Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މި ލޯތްބާއި ތި ވަޢުދު (1)

Thea reminisces
Thea reminisces Level 210 Stories
April 27, 2026 9 Mins Read
1 Comment

މެންދުރުގެ ގަދަ އަވި މަޑުވެ، ހަވީރު ވަނީ އެވެ. ޢަޞްރު ނަމާދުގެ ވަޤުތުކަމުން  އެ ކުޑަ ރަށު ތެރޭގައި އިވެމުން ދިޔައީ ތަކުބީރުގެ އަޑެވެ. ދޮންވެލި މަގުގައި ބޮޑު މީހެއްގެ މާކަށް ހިލަމެއް ނުވިޔަސް، ޅަފުރާގެ ކުދިން ކޮޅުތައް ސަކަރާތް ޖެހުމުގައި ތިއްބެވެ. އެއް މަގުގައި އެ ބަޔަކު ކޮރު ކުޅެނީއެވެ. އެހެން މަގެއްގައި އެހެން ކުދިންތަކެއް ފައިގަތަޅާ ކުޅެނީއެވެ. އަނެއް ބަޔަކު ގަހަށްވެސް އަރައިގެން ކުޅިވަރު ބަލަން އެބަ ތިއްބެވެ. އަންހެންވެރިންވެސް ނަމާދުކޮށް ނިންމައިގެން ގޭގެއިން ނުކުމެ، އެކުދިން ހަވީރަށް ރީތި ކުރުމަށް އަތުލަފިކުރުމުގައި އުޅުނެވެ. ކުދިންވެސް މާ

މީ އެރަށުގެ ރައްރިތުންގެ ދިރިއުޅުމެވެ. ފިސާރީ ނަމޫނާ ބަޔަކެވެ. އެއްބައިވަންތަކަމާއި އެކަކު އަނެކަކު ދެމެދުގައި އޮންނަ އަޙުވަންތަކަން އިންތިހާއެވެ.

މިސްކިތުން ނުކުމެގެންދިޔަ އަހުމަދާއި އޭނާގެ ފަސްއަހަރަށްދާ ފިރިހެން ދަރިފުޅު މާއިޝް ހިނގައިގަތީ ގެއަށް ދިޔުމަށެވެ. ދިޔަ މަގުމަތީގައި މާއިޝް އާ އެއް އުމުރުފުރާގެ ކުދިން މާއިޝަށް ގޮވާލާ ހަވީރު އަތިރިއަށް ކުޅެން އަންނަން ބުނަމުން ދިޔައެވެ. މާއިޝްވެސް އެކުދިންނާ ރައްދު ދެމުން ދިޔައެވެ. އެ ހިނގަމުން ދިޔަ ހަލުވި މިނަށް މަޑު ޖެހުނީ  އެނާގެ ބައްޕަ ވެސް މަޑުކުރީމައެވެ. ބައްޕަ ހުއްޓިހުރެ އިސް މައްޗަށް ހިއްލައިގެން ފޭރުގަހަށް ބަލަން ހުރީ ލާނެއް ހިނިތުންވުމަކާއެކު އެވެ.

ފޭރު ގަހަށް އަރައިގެން އެ އިނީ 23 އަހަރަށް ދާ އަންހެން ކުއްޖެކެވެ. ޝަފަޤް އެވެ. އަހުމަދުގެ ދޮން ކޮއްކޮ ރޫޔާގެ ގާތް އެކުވެރިޔާއެވެ. އަހުމަދަށް އެނާ ގަހަށް އެރީ ކީއްވެކަން ވެސް އިނގެވެ. ރޫޔާވެސް ކަމަކާ ހާސްވެގެން ނުނީ ފިލަން އަރާނީ ގަހަކަށް ނޫނީ ފުރާޅަށެވެ.

“ޝަފް އަށް ވެސް ސާބަސް. ވާން އުޅޭ ފިރިމިހާއަށް މަރުހަބާ ކިޔަން މީހުން ގަހަށް އަރާތަ؟” ބޯ ހޫރެމުން އަހުމަދު ސަމާސާ ކުރިއެވެ. އަހުމަދުގެ އަޑަށް ކައިރީގައި ހުރި ގެއިން ޝަފަޤް މަންމަ ރަޝްދާވެސް ބޯ ދިއްކޮއްލީއެވެ. އަހުމަދު ހުރި ގޮތް ފެނި ވީ ގޮތް ނަގައިގަނެވުނެވެ. “އަހަންމަދާ، އެކަމަނާ އެނާގެ ޓަވަރުގައި ބަހައްޓާ. ވެދާނެ އެނާ ބޭނުން ވަނީ އެނާ ބަޠަލު އައިސް އެ ޓަވަރުން އެނާ ބާލަން ކަމަށް.” ރަޝްދާވެސް ކުރަން ފެށީ ދިމާއެވެ. “ދޮންމަނިކާ!! ނަމަނަމަ ޝަފް ދައްތަ ކަހަލަ ރޫޔާ ދޮންތަ ކަހަލަ އަންހެނަކާ ކައިވެނި ނުކުރާތި. މިހާރުވެސް ހަލީމާ އެ އުޅެނީ އެ ރޫޔާއާއި ރަހާ މަތަނުވެގެން” ރަޝްދާ މައިޝް އަށް ބަސް ބުނެ ގޮސް ވަދުނީ ބަދިގެއަށެވެ. އަންނަން އުޅޭ މެހެމާނުންނަށް ސުފުރާ މަތި ތައްޔާރުކުރާށެވެ.

“އެކަމު މައިސް ބޭނުން ވަނީ ރޫދޮންތަ. ރޫދޮންތަ ވަރަށް މަޖާ. ދެން ވަރަށް ފައްކާ. މީރުކޮށް ކައްކާ. މައިސް އާއި މީޝް އެއްކޮން ކުޅޭ. އަދި މަޖާ” ޝަފަޤް ގަހުން ފައިބާ މަންޒަރު ބަލަން ހުރެ މައިޝް ޝަކުވާ ކުރިއެވެ.

އަހުމަދު ޗޮކެއް ކަނޑާލަމުން ހިނގައިގަތީ ގެއާ ދިމާލަށެވެ. މިފަހަރު ޝަފަޤް ވެސް އެމީހުންގެ ފަހަތުން އައެވެ. ރުޔާ ހޯދަންށެވެ. ދިޔަ މަގުމަތީ ޝަފަޤާއި ރުޔާގެ އިތުރު ދެ އެކުވެރިންކަމަށްވާ ޟެހެނާ އާއި މައިރާއާ ދިމާވިއެވެ. ތިން މީހުންވެސް ރުޔާގެ ގެއަށް މިސްރާބު ޖެހީ އަނގަތަޅަމުންނެވެ. އަހުމަދުވެސް ބައިވެރިކުރަމުންނެވެ. ޝަފަޤްގެ ކައިވެނީގެ ވާހަކަ އެ ކުޑަ ކުޑަ އާބާދީއަށްވެސް އެނގެއެވެ. ޔަޤީނުންވެސް ވަލީމާގެ ކަންތައްތަކުގައި އެ ރަށު އެންމެން ބައިވެރިވާނެކަން ޔަޤީނެވެ.

