“ދާނިޝްއަށް މީން އެއްވެސް ކަމެއް ނާންގައްޗޭ.. އަހަރެން ބޭނުމެއް ނޫން އަޒާންއަށް ވީގޮތް ދާނިޝްއަށް ވާކަށް.. އޭތީގެ ކިބައިން ދާނިޝް ސަލާމަތް ކޮށްދިނުމަށް އަހަރެން ދާނިޝްއާ ހުރިހާ ގުޅުމެއް ކަނޑާލަން ޖެހުނު ކަމުގައިވިއަސް އަހަންނަށް އެކަންތަށް ކުރެވޭނެ. ދާނިޝްއަށް ހަގީގަތް އެނގިއްޖެއްޔާ ދާނިޝް އަހަރެންނާ ރުޅިވާކަށް އެއްބަހެއް ނުވާނެ.. އަހަރެން ހޯދަން އަންނާނެ.. ޕުލީސް ދާނިޝް ކައިރީ ނުބުނާތީ.. އަހަންނަށް ވައުދު ވެދީ” ޔީޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
ވަލީދު އަނގަޔަކުން ނުބުންޏެވެ. ނަމަވެސް ކުޑަކޮށް ބޯޖަހާލިއެވެ. ޔީޝާ ދަނިޝްއަށް އ ެސިއްރުކުރަނީ ވަރަށް ބޮޑު ކަމެކެވެ. ނަމަވެސް އެއީ ދާނިޝްގެ ރައްކަލަކަށް ކަމަށްވަންޏާ ވަލީދު އެކަން ކޮށްދޭނެއެވެ.ދާނިޝްއަށް ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ޖެހުނު ކަމުގައި ވިޔަސްމެއެވެ.
****
“ޔީޝް… ރަށަށް ގޮސް އަވަހަށް މިކަން މަންމަމެނަށް އަންގަން ޖެހޭނެ.. ޔީޝްގެ މާމައާވެސް ވާހަކަ ދައްކާ ހުރިހާ ކަމެއް އޮޅުން ފިލުވަން ވާނެ.. އެކަމު ކީއްވެބާ ޔީޝްގެ މާމަ މިވާހަކަ އެންމެނަށްސިއްރު ކުރަނީ.. ޔީޝްގެ މާމައަށް އެނގޭއިރު ކީއްވެބަ ޔީޝް ކައިރީ ނުބުނީ” ކޮޓަރިއަށް ވަދެފައި އަފާ ވާހަކަ ދެއްކިއެވެ.
“ތި ސުވާލުގެ ޖަވާބުވެސް ދެވޭނީ ހަމަ މާމައަށް.. ފަހަރެއްގަ މީންކަމެއް ހަމަ މާމައަށްވެސް ނޭނގިދާނެއްނު.. ވަލީދުބެ އެބުނީ އޭނާ ލަފާކުރާ ގޮތް.. ޔަގީންކަމެއް ނުދެއެއްނު” ޔީޝާ ބުނެލިއެެވެ.
“ހޫމް.. ހިނގާ އަވަހަށް ޕެކު ކުރަން ފަށަން.. އަހަރެންގެވެސް ހުންނާނެ ބައިވަރު އެއްޗެހި ޕެކު ކުރަން” އަފާ ބުނެލިއެވެ.
“އަފާވެސް ރަށަށް ދަނީތަ.. ދެން ވަޒީފާއޯ.. ކެނޑެނީތަ؟” ޔީޝާ އަހާލިއެވެ.
“ވަޒީފާ ލިބިދާނެ އަދި ފަހުންވެސް.. އެކަމު މިވަގުތު އަހަންނަށް މުހިންމީ ޔީޝް.. އަހަރެން ބޭނުން ޔީޝްގެ މި އުނދަގޫ ދުވަސްތަކު ޔީޝްއާ އެންމެ ގާތުގަ ހުންނަން..” އަފާ އެހެން ބުނުމުން ޔީޝާގެ ދެލޯ ފެންކަޅިވިއެވެ. އަފާ ކަހަލަ އެކުވެރިއަކު އޭނަގެ ހުރުން އެއީ މިއަދު ޔީޝާގެ ނަސީބެވެ.
“ތެންކިއު އަފާ.. ތެންކިއު” ޔީޝާ އަފާގެ ގައިގައި ބައްދާލިއެވެ.
އެސްފިޔަ ޖަހާލާހާ އަވަހަށް ދެދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ޓެކްސީ އަންނަން ވާއިރަށް ފޮށިތަށް ބޭރަށް ނެރުމުގައި ޔައީޝްއަށް އެހީވެދިނުމުގައި ޔީޝާ އާއި އަފާ އުޅެއެވެ. ޔީޝާ އާއި އަފާ ދާތީ ދެރަވެގެން ނިހާ ޝަކުވާކުރަމުން ދެޔެވެ. ކޮންމެވެސް ގޮތަަކުން އެމީހުނަށްވެސް ޔިޝާއާއި ދާނިޝް ރުޅިވިކަން ވަނީ އެނގިފައެވެ. އެކަމާވެސް ނިހާ ހުރީ ދެރަވެފައެވެ. ހަގީގަތުގައި ޔީޝާ އޭނާގެ ފަހަރިއަކަށް ހަދަން ނިހާ ވަރަށް ބޭނުންވެއެވެ. ނަމަވެސް ތަގުދީރުގައި ނެތްކަމެއް ނުވާނެކަން ގަބޫލުކުރަން ޖެހެއެވެ.
