ނޭނގި ވެވުނީ ލޯތްބޭ 2- 4
ޓެކްސީއެއް ލިބުމުން ދެމީހުންވެސް އެޔަށް އަރައި ނައްޓައިލިއެވެ. ޑްރައިވަރު ގާތު ޒިއުނީ އޭނާގެ ގޭގެ އެޑްރެސް ބުނުމުން ނާއިފް ދެބުމަ ގޮއްޖެހި ގޮތަށް ޒިއުނީއާއި ދިމާލަށް ބަލަން އިނެވެ. ޒިއުނީ އިނީ އަޅާވެސް ނުލައެވެ. އިތުރު އެއްޗެކޭ ބުނެފިނަމަ ނާއިފް އޭގެ ދެގުނަ ބުނެލާނެއެވެ. ނާއިފްވެސް އިތުރު އެއްޗެކޭ ނުބުނެ އިނީ ބޮލަށާއި މުޅި ގަޔަށް ތަދުވާތީއެވެ. ފަހުން މިވާހަކަ ދައްކާނީއޭ ނާއިފް ހިތަށް އެރިއެވެ. އެއްޗެކޭ ބުނެވެއްޖިއްޔާ އެދެމެދު އަރާރުވުން ނޫން ކަމެއް ނުވާނެތާއެވެ.
***
ރޭގަނޑުގެ ވަގުތެވެ. ކައި ނިންމާލުމަށްފަހު އެންމެންވެސް ތިބީ ސިޓިންރޫމު ސޯފާގައި އަރާމުކޮށްލާށެވެ.
“ބޮޑައްތާ!” ޓީވީއަށް ގެއްލިފައި އިން އަސްމާއަށް ރީމް ގޮވައިލިއެވެ. އަސްމާ ހޫމް އަޅުވައިލިއެވެ. “މީ… މީ… ރީމްމެނާ އެއްކޮށް ހުޅުމާލެއަށް ބަދަލު ވާންވީއެންނު” ބުނަން ނުބުނަން އިނދެފައިވެސް ރީމް ބުނެލިއެވެ.
“އެތެދެއް!” ރީމްއާއި އެއްބައިވެލަމުން ޔޫޝައުއާއި ޝާނީއަށް އެއްފަހަރާ ބުނެލެވުނެވެ.
“މިހާރު ކިތައް ފަހަރަށް ބޮޑުބެއަށް ބުނެވިއްޖެ ނުދާން މިއުޅެނީ ގެފަޅުވެދާނެތީއޭ!” އަސްމާއަށް ކުރި ސުވާލަށް މުސްތަފާ ކުޑަކޮށް ހިތްހަމަނުޖެހި އިނދެ ޖަވާބުދިނެވެ.
“އެކަމު ބޮޑުބޭ! ދެން އެކަނި ތިހެން އަބަދަކު ނޫޅެވޭނެއެންނު. ބަލިވާދުވަހަކުން ބަލާނެ މީހުންވެސް ތިބެން ޖެހޭނެއެންނު.” ރިޔާޝާގެ ނަން ބުނަންނުޖެހި އެދެމީހުން އެއްބަސްވޭތޯ ރީމް ދިޔައީ މަސައްކަތް ކުރަމުންނެވެ. އަސްމާއާއި މުސްތަފާ އަޑުއަހަން އިނެވެ.
“އެތެދެއް ބޮޑުބޭ. ބޮޑައްތަމެން އައިއްސިއްޔާ ނުޖެހޭނެ ނީމް ބަލަން މީހަކު ގެންނާކަށްވެސް. އޭރަށް ނީމްވެސް ކިހާ އުފާވާނެ. އޭރުން އަހަރުމެން ދެމީހުންނަށް ފުރިހަމައަށް އިތުބާރު ކުރެވޭ ބަޔަކަށް ނީމް ހަވާލުކޮށްފަ އޮފީހަށް ދިޔައީމަ ކިހާ ފަސޭހަވެސް ވާނެ.” ޔޫޝައު ވިސްނައިދެމުން ގެންދިޔައެވެ.
“ޕްލީސް މަންމާ! ޕްލީސް ބައްޕާ! އޭރަށް އަބަދަކު އެއްކޮޅުން އަނެއްކޮޅުން ދަތުރު ކުރާކަށް ނުޖެހޭނެއެންނު! ދެން އަޅެ ޕްލީސް!” ނީމް ގޮވައިގެން އިން ޝާނީ ދިޔައީ ކުޑަކުއްޖެއްހެން އާދޭސް ކުރަމުންނެވެ.
