ނޯޓް: 18 އަހަރުން މައްޗަށް: މިވާހަކަ އަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ
ފޯން ބޭއްވުމަށް ފަހު އަހަރެން ވަނީ ފާޚާނާއަށެވެ. ރޭގަނޑު ބޭރަށްދާން ތައްޔާރުވުމަށެވެ. ފެންވަރާ ނިމިގެން ނިކުތް އިރު ލިއުޝާ އޮތީ އަހަންނަށް އެސް.އެމް.އެސް ކޮށްފައެވެ. އޭގައިވަނީ ބިޒީ ނޫނިއްޔާ ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. އަހަރެން ރިޕްލައެއް ނުކުރަމެވެ.
ގެއިން ނިކުމެ ސައިކަލަށް އަރާ ސްޓާޓްކޮށްލިތަނާހެން ރިޔާޒް އަހަންނަށް ގުޅިއެވެ.
” ކުޑަކަމެއް ޖެހިގެން މިއުޅެނީ އޮފީހަށް ޖައްސާލަބަލަ..” ރިޔާޒް ބުނެލިއެވެ.
” މިދަނީ..” އެހެން ބުނުމަށްފަހު އަހަރެން އޮފީހަށް ދިއުމަށް މިސްރާބް ޖެހީމެވެ.
ދިހަ ވަރަކަށް މިނިޓް ފަހުން އަހަރެން ހުރީ އޮފީހުގައެވެ. ރިޔާޒް އުޅުނީ މަސައްކަތެއް ނުނިމިގެނެވެ. އެކަމުގައި އެހީވެދިނުމަށްފަހު، އަހަންނާއި ރިޔާޒް ދިޔައީ ކޮފީއަކަށެވެ. ކޮފީގައި ހުއްޓައި އަނެއްކާވެސް ލިއުޝާ ގުޅިއެވެ.
” ހާދަ ވަރަކަށް ތިގުޅަނީ؟” އަހަރެން އަނހާލީމެވެ.
” ދެން ހަމަ ގުޅާލީ.. ވަރަށް ފޫހިވެގެން މިއުޅެނީ..” ލިއުޝާ ގުޅާފައި ބުނެލިއެވެ،
” ދެން އަހަރެން ކީއްތަ ކޮށް ދޭންވީ؟” އަހަރެން އަނހާލީމެވެ.
” ބިޒީ ނޫނިއްޔާ އަހަންނާއި ދިމާކޮށްލަންވީއެއްނު..” ލިއުޝާ މަޑުމަޑުން ބުނެލިއެވެ.
” ބަލާނަން އިނގޭ…” އެހެން ބުނުމަށްފަހު އަހަރެން ފޯން ބޭއްވީމެވެ.
” ލިއުޝާ ދޯ ގުޅީ..” ފޯން ބޭއްވީމެވެ.
” އާނ.. ބުނި ބައްދަލުކޮށްލަން އަންނާށޭ.. ދެން ކިހިނެއްތަ ހަދަންވީ؟” އަހަރެން ބުނީމެވެ.
” ދޭބަލަ.. ގޮސް ބައްދަލުކޮށްބަލަ..” ރިޔާޒް ބުނެލިއެވެ.
ކޮފީ ނިމިގެން އަހަރެން ލިއުޝާ އަށް ގުޅީމެވެ. ގުޅުމުން ފުރަތަމަވެސް ބުނީ ބައްދަލުކުރުމަށް އައުމަށް ބުނެލިއެވެ. އަންނަންވާތަން ލިއުޝާ ބުނެލިއެވެ. އަހަރެން މަޑުމަޑުން ސައިކަލަށް އަރާ ސްޓާޓްކޮށްލީމެވެ. ދެން ލިއުޝާގެ ގޭ ކައިރިއަށް ދިޔައީމެވެ. އަހަރެން ދިއުމާއިއެކު ލިއުޝާ އަހަރެންގެ ގާތަށް އައެވެ. އަހަރެން ބަލާލީމެވެ. ލިއުޝާއަކީ ހުތުރު ކުއްޖެއްނޫނެވެ. ބަލާބެލުމަށް ޢުމުރުން ވާނީ އެންމެ އަށާރަ އަހަރުކަން ނޭނގެއެވެ. ރީތި ކުޑަކުޑަ މޫނު ކޮޅެކެވެ. ތުންފަތްވެސް ހުތުރެއް ނޫނެވެ. ކަޅިރަވަވެސް އެންމެ ރީތި ނޫނަސް އަޅައިގަންނަ ގޮތެއް ހުރެއެވެ.
” ތީދޯ ރިޔާޒް…” އަހަރެން ލިއުޝާގެ ގޭ ކައިރިއަށް މަޑުކޮށްލުމުން ލިއުޝާ ބުނެލިއެވެ.
” އާނ..” އަހަރެން އެހެން ބުނުމުން ލިއުޝާ އައިސް އަހަރެންގެ ސައިކަލަށް އެރިއެވެ.
” ހިނގާ ދުއްވާލަންދާން..” ލިއުޝާ އެހެން ބުނުމުން އަހަރެން ޙައިރާންވިއެވެ.
” ހަމަދާންވީތަ؟” އަހަރެން އަނހާލީމެވެ.
” އާނ.. ހަމަ ދާންވީ..؟” ލިއުޝާ ޖެހިލުމެއްނެތި ބުނެލިއެވެ.
