ނޯޓް : މީ އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކައެވެ. ތިޔަބޭފުޅުންގެ ހިޔާލާއި އަޅުގަނޑަށް ހެދިފައި ހުންނަ ކުށްތައް ބުނެދިނުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް….
ފަތިހުގެ ހިތްގައިމު ވަގުތެވެ. ބަންގި ގޮވުމުގެ ފަނަރަ މިނެޓު ކުރިން އެލާމްކޮށްފައިވާ ޝިޔާގެ ފޯނު އެލާމް ވާން ފެށުމުން ޝިޔާ ތެދުވިއެވެ. އެލާމް ނިއްވާލާފައި ގޮސް ތަނަވަސް ބޮޑު އަލަމާރިން ގޭގަލާން ގެންގުޅޭ އާދައިގެ ކަޅުކުލައިގެ ހެދުމަކާއި ހަރުވާޅެއް ނަގައިގެން ޝިޔާ ގޮސް ވަނީ ފާޚާނާއަށެވެ.
ޝިޔާގެ ކޮޓަރިއަކީ ހިތްގައިމު ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގެ ފާރުތައް ފަޅުފިލުވާލާފައި ވަނީ އަޅިކުލައިންނާ ވިލުނޫކުލައިންނެވެ. އެކޮޓަރީގައި ވާ ހުރިހާ ފަރުނީޗަރެއްވެސް ވަނީ ހުދުކުލައިންނެވެ. އެކޮޓަރީގެ ސީލިންގ ވެސް ކުރެވިފައިވަނީ އަޅިއާއި ވިލުނޫކުލަ ބޭނުންކޮށްގެން ރީތި ޑިޒައިނަކަށެވެ. ފެންވަރާލައިގެން ނިކުމެ ކަބަޑުން މުސައްލަ ނަގާފައި ފަތުރާލުމަށްފަހު ޝިޔާ ނަމާދަށް އެރިއެވެ. ނަމާދުކޮށްލައިގެން ފޯނުން ޒިކުރުތައް ކިޔާލުމަށްފަހު ޝިޔާ ދިޔައީ ބަދިގެއަށެވެ.
ޝިޔާގެ މަންމަ އާމިލާ ނިކުތްއިރު ޝިޔާ ހުރީ ރިހަކައްކާށެވެ. އާމިލާ އުފަލުން ހުރެ ގޮސް ޝިޔާ ގާތުގައި މަޑުކޮށްލަަމުން ބުނެލިއެވެ.
“ދަރިފުޅާ! މަންމަ އަންނަންވާއިރަށް ނިންމާލީ ދޯ މިހާރު. ބައްޕަ ބޮލުގަ ރިއްސާތީ އުޅޭތީ ބޭސްދީފަ މިއައީ.”
“ދެން މަންމައަށް އިނގޭދޯ ޝިޔާ އަބަދުވެސް މިހެންކަން ކަންތައް ކުރަނީ. ބައްޕަ އޯކޭތަ މިހާރު؟ އަދިވެސް ދޮންބެ ނުހޭލަނީތަ؟” ޖަވާބުގައި ޝިޔާ ބުނެލިއެވެ.
“މިހާރު ކުޑަކޮށް އޯކޭ. އާން.. ދޮންބެ ނުހޭލާ އަދިވެސް. މަންމަ މިދަނީ ކުނިކަހާލަން އިނގޭ ދަރިފުޅާ!” އާމިލާ ބުނެލިއެވެ.
“އާން… ދެން އަޅުގަނޑުވެސް ވެސް މިދަނީ ރެޑީވާން.” ޝިޔާ އެހެން ބުނުމަށްފަހު މޭޒުމަތީގައި ސައި ތައްޔާރު ކޮށްލިއެވެ. އެކަން ކޮށް ނިންމާލައިފައި ޝިޔާ ގޮސް ޝަޔާންގެ ކޮޓަރީގައި ޓަކިޖަހަމުން ގޮވަން ފެށިއެވެ.