އެހެނަސް، އެގެއަށް އަރާހަމަކުރުގެ ކުރިން އެ ތިން އެކުވެރިންނަށް ޖެހުނީ ދުވެފަ ބަނދަރުމައްޗަށް ދާންށެވެ. އަންނަން އުޅޭ މެހެމާނުތައް މާއަވަހަށް އައީއެވެ. މަގުމަތިން ދުވެފަ ދިޔަ ތިން އެކުވެރިންނަށް ބަލަން އެ މަގުގައި ތިބި ބަޔަކު ސަމާސާކުރަމުންދިޔައެވެ. އެއްބަޔަކު ޖެއްސުމަށް ޝަފަޤް އަށް އަޑުއިވޭވަރަށް ދުވުން އަވަސް ކުރަން ހަޅޭއްލެވިއެވެ.

ތިން މީހުންނަށް ބަނދަރާ ހަމައަށް ދެވުނު އިރު ހުރީ މާނެވާ ލެވިފައެވެ. ޝެހެނާގެ ބުރުގާއަށްވެސް އޮތީ އަރިވެފައެވެ. “ކޮބާ އެމީހުން؟” މައިރާ ފުންނޭވާތަކެއްލަމުން ކުރިމަތީގައި އޮތް ބަނދަރަށް ބަލާލިއެވެ. މީހެއްގެ ހިލަމެއް ނުވިތަނުގައި ބޯޓެއް ލޯންޗެއްވެސް ބަނދަރު މަތިން ފެންނަން ނެތެއެވެ. ޝަފަޤްއަށް މީ ވަސީމްގެ ސަމާސާއެއްކަން ނަގައިގަންނަން އިރެއް ނުނަގައެވެ. “ނުބައި ސޮރެއް” ޝަފަޤް ގާތަށް އެއާ ރުޅިން ދަތް ކުނޑިވިކައިގަތެވެ. ޝެހެނާއާއި މައިރާގާތަށް އައީ ނުލަފާ ހިންޏެވެ. “ނުހޭތި!!” ޝަފަޤް ދެލޯ އަޅާލިއެވެ. “ހެވޭނެއްނު. ޝަފްގެ ލޯބިވާ ދެކެން އެއޮތްގެން ދުއްވައިގަތްގޮތްދޯ! ކަންފަތަށް ފޯނު ޖަހާލިކަމެއް ނެތި ދުއްވައިގަތީ ވިއްޔަ. އުސެއިން ބޮލްޓަށް ދޫނުކުރާތި. ދުއްވައިގަތްގޮތުން މަވެސް ހީކުރީ އެމީހުން ލެފީކަމަށް.” ޝެހެނާ ކައިރީގައި ހުރި ޖޯލީގައި އިށީނެވެ. ޝަފަޤް ޝެހެނާއަށް ލޯ އަޅާލި މަންޒަރު ފެނި ޝެހެނާ ބޯހޫރަލިއެވެ. “ކަމަނާ. ކޯފާ އިސްނުކުރަށްވާ. އަހަރެމެން ދެކެ އެއްނޫނޭ ރުޅި އަންނަންވީ. ތި ސަމާސާ ކުރި މިހާއަށް ރުޅި ބާލަ.”

“ތިގޮތަށް އެކަކު އަނެކަކަށް ސަމާސާކުރިކަމުގައި ވިޔަސް އަހަރެންގެ ހުރިހާ އުންމީދަކީވެސް ތި ދެމީހުންގެ ކައިވެނި ދިގުދެމިގެން ދިޔުން.” މައިރާ ނުވާކަމަށް ހެދިގެން ދެއަތްއުރާލިއެވެ. “ރޫޔާ ކޮބާތަ؟ އަހަރެމެން މި އައީވެސް އެގޭ ފަހަނައަޅާފަ” މައިރާ އެންމެ ފަހުން މަޢުޟޫ ބަދަލުކޮށްލިއެވެ. “މަށަކަށް ދެކޮޅު ނުޖެހޭނެ. ރޫކައިރީ ގުޅާފަ ބުނޭ ބަނދަރަށް އަންނާށޭ” ޝަފަޤް އެހެން ބުނިތަނުން ޝެހެނާ ފޯނުނެގީ ރުޔާއަށް ގުޅަންށެވެ. ފޯނުގެ ފަސް ވަނަ ރިންގުން އެކޮޅުން ފޯނު ނެގިއެވެ. ހަލޯއޭ ކިޔާފައި ގޮވައިލީ އެހެނަސް ރޫޔާއެއް ނޫނެވެ. ރޫޔާއަށް ދޮންތަ ކިޔާ މާއިޝާއެވެ.

“މާއްކޮ ދުނީ…ރޫދޮންތަ ކޮބާ؟” ޝެހެނާ ލޯބިން އަހާލިއެވެ. “ރޫދޮންތަ ވެއްޓުނީ…” މާއިޝާ ފެށީ ހޭށެވެ. އެ މައުސޫމު އަޑުން އެކުއްޖާފުޅަށް މަޖާ ވެފައި ހުރިވަރު އިނގެއެވެ. ޖަވާބު އިވިފައި ތިންމީހުންވެސް ކޮޅަށް ޖެހުނެވެ. “ވެއްޓުނީ؟” ޝަފަޤް ދެލޯ ބޮޑުވިއެވެ. “ކޮންތާކުން؟” ތިން އެކުވެރިންގެ ހިތުގައި އޮތް ސުވާލު އެހީ މައިރާއެވެ.

އެހެނަސް މާއިޝާ ޖަވާބު ދިނުމުގެ ކުރިން މާއިޝާގެ މަންމަ އަދި އަހުމަދުގެ އަނބިމިހާ ޙަތުމާ ޖަވާބު ދިނެވެ. އަޑުގައި ހާސްކަމެއް ނެތެވެ. “ވެއްޓުނީއެއްނޫން. ފޭބި. ގިފިލީގައި ހުރި ވަޅަށް” ހަތުމާގެ އަޑުން ތިން މީހުންނަށް ހިފަހައްޓާލައިގެން ހުރި ނޭވާ ދޫކޮށްލިއެވެ.

“ބަދަލުނުވާ ރޫޔާ”

“ސާބަސް”

“އެ ސާޖިދް އެނާ ހޯދަން އައީ ދޯ” ލޯ ހަނިކުރަމުން މައިރާ އެނގިހުރެ އަހާލީ ޔަޤީން ކުރާށެވެ. ހަތުމާ ހޫން އަޅައިލުމުން ތިން މީހުން އިތުރު އެއްޗެއް އަހާކަށް ނޫޅުނެވެ.

