“އަލްތާފް” “ކިހިނެތްވެފައި ތި އޮތީ؟” އަނަސް އައިސް އަލްތާފްގެ ކުރިމައްޗަށް އަރައި ހުއްޓުނެވެ.
“ކަމެއްނުވޭ” ގޮތަކަށް އަލްތާފް ބުނެލިއެވެ. އަނަސް އަލްތާފްގެ ކައިރީގައި އެ ޖޯލިފަތީގައި އިށީންނެވެ. ” އެހެންނުވާނެ. ވަރުދާ ހަނދާންކުރަނީދޯ؟” އަނަސް ބުނެލިއެވެ.
“ހާދަ ދުވަހެއްވެއްޖެޔޭ އޭނަ ނުފެންނަތާ” އަލްތާފް ބުނެލިއެވެ.
“އަހަރެން ހީކުރީ އެ ބައްދަލުވުމަށްފަހު ދެމީހުންގެ ދެމެދުގައި ގާތްގުޅުމެއް އެފެދޭނެކަމަށް. އޭނަ އެހައި ހަނދާންވަންޏާ އެގެޔަށް ދާންވީނު؟ އޭނަ ގޭގެ އެޑްރެސް އެނގޭތަ؟” އަނަސް އެހިއެވެ.
“ދެމީހުން ކޮންވާހަކައެއް ތި ދައްކަނީ؟ އަނަސް ގެޔަށް ވަދެނުލައި މިތާތަ އޮންނަނީ؟ ހިނގަގަ ސައިބޯން. ސައިނުބޮމެއްނު އަދި . ހިނގާ އަނަސްވެސް. ” އާމިނާ އައިސް ބުނެލިއެވެ.
“އަހަރެން ސައިބޯހިތެއް ނެތް” އަލްތާފް ބުނެލިއެވެ. ” އެކަމު އަހަރެން ސައިބޯނަން” އަނަސް ބުނެލިއެވެ. އަދި ސައިބޯން ދިޔައެވެ. އަނަސް ސައިބޯން އިންދައި އަލްތާފްވެސް އައެވެ. އަނަސް ހިނިތުންވިއެވެ. ހަގީގަތުގައި އަނަސް އެގޮތަށް ކަންތައްކުރީ އަނަސް އާއިއެކު އަލްތާފް ސައިބޯން އަންނާނެކަން އަނަސްއަށް އެނގޭތީއެވެ.
ހުކުރުނަމާދަށްދާން އެންމެންވެސް ވަރަށް ރީތިވެއެވެ. އަލްތާފްވެސް މާ ކުރަހައިފައި ހުރި ހުދުކުލައިގެ ގަމީހެއްލައިގެން ހުކުރަށް ދިޔައެވެ. މިސްކިތު ވަޅުން ވުލޫ ކުރިއެވެ. އެހެން މީހުންވެސް ވަޅުންނާއި އިސްކޫރުން ވުލޫ ކުރަމުން ގެންދިޔައެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނާއި މުސްކުޅިންނެވެ. މިސްކިތުތެރޭގައި ކުޑަކުދިންނާއި ބޮޑެތިމީހުން އަދި މުސްކުޅިން ޙަތިމްތައް ނަގައިގެން ކީރިތި ޤުރުޢާންގެ މޫރިތި އާޔަތްތައް ކިޔަވައެވެ. ބައެއްމީހުން އަޑުނީއްވައެވެ. ބައެއް މީހުން އަޑުއިއްވައެވެ.
ހުކުރު ނަމާދުން ފައިބައިގެން އަލްތާފް ގެޔަށް ދާން ހިނގައިގަތެވެ. އެހެން ދަނިކޮށް އަލްތާފްއަށް ވަރުދާ ފެނިއްޖެއެވެ. ވަރުދާއަށްވެސް އަލްތާފް ފެނުނެވެ.އަލްތާފްގެ ލޮލަށް ފިނިކަން ލިބުނެވެ.އުފާވިއެވެ. ވަރުދާ އަލްތާފްގެ ކައިރިޔަށް އައިސް ހުއްޓުނެވެ.
” އަލްތާފް” އެ ހިމަތޫލިއަޑުން ގޮވައިލުމުން އަލްތާފްއަށް ވީ ގޮތެއްވެސް ނޭނގުނެވެ. “ވަރުދާ” އަލްތާފްވެސް ގޮވައިލިއެވެ.
