* މަރުވެފައިވާ މައްޔިތެއްހެން އޮތް އީޝާ ފެނި އިޒްކާންގެ ހިތަށް އުނދަގޫވިއެވެ. ހިޔާން ހުއްޓުވުނު ނަމައޭ ވެސް ހިތަށް އެރިއެވެ. އަންނައުނެއް ނުވާ އީޝާގެ ހަށިގަނޑު ނިވާ ކުރުމުގެ ނިޔަތުގައި އިޒްކާން ރަޖާގަނޑު ނަގާފައި އީޝާގެ ގައިގައި އެ އަޅާލަން ގުދުވިއެވެ. ހޫރީން ދޮރުގައި ފައިން ޖެއްސެވެ. ތަޅުލާފައި ކަމަށެވެ. ނަމަވެސް ދޮރު ވަގުތުން ހުޅުވުނެވެ. ހޫރީންގެ އިތުރުން ހޫރީންގެ ފަހަތުގައި ހުރި ނީޝަލްގެ ލޮލުގައިވެސް އަޅައިގަތީ އަނިޔާވެފައިވާ އީޝާ އާއި ދިމާއަށް ގުދުވެގެން އޮތް އިޒްކާންއެވެ. ނީޝަލްގެ ދެލޯ ވަގުތުން ބޮޑުވިއެވެ. *

މީހަކު ބަންލާފައި ދޮރު ހުޅުވާލި އަޑަށް އިޒްކާންއަށް ދޮރާއި ދިމާލަށް ބަލާލެވވުނެވެ. އިޒްކާންއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ހަރު އެއްޗަކުން ޖެހިހެންނެވެ. އެތާ ކޮޅަށް ހުރި ހޫރީން އާއި ނީޝަލް ފެނި އިޒްކާންއަށް ބަލާލެވުނީ އަމިއްލަ މީހާ ހުރި ހާލަށެވެ. އީޝާ އާއި ދިމާލަށް ގުދުވެ ހުރި އިޒްކާން އާއި އީޝާއަށް ލިބިފައިވާ އަނިޔާތަކުން އެ މަންޒަރު ފެންނަ ކޮންމެ މީހެއް ވެސް ނަގާނީ ނުބައި މާނައެކެވެ. އިޒްކާން އީޝާއަށް ގޮތެއް ހެދި ކަމުގެ މާނައެވެ.

“އި.. އިޒްކާ.. އިޒްކާން…..” ނީޝަލްގެ ދުލުން ބޭރުވިއެވެ. ތުރުތުރު އަޅަމުނން ދިޔަ އެ އަޑާއި ބޮޑު ޝޮކެއް ލިބިފައިވާ ކަމުގެ ކުލަވަރު ދައްކުވައިދޭ މޫނު ފެނި އިޒްކާންގެ ހިތުގައި ރިއްސާލިއެވެ. އެ ވިސްނަނީ ނުބައިކޮށް ކަން ބުނެދޭން ބޭނުންވިއެވެ. ފެންނަ މަންޒަރުން ގޯސްކޮށް ވިސްނަން ނޭދި ނީޝަލް އޭނާގެ އަތުތެރޭ ގައިދު ކުރަން ހިތް އެދުނެވެ. އިޒްކާން ހަށިގަނޑު ސީދާ ކޮށްލާފައި ކުރިއަށް ފިޔަވަޅެއް އެޅިއެވެ.

އިޒްކާން ކުރިއަށް ފިޔަވަޅެއް އެޅިތަން ފެނިފައި ބޭއިޚްތިޔާރުގައި ނީޝަލްއަށް ފަހަތަށް ފިޔަވަޅެއް ނެގުނެވެ. އޭނާގެ ލޯމައްޗަށް މި ފެންނަމުން ދަނީ ހަގީގީ މަންޒަރެއް ކަމާއި މެދު ޝައްކު ކުރެވުނެވެ. އިޒްކާން އަކީ އެފަދަ މީހެއް ނޫނެވެ. “އިޒްކާން…” ނީޝަލްގެ ލޯ ފުރިގެން ބަންޑުންވާން ފެށިއެވެ. އެ ދުލުން އަދިވެސް އިޒްކާން ނޫން މީހެއްގެ ނަމެއް ނުނިކުތެވެ. އޭނާ ކުރިއަށް ފިޔަވަޅެއް ނެގުމުން ނީޝަލް ފަހަތަށް ނެގި ފިޔަވަޅު ވެގެން ދިޔައީ އިޒްކާންގެ ހިތާއި ދިމާލަށް ރުވާފައި ދޫކޮށްލި ތީރަކަށް ވެގެން ދިޔައެވެ.

“ނީޝަލް..” ނީޝަލްގެ ހިތަށް ކުރާނެ އަސަރު ހޫރީންއަށް އަންދާޒާ ކޮށްލެވުނެވެ. ސީދާސީދާކޮށް ނުބުނި ކަމުގައިވިޔަސް ނީޝަލްގެ ދެލޮލުން އެކަނި ވެސް އޭނާ އިޒްކާން ދެކެ ވާ ލޯބި ހޫރީންއަށް ފެނެއެވެ. އަނގަ މަތީގައި އަތް އަޅާފައި އައިކޮޅަށް ނީޝަލް ދުއްވައިގަތެވެ. ގަބޫލު ނުކުރެވޭ ފާޑަކަށް އިޒްކާންގެ މޫނަށް ބަލާލާފައި ހޫރީން ދިޔައީ ނީޝަލްގެ ފަހަތުންނެވެ. ނީޝަލް އާއި ހޫރީން ލޯމަތިން ގެއްލުމުން އިޒްކާންއަށް ބޮލުގެ އިސްތަށިގަނޑަށް ވާންކޮށްލެވުނުގޮތަށް ކަކޫމައްޗަށް ވެއްޓިގަނެވުނެވެ. އެދެލޯ މަރާލިއިރު ހިޔާން އާއި ދޭތެރޭ ނަފްރަތުގެ ހުޅުކޮޅެއް ރޯވިއެވެ.

ސްޓޯރ ރޫމަށް ވަދެ ފައިލަމް ދޮރު ލައްޕާލިހާ އަވަހަކަށް އައިހަމް ހިޔާންގެ ގިރުވާނުގައި ހިފިއެވެ. ”ހުދާ އާއި މައިހާ ކޮބާ..؟؟” އައިހަމް ދަތްކުނޑިވިކާލާފައި އެއްސެވެ. “އެއޮތީނު..؟” ބިންމައްޗަށް އެއްލާލާފައި ބޮޑު ދެ ކޮތަޅަށް އިޝާރާތް ކޮށްފައި ހިޔާން އެހެން ބުނެލިއެވެ. “ކަލޭގެ ހިތެއް ނެތީތަ އެމީހުންނަށް އަނިޔާކުރާކަށް..؟” އައިހަމް ހިޔާންގެ ގިރުވާނަށް ވާންކޮށްލަމުން ހަޅޭއްލަވައިގަތެވެ.

އާހިލް ގޮސް އަވަހަށް މައިހާ އާއި ހުދާ ސަލާމަތްކުރިއެވެ. މައިހާ އާއި ހުދާ ނޭވާ ލާކަން ޔަގީންވުމުން އާހިލަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. “ހޮސްޕިޓަލަކަށް ނުގެންދާނަންތަ..؟” ކުޅިބަލަން ހުރި ފައިލަމްގެ އަޑަށް އައިހަމް ފައިލަމްގެ މޫނަށް ބަލާލީ އަލިފާނުގެ ނަޒަރަކުންނެވެ. އެ ބެލުމުން އެކަނިވެސް ފައިލަމް އަންދާލަން އުޅޭ ކަހަލައެވެ. “ވާހަކަ ނުދައްކާ ހުރޭ…” އައިހަމް ކޮށްލީ އަމުރެކެވެ. “އެމީހުން ގެންދޭ.. އަހަރެމެންގެ ބޭނުން ފުދިއްޖެ..” ހިޔާން އެހެން ބުނެލިގޮތުން ހީވީ އިތުރަށް އައިހަމް ރުޅިއަރުވާލެވޭތޯ އުޅުނު ހެންނެވެ. “އެއްވެސް މީހަކާ ދެން ނުބެހޭތި..!!” ހިޔާންގެ މޫނުމައްޗަށް އައިހަމް ހަޅޭއްލަވައިގަތެވެ. ހިޔާން ޖަހާލީ ހިނިގަނޑެކެވެ. އައިހަމްގެ އަތް ގިރުވާނުން ފޮޅުވާލާފައި ފައިލަމްގެ ކޮނޑަށް އަތްއެއްލައިގެން ހިޔާން ސްޓޯރ ރޫމުން ނުކުތީ ހެމުންނެވެ. ހިޔާން އެއީ އެފަދަ ވައުދެއް ވާނެ ކަހަލަ މީހެއް ނޫންކަން ހަނދާންވުމުން އައިހަމް ނިތްކުރި މަތީގައި އަތް އަޅާލިއެވެ. އަދި ވިސްނުމެއްގައި ހުރެ އާހިލަށް އެހީވާން ދިޔައެވެ.

މައިހާ އާއި ހުދާ ގޮވައިގެން އައިހަމް އާއި އާހިލް ވަގުތުން ދިޔައީ ހޮސްޕިޓަލަށެވެ. ކާރުގައި އިންއިރު ވެސް އައިހަމަށް ދިޔައީ ދެއަތް ދެއަތާއި މޮޑެވެމުންނެވެ.

