“ކީއްވެ ތިހެން ތި އެހީ؟” އަލްތާފް އެހިއެވެ. “ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއްނޫން” ސައުދާ ބުނެލިއެވެ. ” އާނ އަހަރެންނަށް އޭނަ ކަމުދޭ” އަލްތާފް ބުނެލިއެވެ.
“އަހަރެން ވަރުދާގެކަންތައް ކޮށްދެންތަ؟ ބޭނުމިއްޔާ އެ ކަންތައް ކޮށްދީފައިނަން” ސައުދާ ބުނެލިއެވެ. ”އަސްލުވެސްތަ ؟ ސައުދާ އެކަންތައް ކޮށްދޭނަންތަ؟” އަލްތާފް ވަރަށް އުފާވިއެވެ.
“އެކުވެރިން ހުންނަނީ ކޮންކަމަކު؟” ސައުދާ ބުނެލިއެވެ. “އެކަމަކު ކިހިނެތް ހަދާނީ؟ ” އަލްތާފް އެހިއެވެ. ” އަހަރެންނަށް އިހަށް ފެންނަނީ ދެމީހުން އެކަކު އަނެކަކާއި ބައްދަލުވެ ވާހަކަދައްކައި އެކަކު އަނެކަކު ދަސްކުރަން” ސައުދާ ބުނެލިއެވެ. އަލްތާފްއަށް ސައުދާގެ އެޙިޔާލް ކަމުދިޔައެވެ.އެކަމު އަލްތާފަށް ސައުދާ އެބުނިގޮތަށް ކަންކުރެވޭނެބާވައެވެ. ވަރުދާ ފެންނަ ކޮންމެފަހަރަކު އަލްތާފް ހުންނަނީ އަންހެންކުއްޖެއްހެން ލަދުރަކިވެފައެވެ. ދެ ކޯމައްޗަށް ފިޔާތޮށިކުލަ އަރާފައެވެ.
“ތިއީ ރަގަޅު ޙިޔާލެއް. އެކަމު ނުކެރޭނެ ބައްދަލުވެ ވާހަކަދައްކައިކަށް.”އަލްތާފް ބުނެލިއެވެ. ” އެއީ ކީއްވެ؟” ސައުދާ އެހިއެވެ. ” އެއީ އަންހެންކުއްޖެއްނު” އަލްތާފް ބުނެލިއެވެ.
” މަ ފެންނަނީ ފިރިހެނެއްގެ ސިފައިގައިތަ؟” ސައުދާ އެހިއެވެ.
“އެއީ ރީތި އަންހެންކުއްޖެކޭ” އަލްތާފް ބުނެލިއެވެ. އަލްތާފް އެހެންބުނުމުން ސައުދާ މަޑުބާލީހެއް ނަގައި އަލްތާފްގެ ބޮލުގައި ޖެހިއެވެ. އަލްތާފް ހިނެވެ. “އެކަމަކު ކިހިނެތް ބައްދަލުކުރާނީ؟” އަލްތާފް އެހިއެވެ. ” މަދަން ހަވީރު އަހަރެންނާއި ވަރުދާ ދާނަން ތުނޑިއަށް. އަހަރެން ކޮންމެވެސް އެއްޗެކޭ ކިޔައިގެން ތިދެމީހުންނާއި ދުރަށްދާނަން. ދެން ތިދެމީހުން ވާހަކަދައްކައި.” ސައުދާ ބުނެލިއެވެ. ސައުދާގެ އެޙިޔާލާއި އަލްތާފް ގަޔާވިއެވެ. އެކަމަކު ސުވާލަކީ އަލްތާފްއަށް އެކަން ވާނެބާވައެވެ. އަދި އެއްފަހަރުވެސް އަލްތާފްއާއި ވަރުދާ އެހައިބޮޑަކަށް އެކަކު އަނެކަކާއި ވާހަކަދައްކައިފައެއް ނެތެވެ.”
