އެއް ރެއެއްގެ ދަންވަރެވެ. މިޝްޔާ ކޮޓަރިން ނުކުމެގެން ދިޔައީ އެމީހުންގެ ގެއާއި ދިމާއަށެވެ. އޭރު ފުދޭވަރަކަށް ރީތިކޮށް އެގެ ހަދާފައި ހުއްޓެވެ. މިޝްޔާ ގޭތެރެއަށް ވަދެފައި ލުޔާ އާއި ޔަޒާންގެ ކޮޓަރިއަށް ވަނެވެ. އެކޮޓަރި ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މިޝްޔާ މަޑުމަޑުން ގޮސް އެނދުމަތީގައި އިށީނެވެ. އެކޮޓަރިއަށް ވަދުމާއެކު އަނެއްކާވެސް މިޝްޔާ ފެންކަޅިވިއެވެ. ހީވަނީ ލުޔާ އެކޮޓަރި ތެރޭގައި އުޅޭހެންނެވެ. ކުއްލިއަކަށް މިޝްޔާ ލޮލުގައި އަޅައިގަތީ ކުއްލިއަކަށް ތިރިއަށް ވެއްޓުނު ގަނޑެކެވެ. މިޝްޔާ ގޮސް އެ ބަލާލިއިރު މިޝްޔާގެ އުފަންދުވަހުގެ ސެޓްފިކެޓެވެ.

 

**21 ވަނަ ޕާޓު**

 

އޭތި ކިޔަން ނުހަދައި އެ ހިފައިގެން މިޝްޔާ ކޮޓަރިން ނިކުތީ އެއަށް ޝައުގުވެރިކަން ނެތުމުންނެވެ. ހުރިހާ ދޮރެއް ރަނގަޅަށް ތަޅުލާފައި މިޝްޔާ އިޔާންމެންގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ވަޔާއި އެކު ގަސްތައް ހެލޭ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ. ގެއަށް ވަތް އިރު ހަމަ އެކަކު ފެންނާކަށް ނެތެވެ. އޭރު ރާކިން ކާގެއިން ނިކުންނަނީއެވެ. ” މިޝް ކޮންތާކުން ތިއައީ… މިހާރު ހޯދާ ހޯދާ ބަލިވެއްޖެ..ތި ކޮން ގަނޑެއް…” ރާކިން މިޝްޔާ އަތުގައި އޮތް ގަނޑު ނެގިއެވެ.” އުފަންދުވަހުގެ ސެޓްފިކެޓް… މި އައީ ދެންމެ މަންމަ ކޮޓަރިއަށް ވަދެލާފަ… ތި ވެއްޓުނު ތަން ފެނުނީމަ ހިފައިގެން އައީ ކިޔުމުގެ ބޭނުމެއް ނެތްނުން.. ” މިޝްޔާ އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. ރާކިން ވެސް އެ ގަނޑު ހިފައިގެން ކޮޓަރިއަށް ވަނެވެ. މޭޒު މަތީގައި ބައިންދަން އުޅެނިކޮށް ލޮލުގައި އަޅައިގަތީ ‘ މަތީން ‘ އެވެ. މީގައި މަތީން އޮންނަން ވީ ކީއްވެބާއެވެ. މީގައި އޮންނަން ޖެހޭނީ ޔަޒާން ނަން ނޫން ހެއްޔެވެ؟

 

ދެން ރާކިން ބަލާލީ ކުއްޖާގެ މަންމަގެ ނަމަށެވެ. ޖަހާފައި އިނީ ‘ ރަމްހާ ‘ އެވެ. ރާކިން ޔަގީން ކޮށްލަން ދެވަނަ ފަހަރަށް ބަލާލިއެވެ. ނަމަވެސް ތަފާތެއް ނެތެވެ. އެހެން ކުއްޖެއްގެ ސެޓްފިކެޓެއް ކަމަށް ހީކޮށް ރާކިން ކުއްޖާގެ މައުލޫމާތު ބަލާލިއެވެ. އިނީ