“ޔީޝް ދައްތާ.. ދޮންބެ ބުނީ ގޮސްބަލާށޯ. ވާހަކައެއް ބުނަން ބޭނުމޯ” ގޭގެ ބިއްދަށު ފަރާތުން ނުކުމެގެން އައި ނަހުވާން ގޮވާލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލާފައި ޔީޝާ އެދިމާއަށް ހިނގާގަތެވެ. އެންމެ ފަހު ފަހަރަށް ނަމަވެސް ޔީޝާ ދާނިޝްއާ ވާހަކަ ދައްކާލަން ބޭނުމެވެ.
“ދާނިޝް..” ޔީޝާގެ އަޑަށް ދާނިޝް އެނބުރުނެވެ.
“އަހަރެން މިއުޅެނީ ރަށަށް ދާން.. ދެން ނާންނަ ގޮތަށް” ދާނިޝްއަށް ހަތަރު ކަޅި ހަމަ ކޮށްލަން ނުކެރިފައި ހުރެ ޔީޝާ ބުނެލިއެވެ.
“ކީއްވެ؟ ޔީޝް ކީއްވެ؟ ކޮބާ އަހަރެންގެ ކުށަކީ؟” ދާނިޝްގެ އެސުވާލުން ޔީޝާގެ ހިތުގައި ރިއްސާލިއެވެެ. ދުލުގައި ތަޅެއް ލެވުނެވެ. ދާނިޝްގެ ކުށެއް ނެތްކަން ޔީޝާއަށް ޔަގީންވާއިރު އެސުވާލުގެ ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ. ދެއްކެން އޮތީ ކޮން ބަހަނާއެއް ހެއްޔެވެ.
“އަހަރެން ޔީޝްއަށް ބޭވަފާތެރިއެއް ނުވަން.. ދޮގެއްވެސް ނަހަދަން.. އެކަމު އަހަރެން ދައްކާ ވާހަކަ ޔީޝް އަޑެއް ނާހާ.. އަހަރެން ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދޭ..” ދާނިޝް އަނެއްކާވެސް ބުނެލިއެވެ.
“އައިމް ސޮރީ.. އަހަރެން ދެން އެވާހަކަ ދައްކާކަށް ބޭނުމެއް ނޫން..” ޔީޝާ ބުނެލިއެވެ.
“އެއީ އަހަންނާ ރުޅިވާން ދެއްކި ބަހަނާއެއްތަ؟ ކީއްވެ؟ އަހަރެންނާ ރުޅިވާން ބޭނުންވާނަމަ ރީތިކޮށް ބުނިނަމަ.” ދާނިޝް ޔީޝާގެ ކޮނޑުގައި ދެއަތުން ހިފާލިއެވެ.
“ޔީޝް އެހެން މީހަކު ދެކެ ލައިކް ވަނީތަ..؟ އެހެންވެތަ އަހަންނާ ރުޅިވާން ތިއުޅެނީ؟ އަޒާންތަ؟” ދާނިޝް އަނެއްކާވެސް ބުނެލިއެވެ.
“ނޫން.. އެކަމު އަހަރެން ދެން ދާނިޝްއާ އެކީވެސް އުޅޭކަށް ބޭނުމެއްނޫން. ވީއަރ ޑަން ދާނިޝް” ޔީޝާ ދާނިޝްގެ އަތް އޭނާގެ ކޮނޑުން ނައްޓުވާލިއެވެ.
“ޔީޝް ބުނެބަލަ.. އަހަރެން ދެކެ ލޯތްބެއް ނުވޭތަ؟ ޔީޝް ކުޑަކޮށްވެސް އަހަރެން ދެކެ ލޯބި ނުވަނީތަ؟ ކުއްލިއަކަށް ޔީޝާ މިހެން ކަންތައް ކުރަން ޖެހޭނެ ސަބަބެއް އޮންނަން ޖެހޭނެ.. ބުނެބަލަ ކީއްވެތަ؟” ދާނީޝް ސީދާ ޔީޝާގެ ލޮލަށް ބަލަމުން ބުނެލިއެވެ.
“ދާނިޝް.. އަ… އަހަރެން” މިވަގުތު ދޮގު ހެދުން ނޫން ގޮތެއް ޔީޝާއަށް ނެތް ނަމަވެސް ދާނިޝްދެކެ ލޯބި ނުވަމެކޭ ބުނާކަށް ޔީޝާއަކަށް ނުކެރުނެވެ. އޭނާގެ ހިތް އެކަމަށް ދެކޮޅު ހެދީއެވެ. ޔީޝާ ދާނިޝްދެކެ އިންތިހާއަށް ލޯބިވެއެވެ. އެވަރަށް އެހެން މީހަކު ދެކެ ލޯބި ނުވެވޭނެކަން ޔީޝާއަށް ޔަގީނެވެ. އެހެންކަމުން ޔީޝާ ހިޔާރު ކުރީ ހަމަހިމޭން ކަމެވެ.