ލިއުޝާ އެހެން ބުނުމުން އަހަރެން ސައިކަލް ސްޓާޓްކޮށްލުމަށްފަހު ނައްޓާލީމެވެ. ލިއުޝާ މަޑުމަޑުން ސައިކަލްގައި އިނެވެ. ފުރަތަމަ ލިއުޝާ އިނީ އަހަންނާއި ތަންކޮޅެއް ދުރުގައެވެ. ދެން މަޑުމަޑުން ލިއުޝާ އަހަންނާއި ކައިރިވެލިއެވެ. ކުޑަ އިރުކޮޅަކުން ލިއުޝާގެ ދެއަތް ގެނެސް އަހަރެންގެ ފަލަމަސްގަނޑުމަތީގައި ބާއްވާލިއެވެ. ދެން މަޑުމަޑުން އަހަންނާއި އިހުނަށްވުރެން ކައިރިވެލިއެވެ. ދެން އަހަރެންގެ ގައިގައި ބައްދާލިއެވެ. ދެން މަޑުމަޑުން ލިއުޝާ އަހަރެންގެ ކޮލަށް ދޮނެއް ދިނެވެ. އަދި ކަންފަތުގައިވެސް ބޮސްދިނެވެ. އަހަރެން އަޖައިބުވިއެވެ. ހިތަށް އެރިއެވެ. މީ އަނެއްކާ ކޮންކަހަލަ ކުއްޖެއްބާވައެވެ؟ ގާތްގަޑަކަށް ބައިގަޑިއިރު ވަންދެން އަހަރެމެން ސައިކަލް ދުއްވީމެވެ. ސައިކަލަށް ލިއުޝާ ފުރަތަމަ އެރިއިރު އިނީ ތަންކޮޅެއް ދުރުގައެވެ. ނަމަވެސް ލިއުޝާ އަހަންނާއި ކައިރިވިވަރުން އަހަންނަށްވެސް ލޯބީގެ އިޙްޞާސްތަކެއް ކުރެވުނެވެ. ކޮންމެ ފިރިހެނަކަށް ނަމަވެސް ވާނީ އެހެންނެވެ. ލޯބީގެ ފިނި އިޙްޞާޞް ކުރެވުމުން އެއާ ދުރަށް ދެވޭނެ ބާވައެވެ؟
” އަހަންނާއި ރައްޓެހިވާންވީއެއްނު؟” ސައިކަލުން ފައިބަމުން އަހަރެންގެ ކަންފަތް ދޮށުގައި ލިއުޝާ ބުނެލިއެވެ.
” އޭނ.. ކީކޭ؟” އަހަރެން ދިޔައީ ސިއްސައިގެންނެވެ.
” މިބުނީ އަހަންނާއި ރައްޓެހިވާންވީ ނޫންހޭ؟” ލިއުޝާ ތަކުރާރުކޮށް ބުނެލިއެވެ.
” އަހަންނަށް ވަގުތު ކޮޅެއްދީ؟” އަހަރެން ބުނީމެވެ.
” ގޭތެރެއަށް ވަންނަންވީއެއްނު..” ލިއުޝާ އަހަރެންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
” އެހެން ރެއަކުންދޯ..” އަހަރެން ބުނީމެވެ.
” ނޫން.. މިރޭ ވަންނަންޖެހޭނެ.. ގޭގަ އެއްވެސް މީހަކު ނޫޅޭނެ. ދައްތަމެންވީ ލަންކާގައި.. ގެވަރަށް ފުރީވާނެ..” ލިއުޝާ ހިތްހަމަޖެހިލަމުން ބުނެލިއެވެ
” މިރެއަކުނޫންދޯ.. އެގުޅަނީ މަންމަ.. ދެން ދަނީ..” އެހެން ބުނުމަށްފަހު އަހަރެން އަވަހަށް އައީއެވެ.
” އަޅެ ޕްލީސް.. ހިނގާބަލަ އެތެރެއަށް..” އަހަރެންގެ އަތުގައި ހިފާ ދަމާލަމުން ލިއުޝާ ބުނެލިއެވެ.
” ކިރިޔާއެއްނު ސައިކަލް މަތިން އަހަރެން ނުވެއްޓުނީ.. ދެންވެސް އެކަހަލަ ސަމާސާ ނުކުރައްޗޭ..” ލިއުޝާ ދަމާލިލެއް ބާރުކަމުން އަހަރެންނުވެއްޓުނީ ކިރިޔާއެވެ.
” ބުނާގޮތް ނަހަދަންޏާ އަދި ވެއްޓެންވެސް ވެއްޓޭނެ.. ދެން ހިނގާބަލަ ގޭތެރެއަށް.. ޝާހްއަށް ވަރަށް ރީތި އެއްޗެއް ދާއްކާލާނަމޭ..” ހެމުން ލިއުޝާ ބުނެލިއެވެ.
” މިހާރުވެސް ފެންނަ އެއްޗެހި ހަޑިއެއްނޫނޭ…” އަހަރެން ސަމާސާކޮށްލީމެވެ.
” ދެން ހަމަ ނުވަންނާނަންތަ؟ އަހަރެން ވަރަށް ދެރަވާނެ އޭރުން.. އަދި ސުވާލުގެ ޖަވާބެއްވެސް ނުދެމެއްނު…” ލިއުޝާ ކުޑަކޮށް ދެރަވެލާފައި ބުނެލިއެވެ.
” އޭ.. އޮފީހުން އެގުޅަނީ…. ދެން ދަނީ….” އަހަރެން ސައިކަލް ސްޓާޓްކޮށްލީ އެހެން ބުނުމަށްފަހުގައެވެ. އަހަރެން ގޯޅިއަޅަންދެން ލިއުޝާ ބަލަހައްޓައިގެން ހުއްޓެވެ. އެކަން އަހަންނަށް އިނގުނީ ސައިކަލްގެ ލޯގަނޑަށް ބަލާލުމުންނެވެ.
