“އަރާ… ގެންގޮސްދޭނަން” ސައިކަލު ސްޓާޓް ކޮށްލަމުން ނާއިފް ޒިއުނީ ގާތު ބުނެލިއެވެ. “އެެއްވެސް އެއްޗެކޭ ހީނުކުރެ އަރާ… ރަނގަޅުކަމުން މި ގެންގޮސްދެނީ. އަވަސް.” އެވަގުތު ޒިއުނީގެ މޫނުމައްޗަށް އެރި ހިނިތުންވުމުގެ ސަބަބުން ނާއިފް މިހެން ބުނެލީ މޫނުމަތިން އެއްވެސް އަސަރެއް ނުދައްކަމުންނެވެ.

“އަބަދު ހަމަ ތިރާގައްތަ އަހަންނާ ވާހަކަ ދައްކަން ޖެހެނީ؟ ކަޑޫސް!” ސައިކަލު ފަހަތަށް އަރައި ތުންދަމައިލަމުން ޒިއުނީ ކުދި ކިޔައިލީ ހިންދީ ބަހުރުވައިންވެސް ނާއިފްއާއި ދިމާލަށް އެއްޗެކޭ ބުނެލަމުންނެވެ. ސައިކަލުގައި އިން ކުޑަ ލޯގަނޑުން ނާއިފަށް މި މަންޒަރު ފެނުމުން ދެފަރާތައް ބޯހޫރުވާލުމަށްފަހު ސައިކަލު ދުއްވާލިއެވެ.

***

ޓެކްސީ ގޮސް ހުއްޓާލީ ލޯންޗު ފުރަން އޮތް ދިމާލަށެވެ. ނީމް ގޮވައިގެން ޔޫޝައު ޓެކްސީ އިން ނުކުމެ ރީމްއަށް ނީމް ހަވާލު ކުރުމަށްފަހު ފޮށިތައް ނެގުމުގައި ޑްރައިވަރަށް އެހީތެރިވާން ފެށިއެވެ. ފޮށިތައް ނަގައިގެން ތިން މީހުން މަޑުކުރީ ގަސް ދޮށުގައެވެ. އެމީހުން އެތާ ތިބި ތަން ފެނި ޝާނީވެސް އެމީހުންނާއި ދިމާލަށް ހިނގައިގަތެވެ. އިރުކޮޅެއް ނުވެ ލޯންޗު އައުމުން އެންމެންވެސް ލޯންޗަށް އަރައި ހަމަޖެހިލިއެވެ.

“ހަނދާން ވޭތަ ކަމެއް؟” މާލެ ފަޅުން ނުކުމެގެން ލޯންޗު ދުއްވާލުމާއި އެކު ޔޫޝައު ރީމް ގާތު އަހައިލިއެވެ.

“ކޮން ކަމެއް؟” ޔޫޝައު އާއި ދިމާލަށް އެނބުރިލަމުން ރީމް އަހައިލިއެވެ.

“އަހަރުމެން ފުރަތަމަ ދިމާވީ ލޯންޗު ތެރެ އިންނެންނު!” ޖެހިގެން އިން ރީމްގެ ކޮޑުގައި ޔޫޝައުގެ ކޮޑުން ކުޑަކޮށް ޖަހައިލަމުން އޭނަ ބުނެލިއެވެ.

“ޕިސް ޕިސް! ކުޑަބެވެސް ދޯ! ވަކި ތަނެއް ނޯވެޔޭ ރޮމޭންޓިކް ވާހަކަ ދައްކާކަށްވެސް!” ރީމް އާއި ޔޫޝައުގެ ކުރިމަތީ އިން ޝީޓުގައި އިށީންދެގެން އިން ޝާނީ ހެމުން ހެމުން ބުނެލިއެވެ.

“ރޮމޭންޓިކް ވާހަކަ ދައްކަން” އަނގަޔަށް ވައްތަރެއް ޖައްސައިލަމުން ޝާނީ ބުނެލި ރާގަށް ޔޫޝައުވެސް ތަކުރާރު ކޮށްލިއެވެ. ” ޝާނީވެސް މީހަކާ އިނދެބަލަ، އޭރަށް ނޯންނާނެ ވަކި ތަނެއް! ދޯ ރީމް؟” ހިނިގަނޑެއް ޖަހައިލަމުން ޔޫޝައު ރީމްއަށް ދޯ ދިނެވެ.

