ވަރުބަލި ފިލުވާލުމަށްޓަކައި ގައިގެ ވަރު ދޫކޮށްލައިގެން މޫނުއަޑިއަށްލައިގެން އޮއްވާ އަނެއްކާވެސް އެހެންވެލައެއް ފެނިއްޖެއެވެ. އެސޮރުގެ އަނގައިގައި މިފަހަރު އޮތީކޮންމެވެސް މުރަކަކޮޅެއްކަހަލަ އެއްޗެކެވެ. އަޖައިބެކެވެ. މީކިހިނެއްވާ ވެލާތަކެއްބާވައެވެ.

ޔަލްވީ ފެންމަތީގައި މޫނުއަޑިއަށްލައިގެން އޮވެ އެވެލާއާއި އެއްވަރަށް ފަތަމުންދިޔައެވެ. ކުޑަހިނދުކޮޅަކަށްވެސް އޭނާއެހެން ދިމާލަކަށް ނަޒަރު ކަތިކޮށެއް ނުލައެވެ. އެވެލާ ދާނެހިސާބަކަށްގޮސްފައި މަޑުޖެހިލައިފިއެވެ. ބޮޑުސިންގާ މަގެއްހެން މުރަކަތަކުން ހެދިފައިއޮތް އަދިރި މަގަކުން ދާން އެސޮރުގެ މިސްރާބު ބަދަލުކޮށްލައިފިއެވެ. ބަލާކަށް ނުހުރެ ލެވުނު އެންމެ ފުންނޭވާލުމަށްފަހު ފައިންޖަހައިގަތީ އެވެލާ ވަދެގެންދިޔަ މަގާދިމާލަށެވެ. އެމަގާހަމައަށް އެރުމުން އެތަން އެންމެ ވައްތަރުވީ ބޮޑު ބޯވަހޮރަކަށެވެ. ބަލާކަށް ނުހުރެ ޔަލްވީ ވަރުގެ ދެމީހުންނަށްް ވަދެވެންހުރި އެހޮރަށް އޭނާ ދެމިގަތެވެ. އަދިރިނަމަވެސް އެތެރެއިން ނޫކުލައިން އަލިވާންފެށުމުން ޔަލްވީ ހައިރާންވިއެވެ. މީއާދައިގެ ކަމެއް ނޫންކަން އޭނާއަށް މާކުރިންވެސް ހީވިއެވެ. އެނބުރިއައިކޮޅަށްދާންވެސް ހިތަށްއެރިއެވެ. އެހެނަސް މިހިސާބަށް އައިސްފައި ދެންފަހަތަށް އެންބުރެން އޭނާގެ ހިތްއެއްބަހެއްނުވިއެވެ. މަޑުމަޑުންގޮސް އޭނާއަށް އެތެރެ ފެންނަވަރަށް ބޯދިއްކޮށްލިއެވެ. ވަށައިގެން އަލިވަމުން ދިޔައީ ކުދި ރެދަންތަކުންނެވެ. ރެދަންތައް ހުރީ ހޮރުވަށައިގެން އަތުރާލެވިފައެެވެ. އޭގެ އަލިން މުޅި ހޮރުދިއްލާލައިފައި އޮތުމުން އެތެރޭގައި މަޑުކޮށްލައިގެން އޮތް ދެވެލާ ޔަލްވީ ލޮލުގައި އަޅައިގަތެވެ. އެވެލާގެނެސްފައި އޮތް ވިނަކޮޅު ހިފަހައްޓައިގެެންހުރި ބިޔަ ބޯވަފެނި ޔަލްވީބިރުން ރޫރޫއަޅައިގަތެވެ. މާހިލް ނަގާާ ބޯވައަށްވުރެން ހާސްތަނެއް ބޮޑުވެފައި ފައިތައްނުހަނު ދިގެވެ. ޔަލްވީގެ ތިންވަރަކަށް ގުނައިސްކޮޅު ހުންނާނެކަމަށް ލަފާކުރެވޭ އެ ޗޮކްލެޓްކުލައިގެ ބޯވަ ކުޑަކޮށް އަރިއަކަށް ޖެހިލިއެވެ. ޔަލްވީގެ ފައިދަށުން ބިންގަޑުކެހިގެންދިޔައެވެ. ދެފައިކޮޅުންވާގިދޫވިއެވެ. ބޮޑުސިންގާ ޓޭބަލްކޮރަލްއެއްގެ މަތީގައި އޮތީ ޔަލްވީ ދުވަހަކު ހުވަފެނުގައިވެސް ފެނިފައި ނުވާކަހަލައިގެ މަހުލޫގެކެވެ. ފޫޅުންތިރީގައިވާ މަހެއްގެ ނިގޫފިޔަވާ ބަލާލި ކޮންމެ މީހަކަށްމެ ހީވާނީއެއީ އިންސާނެއްހެންނެވެ. ކަޅުކުލައިގެ ދިގު އިސްތަށިގަނޑާއި ދެއަތާއި މެރިފައިވާ ދެލޮލާއި ނެފަތާއި ތުންފަތަކީ ގައިމުވެސް އިންސާނެއްގެ ގުނަވަންތަކެވެ. އޭތީގެ މުޅިގައިން ދިހުން އަޅަމުންދިޔައީ ރަންކުލައިންނެވެ. މުޅިނިގޫފަތާއި ކަރާހަމައަށްވެސް އޮތީ ރަންކުލައިގެ ހުޅުނބުޖަހާފައެވެ. ނިގޫފަތްދިގުކަމުން ވެއްޓިފައި އޮތްއިރު ބިންމަތީގައި ހޭކެމުންދިޔައެވެ. އެމަހުލޫގުގެ ކައިރިއަށް ބޯވަ ޖެހިލާފައި ތައްޓެއްކަހަލަ އެއްޗެއްގައިހުރި ދިޔައެއް ބޯންދޭން މަސެއްކައްކުރަމުންދިޔައެވެ. އޭނަގެ ދެފައިން ކޮއްޅަށްހުރި އިރު ބާކީހުރި ފައިތަކުން ކޮންމެވެސް އެއްޗެއް ހިފަހައްޓައިގެން ހުއްޓެވެ.  އެއްއަތުން ސަމުސަލެއް ފާޑު އެއްޗެކެވެ. އަނެއްއަތުން މޫދުވިނައެވެ. ދެންހުރިއަތުން އެދިޔަލަވާދެމުންދިޔައީ އޮށޯވެގެން އޮއްއެތީގެ ބޮލުގައި ހިފަހައްޓާލައިގެންނެވެ. ގައިމުވެސް އޭއްޗަށް ގެއްލުމެއްދޭކަށް އެބޯވައެއް ނޫޅޭކަން އޭގެ އަމަލުތަކުން ސާބިތުވެއެވެ.

