ބާބު 1 – ރީތި ރަށް

އަހަންނަށް ހޭލެވުނީ އިރުގެ އަލިކަން ކޮޓަރިތެރެއަށް އެޅިލުމުންނެވެ. އޭރު އަހަރެންގެ  މަންމަ ހަނީފާ ހުރީ ބަދިގޭގައި ސައި ހަދާށެވެ. “އަވަހަށް އާދޭ ދަރިފުޅާ ސައިބޯން. ދަރިފުޅު ބުނެގެން މަންމަ މިހިރީ ހަވާދުރިހަ ވެސް ކައްކާފައި”. ހަނީފާ ގޮނޑީގައި އިށީންނަމުން ބުންޏެވެ. އޭރު އަހަރެން ހުރީ މޫނުވެސް ނުދޮވެއެވެ. މޫނުދޮވެ، ސައިބޮއެގެން ދިޔައީ ފޮށިތައްޔާރު ކުރުމަށްޓަކައެވެ. އޭރު ގަޑިން ދިހަގަޑި ބައި ވަނީއެވެ. އަހަރެންގެ ފޮށި ތައްޔާރު ކުރުމުގައި އަވަދިނެތި އުޅެނިކޮށް، އަލަމާރި ތެރޭން ވެއްޓުނީ އަހަރެންގެ ބައްޕަގެ ފޮޓޯއެވެ. ފޮޓޯ ފެނުމާއިއެކު އަހަރެން ގަނޑުވިއެވެ. ބިރެއް ފެނުނު ކަހަލަ އެވެ. އަހަރެންގެ ދެލޮލުން ހުއްޓުމެއްނެތް ކަރުނަ ފައިބަން ފެށިއެވެ. ކަރުނަ އޮހޮރެމުން ދިޔައިރު ބަލާލެވުނީ ފޮޓޯގެ ކަނާތް ފަރާތުން ފެންނަން ހުރި ނިޝާނަށެވެ. އިރެއް ވަށައި ވެޔޮގަނޑެއްހެން އިން އެ ނިޝާން ވިދާލިއެވެ. އަހަންނަށް އެއީ ކޮން ނިޝާނެއް ކަމެއް ހަނދާންކުރާނެހާ ވަގުތެއް ނުވިއެވެ. މަންމަ އައުމުގެ ކުރިން އަވަސްވެގަތީ ރީތި ހެދުމެއްލައި ފުރަން ތައްޔާރުވާށެވެ. އަހަރެން ފުރަން އެންމެ ދިހަމިނެޓަށް އޮށްވާ ހިނގާފަ ޖެޓީއާއި ދިމާލަށް ދެވުނީ އިންޖީނު ޖައްސާލި ވަގުތުއެވެ. ލާންޗަށް އެރުނީ ހަމަ ކިރިޔާއެވެ.

އުޑު މަތި ސާފު ދުވަހެއް ކަމުން ވިލާ ރޮއްޖެއްވެސް ފެންނާކަށްނެތެވެ. ޏ.އަތޮޅު ފުވައްމުލަކުން ހުވަދު އަތޮޅު ރަށަކަށް ދިޔައީ އަހަރެން ގެ މަންމަ ހަނީފާ ބުނެގެންނެވެ. އެއީ ކީއްވެ ކަމެއް ޚުދު އަހަންނަށް ވެސް ނޭނގެއެވެ. ދިޔުމުން ބަލާ އަންނާނެ ކަމަށް ބުންނެވެ. ލާންޗުގެ ދެފަރާތުން ރާއްޖޭގެ ރަށްތައް ފެންނަމުން ދިޔައިރު އަހަރެންގެ ފަން އިސްތަށިގަނޑު ދިދައެއް ވިހުރުވޭހެން ވިހުރުވެއެވެ. ލާންޗުގެ ބާރުދުވެލިން ކައްސައިނުލައި ދުވަމުން ދިޔައިރު ޖެހޭ ފިނި ވައިރޯޅިތައް އަހަރެން ގެ ގައިގައި ބީހެމުން ދިޔައެވެ. އިސާހިތަކު ރާޅުތައް ބޮޑުވާން ފަށައިފިއެވެ. އުޑުމަތި ބަނަ ކޮއްލާފިއެވެ.  އިރުކޮޅެއްނުވެ ވަރަށް ބޯކޮށް ވިއްސާރަ ވެހެން ފަށައިފިއެވެ. ކައިރީގައި އޮތް ރަށަށް ވިއްސާރަ ނިމެންދެން މަޑުކޮށްލުމުގެ ނިޔަތުގައި އިންޖީނު ދުވެލި ބާރުކުރުމަށް އަތްގަނޑުގައި ހިފާލިއެވެ. ނަމަވެސް ލާންޗު ކުރިއަށް ނުދިއުމުން އިނގިގެން ދިޔައީ ޕެޓްރޯލް ހުސް ވެފައިވާކަމެވެ. ރުޅިއައިސްފާވާ ރާޅުތަކުގެ ތެރޭގާ ކުޑަކުޑަ ލާންޗައް ކެތްނުކުރެވި ނެގި ބިޔަ ރާޅަކާއެކު ލާންޗު ބަންޑުން ޖެހިއެވެ.   ބަންޑުން ޖަހާލި ވަގުތު ބެލްޓު ނައްޓާ ލެވުނު ކަމެއް ނޭނގެއެވެ. އަހަރެންގެ ޙަބަރު ހުސްވިއެވެ.