‘ އައިޝަތު މިޝްޔާ މަތީން ‘ އެވެ. ރާކިންގެ ސިކުނޑި އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ދިޔައެވެ. ލަސްނުކޮށް ޔަޒާންމެން ނިދާ ކޮޓަރިއަށް ދިޔައީ ސުވާލުމާކެއްގައި ހުރެގެންނެވެ.” ޔަޒާންބޭ… އޭއި ހޭލަބަލަ… ” ރާކިން ޔަޒާން އަށް ގޮވަންފެށިއެވެ. ޔަޒާން ދެލޯ ހުޅުވާލިއެވެ.” ކިހިނެއްވީ ރާކިން… ” ޔަޒާން ކޮޅަށް ތެދުވިއެވެ. ރާކިން ފާޑަކަށް ސެޓްފިކެޓާއި ދިމަ ބަލާލިއެވެ. ޔަޒާން ދެލޯ ބޮޑުކޮށްލާފައި ސެޓްފިކެޓް ޖަހައިގަތެވެ.” ކިން ކޮންތާކުން މި ހޯދީ.. ” ޔަޒާން ހިތް އޮތީ އަވަސް ވެފައެވެ.

 

” މިޝް އަތުން… ” ރާކިން ޖަވާބުދިނެވެ. ޔަޒާން އިތުރަށް ދެލޯ ބޮޑުވިއެވެ.” ތީގަ ވާގޮތް މަށަށް އޮޅުން ފިލުވައި ދީބަލަ… ކޮން މަތީން އަކާ ރަމްހާ އެއްތަ އެއީ.. ” ރާކިން އަހާލިއެވެ.” ހިނގާ ބޭރަށް.. ” ޔަޒާން އުދާސް ވާންފެށުމުން ކޮޓަރިން ބޭރަށް ނިކުތެވެ.” ކިހިނެއްހޭ ވީ…. މަށަށް އެކައްޗެއް ވެސް ނުވިސްނުނު… ” ރާކިން ސޯފާގައި އިށީނެވެ.” މީ ނުބައި ކުއްޖެއްގެ އެއްޗެއް ކަމަށް ވާނީ… ” ޔަޒާން ބެލީ އޮޅުވައި ލެވޭތޯއެވެ.” ނޫން މަށަށް އިނގޭ މީ މިޝްޔާގެ ސެޓްފިކެޓް ކަން… އަނެއްކާ އެޑޮޕްޓް… ” ރާކިން ސިކުނޑިއަށް އައި އެތިން ދެލޯ ބޮޑުވިއެވެ. ޔަޒާން އަށް ހިންދިރުވާލެވުނެވެ.” މިޝް… ނުވާނެ އެހެނެއް… މިޝް އެއީ މަގޭ ކޮއްކޮއެއް…. ” ރާކިންއަށް ގަބޫލް ކުރަން ދަތި ވިއެވެ. ޔަޒާން އަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ.

” ކިން…. މީ މި އާއިލާގެ އެންމެ ބޮޑު ސިއްރު… މިޝްޔާ އެއީ އެޑޮޕްޓެޑް ކުއްޖެއް… ” އިތުރު ގޮތެއް ނެތުމުން ޔަޒާން ބުންޏެވެ.

 

