ނޭނގި ވެވުނީ ލޯތްބޭ 2- 3
“ރަށް މަތިން މިސްވާ ވަރު ރިއަލައިޒް ވީ ރަށައް އާދެވުނީމަ!” ޔޫޝައުއާއި ދިމާލަށް ބަލައިލަމުން ރީމް ބުނެލިއެވެ. “ނަސީބެންނު އާދެވުނުކަން. އެހެންނޫނީ އެހާ ބައިވަރު ހަނދާންތަކެއް އަލެއް ނުވާނެ” ހިނގައިލައިފައި ގޮސް ޔޫޝައުގެ ދެއަތުގައި ހިފައި ބާރު ކޮށްލަމުން ރީމް ބުނެލިއެވެ. ބަދަލުގައި ޔޫޝައު ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“ވާއު މަންމީ! މި މަންމިއަށް ލިބިފަ ހުރި އެއްޗެއްތަ؟” އެވޯޑްތަކާއި ދިމާލަށް ގެއްލިފައި ހުރި ނީމް ހައިރާން ވެފައި އަހަައިލިއެވެ.
“ލައްބަ ދޫނީ، ތީ މަންމިގެ އެވޯޑްތައް” އެތަނުން އެވޯޑެއް ނަގައި ނީމްއަށް ދައްކައިލަމުން ރީމް ބުނެލިއެވެ.
ފެންވަރައި ނަމާދުކޮށް ހަދައިގެން ރީމްމެން މެންދުރު ކެއުމަށް ނުކުތީ ދޭއްޖަހަނިކޮށެވެ. އެންމެންވެސް ކާގެއަށް ވަދެ ހަމަޖެހިލުމަށްފަހު ކާންފެށިއެވެ. ސުފުރާ މަތި ވަނީ ދިވެހި ކެއުމުން ފުރިފައެވެ. ބަނބުކެޔޮ ބަތާއި ރިހާކުރުދިޔައެވެ. ގަރުދިޔައާއި ތެލުލި ފަތެވެ. ލުނބޮޔާއި މިރުހެވެ. މިއީ އަސްމާ ރީމް ގެއަށް އަންނާތީ ތައްޔާރު ކޮށްފައިވާ ކެއުމެވެ. ކެއުން ތައްޔާރު ކޮށްފައިވާލެއް ފުރިހަމަކަމުންވެސް ރީމްމެން އަައުމުގެ އިންތިޒާރުގައި އަސްމާއާއި މުސްތަފާ ތިބިކަން ހާމަވެގެން ދެއެވެ.
***
“އެޓްލީސްޓް ހީލާފަ ބުނެވިދާނެއެންނު… ހަމަ އަހަރެން ދެކެ އެހާ ފޫހިވާން ޖެހޭތަ؟ އެހެންމީހުންނާއި އެކު އުޅޭ ގޮތެއް ނޫން ތީކީ” ނާއިފް އަބަދުވެސްހެން ގެންގުޅޭ ބީރައްޓެހި ގޮތްގަނޑުގެ ސަބަބުން ޒިއުނީ ޝަކުވާ އެކުލެވިގެންވާ ރާގަކަށް ބުނެލިއެވެ. ޒިއުނީ ކުރި ސުވާލުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ބޮލުމަތީގައި އިން ކަޅު އައިނު އަޅައިލަމުން ނާއިފް ސައިކަލު ދުއްވާލިއެވެ. ވީފޫއްސަކާއި ދެރައެއްގެ ސަބަބުން ޒިއުނީ އޮފީހާއި ދިމާލަށް ދާން ހިނގައިގަތެވެ. ނަމަވެސް ޒިއުނީގެ ލަސް ފިޔަވަޅުތަކަށް ހުއްޓުން އެރީ ފަހަތުން އިވިގެންދިޔަ ބާރު އަޑުފައްގަނޑުގެ ސަބަބުންެނެވެ.