“ޔީޝް އަދިވެސް އަހަރެން ދެކެ ލޯބިވޭ.. ޔީޝްގެ ތި ދެލޯ އެކަމަށް ހެކިދޭ.. ޔީޝްއަށް ކޮންމެވެސް ކަހަލަ މަޖުބޫރީއެއް ވީތަ..؟ ބުނެބަލަ.. ޔީޝް އަހަންނާ ރުޅިވާން ތިއުޅެނީ އެހެންވެތަ؟” ދާނިޝްގެ ސުވާލުތަކުން ޔީޝާގެ ހިތަށް އުނދަގޫވާން ފެށިއެވެ.
“ދާނިޝް.. އަހަންނަކަށް އެއްވެސް މަޖުބޫރީކަމެއް ނެތް.. މިއީ އަހަރެން ބޭނުންވެގެން ނިންމި ނިންމުމެއް.. އަހަރެން ހޯދަން ނާންނާތި.. އަހަރެން މަތިން ހަނދާން ނައްތާލާ” ޔީޝާ އެހެން ބުނެފައި ދާން އެނބުރުނެވެ. ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިފެހެއްޓުމަށެވެ.
“ޔީޝްއަށް ހީވަނީތަ އަހަންނަށް ޔީޝް މަތިން ހަނދާން ނައްތާލެވޭނެއޭ.. ދުވަހަކުވެސް ނުވާނެ.. ޔީޝް ޕުލީސް ނުދޭ.. އަހަރެން ޔީޝްއަކަށް ދޮގެއް ނަހަދަމޭ.. އަހަރެން ދުވަހަކުވެސް ޔީޝްއަކަށް ބޭވަފާތެރިއެއް ނުވަން.. ނުވެސް ވާނަން” ދާނިޝް ޔީޝާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ދާނިޝް.. އަހަރެން ދެން ނާންނާނަން.. ދާނިޝްވެސް އެހެން ކުއްޖަކާ އެކީ އާ ލައިފްއެއް ފެށުން ބުއްދިވެރީ.. ނޭނގޭނުން.. ފަހަރެއްގަ އަހަންނަށް ވުރެ ބޮޑަށް ކަމުދާ ކުއްޖަކުވެސް ފެނިދާނެއްނު.. ދާނިޝްދެކެ މާބޮޑަށް ލޯބިވާނެ ކުއްޖަކުވެސް ލިބިދާނެއްނު.. ” ދާނިޝްގެ އަތްތިލާގައި ހިފާ ނައްޓުވާލަމުން ޔީޝާ އެއަތަށް މަޑު މަޑުން ބާރުކޮށްލިއެވެ. އެއަތުގެ ހޫނުކަން އިހްސާސް ކޮއްލާށެވެ. ޔީޝާގެ ދުލުން އެބަސްތަށް ބޭރުކުރީރު ލުއި ހިނިތުންވުމެއް އެމޫނުމަތީވިއެވެ. ދާނިޗްގެ ދެލޮލަށް ބަލާލާފައި އިސްޖަހާލިއެވެ. ދާނިޝްގެ ދެލޮލަށް ޖަމާވި ކަރުނަ އޭނަ ޔީޝާ ދެކެ ލޯބިވާ މިންވަރު ހާމަކޮއްދިނެވެ. ދާނިޝްގެ ތެމިފައިވާ ދެލޮލަށް ބަލާކަށް ޔީޝާއަކަށް ނުކެރުނެވެ. ދާނިޝްގެ ކުރިމަތީ އެހިތް ބަލިވެދާނެތީއެވެ.
“ޔީޝް ޓެކްސީ އައިސްފި” ދާނިޝް އެއްޗެކޭ ބުނަންވާއިރަށް ޔައީޝްގެ އަޑު އިވުނެވެ.
“ބައި” ޔީޝާ އެ ފުރުސަތުގެ ބޭނުން ހިފާ އަވަހަށް އެތަނުން ދިޔުމަށް ހިނގާގަތެވެ.
“ޔޫ އޯކޭ؟” ކާރަށް އެރީރު ޔިޝާގެ ރަތްވެފައިވާ ދެލޯ ފެނުމުން އަފާއަށް އަހާލެވުނެވެ. ގަދަކަމުން ހީލަމުން ޔީޝާ ބޯޖަހާލިގޮތުންވެސް ޔީޝާ އަށް ރޮވެނީކަން އަފާއަށް އެނގުނެވެ. އަފާ ޔީޝާގެ އަތުގައި ހިފާ ފިއްތާލުމުން ޔީޝާ އަފާގެ ކޮނޑުގައި ބޯޖައްސާލިއެވެ.