” ހާދަ އުފަލުން ހުރިހެންހީވެޔޭ؟” އަހަރެން ފެނުމުން ރިޔާޒް ބުނެލިއެވެ.
” އާނ..ދެން މީހަކު އުފާވާނީ މިވަރަށް..” އަހަރެންވެސް ފާޑަކަށް ބުނީމެވެ.
” އޭ..ލިއު ސެޓްވީތަ؟” ގަޔާވެލަމުން ރިޔާޒް އަނހާލިއެވެ.
” ސެޓްވެގެން ސްކޯވެސް ކޮށްފަ މިއައީ….” ލާނެތް ގޮތަކަށް އަހަރެން ބުނީމެވެ.
” ހާދަ އަވަހަކަށް ތި ހުރިހާކަމެއް ނިންމާލީ… ތިހެން ތިބޭނީ ކާމިޔާބު ފިރިހެނުން…” ޙައިރާންވެގެން ހުރެފަ ރިޔާޒް ބުނެލިއެވެ.
” އޭ.. ދޮގެއް… އެހެނެއްނޫން.. ހަމައެކަނި ރައިޑަކަށް ދިޔައީ…” އެހެން ބުނުމަށްފަހު އަހަރެން އޮފީހުން ނިކުތީމެވެ.
ނިދަން ދެވުނީ ތަންކޮޅެއް ލަހުންނެވެ. އެދަށް އަރާ ނިދަން ޖައްސާލި ތަނާހެން ލިއުޝާ ގުޅިއެވެ. ނިދި އައިސްފައި ހުރިލެއް ބޮޑުކަމުން އަހަރެން ފޯނަށް ޖަވާބު ދޭން ބޭނުމެއް ނުވިއެވެ. ދިހަ ވަރަކަށް މިނިޓް ވަންދެން ލިއުޝާ ގުޅިއެވެ. އެންމެފަހުން އަހަންނަށް އުދަނގޫވެގެން ނިދާ ވާހަކަ ބުނެ އެސް.އެމް.އެސް ފޮނުވީމެވެ. ޖަވާބުގައި ލިއުޝާވެސް އެސް.އެމް.އެސްއެއް ފޮނުވިއެވެ.
” ތިމާއަށް އަރާމްކޮށް ނިދުނީމަ އެނިމުނީދޯ! ދެން ތިބި މީހުން ހިތުގެ ބަލީގެ ވޭނުގައި ނުނިދި ތެޅިފޮޅޭ އިރުވެސް ހަމަ އެއްވެސް އެއްޗެކޭ ހިތަށް ނާރާދޯ.. ކޮބާތަ ޖަވާބު؟ އަޅެ ދެން ބުނެބަލަ؟ އަހަންނާއި ރައްޓެހިވާންވީނު.. ވަރަށް ސީރިއަސްވެގެނޭ މިވާހަކަ މިދައްކަނީ.. ޕްލީޒް.. ހެޔޮނުވާނެ.. އަހަންނަށް އެހީވެދީ.. ނޫނީ އަހަރެން ހަލާކުވެދާނެ…” ލިއުޝާގެ އެސް.އެމް.އެސްގައި ވަނީ އެހެނެވެ.
އަހަރެން ރިޕްލައިއެއް ނުފޮނުވަމެވެ. އަހަރެން ބޭނުންވީ އެވަގުތުގައި ނިދާލާށެވެ. ލިއުޝާ ފެނުނީ އަދި މިރޭއެވެ. އެހާ އަވަހަށް ލޯބިވެދާނެބާވައެވެ؟ ހަމަ ވެދާނެއެވެ. ބައެއް އަންހެން ކުދިން ބަލާނީ އެމީހުން ބޭނުންވާ ކަހަލަ ފިރިހެން ކުއްޖަކަށެވެ. އަހަރެންވާނީ ލިއުޝާ ބޭނުންވާފަދަ ފިރިހެން ކުއްޖަކަށް ކަންނޭނގެއެވެ. އެކަމަކު އަނެއްކޮޅަށްވެސް ވިސްނަން އެބަޖެހެއެވެ. ރަށުން އަހަރެން ރައްޓެހިވެގެން އުޅޭ އަންހެން ކުއްޖާއަށް މިކަން އިނގިއްޖެނަމަ، ދެން ވާނެގޮތެއްވެސް ބަލަން އެބަޖެހެއެވެ. ދެމީހުންގެ ރީތިކަންވެސް ދާދި އެއްވަރެވެ. މިޒާޖު ވަރަށް ތަފާތެވެ. ނިދުނީ އެހެން ވިސްނަން އޮއްވައެވެ.
ކުއްލިއަކަށް ނިދިން ހޭލެވުނީވެސް ލިއުޝާ ގުޅަން ފެށުމުންނެވެ.
” އަޅެ އާދެބަލަ.. ގޭގައި އެކަނި މިއުޅެނީ..؟” ލިއުޝާ ގުޅާލާފައި ބުންޏެވެ.
” މިހާރު ތިންގަޑި ބައި އެވަނީ….މީ މީހުންނާއި ދިމާކުރާ ވަގުތެއްނޫނެއްނު..” އަހަރެންބުނީމެވެ.