ފެނުނު މަންޒަރެއްގެ ސަބަބުން ޒިއުނީއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ފަޔަށް ލެވުން ހައި ބާރެއްލައިފައި އޭނާ ދުއްވައިގަތީ ބިންމައްޗަށް ވެއްޓިފައި އޮތް ނާއިފާއި ދިމާލަށެވެ. ނާއިފްގެ ފައިމައްޗަށް ވެއްޓިފައި އޮތް ސައިކަލު ފެނުނީ ދެނެވެ. ތަނަށް ނަޒަރު ހިންގާލިއިރު ނާއިފް ވެއްޓިފައި އޮތް ތަނާއި ދުރު ނޫން ހިސާބެއްގައި ގަހެއްގައި ޖެހިފައި އޮތް ކާރު ފެނުމުން ވެގެން ދިޔަ ގޮތް ޒިއުނީއަށް ފަހުމުވާން ފެށިއެވެ. މަދު ވަގުތުކޮޅެއް ތެރޭ ހިނގި ކަންތައް ގަބޫލުކުރަން ދަތި ވެފައި ހުރި ޒިއުނީއަށް ހަމަ ބިމަށް އާދެވުނީ ނާއިފްގެ ވޭނީ އާހްގެ އަޑުންނެވެ. ވަގުތުން އޭނާގެ ސަމާލުކަން ނާއިފަށް ދިނެވެ.
“ޒި-ޒިއުނީ… ސައިކަލު… ފައި” ފައިގެ ކަކުލާއި ހިސާބުގައި ހިފައްޓަމުން ނާއިފް ވޭނީ އަޑަކުން ބުނެލިއެވެ. ދެލޯމަރައި ތުންފަތް ފިއްތައިގެން އިނުމުން ނާއިފަށް ވާނެ ތަދު ޒިއުނީއަށް އަންދާޒާކޮށްލެވުނެވެ.
“އަމް..އަމް ސައިކަލު ނަގަން ވީތަ؟” ހަދާނެ ގޮތެއް ނޭނގިފައި އިން ޒިއުނީ އަހައިލިއެވެ. ނާއިފް ބޯޖަހައިލުމުން ޒިއުނީ އަވަސް އަވަހަށް ކޮޅަށް ތެދުވެ އުނދަގުލުން ނަމަވެސް ސައިކަލު ކޮޅަށް ބެހެއްޓިއެވެ. އެވަގުތު ނާއިފަށް ހަމަޖެހުމުގެ ނޭވާއެއްލެވުނީ އޭނަގެ ފައިމަތިން އެ ބަރު ސައިކަލު ނެގުމުންނެވެ. އިތުރު ލަސްތަކެއް ނުކޮށް ޒިއުނީ ފޯނު ނަގާ އެމްބިއުލެންސަށް ގުޅާލިއެވެ. މިހުރިހާ ކަމެއް ވީއިރު އެތަނަށް މީހުންތަށް އެއްވަމުންދާކަމެއް ޒިއުނީއަކަށް ފަހުމެއް ނުވިއެވެ. އެމްބިއުލެންސް އަންނަން ވާއިރަށް ޒިއުނީ ނާއިފް ގާތު އިށީންދެލިއެވެ. އަދި ކަރުނަވީ ދެލޮލުން ނާއިފާއި ދިމާލަށް ބަލައިލިއެވެ.
“ވަރަށް ބޮޑަށް އެބަ ތަދުވޭ” ލޮލުން ފައިބަން ތައްޔާރުވެފައިވާ ކަރުނަތަށް ހިންދާލަން މަސައްކަތް ކުރަމުން ނާއިފް ބުނެލިއެވެ.