“ބޮޑައްތަ ނީމް އާ އެއްކޮށް ހުލުމާލެއަށް އަންނަނީތަ؟” އެންމެން ދެއްކި ވާހަކަ ފަހުމުވެގެން ޝާނީ އުނގުން ފުއްމައިލައިގެން އަސްމާ ގާތަށް ދުވެފައި ދިޔަ ނީމް އުފަލުން އަހައިލިއެވެ.
“އަދި ނޭނގެ ދޫންޏާ!” ނީމް އުނގަށް ލަމުން އަސްމާ ބުނެލިއެވެ. ދެރަވިކަން ދައްކައިލަން ނީމް ތުންފަތްއޫކޮށްލުމާއިއެކު އެންމެން ހިނިގަނޑެއް ޖަހައިލިއެވެ. އަސްމާއާއި މުސްތަފާއަށް ވިސްނަން ވަގުތުކޮޅެއް ދީފައި އަނެއްކާވެސް މާދަމާ އަހާނެކަމަށް ހިތައި ރީމް ނީމް ގޮވައިގެން ކޮޓަރިއަށް ވަނީ އޭނާ ނިންދަވާށެވެ.
ނީމް ދަތްއުނގުޅުވައި ކުޑަކޮށް ގައިދޮއްވައިލައި ހަދައިގެން ރީމް ފާހަނައިން ނުކުތެވެ. ނީމް ނިދާއެއްޗިސް ލެއްވުމަށްފަހު ބޮލު ފުނާއަޅުވައިލައިފައި ގައިގައި ކޮލޯން ކޮޅެއް ލިއެވެ.
“އަވަހަށް ޝާހާދަތް ކިޔާލާ!” ނިދާބޮކި ދިއްލައިފައި އައިސް ނީމް ގާތު އޮށޯވެލަމުން ރީމް ނުހަނު ލޯބިން ބުނެލިއެވެ. ނީމް ފަރިތަ ކަމާއިއެކު ޝަހާދަތް ކިޔައިލިއެވެ.
“ކުޑާ!” ރީމް ކޮޓަރީ ދޮރު ހުޅުވައިލައިފައި ވަން ޝާނީ ރީމްއަށް ގޮވައިލިއެވެ. ރީމް ހޫމްއޭ ބުނެލިއެވެ.
“ނީމް ގެންދަންތަ ޝާނީ ކޮޓަރިއަށް ޕްލީސް!” އެނދާއި ދިމާލަށް އަންނަމުން ޝާނީ ރީމް ގާތު އަހައިލިއެވެ.
“މަންމީ! ކޮއްކި ބޭނުން ދާން!” ގަޔަށް ކައްޓެއް ހެރުންހެން އެނދުން ފުއްމައިގަންނަމުން ނީމް ބުނެލިއެވެ. “އެކަމު މަންމި ޖެހޭނެ ކޮއްކި ނިންދަވަން” ރީމް އުނގުތެރެއަށް ވަންނަމުން ނީމް ބުނެލިއެވެ.
“އޯކޭ! އޭރަށް މަންމި ކޮއްކި ނިންދަވާފަ ކޫއްތަ ރޫމްގަ ބާއްވާފަ އަންނަނީ. އޯކޭ ދޯ؟” ނީމްއަށް ދޯދެމުން ރީމް އަހައިލިއެވެ. ނީމް އަވަސް އަވަހަށް ބޯޖަހައިލަމުން ރީމްގެ އަތު ހިފައިގެން ސިޓިންރޫމަށް ނުކުތެވެ. އަދި ސޯފާގައި އިން ޔޫޝައު ގާތު މިރޭ ނިދާނީ ކޫއްތަ ކޮޓަރީގައޭ ބުނެ ޝާނީ ކޮޓަރިއާއި ދިމާލަށް ދުއްވައިގަތެވެ. ރީމް ނީމް ނިންދަވަންދެން ޝާނީ ބޭރުގައި މަޑުކޮށްލިއެވެ. ނީމް ނިންދަވައިފައި ނުކުންނަން ހިތުލައިގެން އޮތް ރީމްއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.
***
ރީމްއަށް ހޭލެވުނު އިރު ހުރެވުނީ އަނދިރިތަނެއްގައެވެ. ދަންވަރުގެ އަނދިރިކަމަށް ވުރެ ވެސް އަނދިރި ތަނެއްގައެވެ. މީހެއްގެ ލޮލަށް އިނގިލި ކޮށްޕަލެވޭ އިރުވެސް ނޭނގޭ ވަރުގެ ތަނެއްގައެވެ. ރީމް ވަށައިގެން ބަލައިލިއެވެ. ތެޅި ތެޅި އޮތް ހިތަކާއި އެކުއެވެ. އޭނައަށް މިހުރެވެނީ ކޮންތަނެއްގައިކަން ސުވާލުކުރާ ހާލުގައެވެ.