އެމަހްލޫގު ބަލިގޮތަކަށް އެދިޔަކޮޅު ދިރުވާލުމަށްފަހު ދެލޯހުޅުވާލިއެވެ. ދެންކަންތައްވީ ޔަލްވީ ހީކުރިގޮތާ މުޅިންހިލާފަށެވެ. އެމަހްލޫގުގެ ނަޒަރު ސީދާދިމާވެފައިހުރީ ޔަލްވީއަށެވެ. ނޫކުލައިގެ ކަޅިދިއްލިފައި އިންއިރު ޔަލްވީއަށް އޭނަގެ މޫނުސާފުވީ އަދިކިރިޔާއެވެ. ނިއްކުރިމަތީގައިމެ ހުރީ ރަންކުލައިގެ ހުޅުނބުން ޖަރީކޮށްލާފައެވެ. ޔަލްވީ ބިރުގަނެ ނޭވާކޮޅުންލަމުންދިޔައެވެ. އޭނާއަށް ފެނުނު އެންމެ ރަގަޅުގޮތަކީ އެތަނުން ސަލާމަތްވުން ކަމަށްވާތީ ހޮރުންބޭރަށް ނިކުތުމަށް އޭނާ އަވަސްވެގަތެވެ. އެހެނަސް އޭރު މާލަސްވެއްޖެއެވެ. އެއްޗެއްއައިސް ފައިގައި އޮޅާލިއެވެ. ޖެހިލައްކަކާއެކު އެނާދަމައިގަތީ އެތެރެއަށެވެ. ބޯވަގެ ފައިތަކުތެރޭގައި އޭނާ ތާށިވެފައިހުރުމުން ގަދަދެއްކޭނެ ގޮތެއްނެތެވެ. ބޯވަ ކައިރިއަށް އޭނާ ދަމައިގަތުމަށްފަހު މޫނުމަތީގައި އޮތްމާސްކު އޭތި ނައްޓުވާލިއެވެ. ވަގުތުން ޔަލްވީގެ ލޯފުސްވިއެވެެ. ނޭވާނުހިފޭއްޓޭވަރު ވިއެވެ. އެބޯވަ ކޮށްލިކަމަކުން އޭނާގަޔަށްއެރި ތޫނުތަދާއެކު ގައިންވަރުހުސްވެ ހުރިތަނަށް ދެމިއްޖެއެވެ. ދެންވީއެއްނުވީއެއް ނޭންގުނެވެ.