ވަޔާ ޖެހުނު ކުޑަދޮރުގެ އަޑަށް ސިޓިން ރޫމުގައި ހުރި ފައްޖެހި ގޮނޑިއެއްގައި އޮށޯވެ އޮތް ހައްވާދީ ސިއްސައިގެން ދިޔައެވެ. ފައްޖެހި ގޮނޑިން ތެދުވެ މަޑުމަޑުން ހިނގާފައިގޮސް ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. ދޮރު ކައިރި ކޮށްލާ ތަންޑު އެޅުވުމުގެ ކުރިން ހައްވާދީ ބޭރު ބަލާލިއެވެ. މެންދުރުގެ ވަގުތު ނަމަވެސް މުޅި ތަނަށް ވެރިވެފައި ވަނީ ތެތް ފިނިކަމެކެވެ. ޖެހެމުން ދިޔަ ބާރު ވަޔަށް މެދުގޯތި ތެރޭ ހުރި ގަސްތައް ހެލެމުން ދިޔައީ މުލުން ލުހިގެން ހިނގާދާނޭ ހިވާހާ ބާރަށެވެ. ގަދައަށް އަނދަމުން ދިޔަ އިރު ފޮރުވާލަމުން ދުނިޔެ ވަށާލި ބޯވިލާތަކުން މުޅި މާހައުލަށް އަނދިރި ކަމެއް ވެރިވެއްޖެއެވެ.
ވާރޭ ނުވެހުނު ކަމުގައިވިއަސް ބަލާލި ކޮންމެ ދިމާއަކުން އަންނަން އުޅޭ ބޮޑު ތޫފާނުގެ ކުލަވަރު ފެންނަމުން ދެޔެވެ. ދޮރުގެ ތަންޑު އަޅުވާލާފައި އެނބުރުނު ވަގުތު ހައްވާދީގެ ކަންފަތް ބުޑުގައި މީހަކު ފުމެލިހެން ހީވިއެވެ. ސިހިފައި ކަންފަތް ކައިރީގައި އަތް ފޮޅާ ލެވުނެވެ. މިއީ މިހާރު ހައްވާދީ އުޅޭ ހާލެވެ. އަބަދުވެސް އެކަހަަ ޝައްކާ ވަހުމުން ހައްވާދީގެ ހިތް ހުންނަނީ ނުތަނަވަސް ވެފައެވެ. އުމުރުން ދުވަސްވި ވަރަކަށް އޭނާގެ މިބަލި ދަނީ ބޮޑުވަމުންނެވެ. މިއީ އޭނަގެ ޅަދުވަހު އަރާގަނެވިފައިވާ ބޮޑެތި ފާފަތަކުގެ ހިތި ނަތީޖާ ބާއޭ ހައްވާދީ ހިތަށް އަރައެވެ.
ހެޔޮ އެއްޗެއް ކިޔަވާލަމުން ހައްވާދީ އައިސް ފައްޖެހި އެނދުގައި އިށީނެވެ. އަބަދުހެން ނުތަނަވަސްވެފައިވާ އޭނާގެ ހިތް މިދެދުވަހު އަދި ވަކިން ބޮޑަށް ވަނީ ނުތަނަވަސްވެފައެވެ. ކުއްލިއަކަށް ޔީޝާ ރަށަށް އައި ހަބަރު ލިބުމުން ހައްވާދީގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ޔީޝާއަށް ކޮންމެވެސް ކަމެއް ވީބާއޭ ހިތަށް އަރަނީއެވެ. ކޮންމެވެސް ބޮޑު ކަމެއް ވާން އުޅޭކަމުގެ ހީތަށް ވަނީއެވެ.
ކުއްލިއަކަށް ޔީޝާ ރަށަށް އައުމުން އާއިލާ މީހުންގެ ސުވާލުތަށް ކުރިމަތިވިއެވެ. ނަމަވެސް އަދި ހަގީގަތް އެންމެނަށް ހާމަކުރާކަށް ޔީޝާ ބޭނުމެއް ނޫނެވެ. ޔީޝާ ގަބޫލުކުރާ ގޮތުގައި ވަގުތު އަދި ނުޖެހެނީއެވެ. މަންމަ މެނަށް ކަންތައް އެންގުމުގެ ކުރިން ޔީޝާ އޮޅުން ފިލުވަން ޖެހޭ ބައިވަރު ކަންތަށް އެބަހުއްޓެވެ. ޔީޝާގެ މާމައާ ވާހަކަ ދައްކާ އޭނާއަށް ހުރިހާ ކަމެއް އޮޅުން ނުފިލަނީސް މަންމަމެނަށް އެނގިއްޖެއްޔާ އަނެއްކާ އެހެން މައްސަލަތަކެއް ފެންމަތިވެދާނެތީއެވެ.