” ވަކި ވަގުތެއް އޮވޭތަ ލޯބި ވާ މީހުންނާއި ބައްދަލުކުރަން؟ އަހަންނަށް އިނގިފައިވާ ގޮތުގައި ލޯބިވެރިން ބައްދަލުކުރަން އެންމެ އަރާމް ވަގުތަކީ މީ… ދެން އާދެބަލަ މިގެއަށް.. ވަރަށް ފޫހި ވެގެން މިއުޅެނީ…؟” ލިއުޝާގެ އަޑުގައިވާ ތުއިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
” މިހާރަކު ނުދެވޭނެ.. މާދަމާ ދާނަން.. އޯ..ކޭތަ ލިއު؟” އަހަރެން މަޑުމަޑުން ބުނީމެވެ.
” އޯ.ކޭއެއްނޫން.. އެކަމަކު ދެން ކުރެވޭނެ ކަމެއް ނެތްތާ… އަހަރެން ލޯބިން މަރުވާއިރުވެސް ޝާހްގެ ހިތަށް ނާރާ އެކައްޗެއްވެސް.. ހާދަ ދެރައޭދޯ..” ވައި އަޑަކުން ލިއުޝާ ބުނެލިއެވެ.
” ދެން ބަލާބަލަ ނިދޭތޯ.. އަހަރެން މާދަމާ އޮފީސް ނިމޭއިރަށް ތިގެއަށް ދާނަމޭ…” އަހަރެން ބޭނުމީ އަވަހަށް ފޯން ބާއްވާށެވެ.
” މާދަމާ ބިޒީވެދާނެ.. އެހެންވެ މިބުނީ މިގަޑީގައި އަންނާށޭ… ވަރަށް މިސްވޭ ޝާހް.. ހަމަ މިސްވަނީ…” ލިއުޝާ ބުނެލިއެވެ.
” އަސްލު ބުނެބަލަ.. ލިއުޝާ ބަލިތަ؟ ނޫނީ މައްސަލައެއް ހުރޭތަ؟” ތަންކޮޅެއް ސީރިއަސްކޮށް އަހަރެން ބުނީމެވެ.
” ތިކަހަލަ ކަމެއް ހުއްޓަސް އިނގޭނީ ތަންކޮޅެއް ކައިރިވެލީމައެއްނު.. އަހަރެން ކިހިނެއްތަ ފޯނު ދައްކާނީ އެކަހަލަ މައްސަލައެއް ހުއްޓަސް.. ދެން ހަމަ ނޯންނާނެތަ އާދެވޭނެ އެއްވެސް ގޮތެއް…” ލިއުޝާ އާދޭސްކުރަން ފެށިއެވެ.
” ދެވިދާނެ.. އެކަމަކު ކިސްއަކާއި ހަގެއް ދޭމަތިން..؟” އަހަރެން ސާމާސާ ރާގަކަށް ހެމުން ބުނީމެވެ.
” އައްޗި ތި ކޯއްޗެއް.. ބޭނުމިއްޔާ ހުރިހާ އެއްޗެއްވެސް ދީފާނަން.. ތި އަންނަނީދޯ..؟” ލިއުޝާގެ ހިތްއަވަސް ވިއެވެ.
އަހަރެންގެ ފޯން ޗާރޖް ހުސްވެގެން ނިވުނީ އެހިސާބުންނެވެ. ދެން އަވަސް އަވަހަށް ގޮސް ފޯން ޗާރޖްކުރެވޭތޯ ބެލީމެވެ. ހުރިހާ ޗާރޖަރުތަކެއް ބޭނުންކުރަމުންދާތީ އެކަމެއް ނުވިއެވެ. ދެން އަނެއްކާވެސް ނިދޭތޯ ބެލީމެވެ. އެކަމަކު ނުނިދުނެވެ. އަހަރެންގެ ހިތަށް އަރަނީ ލިއުޝާ ދެއްކި ވާހަކަތަކެވެ. އަހަރެންގެ ޙަޔާތުގައި ފޯނުން އަދި އެފަދަ ގޮތަކަށް އަންހެން ކުއްޖަކާއި ވާހަކައެއް ނުދައްކަމެވެ. ދެއްކުނު ވާހަކަ ތަކަށް ވިސްނާލުމުން ކުޑަކޮށް ހިނިވެސް އައެވެ. ދެން ހިތަށް އެރިއެވެ. ލިއުޝާއާއި ބައްދަލުކޮށްލަން ޖެހޭނެއެވެ. ރިޔާޒް ބުނިހެން އެއީ ހަމަ ލޯބީގެ ނަޞީބަށްވެސް ވެދާނެއެވެ. އަހަރެންގެ ބިޓް އުޅެނީ މާލެއަކު ނޫނެވެ. އެހެން އަދި ބިޓެއްގެ ގާތަށް ދިޔަސް އޭނައަކަށް ނޭނގޭނެއެވެ. ޒުވާން ޢުމުރުގައި ލޯބީގެ ތަޖުރިބާ ކުރަންޖެހޭނެއެވެ. ލޯބީގެ ފޮނިކަމާއި މީރުކަން ހޯދަން ޖެހޭނެއެވެ. މިކަހަލަ ފުރުޞަތެއް ދެވަނަ ފަހަރަށް ނުލިބިވެސްދާނެއެވެ. އަނެއްކޮޅުން ލިއުޝާ އެހެން ވާހަކަ ދެއްކި ކަމުގައި ވިޔަސް، ލިއުޝާއަކީ ވަރަށް އަޚްލާޤް ރަނގަޅު ކުއްޖަކަށްވެސް ވެދާނެއެވެ. ސިކުނޑި ތަފާތު ޚިޔާލްތަކުގެ ތެރޭގައި އެނބުރެމުން ދިއުމުން، އަހަންނަށް ނިދުނީ ފަހެއް ޖަހަނިކޮށެވެ.