ފޯނު ކެނޑުމާއެކު ޝެހެނާ ފޯނު ޖީބަށްލީއެވެ.  ތިން ރަހުމަތްތެރިންގެ  ދެމެދުގައި ހަމަހިމޭން ކަމުގެ ފަސް ވަރަކަށް ސިކުންތު ދިޔައެވެ. “ފިރިހެނުންނަށް ނުނޭކޭ ބުނީމަ ކީއްވެތަ އެ ޤަބޫލުކުރަން ނޭނގެނީ؟” މައިރާ ރުޔާގެ ހާލަތާމެދު ފިކުރު ކުރާ ހާލު ބަނދަރަށް ނަޒަރު ހިންގާލިއެވެ. “ނޭނގެ. ބައެއް މީހުންނަކީ ކިބުރު ބޮޑު މީހުން. އެމީހުންނަށް ވިސްނިފައި އޮންނަނީ އެމީހުން ބޭނުންހާ ކަމެއްވާނެއޭ.” ޖަވާބު ދިނީ ޝެހެނާއެވެ. “އެކަމުދޯ. ސާޖިދްގެ އުނދަގުލާހެދި ރޫ އެހުންނަނީ ނަފްސާނީ ވެފަ” މައިރާ ބަނދަރަށް ބަލަން ހުރެ ބުންޏެވެ.

‘އެދޯ އެލޯންޗަކީ؟” މާ ސިންގާ  ކަނޑުން ނެރު ތެރެއަށް ވަދެގެންއައި ލޯންޗަށް ޝެހެނާ އަތުން އިޝާރަތްކުރިއެވެ. ލޯންޗު އެތެރެއިން ،ދިރުނބާކޮޅަށް ނިކުތް ޒުވާން ފިރިހެނާއަށް ތިން އެކުވެރިން ފެނުނެވެ. ދެއަތްމައްޗަށް އުފުލައިގެން ހުރެ ޝަފަޤްއަށް ހަނާ އަޅަން ފެށި ގޮތުން ތިން އެކުވެރިންގެ ގާތަށް ހިނިވެސް އައެވެ. ޝަފަޤަށްވެސް އެނާގެ ވާންއުޅޭ ފިރިމީހާ ފެނިފައި ކުރިން އައިސްފައި ހުރި ރުޅި ފިލާފިއެވެ. އަވަސް އަވަހަށް އޭނާ ހެދުން ރީތިކޮށްލިއެވެ. ޝަފަޤްގެ މިޖާޒަށް އައި ބަދަލު ފެނި ޝެހެނާވެސް ޖޯލިން ތެދުވެ ހެމުހެމުން މައިރާއާއި ޝަފަޤްގެ ގައިގައި އޮޅުލައިގަތެވެ. އުފާވެރިކަން ކޮޅުންލާ ހާލުގައެވެ.

ލޯންޗު ބަނދަރާ ގާތް ކޮއްލިތަނުން ވަސީމް ލޯންޗުން ބަނދަރު ވާޓަރު މައްޗަށް ފުއްމާލިއެވެ. އަދި ދުއްވައިގަތީ ޝަފަޤްއާ ދިމާލަށެވެ.

“ޝަފް” ލިބިފައި ހުރި އުފާވެރިކަމުން ވަސީމްއަށް ހީނުލައެއް ނުހުރެވުނެވެ. ޝަފަޤްވެސް ވަސީމްގެ އަތުގައި ހިފައިލީ ނުހަނު ލޯބިންނެވެ. ދެ މީހުން އެކަކު އަނެކަކަށް ހިލާ ހުރެވުނީ އެހެން މީހުން ތިބިކަން ހަނދާންނެތިއެވެ.

ޝެހެނާއަށް އެންމެ ފަހުން ނުހުރެވިގެން ކަރު ކެހިލިއެވެ. ތުންފަތްމަތީ ދަތްއަޅައިގެން ހުރެ މައިރާއާއި ދެމީހުންތިބީ ލޯކުރިމަތިން ކުޅެމުން ދިޔަ ސީން ބަލަމުން ހިނިގަނޑު ހިފަހައްޓާގެންނެވެ. “އަހަރެމެންވެސް އެބަތިބި އިނގޭ” މައިރާ ވަރަށް ނުވާކަމަށް ހެދިފައި ބުނެލިއެވެ.

ވަސީމް ހެވިލައިފައި މައިރާއާއި ޝެހެނާއަށް މޫނު އަނބުރާލިއެވެ. “ޝެހޭ. މައި. ސަލާމް. ހާލު ކިހިނެތް؟”

“އޯހް. ސަލާމް ސަލާމް. ރަނގަޅޭ. މާބޮޑަށްވެސް. ބޮޑު ގްރޫޕެއް ގޮވައިގެން ދޯ ތިއައީ” މައިރާ ބުމަ އަރުވާލަމުން ބުނެލިއެވެ.

“ހޫމް. ޝަފަޤްގެ ވާރކް ފްރެންޑްސް އަހަރެންގެ މާލޭގައި އުޅޭ އާއިލާ މީހުން. އަހަރެންގެ ރަހުމަތްތެރިން. ޝެހޭގެ ފިރިމީހާ-”

ހިނިތުންވެގެން ހުރި ޝެހެނާ ހުއްޓުނެވެ. “މަގޭ ފިރިމީހާ؟” ޝެހެނާ އަޑު ބާރުވިއެވެ. ލޯބޮޑުކޮށްފައި ވަސީމްއަށް ބަލާލީ އެނާ ވަސީމް ހުރިތަނުން ނޮޅާނުލަނީސް އެނާއަށް ޖަވާބުދޭށޭ ބުނާފަދަ ނަޒަރަކުންނެވެ. “ޝެހޭ…އަޅޭ…ސޮރީ. ޒަޔާންގެ ސަޕްރައިޒްތާ މި ފެނަށް ދުއްވާލި” ޖެހިލުންވެ ހުރެ ވަސީމް ލޯންޗަށް ނަޒަރު ހިންގާލިއެވެ. އޭރު ލޯންޗުން ފޭބި އެއްބަޔަކު ހިޔަލަށް އަރާހަމަކުރަނީއެވެ. އެއީ ތިން ފިރިހެނުންނެވެ. ޝެހެނާގެ ފިރިމީހާގެ އިތުރުން ދެ ބީރައްޓިސެކެވެ.