” އަހަރެންގެ އަންހެނުން… ކިންމެންގެ ތިއްތަގެ ކުރީގެ ފިރިމީހާ ވަރަށް އަނިޔާކުރި ތިއްތަ އަށް… އެދެމީހުންގެ ދަރިފުޅު ވެސް ބަނޑުގަ އޮއްވަ މަރުވީ އޭނައާ ހެދި… ޑޮކްޓަރ ބުނި އެ ދަރި ލިބުމަށްފަހު އިތުރު ދަރިއެއް ނުލިބޭނެއޭ ލޫ އަކަށް… ދެން އަހަރެމެންނަށް ލިބުނީ އިންޝާ ވަރު ކުއްޖެއް… އަސްލު ތިއްތަގެ ދަރި އޮތް ނަމަ އިނާ އަށްވުރެ ބޮޑު ވާނެ… ތިއްތަ ވަރަށް ހިތާމަކުރި އެހެން މީހުންނަށް ދަރިން ލިބިފަ ތިއްތައަށް ނުލިބުނީމަ… އެކަމަކު ވެސް މިޝްޔާ ދެކެ ވަރަށް ލޯބިވޭ އަމިއްލަ ދަރިއެއް ފަދައިން… ” ޔަޒާން ކިޔައިދިނެވެ. ރާކިން އިނީ ބަސްހުއްޓިފައެވެ.” އެ ކާކު… މިހާރު އޭނަ ކޮބާ… ” ރާކިން ހުރީ ހައިރާންވެފައެވެ.” ޖަލުގަ… އިތުރު މީހަކަށް މި ވާހަކަ ނާންގާތި ޕްލީޒް… މާދަމާ މަޔާން އާ ރާއިލް ކައިރީގަ ބުނާނީ ކިން އަށް އިނގިއްޖެއޭ.. ” ޔަޒާން ފުން ނޭވާއެއް ލިއެވެ. ރާކިން އިނީ ހަމަ ރަނގަޅަށް ވެސް އަޖައިބުވެފައެވެ.” އެހެންވެ ތިއްތަ ލޯބިވަނީ ކުރީގެ ފިރިމީހާ ދެކެ ދޯ އަދިވެސް.. ” ރާކިން އޮޅުން ފިލުވަން ބޭނުންވިއެވެ.” ނޫން… ތިއްތަ ނަފްރަތު ކުރޭ މިހާރު އޭނަ ދެކެ… ކިން އަށް ނޭނގޭނެ އޭނަ ތިއްތައަށް ކުރި ވަރެއް… އެދުވަހު ކިން ވެސް ހުރީ އަހަރެމެން ކަރިއީގަ…ހަނދާނެއް ނުހުންނާނެ އޭރު… ދެން ދޭ ނިދަން.. ” ޔަޒާން އިތުރަށް ކިޔައިދޭން ހިތްވަރު ނެތުމުން ބުންޏެވެ.” އޯކޭ.. މިޝްއެއް ނުބަލާ ތިއެއް ނަސީބަކުން… ” ރާކިން ގޮސް ކޮޓަރިއަށް ވަނެވެ. ޔަޒާން ވެސް އެތާ ނީނދެ ކޮޓަރިއަށް ވަނެވެ.

 

ކޮޓަރިއަށް ވަތް ގޮތަށް ރާކިންއަށް ނިދޭ ކަމަކަށް ނުވިއެވެ. ވިސްނެން ފެށީ މިޝްޔާ އާއި މެދުއެވެ. އެ ކުށެއް ނެތް ކުއްޖާއަށް އެކަން އިނގިއްޖެއްޔާ ވާނީ ކިހިނެއްބާއެވެ؟ އެއީ ހަމަ އަސްލު ބާއޭ ކިތަންމެ ފަހަރަކު ރާކިންގެ ހިތަށް އެރިއެވެ. ހަމަ އެކަކަށް މިކަން ނޭނގެނީ ބާއެވެ؟ ރާކިން ބޯ ހާސްވެގެން މަގުމައްޗަށް ނިކުތެވެ. އޭރު މަގުމަތީގައި މީހަކު ފެންނާކަށް ވެސް ނެތެވެ. ނަމަވެސް އަނެއް ގޯޅީގައި ބަޔަކު ވާހަކަ ދައްކާއަޑު އިވުނެވެ. އިޔާން މެންގެ ހުންނަނީ މަގުގެ ކަންމަތީގައެވެ. ރާކިން ބޯ ދިއްކޮށްލިއެވެ. ކުއްލިއަކަށް ދެލޯ ބޮޑުވީ އަޝްލީން އާއި ނުދަންނަ ފިރިހެން ކުއްޖެއް ފެނުމުންނެވެ. އެކުއްޖާ އަޝްލީންގެ މޫނުގައި ހިފައިގެން ހުރި އިރު ދެ މޫނު ދިޔައީ ކައިރިވަމުންނެވެ. ކުރަން އުޅޭ ކަންތައް އިނގުމާއެކު ރާކިން ދުރަށް ނަޒަރު ހުއްޓާލިއެވެ. ހިތް ހީވަނީ ހުއްޓިދާނެހެންނެވެ.