“ނީޝް..!!” ދުވެފައި ދިޔަ ނީޝަލްގެ އަތުގައި ހިފާ ހޫރީން ހުއްޓުވިއެވެ. “ހޫރީން.. މިއީ ހުވަފެނެއް ދޯ..؟ މީ އަސްލެއް ނޫންދޯ..؟” ހޫރީންގެ އަތުގައި ހިފާ ބާރުކޮށްލިގޮތަށް ބެދިފައިވާ އަޑަކުން ނީޝަލް އެއްސެވެ. ކުޑަކުއްޖެއް ފަދައިންނެވެ. ނީޝަލްއަށް ކޮށްފައިވާ އަސަރު ފެނިފައި ހޫރީންގެ ހިތަށް ތަދުވިއެވެ. އެއްޗެކޭ ނުބުނެ ނީޝަލްގެ ގައިގައި ހޫރީން ބައްދާލީއެވެ. މިފަދަ ވަގުތެއްގައި ހަނުހުރުމުން ނީޝަލްއަށް ޖަވާބު ލިބޭނެކަން އިނގޭތީއެވެ. ނީޝަލްގެ ހޫނު ކަރުނަތައް އޭނާ ލައިގެން ހުރި ހޫޑީ ތެންމަންފެށި ކަމުގެ އިހުސާސް ކުރެވުމުން ހޫރީން ނީޝަލް އިތުރަށް ގާތް ކޮށްލިއެވެ.

ރޫހާންއަށް ނެޒެލީ އާއި އަރާ ހަމަކުރަން ނެގީ ފަސްވަރަކަށް މިނެޓެވެ. އެއްލިއަތުން ރޫހާންއަށް ހިފުނީ ނެޒެލީގެ ހެދުމުގައެވެ. ރޫހާން ހުރީ އޭނާގެ ހެދުމުގައި ހިފާއްޓައިގެންކަން އެނގުމުން ސަލާމަތްވާން ނެޒެލީ ތެޅިފޮޅިގަތެވެ. ރޫހާންއަކަށް ނެޒެލީ މަތައެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ނެޒެލީގެ ހެދުމުގެ ބޮޑުބަޔެއް ވީދައިގެން ދިޔައެވެ. އެ ފެހި ފޮތިކޮޅު ރޫހާންގެ އަތަށް ދޫކޮށްލާފައި އެހާލުގައިވެސް ނެޒެލީ ދުއްވައިގަތެވެ. ވެލިގަނޑު މަތީގައި ނެޒެލީގެ ފިޔަވަޅުތައް ފާހަގަވާން ހުރިއިރު ހަމަ އެ ފިޔަވަޅުތައް މަތިން ރޫހާން ދުވެފައި ދިޔައެވެ. ނެޒެލލީ ގެއްލުމަކީ އޭނާ އެއްގޮތަކަށްވެސް ރުހޭނެ ކަމެއް ނޫނެވެ.

“ކަލޭމެން ކީއްވެ ސީދާސީދާކޮށް މަގޭ ކައިރީ ނުބުނީ..؟” ހޮސްޕިޓަލް ތެރޭ ހުއްޓާ އިޒްކާންގެ މެސެޖް ފެނުމުން އާހިލަށް އައިހަމްގެ މޫނަށް ބަލާލެވުނެވެ. އެއްޗެއް ބުނަން ބޭނުންވާފަދަ ނަޒަރަކުންނެވެ. ކަމެއް ގޯސްވެއްޖެކަން އާހިލްގެ އެ ބެލުމުން އައިހަމަށް ނަގައިގަނެވުނެވެ. ”ކިހިނެތްވީ..؟” ވީގޮތް އޮޅުންފިލުވަން އައިހަމް މެސެޖް ކުރިއެވެ. “ކަލޭމެން ހުރީ ހިޔާންގެ ކޮޅަށްތަ ނޫނީ މަގޭ ކޮޅަށްތަ..؟” ފަޅި ސިކުންތެއް ތެރޭ ލިބުނު އިޒްކާންގެ ރިޕްލައި ކިޔާފައި އާހިލަށް ބޮލުގައި އަތް އެޅުނެވެ. ހިޔާންގެ ކަމެއް ވެއްޖެކަން އެ ސިކުނޑިއަށް ވިސްނުނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “ކީއްހޭ ވީ..؟” ހާސްވެފައި ހުރެ އައިހަމް އެއްސެވެ.

“މަށާއި އެ އަންހެން ކުއްޖާ ރޫމްތެރޭ އެކަނި ކޮށްފައި ކަލޭމެން ދިޔަތަނާ ނީޝް އާއި ހޫރީން މި ރޫމަށް އައީ.. ފުރަތަމަ ނަޒަރުންވެސް އެ ދެމީހުން ހީކުރީ ނުބައިކޮށް.. ނީޝް އާއި ހޫރީން ހަމަ މި ރޫމަށް އެވަގުތު އައުމަކީ އިއްތިފާގެއްތަ..؟ މަށަކަށް ހިޔެއް ނުވޭ..” މެސެޖް ހުރިގޮތުން އެކަނިވެސް އިޒްކާން އެހުރީ ރުޅި އައިސްގެންނާއި ދެރަވެގެން ގޮސް މިލާމޯޅިވެފައި ކަން އަންގައިދެއެވެ.

“މިއީދޯ އެ ނުލަފާ ހިޔާނުގަނޑުގެ ރޭވުމަކީ…” އާހިލަށް ހުރިހާ ކަމެއް ގުޅުވާލެވުމުން ފުންމައިގެން ތެދުވެވުނުއިރު ހުރެވުނީ ހޮސްޕިޓަލްގެ ތެރޭގައިކަން ވެސް ހަނދާނެއް ނެތެވެ. މީހުނންތަކުގެ ބެލުންތައް އަމާޒުވާން ފެށުމުން އައިހަމް އާހިލް ގޮނޑީގައި ބޭންދިއެވެ. “ހިޔާން ބޭނުންވީ ނީޝަލް އާއި އިޒްކާން ދުރު ކުރާށެއްނު..؟ އެއޮތީ އެކަން ވެފައި.. އޭނަ ވާ މޮޅޭ.. އޭނަ ހުރިހާ ނުބައެއް ހަދާފައި އިޒްކާންގެ ބޮލަށް އެ ހުރިހާ ކަމެއް ޖެހީ.. މޮޅޭ މޮޅޭ..” އާހިލް އަތް ޖަހހަން ފެށިއެވެ. “އެހެން.. އޯވް އަޅޭ..” އިޒްކާނަށްޓަކައި އައިހަމް ހިތާމަކުރިއެވެ.

”ނީޝަލް އެކަންޏެއް ނޫން ހޫރީން ވެސް..؟” އައިހަމަށް އެހުނެވެ. “އާނ.. އެބުނީނު ނީޝަލް އާއި ހޫރީން އޭ ރޫމަށް ދިޔައީ..” އާހިލް ފޯނު ސްކްރީންގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ. “ބުނެބަލަ އޭނަ ކައިރީ ނީޝަލްގެ ގާތަށް ގޮސް ހަގީގަތް ކިޔައިދޭށޭ..” އައިހަމް ބުނި ގޮތަށް އާހިލް މެސެޖް ފޮނުވާލިއެވެ. ”ހްމްމް..” އިޒްކާންގެ ރިޕްލައި ހުރިގޮތުން ދެމީހުންނަށްވެސް ދެމީހުންގެ މޫނަށް ބަލާލެވުނީ ކަންބޮޑުވެފައެވެ. “މަށަށް ހީވަނީ ކަލޭގެ ދައްތައަށް ގުޅާފައި އަހަރެމެން އެކޮޅަށް ދާންވީ ހެން… އިޒްކާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ޕްރެޝަރުގެ އަޑީގައި ހުރެގެން.. މޮޔަ ކަމެއް ވެސް ކޮށްފާނެ..” އައިހަމް އެހެން ބުނުމުން އެ ޚިޔާލަށް ތާއީދުކޮށްފައި އާހިލް ގޮނޑިން ތެދުވީ ދައްތައަށް ގުޅަމުންނެވެ.

ގެސްޓް ހައުސް އިން ނުކުތް ގޮތަށް ސައިކަލު ނަގައިގެން ހޫރީން ދުއްވާލީ ނީޝަލް ގެއަށް ލައިދޭން ދާށެވެ. ސައިކަލުގެ ފަހަތުގައި ހޫރީން ލައިގެން ހުރި ހޫޑީގެ ޖީބަށް އަތް ޖަހާލައިގެން އިން ނީޝަލްގެ ސިކުނޑީގައި ދެންމެ ފެނުނު މަންޒަރު ރިވައިންޑްއެއް ހެން ސިފަވަމުން ދިޔައިރު ހޫރީންގެ ސަމާލުކަން ވަނީ މަގުން އެއްކިބާވެފައެވެ. ދެމީހުންގެ ޚިޔާލުތައްވެސް ވަނީ ދެ ދުނިޔެއެއްގައެވެ. ހޫރީންގެ ޚިޔާލުގައި ވަނީ ހިޔާންގެ އެ ނޭދެވޭ އަމަލާއި އެ ކަން ހިނގިއިރު އެތަނުގައި އިން އައިހަމްއެވެ. ވިސްނަމުން ދަނިކޮށް އަދި ޚިޔާލު ކޮށްލެވިފައި ނުވާ ކަމެއް ސިކުނޑިއަށް ވަނުމުން ހޫރީންއަށް ތުންފަތުގައި ދަތްއެޅުނެވެ.

އޭނާ ފުރަތަމަ ރޫމް 204 އަށް ދިޔައިރު ފެނުނީ ހިޔާން އީޝާއަށް ކުރަމުން ދިޔަ އަނިޔާތަކާއި އެތާ ކަމެއް ނުކޮށް އިށީނދެގެން އިން އައިހަމް، އިޒްކާން އަދި އާހިލްއެވެ. ނަމަވެސް ނީޝަލް ގޮވައިގެން އަނެއްކާ އެ ރޫމަށް ދިޔަ ވަގުތު ފެނުނީ އިޒްކާން އެކަންޏެވެ. އެކަމުގައި ކޮންމެވެސް ނުބައެއް އުޅޭކަމަށް ހޫރީންގެ ހިތް ބުނަމުން ދިޔައެވެ. “ނީޝަލް..” ސައިކަލު މަޑު ޖައްސާލާފައި ހޫރީން ކަރު ކެހެލިއެވެ. ނީޝަލް ލަސްލަހުން ހޫރީންގެ މޫނަށް ބަލާލިއިރު އެ މޫނުމަތިން ވަނީ ކުލަ އޮއްސިފައެވެ.

