“ކޮބާ؟ ވަރަށް ސަޅި އޭ އާ އަޕްޑޭޓު. މަށަށް ޔަޤީން ސަރާ އަޅައިފިއްޔާ މޮޔަވާނެކަން. ސޯ މަށާ އެކީ ކުޅޭނެ އިތުރު މީހެއްވެސް ވާނެއެއްނު.” އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އާލާ އަހަރެންކައިރީ ޕަބްޖީ އަޅާށޭ ކިޔާތާ މިހާރު މަދަކަ ދުވަހެއްނޫނެވެ. ޕްލޭސްޓޯރަށް ވަދެ އިންސްޓޯލް ކުރަން ޖައްސައިފީމެވެ. ވައިފައި އެހާމެ ސްލޯއެވެ. ރައުޓަރާއި އެންމެ ގާތުގައި ފޯނު ބޭއްވުމަށްފަހު އަހަރެން ދިޔައީ ބަދިގެއަށް މަންމަ ކައްކާފައިހުރި ކުޅިބަތްޕެން ބޯށެވެ.

ޕަބްޖީ ގެ ވާހަކަތަކަކީ އަހަރެން އަބަދުވެސް އަޑުއަހާ ވާހަކަތަކެކެވެ. އެ ކުޅެން ފަށައިފިއްޔާ އެކަމަށް ދަކު ހިފާނެ ކަމާއި، ގޭމުގެ މަޖާ ކަމާއި އައު ރައްޓެހިން ލިބޭނެކަމުގެ ވާހަކަތަކަކީ ގޭތެރޭގައިވެސް ދައްކާ އާންމު ވާހަކަ ތަކަކަށް ވެއްޖެއެވެ. ނަމަވެސް އަހަރެން އެ ކުޅެންފެށީ އެކަހަލަ އެއްވެސް ކަމެއް ހިތުގައި ބާއްވައިގެނެއް ނޫނެވެ. ހަމަ އާލާގެ އާދޭހަށެވެ.

ދުވަސްކޮޅެއް ވޭތުވެއްޖެއެވެ. މިއަދުވެސް އަހަރެން އިޝާ ނަމާދު ކޮށްލައިގެން ޖައްސާލީ އާލާވެސް އޮންލައިންގަ އިންނާނެ ކަމުގެ ފޮނި އުންމީދާއި އެކުގައެވެ. ނަމަވެސް އާލާ ތަނަކަށް ދާން ޖެހުމުން ގަނޑަކަށް އެރޭނެ ގޮތެއް ނުވިއެވެ. ރޭންޑަމް ކޮށް ފަށައިފީމެވެ. ބޭރު ގައުމު ސްކޮޑަކާ އެކީ ޑިނާއެއް ކެއީމެވެ. ވާހަކަ ދައްކާ މަޖާ ކޮށްލާނެ މީހެއް ނެތުމުން ލޮބީގައި އާލާގެ އިންތިޒާރުގައި އިންދާ ކްލޭން ކުއްޖެއް ސްކޮޑަކާއި އެކީ އަރަން އިންވައިޓް ކޮށްފިއެވެ. އަހަރެންމީ އާލާ ނޫން ރާއްޖެ މީހަކާ އެކީ ދުވަހަކުވެސް ޕަބްޖީ ކުޅުނު މީހެއް ނޫނެވެ. ނަމަވެސް އެވަގުތު ކުޅޭ ހިތްވެފައިވާލެއް ބޮޑުކަމުން އަރައިފީމެވެ.

އަނގަ ގަދަ ކުއްޖެކެވެ. އަހަރެން އިނީ މައިކް އޮފް ކޮއްލައިގެނެވެ. ތިން ފިރިހެން ކުދިންނާއި އެކީ އަހަރެން ގަނޑު ނިންމާލީ 11 ކިލް އާއި އެމްވީޕީ އާއި އެކުގައެވެ. އަހަރެން މީ ކުޅެން އެހައި މޮޅު މީހެއްނޫނެވެ. ނަމަވެސް އެ ގަނޑުގައި ހަމަ ނަސީބު ރަނގަޅީއެވެ. “ހާދަ އޯޕީ އޭ. ބިގް ފޭން، ބިގް ފޭން” މިހެން ބުނީ ޒަޔާން ކިޔާ ކުއްޖެކެވެ. “ހިނގާ އަދި ގަނޑެއް ޖަހަން” އެމީހުންގެ އެދުމަށް އެރޭ ފޯނު ނިވެންދެން އެމީހުންނާއި އެކީ ކުޅުނީމެވެ.