“ތީ މަކަރުވެރިއެއް!” ދަންނަ އަޑެއް ބުނެލިހެން ހީވެގެން ރީމް ފަހަތަށް ބަލައިލިއިރު ހުރީ ޔޫޝައުއެވެ. އަބަދުވެސްހެން އެމޫނު މަތީގައިވާ ތާޒާކަން ވަނީ ނެތިގޮސްފައެވެ. އަބަދުވެސް ރީއްޗަށް ފުުނާއަޅައިލެއިފައިވާ ކުރު ނޫނަސް ދިގު، ކަޅުކަންގަދަ އެ އިސްތަށިގަނޑުވަނީ ހާވާލެވިފައެވެ. މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ޔޫޝައު އެ ބުނެލި އެއްޗަކުން ރީމް ހުރީ ހައިރާންވެފައެވެ. ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދިގެން ދިޔައިރު ރީމްގެ ހިތްވެސް ދަނީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.
“ތީ ދޮގުވެރިއެއް!” ޒިއުނީ ބުނެލިއެވެ. ރީމްގެ ދެބުމަ ގޮށްޖެހުނެވެ. މިއެންމެން މިދައްކަނީ ކޮންވާހަކައެއް ބާއެވެ. ވެގެން އުޅޭގޮތް އޮޅުން ފިލުވަން އޭނާ ޒިއުނީއާއި ދިމާލަށް ދާން ފިޔަވަޅެއް ނެގިއެވެ. ނަމަވެސް ގުޑެވެސް ނުލެވުނެވެ. މިއީ ކިހިނެއްވާ ކަމެއްބާއެވެ. ރީމް ކިތަންމެ ވަރަކަށް އޭނާގެ ފައި ހަރަކާތް ކުރަން ބޭނުންވިޔަސް ހަމަހިލާ އެކަމެއް ނުވިއެވެ. ގަތްބިރެއްގެ ބޮޑުކަމުން ރީމްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގެތެވެ. ޒިއުނީގެ އެ ބިރުވެރި ބެލުމުން ހަމަ ރަނގަޅަށްވެސް ރީމް ބިރުގަންނަވައިލައިފިއެވެ.
“ތީ ވަރަށް ނުލަފާ މީހެއް!” ހުދާގެ އަޑު ރީމްގެ ކަނާތު ފަޅިން އިވުމުން ރީމް އެފަޅިއަށް އެނބުރެލިއެވެ. ހުދާގެ އެ ރުޅިގަދަ ބެލުމުން ރީމް އިންތިހާއަށް ބިރުގަތެވެ. އެލޮލުން ފޭބި ކަރުނަތަށް ދެގުނަވިއެވެ. މުޅި މާހައުލުގައި ވަނީ ހަމައެކަނި ރީމްގެ ގިސްލުމުގެ އަޑެވެ. ކުއްލިއަަކަށް ތިންމީހުންގެ އަޑުއެއްފަހަރާ ވަރަށް ބާރަށް ރީމްގެ ކަންފަތް ދަށުގައި ގުގުމަންފެއްޓިއެވެ. އެވަގުތު ތިންމީހުންވެސް ތިބީ ރީމްއާއި ދިމާލަށް އެއްމިޔަކަނުން ހީލައިގެން ބަލާށެވެ. އިވެންފެށި އަޑުތަކުން ރީމްގެ ބޮލުގައި ރިހުން އުފެދުނެވެ.
“ހުއްޓާލާ!” ބޮލަށް ނުކުޅަދާނަ ވާވަރު ވެގެން ރީމް ހަޅޭއްލަވައިގަތީ އޭނާގެ ދެކަންފަތް މަތީ އަތްއަޅަމުންނެވެ. އެބަސްތަކުގެ އިތުރަށް އެތިންމީހުންގެ ހޭއަޑުވެސް އިވެންފެށުމުން މާހައުލު އިތުރަށް ބިރުވެރިވިފަދައެވެ.
“ޕްލީސް ޕްލީސް ހުއްޓާލާ! ހެޔޮނުވާނެ!” ގިސްލަގިސްލައިފައި ރީމް މިހެން ބުނެލިއިރު އޭނާއަށް ތިރިވެވެނީއެވެ.
“މަންމީ!” ނީމްގެ އަޑު އިވުމާއިއެކު ރީމްއަށް އިސްއުފުލާލާ ބަލައިލެވުނެވެ. އަދި ނީމް ގައިގައި ބައްދައިގަނެވުނެވެ. ނަމަވެސް ނީމް ރީމްއާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. “ތީ އައްޗި މަންމިއެއް!” ރީމްގެ ހިތުގައި ޖެހުނެވެ. ހީވީ އޭނާގެ ހިތަށް މީހަކު ހަންޖަރެއް ހަރައިލިހެންނެވެ. ސުވާލުގެ ނަޒަރަކުން ރީމް ނީމްއާއި ދިމާލަށް ބަލަން ހުއްޓެވެ. އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ އޭނާއަށް މިތިންމީހުން “ނުލަފާ”، “ދޮގުވެރި” މަކަރުވެރި” ކަމުގެ ޓެގު އަޅުވަނީ ކީއްވެގެންބާއެވެ؟ ރީމްގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އުފެދުނެވެ.
“އާދެ ދާން ނީމް! މަންމި ކަހަލަ މީހަކާއެކު ނުވާނެ މިތާ ހުންނަންވެސް!” ނީމް އުރައިލަމުން ޔޫޝައު ބުނެލިއެވެ. ވަގުތުން ރީމް ޔޫޝައު އަތުން ނީމް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ޔޫޝައު އެހެން ވިޔަކަ ނުދިނެވެ. ނީމް ގޮވައިގެން ޔޫޝައު ހިނގައިގަތެވެ. ރީމް ޔޫޝައު ފަހަތުން ދުއްވައިގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނާއަކަށް އަދިވެސް އޭނާގެ ފައި ހަރަކާތެއް ނުކުރެވެއެވެ. އަތުން މުހިންމު އެއްޗެއް ބީވެގެން ދާ ކަހަލަ އިހްސާސެއް ރީމްއަށް ކުރެވެންފެށިއެވެ. ހަތަރު އުދަރެސް ފެނު ޖެހުނު ކަހަލަ އިހްސާސެއްވެސް ވާން ފެށިއެވެ. ކަރުނަވީ ދެލޮލުން ޔޫޝައުއާއު ނީމް އަނދިރިގަނޑު ތެރެއަށް ގެއްލިގެން ދިޔަ ތަން ބަލަން ހުރުން ނޫންކަމެއް ރީމްއަކަށް ނުވިއެވެ. އޭނާގެ ދިރިއުޅެމުގެ އެންމެ މުހިންމުދެމީހުން މިއަދު އޭނާއަށް ގެއްލިއްޖެއެވެ.
“ރީމް؟ ރީމް؟ ރީމް!؟” ނިދިފައި އޮތް ރީމްއަށް ގޮވަމުން ދިޔަ ޔޫޝައުގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ނިދީތެރޭ އޮވެގެން ރީމް ރޮއެ ހަދާތީ އެކަމާ ޔޫޝައު ކަންބޮޑުވިއެވެ. ކުއްލި ސިހުމެއް ލިބުންހެން ރީމްއަށް ހޭލެވުނެވެ. އޭނާގެ ދެލޯ ތަންމިނަށް ހުޅުވެފައިވާއިރު ނިތްކުރިމަތިން ދައު ތިކިތަށް ދިޔައީ ބަބުޅަމުންނެވެ. އަދިވެސް އެދެލޮލުން ކަރުނަ ފައިބައި ފައިބައި ހުރި އިރު އޭނާއަށް ފުން އަދި އަވަސް ނޭވާތަކެއް ލެވެމުން ދިޔައެވެ.
“ރީމް؟ ޔޫ އޯކޭ؟” ކަންބޮޑުވެފައި ހުރި ޔޫޝައު ރީމްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އެހިއެވެ. މިއޮވެވުނީ ހުވަފެނެއްގައިކަން ދެނެގަނެވުމާއިއެކު ހިތާއިވީ ފަޅީގައި އަތް އަޅައިލަމުން ރީމް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. އަދި ކުރިމަތީ އިށީންދެގެން އިން ޔޫޝައު ގައިގައި ބާރުބާރަށް ބައްދައިގަތެވެ.
“ޔޫޝައު…” ރީމްގެ އަނގަ ފޫއަޅުވައިލައިފައި ނުކުތީ އެންމެ ނަމެކެވެ. ރީމް ހުރީ ކިހާ ބިރުންކަން އޭނާގެ އަޑުން އެކަނިވެސް ފާހަގަވެގެންދާނެއެވެ.
