ކާސިމް އާއި ޖާސިމް އަދި ރޭޑިޔޯ ޕްރެޒެންޓަރު
ކާސިމްއާއި ޖާސިމްއަކީ ދެބެއިންނެވެ. މިއީ ދެމޮޔައިންނެވެ.
މިދެމީހުން ދިރިއުޅެނީ ރަށާއި ދުރުހިސާބެއްގައި ވީރާނަވާން ކައިރިވެފައިވައި ފަނުން ހަދައިފައިހުރި ގެއެއްގައެވެ. ރަށުގެ މީހުން މިމީހުންނަކާއި އަޅައެއްނުލައެވެ. މިދެބެއިންގެ މައިންބަފައިންނެއް ދުނިޔެއަކުނެތެވެ. އެކުވެރިއެއްނެތެވެ. މިދެމީހުންގެ ހަމައެކަނީ އެކުވެރިއަކީ މިދެބެއިން ގެންގުޅޭ ކުޑަ
ރޭޑިޔޮލެވެ.ވަރަށް ގިނައިން ރޭޑިޔޯ އަޑުއަހަން ކާސިމް އާއި ޖާސިމްއިނދެއެވެ.
އެއްދުވަހަކު މިދެބެއިން ރޭޑިޔޯއަޑުއަހަން އިނދެފައި ކާސިމް އެބަބުނެއެވެ. ”އަހަރެން ހިތަށް އަރައި މިކަހަހަލަ ކުޑަ ރޭޑިޔޯއެއްތެރޭ ބޮޑެތިމީހުން އެއުޅެނީ ކިހިނެތްބާވައޭ”
”ކިހިނެތް އެނގެނީ ބޮޑެތިމީހުންކަމެއް އުޅެނީ” ”ވެދާނެއްނު ވަރަށް ކުޑަމީހުން އުޅެނީކަމަށް” ޖާސިމް ހީވާގޮތް ބުނެލިއެވެ. ޖާސިމްގެ އެވާހަކަ ކާސިމަށް ޤަބޫލުކުރެވުނެވެ.
”އެކަމަކު ނޭވާހާސްވެދާނެއްނު ” ކާސިމް ބުނެލިއެވެ.
”ނޭވާ ހާހެއްނުވާނެއްނު މިހުރީ ކުދި ލޯވަޅުތަކެއް ކަނޑައިފައި ނޭވާލާން” ޖާސިމް އެ ކުދިލޯވަޅުތަކަށް އިޝާރަތްކުރިއެވެ.
ދުވަސްތަކެއްފަހެވެ. އިސްދޫއަށް ރޭޑިޔޯ ޕްރެޒެންޓަރަކު އައެވެ.
އެއީ ވަރަށް މަޝްހޫރު މީހެކެވެ. އިސްކޮޅުން ދިގު ޒުވާނެކެވެ. ނަމަކީ ޤާދިރެވެ. އިސްދޫގެ ރައްޔިތުން ޤާދިރަށް ވަރަށް ހޫނުމަރުޙަބާއެއް ކިޔެވެ. ބޮޑެތި މީހުންނާއި ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން އަތިރިމައްޗަށް ޤާދިރު ދެކިލަން އައެވެ. ޤާދިރުގެ ކަރުގައި އަންހެނުންތަކެއް މާފަތިތަކެއް އެޅުވިއެވެ. އަނެއްބަޔަކު މާބޮނޑި ދިނެވެ. ކާސިމްއާއި ޖާސިމްވެސް އެމީހަކު ދެކިލުމަށް އައެވެ. އެދެބެއިން ދުރުގައި ޤާދިރަށް ބަލަހައްޓައިގެން ހުއްޓެވެ.ޤާދިރަށް މި ދެމީހުން ފެނުމުން އަތުގެ އިޝާރަތުން ކައިރިއަށް އައުމަށް އެންގިއެވެ. އެ ދެބެއިން ޤާދިރު ކައިރިޔަށް ދިޔައެވެ.