 

” އަޝްލީން އައި ލަވް ޔޫ… މާދަމާ ވެސް ހަމަ މިތަނުން… ” އެ ފިރިހެން ކުއްޖާ އަޝްލީންގެ މޫނުން އަތް ދޫކޮށްލިއެވެ.” ނޫން… ރާކިން އުޅެނީ މިހުރި ގޭގަ… ބަސްޓް ވެއްޖެއްޔާ މާ ރަނގަޅެއް ނުވާނެ… ” އަޝްލީން ދެކޮޅު ހެދި އެވެ.” މި ހުރިހާ ދުވަހު އުޅުން އިރު ވެސް ބަސްޓްއެއް ނުވޭނުން… ” އެ ފިރިހެން ކުއްޖާ ޖީބަށް އަތް ޖަހާލިއެވެ.” ދެން…… އެހެން ތަނެއް ހަމަޖައްސަބަލަ ބައްދަލް ކުރަން… ” އަޝްލީން އެދުނެވެ.” އެންމެ ރަނގަޅު… އަޝްލީން މެންގެ ދޮރުމަތީގަ.. ” އެފިރިހެން ކުއްޖާ ވިސްނާލާފައި ޖަވާބުދިނެވެ.” ނޯ ނޯ ނޯ… އަހަރެންގެ ކޮއްކޮ އުޅޭނެ…. އޭނައަށް އިނގިއްޖެއްޔާ ރާކިންގެ ކޮއްކޮ ކައިރީގަ ބުނާނެ.. ” އަޝްލީން އަނެއްކާ ވެސް ދެކޮޅު ހެދި އެވެ.” ދެން އެހެންވެ ރަނގަޅު ތަނަކީ މި ތަނޭ… ” އެ ފިރިހެން ކުއްޖާ ބުންޏެވެ. އަޝްލީން ވެސް އެއްބަސްވިއެވެ. އަދި އެ ފިރިހެން ކުއްޖާ ގައިގައި ބައްދާލިއެވެ. ރާކިން ލޮލުން ކަރުނަ ފައިބަންފެށިއެވެ. އެތާ ހުންނަން ކެތް ނުވެގެން ރާކިން ގޭތެރެއަށް ވަނެވެ.

 

ދެ މައްސަލަ އެކީގައި ފެންމަތިވެފައި ވާއިރު ރާކިންގެ ސިކުނޑި ވަނީ ސުމެއްގެ އެވެ. މިޝްޔާ އާއި މެދު ވިސްނަން ބޭނުމެވެ. އަޝްލީން އާއި މެދުވެސް މެއެވެ. އެހެން އިންދައި މާއިން ހޭލިއެވެ.” ކަލޭ ކޮން ކަމަކާ ބޯ ގޮއްވަނީ މިއޮއް ފަދަ ގަޑީގަ.. ” މާއިން ތެދުވެ އިށީނެވެ.” ބޯ ނުގޮވާ ވަރެއް ނޫނެއްނު… ” ރާކިން ދެލޯ މަރާލިއެވެ.” ބުނެބަލަ ވީ ގޮތެއް… ” މާއިން ބުންޏެވެ.” އަޝްލީން މަށަށް ޗީޓް ކުރަނީއޭ އަނެއްކާ… މަށަށް ދެލޮލުން ފެނުން މަގޭ ކަންފަތަށް އަޑު ވެސް އިވުން… ދެން މިވަރުން ކިހިނެއް އުޅޭނީ… ” ރާކިން ހުރީ ނުހަނު ދެރަވެފައެވެ. ” އަނެއްކާ؟؟.. ” މާއިން ހައިރާންވިއެވެ. ރާކިން ބޯ ޖަހާލާފައި ފެނުނު ހުރިހާ މަންޒަރެއް ކިޔައިދިނެވެ.” ސެކަންޑް ޗާންސް ނުދިން ނަމަ… އަންހެން ކުދިންނަކީ ހިތެއް އޮންނަ ބައެއް ނޫން..މަ ހަމަ ހައިރާން ވެއްޖެ… އަޝްލީންމެން ކަހަލަ ކުދިންނާ ހެދި ހުރިހާ މައްސަލަ އެއް ޖެހެނީ… ” މާއިން ވެސް ދެރަވިއެވެ.