މެންދުރުން އަނބުރާ ހަވީރުވަމުންދިޔައިރު ދޮންކުރަމުންއައި ހޫނުކަން މަޑުފިނިކަމަށް ބަދަލުވަމުންދިޔައެވެ. އަރާމުހިތްގައިމު ވައިރޯޅިއައިސް މާހިލް ގައިގަ ބީހިލަމުންދިޔައެވެ. އެހެނަސް އެއިން އޭނާއަށްވި އަރާމުކަމެއް ނެތެވެ. އޭނާގެ ކޮއްކޮ ގެއްލިފައިވާ ކަމުގެ ހިތާމަކުރަމުން މުޅި ދޮންވެލިތުނޑީގައި ޔަލްވީއަށް ގޮވަމުންދިޔައެވެ. ބައެއްފަހަރު ދުވަމުންނެވެ. އަނެއްބައިފަހަރު ހިގަމުންނެވެ. ޔަލްވީ އަށްކަމެއްވެއްޖެނަމަ އޭނާގެ މަންމަގެ ފުރާނަ ހައްޓަކު ނުހުންނާނެކަން ޔަގީނެވެ. ފަހަތުން އައި ލޫނާއާއި މަލަކުގެ އަޑުން މާހިލް އުއްމީދުކޮށްގެންހުރީ އުފާވެރި ހަބަރަކަށެވެ. އެހެނަސް މިލާފައިވާ އެދެކުދިންގެ މޫނުފެނިފައި މާހިލްގެ ހިތްވަރުއެލޭ ގޮތްވިއެެވެ.

