނބުތައް ފެނުމުން ރުހާއަށް އިތުރަކަށް ކުރިއަކަށް ނުދެވުނެވެ. އޭރު އެހެންމީހުން ގޮސް ގޯތިތެރޭގައިވާ ބޮޑު ގަނޑުވަރެއްފަދަ ރީތިގެއަށް ވަދެއްޖެއެވެ. ގަހުން އަނބެއް ބިނދެލުމަށްފަހު، އެތާހުރި ފެން އިސްކުރަކުން  ދޮވެލުމަށްފަހު، ރުހ،ާ އެ އަނބު ހަފާލިއެވެ. ހުތްކަމުން އަނގަ އިތާކޮށްލަމުން ދެވަނަ ފަހަރަށްވެސް ހަފާލިއެވެ. އަދި އިތުރު އަނބެއް ބިނުމަށްޓަކައި އޮފިގަޑުގައި ހިފަހައްޓައިލައިގެން ހުއްޓާ، ކުއްލިއަކަށް، އައި ނައި ތަނެއް ނޭނގި، އޭނާގެ ގަޔަށް މެހިގެން ދިޔައީ ބޮޑު ދާގަނޑެކެވެ. ދެން އިވިގެން ދިޔައީ ބަރު އަޑަކުން މަންމާއޭ ކިޔާ ވަރަށް ބާރަށް ފިރިހެނަކު ގޮވަން ފެށި އަޑެވެ. ދާގަނޑުން ސަލާމަތްވާން މަސައްކަތްކުރަމުން ރުހާ އަޑުއައި ދިމާއަށް ބަލާލިއިރު، އެތަނުގައިހުރި ޒުވާނާ ފެނުމުން އޭނާގެ ޙަރަކާތްތަކަށް ހުއްޓުން އެރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ތި ސޫރަ ނޫން 12

Next

ހީވޭ ކަލާވާހެން-3

Next
August 23, 2021

ހީވޭ ކަލާވާހެން-3

Previews
August 22, 2021

ތި ސޫރަ ނޫން 12

3 Comments!

  1. Eemyaa says:
    August 22, 2021 at 10:54 pm

    Assalaam Alaikum esfiyage lobuvethi kiyuntherin…. V dhigu break akah fahu eem ge aa vaahaka eh kiyuntherinnaa hama ah mi genesdhiny… Ummeedhukuran mi vaahaka kiyutherinnah kamudhaane kamah… Mi vaahaka aa dheytherey kiyuntherin dhekey goi khissaa kohlumaky eem ge v bodu edhumeh,,,
    hurihaa kiyuntherinnah ves v baaja veri reakah edhen 🙂

  2. Mohamed Naafiz says:
    August 23, 2021 at 6:35 pm

    Soo happy to see you after 4 years. Hee kuran medhu kandaa nulaa genes dheyne kamah

    1. Eemyaa says:
      August 24, 2021 at 10:01 am

      Yeah dw.. Vaahaka nimendhen genesdheynan In Sha Allah ?

Comments are closed.

Next Episodeޔާރު ނުބުނޭ ތިހެން … (2)←


All Right Reserved!