މި ހިތަކުން ނުފިލާނޭ ކަލާ!
ފެށުނީއްސުރެ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަކީ ނާޒިލްގެ އާދައެކެވެ. އޭނާ އެކަން ކުރަނީ ވަކި މޫސުމަކާ ގުޅުވައިގެނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އެއްބައެވެ. އާދައިގެމަތިން ފަތިސް ނަމާދަށްފަހު، ދުވަން ތައްޔާރުވެގެން ނާޒިލް ނިކުތީ މާލެ ވަށައިގެން ބުރެއް ޖަހާލުމަށެވެ. ދުވަމުން ގޮސް ދަރުބާރުގެއާ އަރާ ހަމަވިތަނާ މީހަކު ގޮވާހެން ހީވެގެން ފަހަތް ބަލާލިއެވެ.
“އަނހަ.. އެޑަމް.. ހާދަ ދުވަހެއް ކޮށްފައޭ މިދިމާވީ ދޯ..”
ދުވެފައި އައިސް ނާޒިލްއާ އަރާ ހަމަކުރި އެޑަމްއަށް ނާޒިލް ޖަވާބުދިނެވެ.
އެޑަމްއަކީ ނާޒިލްގެ ޒަމާންވީ ރަހުމަތްތެރިއެކެވެ. ނަމަވެސް ދިމާނުވާތާ އަހަރުތަކެއް ވަނީ ވެފައެވެ. ދުވެ ނިންމާލުމަށްފަހު، މިރޭ ކޮފީއަކަށް ދައުވަތުދެމުން ދެ މީހުން ވަކިވެލިއެވެ.
***************
“ކިހިނެއްވަނީ ދިރިއުޅުން؟ ނާޒިލް ފަހުން ހަބަރެއްވެސް ނުވޭ ވިއްޔާ.. އެހެންވެ ފަހުން ގުޅާލަންވެސް ނުކެރުނީ.. ކިހިނެއް ލޫޔާ؟ މިހާރު ކިތައް ދަރިން އެބަތިބިތަ؟”
އެޑަމް އެއްފަހަރާ އެތައް ސުވާލުތަކެއް ކުރިއެވެ.
“ލޫޔާ ރަނގަޅު..”
ނާޒިލް ކުރު ގޮތަކަށް ދިރިއުޅުން ކިޔާލަދިނެވެ.
އެޑަމްއަށް އެމެޖެންސީ ކަމެއްގައި އޮފީހަށް ދާންޖެހުމުން އަދި ބައްދަލުވާނެ ކަމަށް ބުނަމުން ވަކިވެލިއެވެ. އެޑަމަކީ ނާޒިލްގެ ބެޗް މޭޓެކެވެ. އެޑަމް އުޅެނީ ދާލުއަތޮޅުގައެވެ. މިވަގުތު މާލެ އައިސް އުޅެނީ އޮފީސް ކަމެއްގައެވެ.
އެޑަމް ދިއުމުން ނާޒިލް އެއިންގޮތަށް ކޮފީމޭޒު ދޮށުގައި ފުން ހިޔާލަކަށް ގެއްލިފައި އިނެވެ. ސިނގެރެޓަކަށްފަހު ސިނގެރެޓެއް ބޮއެ ހުސްކުރަމުންދިޔައެވެ.
ހަޔާތުގެ ދުރުމިން ކުލަވަމުން ދިޔައީ މީގެ އަހަރުތަކެއްކުރީގެ ފޮނި ހަނދާންތަކެކެވެ.
*************
ނާޒިލަކީ އާއިލާގެ ހަ ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާއެވެ. ހުރި ހަމައެކަނި ފިރިހެން ކުއްޖާވެސް މެއެވެ. ރަށުން އޯލެވެލް ނިންމާލުމަށްފަހު މާލެ އައީ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހެދުމުގެ އުންމީދުގައެވެ.
އުޅެ ބޮޑުވި ރަށާއި ލޯބިވާ އާއިލާއާއި އެކުވެރިން ދޫކޮށްފައެވެ. ރަށްފުށުގެ ހިތްގައިމު ދޮންވެލި ތުނޑިތަކާއި ރީތި ސާފު މޫދުތަކުގައި ކޮންމެ ދުވަހަކު އެތައް ވަގުތެއް ހޭދަކުރުމަށް ފަހު، މާލޭގެ ހަލަބޮލި މާހައުލަށް ހޭނެން ކުޑަ ދުވަސްކޮޅެއް ނެގިއެވެ.