“ވަހިއްތަ އަހައިފި ކިތަންމެ ފަހަރަކު ޔަލް ނުފެނިގެން އެވާހަަކަ. މަބުނީ އެބައުޅެއޭ އެފަޅީގައި. މިހިރީ ޔަލްއަށްދީފައިހުރި ނޫޑުލްސްކޮޅުވެސް” ލީނާ ހުރީ ގޮތްހުސްވެފައެވެ. ތެދަށްބުނަންވީ ކަންނޭންގެއެވެ. މޫދުގައި އުޅެފައި ޔަލްވީ ނެތްކަން އިނގުނީ މާފަހުންނެވެ. އެރުނުދިމާލުން އެތަށްހިސާބު ދުރަކަށް ފީނައިގެންވެސް ޔަލްވީއެއް  ނުފެނުނެވެ. މާހިލްގެ އެދުމަކަށް ރައްވަށާ ބުރުޖެހުނު އަދަދެއްވެސް ނޭންގުނެވެ. ފައިގެ ވަރުދޫވެގެން މާހިލް ހުރިތަނަށް ތިރިވެލިއެވެ. ކަރުނަތަށް ފައިބައިގަތީ ކެއްނުވުމުންނެވެ. ހިތަށް އަންނަންފެށި ޝައްކާއި ވަހުމުން އޭނަ އަވަދިކޮށްލިއެވެ. ލޫނާއާއި މަލަކް މާހިލް އަށް ނަސޭހަތްދީ ހިތްވަރުދިނީ އަދިވެސް ޔަލްވީ ފެންނާނެ ކަމަށް ބުނެއެވެ. އެހެނަސް މިހާރު މާހިލްއަށް ކުޑަވެސް އުއްމީދެއްނެތެވެ. ތިންކުދިން ގޮނޑުދޮށުގައި އިށީންދެލާއިގެންތިބެ ހިތްފުރެންދެން ރޯލިއެވެ.

“ހެޔޮ މަށަކަށް ނީންދެވޭނެ ދެނެއް. ވަގުތު ބޭކާރު ނުކޮށް މިދަނީ ދެންވެސް ބުނަން ވަހިއްތަ ކައިރީގައި.” މަލަކް ހިތްވަރުކޮށްފައި ތެދުވިއިރު އޭނާގެ އަޑުކުރެހުނެވެ. މިހާރުވެސް ކިހާވަގުތެއް ބޭކާރުވެގެންގޮސްފިހެއްޔެވެ. މާހިލްގެ ވަކި ޖަވާބެއް އާދޭތޯ އޭނާ މޫދާދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މާހިލްގެ ޖަވާބެއް ނައުމުން އޭނާ ހިނގައިގަތީ ވާހިދާ ކައިރިއަށް ދިޔުމަށެވެ. އެއީ އެންމެ ރަގަޅުގޮތްކަމަށް ނިންމާފައެވެ.

“ޔަލް… ޔަލްވީ…” ލޫނާ އަށް މޫދުން ޔަލްވީގެ ހަށިގަނޑު ފެނިލުމާއެކު އެދިމާލަށް ދުއްވައިގަނެވުނެވެ. މަަލަކް ހުއްޓުންއެރިގޮތަށް އޭނާއަށް އަނގަމަތީ އަތްއެޅުނެވެ. ލޫނާ ފަަހަތުން މާހިލްވެސް ދުވެފައިދިޔައެވެ. ޔަލްވީ ކޮނޑަށްލައިގެން މާހިލް ގެނެސް ގޮނޑުދޮށުގައި ބާއްވާލިއެވެ. ލޫނާ އަވަސްވެގަތީ ވިންދުހުރިތޯ ބަަލައިލުމަށެވެ. އަލްހަމްދުލިއްﷲ އޭ ބުނެ އޭނާބެލީ ޔަލްވީ ހޭއެރުވޭތޯއެވެ. ކުޑައިރުކޮޅެއްގެ މަސައްކަތާއެކު ޔަލްވީ ހޭއަރައިފިއެވެ.