“އަޑު އަހައްޗޭ.. އަހަރެންނަށް ދޮންބެމެންނަށް ޝައްކު ކުރެވުނު ވާހަކަ ބުނީމެއްނު..؟ އެ ދުވަހުން ފެށިގެން އަހަރެން މިދަނީ ދޮންބެއަށް ފާރަލަމުން.. މިއަދު ނީޝްއަށްވުރެ ކުރިން އަހަރެން ދިޔައިން ދޮންބެ އާއި ފައިލަމްގެ ފަހަތުން އެ ގެސްޓް ހައުސްއަށް… އެންޑް އަހަރެންނަށް ހީވީ ހަމަ ރަނގަޅަށް.. މައިހާ އެންޑް ހުދާ ވޯޒް ކިޑްނެޕްޑް ބައި ދޮންބެ އެންޑް ފައިލަމް.. އއެމީހުން މިރޭ އަނެއް ކްލާހުގައި އުޅޭ އީޝާ ކިޔާ މީހަކަށް ވެސް އިންވައިޓް ކުރި އެ ރޫމަށް… އާފްޓަރ އަ ވައިލް، އަހަރެންނަށް މީހަކު ރޯއަޑު އިވިގެން އެ ރޫމާއި ކައިރިއަށް ޖެހެލާފައި ބަލލާލީ… ދަ ތިންގް އައި ސޯ ވޯޒް ހޮރިބަލް.. ނީޝް އިޓް ވޯޒް ސޯ ޓެރިބަލް… އަހަރެންނަށް ފެނުނީ ދޮންބބެ އީޝާއަށް އަނިޔާ ކުރަނިކޮށް.. އަދި އެތަނުގައި އިށީނދެގެން އިން އާހިލް އާއި އައިހަމް ވެސް.. އަދި އިޒްކާންވެސް… އެމީހުން ކަމެއް ނުކޮށް ހަމަ އެތާ އިށީނދެގެން އިނީ.. އެމީހުންގެ ފޭޝަލް އެކްސްޕްރެޝަންއަށް ބަލާލާފައި ހީވަނީ އެމީހުން ފޫހިވެފައި އިންހެން.. މަށަކަށް ނުހުރެވުނު ދެން އެ މަންޒަރު ބަލާކަށް.. އިޓް ވޯޒް ގްރޮސް.. ޑިސްގަސްޓިންގ.. އަހަރެން ބޭނުންވީ ނީޝްއަށް އެ މަންޒަރު ދައްކަން.. އެކަން ކުރަނީ މަގޭ ދޮންބެ އޭ ބުނަން.. އެކަމް ނީޝް ގޮވައިގެން އަހަންނަށް އެ ރޫމަށް ދެވުނުއިރު ވީ ސޯ ސަމްތިންގ އެލްސް.. އޭރު އެ ރޫމް ތެރޭގައި ދޮންބެއެއް ނެތް.. އައިހަމް އަދި އާހިލްއެއް ވެސް ނެތް.. ހުރީ އިޒްކާން އެކަނި… އައި ތިންކް ސަމްތިންގ އިޒް ރޯންގް ދެއަރ.. ކޮންމެވެސް ނުބައެއް އެބަ އުޅޭ…” ކަން ހިނގިގޮތް އަކުރެއް ފިއްޔެއްވެސް ވައްޓާނުލާ ހޫރީން ކިޔައިދިނެވެ.

އަޑުއަހަން ހުރި ނީޝަލްގެ މަރުވާން ކައިރިވެފައިވާ ހިތަށް ތާޒާކަމެއް ގެނެސްދިނެވެ. ހޫރީންގެ ވާހަކަ ތަކުން ބާރުދެނީ އިޒްކާންގެ ކޮޅަށެވެ. “އައިމް ޓަޔަރޑް.. މިރޭ ގެއަށް ދެވޭނެތަ..؟ ޕްލީޒް..” ނީޝަލް އެދުނެވެ. ކޮނޑުގައިވާ އަތްދަބަހުގެ ތެރެއަށް ފޯނު އޮފްކޮށްލާފައި ލަމުންނެވެ. ހޫރީން ދެބަސްވާން އުޅެފައި ވެސް ސައިކަލު ސްޓާޓް ކޮށްލިއެވެ. އެވަގުތުން އެވަގުތަށް ހޫރީން އެ އޮޅުން ބޮޅުންގަނޑު ފިލުވަން ބޭނުމެވެ. އެކަން ކުރީ ހިޔާން ގިނިކަންޏާ ހެއްޔެވެ.؟ ނުވަތަ އައިހަމް، އާހިލް އަދި އިޒްކާންގެ އަތެއް އެކަމުގައި ވޭ ހެއްޔެވެ.؟ އެކަމުގެ އެންމެ ފުނަށް ވާސިލުވާން ހޫރީންގެ ހިތް އެދެމުން ދިޔައީ ސިކުނޑިއަށް ކެތްނުވާވަރަށެވެ.

ބޯހާސްވެފައިހުރެ އިޒްކާން ގެސްޓް ހައުސުން ނުކުމެ ދިޔައީ ސައިޕްރީޑިއަމް ޕާރކަށެވެ. އެތަނުގައި ނީޝަލް ނީންނާނެ ކަން ޔަގީންވާއިރުވެސް އިޒްކާންއަށް ނުބަލާ ނުހުރެވުނެވެ. އެކި ދިމަދިމާ ހޯދަމުން އިޒްކާން ރެސްޓޯރެންޓް ކައިރީ ޕާކް ކޮށްފައި ހުރި ސައިކަލަށް އަރައިގެން ދުއްވާލިއެވެ. އެވަގުތުން އެވަގުތަށް ނީޝަލް ފެންނަން އޭނަ ބޭނުމެވެ. ފަސް ހަވަރަކަށް ފަހަރު ނީޝަލްގެ ފޯނަށް ގުޅިއްޖެއެވެ. ނިއްވާލާފައި އޮތްކަމަށް އެންގިޔަސް އިޒްކާން ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވިއެވެ. ސައިކަލުގެ ސްޕީޑް ބާރު ކޮށްލިއިރު އިޒްކާންގެ ހިތުގެ ސްޕީޑްވެސް ބާރުވެގެން ދިޔައެވެ.

ރޫހާންގެ އަތު ނުވާންވެގެން ނެޒެލީ އެންމެ އަވަހަށް ޖެހުނު ގޯޅިން އެޅިއެވެ. އޭގެ ފަހުން ވެސް ދެ ގޯޅި އަޅާފައި ފިހާރަ ކަންމައްޗަކަށް ހުއްޓުނެވެ. އޭރު ވަރުބަލިވެގެން ގޮސް އެ ފަކީރަށް ނޭވާލެވޭކަމެވެ. ފުންކޮށް އަވަސްއަވަހަށް ނެޒެލީ ނޭވާލަމުން ގެންދިޔައިރު ދެލޯ ވަނީ މެރިފައެވެ. ދެއަތުން ބޮޑުބައި ފެންނަން އޮތް ހަށިގަނޑު ނިވާކުރެވޭތޯ ބަލަމުން ނެޒެލީ ދުއްވައިގަތްތަނާ އެރުނީ އެ ކަންމައްޗަށް ލަނބާލި ސައިކަލެއްގެ ކުރިމައްޗަށެވެ. މަގުމައްޗަށް ސަމާލުކަމެއް ނުދީ ހުރި އިޒްކާންއަށް ކުރިމައްޗަށް އެރި އަންހެންކުއްޖާ ފެނި ސައިކަލު އަނބުރާލެވުނީ ހަމަ ކިރިޔާއެވެ. ސައިކަލާއި އެކީ އަރިއަޅާލައިގެން އިޒްކާން ވެއްޓުނުއިރު ނެޒެލީވެސް ސަލާމަތްވާން ހަދައިގެން އަމިއްލަ ފައިދަތި އެޅިގެން ވެއްޓުނެވެ. ވަރުބަލިވެގެންނާއި ލިބިފައިވާ ޝޮކުގެ ބޮޑުކަމުން ނެޒެލީގެ ހޭވެރިކަން ދިޔައެވެ.

ސައިކަލު ތެދު ކޮށްލާފައި އެއަށް އިޒްކާން އެރިއިރު ވާރޭ ވެހެން ފަށައިފިއެވެ.. ކަނި ޖަހަމުން ގޮސް ވާރޭ ބޯކޮށްލައިފިއެވެ. ސައިކަލު ދުއްވާލަން އުޅުނު އިޒްކާންއަށް ހުއްޓެން ޖެހުނީ އޭނާގެ ސައިކަލު ކުރިމައްޗަށް އެރި އަންހެންކުއްޖާ ވެއްޓުނުގޮތަށް ނުތެދުވާހެން ހީވާތީއެވެ. ބިންމަތީ ހެދެމުން ދިޔަ ފެންގަނޑުގެ މެދުގައި ހަރަކާތެއް ނެތި އޮތް އަންހެންކުއްޖާ ފެނި އިޒްކާންއަށް ސައިކަލު ދުއްވާލާކަށް ނުކެރުނެވެ. މަޑުމަޑުން ގުދުވެ އިޒްކާން އެ އަންހެންކުއްޖާ އަތްދަނޑިމައްޗަށް ނެގިއެވެ. ވެހެމުން ދިޔަ ވާރޭއާއި ހެދި އިޒްކާންއަށް ފުރަތަމަ އުޅެވުނީ ހިޔާވަހިކަމެއް ހޯދާށެވެ. އަވަސްކުރަން ހަދައިގެން އެ އަންހެން ކުއްޖާ ގޮވައިގެން އިޒްކާންއަށް ވަދެވުނީ އެ ހިސާބުގަނޑުގައި ހުރި އަވައްޓެރި ޕާކްތެރޭ ހުންނަ ބޯލްޕިޓް ޖާގައަށެވެ.