“ނޭނގެ އަަހަންނަކަށް. އަބަދު އެ ވާހަކަ ދައްކާ މީހުންނަކަންނު އިނގޭނީ ދޯ؟” ޝާނީއަށް ނިތް އަރުވައިލަމުން ރީމް ބުނެލިއެވެ.

“އެއްކަލަ!” ރީމްވެސް ޔޫޝައުއާއި އެއްބައިވާނެކަމަށް ހީކޮށްގެން ހުއްޓައި ރީމް އެހެން ބުނީތީ ޔޫޝައު ފާޑަކަށް ލަދުގަތެވެ.

އެކަހަލަ ސަކަރާތެއްގައި އެންމެންވެސް އިރުކޮޅެއް ވަންދެން ތިއްބެވެ. މޫދުގެ ލޮނުގަނޑު ކަފަމުން ލޯންޗު މިސްރާބު ޖެހީ ރީމްގެ އުފަން ރަށް ކަމުގައިވާ މ.މުއްޔަށެވެ. ރީމްގެ އުނގު ތެރޭ ނީމް ނިދައިފައި އޮތް އިރު، ރީމް އޮތީ ޔޫޝައުގެ ކޮނޑުގައި ބޯއަޅައިލައިގެންނެވެ. ޔޫޝައުގެ އެއް އަތް ރީމްގެ ގައިގައި ވަށައިލެވިފައި ވާއިރު އަނެއް އަތުން ފޯނު ހިފައްޓައިގެން ކޮންމެވެސް ކަމެއް ކުރަނީއެވެ. ޝާނީވެސް އޭނަގެ ފޯނަށް ގެއްލިފައި އިނެވެ.

ލޯންޗު މުލީ ފަޅު ތެރެއަށް ވަން އިރު އެކެއް ޖަހަނީއެވެ. ހެނދުނުގެ ވަރުބަލި ކަމާއި ހުރެ ޔޫޝައުގެ ކޮނޑުމަތީ ނިދިފައި އޮތް ރީމްގެ ގައިގައި ޔޫޝައު ކޮށްޓައިލިއެވެ.

“މިއޮށް އާދެވުނީ”  ރީމްގެ ކަންފަތް ދޮށުގައި ޔޫޝައު ބުނެލިއެވެ. ދެތިން ފަހަރަށް ލޯހުޅުވައިލައިފައި މަރާލަމުން ރީމް ރީއްޗަށް އިށީންދެލައި ރަނގަޅަށް ރަށާއި ދިމާލަށް ބަލައިލިއެވެ. މީގެ ހަތަރު ވަރަކަށް އަހަރުކުރިން ރަށް އޮތްގޮތާއި މިހާރު އޮތްގޮތާއި ހާސް ތަފާތެވެ.

ލޯންޗު ގޮސް ބަނދަރާއި ގާތް ކުރުމުން ޔޫޝައު ނުކުންނަން ތެދުވިއެވެ. ނަމަވެސް ރަށާއި ދިމާލަށް ގެއްލިފައި އިން ރީމް ފެނުމުން ޝާނީ ގާތު ނީމް ގޮވައިގެން ނުކުތުމަށް ބުނުމަށްފަހު އަނެއްކާވެސް ރީމް ގާތު އިށީނެވެ.

“ރީމް؟” ރީމްގެ އަތުގައި ހިފައިލަމުން ޔޫޝައު ގޮވައިލިއެވެ.

“ކީކޭ؟” ސިހިފައި ރީމް އަހައިލިއެވެ.

“ރަށައް އާދެވިއްޖެ. ޖަސްޓް ޑޯންޓް  އޯވަރތިންކް އެންޑް ޓްރަސްޓް މީ!” ރީމްގެ އަތަށް ބާރުކޮށްލަމުން ޔޫޝައު ޔަގީންކަމާއި އެކު ބުނެލިއެވެ.