ޔަލްވީ ހޭއެރި ގޮތަށް ހަޅޭއްލަވައިގަތީ ގައިގަ ހުރިބާރެއްލާފައެވެ. ތިންކުދިންމެ ސިއްސައިގެންދިޔައެވެ. މަލަކާއާއި ލޫނާ ޔަލްވީ ވަށާލިއެވެ. އޭނާއަށް ތަދުވާތީ އުޅޭކަން އިނގުނަސް އެހީވާނެ ގޮތެއް ނޭންގުނެވެ. ވެލިގަނޑުމަތީ އޮވެ ކުޑަކުއްޖެއްހެން ރޮމުންދިޔައެވެ. ހަދާނެ ގޮތެއް ނޭންގިފައި އިތުރަށް ފެންކަޅިވެ ރޮވޭގޮތްވަމުންދިޔައެވެ.  ކުޑައިރުކޮޅަކު އެހެން ތަދުއެރުމަށްފަހު އޭނާ ހަމައަކަށް އެޅުނެވެ. އިތުރު ވާހަަކައެއް ނުދައްކާ ޔަލްވީ ބެލީ ކައިރީގައި ހުރި ނޫޑުލްސްތަށިން އެތިކޮޅެއް ނަމަވެސް ކެވޭތޯއެވެ. ވީ އެއްވެސް ކަމަކާ ވާހަކަ ދައްކަން ނުވަތަ ވިސްނަންވެސް ބޭނުން ނުވާކަހަލައެވެ. މާބޮޑުކަމަކަށް ނުހަދާ މާހިލްމެންވެސް ޔަލްވީ ގެބުނީ ކަމަށް ނިއްމިއެވެ. އެނާ ސަލާމަތްކުރެއްވީތީ ފަށްފަށުން ﷲއަށް ޝުކުރުކުރަމުންނެވެ. އެކަކުވެސް އެއްޗެކޭ އަހަން ބޭނުންނުވީ  އެހާދިސާ ޔަލްވީއަށް ހަނދާންނުކޮށްދިނުމަށެވެ.  ވަކިވަރަކަށް ކެއުމަށްފަހު އިތުރަށް ކާހިތްނުވެގެން ނޫޑުލްސްތަށި ދުރުގައި ބެހެއްޓިއެވެ. އެކަނި ތެދުވަންއުޅެ ކާމިޔާބެއް ނުލިބުމުން މަލަަކް އާއި ލޫނާގެ ކޮނޑުގައި އަތްއަޅާލައިގެން ތެދުވިއެވެ. މަޑުމަޑުން ކޮރުޖަހަމުން ހިނގައިގަތީ އޭނާގެ މައިންބަފައިން ތިބި ހިސާބަށް ދިއުމަށެވެ.

މޫދުގެ ވަކިހިސާބެއްގައި ޔަލްވީމެން އޮބާލަންދެން ތިބުމަށްފަހު ދެވެލާ މޫދުއަޑިއަށް ފީނައިގަތެވެ. ޔަލްވީއަށް ވީ އެއްވެސްކަމެއްގެ ވާހަކަ ބޮޑުމީހެއްކައިރި ނުބުނީ އެކުދީންނަށް މޫދަށްެއެރެން ދިޔުމަށްލިބޭ ހުރަހަކަށް ވެދާނެތީއެވެ. ޔަލްވީ ބޭނުންނަމަ ބުނާނެ ކަމަށް ނިންމާއެއީ ނުވާކަމަކަށް ހަދާލިއެވެ.

އިރުއޮއްސުމާއި ދާދި ގާތްވެފައި އޮތްވާ ދޯނިބަރާކުރަންފެށީ ރަށުންހޮވި ފަނާއި ކާށިންނެވެ. އެމީހެއްގެ އެއްޗެހިހަމަކޮށް ދޯންޏަށްލާ ނިންމާލިއެވެ. އެކުޑަކުޑަ ރަށަށް އަލްވަދާއުކިޔާ ދޯނިފުރައިފިއެވެ. ދޯނިމަތީގައި ސަކަރާތާއި މަޖާކުރުމުގައި އެންމެންހެން އުޅެމުންދިޔައެވެ. ޔަލްވީފިޔަވައެވެ. އޭނާ ދުރު ބަލަހައްޓައިގެން ފުންވިސްނުމަކަށް ގެއްލިފައި އިނެވެ. މަލަކާއަށް އެކަން ރޭކާލިއެވެ. ލޫނާގެ ކޮނޑުގައި ކޮއްޓާލުމަށްފަހު ލޫނާއަށް ޔަލްވީ ދައްކާލިއެވެ. ޔަލްވީ އަށްވީ ކިހިނެއްބާއޭ ދެކުދިންގެ ހިތަށް އަރަމުންދިޔައެވެ.