 

” ދެން ކުރާނެ ކަމެއް ނެތް.. ކޮންމެ ގޮތެއް ވިޔަސް ތެދު ވާނީ ތެދަށް… މިފަހަރު މަ ނޫޅެން ގޯސް މަގަކުން ދާކަށް.. ” ރާކިން ފުން ނޭވާއެއް ލިއެވެ.” ދެން އަވަހަށް ބްރޭކް އަޕް ވެގެން ތި މައްސަލަ ނިންމާ މަ ހެލްޕް ވެދީފާނަން… ” މާއިން ހިޔާލެއް ދިނެވެ.” އެކަމް މަ ލޯބިވާ ކުއްޖާއޭ އެއީ… ” ރާކިން ބުންޏެވެ.” ލޯބިވާ ކުއްޖާ އަކަސް.. ” މާއިން ބޮލުގައި ޖަހާލިއެވެ.” ދެން އޯކޭ.. ދޭ ފެންވަރަން ނަމާދަށް ގޮވަން އެއުޅެނީ… ” ރާކިން މާ ބޮޑަށް ދެރަވާން ފެށުމުން ބުންޏެވެ. އަދި އެނދުގައި އޮށޯތެވެ.” ދެން މިސްކިތަށް ނުދާންތަ ތި އޮންނަނީ.. ” މާއިން ތުވާލި ނަގަމުން އަހާލިއެވެ.” ނޫނޭ މިސްކިތަށް ދާނަން.. މާން ނިމުނީމަ ދޯ ފެންވަރަން ވަދެވޭނީ… ” ރާކިން ބުންޏެވެ.

 

މިސްކިތުން އައި ގޮތަށް ރާކިން އޮތީ ކޮޓަރީގައެވެ. މާއިން ތަނަކަށް ދާން އަންނާށޭ ބުނެގެން ވެސް ނުދިޔައެގެ. އެކަނި މާއެކަނި އޮވެގެން ރާކިން އެތަށް ކަރުންއެއް އެޅިއެވެ. ހިތްހަމަ ޖެހޭވަރަށް ރުއިމަށް ފަހު އަޝްލީންގެ ނަންބަރަށް ގުޅާލިއެވެ. ސިކުންތެއް ނުވަނީސް ފޯނު ނަގައިފިއެވެ.” ހަލޯ ކިހިނެއް ކިން…” އަޝްލީން އަހާލިއެވެ.” މަގޭ ހާލު ބަލާނެ ކަމެއް ނެތް.. އަޝްލީން ހިނގާބަލަ މިރޭ ދަންވަރު ހިނގާލަން ދާން… ” ރާކިން ބުންޏެވެ.” ނޫން ކިން.. އަޝް ޖެހޭނެ ނިދަން… ” އެކަމުން ބޯ ދަމައިގަންނަންވެގެން އަޝްލީން ދެއްކި އުޒުރު އެއްގޮތަކަށް ވެސް ރާކިންއަށް ކަމަކު ނުދިޔަ އެވެ. ވީ ދެރައިން އިތުރަށް ވާހަކަ ނުދައްކާ ރާކިން ފޯނު ކަނޑާލިއެވެ.

 

” އަޅެ ކިހާ ދެރަ ކަމެއްތަ މީ… ތިހެން ނުހުރެ ބްރޭކް އަޕް ވާށޭ ކިން ކައިރީ ނުބުނަންތަ… ” މާއިން މޭޒުމަތީގައި އިން ފޯނު ނަގަމުން އަހާލިއެވެ.” އެހާ ފަސޭހަ ކަމެއް ނޫނޭ އެއީ… ” ރާކިން ފޯނު ދުރަށް ހޫރާލިއެވެ.” ތިހެން ރުޅި އަޔަސް ވާނޭ ފައިދާއެއް ނެތް… ” މާއިން ކޮޓަރިން ނިކުތުމުން ރާކިން ފާޚާނާއަށް ވަދެފައި މޫނު ދޮވެލައިގެން ނިކުތެވެ. ހީވަނީ ބޮލުގައި މީހަކު ބާރަށް ހިފަހައްޓައިގެން ހުރިހެންނެވެ. ކުއްލިއަކަށް ދޮރު ހުޅުވާލާފައި ވަނީ ރާއިލް އެވެ.” ކިން ގެއަށް ދާން ރެޑީވާންވީ… މާދަމާ ހެނދުނު އަލުން އެކޮޅަށް ދާންކަމަށް… ” ރާއިލް ބުންޏެވެ. ރާކިން ބޯ ޖަހާލާފައި އެނދަށް އެރީ ލެޕްޓޮޕް ހިފައިގެންނެވެ. ރާއިލް ކޮޓަރިން ނިކުތުމުން އެއްލާލާފައި އޮތް ފޯނު ނަގައިގެން އަލުން އެނދަށް އެރިއެވެ. އެގޮތަށް ހަވީރު ވަންދެން ރާކިން އޮތެވެ. ހަވީރު ވުމުން ކުޑަކޮށް ފެންވަރާލައިގެން ބޭރަށް ނިކުތީ މާއިން ވަރަށް ކިޔައިގެންނެވެ.