ހަތަރު ވަރަކަށް އަހަރު ފަހުން އުފަން ރަށުގައި ފައިޖައްސައިލެވުނީތީ ރީމްއަށް އެހެން ކަހަލަ އިހުސާސެއް ކުރެވިގެންދިޔައެވެ. ރަށައް އައިސްފައިވާ ބަދަލު ތަކުގެ ސަބަބުން ރީމްއަށް ވަށައިގެން ބަލަން ހުރެވުނީ އަންތަރީސްވެފައެވެ. ކުޑައިރުގެ އެތަކެއް ފޮނި ހަނދާންތަކެއް ރީމްގެ ކުރިމަތީ ސިފަވަމުން ދިޔައިރު އެ ބޮޑު ދެލޮލުގައި ކަރުނައިގެ ފަށަލައެއް އުފެދިގެން ދިޔައެވެ. މަޒީގެ ހަނދާންތަކުގެ ތެރެއަށް ޢަރަގުވެފައި ހުރި ރީމްއަށް ހަގީގީ ދުނިޔެއަށް އާދެވުނީ ރީމްގެ ބޮޑައްތަ އަސްމާ އައިސް ރީމްގެ ގައިގައި ބައްދައިލުމުންނެވެ.

“ބޮޑައްތަ ވަރަށް އުފާވެއްޖެ އެހާ ދުވަސް ފަހުން ރީމް ރަށައް އަންނަން އެއްބަސްވީމަ!” ރީމްގެ ބޮލުގައި ފިރުމާލަމުން އަސްމާ ބުނެލިއެވެ. ބަދަލުގައި ރީމް ރައްދުކުރީ މާނަފުން ހިނިތުންވުމެކެވެ.

“އަވަހަށް ހިނގާ ހުރިހާ ކުދިން ދާން. ނީމްގެ ފޭވަރިޓް ކާއެތި ހަދާފަ ހުންނާނީ!” ނީމް އުރައިލަމުން އަސްމާ މިހެން ބުނެލުމުން އެންމެންވެސް ގެއާއި ދިމާލަށް ދާން ހިނގައިގަތެވެ.

***

ތިން މިނެޓުގެ ކުރު ދަތުރަކަށްފަހު ޒިއުނީއާއި ނާއިފަށް ޒިއުނީގެ އޮފީހާއި ހަމައަށް ވާސިލްވެވުނެވެ. އަތްދަބަސް ރަނގަޅަށް ކޮނޑުގައި އަޅުވައިލަމުން ޒިއުނީ ސައިކަލުން ފައިބައި ނާއިފް ގާތަށް ޖެހިލިއެވެ.

“ޔުއަރ ވެލްކަމް!” ޝުކުރިއްޔާއޭ ބުނަން ޒިއުނީ އަނގަ ހުޅުވައިލުމާއި އެކު ނާއިފް އަވަހަށް ބުނެލިއެވެ.

“އެޓްލީސްޓް ހީލާފަ ބުނެވިދާނެއެންނު… ހަމަ އަހަރެން ދެކެ އެހާ ފޫހިވާން ޖެހޭތަ؟ އެހެންމީހުންނާއި އެކު އުޅޭ ގޮތެއް ނޫން ތީކީ” ނާއިފް އަބަދުވެސްހެން ގެންގުޅޭ ބީރައްޓެހި ގޮތްގަނޑުގެ ސަބަބުން ޒިއުނީ ޝަކުވާ އެކުލެވިގެންވާ ރާގަކަށް ބުނެލިއެވެ. ޒިއުނީ ކުރި ސުވާލުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ބޮލުމަތީގައި އިން ކަޅު އައިނު އަޅައިލަމުން ނާއިފް ސައިކަލު ދުއްވާލިއެވެ. ވީފޫއްސަކާއި ދެރައެއްގެ ސަބަބުން ޒިއުނީ އޮފީހާއި ދިމާލަށް ދާން ހިނގައިގަތެވެ. ނަމަވެސް ޒިއުނީގެ ލަސް ފިޔަވަޅުތަކަށް ހުއްޓުން އެރީ ފަހަތުން އިވިގެންދިޔަ ބާރު އަޑުފައްގަނޑުގެ ސަބަބުންެނެވެ.

***

ލަސްތަކެއް ނުވެ ރީމްމެނަށް ގެއަށް އާދެވުނީ ރީމްގެ ގެޔާއި ބަނދަރާއި އެހާ ދުރު ނޫނީމައެވެ. ޔޫޝައު އާއި މުސްތަފާ ފޮށިތައް ގެއަށް ވައްދަން އަވަދިނެތި އުޅުނެވެ.