އަލްތާފް ވަރުދާ ނުފެންނާތީ ޝަކުވާ ކުރަން ބޭނުންވިއެވެ. އެކަމަކު ޝަކުވާ ކުރާނީ ކޮން ހައިސިއްޔަތަކުންހެއްޔެވެ؟ ވަރުދާއަކީ އަލްތާފްގެ ކާކުހެއްޔެވެ؟ ވަރުދާއާއި އަލްތާފްގެ ދެމެދުގައި ގުޅުމެއް އެބަވޭހެއްޔެވެ؟
“ސޮރީ އެއްކަލަ ދުވަހު އެގޮތަށް ދިޔައީމައި؟ ” ވަރުދާ މަޢާފަށް އެދުނެވެ. ” އިޓްސް އޯކޭ. އެދުވަހު ބުނި ހަނދާންވޭ ކައްކާ ވާހަކަ.” އަލްތާފް ބުނެލިއެވެ. ” އާނ އަހަރެން ވަރަށް މީރުކޮށް ކައްކަން. އަލްތާފް ވާނެ އެއްދުވަހަކުން އަހަރެންގެ ކެއުމެއް ރަހަބަލައިލަން” ވަރުދާ ބުނެލިއެވެ.
” އެއްދުވަހަކުން ކީއްވެ؟ މިއަދު ކިހިނެތްވީ؟” އަލްތާފް ބުނެލިއެވެ. ވަރުދާ އަލްތާފް ގޮވައިގެން ވަރުދާގެ ގެޔަށް ގެންދިޔައެވެ. އަލްތާފް އެގެޔަށް ބަލައިލިއެވެ. އެއީ ބޮޑު ގެޔެކެވެ.ފިޔާތޮށި ކުލައިގެ ދަވާދު ބޭރު ފާރުގައި ލައިފައި ވެއެވެ. ގެޔަށް ވަނުމުން ކުލަ ކުލައިގެ މާގަސްތައް ފެނުނެވެ. ކަނީރު މަލާއި އިރުދޭމަލާއި ޑެއިޒީއާއި މަލިކުރުވާ ގަހާއި ހުދުކުލައިގެ ފިނިފެންމަލާއި ފިޔާތޮށި ފިނިފެންމާވެސް ހައްދައިފައިވެއެވެ. މާމެލާމެލިގެ މީރުވަހުން ހިވަނީ ހިތްފުރި އުތުރިއަރާހެންނެވެ. މީރުވަސް ދުވާ އެތައް ސެންޓުތަކެއްގެ ވަސް ދުވާކަހަލައެވެ.އަދި ކުންނާރުގަހެއްވެސް އެގޭގައި އިނެވެ. މާބޮޑު ގަހެއްނޫނެވެ. އެކަމަކު ފުދޭވަރަކަށް ކުންނާރު އަޅައިފައި ހުއްޓެވެ. ދޮން ކުންނާރާއި ޅަކުންނާރެވެ. ބައެއް ކުންނާރު ބިންމައްޗަށް ވެރިފައި ހުއްޓެވެ. ޖޯލި އުނދޯޔެއް އެލުވައިފައި އިނެވެ.
ގޭތެރެޔަށް ވަދެއްޖައީމެވެ. ސިޓިންރޫމްގައިވެސް ފިޔާތޮށިކުލައިގެ ދަވާދުލައިފައެވެ. އަބަރޑީން ހުދު ސޯފާއެކެވެ. ބޮޑު ޓީވީއެކެވެ. ޓީވީގެ ރެކްމަތީގައި ބައެއް ތަސްވީރުތައް ހުއްޓެވެ. އެއް ފޮޓޯގައި އިނީ ހެވިފައި އިން ކުޑަ އަންހެންކުއްޖެކެވެ. އަނެއް ފޮޓޯގައި އެ ކުޑަ އަންހެން ކުއްޖާއާއިއެކު އެހެން ކުޑައަންހެންކުއްޖެއްހުއްޓެވެ. ދެކުދިން ހުރީ އެކަކު އަނެކެއްގެ ކޮނޑަށް އަތް ލައިގެންނެވެ. ހެވި ދިއްލިފައެވެ.
“މިއީ ވަރުދާއާއި ވަރުދާގެ ދައްތަތަ؟” އަލްތާފްއެހިއެވެ.
“އާނ އަޅެ ބުނެބަލަ ތި ތަނުން އަހަރެން ކޮބާ؟” ވަރުދާ އެހިއެވެ. އަލްތާފް ވަރުދާގެ ގައިގައި އަތްޖެއްސިއެވެ. ވަރުދާ ހައިރާންވިއެވެ.” ހާދަ މޮޅޭ” ވަރުދާއަށް ބުނެވުނެވެ.