 

” މިރޭ ކަރަންޓް ދާނެއޯ… އަނެއްކާ މޫސުން ވެސް އެހާ ރަނގަޅެއް ނޫން… ” ނާއިފް ސޯފާގައި އިށީނެވެ.” މިޝްޔާ މިހާރު ރަނގަޅުތަ… ” ނާއިފް އަހާލިއެވެ.” އާނ މިޝް ހަމަ އޯކޭ… ” މިޝްޔާ ހީލިއެވެ.” ކީއްވެ މިޝްޔާ ނުދިޔައީ އިނާ މެންނާ އެއްކޮށް… ” އިލްޔާ އަހާލިއެވެ.” ދާހިތެއް ނެތް… އެހެން ނޫނަސް ތިއްތި އެދިޔައީ ތިއްތިގެ ޖީއެފްއާ ބައްދަލް ކޮށްލަން ކަމަށް ވާނީ… އެހެންވެ އެމީހުންގެ ވަގުތު ކޮޅު އެމީހުންނަށް ދޭންވާނެނުން… ” މިޝްޔާ ލާނެއް ރާގަކަށް ބުންޏެވެ.” ހެހެ… ” އިޔާން ހިނިގަނޑެއް ޖަހާލިއެވެ.

 

” ތިއްތި ނުދާނަންތަ އަޝްލީން.. ތިއްތިބެދައްތަކައިރިއަކަށް… ” އިންޝާ އަހާލިއެވެ.” ދެން އިންޝާ ތިހެން ކިޔުން ހުއްޓާލަބަލަ ދޯ…. ” ރާކިން ބުންޏެވެ. މާއިން މާވަރަކަށް ފޯނަށް ނަޒަރު ހުއްޓާތީ އިންޝާ ބަލާލާހިތުން ފޯނު ކައިރިއަށް ބޯ ގެންދިޔައެވެ.” އަލްބޭބީ އޭ ދޮންބޭ؟؟.. އެ ކާކު.. ” އިންޝާ އަށް ފެނުން ތަންކޮޅު އަހާލިއެވެ.” އޭނ.. އެއީ ބޭބީ އެއް… ދޮންބެ ފްރެންޑް އެއްގެ ކޮއްކޮ… ” މާއިން ދޮގެއް ހަދާލިއެވެ.” ގާރލް ފްރެންޑް ދޯ.. ” އިންޝާ މާއިން ދެއްކި ވާހަކަ ގަބޫލެއް ނުކުރިއެވެ. މާއިން ދެބުމަ ގޮއްޖަހާލިއެވެ.” އޯކޭ އޯކޭ ގަބޫލު ކޮށްފިން… ” އިންޝާ ހީގަތެވެ. މާއިން ހިންދިރުވާލީ އިންޝާއެ ވާހަަކަ ގަބޫލު ކުރީމައެވެ.

 