“އާއްޗާ! ގޭގަ ކުލަލާ އާ ކޮށްލާފަ ދޯ؟ ވިޑިއޯ ކޯލް ކުރާއިރު ފެންނަ ގޮތާ ހަމަ ލޮލަށް ފެންނަ ގޮތާ ހާދަ ތަފާތޭ. ވާއު! ބައިވަރު ގަސްތައް އިންދާލައިފިޔޭ ދޯ ބޮޑައްތަވެސް! ކޮން އިރަކު މަސް ޓޭންކެއް ގެނައީ؟” ކުޑަ ކުއްޖަކު އަލަށް އެއްޗެއް ފެންނަ އިރަށް ސުވާލު ކުރާ ބީދައިން ރީމްވެސް ދިޔައީ ގެއަށް އައިސްފައިވާ ބަދަލާ ދޭތެރޭ ސުވާލުކުރަމުންނެވެ. ދޮރުގައި ލެގިލައިގެން ހުރި ޔޫޝައުއަށް ރީމްގެ ހިނިތުންވުން ފެނުމުން އުފާވީ ރީމްގެ ނުތަނަވަސްކަން ފިލައި ދިޔައީކަމަށް އޭނަގެ ހިތް ބުނުމުންނެވެ.

“ހެހެ ރީމް. ގޯތި ތެރެ ބެލޭނެޔޭ ދެން ރީމް ބޭނުންވާ ވަރަކަށް. އެހަށް ގޮސް ފެންވަރައިލައިގެން ކާން ހިނގާ” ފޮށިތައް ބަހައްޓައިފައި ނުކުތް މުސްތަފާ ބުނެލިއެވެ.

“މަންމީ. މަންމިގެ ކޮޓަރި ބަލަލާން ހިނގާ!” ޝާނީ ގާތު ހުރި ނީމް ދުވެލާފައި އައިސް ރީމް ގާތު ހުއްޓިލަމުން ބުނެލިއެވެ.

“އަވަހަށް ހިނގާ!” ބޫޓު ބައިލަައި ގެޔަށް ވަންނަމުން ރީމް ބުނެލިއެވެ. ފަހަތުން ޔޫޝައުވެސް ހިނގައިގަތެވެ.

ގޭތެރެއަށް ވަދެގެން ދާއިރު ފުރަތަމަ ފެންނާނީ ބޮޑު ސިޓިން ރޫމެވެ. އަލި ނޫކުލައެއް މުޅި ސިޓިންރޫމުގެ ފާރުތަކުގައި ލައިފައި ވާއިރު ތަނުގެ މެދަށް ފިލާއިން ހަދައިފައިވާ ބޮޑު ސޯފާ ސެޓެއް ބަހައްޓައިފައި ވެއެވެ. ސޯފާ ސެޓު ކުރިމަތީ ޓީވީ ރެކު ވާއިރު، ޓީވީ ރެކު މަތި ވަނީ އެކިކަހަލަ ފޭކު މަލުގެ މާޓުކުރި ތަކުން ޒީނަތްތެރި ކޮށްފައެވެ. ސިޓިންރޫމުގެ ކަނާތު ފަޅީގައި ދެ ކޮޓަރި ވާއިރު ވާތު ފަޅީގައިވެސް ވަނީ ދެކޮޓަރިއެވެ. ކަނާތު ފަޅީގައިވާ ދެކޮޓަރި ތެރެއިން އެއް ކޮޓަރިއަކީ އަސްމާއާއި މުސްތަފާގެ ކޮޓަރިއެވެ. އަނެއްކޮޓަރިއަކީ ޝާނީއަށް ހަދައިފައިވާ ކޮޓަރިއެވެ. ވާތުފަޅީގައިވާ އެއްކޮޓަރިއަކީ ރީމްގެ ކޮޓަރިއެވެ. އަދި އަނެއް ކޮޓަރިއަކީ ރީމްގެ އާއިލާ އެހެން މީހެއް ކުރިން އުޅުނު ކޮޓަރިއެކެވެ.