މާލެ އައިސް ހުންނަން ހަމަޖެހުނީ އޭނާގެ ބައްޕަގެ ރަށްޓެއްސެއްގެ ގޭގައެވެ. އެ ގޭގައި އުޅެނީ ބައްޕަގެ އެކުވެރި މުހައްމަދުބޭގެ އިތުރުން އޭނާގެ ހުރި ހަމައެކަނި އަންހެންދަރި ލޫޔާ އާއި ލޫޔާގެ ދެ ދަރިންނެވެ. ޅަ އުމުރުގައި ކުރެވުނު ނާކާމިޔާބު ކައިވެންޏަށް ފަހު، ލިބިފައި ތިބި ދެ ދަރިންނާއެކު ލޫޔާ މިހާރު އުޅެމުން ދަނީ އެކަނިވެރި ދިރިއުޅުމެކެވެ.
ގެއަށް ބަލައިލީމާ އެއީ ކުރީގެ މުސްކުޅި ގެ ކަން ވަރަށް ރީއްޗަށް ފެންނަން ހުއްޓެވެ. މިހާރު އެކަހަލަ ގެއެއް މާލެއިން ފެންނާނީ ވަރަށް ވެސް، މަދުންނެވެ. ގޯތިތެރޭގައި ފުދޭވަރެއްގެ ހުސް ޖާގައެއް އޮވެއެވެ. ވަށައިގެން ތަފާތު ވައްތަރުގެ ގަސްތައް އިންދާފައި ވާއިރު މެދުގައި ހުރީ ބޮޑު އަނބު ގަހެކެވެ. އަނބު ގަހުގައި ކުޑަ ދެ އުނދޯލި އެލުވާފައި ވެއެވެ. އޭގެ އިތުރުން އެއްފަރާތުގައި ތިންޖޯލި ހިމެނޭ ޖޯލި ފައްޗެއް ހުއްޓެވެ. ރީތިކޮށް ކުނި ކަހައި ސާފުކޮށްފައި ހުރުމުގެ ސަބަބުން ވަރަށް ފަރުވާތެރިކަމާއެކު ބަލަހައްޓާ ތަނެއްކަން ހާމަވެއެވެ.
ދޮރާށި ހުޅުވާލާފައި ވަދެގެން އެތެރެއަށް ދިޔަ އިރު ނާޒިލްގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނީ ގޯތިތެރެއިން ފެންނަން ހުރި ފެހިކަމާއި އާރޯ ކަމުންނެވެ. ވަށައިގެންވާ މާހައުލަށް ނަޒަރު ހިންގާލުމަށްފަހު، ނާޒިލް ހިނގައިގަތީ މުހައްމަދުބޭގެ ފަހަތުންނެވެ. ހިމަ ގޯޅި ގަނޑެއްގެ ތެރެއިން އެތެރެއަށް ވަދެގެން ގޮސް، އެންމެ އުތުރަށް ހުރި ކޮޓަރި ހުޅުވާލުމަށްފަހު، މުހައްމަދުބޭ އަތުގައި ހުރި ނާޒިލްގެ ފޮއްޓާއި ދަބަސް ދޮރުމަތީގައި ބެހެއްޓިއެވެ.
“މީ ނާޒިލްގެ ކޮޓަރި.. ފެންވަރާލައިގެން އާދޭ އެއްޗެއް ކާން.. ބޭބެ މިދަނީ އެފަރާތު ޖޯއްޔަށް”
ނާޒިލްގެ ބުރަކަށީގައި ޖަހާލުމަށްފަހު، ކޮޓަރީގެ ތަޅުދަނޑި ނާޒިލްގެ އަތުތެރެއަށް ލައިދިނެވެ.
ނާޒިލް ކޮޓަރި ތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު، އެ ކުޑަ ކޮޓަރިތެރެއަށް ވަށައިގެން ބަލައިލިއެވެ. ކޮޓަރީގެ އެއްފަރާތުގައި އެކަކަށް ނިދޭވަރުގެ އެނދެއް ހުރި އިރު ކޮޓަރީގެ މެދެއްހާ ހިސާބު އެއްފަރާތުގައި ކުޑަ އަލަމާރިއެއް ހުއްޓެވެ. އަލަމާރިއާ ޖެހިގެން ފާހާނާއަށް ވަންނަ ދޮރު ހުއްޓެވެ. އެނދުގެ އަނެއް ކޮޅުގައި ކުޑަމޭޒަކާއި ގޮނޑިއެއް ބެހެއްޓިފައި ވެއެވެ.. އެ ކުޑަ މޭޒުމަތީގައި ފެން ޖަގަކާއި މަތި ޖަހާލެވިފައިވާ ބިއްލޫރި ތައްޓެއް ހުރި އިރު ފާރުގައި ހަރު ކޮށްލާފައިވާ ފަންކާގެ އިތުރުން އެތާނގައި އިތުރުއެއްވެސް އެއްޗެއް ނެތެވެ. ކުޑަ މޭޒާ ޖެހިގެން ހުރި ކުޑަދޮރުގައި ހުރީ ލުއްވަ ލައްވާފައެވެ. ފޮށީގައި ހުރި ތަކެތި ނަގައި އަލަމާރިއަށް ލުމަށްފަހު، އެނދު ދަށަށް ހުސް ފޮށި ލިއެވެ. އަދި ފެންވަރައި ތާޒާވެލައިގެން ބޭރަށް ނިކުމެލީ ވެފައިވާ، ވަރުބައްޔަށްވުރެ ބަނޑުހައިކަން އިތުރު ވުމުންނެވެ.