“ހިތްވަރު ކޮށްލާ ނާއިފް. އިރާދަކުރެއްވިއްޔާ އެހާ ބޮޑު ކަމެއް ނުވާނެ. އެމްބިއުލެންސް ވެސް އަންނާނެ ވަރަށް އަވަހަށް” ނާއިފަށް ހިތްވަރު ލައިދެމުން ޒިއުނީ ދިޔައެވެ. އޭގެ އިރުކޮޅެއް ފަހުން ޕޮލިހުން އެތަނަށް އެއްވިއެވެ. ޒިއުނީ ގާތުގައި އެމްބިއުލެންސަށް ގުޅައިފިންތޯ އަދި ހަދިސާ ބެހޭގޮތުން ދެތިން ސުވާލުކޮޅެއް އަހައިލުމަށްފަހު ނާއިފް ގާތު ހިތްވަރު ކުރަން ބުނެލުމަށްފަހު ޕޮލިހުން އެމީހުންގެ މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.
މާލަސްތަކެއް ނުވެ އެމްބިއުލެންސް އައިސް ނާއިފް ގެންދިޔައެވެ. އެމްބިއުލެންސަށް އަރަން އުޅެނިކޮށް ޒިއުނީއަށް އެހެން އެމްބިއުލެންސެއް އައިތަން ފެނުނެވެ. އެއީ ކާރުގައި އޮތް މީހާ ގެންދަން އައި އެމްބިއުލެންސެއްކަން އެނގުމުން އެކަމާ މާބޮޑަށް ފަރުވާލެއް ނުބެހެއްޓިއެވެ. އަދި މި އެކްސިޑެންޓް ހިނގައި ދިޔަ ގޮތް އެނގެން ބޭނުންވިއެވެ. ނަމަވެސް ނާއިފް ހޮސްޕިޓަލަށް ގެންގޮސް ރަނގަޅުވަންދެން މިކަމާ ބެހޭ ގޮތުން ނޭހުމަށް ޒިއުނީ ހިތާހިތުން އަޒުމުކަނޑައެޅިއެވެ.
އެމަޖެންސީ ވޯޑުގެ ކުރިމަތީ ހުރި ގޮޑި ބަރިތަކުގެ ތެރެއިން ގޮޑިއެއްގައި އިށީންދެލައިގެން އިން ޒިއުނީގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ދެއަތް ދެއަތާ މޮޑެމުން ޒިއުނީ ދިޔައީ ނާއިފަށް އަވަސް ޝިފާއަކަށް އެދި ދުޢާ ކުރަމުންނެވެ. ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތަކަށް އޭގެ މަގާމު އަދާކުރަން ދޭން ޒިއުނީ ނުލާހިކު ބޭނުންވެއެވެ. ނަމަވެސް މީހުން ގިނަތަނެއްގައި ރޯން ބޭނުން ނުވާތީ ޒިއުނީ އިނީ ކެތްކޮށްލައިގެންނެވެ. އެހެން އިންދައި ރީމްމެން ގާތު މިވާހަކަ ނުބުނެވޭކަން ހަނދާންވުމުން ފޯނު ނަގައި ރީމްއަށް ގުޅައިލިއެވެ.
“ހަލޯ… ރީމް” އެކޮޅުން ފޯނު ނެގުމާއިއެކު ޒިއުނީ ބުނެލިއެވެ.
“އޭ ސޮރީ! ހަނދާނެއްވެސް ނެތޭ ގުޅާކަށް!” ރަށައް ލެފުނީމައި ގުޅާނަމޭ ބުނެވިފައި އޮތުމާއިއެކުވެސް ހަނދާން ނެތުނީތީ ރީމް އަވަހަށް މާފަށް އެދުނެވެ.
“ރީމް… ނާއިފް އެކްސިޑެންޓް” ކަރުނައިން ފުރި ބާރުވެފައިވާ ޒިއުނީގެ ލޮލުން ވަގުތުން ކަރުނަތަށް ޒިއުނީގެ ކޯތާފަތްމަތީ ފިރުކެން ފެށިއެވެ. ނާއިފްގެ ނަން ބުނުމާއި އެކު ޒިއުނީގެ ކެތްތެރިކަން ކޮޅުލި ފަދައެވެ.