ދުވަސްތަކަކަށްފަހު އަމިއްލަ އެދުގައި ނިދާލަން ލިބުމުން ޔީޝާ އޮތީ އެނދުމަތިން ތެދުވަންނަ ހިތް ނުވެފައެވެ. ސިކުނޑި ފުނިޖަހަމުން ދިޔަ ސުވާލުތަކާ ހިޔާލުތަކުން އޭނާގެ ތަބީއަތު ގޯސްވެފައި ވުމުން ފާއިތުވި ދެދުވަހު ގިނަވަގުތު ޔީޝާ އުޅެނީ ކޮޓަރީގައެވެ. މަންމައާއި ދައްތަމެން ވާހަކަ ދައްކަން އެކޮޓަރިއަށް ވަންނައިރަށްވެސް ކޮންމެވެސް އުޒުމުން ފާއިތުވި ދެދުވަހު ގިނަވަގުތު ޔީޝާ އުޅެނީ ކޮތަރީގައެވރެއް ދައްކާ ވާހަކަ ކުރުކޮއްލަނީ ދުލު ކުރީއޮތް ވާހަކަތަށް އޮޅުމަކުންވެސް ކިޔާދެވި ދާނެތީއެވެ.
އެހެން އޮވެވުނީވެސް އިރުކޮޅަކުއެވެ. މަގްރިބު ނަމާދަށް ގޮވާފިކަމުގެ ނޮޓިފިކޭޝަން ފޯނަށް އައުމާއެކު ޔީޝާ އެނދުން ތެދުވެ ފާހަނައަށް ވަނެވެ. ތާޒާވެލާއިގެން ޔީޝާ ނުކުތީ ނަމާދަށް އަރަން ވުޟޫ ކޮށްގެނެވެ. ގިބުލައަށް ވާގޮތަށް މުސައްލަ އަޅާލުމަށްފަހު ޔީޝާ ނަމާދުކުރަން ފެށިއެވެ. ކޮންމެހެން ހަދާފައިވެސް ނަމާދުތަށް ބަރާބަރަށް ކުރަން މިހާރު ޔީޝާ މަސައްކަތް ކުރެއެވެ. ނަމާދަށްފަހު ދުއާ ކުރުމާ ޤުރުއާން ކިޔެވުމަށް ޔީޝާ އާދަކުރެއެވެ. އެއީ އޭނާގެ ހިތަށް ކޮންމެވެސް ފިނިކަމެއް ލިބެނީ އެކަމުން ކަމަށް ވާތީއެވެ. ނަމާދުގެ ފަހު ސަލާމް ދިނުމާއެކު އެނދުމަތީ އޮތް ޔީޝާގެ ފޯނު ރިންގުވާން ފެށިއެވެ.
ދޮޅިއާއި އިސްޓާކީނި ބާލާފައި މުސައްލަ މަތީ ބާއްވާފައި ޔީޝާ ތެދުވެ އެނދުމަތީ އިށީނެވެ. ފޯނަށް ބަލާލިއިރު ގުޅަނީ އަފާއެވެ.
“ކޮބާ މިހާރު މަންމަމެނަށް ކިޔާދީފިންތަ؟” ފޯނު ނެގުމާއެކު އަފާ އަހާލިއެވެ.
“ނޫން އަދި ނުބުނަން.. ބުނީމެއްނު ފުރަތަމަ މާމައާ ވާހަކަ ދައްކާފައޭ އެމީހުން ކައިރީ ބުނާނީ..” ޔީޝާ ހަނދާން ކޮށްދިނެވެ.
“އެކަމު މިހާރުވެސް މާލަސްވެއްޖެ.. މަންމަ މެނަށް ނާންގަ ހުއްޓާ ޔީޝްއަށް ކަމެއް ވެއްޖެއްޔާ މާ ސަކަރާތް ވާނެ..” އަފާ ބުނެލިއެވެ.
“މިރޭ ހިނގާ މާމަގެއަށް ދާން.. މާދަމާ މަލަކާއާ ހައިފާމެން އަންނާނެ އެހެންވީމަ މާދަމާ ނުދެވޭނެއްނު..” ޔީޝާ ހިޔާލު ދިނެވެ.
“އާން.. އިޝާ ނަމާދުން ފޭބީމަ އަހަރެން ދާނަން ޔީޝް ބަލާ.. ރެޑީގަ ހުންނާތި” އަފާ އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. ކަންފަތުގައި ޖައްސައިގެން ހުރި ފޯނު ތިރި ކޮށްލާފައި އެނބުރުނު އިރު ކޮޓަރި ދޮރު ކައިރީ ހުރި ރާޝިދާ ފެނުމުން ޔީޝާ ސިއްސައިގެން ދިޔައެވެ.
“މަންމާ.. ކީއްތިކުރަނީ.. ކަމަކުތަ؟” ރާޝިދާ ބަލަހައްޓައިގެން ހުރިގޮތުން އޭނާ އަފާ ކައިރީ ދެއްކި ވާހަކަ ރާޝިދާއަށް އިވުނީ ބާއޭ އޭނާގެ ހިތަށް އެރިއެވެ.
“ދަރިފުޅު މާ މުހިންމު ކޯލެއްގަހެން ހީވާތީ މި މަޑުކޮށްލީ.. މިއައީ ދަރިފުޅު ކުރާކަމެއް ބަލާލަން.. ނަމާދު ކޮއްފިންތަ؟” ރާޝިދާ ހީލާފައި އެތެރެއަށް ވަނެވެ.