“ކޮބާ.. ކޮޓަރި ރަނގަޅުތަ؟؟”
ނާޒިލް ފެނުމުން މުހައްމަދުބެ ތެދުވެގެން ނާޒިލްއާ ދިމާއަށް ހިނގައިގަންނަމުން ސުވާލު ކުރިއެވެ.
“އާނ..”
ނާޒިލް މާ ގިނަ ވާހަކައެއް ނުދައްކަމެވެ.
އޭނާ މުހައްމަދުބެއާއެކު ބަދިގެއަށް ދިޔައެވެ. ބަދިގެއަށް ބޭނުންކުރާ ތަނަކީ ކޮޓަރި ބަރީގެ އެންމެ ފުރަތަމަ ޖެހޭ ކޮޓަރިއެވެ. އެތަންވެސް، ކުޑަވެފައި ސާފު ޠާހިރެވެ. ކައި ނިންމާލުމަށްފަހު، ކޮޓަރިއަށް ވަދެ އެނދުގައި ޖައްސާލިތަނާ ނާޒިލަށް ނިދިއްޖެއެވެ.
ނިދިން ހޭލެވުނީ ބޭރުތެރެއިން ބަޔަކު ސަކަރާތް ޖަހާ އަޑަށެވެ. ލޯ ހުޅުވާލުމަށްފަހު، ބޭރުން އިވޭ އަޑުތަކަށް ކަންފަތް ސަމާލު ކޮށްލިއެވެ. އަޑު އަންނަނީ ސީދާ ކޮޓަރީގެ ދޮރުމަތިންކަން އެނގެނީ އަޑު އަންނަލެއް ސާފުކަމުންނެވެ. އިރުކޮޅެއް ފަހުން އެ އަޑު ދުރުވަމުން ވަމުން ގޮސް، އެއްކޮށް އަޑު ކެނޑުމުން ނާޒިލް ތެދުވެ ފާހާނާއަށް ވަދެލުމަށްފަހު، ކުޑަކޮށް ތާޒާވެލައިގެން ބޭރަށް ނިކުމެލިއެވެ. ބޭރަށް ނިކުތްއިރު ޖެހިގެން ހުރި ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުގެ ސަބަބުން ކޮޓަރިތެރެ ފެންނާން ހުއްޓެވެ. އެހެންނަމަވެސް، އެތެރެއިން މީހަކު ފެންނާކަށް ނެތެވެ. އިތުރަށް އެ ދިމާލަށް ބެލުމެއް ނެތި، އޭނާ ދިޔައީ ޖޯލިފައްޗާ ދިމާލަށެވެ. އޭރު އެތާނގައި ކުޑަ ދެ ކުދިންނާއި މުހައްމަދުބެއާ ތިއްބެވެ. މުހައްމަދުބެ އިނީ އެ ދެ ކުދިންނަށް ވާހަކަ ކިޔައިދޭށެވެ. އެ ދެ ކުދިން ފެނުމުން އެއީ މުހައްމަދުބޭގެ ކާފަ ދަރިންކަން ދެނެގަނެވުނެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ތަނަށް ވެރިވެފައިވަނީ ތެތް ފިނިކަމެކެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅި ތަކުން ގަސްތަކުގެ ފަތްތައް ހެލިލާ އިރު ހީވަނީ ރީތި މިއުޒިކަކާ އެއްވަރަށް ހަރަކާތް ކޮށްލާހެންނެވެ. ނާޒިލްގޮސް ޖޯލި ކައިރީގައި ހުރި ގޮނޑިއެއްގައި އިށީނުމުން މިރޭ ކެއުމަށް ފަހު، ބޭރަށް ގޮސްލަން ވާނެއޭ ބުނެލުމަށްފަހު، އިތުރު އެއްޗެއް ނުބުނެ އޭނާ މަސްއޫލުވީ ކާފަ ދަރިންނާއެކު މަޖާކުރުމުގައެވެ. ނާޒިލްވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލަމުން ދޮރާށި ހުޅުވާލުމަށްފަހު، މަގުމައްޗަށް ނިކުމެލިއެވެ. މާލޭގެ އެ ކާރޫބާރޫ މަގުމަށްޗަށް ނަޒަރު ހިންގާލުމަށްފަހު، ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއަށްފަހު، އޭނާ އެތެރެއަށް ހިނގައިގަތީ މަންމަ ފޯނު ކުރުމުންނެވެ. ފޯނުގައި ހުރެ ކޮޓަރިއާ ދިމާލަށް މިސްރާބު ޖެހިއެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ނާޒިލް ހުއްޓުން އެރީ ކޮޓަރިއަށް ދާން އޮންނަ ގޯޅިގަނޑުގެ ތެރޭގައި އެއްފަރާތުގައި ހުރި ކުޑަ ގޮނޑިއެއްގައި އިން އަންހެން ކުއްޖެއް ފެނުމުންނެވެ. ފެންނަފެނުމަށް ވަރަށް ބޮޑު ފިކުރެއްގައި އިންހެން ހީވެއެވެ. ރޯކޮށްފައި ވާ ސިނގިރެޓެއް އެއް އަތުން ހިފަހައްޓާލައިގެން، އިސްދަށަށް ޖަހާލައިގެން އިން އެ ކުއްޖާ ފެންނަފެނުމަށް ހީވަނީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުހެންނެވެ. ކުޑަކޮށް ހުއްޓުން އެރި ނަމަވެސް، ދެ ފަޔަށް ބާރުލުމަށްފަހު، ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. ކުޑައިރުންސުރެ ސިފައިންގެ މީހަކަށް ވުމުގެ ހުވަފެނުގައި ނާޒިލް ހުރީ އެކަމަށް ތައްޔާރުވެގެންނެވެ. އެހެން ނަމަވެސް، އަދި އަށާރަ އަހަރު ފުރެން ދެތިންމަސް އޮތުމާއެކު، މި ދުވަސްކޮޅު ގޭގައި ކަމެއްނެތިފައި ހުންނަން ވުމުން މުހައްމަދުބެ ކައިރީގައި ބުނެގެން އޭނާގެ ރަށްޓެއްސެއްގެ ފިހާރައިން ނާޒިލް ވަޒީފާއެއް ހޯދިއެވެ.
އާދައިގެ މަތިން ރެއެކެވެ. ނާޒިލް ފިހާރަ ނިންމާފައި ގެއަށް ދިޔަވަގުތެވެ. އާންމުކޮށް ގޯޅިގަނޑު ތެރޭގައި ސިނގެރެޓުބޯން އެ ގަޑީގައި އިންނަ ލޫޔާ އެރޭ ފެންނާކަށް ނެތެވެ. ނާޒިލް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ކޮޓަރީގެ ތަޅު ހުޅުވަން ތަޅުދަނޑި ލައްވާލި ވަގުތު ނާޒިލަށް ހުއްޓުން އެރީ، ލޫޔާގެ ކޮޓަރީގެ ތެރެއިން އިވުނު ބާރު އަޑަކުންނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލުމަށް ފަހު، ލޫޔާގެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖަހައިލިއެވެ. ނާޒިލްގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ހަދާނެ ގޮތެއް ނާޒިލްގެ އެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. އިރުއިރުކޮޅާ ލޫޔާގެ ރުއިމުގެ އަޑު އިވެއެވެ. ބައެއްފަހަރު ތަންކޮޅެއް ބާރަށެވެ. އެހެނަސް، ދެން އެތާނގައި އެއުޅެނީ ކާކުކަމެއް ދެނެ ގަންނާކަށް ނޭނގުނެވެ. ލޫޔާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަފްއާލްގެ އަޑާވެސް ވައްތަރެވެ. އެހެންނަމަވެސް، ލޫޔާ ރޯންވީ ކީއްވެބާއޭ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ސަބަބަކީ އެ ދެމީހުން އުޅެނީ ނުލާހިކު ލޯބިންކަމަށް ވާތީއެވެ. ނާޒިލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިވަގުތު ލޫޔާގެ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. އެވަގުތު ލޫއްވަގަނޑު ކުޑަކޮށް ހުޅުވާލުމަށްފަހު، ނާޒިލް ބޭރު ބަލައިލިއެވެ. ކުއްލިއަކަށް ފަހަތަށް ޖެހެވުނީ ފެނުނު މަންޒަރަކުންނެވެ. އެ މަންޒަރު ބަލަން އޭނާގެ ދެ ލޯ ނުކުޅެދުމުންނެވެ.
ކޮޓަރި ހުޅުވާލާފައި ނިކުތީ ދެ ފިރިހެނުންނެވެ. އެކަކީ އަފްއާލްއެވެ. ދެންހުރީ ހަމަ އެ އުމުރުގެ ޒުވާނެކެވެ. އެ ޒުވާނާ ކޮޓަރިން ނިކުތީ ގަމީހުގެ ގޮށްތައް އަޅުވަމުންނެވެ. އަފްއާލުގެ ފަހަތުން ލޫޔާ އޭނަގެ ޓީޝާޓްގައި ހިފާ ދަމަމުން ކޮންމެވެސް އެއްޗެއް ކިޔަމުން ދިޔައެވެ. އޭރު ލޫޔާގެ އުނަގަނޑުގައި އޮޅާލާފައި ވާ ތުވާލި ފިޔަވައި އިތުރު ފޭރާމެއް އެ ހަށިގަނޑުގައި ނެތެވެ. އަފްއާލު ރުޅިއައިސްގެން ލޫޔާ ފޮޅުވާލުމަށްފަހު، ކޮންމެވެސް ފަތިވަރެއް އަމުނާލާފައި ކައިރީގައި ހުރި ޒުވާނާއާ ދެމީހުން ނިކުމެގެން ދިޔައެވެ. އޭރުވެސް ލޫޔާ ރޯ އަޑު އިވެއެވެ.