” އޭ. ޝާހް.. ބަލަ އޮފީހަށްވެސް ނުދާ ދުވަހަކީތަ؟ މިހާރު ހަތްގަޑި ދިހައެއް އެވަނީ.. ހާދަ ވަރުގަދަ ފޯނެއްގައި އޮތް ރެއެކޭ ދޯ.. ފޯނުވެސް އެއޮތީ ޓައިލްސް މަތީގަ.. ދެންވެސް އަވަހަށް ތެދުވޭ..” އަހަންނަށް ހޭލެވުނީ ރިޔާޒް އައިސް ގޮވުމުންނެވެ.
އަވަސް އަވަހަށް ތެދުވެ ފޯން ހޯދާލީމެވެ. ފޯން އޮތީ ޓައިލްސް މަތީގައެވެ. ބެޓްރިއާއި ބެޓްރި ކަވަރާއި ފޯންގެ މައިގަނޑު ހޯދަންޖެހުނީ އެކިތަންތަނުންނެވެ. ދެން އަވަސް އަވަހަށް ފެންވަރާ ހަދާލައިގެން އޮފީހަށް ދިޔައީމެވެ. އަހަރެން އޮފީހަށް ވަންއިރު، ގަޑިޖެހެން ހުރީ އެންމެ މިނިޓެއް ހާއިރެވެ. ގަޑި ނުޖެހި އޮފީހަށް ދެވުނުކަން އެއީ ހަމަ ނަޞީބެކެވެ. ކޮންމެ ކަމެއް ކުރިއަސް ވަޒީފާއަށް އެންމެ އިސްކަމެއް ދިނުމަށް އަހަރެން ވިސްނަމެވެ.
ފޯން ޗާރޖަށް ޖެހި ތަނާހެން ލިއުޝާ ގުޅިއެވެ. އޮފީހުގައި ބުރަކޮށް އުޅެން ޖެހުމުގެ ސަބަބުން އަހަރެން އެފޯންކޯލަށް ޖަވާބެއް ނުދެމެވެ. ދެން ލިއުޝާ ކަންތައްކުރީ ހަމަ ކުރިން ކުރާ ގޮތަށެވެ. ” ކީއްވެގެންތަ ރޭގަ ފޯން ނިވާލީ؟ ޝާހް އަންނާނެކަމަށް އަހަރެން އިރުއަރަންދެން ހޭލާއިނިން.. ތިހެން ހަދަން ހެޔޮވެސް ނުވާނެއްނު…” ލިއުޝާ ފޮނުވި އެސް.އެމް.އެސްގައި އެހެން ލިޔެފައި އޮތެވެ. އަހަރެން ޖަވާބެއް ނުފޮނުވަމެވެ.
” އޭ ހާދަ ވަރުގަދަ ފޯނެއްގައި ރޭގަ އެއޮތީ.. އަނެއްކާ ނިމުނީތަ ހުރިހާ ކަމެއް؟” ރިޔާޒް އަނހާލިއެވެ. އޭރު އަހަރެމެން ތިބީ މެންދުރުގެ ކެއުމުގައެވެ.
” ނޭނގެ… ވަރުގަދަ ކަމަކާއި ޖެހިފައި މިއޮތީ.. ރޭވެސް ގުޅާފައި އާދޭސްކުރި އަންނާށޭ ކިޔާފައި.. މިލިއުޝާ މީ ކިހާ ވަރެއްގެ އަންހެން ކުއްޖެއްތަ؟” ގަޔާނުވާ ގޮތަކަށް އަހަރެން ބުނީމެވެ.
” ދެން ދިޔަނަމަ.. ލޯބިވާތީއެއްނު އެވަރަށް ގުޅާފައި އާދޭސްކުރާނީ…” ރިޔާޒް ހެމުން ބުނެލިއެވެ.
” ދަންވަރު ތިނެއްގެ ފަހުން ގުޅާފައި އަންނާށޭ ބުނީ.. ދެވޭތަ އެގަޑީގައި.. އެގަޑީގައި ގޮސްގެން އަހަންނަށް ލަނޑެއްކަން ނޭނގެ ލިބޭނީ.. މީހުންގެ ގޭގެއަށް ދަންވަރު ވަދެގެން މާރީތިކަމެއް މެދުވެރިވާނެހެނެއް ހީއެއްނުވޭ..” އަހަރެން ބުނީމެވެ.
” ތިވެސް ދޮގެއްނޫން.. އެކަމަކު އަހަންނަށް ހީވަނީ ޝާހް ލިއުޝާއާއި ދިމާކުރުން އެއީ މައްސަލައެއް ނޫންހެން.. މިޒަމާނުގައި އެވަރަށް ލޯބިވާ އަންހެން ކުދިން މަދުވާނެކަން ނޭނގެ.. އަޅެ އަނެއްކާވެސް ގޮސް ބައްދަލުކޮށްބަލަ…” ރިޔާޒް ބޭނުންވަނީ އެގޮތް ކަން ނޭނގެއެވެ.
” އަހަންނަށް ރަނގަޅީ އެވަރަށް ލޯބި ނުވިއްޔާ..” އަހަރެން ސަމާސާ ގޮތަކަށް ބުނީމެވެ.
ކައިނިމިގެން އަހަރެން އޮފީހަށް ވަނީމެވެ. ވަތް ތަނާއިހެން ލިއުޝާ ގުޅިއެވެ.
” ކީއްވެގެންތަ ރޭގަ ފޯން ނިވާލީ؟” ފުރަތަމަވެސް ލިއުޝާ ކޮށްލީ އެސުވާލެވެ.
” ފޯން ނިވާލީއެއްނޫނޭ.. ފޯންގެ ޗާރޖްދިޔައީ…. އެއީ ވީގޮތަކީ..” އަހަރެން ބުނީމެވެ.