” ކޮބާ މިހާރު ދައްތަ؟” އަލްތާފް އެހިއެވެ. ވަރުދާގެ ހިނިތުން ކެނޑުނެވެ. ކަނދުރާ ތިރިވިއެވެ. ” މާލެއަށް ދެވިގެން މާލޭ މީހަކާއި ހިތާވެވިގެން އޭނަޔާއި އިނދެގެން މާލޭގައި އުޅެނީ. އަހަރެމެން އެންމެން ދޫކޮށްލައިފައި މާލެދިޔައީ” ވަރުދާއަށް ގިސްލެވުނެވެ. “ސޮރީ ރަގަޅު ސުވާލެއް ނޫންދޯ މި އެހުނީ.” އަލްތާފް މައާފަށް އެދުނެވެ.
“ހިނގާ ކާން” ވަރުދާ ބުނެލިއެވެ. ވަރުދާ އަލްތާފް ގޮވައިގެން ކާކޮޓަރިޔަށް ދިޔައިރު ކާމޭޒުދޮށުގައި ވަރުދާގެ މަންމަ ނާހިދާ އާއި ބައްޕަ ޝިހާމް ކާން އިނެވެ. އެ ދެމީހުންވެސް ވަރުދާ އާއިއެކު ހުރި ފިރިހެންކުއްޖާއަށް ބަލައިލެވުނެވެ. ” ކޮން ކުއްޖެއް”ޝިހާމް އެހިއެވެ. ” ރައްޓެއްސެއް” ވަރުދާ ބުނެލިއެވެ. އަލްތާފް ކާން އިށީނދެއްޖެއެވެ. ކާން ހުރީ ތަރުކާރީބަތެވެ. ފިހެފައި ހުރި ކުކުޅެވެ. ތަރުކާރީ ބަތަކީ ދުވަހަކުވެސް އަލްތާފް ކޭ އެއްޗެއް ނޫނެވެ. ތަރުކާރީ ބަތް ކީއްކުރަންހެއްޔެވެ؟ ތަރުކާރީއެއްވެސް ނުކައެވެ. އަލްތާފް ހިތަށް އެރިއެވެ. ދެން ހަދާނީ ކިހިނެތްހެއްޔެވެ؟ މި ބަތް ކާންވީހެއްޔެވެ؟ ” ކިހިނެނެތްވެ ތިއިނީ؟ ” ވަރުދާގެ މަންމަ ނާހިދާ އެހިއެވެ. ” ކަމެއްނުވޭ” އަލްތާފް ބުނެލިއެވެ.
އަލްތާފް ތަށްޓެއް ނަގައި ބަތްއެޅިއެވެ. އަދި ކުކުޅު ފަޔަކާއި މަސްގަނޑެއްލިއެވެ. ވަރުދާ އަލްތާފްއަށް ކޯކުއަޅައިދިނެވެ.
“ކޮންނަމެއް ދަރިފުޅަށް ކިޔަނީ؟” ނާހިދާ އެހިއެވެ. ” އަލްތާފް” އަލްތާފް ހިނިތުންވެ ބުނެލިއެވެ. އަލްތާފް ސަމުސަލެއް ނަގައި ﷲގެ އިސްމުފުޅު ގަނެ ކާންފެށިއެވެ. އަލްތާފްއަށް އެބަތް ކާކަށް އެހައި ފަސޭހައެއްނުވިއެވެ. އަނގަޔަށް އެކި ވައްތަރުޖައްސައެވެ. ހީވަނީ ހިތިބޭހެއް އަރުތެރޭން ނުދިރިގެން އުޅޭހެންނެވެ. ވަރުދާގެ މަންމައާއި ބައްޕައަށާއި އަދި ވަރުދާއަށް ވެސް މިކަން ފާހަގަވިއެވެ. ނާހިދާ އާއި ޝިހާމް ކައިނިމިގެން ދިޔައިރުވެސް އަލްތާފް ކައެއްނުނިމެއެވެ. ކޮންމެފަހަރަކުވެސް ސަމުސަލުން ބަތްތަށްޓާއި ކުޅެލައިފައި އެތިކޮޅެއް އަނގަޔަށް ލައެވެ.
ވަރުދާ އަލްތާފްގެ އަތުގައިއޮތް ސަމުސާއަތުލިއެވެ.
” އަލްތާފްއަކަށް ކަމަކުނުދޭ ދޯ ތަރުކާރީ ބަތެއް؟ ކަމުނުދާ އެއްޗެއް ކީއްކުރަން ތިކަނީ؟” ވަރުދާ ހިތްހަމަނުޖެހުނެވެ.
އަލްތާފް އިންތަނުން ތެދުވިއެވެ. އަދި ވަރުދާއަށް ބަލައިލައިފައި ބުނެލިއެވެ. ” އަހަރެން ލޯބިވޭ ވަރުދާދެކެ”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