ނާޒިލް ހުރި ފިޔަވަޅު މަތީގައި ގަބުވެފައި ހުރެވުނެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ލޫޔާގެ ކޮޓަރީގެ ދޮރު ބަންލާފައި ޖެހި އަޑަށެވެ.
ފެނުނު މަންޒަރާއި ހިނގައި ދިޔަ ކަންތައްތަކާ މެދ، ތަފާތު ސުވާލުތަކެއް ނާޒިލްގެ ހިތުގައި އުފެދުނެވެ. އެކަމާ ބެހޭ ގޮތުން ލޫޔާއާ ސުވާލު ކުރަންވެސް، އޭނާ ހިތަށް އެރިއެވެ. ލޫޔާގެ ދިރިއުޅުމުގައި ދިމާވާ ގިނަ ކަންތައްތައް ނާޒިލްއާ ހިއްސާ ކުރެއެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް ލޫޔާއަށް އަންނަމުންދާ ބަދަލާމެދު އޭނާއަށް ފުރަތަމަ ފަހަރަށް ވިސްނާލެވުނެވެ. ބޯ އަނބުރައި ވަރުބަލިކުރާ ވާހަކަ ވަރަށް ގިނައިން ދައްކައެވެ. އެހެންނަމަވެސް، އެވަނީ ކީއްކަން ދެނެގަންނާކަށް އޭނާގެ ޅަ ސިކުނޑިއަކަށް ނޭނގުނެވެ.
ބައިގަޑިއެއްހާއިރު ފަހުން ނާޒިލް ބޭރަށް ނިކުތެވެ. ލޫޔާގެ ކޮޓަރީގައި ދެފަހަރަކު ޓަކި ދިނުމުންވެސް، ހަބަރެއް ނުވިއެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވާން ފެށިއެވެ. ބަދިގެއަށް ވަދެ އައިސް އަލަމާރިން ފެންފުޅިއެއް ނަގައިގެން މޭޒު ކައިރީގައި އިށީނދެލިއެވެ. ވަރަށް ބޮޑުކަމެއް ގޯސްވެއްޖެއޭ އޭނާގެ ހިތް ބުނަމުން ދިޔައީ ފެނުނު މަންޒަރު އަދިވެސް ސިފަވަމުން ދާތީއެވެ. އައިސް ފެން ފޮދަކުން ކަރުތެރެ ތެންމާލުމަށްފަހު، ލޫޔާގެ ފޯނަށް ގުޅާލިއެވެ. ހީކުރި ގޮތާ ހިލާފަށް ލޫޔާ ފޯނު ނެގިއެވެ.
“ނާޒިލް.. ގޭޓު ތަޅުލައިދީބަލަ..”
އެ އަޑުގައި ވަނީ ވޭނީ ރިހުމެއް އެކުލެވިފައެވެ.
ނާޒިލްގެ ދެފަޔަށް ލެވުނުހާ ބާރެއްލާފައި ގޮސް ގޭޓު ތަޅުލިއެވެ.
“ކައިފިންތަ..؟؟ ލޫޔާ ކީއްވެ ތިރޮނީ..؟”
ނާޒިލް، ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ އަނެއްކާވެސް ލޫޔާގެ ކޮޓަރީގެ ދޮރުގައި ޖަހާލީމެވެ.
ލޫޔާ ކުޑަކޮށް ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނުމަށް އަތުން އިޝާރާތް ކޮށްލިއެވެ. އޭރު ލޫޔާ އޭނާގެ ބަނޑުގައި ދެއަތުން ހިފަހަށްޓާލައިގެން އޮތީ ގުދަށެވެ. އަތުލަފި ކޮށްގެން ލޫޔާ ގެންގޮސް އެނދުމަތީގައި ބޭންދުމަށްފަހު ވެގެން އުޅޭގޮތް އޮޅުން ފިލުވަން ނާޒިލް މަސައްކަތް ކުރިއެވެ. ލޫޔާ ނާޒިލްގެ ގައިގައި ލެނގިގެން އިނދެ ރޮމުން ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައެވެ. ނާޒިލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ލޫޔާ ހަމައަކަށް އަޅުވަން އޭނާ ވަރަށް މަސައްކަތް ކުރިއެވެ.