މާ ގިނައިރު ނުކޮށް ހިނގާލާފައި އިންޝާމެން ގެއަށް އައިއިރު ވާރޭ ތިކިލާން ފަށައިފިއެވެ. އޭރު ބަންގި ގޮވަން ވަރަށް ކައިރިވެއްޖެއެވެ. މާއިން އާއި ރާކިން އިންޝާ ގޭ ކުރިމައްޗަށް ލާފައި މިސްކިތަށް ދާން މިސްރާބު ޖެހިއެވެ. އޭރު މިޝްޔާ ފޯނު ހިފައިގެން އަސްކަނި ދޮށުގައި ހުއްޓެވެ.” މިޝް ކީއްކޮށްލަނީ… ކޮން ބިޓަކަށް މެސެޖް އެ ކުރަނީ މިހާރު..” އިންޝާ އައިސް އަހާލިއެވެ.” ބިޓެއް ނޫނޭ މިހިރީ ހާދަ ރީތީ ބޯއި އެކޭ އެކަމް އޭނަ ގާރލްފްރެންޑް އެހުރީ ކައިރީގަ.. ” މިޝްޔާ ޖަވާބު ދިނެވެ.” ލޮލް ދެން ތީނައަށްވުރެ ރީތި މީހުން އުޅޭނެ… ހީވަނީ ބޮޑު ނޫޑްލްސް ގަނޑެއް ހެން އިސްތަށިގަނޑު ވެސް… ” އިންޝާއަށް އޭނަ ކަމަކު ނުދިޔަ އެވެ.” އެންމެ ރަނގަޅޭ… މިރަށަކު ވެސް ނެތް ވަކި ކަމުދާ ކުއްޖަކު… ” މިޝްޔާ ބުންޏެވެ.

 

” ހެހެ… ހިނގާ ދާން އެއޮށް ބަންގި ގޮވަނީ… ” އިންޝާ ގޭތެރެއަށް ވަދެފައި ކޮޓަރިއަށް ވަނެވެ. އޭރު އެންމެން ރޭގަނޑުގެ ކެއުން ތައްޔާރު ކުރަނީއެވެ.” ހާދަ ކުރިން ތި ކައްކަނީ.. ” މިޝްޔާ އަހާލިއެވެ.” ކަރަންޓް ދާންވާއިރަށް ހުރިހާ ކަމެއް ނިންމާފަ ބަހައްޓަން ވާނީ… ” ހިޝާ މިރުސް ކޮށަމުން ބުންޏެވެ.” އޯހ.. އޯކޭ.. ” މިޝްޔާ ވެސް ކޮޓަރިއަށް ވަނެވެ. އޭރު އިންޝާ ހުރީ ނަމާދު ކުރަންށެވެ. މިޝްޔާ ވެސް ވުޟޫ ކޮށްލައިގެން އައިސް ނަމާދަށް އެރިއެވެ.

 

ނަމާދުކޮށް ނިންމައިގެން ދިވެހި ވާހަކަފޮތެއް ހިފައިގެން އިންޝާ އިނެވެ. ވާހަކަފޮތަށް ގެއްލިފައި އިންވަރުން ގަޑި ދިޔަ ގޮތް ވެސް ނޭނގުނެވެ. ކުއްލިއަކަށް ޖެހި ގުގުރިއާއި އެކީ ކަރަންޓް ދިޔައެވެ. އިންޝާ ބާރަށް ހަޅޭއްލަވައި ގަނެފައި ދުއްވައިގަތް ތަނުން ހުއްޓުނީ މީހަކު ގައިގައި ޖެހުމުންނެވެ. ގެންފައިވާ ބިރެއްގެ ސަބަބުން ހުރި މީހެއް ނުބަލައި އެމީހެއްގެ ގައިގައި ހިފައިގަތެވެ.” ކަލޭމެން ކޮން ކަމެއް… ” ފްލެޝްލައިޓަކުން އަލިކޮށްލަމުން މާއިން އަހާލިއެވެ.” ހައެ ހައޭ… ކަލޭމެން ގަނޑެއް ގަންނަނީއޭ ދޯ މީހުން ނެތް ގަޑި ބަލާފަ… ބުނެލައިގެން އުޅެބަލަ… ” މާއިން ވަގުތުން ދިމާކޮށްލިއެވެ. އިންޝާ ބިރުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އޭރު އެ ދެލޮލަށް ކަރުނަ ޖަމާވެފައި ހުއްޓެވެ.” ސޮރީ.. ” އިންޝާ މާއިންގެ ފަހަތަށް ވަނެވެ.

– ނުނިމޭ –

22

2 Comments

 1. Aishath Faruha Abdulla

  July 18, 2021 at 9:33 pm

  Masha Allah ❤️❤️❤️❤️ mi part vx hama habeyss… 22 vana part ge inthizaarugai…..

  • UNKNOWN GIRLL

   July 18, 2021 at 11:34 pm

   Thank u dear 💕

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!