ޕޯޝަން – 7
*******
ހަވީރުގެ ވަގުތެވެ. ޔޫވް އިނީ ވާހަކަ ފޮތެއް ނަގައިގެން އަނާގެ އެނދުމަތީގައެވެ. އަނާއަށް އޮތީ ނިދިފައި ނަމަވެސް ކަންބޮޑު ވާ ވަރުން ޔޫވްމެން މެންދުރު ކާންވެސް ބޭރަކަށް ނުދެއެވެ. ކާން ގެނައީވެސް ކޮޓަރި ތެރެއަށެވެ. ރަޖާއަޅައިފައި ޔޫލީ އާއި އެކު ބޭރަށް ހިނގައްޖެ ނަމަ ކޮންމެ ވަގުތެއްގައި ރީހާނާ ވަދެ ސުވާލުވެސް ކޮއްފާނެ ކަން ޔޫވްއަށް ވިސްނެއެވެ. ޔޫލީވެސް މެއެވެ.
މީހަކު ދޮރު ހުޅުވާލިހެން ހީވެގެން ޔޫވް ބޯހިއްލާ ބަލާލިއެވެ. އޭނަގެ ހިތް ތެޅިގަތީ ދޮރުގެ ތަޅުގައި ހިފައިގެން ހުރި ރިހާނާގެ މޫނު ފެނިފައެވެ.
ރީހާނާ އެންމެ ފުރަތަމަ ވެސް ބަލާލީ ޔޫވްއަށެވެ. ދެން ކުޑަދޮރަށް އަރައިގެން އިން ޔޫލީއަށެވެ. އޭގެ ފަހުގައި ރީހާނާގެ ނަޒަރު ޔޫލީ އިން ކަސިޔާރު ވެގެން ނިދާފައި އޮތް އަނާއަށް ހުއްޓުނެވެ. “އަނާއަށް ކިހިނެއްވީ؟ ކަމެއް ވެއްޖެ؟ ..” ހާސްވެފައި ރީހަނާއަށް ދޮރު ތަޅުން އަތް ދޫކޮއްލައި ދުވެފައި އާދެވުނެވެ؛ “ލޯންގް ސްޓޯރީ.. ” ޔޫވްގެ އަނގައިން ނުކުތީ ދެބަހުގެ ޖުމްލައެކެވެ.
ޤުދުރަތުގެ ރީތި ހިތްގައިމު މަންޒަރުތަކަށް ޔޫލީ ބަލައިގެން އިންއިރު ހިތާއި ސިކުނޑީގައި ވީ އެހެންކަމެކެވެ. ހިޔާލުގެ ކަނޑުގައި ޔޫލީ ގެބެމުން ދިޔައިރު ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލިހެން ޔޫލީއަށް ހީވިއެވެ. އަވަހަށް ބޯ އަނބުރާ ބަލާލިއެވެ.
“ދައްތަ؟؟ ..” ލިބިގެން ދިޔަ ސިހުމާއި އެކު ވެސް އަރައިގެން އިން ކުޑަދޮރުގެ އުސް ފާރުމަތިން ޔޫލީ ފުންމާލިއެވެ. އެވަގުތު ޔޫވްއަށް ހަޅޭއްލަވައިގަނެވުނެވެ. “ފިނޑި ކުއްޖަޔާ! ..” ލާނެތް ހިނިތުންވުމެއް ދިއްކޮއްލަމުން ޔޫވްއާ ޔޫލީ ދިމާކޮއްލިއެވެ. ޔޫވް ހައިރާންވެ އާޝޯޙުވިއެވެ. އޭނާ ހީކުރީ ބިންމަތީގައި ޖެހޭިއރު ޔޫލީގެ ކަށިތައް މުގުރި ފިސްފިސް ވާނޭކަމަށެވެ. ނަމަވެސް އޭނައަށް އެއްވެސް ކަމެއް ނުވެއެވެ. އުސްތަންތަނުން ފުންމުމަކީ ކުޑައިރުއްސުރެ ޔޫލީގެ އާދައެކެވެ.