އަހަރެންނަށް ލޯ ހުޅުވާލެވުނީ ރަށެއްގެ ގޮނޑުދޮށުގެ ރާޅު ޖަހާފަށުގައި އޮއްވައެވެ. އަހަރެން ތެދުވެ އެރަށުގައި ފުރަތަމަ ފިޔަވަޅު އަޅާލުމުން  ހީކުރެވުނީ އަމިއްލަ ރަށުގައި ފައި އަޅާލެވުނުހެންނެވެ. ރަށުގެ މޫދުގައި އެންމެ ގާ ކޮޅެއްވެސް  ނެތެވެ. ފެންނަން އޮތީ އޮފު  ބިއްލޫރިކޮޅެއްހާ ރީތި މޫދެކެވެ. ވެލިގަނޑު އޮތީ ދަޅަ އަރައަރައެވެ. މުޅި އުދަރެސް ވަނީ ފަނޑު ފަނޑު ފިޔާތޮށި ކުލައިން ދިއްލިފައެވެ. ބުނާނަމަ އެތާ އިރުގެ އަލި އެތަނައް ފެންނަނީ ފިޔާތޮށި ކުލައިގައެވެ. މުޅި ފަޒާ ވަނީ ފިނިފެން މަލުގެ ވަހުން އެއް ވަސް ކޮށްލާފައެވެ. ނަމަވެސް ކައިރި ހިސާބަކުން ފިނިފެން މަލުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އޮރެންޖު ކުލަ ހުންނަ ގަހަކާއި، ނޫކުލައިގެ ފަތްތައްލީގަހުގެ ގޮފިތައް ވަނީ ފަނޑު ރަތް ކުލައިގައެވެ. ބައެއް ގަސް ގަހުގައި ރެދަން ވައްތަރުގެ ފަތި ހަނި ފޮތި އޮޅިފައިވެއެވެ. އަނެއްބައި ގަސްގަހުގައި އެކިކުލައިގެ މިނާ އެޅުވިފައިވެއެވެ. މި މުޅި ރަށް ވަނީ މިކަހަލަ ގޮތްގޮތަށް ޖަރީ ވެފައިއެވެ. އަހަންނަށް މިކަން ވެގެން ދިޔައީ ބޮޑު އަޖައިބަކަށެވެ. އޭރުވެސް އަހަރެންގެ ހިތަށް އަރަމުން ދިޔައީ “މިއީތަ އަހަރެން އަންނަން ބުނި ރަށަކީ؟”

ކުޑަކުދިންތައް ދުވެދުވެފާ ކުޅެން އުޅުނެވެ. އެކުދިންގެ ބެލެނިވެރިން ތިބީ ރަން އުނދޯލި ފައްޗެއްގައިއެވެ. މި ކަންތައްތައް ފެނުމުން އަހަރެންގެ ހިތުގައި އާދަޔާ ޚިލާފު އިހުސާސްތަކެއް އުފެދުނު ކަހަލައެވެ. ” ހާދަ ލޯބި ކުދިން ކޮޅެކޭ. އަޅެ އަހަރެން ޅަ އުމުރުގައި މިތަނަށް އައިސް މި ކުދިން މި އުޅޭ ގޮތައް އުޅެވުނު ނަމަ!” އަހަންނަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. ނަސީބަކުން އެއްވެސް މީހަކަށް އަޑެއް ނީވެއެވެ. ރަށުތެރެއަށް އެރުމާއެކު މީހުން އަހަންނާއި ދިމާލަށް ބަލަން ފެށިއެވެ. ހީވަނީ އަހަރެންނަކީ ފިލްމުސްޓާރެއް އެރި ހެންނެވެ. އަހަރެން ލަދުވެސްގަތެވެ. ރަށުގެ މީހުން އުމުރު ދޮއްޓެއް ނޫނެވެ. ޒުވާން އުމުރަށްވުރެ ދޮށީ މީހަކު އަހަރެން އަދި ނުދެކެމެވެ. މީހުން އަހަރެންނާއި މުޚާތަބު ކުރަމުން ދިޔައީ ‘ރާނީ’ ގެ ނަމުންނެވެ. “އެއީ ކީއްވެބާ.” އަހަރެންގެ ނިކަމެތި ހިތާ ސުވާލު ކުރެވެމުން ދިޔައެވެ.

(ނުނިމޭ) ދެވަނަ ބަޔަށް އިންތިޒާރު ކޮއްލާ

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!