” ދެން ޗާރޖްކޮށްގެން ގުޅިނަމަ. ޝާހް އަންނާނެކަމަށް އަހަރެން ހާދާ އިންތިޒާރެއް ކުރީމޭ.. ތިހެން ކަންތައްތައް ކުރުމުން އަހަރެން ކިހާ ދެރަވާނެ.. ނުވިސްނެނީތަ ހަމަ އެވަރުވެސް؟” ލިއުޝާގެ ރާގުގައިވާ މޮޅިވެރިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
” ނޫން.. ތިހުރިހާ ކަމަށްވެސް ވިސްނަން… މިވަގުތު އޮފީހުގަ މިއުޅެނީ ކުޑަކޮށް ބިޒީ.. ފަހުން ގުޅާނަން..” އަހަންނަށް ބުނެވުނީ އެހިސާބަށެވެ. ލިއުޝާ ވާހަކަ ދައްކަން ފެއްޓިއެވެ.
” ނޫން.. ފޯން ބާއްވާނެކަމެއްނެތް! ވާހަކަ ދައްކަބަލަ…” ލިއުޝާ ތަންކޮޅެއް ހަރުކަށިކޮށް ބުނެލިއެވެ.
” މިވަގުތު ބިޒީއޭ ބުނެފީމެއްނު.. ފަހުންވެސް ވާހަކަ ދެއްކިދާނެއްނު..” އަހަރެން ބޭނުމީ އަވަހަށް ފޯން ބާއްވާށެވެ.
” ފޯން ބޭއްވޭނީ މިއަދު އަހަންނާއި ބައްދަލުކުރަން އެއްބަސްވީމަ.. ބުނޭ ދިމާކުރާނަމޭ..” ލިއުޝާ އަވަސް އަވަހަށް ބުނެލިއެވެ.
” އޯ.ކޭ މައްސަލައެއްނެތް..” އަހަރެން ބުނީމެވެ.
” ފަހެއް ޖަހާއިރަށް އަންނާތި.. އަހަރެން އިންނާނަން ތައްޔާރުވެގެން.. ހަމަ ކުރިންރޭ އައި ގެ ކައިރިއަށް އަންނާނީ..” ލިއުޝާގެ އަޑުން ހިތްހަމަޖެހިފައިވާކަން އަހަންނަށް ފާހަގަކުރެވުނެވެ.
” އޯ.ކޭ.” އަހަރެން ފޯން ބޭއްވީ ދެނެވެ.
ފޯން ބޭއްވުމަށްފަހު އޮފީހުގެ މަސައްކަތާއިގެން އަހަރެން ކުރިއަށް ދިޔައީމެވެ. ދޭތެރެ ދޭތެރެއިން ލިއުޝާ އަހަންނަށް އެސް.އެމް.އެސް ފޮނުވަމުން ގެންދިޔައެވެ. ހުރިހާ އެސް.އެމް.އެސްތަކުގައިވެސް ވަނީ ދާދި އެއް ވާހަކަ އެކެވެ. ލިއުޝާ އަހަރެންދެކެ ލޯބި ވާ ވަރާއި މިސްވާވަރެވެ. އަހަރެންގެ މީހަކަށްވެގެން އުފަލުގައި ލިއުޝާ އުޅެން ބޭނުންވާ ގޮތެވެ. އެހާ ގިނައިން އެސް.އެމް.އެސް ފޮނުވުމުން އަހަންނަށް ކުޑަކޮށް އުދަނގޫވެސް ވިއެވެ. އަހަރެން އެއިސް އެއްވެސް އެސް.އެމް.އެސްއަކަށް ޖަވާބެއް ނުފޮނުވަމެވެ. ހަމަ ނުފޮނުވީއެވެ. އެކަމަކު ބައެއްފަހަރު ވަރަށް ޙައިރާންވެސް ވެއެވެ. ލިއުޝާއަށް އަހަރެން ފެނުވީ އެންމެ ރެއެއްގައެވެ. އެވެސް ވަރަށް ކުޑަ ވަގުތު ކޮޅަކަށެވެ. އެހާ ކުޑަ ވަގުތުކޮޅެއްގައި މިހާ ވަރުގަދަ ލޯބީގެ ގުޅުމެއް އުފެދިދާނެބާވައެވެ؟ އެސުވާލު އަހަރެންގެ ހިތުގައި އަބަދުވެސް ދައުރުވެއެވެ. އެހެންވެދާނެކަމަށް އަހަންނަށް ބައެއް ފަހަރު ޤަބޫލުކުރެވެއެވެ. އަހަންނަށްވެސް ކަމުދާ އަންހެން ކުދިން ފެނެއެވެ. ފެނިލުމާއިއެކުހެން އަހަރެންގެ ހިތުގައިވެސް އެކުދިންނަށް ލޯބީގެ ހުޅުކޮޅު ރޯކުރެވެއެވެ. ވީއިރު، އަންހެން ކުއްޖެއްގެ ހިތުގައި އެކަން މާއަވަހަށް އެގޮތަށް ވެދާނެއެވެ. އަންހެނުންނަކީ ފިރިހެނުންނާއި ޚިލާފަށް މާ ޖަޒުބާތީ ބައެކެވެ. އެކަން އަހަރެން އަބަދުވެސް ޤަބޫލުކުރަމެވެ.
