ދެވަނަބައި

ހިތި މާޒީ އެހަނދާންތައް ސިކުނޑީގައި ކޮށްޓަމުން ދިޔައީ އުދަނގޫކުރާފަދަ ގޮތަކަށެވެ

*****

(މާޒީ)

އުމުރުން 14 އަހަރު ފުރިފައިވީއިރު އަލީމާއަށް ލިބެމުން އައީ ހަމައެކަނި ބައްޕަގެ ލޯތްބެވެ. އަލިީމާގެ އުމުރުން 13 އަހަރުގައި މަންމަ ނިޔާވީ ބަލިއެނދުގައި އޮވެއެވެ. މާ ފުދުންތެރިވެމަންމަ މިދުނިޔޭގައި ނެތްނަމަވެސް  އަލީމާ ދިރިއުޅެމުން އަންނަނީ އުފަލާއި ހިތްހަމަޖެހުން ލިބިގެންނެވެ. އުމުރުން 14 އަހަރު ފުރިފައިވީއިރު އަލީމާއަކީ ބުރުސޫރަ ރީތި ހިތްތިރި އަންހެންކުއްޖެކެވެ. އެއްއުމުރެއްގެ ކުދިންނާއެކު ކުޅެން އުޅޭއިރުވެސް އަލީމާއަކީ ރީތިކަމުން ހޮވާލެވޭ ކުއްޖެކެވެ. ގުރޫޕު ހަދާލާފައި މިސްކިތް ދޮށައް ފެންބަލައި ދާއިރު ޒުވާން ފިރެހެން ކުދިންގެ ތަޢުރީފުގެ ބަސްތަކާ ގިނަ ހުށައެޅުންތަކެއް އަލީމާއަށް އަންނަނީ ލިބެމުންނެވެ. ނަމަވެސް މި ކޮންމެ ހުށައެޅުމަކަށް ފާޅުގައި އަލީމާ އިންކާރު ކުރެއެވެ. ހުމޭމް އަކީ ރަށުގެ ނަން ހިނގާބޮޑު ވިޔަފާރި ވެރިއެކެވެ. އޭނަ ކުރަންބޭނުންވާ ކަމެއްނަމަ ހުމޭމް ވަރަށް ފުރިހަމައަށް އެކަން ކޮށްލައެވެ. އެގޮތުން ހުމޭމް އަލީމާއަށް ލޯބިހުށައެޅީ މިސްކިތް ދޮށުން ފެން ހިފައިގެން ގެއަށްއައި މަގުމަތީއެވެ. އެތައް ފޮނި ހުވަފެނެއް އަލީމައަށް ދައްކަމުން ދިޔައީ އަލީމާގެ އާބަސް ހޯދުމަށެވެ. ނަމަވެސް މި ފަހަރުވެސް އަލީމާ ބުނީ ނޫނެކެވެ. ނަމަވެސް ހުމޭމް ގެ ފަރާތުން އަލީމާއަށް ލިބެމުން އަންނަ ހަދިޔާ ތައް ދިޔައީ ގިނަވަމުންނެވެ. ހުމޭމްގެ ހަަބަރު ކުއްލިޔަކަށް ނުވާން ފެށުމުން އަލީމާ ހީކުރީ ހުމޭމް ބަލި ގަބޫލު ކުރީ ކަމަށެވެ. ނަމަވެސް ކަންތައްވީ އަލީމާ ހީކުރުމާ މުޅިން ތަފާތު ގޮތަކަށޭވެ. ކޮންމެ ދުވަހަކު ހަވީރު އެކުވެރިންނާއެކު ތުނޑިޔަށް ކުޅެންދިޔުމަކީ އަލީމާގެ އާދައެވެ. މިއަދުވެސް ކުޅެގެން ގެއަށްއައީ އިރުއޮށްސުނު ފަހުންނެވެ. ގެއަށް ވަންނަން އައި އަލީމާ ގެއަށް ނުވަދެ މަޑުކޮށްލީ ބޭރު ފެންޑާއިން ދެމީހަކު ވާހަކަ ދައްކާ އަޑުއިވޭތީއެވެ. ހަމަޔަގީނުންވެސް އެތަނުން އެކަކީ އަލީމާގެ ބައްޕަގެ އަޑުކަން އެގެއެވެ.ކުޑަކޮން އެތެރެއަށް ވަދެލީ ބައްޕަ ކައިރީ ދެން އިނީ ކާކުތޯ ބަލާލުމުގެ ބޭނުމުގައެވެ. އަލީމާގެ ދެލޯ ބޮޑުވެގެން ދިޔައީ ބައްޕަގާތުގައި އިން ހުމޭމް ފެނުމުންނެވެ.” ދަރިފުޅާ އަލީމާ.. އާދެބަލަ މިކޮޅަށް..” އަލީމާގެ ބައްޕައަށް އަލީމާ ފެނުމާއެކު ބުނެލެވުނެވެ. ބައްޕަގެ އަމުރަށް އަލީމާ ގޮސް އެމީހުން ތިބި އުނދޯއްޔާ ތަންކޮޅެެއް ދުރުގައި އިން ސަރަންފީއެއްގެ މަތީ އިށީނެވެ. އެވަގުތު ހުމޭމްގެ ދަހިވެތި ނަޒަރު ހުއްޓިފައިވަނީ އަލީމާގެ އެދޮން ދޮން މޫނަށެވެ. އެއާއެކު އަލީމާގެ ހިތް ނޭނގޭ ބިރަކުން ތެޅެމުން ދިޔައެވެ.” ބައްޕަ ދަރިފުޅު މިގެނައީ ވާހަކައެއް ދައްކާލަންވެގެން”. އަލީމާ ބައްޕަ ދައްކަން އުޅޭ ވާހަކައަށް ތައްޔާރުވެލިއެވެ. “ދަރިފުޅާ ބައްޕަ ނިންމައިފިން ދަރިފުޅު މީހަކާ ދެވަން..  މީންދަ ހުމޭމް އައިސް އެއިނީ ދަރިފުޅުގެ ކައިވެންޏަށް އެދި …ބައްޕަ އެކަމާ އާބަސް ދިފިން…”. އަލީމާ ގެ ބައްޕަގެ އެޖުމްލަތަކާއެކު އަލީމާއަށް ހީވީ އޭނާގެ މޭގެތެރޭގައި ވީ ހިތް ހުއްޓުނުހެންނެވެ. އަލީމާ އެކަމަށް އަދި ތައްޔާރެއް ނޫނެވެ. ބައްޕައަށް އަލީމާ މި ގޭގައި އުޅޭތީ އުނދަގޫވަނީހެއްޔެވެ؟. އަލީމާގެ ހިތައް މިހެން އެރުމާއެކު ދެން ބަލާލެވުނީ ހުމޭމް ގެ މޫނަށެވެ. އޭރު މޫނުމަތީގައި ވަނީ ފަތަހައިގެ ހިނިތުންވުމެވެ.