“ނާއިފް އެކްސިޑެންޓް ވީއޭ؟” ޒިއުނީ ބުނި އެއްޗެއް ގަބޫލުނުކުރެވުމުން ރީމްއަށް މިހެން އަހައިލެވުނީ ކަންބޮޑުވެ އިނދެއެވެ. ނާއިފްއޭ ބުނުމުން ރީމް ގާތުގައި އިން ޔޫޝައުގެ ސަމާލުކަންވެސް އެ ފޯނުކޯލަށް ލިބުނެވެ. ސްޕީކަރަށް ލާށޭ ބުނެލަމުން ޔޫޝައު ރީއްޗަށް ސޯފާގައި އިށީނެވެ.
“ނާއިފް އެކްސިޑެންޓް ވީ… ކާރެއްގަ ޖެހިގެން. ސައިކަލު ފައި ދަށުވީ.” އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން ޒިއުނީ ބުނެލިއެވެ.
“ކޮބާ ނާއިފް؟ ރަނގަޅުތަ؟” ޔޫޝައުއަށް އަހައިލެވުނެވެ.
“ނޭނގެ އެއްގޮތަކަށްވެސް! ހޮސްޕިޓަލުގަ މިއިނީ. ނާއިފް ވަނީ އެތެރޭގަ… އަދިވެސް ޑޮކްޓަރު ނުނިކުމޭ! ވަރަށް ހިތްބިރު ގަނޭ އެބަ! އަނެއްކާ ނާއިފަށް ގޮތެއް ވެއްޖިއްޔާ؟” ޒިއުނީ އޭނާގެ ހިތުގެ ޝުޢޫރުތަށް ހިއްސާކުރަމުން ދިޔައެވެ.
“ޒިއު… ފަސްޓް އޮފް އޯލް، ކާމް ޑައުން” ނަސޭހަތް ދޭ ރާގަކަށް ރީމް ވާހަކަ ދައްކަން ފެށިއެވެ. “ތިހާ އޯވާތިންކް ނުކުރޭ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ! ހިތްވަރު ކުރޭ-”
“އޭ… ޑޮކްޓަރ ނުކުމެއްޖެ ފަހުން ގުޅާނަން!” ވޯޑުން ނިކުތް ޑޮކުޓަރު ފެނުމާއިއެކު ރީމް ދައްކަމުން ދިޔަ ވާހަކަތަކުގެ މެދުތެރެއިން ޒިއުނީ ބުނެލިއެވެ. އަވަސް އަވަހަށް ފޯނު ޖީބަށް ލަމުން ޒިއުނީ ކޮޅަށް ތެދުވެލިއެވެ.
“އަހްމަދު ނާއިފްގެ ފަރާތުން؟” ޔަގީންކޮށްލުމަށްޓަކައި ޑޮކުޓަރު އަހާލުމުން ޒިއުނީ އަވަސް އަވަހަށް ބޯޖަހައިލިއެވެ. “އޯކޭ. ކަމް ވިތް މީ” ޑޮކްޓަރު މިހެން ބުނުމުން ކިޔަމަންތެރި ކަމާއިއެކު ޒިއުނީ ޑޮކްޓަރުގެ ފަހަތުން ހިނގައިގަތެވެ.
“އިށީންދެލާ!” ޑޮކްޓަރުގެ ކެބިނަށް ވަދެ ކުރިމަތީ އިން ގޮނޑިއަށް އިޝާރާތް ކޮށްލަމުން ޑޮކްޓަރު ބުނެލިއެވެ.
“ވިޓްނެސްއެއް ދޯ؟ އެކްސިޑެންޓް ވީގޮތް ކިޔާލަދެވިދާނެތަ؟” މަޑުމައިތިރި ކަމާއިއެކު ޑޮކްޓަރު ޒިއުނީ ގާތު މިހެން އަހައިލުމުން އަލިފުން ޔާޔަށް ވީގޮތް ކިޔައިދިނެވެ.
“އެކްސްޕެލެއިންސް އެބައުޓް ދި އިންޖަރީ” ޒިއުނީގެ ވާހަކަ އަޑުއެހުމަށްފަހު ޑޮކްޓަރ ބުނެލިއެވެ.