“ދޮންބޭ! ދޮންބޭ! ދެން ތެދުވޭ.. ފެން އެއްޗެއް އަޅާލާނީ ދެން މޫނަށް އިނގޭ.. ދޮންބޭ!” ޝިޔާ ގޮވަގޮވާ ހުއްޓާ ޝަޔާން އަަަަަަަަަައިސް ދޮރުހުޅުވާލަމުން އާފުރިލިއެވެ. ދޮރުމަތީގައި ހުރި ޝިޔާ ފެނުމުން “ޝިއްކޯ! ދެންމެ ވާރޭވެހެން ފެށީމައި އަރާމެއްގަ ނިދާނަމޭ ހިތާ އުޅެނިކޮށޭ ތިގޮވީ.” އެހެންކިޔާފަ ދޮރުލައްޕަމުން އަނެއްކާވެސް ޝަޔާން ބޮޑަކަށް ދޮރުހުޅުވާލައިގެން ބޭރަށް ބޯދިއްކޮށްލަމުން ވަސްބަލައިލިއެވެ.
“ޔަމީ.. މަގޭ ފޭވަރިޓް ބިސްރިހަ ވަސް ދޯ އެދުވަނީ.” އެހެންކިޔާފައި ޝަޔާން ގޮސް ބަދިގެއަށް ވަނެވެ. އެވަގުތު ފެންތަށްޓެއް ބޯން ހުރި އާމިލާ ވެސް ކޮށިއެރިއެވެ. ޝަޔާން ހުރިގޮތް ފެނިފައެވެ. ހަމައެކަނި ސޯޓުބުރިއެއް ލައިގެން ހުރިއިރު ޝަޔާންގެ ކުޑަ ރާޅުބާނިކަމެއް ހުންނަ އިސްތަށިގަނޑު އޮތީ ކުކުޅު ހާއްޔެއްހެންނެވެ. ރަނގަޅަށް ދެލޯވެސް ނުހުޅުވޭ ޙާލު ހުރެގެން ‘ބިސްރިހައޭ’ ކިޔަމުން ދުވެފައި އައީމައެެވެ. ކައިރީގައި ހުރި ޝިޔާވެސް ކޮޅަށް ހުންނަން ދަތިވެގެން ފާރުގައި ލައްގަތެވެ.
” ދެން ދަރިފުޅާ ޝަޔާން. ސާބަސް ދަރިފުޅަށް! ދަރިފުޅު ފެންވަރާ ދަތްއުނގުޅާ ހަދައިގެން އައީމަ ދޯ ބިސްރިހަވިޔަސް ކޮންމެއެއްޗެއް ވިޔަސް ކެވޭނީ. އަވަސްކޮށްގެން ދޭ ރީތިވެގެން އަންނަން.” އާމިލާ އެހެން ބުނުމުން ޝަޔާން ވަގުތުން ބޯޖަހާލައިފައި ގޮސް ކޮޓަރިއަށް ވަނެވެ. އެއާއެކު ޝިޔާވެސް ދިޔައީ ކްލިނިކަށް ދާން ތައްޔާރުވާށެވެ.
ގަޑިން ހެނދުނު ހަތްގަޑި ބައިވަނީއެވެ. މަލްމަލްކޮޅެއް ފަދަ މަޑުމަޑު ކިންގް ސައިޒް އެނދެއްގައި ނިދާފައި އޮތް ކިޔާން އަށް ބަލައިލުމުންވެސް އޭނާ ނިދާފަ އޮތްލެއް އަރާމުކަން ފަހުމުވާނެކަން ގައިމެވެ. އެބޮޑު ކޮޓަރީގެ ފާރުތައް ފަޅުފިލުވާލާފައި ވަނީ ނޫކުލައިގެ އެކި ޝޭޑްތަކުންނެވެ. ހުރިހާ ފަރުނީޗަރެއް ވަނީ އަޅިކުލައިންނެވެ. އެތަނަވަސް ކޮޓަރީގައި އެވަގުތު ގުގުމާފައި ވަނީ ވިއްސާރަ ވެހޭ އަޑެވެ. ކިޔާންއަށް ހޭލެވުނީ އެއަޑަށެވެެ.