“ޔާން!!” ޝެހެނާ ބަލާކަށް ނުހުރެގޮސް ޒަޔާން ގައިގައި ބައްދާގަތެވެ. “އަޅޭ! ހާދަ އުފާ ވެއްޗޭ!!” ޒަޔާންގެ މޫނު އަތުތެރެއަށް ގެނެސް އެނާ ތުން އޫކުރަމުން ބުނެލިއެވެ. ދެން ފެށީ ރޯންށެވެ. “ކީއްވެ ދޮގު ހެދީ އަންނަން ވިސްނާނަމޭ ކިޔާފަ؟ ޒާޝާ ހުންނަނީ ނުލާހިކު ދެރަވެފަ. އަބަދު އަހަނީ ބައްޕަ ބޮޑު ޢީދަށް ނާންނަނީހޭ؟” ޝެހެނާ ރޯ މަންޒަރު ބަލަން މައިރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދެންތިބި މީހުންގެ ހާލަކީވެސް އެޔެ

ޒަޔާންއާއި ޝެހެނާ އެމީހުންގެ ހާލަތަށް ދޫކޮށްލުމަށްފަހު މައިރާ ވަސީމް ކައިރީގައި ހުރި ދެ ފިރިހެނުންނަށް ބަލާލިއެވެ. “މީ ކޮންބައެއް؟” މައިރާ ވަސީމް ގާތު އަހާލިއެވެ. ވަސީމް މައިރާގެ އަޑަށް އެނާ ކައިރީގައި ހުރި ދެ ފިރިހެނުންނަށް ބަލާލިއެވެ.

“މީ…އަހަރެންގެ ގާތް ދެ އެކުވެރިން. ރަޒާން….އަހަރެމެން ކިޔަނީ ރެން. ދެން  މިއުވާން ނޫނީ ވާން” ފަލާހާއި ރަޒާންއަށް އިޝާރަތްކުރަމުން ފަހަރަކު މީހަކު ތަޢާރާފު ކުރަމުން ދިޔައެވެ. ޒަކްވާން ހެވިލާފައި މައިރާއަށް ހަނާއަޅާލިއެވެ. ރަޒާން މޫނުމައްޗަށް ބަދަލެއް ގެނުމެއްނެތި ބޯ ޖަހާލިއެވެ.

“ރެން. ވާން. މީ އަހަރެންގެ ވާން އުޅޭ އަނބިމިހާ. ޝަފަޤް. ދެން އެހުރީ ޒަޔާންގެ އަންހެނުން. ޝެހެނާ. ދެން މިހުރީ މި ހަތަރު ރަހުމަތްތެރިންގެ ތެރޭގައި ހުރި ހުއްސަރިބައިކޮން ހުރި އެކަކު. މައިރާ…ދެން..ރޫ…..” ވަސީމްގެ އަޑު މަޑުވީ އެހެންނާ ހަލަނިކޮށް އުޅޭ ރޫޔާ ފެންނަން ނެތީމައެވެ. އެނާއަށް އަދި ކިރިޔާ ރުޔާ ނެތްކަން އިހުސާސްވިއެވެ.

“”ކޮބާ….ރޫކަމަނަ؟

***

“މިހުރީއެ ހާލަކީ އުޅޭ.

ކިހިނެއްތަ ދެން ހަދާނީ؟”

ލަވައިގެ އަޑު އިވެމުންދިޔައީ ގިފިލިންނެވެ. ސާފުކޮށް ބުނާނަމަ  ގިފިލި ވަޅުންނެވެ. އެހެންނަމަވެސް އެ އަޑަކީ އެހާ މިއުޒިކީ އަޑެއް ނޫނެވެ. އެ އަޑަކީ އެ އަޑުން ލަވަކިޔާފިނަމަ އަޑު އަހަން ތިބި މީހުންގެ ކަންފަތުން ލޭ ފޭބުމުގެ ޤާބިލްކަން ލިބިފައިވާ އަޑެކެވެ.

“ދަރިޔާ! އަދިވެސް ދޫނުކުރާތި!’ ކުސްތަޅަމުންވެސް ވާފިރުއާއި އަހުމަދު އުޅުނީ ރޫޔާ ވަޅުން ނެގޭތޯއެވެ. ވަޅުގެ ތުންފަތް ކައިރީ މައިޝާ އާއި މައިޝް ވަޅަށް ބޯ ދިއްކޮށްގެން ހުއްޓެވެ. ގިފިލި ދޮރުމަތީ އައިފޯނެއް ހިފައިގެން މަންޒަރު ވީޑިޔޯ ކުރުމުގައި ރަހާ އުޅުނެވެ. ހަތުމާއާއި ހަލީމަ އުޅުނީ ހަވީރު ސައި ތައްޔާރުކުރުމުގައެވެ.

“ރޫދޮންތާ! މާއްކޮވެސް ބޭނުން ވަޅަށް އެރެން” މާއިޝާ ޝަކުވާކުރާ ރާގަކަށް ބުނެލިއެވެ. “މައިސް ވެސް” މައިޝާގެ ފަހަތުން މައިޝްވެސް ބައިވެރިވެލިއެވެ.

“އެކަކުވެސް ވަޅަށް އެރިގެން ނުވާނެ!” ވާފިރު ހަރުގަނޑު ތައްޔާރު ކުރަމުން ބުނެލިއެވެ އަޑުގައި ނުރުހުންވެފައިކަން އެނގުނަސް މޫނުމަތިން ނުރުހުމުގެ އަސަރެއްނެތެވެ. ހިވާފަދައިން މިކަހަލަ ކަންކަމަކީ މިގޭގައި އަބަދުވެސް ހިނގާކަންތައްތަކެއް ހެންނެވެ.. “މީހަކަށް ފިލަންވެސް މިދެން ބޮޑުވަރުދޯ”

“ބޮޑުވަރު ކޮއްގެން ފިލީމަ ފަސޭހަލުން ނުފެންނާނީ” ޖަވާބުގެ އަޑުއައީ ވަޅުންނެވެ.

“ތީ ކާކު ދެއްކި ވާހަކައެއް؟”

“ތަޖުރިބާ”

“ކާކުގެ ތަޖުރިބާއެއް؟”

“އަމިއްލަ މިހާގެ”

“ރޫޔާގެ؟”