އެތާރެރޭ މެދުގައި ކަނޑާ ނަގާފައިވާ ގޮޅީގެ ތެރެ ފުރިފައިވަނީ އެކިކުލަކުލައިގގެ ކުދިކުދި ބޯޅައިންނެވެ. ކުޑަކުދިންގެ ހިތުގައި ޝައުގު އުފެދޭނެހެން ފަރުމާކޮށްފައިވާ ބޯލްޕިޓް ޖާގަތެރޭ ބެލެނިވެރިން އިށީންނަން ހަދާފައި ހުރި ބެންޗެއް މަތީގައި އިޒްކާން ނެޒެލީ ބާއްވާލިއެވެ. ވީދައިގެން ގޮސްފައިވާ ނެޒެލީގެ ހެދުން ފެނުމުން އިޒްކާންއަށް އަވަހަށް ދުރު ބަލާލެވުނެވެ. އަދި ހިތްވަރުކޮށްފައި އޭނާ ލައިގެން ހުރި ރަތް މާތައް ޖަހާފައިވާ ކަޅުކުލައިގެ ގަމީސް ބޭލިއެވެ. ވާރެއާއި ހެދި ގަމީސް ގަޔަށް ހިފާފައި ހުރުމުން ގަމީސް ބާލަން އިޒްކާންއަށް އުނދަގޫވިއެވެ. ވާރޭ ބޯކޮށްލުމާއި އެކީގައި ހޫރީންވެސް ސައިކަލު މަޑުކޮށްލީ އަވައްޓެރި ޕާރކާއި ދިމާލަށށެވެ. ސައިކަލު ރަނގަޅަށް ޕާކް ކުރަން ނޭނގޭތީ ހޫރީން ސައިކަލު ވައްޓާލާފައި ނީޝަލް ގޮވައިގެން މިސްރާބު ޖެހީ އެތާ ތެރޭ ހަމައެކަނި ހިޔާވާން އޮތް މަންޒިލަށެވެ. އާނއެކެވެ. ބޯލްޕިޓް ޖާގަ އާއި ދިމާލަށެވެ. ބޯލްޕިޓް ޖާގައަށް ވަދެ ދޮރު ލައްޕާލާފައި ހޫރީންއަށް ދޮރުގައި ލެނގިލެވުނެވެ.

“ހާދަ ބޯކޮށްލީ..” އޭރު ފިނިވެގެން ގޮސް ތުރުތުރު އަޅާފައި ހުރި ނީޝަލް ހުރީ ދެއަތުން ގައިގައި ބައްދާލައިގެންނެވެ. އެ ރަތްކުލައިގެ ހެދުން ގައިގައި ތަތްލަވާފައިވާއިރު ތެމިފައިވާ އިސްތަށިގަނޑުން އަދިވެސް ދިޔައީ ފެން ތިކި ތަޅަމުންނެވެ. އެ ތަނަކީ ހަތަރު ފަރާތުން އެއްކޮށް ބައްދާފައިވާ ތަނެއް ނޫންކަމަށް ވާތީ ވާރޭވެހޭ އަޑުފައްގަނޑާއި ހެދި ޖެހިގެން ހުރި މީހާ ވާހަކަ ދައްކާ އަޑު އިވެނީ ކިރިޔަކިރިޔާއެވެ. ހޫޑީ ތެމިފައި ހުރުމުން އުނދަގޫވާތީ ހޫރީން ހޫޑީ ބޮލާއި ވަކިކޮށށްލަން އިސް އުފުލާލިތަނާ ފެނުނު މަންޒަރުން ކުރަން އުޅުނު ކަންވެސް ހަނދާނުން ކައްސާލިއެވެ.

ގަމީސް ގަޔާއި ވަކިކޮށްލައިގެން ހުރި އިޒްކާން އާއި އަތުން ފައިން ތަނެއް ގުޑުވާވެސް ނުލާ އޮތް އަންހެންކުއްޖާ ފެނިފައި ހޫރީންގެ ދުލުން ބަސް ހުސްވިއެވެ. މީސްމީހުން ކިޑްނެޕްކޮށް އެ މީހުންނަށް އަނިޔާ ކުރަނީ ހިޔާންކަން ސާފުކޮށް ހޫރީންއަށް އެނގުނު ނަމަވެސް އާހިލާއި އައިހަމްގެ އިތުރުން އިޒްކާން ކަން ހިނގިއިރު އެތަނުގައި ހުރި ކަމުގައިވިޔަސް އެއްވެސް ކަމެއްގައި ބައއިވެރި ނުވާކަމުގެ އިޝާރާތްތައް ލިބުމުން އެކަމުގައި އެ ތިން މީހުންގެ އަތެއް ނުވާކަމަށް ލަފާ ކުރަމުން ގެންދިޔަ ހޫރީންއަށް އެ މަންޒަރު ފެނުމުން އޭނާ ކުރި ލަފަޔަށް ބަދަލެއް ގެންނަން މަޖުބޫރުވިއެވެ. ދެފަހަރަކު ބާރަށް އެސްފިޔަ ޖަހާލާފައި އަނެއްކާ އެދިމާލަށް ބަލާލީ އެއީ އިޒްކާން ނޫން މީހަކަށް ވުމަށް އެދިއެވެ. ނަމަވެސް އެތަނުގައި އިށީނދެލައިގެން އިނީ ހަމަ އިޒްކާންކަން ޔަގީންވުމުން ހޫރީންގެ ނޭވާ ވެސް މަޑުޖެހުމަކަށް އައެވެ.

އެއްދިމާއަކަށް ހޫރީން ބަލަހައްޓައިގެން ހުންނަން ފެށުމުން ނީޝަލް ހޫރީންގެ މމޫނުމަތީގައި އަތް ހޫރުވާލަމުން ހޫރީން ކަންބޮޑުވެފައިވާ ކުލަވަރެއް ދައްކައިގެން ބަލަން ހުރި ދިމާއަށް ބަލާލިއެވެ. ”އިޒްކާން…..” ރޮކް މިޔުޒިކެއް ފަދައިން އިވެމުން ދިޔަ ވާރޭގެ އަޑުފައްގަނޑު ތެރެއިން ފޭދިގެން ގޮސް ނީޝަލްގެ އަޑު އިޒްކާން އާއި ހަމައަށް ފޯރިކަން އެނގުނީ އިޒްކާން ސިހިފައި އެދިމާއަށް ބަލާލުމުންނެވެ. އޭރު ދެއަތުން ގަމީހުގައި ހިފާއްޓާލައިގެން އިޒްކާން ހުރީ ނެޒެލީގެ ހަށިގަނޑު ނިވާ ކޮށްދޭންވެގެން ތައްޔާރަށެވެ. އަނެއްކާވެސް ނުބައި ދަނޑިވަޅެއްގައި ހޫރީންގެ އިތުރުން ނީޝަލްއާއި ކުރިމަތިލާން ޖެހުމުން އިޒްކާންއަށް ލޯ މަރާލެވުނެވެ. ކަން ވީގޮތް ރަނގަޅަށް ކިޔައިދޭން ފަށަންވެސް އިޒްކާންއަކަށް ނޭނގުނެވެ. ގަމީސް ނެޒެލީގެ ގައި ނިވާވާނެ ގޮތަކަށް ވައްޓާލާފައި އިޒްކާން ކޮޅަށް ތެދުވިއެވެ.

ނީޝަލްގެ ހިތުގައި ރޯވި އުންމީދު ހުޅުކޮޅު ވަގުތުން ނިވިގެން ދިޔައީ ވެހެމުން ދިޔަ ވާރެ އާއި ހެދި ނޫންކަމެއް ނޭނގުނެވެ. ފުރަތަމަ އިޒްކާން އީޝާ އެކީގައި ފެނުނު މަންޒަރު ބޮލުން ނުނެރެލެވިގެން އުޅެނިކޮށް އަނެއް މަންޒަރެވެ. ވިދާލި ވިދުވަރާއި އެކީގައި އަނދިރިކޮށް އޮތް ބޯލްޕޕިޓް ޖާގަ ތެރެ ހީވީ ބޮތްކެއް ޖައްސާ ދިއްލާލި ހެންނެވެ. އިޒްކާން އާއި ނެޒެލީގެ މޫނު އިހުނަށްވުރެ ސާފުވިއެވެ. ގަބޫލު ނުކުރެވޭ ފާޑަކަށް އިޒްކާންގެ މޫނަށް ބަލަހައްޓައިގެން ހުރި ނީޝަލްގެ ކަޅި ދަތުރުކުރީ ނެޒެލީގެ މޫނަށެވެ. “ޒެލީ..؟؟؟” ޔަގީން ނުވާ ރާގަކަށް ނީޝަލްގެ ދުލުން ބޭރުވި ނަން އަހާފައި ހޫރީންވެސް ފާޑަކަށް އެދިމާލަށް ބަލާލިއެވެ. އެއަށްފަހު ސިކުންތެއް ނުވަނީސް އަނެއްކާ އިޒްކާންގެ މޫނަށް ނީޝަލް ބަލާލައިފިއެވެ. ދެން ފެނުނީ ހޫރީން ދޮރާއި ދުރަށް ކޮއްޕާލާފައި ވާރޭތެރެއަށް ނުކުމެ ދުއްވައިގަތް ނީޝަލްއެވެ.

“ނީޝަލް…” އިޒްކާންއަށް ނިކަން ބާރަށް ގޮވާލެވުނެވެ. ގާތްގަނޑަކަށް ހަޅޭއްލަވައިގަނެވުނީއެވެ. ހޫރީންއަށް ދާނެ ދިމާއެއް އެހީވާނެ މީހެއް ނޭނގުނެވެ. އޭރުވެސް ހޫރީންއަށް ހުރެވުނީ ގަބޫލުކުރަންވީ ކޯޗެއްކަން ނޭނގިފައެވެ. ފެނުނު ދެ މަންޒަރުން ނަގަންވީ މާނަ އޮޅިފައެވެ.