“އާން.. އެ އަފާ އެގުޅީ.. މިރޭ ދުއްވާލަން ދާ ވާހަކަ ބުނަން.. އޯކޭ ދޯ ދިޔަޔަސް” ރާޝިދާއަށް އެއްވެސް ކަމެއް ޝައްކު ނުވާކަން އެނގުމުން ޔީޝާ ހަމަ ޖެހިލިއެވެ.
“އާން.. އަފާއާ އެކީ ދާން މަންމަ ހުއްދަ ދޭނެކަން ދަރިފުޅަށް އެނގޭނުން.. މަންމަވެސް ތިކަހަލަ ހިޔާލެއް ދޭންށޭ މިއައީ.. ދަރިފުޅު މިހާރު މާގިނައިން ކޮޓަރީގަ ތި އޮންނަނީ.. ކަމަކާ ވަރަށް ފިކުރު ބޮޑުވެފަހެން މަންމައަށް ހީވަނީ.. ” ރާޝިދާ އެނދުމަތީގައި އިށީންނަމުން ބުނެލިއެވެ.
“ކަމަކާ ނުވިސްނަން.. ދެން އަނެހެން ކުރާނެ ކަމެއްވެސް ނެތީމަ ހަމަ އޮންނަނީ ކަންނެތް ވެފަ” ޔީޝާ ބުނެލިއެވެ.
“ޔައީޝް ބުނި ދާނިޝްއާ ދަރިފުޅު މައްސަލަ ޖެހުނިއްޔޭ.. ދެމީހުން ރުޅިވި ވާހަކަ ބުނި.. އެހެންވެ ދޯ މާ ދެރަވެފަ ތިހުންނަނީ.. ކުއްލިއަކަށް ރަށަށް އައީމަވެސް މަންމައަށް އެކަހަލަ އެއްޗެއް ހީވި” ރާޝިދާ އެހެން ބުނުމުން ޔީޝާ ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ދާނިޝް މަތިން ހަނދާންވުމުން ޔީޝާގެ ހިތުގެ ވިންދު އަވަސްވިއެވެ. ނޭނގޭ ރިހުމެއް މުޅި މޭގައި އުފެދުނެވެ.
“ހޫމް.. ދެމީހުން ކަމަކާ ދެބަސްވެވުނީ.. ދެން އަޅާ ނުލާ އެކަންވެސް މިހާރު އެނިމުނީނުން” ޔީޝާ ހަމަޖެހޭކަން ދައްކާލަމުން ބުނެލިއެވެ.
“ދެއަހަރު ފަހުން ދަރިފުޅު ކުއްޖަކާ ރައްޓެހިވާ ހިޔާލެއް ކުރީ ދާނިޝް ފެނުނީމަ.. މަންމަ ހިޔެއް ނުކުރަން އަސްލު ޔީޝާއަށް އެހާ ފަސޭހައިން މާޒީ ހަނދާން ނައްތާލާފަ ކުރިއަށް ދެވޭނެއެކޭ.. އެކަމު ދާނިޝްއާ ހުރެ ޔީޝާއަށް މާޒީ ހަނދާން ނައްތާލެވުނީމަ އެކަމާ މަންމަ ވަރަށް އުފާވި.. އެހާ ކުޑަ މުއްދަތެއް ތެރޭ ޔީޝާ ދާނިޝްއާ ގުޅުނީމަ މަންމަ އުންމީދު ކޮށްގެން ހުރީ އިރާދަ ކުރެއްވިއްޔާ އެއްވެސް ދެރަގޮތެއް ނުވާނެއޭ…” ރާޝިދާ އެހެން ބުނުމުން ޔިޝާގެ ދެލޯ ފެންކަޅިވިއެވެ. އެއީ ޔިޝާވެސް އުންމީދު ކުރި ގޮތެވެ. ނަމަވެސް ލޯބިވާ މީހަކާ އެކު އުފަލުގައި އުޅުމަކީ އޭނަގެ ތަގުދީރުގައި ލިޔެވިފައި ނެތް ކަމެއްކަމުން އޭނާގެ އެ އުންމީދުވެސް ފުނޑު ފުނޑުވީއެވެ.
“ދާނިޝް އަކީ ރަނގަޅު ކުއްޖެ.. އަހަރެން ގަޔާވާ ހުރިހާ ސިފައެއް ހުރޭ.. އަހަރެންވެސް ހީކޮށްގެން ހުރީ މިގުޅުން އުމުރަށް ދެމިގެން ދާނޭ.. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް ދާނިޝް ވާނެއޭ.. އެކަމު ތަގުދީރުގަ މިކަންތަށް ލިޔެވިފާނެތީ.. މިގުޅުން ކަނޑާލަން ޖެހުނީ ދާނިޝްގެ ކުށެއް އޮވެގެންނެއް ނޫން.. ދެން މިވާހަކަ ނުދައްކަމާ.. އަހަރެން މިވާހަކަ ދައްކާކަށް ބޭނުމެއް ނޫން” ޔީޝާ އެހެން ބުނުމުން ރާޝިދާ އެނދުން ތެދުވިއެވެ.