ގެއަށްއައިސް ވަދެވުމާއެކުހެން ޔަލްވީ ކޮޓަރިއަށްވަދެ ތަޅުލިއެވެ. ދަބަސް ފާހަނަތެރޭ ބެހެއްޓުމަށްފަހު ފޯނުނަގާ އެދުމައްޗަށް ހޫރާލިއެވެ. ލާނެ ދޫޓީސާޓަކާއި ސޯޓެއް ހިފައިގެން އައިސް ފާހާނައަށްވަދެ ފެންމާގަނޑު ދޫކޮޮށްލިއެވެ. ޔަލްވީގެ ބޮލުންފެށިގެން ފައިބަންފެށިފެންފޮދުން މުޅިގައި ކުޑައިރުކޮޅެއްގެ ތެރޭގައި ތެއްމާލިއެވެ. ހަނދާންކުރަން ބޭނުންނުވިޔަސް މިއަދުވީކަންތައް ސާފުވަމުންދިޔައެވެ. ގައިންހީބިހި ނަގާ، ބޮލުގައި ތޫނުތަދަކުން ރިއްސަންފެށިއެވެ. ބޮލުގައި އަތްއަޅައިގެންހުރެ އެކަމާނުވިސްނަން ކުރެވެން ހުރިކަމެއްކުރަމުންދިޔައެވެ.

ގަޑިއެއްގެއިރުފަހެވެ. ޔަލްވީ ފާހަނައިން ނިކުންއިރުހުރީ ބޮލުގައި ތުވާލިއެއްއޮޅާލައިގެންނެވެ. ދޮން މޫނުމަތިން ވަރުބަލިކަން ފެންނަމުންދިޔައެވެ. އަވީގައާއި މޫދުގައި ގިނައިރު ހޭދަކުރުމުން މޫނުރަތްވެފައި ހުރިތަންތަނުގައި ކްރީމެއްހާކާލައިގެން އައިސް އެނދުގައި ޖައްސާލައިފިއެވެ. ކާހިތްކެނޑިފައިހުރުމުން ފޯނާއި ކުޅެލާނީއޭ ހިތާއައިސް އެދަށްޖެހިގަތެވެ. ވެފައިހުރި ލޮޑުކަން އިހުސާސްވީދެނެވެ. ފޯނުދުރުގައި ބޭއްވުމަށްފަހު ކައިރީގައިއޮތް ބާލިސްގަޔާއި ކައިރިކޮށްލިއެވެ. ނިދީގެ ފޮނިމީރުކަމުގެ ތެރެއަށް ޔަލްވީ ގެނބިގެންދިޔަގޮތްވެސް ނޭންގުނެވެ.

28

4 Comments

 1. Nayaa

  May 14, 2021 at 5:11 am

  wow… vrh riithi stry eh mii.. vrh interesting kanthah thakeh eba hingaa… so mysterious… thii vrh talented author eh masha allah… keep it up.. waiting for the nxt prt dear… ly.. ss

  • BamBoo

   May 15, 2021 at 8:22 am

   Hehe Thank you soo much dear✨ tomorrow will upload the next part in Sha Allah 👌🏻 i am so happy bcz you liked it 💕 hope I won’t disappoint you in future as well😅

 2. Aish Rish

  May 14, 2021 at 11:50 pm

  Waiting for the next part😍😍
  Sooooo gooood.. you’re a great author Masha Allah.. hoping to see more stories from you..

 3. Annora

  May 15, 2021 at 6:44 pm

  masha allah v reethi …v interesting gothakah story dhany dear…woahhhh. curiously waiting for the next one..

Comments are closed.