ރޭގަނޑުގެ ވަގުތެވެ. އަށެއްޖަހައިކަށް ހާއިރެވެ. އަލްތާފް އިނީ އަނަސްގެ ގޭގައި އަނަސްގެ ކޮޓަރީގައެވެ. އެކުވެރިއަކަށް ވީތީ ވާހަކަތައް ޙިއްސާކުރާށެވެ. ” އެހެންތަ؟ މިހާރު ތިހިސާބަށް ދިޔައީތަ؟ އެހެންވިއްޔާ މާދަން ތިއުޅެނީ އޭނަޔާއި ބައްދަލުކުރަންދޯ؟ ނަސީބެއްދޯ ސައުދާގެ އެކުވެރިއަކަށް ވަރުދާވިކަން . ދެން ސައުދާގެ އެހީގައި ވަރުދާ ޙާސިލްކުރެވޭނެއްނު” އަނަސް ބުނެލިއެވެ. ” ޙާސިލްކުރުމަކީ
ކޮންމެގޮތެއްހަދައިގެންވެސް ދޮގާއި މަކަރުގެބޭނުންކޮށްގެންވިޔަސް
ތިމާ ބޭނުންކުއްޖާ މިލްކުކުރުން. އެއީ ލޯތްބެއްނޫން. އަހަރެން އެހެނެއް ނަހަދާނަން”އަލްތާފް ބުނެލިއެވެ. ” އޯލް ދި ބެސްޓު” އަނަސް ބުނެލިއެވެ.
އާމިނާ ގޭގެ ސިޓިންރޫމްގައި ޓީވީ ހުޅުވައިގެން އަށެއްގެ ޙަބަރުބަލަން އިނެވެ. ކައިރީގައި އަފާފްވެސް އިނެވެ.
އަލްތާފް ގެޔަށް އައިސް ވަދެއްޖެއެވެ. ސިޓިންރޫމްގައިން ގޮނޑިއެއްގައި ޖައްސައިލިއެވެ. ” ދަރިފުޅާ ކޮންތާކުން؟ “އާމިނާއެހިއެވެ. ” އަނަސް ގެއިން” އަލްތާފް ޖަވާބުދިނެވެ.
” ބޭބެ އަދިވެސް އެއްކަލަވާހަކަ ކިޔައެއް ނުދެމެއްނު؟ އަފާފް ބޭބެގާތަށް ގޮސް ސިއްރުން ކަންފަތްދޮށުގައި ބުނެލިއެވެ.
” ހިނގާ ކޮޓަރިއަށް” އަލްތާފް ސިއްރުން އަފާފް ކަންފަތްދޮށުގައި ބުނެލިއެވެ. ދެން އަލްތާފް ކޮއްކޮއާއިއެކު އަލްތާފްގެ ކޮޓަރިއަށް ދިޔައެވެ. އަލްތާފް އެތެރެއަށް ވަދެ ދޮރުޖެހިއެވެ. ބެޑްމަތީ ޖައްސައިލިއެވެ. އަފާފްކޮއްކޮވެސް އަލްތާފްގާތު އިށީނދެއްޖެއެވެ. ” ދެން ބުނަގަ” އަފާފް ބުނެލިއެވެ. އަލްތާފް އިންތަނުން ތެދުވިއެވެ. ފުންނޭވާއެއްދޫކުރިއެވެ. ދެން އިރެއްވަންދެން ޖީބަށް އަތްޖަހައިލައިގެން ހުރިއެވެ. ބުނަންވީތޯ ނުބުނަންވީތޯ ވިސްނާކަހަލައެވެ. އެކަމަކު ކިޔައިދޭނަމޭ އޮތީ ބުނެވިފައެވެ. އެކަމަކު ކޮއްކޮއަށް ކިޔައިދޭންކެރޭނެހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން ހަމަގައިމުވެސް ކިޔައިދޭންޖެހޭނެއެވެ. މިހާރު ކިޔައިދިނުމުން މައްސަލައަކި ކޮބައިހެއްޔެވެ؟ ” ބޭބެ އެވާހަކަ ނުކިޔައިދެންޏާ މިދަނީ. ރުޅި” އަފާފް އިންތަނުން ތެދުވެ ދާން އުޅުނެވެ. އެވަގުތު އަލްތާފް އަފާފްގެ އަތުގައިހިފައި ހިފެހެއްޓިއެވެ. ” އިށީނދޭ ” އަލްތާފް އެނދުނެވެ. އަފާފް އިށީނދެއްޖެއެވެ. ” ކޮއްކޯ ކޮއްކޯ ” އަލްތާފްއަކަށް ބުނާކަށެއް ނުކުރުނެއެވެ. ” ހޫނ ދެން ބުނެބަލަ” އަފާފް ކުޑަކޮށް ހިތްހަމަނުޖެހުނެވެ. ” ކޮއްކޯ ބޭބެ ބޭބެމި އަނ.. އަލްތާފްއަކަށް ހަމަ އުޅެ އުޅެ ނުބުނެވުނެއެވެ. ކޮއްކޮގެ ކައިރީގައި ބުނަންއުޅެގެން މިއީ ވާވަރެވެ. ވީއިރު ވަރުދާކައިރީގައި ލޯބިވާވާހަކަ ބުނާނީ ކިހިނެތްހެއްޔެވެ؟ ” ބޭބެ މިއަދު ސައުދާ އައީ ކީއްކުރަންތަ؟ އަފާފް އެހިއެވެ. ” ސައުދާ އައީ ބޭބެއަށް ވަރުދާ ކަމުދާހެން އޭނަޔަށް ހީވިގެން” ބޭއިޙްތިޔާރުގައި އެހެން ބުނެވުމާއިއެކު އަލްތާފްއަށް އަނގަމަތީ އަތްއެޅުނެވެ. “ވަރުދާ އަކީ ކާކު؟” އަފާފް އެހިއެވެ. ” ސައުދާގެ އެކުވެރިއެއް” އަލްތާފް ޖަވާބުދިނެވެ. ” ބޭބެއަށް ވަރުދާ ކަމުދޭތަ؟ ” އަފާފް އެހިއެވެ. އަލްތާފް ހީނލައި އިސްދަށަށްޖެހިއެވެ. ބޯކަހައިލިއެވެ. ދެ ކޮލަށް ފިޔާތޮށިކުލައެރިއެވެ. ” ތީގެ މާނައަކީ އާއެކޭދޯ” އަފާފް ހީނލައިފައި ބުނެލިއެވެ. ” މަޑުކޮށްބަލަ ކޮއްކޮއަށް ކިހިނެތް އެނގުނީ ސައުދާއައި ކަމެއް” އަލްތާފް އެހިއެވެ. ” އަހަރެން ސައިހަދަން އުޅެފައި ގޭތެރެއަށްވަނީ ކޮޓަރިއަށް ދާން ފާޙާނާކުރަން. ދަނިކޮށް ސައުދާގެ ފައިވާން ބޭބެ ކޮޓަރި ދޮރުމަތިން ފެނުނީ” އަފާފް ކިޔައިދިނެވެ.
އަލްތާފް އޮތީ ގަދަނިދީގައެވެ. ހޭލެވިއްޖެއެވެ. ފާޙާނައަށްވަދެލައި ސައިބޯން ކާކޮޓަރިއަށް ދިޔައެވެ. އޭރު އެތާނގައި މަންމައާއި ކޮއްކޮ ހެނދުނުގެ ނާސްތާކުރަން އިނެވެ. ނާސްތާއަކަށް ހަދައިފައިހުރީ މަސްހުންޏާއި ރޮށްޓެވެ. އަލްތާފް ސައިބުއިމަށްފަހު ގޭތެރެއަށް ވަދެ ޓީވީ ހުޅުވައިލިއެވެ. އެކަމަކު ޓީވީ ބަލާހިތެއް ނުވިއެވެ. ފޯނުން ގޭމެއްކުޅެންފެށިއެވެ. ފޫހިވިއެވެ. ކުޅޭހިތެއްނުވިއެވެ. އެސްފިޔަ ވާހަކަ ސައިޓުން ރީތިހެން ހީވައި ވާހަކައެއް ހޯދައި ކިޔާލަންކަމަށް އުޅުނެވެ. އެކަމެއްވެސް ކުރާހިތެއްނުވިއެވެ. އެއްކަމެއްވެސް ކުރާހިތެއްނުވިއެވެ. އިންތިޒާރުކުރެވެނީ ހަވީރުވާނެ އިރަކަށެވެ. ހަވީރުވާނީ ކޮންއިރަކުންހެއްޔެވެ؟ ވަރުދާއާއި ބައްދަލުވެވޭނީ ކޮންއިރަކުންހެއްޔެވެ؟ ސައުދާއަށް ހަވީރުނޫން ވަގުތެއް ހަމަޖައްސަން ނޭނގުންހެއްޔެވެ؟ އެކަމަކު އިންތިޒާރުކުރާނަމެވެ. ލޯބިވެއެވެ. ވީމައި އިންތިޒާރުކުރާނަމެވެ. ކިތަންމެވަރަކަށް އިންތިޒާރުކުރިޔަސް ވަރުބައްޔެއް ނުވާނެއެވެ. ފޫއްސެއްނުވާނެއެވެ. އަލްތާފް ކޮޓަރިއަށް ގޮސް އެނދުމަތީ އޮށޯތެވެ. އެވަގުތު ހިތަށް އަރަމުން ދިއެވެ. މިއުޅެނީ މިއަދު ހަމަ އޭނަޔާއި ބައްދަލުވާނަހެއްޔެވެ؟ ބައްދަލުވެވުމުން ދައްކާނީ ކޮންވާހަކައެއްހެއްޔެވެ؟ ވާހަކަދެއްކޭނެބާވައެވެ؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