“ދަރިފުޅު ބޭނުން ނޫނިއްޔާ މަންމަ ދެން މިވާހަކަ ނުދައްކާނަން.. ދެރަނުވޭ.. އަދި ދަރިފުޅު މީހަކާ އިންނާކަށް ލަހެއް ނުވޭނުން.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. މިރަށުގަވެސް އެބައުޅޭނުން ރަނގަޅު ފިރިހެން ކުދިން” ރާޝިދާ ޔިޝާގެ ބޮލުގައި ފިރުމާލާފައި ކޮޓަރިން ނުކުމެގެން ދިޔައެވެ.
“މިރަށުގަ ކިތަންމެ ރީތި ކިތަންމެ ރަނގަޅު ފިރިހެން ކުދިން އުޅުނަސް ދާނިޝް ނޫން އެހެން މީހަކު އަހަރެންގެ ހިތެއް ބޭނުމެއް ނޫން.. އަހަރެންގެ ހިތުގެ އުފަލަކީ ހަމަ އެކަނި ދާނިޝް” ޔީޝާގެ ހިތް ބުނެލިއެވެ.
ޔީޝާގެ ގޭކައިރިއަށް އަފާ ސައިކަލު މަޑުކޮށްލިއިރު އިޝާނަމާދުގެ ފަހު ސަލާމް ދޭއަޑަު އިވެމުންދެޔެވެ. ކެތްމަދުވެފައި ހުރިލެ ބޮޑުކަމުން އަފާއަށް އާދެވުނީ ޔީޝާއަށް ތައްޔާރުވެސް ނުވެވެނީހެވެ. ރާޝިދާ ޔީޝާއަށް ގޮވަން ދިޔުމުން އަފާ އިށިނީ ސިޓިން ރޫމު ސޯފާގައެވެ.
“ހެއި.. ހާދަ ނުގަޑިއެއްގަ ” ގެޔަށް ވަދެގެން އައި ޔައީޝްއަށް އަފާ ފެނުމުން ސޯފާއަށް ވެއްޓިގަންނަމުން އަހާލިއެވެ.
“ހޫމް.. ޔީޝްއާއެކު ތާކަށް ދާން” އަފާ ބުނެލިއެވެ.
“އަހަރެން ނުގެންދާނަންތަ؟” އަފާގެ އިނގިލިތަކުގައި ފިރުމާލަމުން ޔައީޝް އަހާލިއެވެ.
“ހޫމް.. މިރޭ ގާލްސް އޮންލީ” އަފާ އެހެން ބުނުމުން ޔައީޝް ބޮޑާ ހާކާލިއެވެ.
“ދެން ރަށަށް އައިފަހުން އަފާ އަހަންނަކާ އެކީ ބޭރަކަށް ނުދޭ.. އަބަދުވެސް މޫޑީވެފަ ތިހުންނަނީ.. ޔިޝްއާ ދާނިޝް ބުރޭކަޕްވިއަސް އަހަރެންދެކެ އަފާ ކަޓާފަ ހުންނަނީ ކީއްވެތަ..” ޔައީޝް ބުނެލިއެވެ.
“އަހަރެން ޔައީޝްދެކެ ރުޅިއަކުން ނޫނޭ.. މިދުވަސްކޮޅު ކަމަކާ މާބޮޑަށް ވިސްނޭވަރުން މިއުޅެނީ.. ހާސްނުވޭ.. ވަގުތު ޖެހުނީމަ އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔާ ދޭނަން.. އެކަމު މިހާރަކު ނޫން” އަފާ ޔައީޝްގެ އިންގިލި ތަކު ތެރޭ އޭނާގެ އިންގިލިތަށް ފިއްތާލަމުން ބުނެލިއެވެ.
“ދެން ކޮންއިރަކު މަންމަ މެނާ ޓޯކު ކުރަން ދާނީ.. އަހަރެން ބޭނުންއަވަހަށް މެރީކުރަން” ޔައީޝް އަފާގެ މޫނަށް ބަލަން ހުރެފައި ބުނެލިއެވެ. އެ ހަބަރު އިވުމާއެކު އަފާގެ މޫނަށް އަރާ ފޭބި ކުަލަވަރުތަށް ސްކޭން ކޮށްލަން ފަދައެވެ.
“ޔައީޝް.. ހަމަ އަސްލުތަ؟” އަފާއަށް އަހާލެވުނެވެ.
“ހޫމް.. އަހަރެން ބޭނުން އަފާއާ މެރީކުރަން.. ކިހިނެއްވީ.. އަނެއްކާ އަފާ ބޭނުން”
“ނޫން.. އަހަރެންވެސް ބޭނުން.. ވަރަށް ބޮޑަށް ބޭނުން.. އެކަމު ޔައީޝް އެގޮތް ބޭނުން ނުވެދާނެތީ ބުނަން ނުކެރުނީ” ޔައީޝްގެ ޖުމްލަ ނުނިމެނީސް އަފާ އަވަހަށް ބުނެލިއެވެ.