އެރެއަށްފަހު، ލޫޔާގެ އުޅުމަށް ތަފާތު ބަދަލުތަކެއް އަންނަން ފެށިއެވެ. ލޫޔާ ހޯދަން އެ އަންނަ ފިރިހެނުންތައް ވެސް، ފަހަކުން ނުފެނެއެވެ. އަދި ނާޒިލާއި ލޫޔާއާ ދެމެދުގައިވާ ގުޅުންވެސް ދުވަހެއް ދުވަހެއް ދިޔައީ ބަދަހި ވަމުންނެވެ. ނޭނގި ނަމަވެސް، ދެ މީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވިއްޖެއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. ނާޒިލަށް ސިފައިންގެ ވަޒީފާ ހަމަޖެހި ޓްރެއިނިންގަށް ފުރަން ޖެހޭ ވަގުތު ކުޑަތަން ވަނީއެވެ. ދުވަސް ކޮޅަކަށް ވަކިވާން ޖެހޭތީ ދެ މީހުންވެސް، ތިބީ ވަރަށް ދެރަވެފައެވެ. އެހެން ނަމަވެސް، ސިފައިންގެ މީހަކަށް ވުމުގެ ހުވަފެން ހަޤީޤަތަކަށް ވުމުން، ނާޒިލް އެކަމާ އުފާކުރިއެވެ. ނާޒިލްގެ އުފަލުގައި ލޫޔާވެސް ބައިވެރިވިއެވެ. ޓްރެއިނިންގ ނިންމާފައި އަންނަ ގޮތަށް ކައިވެނި ކުރަން ދެ މީހުންވެސް ރޭވިއެވެ.
ނާޒިލްގެ އާއިލާ އެކަމާ ވަރަށް ދެކޮޅެވެ. ސަބަބަކީ ލޫޔާގެ އުޅުމެވެ. ކުރީގެ ކައިވެނީގެ ކުރިންނާއި ފަހުންވެސް ލޫޔާ ދިޔައީ އެކި ފިރިހެނުންނާ ނަހަމަ ގޮތުގައި ގުޅުންތައް ހިންގަމުންނެވެ. އެއްފަހަރާ އެކަކަށް ވުރެ ގިނަ ފިރިހެނުންނާ އެކު ގުޅުން ހިންގުމަކީ ލޫޔާގެ އާންމު ކަމެކެވެ. މަސްތުވާ ތަކެތި ބޭނުން ނުކުރިޔަސް އެވަރަށް ސިނގެރެޓް ބޮއެވެ. ރަނގަޅު އުޅުމެއް ނުހުރެއެވެ. އެތައްފަހަރަކު ނަހަލާލަށް ބަނޑު ބޮޑުވެ ބަނޑުގައިވާ އުފަންނުވާ ދަރިފުޅުވެސް، ވަނީ ވައްޓާލާފައެވެ.
ނާޒިލާއި ލޫޔާއާ ހާއްސަ ގުޅުމެއް އުފެދެން ފެށީވެސް، އޭގެ ތެރެއިން ރެއެއްގައެވެ. ލޫޔާ ބުނި ގޮތުން އޭރު ލޫޔާ އިނީ އަފްއާލުގެ ދަރިއަކަށް ބަލިވެއެވެ. އަފްއާލާއި ލޫޔާ ބޭނުންވި ގޮތަށް ބޭހެއް ބޭނުންކޮށް އެކަމުން ސަލާމަތްވި ރެއެވެ. އޭނާގެ ހަށިގަނޑުގައި އެރޭ އެޅީ އެ ވޭނެވެ.
ލޫޔާ ބުނިގޮތުން އެނގުނީ އަފްއާލު އޭނާގެ އެހެން ރަށްޓެހިންނަށް ވެސް، ލޫޔާގެ ހަށިގަނޑު ވިއްކައިގެން ލާރި ހޯދާކަމެވެ. އެކަން ކުރީ ލޫޔާގެވެސް ރުހުމާ އެކުގައެވެ. ލިބޭ ލާރި ދެބަޔަށް ހަމައަށް ބަހަނީއެވެ.
މާޒީގައި ކޮންމެ ގޮތަކަށް ކަންތައްވިޔަސް މިހާރު ލޫޔާއަކީ މުޅިން އެހެން މީހެކެވެ. އެހެންވީމާ ނާޒިލަށް އެއީ މައްސަލައެއް ނޫނެވެ. ލޫޔާ ނާޒިލަށްވުރެ ފަސް އަހަރު ބޮޑު ނަމަވެސް، އެއީ ހަމަ ރީތި ހުސްކޮށްގެން ހުރި ޒުވާނެކެވެ. އުމުރަކީ ލޯބިވުމަށް އޮތް ހުރަހެއް ނޫނެވެ.