“އޯ ޝިޓް!” އެހެން ބުނެފައި ކިޔާން ތެދުވެ ގަޑިބަލާލާފައި ފޯނު އެނދުމައްޗަށް ހޫރާލަމުން ތެޅެމުން ފޮޅެމުން ގޮސް ފާޙާނާއަށް ވަނެވެ. ފާހާނައިން ނިކުމެ އެބޮޑު އަލަމާރި ހުޅުވާލަމުން އިސްތިރިކޮށްފައި އިން ފެހިކުލައިގެ ގަމީހެއް ނެގުމަށްފަހު އެކަސްރަތީ ފިިިރިހެންވަންތަ ހަށިގަނޑަށް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު އަވަސްއަވަހަށް ލައިގެން ހުރި އަޅިކުލައިގެ ފަޓްލޫނު ދަށަށްޖަހާލުމަށްފަހު ކަޅުކުލައިގެ ޓައީއެއް އަޅައިލިއެވެ. އެ ރީތި ފަން އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލަމުން ގަޔަށް ‘ޓައިގަރ ބްލެކް’ ސެންޓް ޖަހާލަމުން ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ.
“މަންމާ! މަންމާ!” ކިޔާން ގޮވަންފެށުމުން ކިޔާންގެ މަންމަ ތިހާމާ ބަދިގޭގައި ހުރެފައި ނިކުތެވެ. “ކީކޭ ދަރިފުޅާ؟ އަވަހަށް އާދޭ ސައިބޯން.” ތިހާމާ ބުނެލިއެވެ. “މަންމާ! ވަރަށް ބޮޑަށް ސޮރީ އިނގޭ. ނެތޭ ސައިބޯން ހުރެވޭކަށް. ފަތިސްނަމާދު ކޮށްެގެން ފޯނު އެލާމްނުކޮށް އަރާމުގައި ނިދާލެވުނީ. ހޭލެވުނު އިރު ހަތްގަޑި ބައިވެ ބޮޑުވެއްޖެ.” ކިޔާން އަވަަސްއަވަހަށް ބުނެލަމުން ދޮރުކައިރިއަށް ގޮސް ބޫޓަށް އަރައިގެން ނިކުތެވެ. އެވަގުތު ތިހާމާވެސް ކިޔާންގެ ފަހަތުން ނިކުންނަމުން ބުނެލިއެވެ. “ދެން ދޯ ދަރިފުޅާ! އޮފީހަށް ގޮސް ކެންޓީނުން ވިޔަސް އެއްޗެއް ކާލާތި އިނގޭ!” ޖަވާބުގައި “ލައްބައޭ” ބުނެލަމުން އޭނާގެ ސައިކަލަށް އަރައިގެން އޮފީހަށް ދާން ދުއްވައިލިއެވެ.
“ދޮންބޭ! ދޮންބޭ! އަވަސްކޮށްބަ! ޝިއްކޮ ދާންޖެހެއޭ އެއިޓް ތާޓީއަށް.” ޝިޔާ ކޮޓަރިން ނިކުންނަމުން ގޮވިއެވެ. އެވަގުތު ސައިހަދަން ހުރި އާމިލާ ވެސް ހުރީ ދެލޯބޮޑުވެފައެވެ. ޝިޔާ ތައްޔާރުވެފައި ހުރިލެއް ފުރިހަމަކަމުންނެވެ. ޕްލަމް ކުލައިގެ އަބާޔާއެއްލައިގެން ހުރިއިރު މަޑު ފިޔާތޮށި ކުލައިގެ ޝޯލްއެއް އަޅާފައި ވާއިރު އެދޮން މޫނާ ނުހަނު ގުޅެއެވެ. އެއްވެސް މޭކަޕެއް ކޮށްފައި ނުވިޔަސް ޝިޔާގެ ރީތިކަން ފެނި ކޮންމެ މީހަކުވެސް ޝިޔާއަށް ހިތްކިޔާނެކަން ގައިމެވެ. އަދި ޝިޔާ އަށް ލިބިފައިވާ އެންމެ ޚާއްސަ ސިފައަކީ ޤުދުރަތުން ޝިޔާއަށް ދެއްވާފައިވާ އަޅި ކުލައިގެ ކަޅިއާއި ހީލާއިރު ދެކޮލަށް އެޅޭ އަޑިކޮޅެވެ. އެހިމަތޮޅި ހަށިގަނޑު އަބާޔާއިން ވަންހަނާ ކުރެވިފައި ވީނަމަވެސް ފުރިހަމަކަން އިންތިހާއެވެ.