ރީމް އޭނާގެ ކޮޓަރި ދޮރު ހުޅުވައިލި އިރު އޭސީގެ ފިނިވައި އައިސް ރީމް ގައިގައި ބީހިލިއެވެ. ރަތްދަކަ އަވީގައި އުޅެފައި އައިސް ފިނިވައިކޮޅެއް އޭނާގެ ހަށިގަނޑަށް ލިބުނީތީ އޭނާ ހުރީ ނުލާހިކު ހިތްހަމަޖެހިފައެވެ. މި ލިބުނު އަރާމުކަން އިތުރަށް އިހުސާސްކޮށްލުމަށްޓަކައި ރީމް ލޯމަރައިލައި ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އަދި ލަސްފިޔަވަޅުތަކެއްގައި އައިސް ކޮޓަރީ މެދުތެރޭ ހުއްޓިލައި ވަށައިގެން ބަލަައިލިއެވެ. އެންމެ ފަހުން މި ކޮޓަރިއަށް ވަން އިރު ދުވި މީރު ވަސް އަދިވެސް މިކޮޓަރިން ދުވައެވެ. އެއްވެސް ބަދަލެއް ނާދެއެވެ. ދޮރާއި ކުރިމައްޗަށް ވާގޮތައް ކުއީން ސައިޒު އެނދު އިން އިރު އެނދުގެ ހެޑޮބޯޑާއި ވީދިމާލު ފާރުގައި ބޮކިފައްޗެއް އެލުވައިފައިވެއެވެ. ހަތަރު ފާރުގައިވެސް މަޑު ފިޔާތޮށި ކުލައެއް ލެވިފައިވާއިރު ސުކޫލުދައުރުގައި ލިބުނު މެޑަލްތަކާއި ތަށިތައް އެނދު ކުރިމައްޗަށް ވާގޮތަށް އިން “ފްލޯޓިންގ ޝެލްފް” އިން ފެންނަން ހުއްޓެެވެ. “ފްލޯޓިންގ ޝެލްފް”ގެ ވާތަށް ބޮޑު އަލިމާރިއެއް އިން އިރު އަލަމާރި ކުރިމަތީގައި ވަނީ ފާހަނައަށް ވަންނަ ދޮރެވެ. އަދި ކަނާތު ފަޅީގައި ރީމް ކުޑައިރު ކިޔަަވަން އިން “ސްޓަޑީ ޓޭބަލް”ވެސް އިނެވެ. މިއިން ފަހަރަކު އެއްޗަކަށް ރީމް ބަލަން ހުރި އިރު ނީމްވެސް ރީމް ފަހަތުން އޭނަ ދާދިމާލަކަށް ދެއެވެ. ދެމައިންގެ ހަރަކާތަށް ބަލަން ޔޫޝައު ހުރީ ހެވިފައެވެ. ރަށައް އަންނަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ގޮތުގައި ޔޫޝައު ގަބޫލުކުރިއެވެ.

“ރަށް މަތިން މިސްވާ ވަރު ރިއަލައިޒް ވީ ރަށައް އާދެވުނީމަ!” ޔޫޝައުއާއި ދިމާލަށް ބަލައިލަމުން ރީމް ބުނެލިއެވެ. “ނަސީބެންނު އާދެވުނުކަން. އެހެންނޫނީ އެހާ ބައިވަރު ހަނދާންތަކެއް އަލެއް ނުވާނެ” ހިނގައިލައިފައި ގޮސް ޔޫޝައުގެ ދެއަތުގައި ހިފައި ބާރު ކޮށްލަމުން ރީމް ބުނެލިއެވެ. ބަދަލުގައި ޔޫޝައު ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

“ވާއު މަންމީ! މި މަންމިއަށް ލިބިފަ ހުރި އެއްޗެއްތަ؟” އެވޯޑްތަކާއި ދިމާލަށް ގެއްލިފައި ހުރި ނީމް ހައިރާން ވެފައި އަހަައިލިއެވެ.

“ލައްބަ ދޫނީ، ތީ މަންމިގެ އެވޯޑްތައް” އެތަނުން އެވޯޑެއް ނަގައި ނީމްއަށް ދައްކައިލަމުން ރީމް ބުނެލިއެވެ.

ނުނިމޭ

 

 

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!