“އާނ. ޗުއްޓީއަށް ރަށަށް އާ ފަހުން އެ ސާޖިދް މަ ހޯދަން ހަ ފަހަރު އުޅުނު. އެންމެ ފުރަތަމަ ފަހަރު ނުފިލަން. ދެވަނަ ފަހަރު ފިލީ ހަބިއްތަ ގޭ ގުދަން ތެރޭ. ކޮންމެވެސް ގޮތަކުން އެނާއަށް މަ އެތަނުގައި ފިލައިގެން އުޅުނުކަން އެނގުނީމަ ތިންވަނަ ފަހަރު މަ ހޯދަން އުޅުނީ އެތަން ބަލާފަ. ހަތަރުވަނަ ފަހަރު އަހަރެން ފިލަން އެރީ މުހަންމަދުބޭ މެންގޭގައި ބޭނުންނުކުރާ ފެންތާނގިއަށް. ފަސްވަނަ ފަހަރު ނުފިލަން. ހަވަނަ ފަހަރު ފޭބި މި ވަޅަށް. މިހާރު މަ ހޯދަން އަންނަނީ ހަބިއްތަގޭ ގުދަނާއި މުހައްމަދުބޭގެ ފެންތާނގި ބަލާފަ” ކުރާނެ ކަމެއްނެތިގެން ރުޔާ ވަޅު ފެންގަނޑުތެރޭ ފަތަމުން ޖަވާބު ދިނީ ފުރިހަމަ ކަމާއެކުއެވެ. ޖަވާބުގެ ފުރިހަމަ ކަމުން ރަހާއަށާއި އަހުމަދުގެ އިތުރުން ވާފިރަށްވެސް ހުރެވުނީ ބަސް ހުސްވެފައެވެ. ތިންމީހުން އެކަކު އަނެކަކަށް ބަލަން ހުރެވުނީއެވެ.

ވާފިރުއަށް އެންމެ ފަހުން ފުންނޭވާއެއް ދޫކޮއްލިއެވެ. ރޫޔާއާއި ޖަދަލުކޮށް ކުރިއެރުމެއް ނުލިބޭނެކަން އިނގޭތީއެވެ. އެނާއަށް ލިބިފައި ހުރި މި ދޮންދަރިއަކީ މަޑުން ހުއްޓެއް ކަމަކު ހަލަނި ކަމުން މައިތިރި ކުރެވޭނެ ކުއްޖެއްނޫނެވެ.

“މައިސް ބުނާނަން އެންމެން ގާތު ރޫދޮންތަ ވަޅަށް ފުންމާލިވާހަކަ” މާއިޝް ހެވިފައި ބުނެލިއެވެ. އަދި ދުވެފައި ގިފިލިން ނިކުމެގެން ދިޔައެވެ. މައިސްގެ ފަހަތުން ރަހާ ވެސް ދިޔައީ އެކުއްޖާ އެކަނި ދޫކޮށްނުލާންވެގެންނެވެ.

***

ރުޔާ ވަޅުން ނަގަން މާގިނަ ވަގުތެއް ނުނެގިއެވެ.ދޮންބައްޕައާއި ދޮންބޭބެއަށް ޝުކުރު ބުނެފައި މިސްރާބު ޖެހީ ގެއަށް ވަންނަންށެވެ.

އެ ގެޔަކީ ވާފިރުއަށް ވާރުތަވި ބިމުގައި ދެ ބުރިއަށް ނަގާފައިވާ ގެއެކެވެ. ބިމުގެ ކަނާތުފަޅީގައި ގެ ބިނާކުރެވިފައިވާއިރު، ބިމުގެ ވާތުފަރާތުގައި އޮތީ ކުދިން ކުޅެން ދޫކޮށްލައިފައި އޮތް ހުސްބިމެވެ. ހުސްބިމެކޭ ބުނިކަމުގައި ވިޔަސް، އެތަނުގައި ދެ ރުކާއި، ކުންނާރު ގަހަކާއި ފޭރުގަހުގެ އިތުރުން ބަނބުކެޔޮގަހެއްވެސް ހުރެއެވެ. ބަނބުކެޔޮ ގަހުގައި  ވާފިރު ވަނީ ދެތިން އުނދޯލި އެލުވާފައެވެ. ހަދާފައި ހުރި ގެއާއިންވެގެން އިންނަނީ ގިފިއްޔެވެ. ގެޔަކީ ކިތަންމެ ފެންވަރު ރަނގަޅު ގެއެއްކަމުގައި ވިޔަސް، އެގޭގެ ވަށާފަރު އަދިވެސް ހުރީ އޭރުގެ ހިރިގަލުން ހަދާފައެވެ. ވަށާފާރު އަރާހަމަވަނީވެސް އުނަގަނޑާހަމައަށެވެ. ހީވާފަދައިން، ދިރިއުޅުމައިގެން ކުރިއަށް ދިޔަސް، މާޒީވެސް އެ ދިރިއުޅުމާއެކު ވާހެންނެވެ.

ހަތުމާ ދިއްކޮއްލި ތުވާލި ގައިގައި އޮޅާލައިގެން ރޫޔާ ބާރުބާރަށް ދިޔައީ އެނާގެ ކޮޓަރިއަށެވެ. ވަޅުގައި އެހާ ގިނައިރު ހުންނަން ޖެހުނީމަ މީހާ ހުރީ ހީކަރުވާ ގަނެގެން ރޫރޫ އަރާފައެވެ. އަމިއްލައަށް ފޭހުނު އިލޮށި ހޭރުނީވެސް އެންމެ ފަހުން އަމިއްލަ މިހާގެ ލޮލަށެވެ. ކޮޓަރިއަށް ވަދެ، ތެތް ހެދުމާއެކު ފާހަނައަށް ވަދެ ގައިން ތާޙިރު ވެލައިގެން ނުކުތީ ބޯވެސް ދޮވެގެންނެވެ. މާގިނަ ވަގުތު ބޭކާރު ނުކޮށް، އެއް އަތުން ހެއަރ ޓްރަޔަރ ބޭނުން ކުރަމުން ދިޔައިރު އަނެއް އަތުން އަލަމާރިގައި އަޅުވާފައި ހުރި ހަވީރު ހެދުން ނެގުމުގައި އުޅުނެވެ.  އިސްތަށިގަނޑު ހިކުމާއެކު ކަކުނި ދަތީގެ އެހީގައި ފަލަމަސްގަނޑާއި ހަމައަށް އަންނަ އެ ދިގުއިސްތަށިގަނޑު ހުޅިއެއްގައި ތެރޭގައި ބަންދުކޮށްލިއެވެ. ބޯމަތި އޮމާން ކޮށްލުމަށްފަހު، ލާން ނަގައިފައި އޮތް ޕީޗް ކުލައިގެ ގަމީސްހެދުމަކާއި، ހަމަ އެކުލައިގެ ސްކާރޓެއް ލިއެވެ. ހިތްހަމަޖެހޭވަރަށް ރީތިވެ ނިމުމުން ލޯގަނޑަށް ބަލާލިއެވެ.

ރޫޔާއަކީ އެއްވެސް އިރެއްގައި އެނާ ހުންނަ ވައްތަރަށް ޝައުޤުވެރިކަން ހުންނަ ކުއްޖެއްނޫނެވެ. ނުނީ ޝަކުވާވެސް ކުރި ކުއްޖެއްވެސް ނޫނެވެ. މާތްﷲ  އިންސާނާ ހައްދަވާފައިވަނީ އެންމެ ރީތި، އެންމެ ފުރިހަމަ ސިފައިގައިކަން އެނާއަށް އިނގެއެވެ. އެހެންކަމުން އެނިޢުމަތަކަށް ޝަކުވާކުރާކަށް އެނާ ނެތެވެ.