“ދައްތައަށް އެނގެންޖެހެ ކަމެއް އެބައޮތް ..” ޔޫލީގެ އަޑުގައި މޮޅިވެރިކަން ހުއްޓެވެ. އެވަގުތު ޔޫލީގެ އަނގަ ބަންދު ކުރެވޭނެ ނަމަ ކޮންފަދަ ހެއްޔޭ ޔޫވްގެ ހިތަށް އެރިއެވެ. “ކޮންކަމެއް؟؟؟ ..” ރީހާނާއަށް އަހާލެވުނެވެ. ޔޫލީ އިސްޖަހާލިއެވެ. ފެށިގެން ނިމެން ދެން އަލިފުން ޔާއަށް ޔޫލީ އާއި ޔޫވްއާ ދެމީހުންވެގެން ކިޔައިދިނެވެ. ޔޫލީ ފެށުމުން ޔޫވްގެ ހިތްވެސް އެއްބާރުލުން ދޭން ބޭނުންވީއެވެ.
“ސުބުޙާނައްﷲ؟؟ ތިވަރުގެ ކަމެއް ހިނިގިއިރު ދުވާލުދާ ހަތަރު ދަމު ތިކުދިން ތިބީ މިތާ؟؟ ދައްތަގެ ގާތު ބުނަން ހިތަށް ވެސް ނާރުވަމެންނު؟..” ރީހާނާގެ ގާތަށް ކުޑަކޮށް ރުޅިއައެވެ. “މަޢާފްކުރައްވާ ދައްތާ! އަނާ އެދުނީމަ އަޅުގަނޑުމެން ނުބުނެ މިތިބީ… އަނާ ހޭއެރީމަ އަދަބެއް ދިނަސް އޯކޭ.” ޔޫވްގެ އަނގައިން ނުކުތެވެ. އިހަށް އަނާގެ ގާތުގައި މަޑުކޮއްލުމަށް ބުނެފައި ރީހާނާ ނުކުމެގެން ދިޔައެވެ.
“ދައްތަ އެހާ ރުޅިއެއް ނާދޭ ދޯ؟ ..” ޔޫލީ މަޑުމަޑުން ހިނގައިފައި ގޮސް އެނދުގައި އިށީނެވެ. “ޔެއަހް. ނަސީބެއް ..” ޔޫވް އަވަހަށް ގޮސް އޭނާ ކިޔަން އިން ފޮތް އަތަށް ނެގިއެވެ. އަދި އޭތި ހާވަން ފެށިއެވެ. ގަނޑުތައް އުކައި ޗެޕްޓަރތައް ހޯދިއިރު ޔޫލީ ބަލަން އިންކަމެއް އޭނައަކަށް ނޭނގެއެވެ.
“ކީއްވެ ތިފޮތް އެހާ ގިނައިން ތި ހޯދަނީ؟ ..” ފާޑަކަށް އުނދަގޫވެގެން އެންމެފަހުން ޔޫލީއަށް ބުނެވުނެވެ. އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ ޔޫވް އިނެވެ. ހަމަ އެ ފޮތް ހާވާށެވެ. އެއީ ވަރަށް ބޯ ފޮތެއް ކަން ޔޫލީއަށް ފާހަގަ ކުރެވުނެވެ. “ޔޫވް!! ..” ޔޫލީއަށް ގޮވާލެވުނެވެ.
“ޔެސް.. ޔޫލް ބަލާބަ..”. ދުވެފައި ޔޫލީގެ ގާތަށް ޔޫވް ދިޔައިރު ޔޫވްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. “ވަޓް؟ ..” ޔޫލީގެ ބޮލަށް އުނދަގޫވިއެވެ. “ބަލާބަ! މިއޮތީ އެ ޕޯޝަން!! ..” ޔޫވްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ޔޫވްގެ ރުޅިވެރިކަން ހިނދިގެން ދިޔަ ގޮތެއްވެސް ނޭނގުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