ވާރޭތެރޭ ދުއްވައިގަތްއިރު ނީޝަލްގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. އޭނާއަށް ލޯބި މިވެވުނީ ކޮންފަދަ މީހެއް ދެކެ ހެއްޔެވެ.؟ ދެމޫނެއްގެ ވެރި މީހެއް ދެކެއެވެ. ދުވާލު ގަޑީ މުޅޅިން ތަފާތުކޮށް އުޅެފައި ރޭގަނޑު ގަޑީގައި މާރިދަކަށްވުރެ ބިރުވެރިކޮށް މީހެއް ދެކެއެވެ. ނަމަވެސް އިޒްކާން އެހެން އުޅެފާނެ ހެއްޔެވެ.؟ ނީޝަލްގެ ހިތާއި ސިކުނޑީގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގަމުން ދިޔައެވެ. ނުވާނެއެވެ. އިޒްކާން އަކީ އެފަދަ މީހެއް ނޫނެވެ. ނަމަވެސް ފެނުނު ހުރިހހާ ކަމެއް ހުރީ އިޒްކާން އާއި ދެކޮޅަށެވެ. ވީ ކަންކަމާއި ހުރެ ނީޝަލްގެ ހިތުގައި އިޒްކާންއަށް އޮތް އިތުބާރު ކުޑަވިއެވެ. އަނެއްހެން ބުނާނަމަ ގާތްގަނޑަކަށް ފުނޑުފުނޑުވީއެވެ. ނީޝަލް ދުވަމުން ގެންދިޔައިރު އަޅާ ކޮންމެ ފިޔަވަޅަކާއި އެކީ ހެދިފައިވާ ފެންގަނޑު ދެފަރާތަށް ބުރުއްސައިގެން ދދެއެވެ. މަގުމައްޗަކު އަލިކަމެއް ނެތެވެ. ހަރުކޮށްފައިވާ ރޯޑް ލައިޓްތައް ވެސް އޭގެ ވާޖިބު މިރޭ އަދާ ނުކުރަނީ ކަންނޭނގެއެވެ. އެންމެ ދޭތި ފިޔަވާ އެހެން ހުރިހާ އެއްޗެއް ވަނީ ނިވިފައެވެ. ހިޔާ ދޭ ގަސްތައް ވަނީ ވަޔާ ހަނގުރާމަ ކުރަން ނުކުޅެދި އަރިއަކަށް ލެނބިފައެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުން ދިޔަ ނީޝަލްއަށް ކަކޫމައްޗަށް ތިރިވާން ޖެހުނީ ބޮލުގައި ރިހެން ފެށުމުންނެވެ. އެރި ތަދާއި އެކީގައި ނީޝަލްއަށް ބޮލުގައި އަތް އެޅުނެވެ.

ތެމި ހޭވިފައިވާ އިސްތަށިގަނޑު ތެރެއިން ބޮލުގައި އަތް އަޅައިގެން ހުރި ނީޝަލް ދެލޯ މަރާ ފިއްތާލައިގެން ހުރި ގޮތުން ބޮލަށް ވާ ތަދު އަންގައިދޭހާވެއެވެ. ބޮލުގައި އަތް އަޅައިގެން ހުއްޓާ ނީޝަލްގެ ޚިޔާލަށް ކުއްލިއަކަށް އައީ ދެންމެ އިޒްކާން އާއި އެކީގައި ބޯލްޕިޓް ތެރެއިން ފެނުނު އަންހެން ކުއްޖާއެވެ. “ޒެލީ..؟” ނީޝަލްއަށް އެ ނަން ކިޔާލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ”އެއީ ކާކުތަ އަޅެ..؟ އަހަރެން އޭނަގެ މަތިން ހަނދާންވަނީ ކީއްވެގެންތަ..؟ ޑޫ އައި އީވެން ނޯ ހާރ..؟” ނީޝަލްއަށް އަމިއްލަ ނަފްސާއި ކުރެވެމުން ދިޔައީ ޖަވާބެއް ނެތް ސުވާލު ތަކެކެވެ. ނުދަންނަ މީހެއް ފެންނައިރަށް އެމީހެއްގެ ނަން ކުއްލިއަކަށް އެނގުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެކެވެ.

 

= ނުނިމޭ =

 

އެކުއްޖާ 2 – 34 ވަނަ ޕާރޓް

 

* “ޒެލީ..؟” ނީޝަލްއަށް އެ ނަން ކިޔާލެވުނެވެ. ބޭއިޚްތިޔާރުގައެވެ. ”އެއީ ކާކުތަ އަޅެ..؟ އަހަރެން އޭނަގެ މަތިން ހަނދާންވަނީ ކީއްވެގެންތަ..؟ ޑޫ އައި އީވެން ނޯ ހާރ..؟” ނީޝަލްއަށް އަމިއްލަ ނަފްސާއި ކުރެވެމުން ދިޔައީ ޖަވާބެއް ނެތް ސުވާލު ތަކެކެވެ. ނުދަންނަ މީހެއް ފެންނައިރަށް އެމީހެއްގެ ނަން ކުއްލިއަކަށް އެނގުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެކެވެ. *

“އެކަމަކު އިޒްކާން……..” ނީޝަލްއަށް ބުނެވުނެވެ. އިޒްކާން އެފަދަ ކަމެއް ކުރުމަކީ ނީޝަލް ހުވަފެނުން ވެސް ނުދެކޭ ވަރުގެ ކަމެކެވެ. އެހެން މީހެއް އެފަދަ އަމަލެއް ކޮށްފާނެ ކަމަށް ހީކުރި ނަމަވެސް އިޒްކާން އެކަހަލަ ކަމެއް ކުރާނެކަމަކަށް ނީޝަލް ހީވެސް ނުކުރެއެވެ. “ކީއްވެގެންތަ…؟؟” ނީޝަލްގެ ތުންފަތް ފޫދުއްވާލާފައި މަޑު ގިސްލުމެއްގެ އަޑު ނުކުތެވެ. ބޮލަށް ވާ ތަދާއި އެކީގައި ކުދިކުދި ވެފައިވާ ހިތުގައި އަޅާ ވޭނުން ނީޝަލްއަށް ކެތް ނުކުރެވުނީއެވެ. ހިތާއި ވީ ދިމާލުގައި އަތް އަޅާލައިގެން ނީޝަލް އިން އިރު ލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

“ހޫރީން..” ދެފިކުރެއްގައި ހުރެފައި ބޭރަށް ދުއްވައިގަންނަން ފަރިވެލި ހޫރީން ފަހަތް ބަލާލިއެވެ. އޭރު މަޑުކުރާށޭ ބުނެ އަތް ހިއްލާލައިގެން ހުރި އިޒްކާންގެ ލޮލުގައި ވަނީ އާދޭހުގެ ކުލަވަރެވެ. “ހޫރީން..” އިޒްކާންއަށް ހޫރީން އާއި އަރާ ހަމަކުރެވުނުތަނާ ހޫރީން ދުރު ބަލާލައިފިއެވެ. “ކިހިނެތްވީ..؟؟” ހޫރީންގެ އަޑުގައި ވަނީ ބުނެދޭން ނޭނގޭފަދަ އަސަރެކެވެ. “މަ މި ދައްކާ ވާހަކަ އަޑު އަހާބަލަ.. ނީޝް ވެސް ހޫރީންވެސް ތި ވިސްނަނީ ނުބައިކޮށޭ.. ޕްލީޒް އަހަރެން މި ދައްކާ ވާހަކަ ގަބޫލުކޮށްބަލަ.. ވަޓް ޔޫ ސޯ ވޯޒް އޯލް ރޯންގް.. އަހަރެން……” އިޒްކާންގެ ދޫބަންދުވީ ހޫރީން ހުއްޓާލާށޭ ބުނާ ފަދައިން އަތް ނެގުމުންނެވެ.

“އިޒްކާން.. ނީޝަލް….” ހޫރީން އިޝާރާތް ކޮށްލީ ވާރޭ ތެރެއަށެވެ. ހޫރީންއަށް ތެދުދޮގު ކިތަންމެ ކިޔައިދޭން ބޭނުންވިއެއްކަމަކު އިޒްކާންއަށް ހަގީގަތަށް ވުރެ ނީޝަލް މާ މުހިންމެވެ. އަޅާއިތިކޮށް ވާރޭގެ ތެރެއަށް ދުއްވައިގަނެވުނީވެސް ނީޝަލް ހޯދާށެވެ.

އިޒްކާންގެ ފަހަތުން ދުއްވައިގަންނަން އުޅެފައިވެސް ހޫރީން ބަލާލީ އެތެރޭގައި އޮތް އަންހެން ކުއްޖާ އަށެވެ. އެ އަންހެން ކުއްޖާ އެކަނި ކޮށްލާފައި ދާކަށް ހޫރީންއަކަށް ނުކެރުނެވެ. މީހަކަށް ގުޅުމުގެ ހިޔާލު ބޮލަށް ވަނީވެސް ދެނެވެ. ވަގުތުން ޖީބުން ފޯނު ނެގިއެވެ. އަދި އަވަހަށް މީހަކަށް ގުޅަން ހަދައިގެން ގުޅުނީވެސް އައިހަމްގެ ނަންބަރަށެވެ.