“މާޝާ ﷲ! މަންމަގެ ދަރިފުޅު ހާދަ ރީއްޗޭ! ދެން އަވަހަށް އާދޭ ސައިބޯން. މަންމަ މިދަނީ ދޮންބެއަށް ގޮވަން.” އާމިލާ އެހެން ބުނުމުން ޝިޔާ ގޮސް ސައިބޯން އިށީނެވެ. ޝިޔާ ސައިބޯން ފެށިތަނާ ޝަޔާން ކޮޓަރިން ނިކުތުމުން އާމިލާއާއި ޝިޔާ އާއި ޝަޔާންގެ ބައްޕަ ޝަހީން ވެސް ސައިބޯން އައެވެ.
“މާޝާ ﷲ! ޝިއްކޮ، ޔޫ ލުކް ސޯ ބިއުޓިފުލް! ހަމަ ޔަޤީން ކޮންމެ ފިރިހެނެއްގެ ހިތްވެސް އަތުލާނެކަން ޝިއްކޮ ފެނިފަ!ހެހެ.” ޝަޔާން ދިމާކޮށްލުމުން ޝިޔާ ތުންދަމާލިއެވެ. އެމަންޒަރު ފެނުމުން ޝަހީން ވެސް ޝަޔާން އާއި އެއްބައިވެލިއެވެ.
” ދެން ދޮންބޭ، ދޮންބެވެސް ވަރަށް ހޭންޑްސަމް އޭ. މާޝާ ﷲ! ދޮންބެ ފެނިފަ އަންހެންކުދިން ހޭނެތިގެން ހުރިހާ ހޮސްޕިޓަލެއް ފުރޭނެ ކަންނޭނގެ. ހެހެހެ…” ޝިޔާ އެހެން ބުނުމުން އާމިލާވެސް ޝަޔާންގެ ފުރިހަމަކަށް ތައުރީފް ކޮށްލިއެވެ.
ނޫކުލައިގެ ގަމީހެއް ލާފައި ކަޅުކުލައިގެ ފަޓޫލޫނާއެކު ދަށަށް ޖަހާފައި ހުރިއިރު ޝަޔާން އާއި ވަރަށް ގުޅެއެވެ. ޝަޔާން އަކީވެސް ޝިޔާ ފަދައިން ދޮން ހަންގަނޑެއްގެ ވެރިއެކެވެ. ނަމަވެސް ޝަޔާން އަށް ލިބިފައި ވަނީ މަޑުމުށިކުލައިގެ ކަޅިއެކެވެ. ޝިޔާ ފަދައިން ކޮލަށް އަޑިކޮޅެއް ލިބިފައި ނެތަސް އަންހެންކުދިން މޮޔަކޮށްލާ ފަދަ ހިނިތުންވުމެއް ޝަޔާންއަށް ދެއްވާފައިވެއެވެ.
“ދެންވެސް ތި ދިމާނުކޮށް ސައިބޮއެބަލަ އަވަހަށް ދެމީހުން. ވަޒީފާގެ ފުރަތަމަ ދުވަހު ދެމީހުން ގަޑިޖެހުނީމަ ރީއްޗެއް ނުވާނެ. ހެހެހެ…” ޝަހީން އެހެން ބުނެލުމުން ޝިޔާ އާއި ޝަޔާން ވެސް އަވަހަށް ސައިބޮއެގެން މަގުމައްޗަށް ނިކުތެވެެ. މަގުގެ އެއްފަރާތެއްގައި ޕާކްކޮށްފައި ހުރި ޝަޔާންގެ ސައިކަލު ހިފައިގެން ޝަޔާން އައުމުން ޝިޔާ ސައިކަލަށް އެރިއެވެ. އެއާއެކު ޝަޔާން މިސްރާބުޖެހީ ހެޕީ ބީޓްސް ކްލިނިކާ ދިމާއަށެވެ.
2 Comments!
Comments are closed.

Wow. Varah rythi ingey.
When next part??
In my opinion there is no mistake in this story. The first episode is also soooooooooooo nice. And it will be in future episodes.
Good work.
Stay safe dear
❤️❤️?
Hiii Guys… this is my first story.. Ninni vrh ummeedhu kuran mibai kamudhaane kamah hurihaa kiyuntherinnah vx.. mi vaahakaige 2 vana bai maadhamaa Ninni upload kohllaanan. inshaa Allah…