“ކިހިނެއްވީތޯ؟ ވަރަށް ސިވިއަރތަ؟” ހާސްވެފައި އިނދެ ޒިއުނީ އަހައިލިއެވ.
“ނޫނޭ. އެހެން އެކްސިޑެންޓް ތަކާއި ހީލާފަށް ޕޭޝަންޓަށް ލިބިފަ ހުރި އިންޖަރީސްތަށް މަދު” ޑޮކްޓަރު މިހެން ބުނުމާއިއެކު ޒިއުނީ ހަމަޖެހުމުގެ ނޭވާއެއްލިއެވެ. “އެންކަލްގެ ލިގަމެންޓް ޕާޝިއަލީ ޓިއަރ ވެފަ އިނީ. އަނެއްހެން ބުނާނަމަ ގްރޭޑް 2ގެ ސްޕްރެއިންޑް އެންކަލްއެއް. ސައިކަލު ފައިމައްޗަށް ވެއްޓިފަ އޮތްގޮތުން މިހެން މިވީ. ނަސީބަކުން ސާރޖަރީއެއް ހަދާކަށް ނުޖެހުން. އެކްސްރޭ ތަކާ އެެއްޗިސް ނަގަން ވީމަ އެހާ ގިނަ އިރުވީ އަސްލު. ކްރަޗްގެ އެހީގަ ހިނގަން ވަރަށް ބޮޑަށް އެދެން. މާބޮޑަށް ފަޔަށް ވެއިޓް ލެވެންޏާ ރިކަވަރީ ލަސްވެދާނެ. ގާތްގަނޑަކަށް ތިން ހަތަރު ހަފްތާވަރު ނަގާނެ މުޅިން ރަނގަޅުވާން. ދެން އޮންނާނީ ނާއިފްވެސް ފައި ރަނގަޅު ކުރަން ކުރިހާ މަސައްކަތެއް. ދެން ގޭގަ ކޮންމެ ދެ ގަޑި އެހެންނޫނީ ހަތަރު ގަޑިއިރުުން އެތަނުގަ އައިސް ޕެކް ލާންވާނެ. އޭރަށް ދުޅަ ފަސޭހަ ވާނީ. މިއޮތީ ބޭސް ސިޓީ.”
“ނާއިފް ދޫކޮށްލާނީ ކޮންއިރަކުން؟” ބޭސް ސިޓީގައި ހިފަމުން ޒިއުނީ އަހައިލިއެވެ.
“އިރުކޮޅަކުން ދޫކޮށްލާނެ.” ގޮނޑިން ތެދުވެލަމުން ޑޮކްޓަރު ބުނެލިއެވެ.
މާލަސްތަކެއްނުވެ ނާއިފް ހޮސްޕިޓަލުން ދޫކޮށްލިއެވެ. ޒިއުނީ އުޅުނީ ޓެކްސީއެއް ލިބޭތޯއެވެ. “ކްރަޗް”ގެ އެހީގައި ހިނގައިފައި އައި ނާއިފް ޒިއުނީއާއި އެއްވަރުކޮށްލިއެވެ.
“އަަހަރެން އެކަނި ގެޔަށް ގޮސްފާނަން” ދުރުބަަލަން ހުރި ނާއިފް ބުނެލިއެވެ. ޒިއުނީ އަޑުނީވޭ ކަމަށް ހަދައި ޓެކްސީއަކާއި ދިމާލަށް އަތްދިއްކޮށްލިއެވެ.
“އަހަރެން އެކަނި ގެޔަށް ގޮސްފާނަމޭ!” ޒިއުނީ ޖަވާބެއް ނުދިނުމުން ނާއިފް ތަކުރާރު ކޮށްލިއެވެ.
“އަޅޭ އެ ޓެކްސީވެސް ފުރިފަ!” ބިންމަތީ ފައިން ޖަހާލަމުން ޒިއުނީ ބުނެލިއެވެ.