ފޯނު ރިންގުވާން ފެށުމުން އައިހަމަށް ފޯނަށް ބަލާލެވުނެވެ. “ހޫރީން..؟” ހާސްވެ ކަންބޮޑުވެފައިވާއިރު ވެސް ހޫރީންގެ ނަން ފެންނައިރަށް އައިހަމްގެ ތުންފަތް ފޭވީ ހިނިތުންވުމަކުންނެވެ. ވަގުތުން އައިހަމް ކޯލަށް ޖަވާބު ދިނެވެ. “ހަލޯ..؟” ކޯލް ނެގިހާ އަވަހަކަށް އެކޮޅުން ހޫރީންގެ އަޑު އިވުނެވެ. އެ އަޑުގައިވާ ހާސްކަމާއި ހުރެ އައިހަމްގެ ހިތް އަވަސްވާން ފެށިއެވެ. “ގުޅަން ހުއްޓައޭ ތި ގުޅީ..” އައިހަމް އެ ބުނީވެސް ދޮގެއް ނޫނެވެ. އާހިލް އާއި އޭނަ ޖޫލިއެޓް ރޯޒް ގެސްޓް ހައުސަށް ގޮސް ރޫމް 204 ބެލިއިރު އީޝާ ނޫން މީހަކު އެތާކު ނެތެވެ. އިޒްކާން ނެތުމުން އެކި މީސްމީހުންނަށް އިޒްކާން ދުށިންތޯ އަހަން ވެގެން ގުޅާފައި ހޫރީންއަށް ގުޅަން އުޅެނިކޮށް ނަސީބަކުނން ހޫރީން ފުރަތަމަ އެ ގުޅީއެވެ. “ގުޅަން ހުއްޓައޭ..؟” ހޫރީންއަށް އެރީ އޮޅުމެވެ. އައިހަމް ވާހަކަ ގިނަ ކުރަން އުޅޭހެން ހީވެގެން އާހިލް އައިހަމްގެ އަތުން ފޯނު އަތުލިއެވެ. “އިޒްކާން ދެކުނިންތަ..؟” ދުރުދުރުން ނޫޅޭ އާހިލް ސުވާލު ކުރީ ސީދާސީދާކޮށެވެ. ”އާނ.. ވަރަށް ބޮޑު ކަމެއް ވެއްޖެޔޭ.. މިތަނަށް އައިސްބަލަ..” އަވަސްއަރުވާލާފައި ހޫރީން އެދުނެވެ.

“އިޒްކާން ތިތާ ހުރީތަ..؟” އާހިލް ގޮތްދޫކުރާކަށް ނޫޅުނެވެ. “މަށާއި އެކީ މިތާ ހުރެފަ އޭނަ ދެންމެއޭ އެ ދިޔައީ ނީޝް ފަހަ………” އެހެން ބުނަން އުޅެފައި ވެސް ހޫރީން ހުއްޓާލިއެވެ. “ނީޝަލް ފަހަތުންނޭ..؟ އަނެއްކާ…” އާހިލަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ. ނަމަވެސް އެހުރިހާ ކަމެއްގެ މެދަށް ކުއްލިއަކަށް ހޫރީން އައި ގޮތެއް އާހިލަކަށް ނުވިސްނުނެވެ. “އިޒްކާން ދެންމެޔޯ ކަލޭގެ ހޫރު ޕަރީ ކައިރީ ހުރެފައި ނީޝަލްގެ ފަހަތުން އެ ދިޔައީ..” ފޯނު ގަޔާ ދުރުކޮށްލާފައި ހޫރީންއަށް ނީވޭނެ ހެން އާހިލް ބުނެލިއެވެ. “ހިނގާ ދާން އަވަހަށް އެ ތަނަށް.. އަހާބަލަ ކޮންތަނަކުތޯ ހޫރީން ހުރީ..” އައިހަމްގެ އަޑުގައިވާ ނުތަނަވަސްކަމުން އާހިލް ޒާތަކަށް ހީނލިއެވެ. ދިމާކުރާ ޒާތތަކަށެވެ.

“އިނގޭތަ އަމްމް… އަވައްޓެރި ޕާރކު..؟ ކޮލެޖާއި މާ ދުރެއްވެސް ނުވާނެ..” ހޫރީން އެހެން ބުނުމުން އެބަ ދަމޭ ބުނެ އާހިލް ފޯނު ކަނޑާލިއެވެ. އައިހަމް ޓެކްސީއެއް ހުއްޓުވީ އަވަހަށް ދިޔުމުގެ މަގްސަދުގައެވެ. ހޫރީންއަށް ކަމެއް ވިއްޔޭ ހިތާ އައިހަމް ހުރީ ހާސްވެފައެވެ.

ނީޝަލް މަގުމެދުގައި އިން މަންޒަރު ފެނުނީ ފައިލަމާއި އެކީގައި ގެއާއި ދިމާލަށް މިސްރާބު ޖެހި ހިޔާންއަށެވެ. “އެހުރީ.. އޭ ބަލަ އެހުރީ ނީޝަލްއެއް ނޫންތަ..؟” ފައިލަމް އިޝާރާތް ކޮށްލިއެވެ. “އާނ އެއީ އޭނަ..” ހިޔާން ފާޑަކަށް ހީނލިއެވެ. “ލެޓްސް އިންވައިޓް ހާރ ޓު ދަ ހައުސް..” ފައިލމް ޚިޔާލެއް ދިނެވެ. ނީޝަލް ގޮވައިގެން ގެއަށް ދިޔުމަށެވެ. އެ ވިސްނާ ގޮތް އެނނގުމުން ހިޔާން ދެބަސް ވާން އުޅުނެވެ. އެވަރުން އިޒްކާން އާއި ނީޝަލް އާއި ދޭތެރޭ އޮތް އިތުބާރު ފުނޑާލާފައި އޭގެފަހުން ސައުވީސް ގަޑިއިރުވެސް ފާއިތު ނުވަނީސް އޭނަޔާއި ނީޝަލް އާއި ދޭތެރޭ އޮތް އިތުބާރު ފުނޑޭކަށް ހިޔާންއަށް ނޭދުނެވެ.

ނަމަވެސް އެފަދަ ފިނި ރެއެއްގައި ހިޔާންގެ ލޭ ހޫނުވިއެވެ. ހިތުގެ ކަނަކުން ނީޝަލްއަށް އެދި ގޮވަން ފެށިއެވެ. އެހެންކަމުން ފައިލަމާއި އެއްބަސްވެފައި އަޅައިގެން ހުރި ކުޑަ އާއި އެކީގައި ފިޔަވަޅުތައް އަވަސްކޮށްލީ ނީޝަލް އާއި ކައިރިއަށް ދިޔުމަށެވެ. “ހާދަ އެހެން ތަނަކު އެއިނީ..؟ އަދި އެވެސް ވާރޭ ތެރޭގައި..” ހިޔާން އާއި އެއްވަރަކަށް ހިނގައިގަންނަމުން ފައިލަމް ބުނެލިއެވެ. އެއީވެސް ތެދެކެވެ. ނީޝަލް އެހުރީ މީހުން އެހާ ނޫޅޭ ހިސާބު ގަނޑެއްގައި ހުރި މަގެއްގައި އިށީނދެގެންނެވެ. ނީޝަލް އާއި މާ ދުރުނޫން ހިސާބެއްގައި ހުރި ރޯޑްލައިޓް އިން އެ ތަން މާ އަނދިރިއެއް ނޫނެވެ. ރޯޑްލައިޓްގެ ފަނޑު ރީނދޫ އަލީގައި ނީޝަލްގެ ގަޔަށް ވާރޭ ތިކިތައް ދެމުން ގެންދިޔަ ހަމަލާއަކަށް އޭނާ ނުވިސްނާ ފަދައެވެ.

”ޒެލީ..!!!” މަގު މަތީގައި ހިނގަމުން ރޫހާން ހަޅޭއްލެވޭހާ ބާރަކަށް ހަޅޭއްލެވިއެވެ. ވާރޭ ވެހެމުން ދިޔަނަމަވެސް ބޭރުގައި ހަރަކާތްތެރިވެ އުޅުނު މީހުންތައް ރޫހާންއަށް ބަލަމުން ގެންދިޔައެވެ. ނަމަވެސް އެއިން ކަމަކަށް ފަރުވާލެއް ނުބަހައްޓާ ރޫހާން ނެޒެލީ ހޯދުމައިގެން ކުރިއަށް ދިޔައެވެ. މާޔާ ބޭނުންވަނީ ނީޝަލް އާއި ވަކިވެގެން ގޮސްފައިވާ ހަނދާންތައް އަލުން އަނބުރާ ގެންނާށެވެ. އެކަން ވާން އޮތީ ވެސް ވަރަށް އުނދަގޫ މަރުހަލާއެއް ކަޑައްތު ކުރެވިގެންނެވެ. ކައިޔަން ހާސިލު ކުރަން މާޔާ ހުރީ ކޮންމެ ފަދަ ފިޔަވަޅެއްވެސް އަޅަންކަން ރޫހާންއަށްވެސް އިނގެއެވެ. ނީޝަލްގެ ހަނދާންތައް އަނބުރާ އައިސްފިނަމަ އައިހާ އަވަހަކަށް މާޔާ ބޭނުންވަނީ ނީޝަލް ހައްޔަރު ކުރާށެވެ. ކައިޔަން އާއި އަވްލީންއަށް ނީޝަލް ފޮރުވާށެވެ. އަދި ކައިޔަންއަށް މަޖުބޫރު ކުރާށެވެ. މާޔާ ވިއްޔާ މާޔާއެވެ. ނީޝަލް ވިއްޔާ ނީޝަލްއެވެ. އެ ފުލެއް ނެތް ރޭވުން އަދިވެސް ރޫހާންއަކަށް ކަމަކު ނުދެއެވެ. ނަމަވެސް ނީޝަލް ހައްޔަރު ކޮށްފިނަމަ ރޫހާންއަށްވެސް އެއް ގޮތުން ރަނގަޅެވެ. ނީޝަލް އޭނާއަށް ލިބެން އެ ނެގެނީ ވަރަށް ބޮޑު ފިޔަވަޅެކެވެ.

މާޔާ އެވަރަކުން ނެޒެލީ ގައިދުކޮށްފައި ބަހައްޓަން ބޭނުންވާ ސަބަބެއް އޮތެވެ.. މާޔާ އާއި ރޫހާން ކުރަން އުޅޭ ކަންތައްތައް އިނގޭ ފަރާތަކީ ހަމައެކަނި ނެޒެލީ ކަމަށް ވާތީއެވެ. ނެޒެލީއަށް ހަގީގަތް އެނގުނީ މާޔާ ‘އެރޭ’ ރޫހާންއަށް ގުޅައިގެން ދެއްކި ވާހަކަތައް ނެޒެލީގެ ކަންފަތާއި ހަމައަށް ފޯރުމުންނެވެ. ދޮރުތައް ނުލައްޕާ މީހަކު ހުރިތޯ ނުބަލާ އެ ވާހަކަ ދެއްކުމަކީ މާޔާއަށް އެޅުނު ކަތި ފިޔަވަޅެކެވެ. ނަމަވެސް ‘އެރޭ’ ނެޒެލީއަށް ދެވުމުގެ ކުރިން ވާނެ ކަމެއް ވެއްޖެއެވެ.