”ބޭބެމެންގެ ނަމަކީ ކޮބާ” ޤާދިރު އެހިއެވެ. ކާސިމް އާއި ޖާސިމް ތަޢާރަފްވެލިއެވެ. ”ސުވާލެއްކުރަންތަ” ”ކިހިނެތް ތިހައި ދިގު މީހެއް ރޭޑިޔޯތެރޭ އުޅެނީ” ޖާސިމް އެހިއެވެ.
”ކީކޭ” ޤާދިރަކަށް ޖާސިމް ބުނިއެއްޗެއް ނުވިސްނުނެވެ.
”އެ މީހުން ދައްކައި ވާހަކަޔާއި އަޅާނުލާ” ” އެއީ ދެމޮޔައިން”
ވާހަކަދެއްކީ އެތާ ހުރި އަންހެނެކެވެ. ”ޙަބަރުދާރު އަހަރެމެންނާއި ދިމައަށް މޮޔައިންނޭ ނުބުނާތި” އަހަރެމެންނަކީ މޮޔައިންނެއް ނޫން” ޖާސިމް އެ އަންހެންމީހާއާއި ދިމައަށް ޝަހާދަތް އިނގިލި މަޅައިލިއެވެ. ޤާދިރު ޖާސިމްގާތު ރުޅިމަޑުކުރުމަށް އެދުނެވެ. ޖާސިމް ރުޅު މަޑުކުރިއެވެ.
” ބޭބޭ” ބޭބެ ތި އެހީ ކީކޭތަ” ޤާދިރުއެހިއެވެ. ”ތިހައި ދިގު މީހަކު ރޭޑިޔޯއެއްގެ އެތެރޭގައި ތި އުޅެނީ ކިހިނެތްހޭ” ޖާސިމް އޭނަގެ ސުވާލު ތަކުރާރުކުރިއެވެ. ”ހަމަ ގައިމުވެސް ރޭޑިޔޯއެއްގެ އެތެރެއަށް ވަދެވޭހައި ހެޔޮވަރެއްނުވާނެ ކޮއްކޮއެއް” ކާސިމް ބުނެލިއެވެ” ”ބޭބެއިންނޭ އަހަރެމެން ރޭޑިޔޯ ޕްރެޒެންޓަރުންނަކީ ރޭޑިޔޯތަކުގެ އެތެރޭ އުޅޭބައެއް ނޫން”
”އަހަރެމެން ރޭޑިޔޯ ޕްރޮގްރާމްތައް ހުށަހަޅަނީ މާލޭގައި ހުންނަ ދިވެހިރާއްޖޭގެ އަޑު ކިޔާތަނެއްގައި” ” ރޭޑިޔޯ ހުޅުވައިލުމުން ޕްރޮގްރާމްތައް އަޑުއިވެނީ” ޤާދިރު ކިޔައިދިނެވެ.
ޤާދިރުއާއި ކާސިމްއާއި ޖާސިމް ވަރަށް ގާތް ތިން އެކުވެރިންނަށް ވިއެވެ. ޤާދިރު ކާސިމްއާއި ޖާސިމްގެ ގެއިން ސައިބުޔެވެ. ވަރަށް ވާހަކަދެއްކިއެވެ. ޤާދިރު އެ ދެބެއިންގެ ގޭގެ ޙާލަތު ފެނިފައި ވަރަށް ދެރަވިއެވެ. އަދި މާލެއިން ރަގަޅު ގެދޮރު އެމީހުނަށް ހޯދައިދޭނެކަމަށް ބުނެ ވަޢުދުވިއެވެ. އަދި ރަށުގެ މީހުން އެ ދެމީހުންނާއި އަޅައިނުލައިކަން އެނގުމުންވެސް ޤާދިރަށް ވަރަށް އަސަރުކުރިއެވެ. އަދި އެފަދަމީހުންނަށް އަޅައިލަންވާނެކަމަށް ރަށުގެ ރައްޔިތުންނަށް އެންގިއެވެ.
ނިމުނީ