އެހެނަސް ރޫޔާގެ ބުރަސޫރަ ހުތުރެކޭ ނުބުނެވޭނެއެވެ. ބޯ ބުމައެއްގެ އިތުރުން ބޮޑު ދެލޮލާއާއި ދިގު އެސްފިޔަތަކެއް ލިބިފައިވެއެވެ. ހަންގަނޑު ދޮންނޫނަސް އެނާގެ ހަންގަނޑު އަލިއެވެ. މަޑު ފިޔާތަށްޓަށްދާ ތުންފަތެވެ. އޮއްސޭ އިރުގެ އަލިތެރޭގައި ރޫޔާ ސިފަވެގެންދަނީވެސް ނުލާހިކު ހުވަފެނީ ގޮތަކަށެވެ.

ރޫޔާ ކާގެއަށް ވަދުމާއެކު ހަވީރު ސަޔަށް އެ އާއިލާ އިންސާފުވިއެވެ. ރޫޔާވެސް މާއިޝާ އުނގަށްލައިގެން އެކުއްޖާއަށް އެހީވަމުން ސައިބޮމުން ދިޔައެވެ. މިއަދަކީ ހުކުރު ދުވަސްކަމުން، މާއިޝާއާއި މައިޝް ފައިހަރުލައިގެން ހުރީ ޕިކަޕު ދުއްވަން ދާންށެވެ. އެންމެފަހުން ވާފިރު އެއްބަސްވުމުން ދެކުދިން ޔޭ އޭކިޔާ އެކަކު އަނެކަކަށް އަތްޖެހީ އުފަލުންނެވެ.

***

ވަސީމް، މިއުވާން އަދި ރަޒާން އަދި ރަށުގައި އުޅޭ ވަސީމްގެ އިތުރު ދެތިން އެކުވެރިން ޝަފަޤްމެން ގެއިން ހަވީރު ސައިބުޔުމަށްފަހު ނުކުތީ ރަށުތެރެބަލާލަންށެވެ. ވަސީމްއަކީ އެރަށުގައި ރަޖިސްޓްރީ ކުރެވިފައިވާ ރައްޔިތެއްކަމަކު ގިނަ ފަހަރު އުޅެނީ މާލޭގައެވެ. އެހެނަސް ދޭތެރެ ދޭތެރެއިން ރަށަށް އައިސް ހަދައެވެ. ކަން މިހެން އޮތުމާއެކު އެމީހުންގެ އަރުކާޓީއަކަށް ވީ ޝަފަޤާއި މައިރާއެވެ. ޝެހެނާ ވީ ޒަޔާން ގޮވައިގެން އެނާގެ އަމިއްލަ ގޭގައެވެ. އެ ދެމެފިރިންވެސް މިގަޑީގައި ބޭނުންވަނީ އެމީހުންގެ ކުޑަ ދަރިފުޅު ޒާޝާއާ އެއްކޮން ވަގުތު ހޭދަކުރަންކަން ޝަފަޤަށް އެނގޭތީ އެކުޑަ އާއިލާއަށް އުނދަގޫކުރާކަށް އޭނަ ބޭނުމެއްނުވިއެވެ.

“މިހެން ގޮސް ކަނާތަށް އަޅާއިރަށް ފެންނާނެ ސިއްހީ މަރުކަޒު. ސިއްހީ މަރުކަޒު ކައިރީ އިންނާނެ އޭ.ޓީ.އެމް ވެސް” ޝަފަޤް އެކި ތަންތަން ދައްކަމުން ކިޔައިދެމުން ދިޔައެވެ. އެހެން ގޮސް އެމީހުންނަށް އެޅުނީ އަތިރިއަށް ދާން ހަދާފަ އޮތް މަގަށެވެ. ދުރުގައި ދުއްވަމުން ދިޔަ ކުޑަ ޕިކަޕު ފެނި ވަސީމް އެއަށް އިޝާރަތްކުރިއެވެ. އެ ޕިކަޕުގެ ފަހަތުގައި ހަތުމާއާއި އަހުމަދުގެ އިތުރުން މާއިޝާއާއި ހަލީމާ އިށީނެ އިނެވެ. ޕިކަޕުގައި ‘އެލް’ ބޯޑު އަޅުވާފަ ހުރިކަން އެމީހުންނަށް ފާހަގަ ވިޔެވެ. “އެހުރީ ވާފިރުބޭގެ ޕިކަޕު. ރޫކަމަނަވެސް އަތިރީއަށް އައީ ދޯ” ވަސީމް ގެ ބަހަށް ޝަފަޤާއި މައިރާ އަތިރިމައްޗަށް ނަޒަރު ހިންގާލިއެވެ. “ދެންގޮސް އެކުއްޖާއަށް ދިމާކުރާނީ ކީއްއެއްނު” މައިރާ ވަސީމްގެ ގޮތް އިނގޭތީ ބުނެލިއެވެ.

“ތިކިޔާ ރޫ ހާދަ ފިސާރިއޭ. އަހަންނަކަށްވެސް ނޭނގެ ވަޅަށް ފައިބާކަށް” މިއުވާން އަދިވެސް ހުރީ އާޝޯހުވެފައެވެ. ބަނދަރުމަތިން ވަސީމް ރޫޔާ ފެންނަން ނެތުމުން ސުވާލުކުރީމަ ޝަފަޤް ރޫޔާ ވަޅަށް ފުންމާލިވާހަކަ އެނާއާއި ރަޒާން އަޑުއެހީ ޤަބޫލުކުރަން ދަތި ހާލުގައެވެ. ރަޒާންގެ މޫނުމައްޗަށް ބަދަލުތަކެއް ނައެއްކަމަކު އެނާވެސް ޝައުޤުވެރިވެފައިހުރިވަރު މިއުވާނަށް އެނގެއެވެ. އަންހެންކުދިން ވަޅަށްވެސް ފައިބާހެއްޔެވެ؟

“އެކަމު ކީއްވެ އެލް ބޯޑު އަޅުވާފަ އެހުރީ؟ ވާފިރުބޭ އަކީ އެހެނަސް ޕިކަޕު ދުއްވާ މީހެއްނު.” އަޑުއައީ އެ ގްރޫޕު ކައިރިންނެވެ. އެއީ ޝެހެނާއާއި ޒަޔާނެވެ. ޒަޔާންގެ އަތުތެރޭގައި ހަތަރު އަހަރަށްދާ ޒާޝާ ހެވިފައި މައިރާމެންނަށް ހަނާއަޅާލިއެވެ. އެންމެންވެސް އެސުވާލުގެ ޖަވާބު ޔަޤީނެއް ނޫނެވެ. އެކަމަކު އަޑުން ފަޅާ ނުބުނަސް އެންމެންނަށް ޖަވާބު ހީވިއެވެ. އެ ހީވުން ޔަޤީންކުރަން ވެގެން އަދި އެއްފަހަރު އެންމެން އެއްފަހަރާ ޕިކަޕަށް ބަލާލިއެވެ.