މާޔާ އާއި ރޫހާންއަށް ނެޒެލީގެ ފަރާތުން ބޭނުންވާ މައުލޫމާތުތައް ވެސް ލިބުނެވެ. ‘އެ ރެއަށް’ ފަހު ނީޝަލްގެ ރައްކާތެރިކަމަށްޓަކައި ކައިޔަން އާއި އަވްލީން ނިންމީ ނައިލް އާއި ނީޝަލް ރާއްޖެއަށް ފޮނުވާށެވެ. އާއިލާ އިން ބޭރުގައި އެވަގުތު ފްރާންސްގައި ކައިޔަންމެންނަށް އިތުބާރު ހިފޭ މީހެއްގެ ގޮތުގައި ހުރީ ނެޒެލީ ކަމަށް ވާތީ ނީޝަލް ރާއްޖެއަށް ފޮނުވާލަން އުޅޭ ވާހަކަ ކައިޔަންމެން އެންގީ ނެޒެލީއަށް އެކަންޏެވެ. ނެޒެލީއަށް އެއްޗެއް އިނގޭ ކަމަށް މާޔާއަށް ޝައްކު ވުމުން އޭގެ ފަހުން ނެޒެލީ ހައްޔަރު ކޮށްފައި މާޔާ ނެޒެލީ ފޮނުވާލީ ރާއްޖެއަށެވެ. އެކޮޅުން މާޔާގެ ދަށުން ހުރި މީހެއް ލައްވާ ނެޒެލީއަށް ބެލިއެވެ. ނެޒެލީއަށް ބިރު ދައްކައިގެން ކައިޔަންމެން ނީޝަލް ފޮނުވާލީ ރާއްޖެއަށް ކަން މާޔާއަށް އެނގުމުން ރޭވުންތަކެއް ރާވަރާވާފައި ރޫހާން ރާއްޖެއަށް ފޮނުވާލީއެވެ.

ކަންވީގޮތް ވިސްނަން ހުރެފައި ރޫހާން ސިހުނީ ޗަކަގަނޑެއްގެ ތެރޭގައި ފައި އެޅުމުންނެވެ. މޫނަށް ވައްތަރެއް ޖައްސާލާފައި ކުރިއަށް ހިނގައިގަންނަން އުޅުނު ވަގުތު ރޫހާންގެ ދެލޯ ސީދާ އަމާޒުވީ ކުރިމަތީގައި ވާރެއާއި ތެމި ފޯވެގެން އިން ނީޝަލްއެވެ. “ޝަލް….” ރޫހާންގެ ދުލުން އެ ނަން ބޭރު ވީއިރު ނެޒެލީވެސް ހަނދާނުން ކައްސާލި ފަދައެވެ.

އައިހަމް އާއި އާހިލަށް ބޯލްޕިޓަށް ދެވުނުއިރު ގަޑިން އެގާރަ ޖަހަން ކައިރިކޮށްފިއެވެ. ހޫރީންގެ ފޯނަށް ހައިނާގެ އެތަކެއް މިސްކޯލެއް އައި ކަމުގައި ވިޔަސް ހޫރީން އަޅާނުލާ ހުރީ ހައިނާއަށް ގުޅައިފިއްޔާ ވަގުތުން ގެއަށް ދާން ޖެހޭނެކަން އެނގޭތީއެވެ. ހޫރީން ގެއަށް ދާހިތެއް ނެތެވެ. އިޒްކާން އާއި ނީޝަލްއަށް ވީގޮތުގެ އިތުރުން އެ ކޭސް ނިންމާނުލާ ގެއަށް ނުދާން ހޫރީން ހުރީ އުންމީދު ކަނޑައަޅައިގެންނެވެ. އަލާންގެ އެހީއަށް އެދެން ވެސް ހޫރީން ހިތަށް އެރިއެވެ. ނަމަވެސް އަމިއްލަ ނަފްސަށް ކުރެވޭ އިތުބާރުގެ ބޮޑުކަމުން ހޫރީން އަދި ހުރީ އެކަން ވެސް ނުކޮށެވެ.

“ހޫރީން ކީއްވެ މިތާ..؟” އައިހަމަށް ދިޔަގޮތަށް ގޮސް ހޫރީންގެ ގައިގައި އޮޅުލައި ނުގަނެވުނީ ކިރިޔާއެވެ. އާހިލް އޭނާ ނުހުއްޓުވިނަމަ އެކަން ވެސް އޮންނާނީ މިހާރު ކުރެވިފައެވެ. “ރޫމުން ނުކުތް ގޮތަށް މިތަނަށް އައި އިރު އިޒްކާން ނީޝަލް….” ހޫރީންއަށް ވާހަކައެއް ނުދެއްކުނެވެ. އަވަސްކުރަން ބޭނުންވެފައި ހުރި ވަރުންނެވެ. “އިޒްކާން ނީޝަލްއޭ.. ތަންކޮޅެއް ސާފު ބަހަކުން ވާހަކަ ދައްކަބަލަ..” އާހިލަކަށް ހޫރީން ބުނަން ބޭނުންވީ އެއްޗެއް ނަގައެއް ނުގަނެވުނެވެ.

”ނީޝަލް ދިޔައީމަ އިޒްކާން ދިޔައީ އޭނަގެ ފަހަތުންނޭ..” ހޫރީން ބުންޏެވެ. “ދިޔަ ދިމާ އިނގޭ..؟” އައިހަމް އެއްސެވެ. “މީހުން ނޫޅޭ ހިސާބު ގަނޑަށް ދެވެން ތިއޮތީނު މަގެއް..؟ ނީޝް ވެސް އިޒްކާން ވެސް ދިޔައީ އެހެން ލާފައި..” ހަނދާން ހުރި ގޮތަކަށް ހޫރީން ކިޔައިދިނެވެ. ”އެހެންވިއްޔާ އަހަރެމެން ވެސް ހިނގާބަލަ ދާން..” އައިހަމް ހޫރީންގެ އަތުގައި ހިފިއެވެ. ދުއްވައިގަންނާށެވެ. ހޫރީންއަށް އެ ކުޑަ ކުޑަ ހަރަކާތްވެސް ފާހަގަވެ ހިތް އުފާވިއެވެ. “އެކަމް…” އާހިލް ފަހަތަށް އެނބުރުނެވެ. އަދި ހޫރީން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. “ކަލެއަށް.. ކަލެއަށް މި ހުރިހާ ކަމެއް އެނގުނީ ކިހިނެތް..؟” އާހިލް ކުރީ ހޫރީން ޖަވާބުދޭން ތައްޔާރު ނުވެ ހުރި ސުވާލެކެވެ.

“އެއީ… މަ..” ހޫރީން އަޅައަޅައިގަންނަގޮތްވިއެވެ. “އަހަރެން ތެދު ބުނާނީ ކަލޭމެންވެސް ތެދު ކިޔާދޭން އެއްބަސްވާ މަތިން..” ހޫރީން އެހެން ބުނުމުން ހައިރާންވެފައި އައިހަމް އާއި އާހިލް އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ.

“ނީޝަލް…!” ދެވޭ ނުދެވޭ ދިމާއެއްހާ ހާލު އިޒްކާން ދުވިއެވެ. ވާރޭ ތެރޭގައި ގަމީހެއް ވެސް ނުލާ ދުވުމުން އިޒްކާން ވަނީ ފިނިވެގެން ގޮސް ގަނޑުވާވަރުވެފައެވެ. ދޮން ހަންގަނޑަށް އަބަދުވެސް އަރާފައި ހުންނަ މަޑުމަޑު ރަތްކުލަ ވަނީ ނެތިގޮހެވެ. ހަންގަނޑުގެ ކުލަ ގޮސްފައިވާތީ އިޒްކާންއެކޭ ޑްރެކިއުލަރ އެކޭ ތަފާތެއް ނެތެވެ. “ނީޝް…” މާ ދުރަށް ނުދެވެނީސް އިޒްކާންގެ ލޮލުގައި ނީޝަލް އަޅައިގަތެވެ. ނީޝަލް އެކަންޏެއް ނޫނެވެ. ނީޝަލް އާއި ދިމާލަށް މިސްރާބު ޖަހާފައިވާ ހިޔާންގެ އިތުރުން ފައިލަމް ވެސް ފެނުނެވެ. މާ ދުރު ނޫން ހިސާބެއްގައި ހުރި ރޫހާންވެސް ފެނުނެވެ. ދުރުން ކަމުން ރޫހާން އެއީ ކާކުކަން ރަނގަޅަށް ސާފު ނުވިޔަސް އިޒްކާންއަށް އެއީ ފައިލަމް އާއި ހިޔާންކަން ޔަގީންވިއެވެ. އާ ހިތްވަރެއްލާފައި ނީޝަލް އާއި ދިމާލަށް ދުއްވައިގަނެވުނީވެސް ހިޔާން އާއި ފައިލަމްގެ ގޮތް އިނގޭތީއެވެ. އެއީ މިއިން ޒަމާނެއްގައި ވެސް ސަހަލު ކަމެއް ކުރާނޭ ބަޔެއް ނޫނެވެ.

ދުރުން ދުވެފައި އަންނަމުން ދިޔަ އިޒްކާން ހިޔާންއަށް ފެނުނެވެ. އެއްލިއަތުން ނީޝަލްގެ މުލައްދަނޑީގައި ހިފާ ހިޔާން ގަޔާއި ކައިރިއަށް ދަމައިގަތެވެ. ވަށައިގެންވާ މާހައުލުގައި ހިނގަމުން ދިޔަ ކަންކަން ނޭނގި ހުއްޓާ ހިޔާންގެ މި ކުއްލި އަމަލުން ފިނިވެ ރޮވިފައި އިން ނީޝަލް ވެސް ދިޔައީ ސިއްސައިގެންނެވެ. ފިނި އެ ހަށިގަނޑު ގޮސް ހިޔާންގެ ގައިގައި ޖެހުމާއި އެކީގައި ހިޔާންއަށް ލޯ މަރާލެވުނެވެ.