ނާޒިލް ޓްރެއިނިން ނިންމާފައި އައިސް ލޫޔާއާ ކައިވެނި ކުރިއެވެ. އަށާރަ އަހަރު ފުރުމުން އޭނާގެ ދިރިއުޅުން މުޅިން ބަދަލު ވީއެވެ. ބޮޑުވީއެވެ. ބޮޑުމީހެއްގެ ޒިންމާތައް ނަގަން އޭނާ ތައްޔާރެވެ. ގައުމުގެ އަމަން ބަލަހައްޓާ މީހަކަށް އޭނަ ބަދަލުވީއެވެ. ޒިންމާދާރު ފިރިއަކަށް އަދި ދެކުދިންގެ ބައްޕައެއްގެ ޒިންމާއާވެސް ހަވާލުވީ ހިތުން ރުހުމުންނެވެ.
ކައިވެންޏަށް މާ ގިނަދުވަހެއް ނުވަނީސް ލޫޔާ ބަނޑު ބޮޑުކަމުގެ އުފާވެރި ހަބަރު ލިބުނެވެ. އެދުވަސް ކޮޅު ނާޒިލް ރަށުން ބޭރަށް ދާންޖެހުނެވެ. ހިތާ ދެކޮޅަށް ނަމަވެސް، އޭނާ ކޮށްގެންހުރި ހުވަޔާއެއްގޮތަށް އަމަލު ކުރިއެވެ. އެހިސާބުން އެ އުފާވެރި ދިރިއުޅުމުގައި ކުނި ޖެހެން ފެށިއެވެ. ޝަކުވާތައް ގިނަވެ ނާޒިލްގެ ފޯނު ކޯލްތަކަށް ޖަވާބު ދިނުން މަދުވެ ލޫޔާ ބޭރުގައި އުޅޭ ވަގުތުތައް ގިނަވާން ފެށިއެވެ.
އެ ދަތުރަށްފަހު، ނާޒިލަށް އާދެވުނީ ލޫޔާ ވިހަން ކައިރިވެފައި ވަނިކޮށެވެ. ލޫޔާ ވިހެއީ ލޯބިލޯބި އަންހެން ކުއްޖެކެވެ.
ނާޒިލް ހީކޮށްގެންހުރީ ދަރިފުޅު ލިބުމުން ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނެކަމަށެވެ. އެހެންނަމަވެސް، ކަންތައްވީ އުންމީދު ނުކުރާފަދަ ގޮތަކަށެވެ. ލޫޔާއާ ނާޒިލްއާ ދެމެދުގައި އޮތް ގާތްކަމާއި ލޯބި ދުރުކަމަކަށް ބަދަލުވާން ފެށިއެވެ. ކައިވެނި ދެމެހެއްޓުމަށްޓަކައި ނާޒިލަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރީއެވެ. ނާޒިލްގެ އާދޭސްތަކަށް ލޫޔާ ދިނީ ބީރު ކަންފަތެކެވެ. އެންމެފަހުން ނާޒިލަށް ޖެހުނީ އެގެއިން ވެސް، ނިކުންނާށެވެ. މިހާރު އެ ދެމީހުންނަކީ ނަމަކަށް އިނދެގެން އުޅޭ ދެ މީހުންނަށް ވެއްޖެއެވެ. ދަރިފުޅު ދެކިލަން ނާޒިލް އެގެއަށް ދެއެވެ. އެހެންނަމަވެސް، އެ ދެމީހުންގެ މެދުގައި ކުރިން އޮތް ގާތް ގުޅުން އެއްގޮތަކަށްވެސް އުފެދޭގޮތެއް ނުވިއެވެ.
އެދުވަސްކޮޅު ނާޒިލްގެ އާއިލާއިން ދެއްކި އަންހެން ކުއްޖަކާ އޭނާ ވާހަކަ ދައްކަން ފެށިއެވެ. އިސާހިތަކު ނާޒިލްގެ ހިތްވެސް އެއަންހެން ކުއްޖާއަށް އެދެވެން ފެށިއެވެ.
ނާޒިލްއާ ލޫޔާގެ ކައިވެނި ރޫޅިއްޖެއެވެ. އެއީ މިހާރު އެ ދެ މީހުނަށްވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ވާތީއެވެ. އެހެންނަމަވެސް، އެ ހަނދާންތައް ނާޒިލްގެ ހިތުން ނައްތައެއް ނުލެވުނެވެ. އެއީ ފުރަތަމަ ލޯތްބެވެ. އަލަތު ކައިވެންޏެވެ. ފުރަތަމަ ފަހަރަށް އަންހެނެއްގެ ފަރާތުން އެ ޖިސްމަށް ފޮނި މީރުކަމެއް ލިބުނު ލޯތްބެވެ. އަދިވެސް އެ އަތުގެ ބީހުމަށް ނާޒިލްގެ ހިތް އެދެއެވެ.
ލޫޔާ އިތުރު ކައިވެންޏެއް ނުކުރެއެވެ. ނާޒިލް ލޫޔާ ކައިރިއަށް ދެއެވެ. އެކަމަކު މިހާރު ކުރިން އޮތް ގުޅުމެއް ނެތެވެ. ދަރިފުޅުގެ މަންމައަށް ވީތީ އޮންނަ ގުޅުން ފިޔަވައި އިތުރު ގުޅުމެއް ނެތެވެ.