“އަހަރެން މިހިރީ އޭ! ކާމް ޑައުން… ކާމް ޑައުން!” ގިސްލަމުން ދިޔަ ރީމްގެ ބުރަކަށީގައި ފިރުމަމުން ޔޫޝައު ބުނެލިއެވެ. “ބިރުވެރި ހުވަފެނެއް ފެނުނީތަ؟” ރީމް ގަޔާއި ދުރުކޮށްލަމުން ޔޫޝައު އަހައިލިއެވެ. ބަދަލުގައި ރީމް ހަމައެކަނި ބޯޖަހައިލިއެވެ. އެފެނުނު ހުވަފެން ހިޔާލުންވެސް ބޭރުކޮށްލަން ބޭނުންވާތީއެވެ. ގާތުގައި ނިދިފައި އޮތް ނީމްގެ ނިތްކުރިއަށް ދޮނެއް ދިނުމަށްފަހު ރީމް ދާން ނުކުތީ ޔޫޝައުގެ އެދުމުގެ މައްޗަށެވެ.
އިސްޖަހައިގެން ހުރެ ރީމް އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައީ ރޮވެފައިވާ އޭނާގެ މޫނުފޮރުވަމުންެނެވެ. އެއްވެސް އެއްޗެކޭ ނުބުނެ ރީމް ނިދާ ހެދުން ހިފައިގެން ވަނީ ފާހަނައަށެވެ. ހެދުން ބަދަލުކޮށްގެން އައިސްވެސް ރީމް ޔޫޝައުއަކާއި އެއްވެސް ވާހަަކައެއް ނުދައްކައެވެ. އޭނާ ބޭނުންވީ އެފެނުނު ހުވަފެނެެއް މަތިން ހަނދާން ނައްތައިލާށެވެ. ޔޫޝައު ފެންނައިރަށް އެހުވަފެން މަތިން ހަނދާންވެ އިތުރަށް ބިރުގަންނާތީއެވެ. އެހެންކަމުން ރީމްއަށް ނިދަން މަޖުބޫރުވީ ޔޫޝައުއަށް ފުރަގަސްދީގެންނެވެ. ރީމްގެ އެއަމަލުތަކުން ޔޫޝައުގެ ހިތަށް ކުޑަކޮށް ނަމަވެސް ތަދުވިއެވެ. އޭނާ ބޭނުންވީ ރީމް މަސަލަސްކުރާށެވެ. އެފެނުނު ހުވަފެނެއް މަތިން ހަނދާން ނައްތުވާލާށެވެ. ނަމަވެސް ރީމްއަށް ބޭނުންވާ ގޮތެއް ހަދަން ޔޫޝައު ދޫކޮށްލިއެވެ. އަދި ރީމްއާއި ފުރަގަސްދެމުން ޔޫޝައުވެސް ނިދަން އޮށޯތތެވެ.
(ނުނިމޭ)
3 Comments!
Comments are closed.



Salaam guys! Hope you like this part too!
Do comment your views!
And thank you guys soo soo soo much for the number of views and likes I’ve been getting for this story! You guys are my main motivation, and comments from you make me sooo happy! thank you once again!
Love ya’ll!
Stay Safe! 🙂 <3
Hellw rayu sisoo!
Long time no see dhw ? kihinehthr sis? Hope u are doin fine! Kurin bai thakuga cmnt nukurevunyma swwry ? Btw mibai vexx vrh vrh vrh rythi maasha allah! ❤ i miss S1.. ? hehe! Adhi eh faharu kiyaalan wee kanneyge dhw ?? Waiting for de nxt prt ? ✌ Take care ✌ Larv ya ❤
Cya
helloooo my lovely Raayoo sisooooo… masha allah mi prt vx hama vvvvvv reethi ingey as always… alheyyy reem ah e fenunu dream is abt to come true dhw??? alheyyy i’m sooo sad… keep fighting Reem!
BTW sis ah ingeytha miadhu recipe eh balaigen nayaa aliolio hedhee.. mifaharu hedhee cousin sis egge help aa ekkoh.. badhigeyga alifaan roe nukoh salaamaiy vejje mifaharu alhamdhu lillah… hahahahahaha lol… vrh meeru eythi.. ekm sis hadhaa aliolio kaan beynun vanee.. heheh.. vrh meeru vaanehen heevey..
LYSSSSSSSSSSSSSSSSSSMMMM
SH nd ST
TVGC
waitng for the nxt prt……..