“އެހުރީ އަންމަޑޭބެ. ހަތޫދައްތަ. ހަލީއްތަ. މައިސްވެސް. ރަހާވެސް” ޒަޔާން ގުނާލިއެވެ.

“އެހެންވިމާ ކުރީގައި ޔަޤީނުންވެސް ރޫ އާއި ވާފިރުބޭ ދެން މާއްކޮދޯ؟” ޝެހެނާ ވެސް ހުރީ އެނާގެ ހުރިހާ ސަމާލުކަމެއް ޕިކަޕަށް ދީފައެވެ. އެ މީހުން ތިބީ ޕިކަޕުގެ ފަހަތުގައިކަމުން ޕިކަޕުގައި ކުރީގައި ހުރީ ކޮންބައެއްކަމެއް ނޭނގެއެވެ. ޕިކަޕު ޕާކު ކުރުމުން ފަހަތުގައި ތިބި މީހުން ފޭބިއެވެ. ޕިކަޕުގެ ޕަސެންޖަރ ސީޓުން ދޮރު ހުޅުވާލައިފައި ފޭބީ ވާފިރާއި މާއިޝާއެވެ.

ޑްރައިވަރ ސީޓުން ފޭބީ ރޫޔާ އެވެ. އެހެނަސް އެނާ ފޭބީ އެ އެންމެނަށް ފުރަގަސް ދީގެންނެވެ. ޕިކަޕު ދޮރު ލެއްޕުނުހާ އަވަހަށް އެނާ ދުއްވާގަތީ އަތިރި މައްޗަށެވެ.

“އެއީ ރޫޔާ؟؟” މިއުވާނަށް ހުރެވުނީ އަނގަ ހުޅެވުނު ގޮތަށް ބަންދުކުރަން ނޭނގިފައެވެ.

“ހޫމް. މޮޅު ދޯ” ޝެހެނާ ފަޙުރުވެރިކާމާއެކު ބުނެލިއެވެ. ވަސީމްގާތަށް ހިނިއައެވެ. އޭނާއަށްވެސް ހީވީ އެހެންނެވެ. އެނާއަށްވެސް އަދި އެހެންމީހުންނަށްވެސް ރޫޔާ ކަމުދަނީ އެހެންވެގެންނެވެ. އެނާއަކީ ފިރިހެނަކަށް ދޫނުކުރާ އަންހެނެކެވެ.

“ހިނގާ ދަމާ! މަ ބޭނުން ހަލީއްތަ އާއި ވާފިރުބޭ ދެކިލަން” ވަސީމް ހިނގައިގަތީ އެ އާއިލާއާ ދިމާލަށެވެ. ވަސީމްގެ ފަހަތުން ދެން ތިބި އެންމެން ވެސް ދިޔައެވެ.

“ހަލީމަ ދައިތާ.. ވާފިރުބޭ. އައްސަލާމް ޢަލައިކުމް” ވަސީމް ވާފިރުގެ އާއިލާއާ އަރާހަމަކުރަމުން ސަލާމަށް އެދުނެވެ. ވާފިރުވެސް ވަސީމްގެ އަޑަށް އެނބުރުނެވެ. “ވަޢަލައިކުމް ސަލާމް. ވަސީމް. ރަނގަޅުތަ؟” ވާފިރާއި ހަލީމާ ވަސީމަށް ސަމާލުކަން ދިނެވެ. ވަސީމްވެސް މާގިނަ ވަހާކަ ނުދައްކާ އެނާގެ އެކުވެރިންވެސް ހަލީމަމެންނަށް ތަޢާރާފު ކުރިއެވެ.

“ކޮބާތަ ރޫޔާ އާއި ރަހާ؟ މިއަދު ރޫކަމަނަ ވަޅަށް ފުންމާލި ވާހަކަ އަޑުއެހިން.” ވަސީމް ހަލީމަމެންގެ ފަހަތަށް ބަލާލިއެވެ. ވަސީމްގެ ސުވާލު އަޑުއިވިފައި އަޑުއިވޭ ހިސާބުގައި ހުރި ރަހާއަށްވެސް ހިމޭނަކުން ނުހުރެވުނެވެ. ބޮކެއް ހެން ފުމެމުން އެނާގެ މަންމަ ހަލީމަ ގާތަށް ޖެހިލިއެވެ. “ހޫމް. ދޮންތައަށް ސާޖިދް މަގު ކަންމަތިން ފެނިގެން އައިސް އަޅުގަނޑު ކައިރީ ބުނީ ހަރުގަނޑު ހިފައިގެން ގިފިއްޔަށް އަންނާށޭ. ދެން ދިޔަތަނުން، ހަރުގަނޑު ވަޅަށް ވައްޓާލާފަ ބުނެފި ވަޅު މަތިޖަހާށޭ ޓިނު ގަނޑު ބޭނުން ކޮށްގެން. ސާޖިދް އަދި އަހަރެމެން ގެޔަށްވެސް އައީ ހަބިއްތަގޭ ގުދަނާއި މުހައްމަދުބޭގެ ހުސްކުރި ފެންތާނގި ބަލާފަ. އެބަ އޮތް ވީޑިޔޯވެސް. ބައްޕައާއި ދޮންބެ ވެގެން ދޮންތަ ވަޅުން ނަގާތަން” ކުރެވުނު ކަންތަކާ ފަޙުރުވެރިވެ ހުރެ ރަހާ ވީގޮތް ކިޔައިދިނެވެ. ރަހާއަށްވެސް ދެ ބީރައްޓެހިން ފެނި އަމިއްލައަށް ތަޢާރާފް ވެލިއެވެ. ރަހާގެ ވާހަކަ އަޑުއަހާފަ މިއުވާނާއި ރަޒާނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދެން މިތަނުން ކޮބާ ރޫޔާ؟” އެ ސުވާލު ކުރީ ވަސީމާއި ޒަޔާން އަދި މިއުވާންވެސް އެންމެ ހީނުކުރާ މިހާއެވެ. ރަޒާނެވެ. ރަޒާނުގެ އަޑުން ކުޑަވަރެއްގެ ޝައުގުވެރިކަން ހުރިކަން އެ ތިން މީހުންނަށްވެސް އެނގުނެވެ.