***********************

(މިހާރު)

ލޮލަށް ޖަމާވި ކަރުނަތައް ލިބާހުގެ ފަސްބައިން ފުހެލަމުން އަތުގައިއޮތް ތަށި ތިރީގައިހުރިފެންތެލީގެ ތެރެއަށް ލިއެވެ.

ރަތްވިލާތައް ދުނިޔެ ވަށާ ބައްދަމުން ދިޔައެވެ. ކަނޑުގެ ލޮނުގަނޑަށް އެޅިފައިވައިވި ސަތަހައިގެ ގަދަވިދުން ފަނޑުވަމުން ދިޔައީ ލޮނުގަނޑުގެ ތެރެއަށް އިރު އޮބެމުން ދިޔުމުންނެވެ. ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަމުން ދިޔަވަރަކަށް ކާޅުކޮވެލީގެ ގޮވުމުގެ އަޑުދިޔައީ ގަދަވަމުންނެވެ. ގެއާ މާދުރުނޫން ހިސާބުގައި ހުރި މިސްކިތުން އިޝާނަމާދުގެ ބަންގީގެ އަޑުއިވެމުން ދިޔައެވެ.ނަމާދުން ނިމިގެން އަލީމާ ނުކުތީ އީނާލް ގޮވާގެން ބަދިގެ ފަރާތަށެވެ.ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އަލީމާ ގިފިއްޔަށް ވަނީ ނިދަންތައްޔާރު ވުމުގެ ގޮތުން ވުޟޫކޮއްލުމުގެ ނިޔަތުގައެވެ. ނިދަން ތައްޔާރު ވެގެން ކޮޓަރިއަށް އަލީމާވަނެވެ.އޭރު ރޯނުފުރި އެނދުގައި ފޮތްތައް ހުޅުވާލައިގެން ބިގަރު ދިއްލާލައިގެން އީނާލް އިނެވެ.” މަންމާ ނިދަންވީދޯ…”އީނާލް އަލީމާއަށް ބުނެލިއެވެ.”ދަރިފުޅު ތިކުރާ ކަމެއްކޮށްލާ…މަންމަ މަޑުކޮށްލާނަން..”އަލީމާ ހިތްހެޔޮކަމާ އެކު ބުނެލިއެވެ.އީނާލް އަތްމަތި އަވަސް ކޮށްލަމުން އެނދުމަތިން ފޮތްތައްނަގާ ނިދަން ތައްޔާރުވެލިއެވެ.އަލީމާގެ ބިއްދޮށަށް އަރާ އޮށޯތް އީނާލް ގެ ލޮލަށް ނިދި ސަވާރުވާކަށް މާގިނަ އިރެއް ނުނެގިއެވެ. ނަމަވެސް އީނާލްގެ ބޮލުގައި ފިރުމާލަ ފިރުމާލައޮތް އަލީމާ ގެ ލޮލަށް ނިދި އައުމުގެ ބަދަލުގައި ސިފަވަމުންދަނީ އޭނަގެ ހަޔާތުން ފާއިތުވެ ގޮސްފައިވާ ކަޅުދުވަސްތަކެވެ.

***********************

ނުނިމޭ

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!