“ވަރަށް އުފާވެއްޖެ.. އެހެންވީމަ ހިނގާ މާދަން އަފާގެ ފެމިލިއާ މީޓު ކުރަން ދާން.. މާދަން ރޭ އަފާ އަންނަންވާނެ މިގެއަށް.. މަންމަ ބުނި މާދަން ރޭ މޮޅު ކެއުމެއްވެސް ހަދާނެ ވާހަކަ.. ޔީޝް އައީމަ މަލަކާމެންވެސް އެބައުޅޭ މޮޔަވެގެން މިހާރު” ޔައީޝް ބުނެލިއެވެ.
“ދެން އެމީހުން އުޅެނިކޮށް އަހަރެން އައީމަ ކަމަކު ނުދާނެއްނު” އަފާ އެހެން ބުނުމުން ޔައީޝް ބޯހޫރާލިއެވެ. އަދި އެއީ މައްސަލައެއް ނޫނޭ ބުނެލިއެވެ.
“މިދެމީހުން މިހާރު ކޮން ކަމެއްތަ މިއީ.. ހާދަ ހީވެޔޭ ކަމެއް ހެން” ބޭރު ދޮރުކައިރީ ހުރި ޔާސިރު އަޑަށް ދެމީހުން ސިހުނެވެ.
“ބައްޕަވެސް ދޯ.. ސިއްސައިގެނޭ ދިޔައީ.. މީހުނަށް ޖާސޫސް ކުރާކަށް ނުވާނެ..” ޔައީޝް ސިހުނުކަން އަންގަން މޭގައި އަތް އަޅާލަމުން ބުނެލިއެވެ.
“ޖާސޫސު ކުރަނީކީ ނޫން.. ދެމީހުން މާ ގަޔާވެގެން ވާހަކައެއް ދައްކާތީ މަޑުކޮއްލީ.. ބުނެބަލަ ކޮން ސިއްރު ވާހަކަތަކެއްތަ ތިދައްކަނީ” ޔާސިރުގެ އަޒުމަކަށްވީ އެދެމީހުނަށް އުނދަގޫ ކުރުމެވެ.
“ދެން ބައްޕަ ދޭބަލަ މިތަނުން.. މަންމަ އެބަ ހޯދާ” ޔައީޝް އެހެން ބުނުމުން ޔާސިރު ހެމުން ހެމުން އެތެރެއަށް ހިނގާގަތެވެ. ޔާސިރުއަށް އެމީހުންގެ ވާހަކަ އަޑުއިވުނު ކަމަށް ނަހަދައެވެ.
“ހިނގާ ދާން..” ކޮޓަރިން ނުކުމެގެން އައި ޔީޝާ އަފާއަށް ބުނެލިއެވެ.
“ނުކައިތަ ދަނީ؟” ޔައީޝް އަހާލިއެވެ.
“ބޭރަށް ގޮސް އައިސް ކާނީ.. ” ޔީޝާ އެހެން ބުނެފައި އަފާއާ އެކު ނުކުތެވެ.
ހައްވާދީގެ ގެއާ ހަމައަށް ދެވެންދެން ދެއެކުވެރިން ހިޔާރުކުރީ ހަމަހިމޭން ކަމެވެ. ދުލުން ނުބުނި ނަމަވެސް ދެމީހުން ތިބީ ހިތް ނުތަނަވަސްވެފައެވެ.
“މާދަން އަންނަން މަޑު ކުރެވުނު ނަމަ..” ސައިކަލުން ފޭބުމަށްފަހު އަފާއަށް ބުނެލެވުނެވެ. ރޭގަނޑު ވަގުތެއްގައި އެގެޔަށް އަންނަން ނިންމެވުނީތީ ވަގުތުން މޮޔަހީވިއެވެ.
“ބިރުގަތީތަ؟” ޔީޝާ އަފާ އަތުގައި ހިފަމުން ބުނެލިއެވެ.
“އަބަދުވެސް މިގެއަށް އަންނަން އަހަރެން ބިރުގަނޭނުން.. އެހެން ނޫނަސް މިގޭތެރެއަށް ވަންނަ މިއީ ފުރަތަމަ ފަހަރު.. މިހާ ގަސްބޯއިރު މިއޮށް އަނދިރީގަ ޖިންނިއަކު ފެނުނަސް ނޭނގޭނެ” އަފާ ބުނެލިއެވެ.
“ސާބަސް.. ބިރުން ހުރީރު އަދިވެސް އެކަހަލަ ވާހަކަ ދައްކަން ޖެހޭތަ” ޖިންނިއެކޭ ބުނުމުން ޔީޝާވެސް ކުޑަކޮށް ޖެހިލުންވިއެވެ.
“ސޮރީ.. ހިނގާ އަވަހަށް” އަފާ އެހެން ބުނުމުން ދެމީހުން އެކީ ގޭތެރެ ދޮރާ ދިމާއަށް ހިނގާގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




waiting for next part