“ރޫދޮންތަ؟ އެހުރީ”  މައުސޫމު ގޮތަކަށް ރަހާ އިނގިލި ދިއްކޮއްލީ  ދުރުގައި ރާޅު ޖެހޭ ހިސާބުގައި މާއިޝާއާއި މާއިޝްއާއެކު ސަކަރާތް ޖަހަން ހުރި ޒުވާން އަންހެން ކުއްޖާއަށެވެ. މާއިޝްއާއި މާއިޝާގެ އަތުގައި ހިފައިގެން ރާޅު ޖެހޭ ހިސާބަށް ރޫޔާ ހިނގާފަ ދެވެ. އަދި އެއްގަމަށް ރާޅު ޖެހޭކޮންމެ ފަހަރަކު ނުތެމެންވެގެން އެއްގަމަށް ދުއްވާގަތެވެ. ރާޅު މައިތިރިވުމާއެކު އަނެއްކާވެސް ތިން ބެއިން ދުއްވާގަންނަނީ މޫދާ ދިމާލަށެވެ.

ރަޒާނަށް ހުރެވުނީ ކަޅި ނުޖަހާ ސީރިއަސްކަމާއެކު ރޫޔާއަށް ބަލަންށެވެ. ރޫޔާގެ ރީތިކަމަށްވުރެ އެނާ ފާހަގަވީ އެނާގެ މައުސޫމުކަމާއި އޯގާތެރިކަމެވެ. ކައިރީގައި ހުރި ރޫޔާގެ ދެކޮއްކޮ ގޮވައިގެން ސަމާސާ ކުރުމުގައި ރޫޔާ އަވަދިނެތި އުޅޭ މަންޒަރު ބަލަން އޭނާ ހުރެވުނީއެވެ. ވަސީމްމެން ރޫޔާމެންނާ ދިމާލަށް ހިނގައިގަތުމުން އެނާވެސް އެމީހުންގެ ފަހަތުން ދިޔައެވެ. އެހެނަސް އެނާގެ ނަޒަރު ހުއްޓިފައި ހުރީ ރޫޔާއަށެވެ.

ބަޔަކު އެދިމާލަށް އަންނަ ކަމުގެ އިހުސާސް ކުރެވިގެން ރޫޔާވެސް އިސްނަގައި ބަލަލީ ވަސީމްމެންނާ ދިމާލަށެވެ. އެ ވަގުތު ރަޒާނަށް ރޫޔާ ރީތިކޮށް ފެނުނެވެ. އިރުގެ ދޯދިން ރޫޔާ ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އިރުގެ އަލިން ރޫޔާގެ ލޯ މާ ފުރިހަމަކަމަށް ދައްކައެވެ. ދިގު އެސްފިޔަތަކުގެ ހިޔަނި އެނާގެ ކޯތާފަތަށް އެޅިފައި ހުރުމުން ރޫޔާގެ މައުސޫމުކަން އިތުރު ވެގެން ދިޔައެވެ. ހިތާހިތުން އެ ރީތިކަމަށް ތަޢުރީފުކުރެވުނީ ކިތަށް ފަހަރު ކަމެއް ނޭނގެއެވެ.

ރޫޔާ ޝަފަޤްމެންނަށް ހިނިތުންވުމެއް ދެމުން އެމީހުންނާ ދިމާލަށް ހިނގައިގަތެވެ. ހަތުމާ އެނާގެ ދަރިންވެސް ކައިރިކޮށްލީ މެހެމާނުންނާ ތަޢާރާފު ވެލަން ވެގެންނެވެ. ވަސީމް ކުރިއަށް ޖެހީލުމަށްފަހު އަވަސްވެގަތީ އެނާގެ އެކުވެރިންނަށް ރޫޔާގެ އާއިލާގެ ދެންތިބި މީހުން ތަޢާރާފުކުރަންށެވެ. “ރޫކަމަނާ! ދުވަހަކުވެސް ބަދަލު ނުވައްޗޭ. ދޯ ޝަފް” ވަސީމް ޝަފަޤަށް ދޯދެމުން ކުރިއަށް ގެންދިޔައެވެ. ރުޔާއަށް އެހިސާބުން ވަސީމަށްވެސް އެނާ ވަޅަށް ފޭބިކަމުގެ ޙަބަރު އެނގިފައިވާކަން އަންދާޒާކޮށްލެވުނެވެ.

“މީ އަހުމަދު…ނުނީ އަންމަޑޭ. ދެން އޭނަގެ ވައިފް ހަތުމާ. ދެން މިހުރީ އެއްމާބަނޑު ދެކުދިން. މާއިޝާއާއި މާއިޝް. ދެން…އަހަރެމެންގެ ކުޅަދާނަ ރޫޔާ. ލޯބިން ރޫކަމަނަ. ނޫނީ ރޫ”

“މިހުރީ އަހަރެންގެ ގާތް ދެއެކުވެރިން. މިއުވާން.” ވަސީމް ފަހަރަކު މީހަކު ދައްކަމުން ދިޔައެވެ.މިއުވާން ރޫޔާއަށް ހިނިތުންވެމެއް ދިނުމުން ރޫޔާވެސް މިއުވާނަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

“ދެން ރަޒާން” އެނާގެ ނަޒަރު ހުއްޓުނީ މިއުވާންގެ ފަހަތުގައި ހުރި ފިރިހެނާއަށެވެ. ނަމުންނަމަ ރަޒާނެވެ. އޭރުވެސް ރަޒާންގެ ނަޒަރު ހުއްޓިހުރި ރޫޔާއަށެވެ. ދެމީހުން ހަތަރު ކަޅިހަމަވީއެވެ. ޖެހުނީ ޖާދުވީ ޖަލުގައެވެ. ރޫޔާގެ ހިތް އަވަސްވީ ކުއްލިއަކަށެވެ. ނޭވާވެސް ކުރުވި ފަދައެވެ. އެ ދެމީހުންގެ ދެމެދުގައި ދުނިޔެ ހަމަހިމޭންވި ފަދައެވެ

Share Article

Thea reminisces
Follow Me Written By

Thea reminisces

Level 210 Stories

Currently a uni student who decided to fill her free time writing stories. Be ready to dive into thea's world of imagination and drama. Have a happy reading

Other Articles

Previous

ތިޔަ ނަން މި ހިތުގާ 9

Next

ދެވުނީ ވޭނޭ 61

Next
April 27, 2026

ދެވުނީ ވޭނޭ 61

Previews
April 27, 2026

ތިޔަ ނަން މި ހިތުގާ 9

One Comment

  1. Sheex says:
    April 27, 2026 at 9:44 pm

    V reethi 1st part MA
    Alhey haadha fisaari meehekey
    Yageen mihaaru ge kudhinnakah neyngeyne ehen ulheykahves
    But rooyaa ar sheex ar hama same gotheh hunnakan yageen vejje hama ekani valhah neyrykan but hamayah erunin
    hehehe
    CW4THENEXTP
    Tc

Comments are closed.



All Right Reserved!