އެންމެ ފަހުން އަހަރެން ނިންމީ ލިއުޝާއާއި ބައްދަލުކުރުމަށެވެ. މާބޮޑުކަމެއް ނުކުރިކަމުގައި ވިޔަސް އަހަންނަށް ވާހަކަ ދައްކާލެވިދާނެއެވެ. ލިއުޝާގެ ވާހަކަ އަޑުއަނހާފައި އަހަންނަށް ޚިޔާލެއްވެސް ދެވިދާނެ ނޫންހެއްޔެވެ؟ އަނެއްކޮޅުން އެބުނާ ވަރަށް ލޯބިވާނަމަ، އަހަންނަށް ލިއުޝާއާއިއެކު އުޅެވިދާނެނޫން ހެއްޔެވެ؟ އެއީވެސް ހަމަ ހެދިދާނެގޮތެއްނޫންހެއްޔެވެ؟
” ތިއައީދޯ… ވަރަށް އުފާވެއްޖެ..” އޮފީސް ނިންމާފައި ފުރަތަމަވެސް އަހަރެން ދިޔައީ ލިއުޝާއާއި ބައްދަލުކުރުމަށެވެ.
” ހިނގާ އެތެރެއަށް…” އަހަރެންގެ އަތުގައި ހިފައިގެން ލިއުޝާ އެމީހުންގެ ގޭތެރެއަށް ވެއްދިއެވެ.
” މިތާނގަތަ ތިބެނީ؟..” ލިއުޝާ އަހަރެން ގޮސް ވެއްދީ އެމީހުންގެ ޑައިނިންގ ރޫމަށެވެ.
” ހާސްނުވޭ.. އެއްވެސް މީހަކު ނާންނާނެ.. ދައްތަމެން އުޅޭނީ މަތީބުރީގައި…. ޝާހް ބޭނުމިއްޔާ އެހެރަ ކޮޓަރިއަށްވެސް ދާންވީ…” ޑައިނިންގެ ރޫމްގެ ކަނެއްގައި އިން ކޮޓަރިއެއް ދައްކާލަމުން ލިއުޝާ ބުނެލިއެވެ.
” މިތަން ހަމަ ރަނގަޅު..” އަހަރެން ބުނީމެވެ. ލިއުޝާއައިސް އަހަރެންގެ ކައިރީގައި އިން ގޮނޑީގައި އިށީނެވެ.
” އަހަންނަކީ ވަރަށް ބަދު ނަޞީބު ކުއްޖެއް.. ކޮންމެ މީހަކުވެސް ބޭނުންވަނީ އަހަރެންގެ ފަރާތުން ނާޖާއިރު ފައިދާނަގަން.. ދެތިން މީހުންދެކެ ލޯބިވެއްޖައިން… އެކަމަކު ހުރިހާ މީހުންވެސް ހަމަ ލަނޑުދެނީ.. ވަރަށް ދެރަވޭ އެކަމާއި.. ދެން ނޭނގެ ހަދާނެގޮތެއް… އަހަރެން ވަރަށް ދެރަވޭ އެކަމާއި.. އަހަންނަށް ހަމަ ނެތީތަ މިނޫން އެހެންގޮތެއް؟” ލިއުޝާއަށް މަޑުމަޑުން ރޮވުނެވެ. ރޮމުން ލިއުޝާ އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. ލިއުޝާ، ރޮމުން ދިއުމުގެ ސަބަބުން އޭނަ ދުރުކުރާހާ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ.
” އަހަންނަށް އިނގޭ ތިކަން… އިނގޭތަ އެންމެ ފަހުން ލިއުޝާ ތި ރައްޓެހިވީ ކޮން މީހަކާއިކަން.؟ އޭނަ އުޅެނީ މީހަކާއި އިނދެގެން.. އޭނަގެ ދެކުދިންވެސް ތިބޭނެ..އަހަރެން ވަރަށް ރަނގަޅަށް އޭނަދަންނަން.” އަހަރެން އެހެން ބުނުމުން ލިއުޝާ ތަންކޮޅެއް ބާރަށް ރޯންފެށިއެވެ.
” ދެން ނުރޮއި. ދިރިއުޅުމުގައި ވިސްނާ ނުލާ ކަންތައްތައް ކުރާކަމުގައިވާނަމަ، އެފަދަ ކަންތައްތައް ދިމާވެދާނެ.” ލިއުޝާ ހުއްޓާނުލާ ރޮމުން ގެންދިއުމުގެ ސަބަބުން، ލިއުޝާ ދުރުކޮށްލުމަށްފަހު އަހަރެން ބުނީމެވެ.
” އަހަރެން. އަހަރެން ވަރަށް ވިސްނައިގެން ކަންތައްތައް ކުރަނީ. އެކަމަކު ކިހިނެއްތަ އިނގޭނީ މީހެއްގެ ގޮތެއް؟ އޭނަ. އޭނަ ފުރަތަމައިނުންވެސް ފެށިގެން ވަރަށް ރީތިކޮށްވިއްޔާ ވާހަކަ ދެއްކީ. ކިހިނެއްތަ އިނގޭނީ އެއީ ގޯސް މީހެއްކަމެއް؟ އަހަރެން.. އަހަރެން.. ދެން ނޭނގެ ހަދާނެ ގޮތެއްވެސް.” ކަރުނަ ފުހެލަމުން ލިއުޝާ ބުނެލިއެވެ.
” މިޒަމާނުގައި ރަނގަޅު މީހުން ވަރަށް މަދުވާނެ. ގިނަ ފިރިހެނުން ބަލާނީ ބޯކާލައިގެން ނަމަވެސް އަންހެން ކުއްޖެއްގެ ފަރާތުން އެމީހުން ބޭނުންވާ އުފާ ހޯދޭތޯ. ދެންވެސް ވިސްނައިގެން ފިޔަވަޅު އަޅާތި!” މަޑުމަޑުން އަހަރެން ބުނީމެވެ.