*********
“ސަރ، އިތުރު އެއްޗެއް ބޭނުންތޯ؟”
ވެއިޓަރަކު ނާޒިލް އެތާނގައި އިންނަތާ ގިނައިރުވުމުން ސުވާލު ކޮށްލިއެވެ.
ނާޒިލް ހަމަބިމަށް ތިރިވީ އެ ހިސާބުންނެވެ. ފެންކަޅިވެފައި ވާ ދެލޯ ފޮހެލުމަށްފަހު ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.
ނާޒިލް އާ ދިރިއުޅުމެއް ފެށިއެވެ. އާއިލާގެ ލޯތްބާއި ރުހުމުގައެވެ. ޖީނާއަކީ މަޑުމައިތިރި އިއްފަތްތެރި އަންހެން ކުއްޖެކެވެ. އެ ޖިސްމުގައި ނާޒިލް ނޫން އެހެން ފިރިހެނަކު ނުބީހެއެވެ. އެއީ މިފަދަ ދުނިޔެއިން ނާޒިލަށް ލިބުނު އަގު ބޮޑު ޖަވާހިރެކެވެ. މިހާރު އެ ކައިވެންޏަށް ދަރިއަކު ލިބިފައި ވާއިރު ކައިވެންޏަށް މީ ދިހަވަނަ އަހަރެވެ.
ލޫޔާ ނާޒިލާ ވަކިވާން ބޭނުންވި ސަބަބު އެނގުނީ ނާޒިލްއާ ޖީނާގެ ކައިވެންޏަށް ދަރިއަކުވެސް ލިބުނު ފަހުންނެވެ. ސަބަބަކަށްވީ ނާޒިލް ލޫޔާއާ ކައިވެނި ކުރިފަހުން ވެސް، ލޫޔާ އެހެން ފިރިހެނަކާ ގުޅުމެއް ބޭއްވުމެވެ. އަދި ފަހުން އެކަން ހުއްޓާލުމަށްފަހު، ތައުބާވިއެވެ. އެހެން ނަމަވެސް، އެކަން ނާޒިލްގެ އާއިލާއާއި ބައެއް ރަށްޓެހިންނަށްވަނީ އެނގިފައެވެ. އެމީހުން ލޫޔާއަށް ހަނދާންކޮށްދެމުން ދިޔައީ ނާޒިލްއަކީ އިއްފަތްތެރިއެއް ކަމަށެވެ. ލޫޔާ ކަހަލަ މުޑުދާރު މީހަކު ނާޒިލް ކަހަލަ މީހަކާ އެކަށީގެން ނުވާ ވާހަކައެވެ. އެހެންވެ އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރުމަށްފަހު، ނާޒިލްގެ ހަޔާތާ ވަކިވާން ނިންމީއެވެ.
ނާޒިލަށްވެސް މަޑުމަޑުން ލޫޔާގެ ހަނދާންތަކާ ދުރަށް ދެވެންފެށިއެވެ. އެހެން ނަމަވެސް، ހިތަކުން ނުފިލިއެވެ. އަދިވެސް އެ ލޯތްބަށް އެދެވެއެވެ. ދިރި އުޅެނީ އެ ފޮނި ހަނދާންތަކާ ވެސް، އެކުގައެވެ.
އެދުވަހު ނާޒިލް ހެއްވާލަދިން ހަނދާންތައް، އެ ހަނދާންތައް އާވުމުން މިއަދުވެސް ނާޒިލްގެ ހިތުގައިވާ ޒަހަމްތައް ތާޒާވެއެވެ. އެހެން ނަމަވެސް މިއަދު ލޫޔާއަކީ ހަމައެކަނި ހަނދާންތަކެކެވެ.
(ނިމުނީ)
5 Comments!
Comments are closed.


Nice story
Imma thee adhi 11 aharuge kuda kujjekey thi mikahala vaahaka kyanee.
Adhi balsa liyelaafa oiy vaahaka.kuru kuru sentence.
Aishaa ge kokko ah kiyanee kiyaaraa eve.
Kurin inee mariyam ge mamma fahun aishaa ge mamma
Mihaaru aishaa aai naail kaiveni kuranee eve.
Mihaaru aishaa bandu bodeve.
Mihaaru aishaa aeee vihaigenneve.
????????
Vrh kada imma ge furathama vaahaka viyas e vaahka
Size ah fethibala imma??
Sorry gigs I will mistake for it ???
I will mistake for it eyyy
actually gigs. .. Imma is a Special Education student since she has a bad childhood so her thinking capability is really not her level. Moreover, she is 14 years old not 11 years old .. so before you judge somebody, try to walk in their shoes. I am not trying to be rude or anything, hope you won’t take this badly. even if u write hate comments it’s fine .. maybe add something positivity to it