“އަހަރެން ކިޔާ އެބަ އަޑުއިވޭތަ ޒިއުނީއަށް؟!” ނާއިފް ނުރުހުންވެ ހުރެ އަހައިލިއެވެ.
“އޯކޭ! ނާއިފް އެކަނި ދޭގެޔަށް. އެކަނި ކައްކައިގެން ކައި ހަދާ! އެކަނި ފައިގަ އައިސް ޕެކްލާ! އެކަނި ގޭގެ އެހެން މަސައްކަތްތަށް ކުރޭ! އަހަންނަށް އޯކޭ ނާއިފް ކޮންމެ ގޮތެއް ހެދިޔަސް! އިންސާނިއްޔަތަށްޓަކައި ނާއިފަށް އަހަރެން އެހީ ވެދިނީ! އަހަރެންގެ މަސައްކަތް މިހާ ހިސާބުން ނިމުނީމި!” ނާއިފާއި ދިމާލަށް ބަލަން ހުރެ ޒިއުނީ ހުރިހާ އެއްޗެއް ކިޔައި ނިންމާލިއެވެ. ޒިއުނީ އެއްބަސްވާނެ ކަމަކަށް ނާއިފް އުއްމީދެއް ނުކުރެއެވެ. ނަމަވެސް ޒިއުނީ އެބުނީ ތެދެއްކަން ނާއިފަށްވެސް ގަބޫލުކުރެވުނެވެ. ގޭގައި އެކަނި އުޅޭއިރު ވަރުއަރުވާލައިފައި އޮތް ފަޔާއި އެކު އޭނާ އެކަނި ކަންތައް ކުރާނީ ކިހިނެއްހެއްޔެވެ؟ ކަޑަ ނުވިކަން ދައްކަންވެގެން ނާއިފް ދުރުބަލައިލިއެވެ.
ޓެކްސީއެއް ލިބުމުން ދެމީހުންވެސް އެޔަށް އަރައި ނައްޓައިލިއެވެ. ޑްރައިވަރު ގާތު ޒިއުނީ އޭނާގެ ގޭގެ އެޑްރެސް ބުނުމުން ނާއިފް ދެބުމަ ގޮއްޖެހި ގޮތަށް ޒިއުނީއާއި ދިމާލަށް ބަލަން އިނެވެ. ޒިއުނީ އިނީ އަޅާވެސް ނުލައެވެ. އިތުރު އެއްޗެކޭ ބުނެފިނަމަ ނާއިފް އޭގެ ދެގުނަ ބުނެލާނެއެވެ. ނާއިފްވެސް އިތުރު އެއްޗެކޭ ނުބުނެ އިނީ ބޮލަށާއި މުޅި ގަޔަށް ތަދުވާތީއެވެ. ފަހުން މިވާހަކަ ދައްކާނީއޭ ނާއިފް ހިތަށް އެރިއެވެ. އެއްޗެކޭ ބުނެވެއްޖިއްޔާ އެދެމެދު އަރާރުވުން ނޫން ކަމެއް ނުވާނެތާއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.



Hello Yanko ge lwbi lwvi Raayoo sisyyy! sorry ingey kuree prt ah cmnt nukurevuneema.. aslu vrh bxy koh ulhuneema eid ah ready vaan vgn.. heheheh.. maasha allah mi prt vx hama vvvvvvvv reethi ingey sisooo.. vrh lwbi ingey. Ziunee and Naaif vx lwbi vaanee kanneynge dhw.. hehe.. i think so! sisyyy dhn Yooshau and Reem ge story ah kihinehbaa vaanee?? e bayah mihaaru mi inthizaaru kurevenee.. and Neem ge character vx vrh lwbi ingey.. maasha allah.. such a cutie she is! So adorable! heheh.. myssssssssssssmmmm Raayoo sisooo… Lyssssssssssssmmm dear sisyyyyy… SS nd TVGC yankoge lwbi lwbiu Raayoo sisyyy.. waiting for the nxt prt…
Masha Allah ❤️❤️❤️
Awwwn! thanks Aikaa!! 🙂 <3