” ދެން ނޭނގެ އަހަންނަކަށް ހަދާނެގޮތެއް. އަހަރެން. އަހަރެންނަށް ގޮތްހުސްވެއްޖެ. އެއްވެސް މީހަކު އަހަރެންދެކެ ލޯތްބެއްނުވޭ. މިދުނިޔޭގައި އަހަންނަށް އެއްވެސް އުފަލެއްނެތް. ދެން އަހަރެން ބޭނުމެއްނޫން މިދުނިޔޭގައި އުޅޭކަށް. ދެން އަހަންނަކަށް ނުވާނެ.” އަހަންނާއި ކައިރިވެލުމަށްފަހު މާޔޫސީ ރާގެއްގައި ލިއުޝާ ބުނެލިއެވެ.
” ތިހާ އަވަހަށް ހިތްވަރު އެލުވާލާކަށް ނުވާނެ. މީ ދިރިއުޅުން އަދި އެތައްކަމެއް ދިމާވާނެ.” ލިއުޝާގެ ލޮލުން ފޭބި ކަރުނަތިއްކެއް ފުހެލަމުން އަހަރެން ބުނީމެވެ.
” މީ އެތައް ކަމެއްނޫނޭ. މީލޯތްބޭ. އަހަންނަކީވެސް ވަރަށް ފޮނި އުންމީދުކުރާ ކުއްޖެކޭ. އެކަމަކު އަހަރެންގެ ދިރިއުޅުމުގައި ބަދުނަޞީބުނޫން އެއްޗެއްނެތް.” ލިއުޝާގެ ރާގުގައިވާ މަޑުމޮޅިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
” ދެރަނުވޭ. ދެރަނުވޭ. ލޯބިވާ މީހުން ލިއުއަށްވެސް ލިބޭނެ. ދިރިއުޅުމުގައި އިންސާނާ ރޯކުރާ އުންމީދުގެ ހުޅުކޮޅު އެހާ އަވަހަށް ނިވާލާކަށް ނުވާނެ. ހިތްވަރުކުރޭ.” ލިއުޝާގެ މޫނަށް ބަލާލަމުން ލުއި ހިނިތުންވެލުމަކާއިއެކު އަހަރެން ބުނީމެވެ.
” ދެން އިތުރަށް ރޯކުރާނެ ހުޅުކޮޅެއް އަހަރެންގެ ޙަޔާތުގައެއްނެތް. ދެން އަހަރެން ބޭނުންވަނީ މުޅި ޢުމުރަށް ނިދާލަން. ދުނިޔޭގެ ކެހިވެރި ލޯތަކަށް އިތުރަށް ފެންނާކަށް ބޭނުމެއްނޫން.” އިސްދަށަށް ޖަހާލައިގެން އިނދެ ލިއުޝާ ބުނެލިއެވެ.
” ތިހެން ނުބުނޭ. ލިއު ވެދާނެ ހަމަ ވަރަށް ނަޞީބުގަދަ ކުއްޖަކަށްވެސް. ގޯސްގޮތަށް ވިސްނާކަށް ނުވާނެ.” ލިއުޝާގެ ދަތްދޮޅީގައި ހިފާ ހިއްލާލަމުން އަހަރެން ބުނީމެވެ.
” އެކަމަކު… އެކަމަކު… އެކަމަކު..” ލިއުޝާއަށް ކުރިއަކަށް ނުގެންދެވުނެވެ.
” ޕްލީޒް.. ޕްލީޒް.. ނުރޮއި. އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ.” އަހަރެން ލިއުޝާއަށް ހިތްވަރުދިނީމެވެ.
” އެކަމަކު ކިހިނެއްތަ އަހަރެން ތިހެން ވިސްނާނީ؟ އަހަރެންގެ މާޒީގައި މުޅިންވެސް އަހަންނަށް ލިބުނީ ހިތާމަ. އެއްވެސް އުފަލެއް ނުލިބޭ. ދެން..” ލިއުޝާ އެހެން ބުނިތަނާހެން އަހަރެންގެ ފޯން ރިންގްވާންފެށިއެވެ.
” ލިއު އަހަރެން ދެން ދަނީ. ހަތެއް ޖަހާއިރަށް އޮފީހަށް ދާން އެބަޖެހޭ. ދެން ދަނީ. ދެން ނުރޮއްޗޭ.” ލިއުޝާގެ ކޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.
” ކޮބާތަ ޖަވާބު؟” ލުއި ހިނިތުން ވެލުމަކާއިއެކު ލިއުޝާ އަނހާލިއެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


Ooo liusha, desperate much?
mikahala kujjeh mashah libeyne nama ….
kekeke moya meeheh avaleee eyoh. aee loaibbeh nun. heybali vun meehaku fenna irah.btw its an interesting story. waiting for next part
hey serivaaxa ekahala kudhin mimalega baivaru ulheyne, but ey hama gotheh fotheh neh girls. rangalhu anhen kudhin ehaa avahah romanticeh nuvaane
Varah kureega ulhey manje akaa vahtharee. Moya golayeh kan neygey
alheyyyy………..liuge salaam liushaa ah…………
She is faking her love to him….its all an act…and his friend is the matermind in all that…i guess.. .
she is setting a trap for him….. hadha gothei nei anhen kujekey…..
anyway intresting story:)
Haadha heeveyey tht boy ah landeh dheyn ukhey hen… 😉
She e ulheny boy ah trap eh ga jahsan. Grl trap v ma emne ragalhuvaany dhn i myn polihah grl fonuvaany