އާދުވަހަކަށް އިރުއަރައިފިއެވެ. ގޭތެރޭ މަސައްކަތުގައި މަންމަ އަށް އަތް ގާތް ކޮށްދީ ހެދުމަކީ އަބަދުވެސް އަހަރެންގެ އާދައެކެވެ. މެންދުރަށް ކައްކައި ހަދާފައި ނާމާދު ކޮށްލައިގެން އަހަރެން ގަނޑަކަށް އަރަން އިށީނީމެވެ. އާލާ އާއި އެކީ އަރައި އިންދާ އެއްކަލަ ޒަޔާން ރިކުއެސްޓް ފޮނުވަން ފަށައިފިއެވެ. ޒަޔާން އެރުވުމުން ކުއްޖެއް އަރުވަނީއޭ ކިޔާފައި “ރައިން27” މިހެން ޖަހާފައި އިން ކުއްޖެއް އަރުވައިފިއެވެ. “އާއްޗާ. ހާދަ ގަދައޭ ސަރާވެސް” އާލާ ގާތު އަހަރެން ރޭވެސް މި ޒަޔާންގެ ވާހަކަ ކިޔައިދިނީމެވެ. ނަމަވެސް އާލާ ދިޔައީ އަހަރެންނާ ދިމާކުރަމުންނެވެ. އަހަރެން މައިކް އޮފް ކޮށްލިގޮތަށް އޮން ވެސް ނުކުރަމެވެ. ބަޑީގެ އަޑުތަކާއި ފިޔަވަޅުގެ އަޑުތަކުގެ އިތުރުން ދެން ހަމަ އެކަނި އިވޭ އަޑަކީ ޒަޔާޏް އާއި އާލާގެ މަޖާ ވާހަކައިގެ އަޑެވެ. ވާހަކަ ދައްކަންވެސް ބޭނުންވިއެވެ. ނަމަވެސް ނުކެރުނީއެވެ. މިގޮތަށް ދެތިން ދުވަހަކު ކުޅެވިއްޖެއެވެ. ޒަޔާން ގާތް ރަހުމަތްތެރިއަކަށް ވެއްޖެއެވެ. މިހެންގޮސް އެއްރެއެއްގައި އަހަރެންނާއި ޒަޔާން ކުޅެން ތިއްބާ ރައިން އަރައިފިއެވެ. މިރޭ އާދަޔާ ޚިލާފަށް ރައިންގެ މައިކު އިނީ އޮން ކޮށްފައެވެ. ނަމަވެސް އޭނަ ވާހަކަ އެއް ނުދައްކައެވެ. އަހަރެންގެ ހާލަކީ ވެސް ހަމަ އެއީއެވެ. ނަމަވެސް މިފަހަރު އަހަރެން މަޖަލަކަށް ޓެކްސްޓެއް ފޮނުވީމެވެ. “ރައިން ވާހަކަ ދައްކައިފިޔާ ސަރާ ވެސް ދައްކާނަން” ޒަޔާން ދިޔައީ ރައިން ކައިރީ ވާހަކަ ދައްކާށޭ ކިޔައި އާދޭސް ކުރަމުންނެވެ. އަދި އަހަރެންގެ އަޑު ދުވަހަކުވެސް އިވިފައި ނުވާތީ އަހަން ބޭނުންވާ ވާހަކަ ބުނަމުން ގެންދިޔައެވެ. ނަމަވެސް ރައިން މައިކް އޮފް ކޮށްލިއެވެ. ޒަޔާން މިރެޔަށް އެންމެ ފަހުގަނޑޭ ކިޔައި ގަނޑު ނިމުމުން ފޭބި އެވެ. އަދި އަހަންނާއި ރައިން ލޮބީ ގައި އެކަނި ތިބީމެވެ. “އޮޓޯ މެޗިން ކަނޑާލައްޗޭ” އަހަރެންގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. ހިތްގަނޑު އަނގަޔަށް އައި ކަހަލައެވެ. އެއީ ހަމަ ރައިންގެ އަޑު ހެއްޔެވެ؟ އެހާމެ ފުރިހަމަ ފިރިހެންވަންތަ ރީތި އަޑެކެވެ. ހަމަ ޔަޤީނުންވެސް އެ އަޑު އަހަރެންގެ ހިތާ ކުޅެލައިފިއެވެ. އަހަރެން ރައިން ބުނި ގޮތަށް އޮޓޯ މެޗިން ކަނޑާލީމެވެ. ދެން ސްކޮޑް ގައި ތިބޭނީ އަހަރެމެން ދެމީހުންކަން އެނގިހުރެ ކުޅެން ފަށައިފީމެވެ. “ސަރާ ތަ ކިޔަނީ؟” ރައިން އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. ކަރުކެހިލާފައި މައިކު ޖައްސާފީމެވެ. “އަ…އާން. ސަރާ” އަހަރެން ލަދުވެސް ގަތެވެ. އަޑު ނުކުތް ގޮތުންނެވެ. ހީވަނީ އެއްޗެއް ނުދިރެގެން އުޅޭ މީދަލެއްގެ އަޑު ހެންނެވެ. ނަމަވެސް އެޔަށްވުރެ ބޮޑަށް އަހަރެންގެ ވިސްނުމުގައި އިނީ ރައިންގެ މަޑުމޮޅި ޗާލު އަޑެވެ.

ވަރަށް ގިނަ އިރު ކުޅެވިއްޖެއެވެ. ބުނަން ބޭނުންވާ އެއްޗެއް ނޫނީ ދެމީހުންކުރެ އެކަކުވެސް ނުބުނެއެވެ. ނަމަވެސް ރައިންގެ ކިބައިން ފާހަގަ ކުރެވިގެންދިޔައީ މި ވީ ދެ ތިން ދުވަހަށްވުރެ ގާތް ކަމެވެ. ވަރަށްވެސް ރަނގަޅެވެ. ޓީމްވޯކު އެހައި ބަރާބަރެވެ. މާދަމާވެސް ކުޅެންވާނޭނޫންހޭ ކިޔާފައި ރައިން އޮފްލައިންވީ ޕޮޕިއުލަރިޓީ ފަންސާސްހާހަށްވުރެ މައްޗަށް އަރުވައިދީފައެވެ. އެރޭ އަހަރެންގެ ނިދި ނަގައިލީވެސް ރައިން ގެ ޚިޔާލުތަކުންނެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!