މީހަކު ނީޝަލް ކޮޅަށް ނެގި މަންޒަރު ފެނިފައި ރޫހާންއަށްވެސް ޖެހުނީ އޭނާގެ ފިޔަވަޅުތައް އަވަސް ކޮށްލާށެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް ނީޝަލް އެމީހަކާއި އެކީ ގޮސްގެން ރޫހާންއަށް ލިބޭނީ ވަކި ކޮން ކާމިޔާބީއެއް ހެއްޔެވެ.؟

ނީޝަލް އާއި އިޒްކާން ހޯދަން ކާރަށް އަރައިގެން ދިޔަ މަގުމަތީގައި އައިހަމް ހޫރީންއަށް ކަން ވެގެން އުޅޭގޮތް ސާފު ކޮށްދިނެވެ. އިޒްކާންގެ އަތެއް މިއިން އެއްވެސް ކަމަކު ނުވާ ކަމާއި އެއީ ހުސް ހިޔާންގެ ރޭވުން ކަމުގައި ބުނެދިނެވެ. އެއީ ތެދެއްކަމަށް އައިހަމްގެ އިތުރުން އާހިލްވެސް ހުވާ ކުރުމުން ހޫރީން ފުން ނޭވާއެއް ލާފައި އޭނާގެ ބޭނުންވެސް ކިޔައިދިނެވެ. އެ ކޭސް ނިންމާލާފައި އަލާން އާއި ހަމައަށް މިކަންތައްތައް ގެންދިޔުން ކަމުގައި ބުނުމުން އައިހަމްގެ އިތުރުން އާހިލް ވެސް ހުރީ ހައިރާން ވެފައެވެ. ނަމަވެސް އެއިން ކަމަކާއި ދޭތެރޭ ވިސްނާނެ ވަގުތެއް ނުލިބުނެވެ. ތިން މީހުންގެ ވެސް މަގްސަދަކީ އިޒްކާން އާއި ނީޝަލް ހޯދުމެވެ. އައިހަމް ދެއްކި ވާހަކައަށް ބުރަވެ ހުރެ ހޫރީން އެ ވާހަކައަށް އިތުބާރު ކުރީ ވަރަށް ވިސްނާފައެވެ. އިޒްކާން އެފަދަ ކަމެއް ނުކުރާކަން އަދި އެކަހަލަ ކަމެއް ކުރަން ޚިޔާލުވެސް ނުކުރާކަން އެނގުމުން ހޫރީންގެ ހިތަށް ވަނީ އާދދަޔާޚިލާފަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިފައެވެ. ހިޔާން އާއި ދޭތެރޭ އޮތް އިތުބާރު ފުނޑެމުން ފުނޑެމުން ގޮސް ހިޔާން މަތިން މިހާރު ހޫރީން އެއްކޮށް ފޫހި ކޮށްލައިފިއެވެ. ވަކިން ހާއްސަކޮށް އައިހަމް އާއި އާހިލްގެ ފަރާތުން އެ ލިބުނު މައުލޫމާތަށް ފަހު ހޫރީން ވަނީ ނުހަނު ބޮޑަށް ރުޅިއައިސް ފޫހިވެފައެވެ.

“އޭނަ އަތުން ދޫކޮށްލާ…” އިޒްކާން ނީޝަލް އާއި ހިޔާން އާއި އަރާ ހަމަކޮށްފައި ހިޔާރު ކުރީ ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރުމެއް ނޫނެވެ. ތަޅާފޮޅުމެވެ. ދިޔަގޮތަށް ގޮސް ހިޔާންގެ މޫނުމައްޗަށް ގޮށްމުށުން އަރުވާލި އެތިފަހަރުން ހިޔާންގެ މޫނުމަތިން ތަރި ބުރައިގެން ދިޔައެވެ. ނީޝަލްގެ އަތުން ދޫކޮށްލެވުނުއިރު ހިޔާންގެ ނޭފަތުން ލޭއައިސްފިއެވެ. އިޒްކާންގެ މުށުގައިވާ ބާރަކީ ޖޯކެއް ނޫނެވެ.

ހިޔާން ނީޝަލްއަށް އުނދަގޫވާފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމުން ނީޝަލް ހުރރީ ހާސްވެފައެވެ. ބޮލުގައި ކޮޅުނެތްވަރަށް ރިއްސަމުން ގެންދިޔައިރު ހިމާޔަތަށް އެދި ނީޝަލްއަށް އެވަރުންވެސް ދެވުނީ އިޒްކާންގެ އަތުތެރެއަށެވެ. ހަގީގަތް ނޭނގިހުރެ އިޒްކާން ދެކެ ކިތަންމެ ރުޅިއެއް އައިސް ނަފްރަތު ކުރެވުނު ކަމަކު ހެއްވާ ތަންކޮޅަކީ އެ ހިތުގައި އިޒްކާންއަށް އޮތް ލޯބި އަދިވެސް އޮތް ކަމެވެ. އެ ހިތް އަދިވެސް އެދެނީ އިޒްކާންއަށް ކަމެވެ. ދުރުވާން ބޭނުންވިޔަސް އެ ހިތް އިޒްކާން ނޫން ފަރާތަކަށް ނޭދޭކަމެވެ.

“ނީޝް..” އިޒްކާން ނީޝަލްގެ ގައިގައި ހިފާލަން އުޅުނު ވަގުތު ނީޝަލްގެ ގައިން ވަރު ދޫވިއެވެ. ބޮލަށް އެނބުރުން އެރީއެވެ. އަތް ތެމިފައި ހުރުމުން އިޒްކާންގެ އަތުން ސޮހިގެން ގޮސް އަނެއްކާވެސް ނީޝަލް ގޮސް ޖެހުނީ ފެންގަނޑު ތެރެއަށެވެ. ނީޝަލް ނަގަން ވެގެން އަތް ދިމާކޮށްލި އިޒްކާންއަށް ލޯމަތީ އަތް އަޅާފައި ކަނާތް ފަރާތަށް ބަލާލެވުނީ އައްޔެއް އެޅުމުންނެވެ. އަނދިރިއަށް ލޯހޭނިފައި ހުއްޓާ އެ އަލި އެޅުމުން އިޒްކާންގެ ލޮލަށް އުނދަގޫވިއެވެ. ނީޝަލް އާއި ދިމާލަށް އަންނަން އުޅުނު ހިޔާން އާއި ދުރުގައި ހަދާނެގޮތެއް ނޭނގިފައި ހުރި ފައިލަމްވެސް ބަލާލިއެވެ. އެމީހުންނާއި އަރާ ހަމަ ކުރެވޭހާ ގާތުގައި ހުރި ރޫހާންވެސް ކަނާތް ފަޅިއަށް ބަލާލައިފިއެވެ.

ކާރެކެވެ. ވިދުވަރެއްހާ ހަލުވިކޮށް އެ މަގުން ލާފައި ކާރެއް އަންނަނީއެވެ. އޭގެ އަމާޒު ފަތްގަނޑަކަށް ވެފައިވަނީ ނީޝަލްއެވެ. ސިކުނޑި ރަތް ސިގުނަލް އެޅުމާއި އެކީގައި އިޒްކާންގެ އަތް ވަގުތުން ނީޝަލް އާއި ދިމާލަށް ދާންވެގެން ހަރަކާތް ކުރިއެވެ.
ކާރުގެ ކުރީގައި ހުރި ލައިޓަށް ބަލާލެވުމާއި އެކީގައި ނީޝަލްއަށް ހީވީ މީހަކު އޭނާގެ ބޯ މައްޗަށް ބަރު އެއްޗެއް ވައްޓާލިހެންނެވެ. ދިރިހުއްޓާ ބަނޑަށް ތޫނުއެއްޗެއް ކޮއްޕާލިއަސް އެހާ ތަދެއް ނުވާނެ ކަންނޭނގެއެވެ. އެވަގުތު ނީޝަލްގެ ބޮލުގައި އެޅި ތަދުން ބޮލުގައި އަތް އަޅާފައި ނީޝަލްއަށް ކަރު ފަޅައިގެން ދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

 

= ނުނިމޭ =

41

5 Comments

 1. Rooya Xek

  May 19, 2021 at 7:34 pm

  Hei Yoon . mi’iy nobody ingey 😅😅 its been so long dw me comment eh nukuraathaa.. thedah bunanya nikamethy hama 😂😂😂 actually mihaaru vaahaka site ah vade noolhen ethanah vuren mi than kamudaathy .. so mi vaahaka still is one of the best.. 🥰🥰 so loving n cute 😍😍 anehbai kon irakun .. ❤️❤️ so curiously waiting 😊😊 n take good care of yourself 😘😘 wish you goooood luck 💖💖

 2. gucci_gurl

  May 19, 2021 at 8:42 pm

  wooaaahhh…..vrh reethi

  • yooon

   May 21, 2021 at 2:58 pm

   Thankiu so much gucci_gurl 💖😄 Means a lot.. Tc dear

 3. StoryyQuyyn

  May 20, 2021 at 2:55 pm

  alheyyy nooon neesh ah kihineytha e vyy.. alhe yoon haadha curious kohllafa ey thi ninmailyyyy.. waiting 4 next part curiously..ly yoon be safe

  • yooon

   May 21, 2021 at 3:01 pm

   Thankiuu so much StorryyQuyyn 💖 Lets c dhww Nysh ah v kihineh thw 😄 Hehe ISA nxt part vx soon ingey.. Keep waiting.. Lym dear u be safe too nd tgc 💖

   Nd yoon dhekunin previous parts ah kudhin koffa huri coms thah vx.. Swry for not replying… But I just wanna say that I really appriciate you all and Thank you so so much all 💖

Comments are closed.